03 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގައި އެޙަމަލާގައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، އެތައްބަޔަކު ރަޙީނުކުރުމުގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނެސްފިއެވެ.

ލުޠުފީ ރާއްޖެގެންނައީ އެމިރޭޓްސް ފްލައިޓް އީކޭ 653 އިންނެވެ. އޭނާ ގެންނައީ ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ. އަދި ރާއްޖެ ގެނައުމާއެކު އޭނާގެމައްޗަށް ތަންފީޒުކުރަމުންދާ ޖަލުޙުކުމް ފުރިހަމަކުރުމަށްޓަކައި އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ސަރުކާރުން އޮތީ ގިނަދުވަސްތަކެއް ވަންދެން ސިއްރުކޮށްފައެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010ވަނަ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ “އިންޓަރޕޯލް” މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް “ރެޑް ނޯޓިސް” ނެރެފައެވެ.

މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ އަމިއްލަ އަށް ޙާޒިރުވުމުން، އެކަން ދައުލަތުން ހާމަނުކުރައްވައި، އޮތް މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެއް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ