“ކަމަކުނުދޭ” ގެ ނަމުގައި މަޝްހޫރު ހިޕްހޮޕް ސްޓޫޑިއޯ ބީޓޮލީން ނެރެފައިވާ ލަވަ އަޑުއެހި އެއްވެސް މީހަކު، އެ ލަވަ ކަމަކުނުދެއެކޭ ނުބުނެއެވެ. ލަވައިގެ ނަމަކީ “ކަމަކުނުދޭ” އެވެ. ނަމަށް ބަލާނެ ކަމެއް ނެތެވެ. “ކަމަކުނުދޭ” ކަމުނުދާކަމެއް ނޭނގުނެވެ. ހަމަ ގައިމުވެސް މިއީ ދިވެހީންނަށް މިހައިތަނަށް އެންމެ ކަމުދިޔަ ދިވެހި ހިޕްހޮޕް ލަވަކަން އެނގެނީ ޔޫޓިއުބުން މި ލަވަ ބައިމިލިޔަނަށްވުރެން ގިނަ މީހުން ބަލާފައިވުމެވެ.

ދިވެހި ރެޕް ލަވައަކަށް އަދި މިހައިތަނަށް މިވަރުގެ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މިއީ ދިވެހި ރެޕްލަވައިގެ ދުނިޔޭގައި މުގުރާލާފައިވާ ރެކޯޑެކެވެ. މިއީ ބައި މިލިޔަން މީހުން ބެލި ފުރަތަމަ ދިވެހި ހިޕްހޮޕް ވީޑިއޯ ލަވައެވެ.

ބައިމިލިޔަން މީހުންނަށް ކަމުދިޔަ “ކަމަކުނުދޭ” ލަވައަކީ “ބީޓޮލޮޖީ”ގެ އުފެއްދުމެކެވެ. ބީޓޮލޮޖީ އަކީ މަޝްހޫރު ހިޕް-ހޮޕް އާޓިސްޓް އިރުފާން ލަތީފް (ޓްރޯ) އާއި އޭނާގެ އެކުވެރިންކޮޅެއް ހިމެނޭ ގްރޫޕެކެވެ.

ބައި މިލިޔަނަށްވުރެން ގިނަ މީހުން ޔޫޓިއުބުން ބަލާފައިވާ ވީޑިއޯ ލަވައަ “ކަމަކުނުދޭ”އަކީ އެ ލަވައިގެ ފަހަތުގައި ޝައުޤުވެރި ކަންތައްތަކެއް ހިމެނޭ ލަވައެކެވެ. ބެލުންތެރިންނާއި އެހުންތެރިންނަށް މިހައި ބޮޑަށް ކަމުދިޔަ “ކަމަކުނުދޭ”ގެ ވާހަކަތައް ޓްރޯ ވަނީ މުނިއަވަސް އާއި ހިއްސާކޮށްފައެވެ.

“އެންމެ ކުރިން ފަށަމާ ހިނގާދޯ. މި ލަވައަކީ ބީޓޮލޮޖީ ސްޓޫޑިއޯސް ތެރެއިން ހިންގި ފްރީ ސްޓައިލް ސެޝަން އެއްގ،ަ ސިމްބޮލިކްސް ގެ ޓޯއީވެސް އިން ސެޝަންއެއްގެ ތެރެއިން އައި އައިޑިއާ އަކުން ނެރެވުނު ލަވައެއް. ފުރަތަމަ ހެދި ލަވައިގެ ކޮންސެޕްޓްގަ ދެކެވެނީ ރާއްޖޭގަ އޮތް ކަމުނުދާ ސިޗުއޭޝަންގެ ވާހަކަތައް.” ލަވަ އުފެދިގެން އައިގޮތް ކިޔައިދެމުން ޓްރޯ ބުންޏެވެ.

“ނަމަވެސް ސިމްބޮލިކް ރިކޯޑްސް އަކުން ހުއްދައެއް ނުދޭ ސިމްބޮލިކްގެ އާޓިސްޓުން ނޫން މީހުނާއެކީ މަސައްކަތްކުރާކަށް އޭރުގަ. އެހެންވެ ޓޯއީ އަށް ބައިވެރިއެއް ނުވެވުނު. އެހެންވެ އަހަރެން އާ ކޮންސެޕްޓަކަށް އެ ލަވަ ލިޔުނީ. އޭގައި ކިޔައިދެނީ ރަފް ނޭޗަރ އޮފް ފްރެންޑްޝިޕް އެންޑް ރިލޭޝަންޝިޕްސް އިން މޯލްޑިވްސް.” ލަވައިގެ ތަފާތު ލިރިކްސް ނެރެވުނުގޮތް ޓްރޯ ކިޔައިދިނެވެ.

“މިއީ މުޅި ލަވަ އެެއްކޮށް ޑައިލޮގެއް ގޮތަށް ރާއްޖޭގަ ނެރެވުނު ފުރަތަމަ ހިޕް-ހޮޕް ލަވަ. މި ލަވައިގެ ސްޓައިލްގެ މަޝްހޫރުކަން އެނގޭނެ ސިމްބޮލިކް ރިކޯޑްސްގެ މާރޯކާއަށް މާޓު ކިޔާފަވާ “މަންޖެ” ލަވައިގަ މި ސްޓައިލް ހިމަނާފަވުމުން. ހަމަ އެހެންމެ އިއްޔަ ރެކޯޑްސް އިން ދާދިފަހުން ނެރުނު ލަވަ “ސޮރީ ހަނީ” ވެސް ވަނީ “ކަމަކުނުދޭ” ލަވަ ގޮތަށް އެރޭންޖްކޮށްފަ.”

“މި ލަވައަކީ ކަމުނުދާ ރަހުމަތްތެރިކަން، ޝިޓީ (ކަމުނުދާ) ގާރލްފްރެންޑެއް އަދި ކަމުނުދާ ބޯއިފްރެންޑެއްގެ ވާހަކަތައް. ހުސް ކަމުނުދާ މީހުން. އެހެންވެ މި ލަވައަށް “ކަމަކުނުދޭ” ކިޔަނީ.” ލަވައިގެ ނަން ގެނައިގޮތް ވެސް ޓްރޯ ސާފުކޮށްދިނެވެ.

ޖެނުއަރީ2018 ގައި ރިލީޒްކުރި “ކަމަކުނުދޭ”ގެ މިހާރު ފެންނަން މި އޮތް ލިރިކްސް އަކީ ޓްރޯ އަލުން ލިޔުނު ލިރިކްސް އެކެވެ.

ޓްރޯ އަދި މިސް ކިޔު

“ކަމަކުނުދޭ” ލަވައިގެ އަޑުގެވެރިންނަކީ އިރުފާން ލަތީފް (ޓްރޯ)، އަހްމަދު ޝާހު (ހޭޝްޓެގް) ގެ އިތުރުން އައިޝަތު ޝިލްމާ (މިސް ކިޔު) އެވެ. މިއުޒިކް ހެދީ ޑެނީ އީ.ބީ އެވެ. ލަވައިގެ ވީޑިއޯ ހަދާފައިވަނީ އިލޫޒިއޯ އިންނެވެ. “ކަމަކުނުދޭ” ވީޑިއޯ ލަވައިން މިސް ކިޔު ގެ ގޮތުގައި ދައްކާފައިވަނީ ނަޝާ އެވެ.

ކޮންމެއަކަސް، “ކަމަކުނުދޭ” ލަވައަކީ މިހައިތަނަށް ދިވެހި ހިޕް-ހޮޕް ލަވައެއް އެންމެ ބޮޑަށް ދިވެހީންނާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް ބަލައިގެންފާ ލަވަ ކަން، ޔޫޓިއުބް ވީޑިއޯގެ ކޮމެންޓްތައް ކިޔައިލުމުންވެސް އެނގޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.