އިހު ޒަމާނުއްސުރެ ދިވެހިންނަކީ ބެރާއި ގުޅިލާމެހިފައިވާ ބައެކެވެ. އެކިއެކި މުނާސަބަތުގައި ދިވެހިންގެ އެންމެ ބޮޑު މިތުރަކީ ބެރު ކަމުގައި ދެންނެވިދާނެއެވެ. ހަމައެހެންމެ އެކިއެކި ރަސްމިއްޔާތު ތަކުގައި ދިވެހިންނަކީ ތަފާތު ބެރުތައް ޖަހައި އުޅުނު ބައެއްކަން ތާރީޚުން ފެންނަން އެބައޮތެވެ. މީގެ އިތުރުން އިހުގައި ވަގުތުތައް އަންގައިދިނުމަށް ބޭނުންކުރި މައިގަނޑު އެކައްޗަކީވެސް ބެރެވެ.

އާދެ! ދިވެހިން ޖަހައި އުޅުނު ބެރުތަކުގެ ތެރޭގައި، ބޮޑު ނާބައާއި ތަގުޑި ހިމެނެއެވެ. ހަނގުރާމަ ބެރާއި އަލިފާންބެރު ހިމެނެއެވެ. ހިތީބެރާއި ދަންބެރު ހިމެނެއެވެ. ބަންގިބެރާއި ބަންގިސަރު ހިމެނެއެވެ. ހަތްފިޔަވަޅުބެރާއި ފާތިޙާބެރު ހިމެނެއެވެ. ދޮރުމޮއްސާއި ނައްކާރަ ބެރުހިމެނެއެވެ. ބަޑިބެރާއި ނާބަބެރު ހިމެނެއެވެ. ހަވަރުބެރާއި ސަމާބެރު ހިމެނެއެވެ. ދަނޑިބެރާއި ނަޣާރާ ހިމެނެއެވެ. ރައިވަރުބެރާއި އަންބާބެރު ހިމެނެއެވެ. ތޮއްޑޫބެރާއި ގަންބެރު ހިމެނެއެވެ. އަދިކިއެއްތަ! ދިވެހިންގެ ހުވާސްކަމަށްވާ ބޮޑުބެރު ޚާއްސަގޮތެއްގައި ފާހަގަކުރެވެއެވެ.

މިހައި ހިސާބުން އިސްވެ މިދެންނެވި ބެރުތައް ޖަހައިއުޅުނީ ކޮން ބޭނުންތަކެއްގައިތޯ ބައްލަވައިލެއްވުން ކީއްތޯއެވެ.

(1) ބޮޑުނާބަ: ބޮޑުނާބައަކީ އިހުގައި ބޮޑު ދެ ހިތީގައި ޖަހައިއުޅުނު ނާބައެކެެވެ. މިބެރު ޖަހާނީ ހިތިގެދޮށުގައެވެ. ހިތިގެއަކީ ބޮޑު ދެހިތީގައި ރަދުން ހިއްޗަށް ވަޑައިގެން ހުންނަވާން އަޅާ ގެކޮޅެކެވެ. އާދެ! ރަމަޟާންމަހު 22، 24، 26، 28 މިދުވަސްތަކުގެ ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީކަންތައް އަދާކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ޚާއްޞަވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުމަކީ ހިއްޗަށްވަޑައިގަތުމެވެ.

ރަމަޟާންމަހު 22ވަނަ ދުވަހަކީ ހެންވޭރު ބޮޑުހިތި ދުވަހެވެ. އެދުވަހުގެރެއަކީ ހެންވޭރު ބޮޑުހިތިވިލޭރެއެވެ. ހެންވޭރު ބޮޑުހިތިވިލޭރޭ ރަދުން ހިއްޗަށް ވަޑައިގަންނާނީ ލޮނުޒިޔާރަތްކޮޅުގައި ހުންނަ ޙަބުޝީގެފާނުގެ މަޤާމުފުޅަށް ޒިޔާރަތްކުރައްވައި ފާތިހާ ވިދާޅުވާށެވެ. 24ވަނަ ދުވަހަކީ މާފަންނު ބޮޑުހިތި ދުވަހެވެ. އެދުވަހުގެ ރެއަކީ މާފަންނު ބޮޑުހިތިވިލޭރެއެވެ. މާފަންނު ބޮޑުހިތިވިލޭރޭ ރަދުން ވަޑައިގަންނަވާނީ ޢަލިރަސްގެފާނުގެ ޒިޔާރަތަށް ފާތިޙާ ވިދާޅުވާށެވެ. 26 ވަނަ ދުވަހަކީ ހެންވޭރު ކުޑަހިތި ދުވަހެވެ. އެދުވަހުގެ ރެއަކީ ހެންވޭރު ކުޑަހިތިވިލޭރެއެވެ. ހެންވޭރު ކުޑަހިތިވިލޭރޭ ރަދުން ވަޑައިގަންނަވާނީ މެދުޒިޔާރަތްދޮށަށެވެ. 28 ވަނަދުވަހަކީ މާފަންނު ކުޑަހިތިދުވަހެވެ. އެދުވަހުގެ ރެއަކީ މާފަންނު ކުޑަހިތި ވިލޭރެއެވެ. އެދުވަހުގެރޭގައި ރަދުން ވަޑައިގަންނަވާނީ ފަޤީހު ސުލައިމާނުގެ ޒިޔާރަތްދޮށަށެވެ. ހެންވޭރު ހިތިނަމަ، ރަދުން ވަޑައިގެން ހިތިގެ ދޮރުމަތީގައި ހުންނަ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތީމާ، ލޮނުޒިޔާރަތްކޮޅު ބުރުޒުން ބޮޑުބަޑީގެ ތިންބަޑިޖެހުމާއެކީގައި ބޮޑުނާބަޖަހަން ފަށާނެއެވެ. މާފަންނު ހިތީގައި، ހިތިގެ ހުންނާނީ ޢީދުމިސްކިތްދޮށު އަތިރިމަތީގައެވެ. މުއިވެޔޮދޮށު ބުރުޒުން ބަޑިޖަހަންފެށީމާ ނާބަޖަހަންފަށާނެއެވެ.

(2) ތަގުޑި: ތަގުޑިއަކީ، ރަދުން ނުވަތަ ރަދުންގެ މަޤާމުގައި ހުންނަ ބޭފުޅަކު ރަސްމީގޮތުން ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވައިފައި އެނބުރި ގަނޑުވަރަށް ވަޑައިގެން ހަތްބަހައްޓާ ދޮރޯށިތެރޭގައި އިރުމައްޗަށް އެނބުރި ހުއްޓުމުން ޖަހާބެރެކެވެ. ރަދުންގެ އަރިހުގައި އައި ބެރުދުންމާރި ތާޅަފިލިވެރިން، ފާރަވެރިންގެ ދޮރޯށީގެ ބޭރު ކައިރީގައިތިބެގެން މިބެރުޖަހައި ހަދާނެއެވެ. މިއީ ރަސްމިއްޔާތު ނިމުނުކަން އަންގައިދޭން ޖަހައި އުޅުނު ބެރެކެވެ.

(3) ހަނގުރާމަ ބެރު: މިއީ ހަނގުރާމަ ފަށަންވީމައި ޖަހައި އުޅުނު ބެރެކެވެ. މިބެރު ޖަހާނީ ހިތްތަން ދޮރޯށީގެ މަތީގައި ހުންނަ ނާބުސްޚާނުގައެވެ.

(4) އަލިފާންބެރު: އަލިފާންބެރަކީ އިހުގައި އަލިފާން ރޯވުމުން، އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޖަހާ ބެރެކެވެ. މިބެރުވެސް ޖަހާނީ ނާބުސްޚާނުންނެވެ.

(5) ހިތީބެރު: ހިތީބެރަކީ ހިތިދުވަހު ޢަޞްރު ނަމާދުން ފައިބައިގެން ބޮޑުކިއެވެނީންނާއި، ކަމުވޮށިނުވޮށީން އެދުވަހު ހިއްޗަށް ވަޑައިގަންނަވާ ޒިޔާރަތެއްގެ ކައިރީގައި ފޮތް ފޮށްޓެއް (ކީރިތި ޤުރުއާނުގެ ތިރީސް ފޮތް) ކިޔަވަންދާން އެންގުމަށްޓަކައި، އެދުވަހު ޢަޞުރަށް ގޮވީމާ ޖަހައި އުޅުނު ބެރެކެވެ. މިބެރުވެސް ޖަހާނީ ނާބުސްޚާނުންނެވެ.

(6) ދަންބެރު: މިއީ ރަށުގެ މީސްތަކުން ނިދުމުގެ ވަގުތު ވަދެއްޖެކަން އެންގުމަށްޓަކައި ނާބުސްޚާނުގައިޖަހައި އުޅުނު ބެރެކެވެ. މިބެރުޖަހައި އުޅުނީ އިހުގައި ގަނޑުވަރުތެރޭގައި ހުންނަ ދަމުއަށީގެ ލޯނގަނޑުން ފަސްފުޅިޔަށް ޖެހީމައެވެ. ނުވަތަ ރޭނގަޑު އެގާރަ ޖެހީމައެވެ. ދަންބެރު ޖަހަންވާ ގަޑިއަށް ނުޖެހިއްޖެނަމަ ދަންބެރުޖަހާމީހާ ޖޫރިމަނާކުރުމަށްޓަކައި ދަންބެރު ބާލާނެއެވެ. ދަންބެރުޖަހާން އޮންނަ ބެރާއި ދަނޑިގަނޑު ނާބުސްޚާނުން ބާލައިގެން ގެންދާނީ ދެގެދޭތެރެއަށެވެ. ދަންބެރު ބާލައިފިނަމަ ބެރު ލިބޭނީ ބޮޑު ބޭކަލަކު މެދުވެރިކޮށް ރަދުންނަށް އަށްލާރިން ވެދުންކޮށްގެންނެވެ. ހިކާކަލޯއަކީ ދަންބެރުގެ އަށްވަނަލަވައެވެ. ކަފިހިކޯމާޅިއާއި ރިނބިދޫކޯމާޅިއަކީ ދަންބެރުގެ ފަހުބައިގައި ޖަހައިއުޅުނު ލަވައެކެވެ.

(7) ބަންގިބެރު: ބަންގިބެރަކީ ރަދުން ހުކުރު ނަމާދަށް ނުވަތަ ޢީދު ނަމާދަށް ވަޑައިގަންނަވާކަން އެންގުމުގެ ގޮތުން ޖަހައި އުޅުނު ބެރެކެވެ. މިބެރަކީ ދެ ޢީދު ދެ ރެއާއި ހުކުރުދުވަހު ފަސް މުދިންބޭކަލުން ފާރަވެރިންގެ ދޮރޯށީގައި ފީކުމުއްޞަލާތު ގޮވީމާ ނާބުސްޚާނުގައި ޖަހާ ބެރެކެވެ. މި ބެރުގައިވެސް ތަފާތު ހަމަތައް ޖަހައެވެ. މިގޮތުން ބަލާއިރު ދަނޑިބެރުގެ ލަވައެއްކަމަށްވާ ކޯމާޅިމަތީ ބޮޑުލަވައަކީވެސް ބަންގިބެރުގައި ކޯމާޅި މައްޗަށް ޖަހާލަވައެކެވެ. ހަރުބީމަތީލަވައަކީވެސް ބަންގިބެރުގެ ލަވަމައްޗަށް ޖަހާ ލަވައެކެވެ. ފަސްކޯމާޅިއަކީ ބަންގިބެރު ނިންމާލަވައެވެ.

(8) ބަންގިސަރު: މިއީ ހުކުރު ދުވަހަށް އިރުއަރައިފިކަން ޔަޤީންވުމުން ޖަހާ ބެރެކެވެ. މި ބެރުވެސް ޖަހައި އުޅެނީ ނާބުސްޚާނުގައެވެ.

(9) ހަތްފިޔަވަޅުބެރު: މިއީ ހުކުރު ދުވަހު ނުވައެއް ޖެހީމާ ޖަހާ ބެރެކެވެ. އިހުގައި މިބެރުޖަހައި އުޅުނީ ހިޔަނީގައި ހަތްފިޔަވަޅު ހުންނަ ހިސާބަށް އިރު އެރީމައެވެ. މިބެރު ޖަހާނީ ދުންމާރިއާއި ތާޅަފިލި ފުމެމުންނެވެ. މިބެރަށް ތިންފުޅީބެރުވެސް ކިޔައެވެ. ހުކުރުބެރުވެސް ކިޔައެވެ. މިބެރަކީ މީސްތަކުން ހުކުރަށްދާން ތައްޔާރުވުމަށް ޖަހައި އުޅުނު ބެރެކެވެ. ދަނޑިބެރާއި ދުންމާރީގެ ލަވައެއްކަމަށްވާ ކޮރުތަކުރުލަވައަކީ މިބެރުގެ ތިންބައި ލަވަތެރޭގައި ޖަހައި އުޅުނު ލަވައެކެވެ.

(10) ފާތިޙާބެރު: މިބެރަކީ ބޯފޮޅިދުވަހު ޢަޞުރަށް ގޮވީމާ ޖަހާ ބެރެކެވެ. މިބެރުޖަހާނީވެސް ނާބުސްޚާނުގައެވެ.

(11) ދޮރުމޮހި: ދޮރުމޮއްސަކީ އިހުގައި ހުކުރުވިލޭރޭ ފަތިސްނަމާދު ބަންގިއަށްފަހު ތާޅަފިއްޔާ ގޮސްފައި އައިސް ގަނޑުވަރުތެރެއަށް ވަނީމާ ޖަހާ ބެރެކެވެ.

(12) ނައްކާރަބެރު: މިއީވެސް އިހުގައި ރަސްމީގޮތުން ޖަހާބެރެކެވެ. މިއީ ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއްޖެހީމާ ޖަހާ ބެރެކެވެ. މިބެރު ޖަހަނީ ހާރުވަގުތު ވަދެއްޖެކަން އަންގައިދިނުމުގެ ގޮތުންނެވެ. މިބެރު ޖަހާނީ ނާބުސްޚާނުގައި ބެރުވެރިއަކު އެކަނި އިށީނދެ އިނދެގެންނެވެ. މިބެރު ޖަހާ އިރަކު ދުންމާރިއެއް، ތާޅަފިއްޔެއް ފުމުމެއްނޯންނާނެއެވެ.

(13) ބަޑިބެރު: މިއީ ރަސްމީ ބައެއް ކަންތަކުގައި ބޮޑުބަޑި ޖެހުމާއި ވިދިގެން ޖަހާ ބެރެކެވެ. މިބެރު ޖަހާނީ ދުންމާރިއާއި ތާޅަފިލި ފުމެފައެވެ. ނާބުސްޚާނުގައި މިބެރު ޖަހާނަމަ ބެރުވެރިން ތިބޭނީ އިށީނދެގެންނެވެ. އެހެންތަނެއްގައި މިބެރު ޖަހާނަމަ ތިބޭނީ ކޮޅަށެވެ.

(14) ނާބަބެރު: މިއީ މާލޭ ހުކުރު މިސްކިތުން މަޣްރިބު ނަމާދު ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުގައި ޖަހާ ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރޭގައި ނާބަޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާ އުޅުނީ ހިތިގެދޮށުގައެވެ. ރަޖަބު މަހާއި ރަމަޟާން މަހާއި ޝައްވާލު މަހަށް ހަނދުބަލާރޭރޭ މިބެރުޖަހައި އުޅުނީ ބަޑި ޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެނގުނީމައެވެ.

(15) ހަވަރުބެރު: ހަވަރަކީ ރަދުންގެ ލަޝްކަރު ނުވަތަ ހަނގުބޭކަލުން ބެހިފައި އޮންނަ ހަ ބައެވެ. ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު އެއްޗެއް ދެންނެވުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވާނެއެވެ. މިއެއްވުން ގިނަފަހަރަށް އެއްވަނީ ހުކުރުދުވަހު ހުކުރުން ފޭބުމަށްފަހުގައެވެ. މި އެއްވުންތަކަށް ހަވަރު އެއްކުރާން ޖަހާ ބެރަކީ ހަވަރު ބެރެވެ.

(16) ސަމާބެރު: ސަމާއަކީ ރަސްކަމަށް ކޮލިލުން ނުވަތަ ގަނޑުވަރުތެރޭ ބޭފުޅުން ރައްކައުވުމާއި، ޚިތާނުފުޅުކުރުމާއި ގުޅިގެން ރަސްމީގޮތުން ގުޅަކުޅޭ ފަސްގަނޑުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅޭނީ ބެރު ދުންމާރި ތާޅަފިލި ފުމެފައި ފަސްގަނޑުގައި ކުޅިޖަހައިފައެވެ. ސަމާބެރަކީ މިކުޅިވަރުތެރޭގައި ޖަހާބެރެވެ. އެދުރުލަވައަކީ ސަމާގައި ޖަހާ ލަވައެކެވެ. ހަމައެހެންމެ ދަނޑިބެރުގެ ލަވައެއްކަމަށްވާ ސަމާއެދުރުލަވައަކީ ސަމާތެރޭގައި ޖަހައިއުޅުނު ލަވައެކެވެ.

(17) ދަނޑިބެރު: މިއީ އިހުގައި ރަސްމީ ކަންކަމުގައި ޖަހައި އުޅުނު ބެރެކެވެ. މިބެރު ޖަހާނީ ވާތުން ބެރުގެ އެއްކޮޅުގައި ޖަހަމުން ކަނާތުގައި އޮންނަ ދަނޑިގަނޑަކުން ބެރުގެ އަނެއްކޮޅުގައި ޖަހަމުންނެވެ. ބެރުޖަހަން ގެންގުޅޭ ދަނޑިގަނޑު ހުންނާނީ ގަދަ ލަކުޑިއަކުން ކުޑަކޮށް ގުދުކޮށް ހަދައިފައެވެ. ދަނޑިބެރުގައި ތަފާތު ލަވަތައް ޖަހައެވެ. އޭގެތެރެއިން ހަނޑުކަނޑާ ލަވައަކީ ދަނޑިބެރުގެ އަރުވައިބާލާ ލަވަތަކުގެ ތެރެއިން ލަވައެކެވެ. ރަމްޒާންމޭނާއަކީ ދަނޑިބެރުގެ ނަންހުރި ބޮޑު ލަވައެކެވެ. ކޯމާޅިއާއި ބެރުވެރިންނަށް ކެހިދިންލަވައާއި ބޮޑުދެލަވަ އެއްކުރާލަވައަކީވެސް ދަނޑިބެރުގެ ދެ ލަވައެވެ. ވެދުންބާލާ ލަވައާއި ކުޑަލަވަބަޔާއި އާލަވަބަޔަކީވެސް ދަނޑިބެރުގެ ލަވަތަކެވެ. މިސުރުހޭރިޔާއާއި މިޞުރުހަރުބީ އަކީވެސް ދަނޑިބެރުގެ ދެލަވައެވެ. ފަނިތަށިކޮޅާއި ފަލިހިއްޕިއާއި ކައިގެންކާންއަކީވެސް ދަނޑިބެރުގައި ޖަހާލަވައެވެ. އަސްނެއްޓިހޭރިޔާއަކީ ދަނޑިބެރުގެ ލަވަތަކުގެތެރެއިން ރަސްކަމަށް ކޮލިލާދުވަހު ހަތްޖެހީމާ ޖަހާލަވައެކެވެ. ސަމާލަވައަކީ ސަމާގައިޖަހާއުޅޭ ދަނޑިބެރުގެ ލަވައެވެ. ހޭރިޔާ ނުވަތަ ފަތްކޮޅުބާލާލަވައަކީ ފަތްކޮޅުބާލައިގެން ބޮޑުފާލަންމަތިން ގަނޑުވަރަށް ގެންދާއިރު ފުމޭލަވައެވެ. ހަދަނޑިވަޅުލަވައަކީވެސް ދަނޑިބެރުގައި ޖަހާ ކުޑަލަވައެކެވެ.

ނެއްޓި އަކީވެސް ބެރުވެރިން ބެރުގައިޖަހާލަވަބައެކެވެ. ވައްޖިދުވާލަވަބައަކީ ބަބުރުނެއްޓީގެ ދެވަނަ ލަވަބައެވެ. ބޮޑުލަވަބައަކީ ނެއްޓީގައި ހަތަރުވަނައަށް ޖަހާލަވަބައެވެ. ނައްކާރަ ލަވަބަޔަކީ ނެއްޓީގެ ލަވަބައިތަކުގެތެރޭގައި ޖަހާ ލަވަބައެކެވެ. މިލަވަބައި ޖަހާނީ ބެރުގައި ބެރުދަނޑިއާއި އެއްތެއުގަނޑަކުންނެވެ. ބަބުރުނެއްޓިއަކީ ނެއްޓިއާއި އެކުލެވިގެންވާ ލަވަބައިތަކެވެ. ރާތީބުލަވަބަޔަކީވެސް ބަބުރުނެއްޓީގެ ލަވަބައިތަކުގެތެރެއިން ލަވަބައެކެވެ. އަބާރަނައަކީ ދަނޑިބެރުގެ ބޮޑެތި ލަވަތަކުގެތެރެއިން ލަވައެކެވެ. މިލަވަ ޖަހައި އުޅެނީ ޢީދުދުވަހާއި ހުކުރުދުވަހު ރަދުން އަބާކޮޅު ތުރުކުރައްވާން އުތުރުގެކޮޅަށް ވެދެވަޑައިގަތުމުންނެވެ. ބަންގިބެރު ޖަހަމުންގޮސް މުދިންބޭކަލުން ފީކުމުއްޞަލާތި ގޮވައިފައި ގަނޑުވަރަށްދުރުވެ ސުއްޖާދުނުލައި ނިކުމެއްޖެނަމަ ބަންގިބެރު ހުއްޓާނެއެވެ. ދެން އަބާރަނަލަވަޖަހާނީ ސަމާކުޅިހުއްޓާރޭރެއަށް ރަނަހަމައިދިކޮށިން ތިންދަނޑިޔާއި އެއްލާން ނިކުތީމައެވެ. ބެރުހުއްޓާލަވަބައަކީ ދަނޑިބެރު ނިންމަން ޖަހާލަވައެވެ.

(18) ނަޣާރާ: ނަޣާރާ އަކީ ތަބުލާއެއް ފާޑަށް އެއްކޮޅުގައި ހަންއަޅައިފައި އޮންނަ ބޮޑުބެރެކެވެ. މިޖަހަނީ ހަތްކޮޅުނަގާދުވަހު ޚަޒީނާ ޖެހީމައެވެ.

(19) ސަލާމަތި: ސަލާމަތިޖެހުމަކީ ބައެއް ރަސްމީ ކަންކަމުގައި، ޢިއްޒަތް ދިނުމުގެ ގޮތުން ބަޑިބެރު ފަށަންޖަހާ ބެރެކެވެ. މަޖުލިސުއްތަޝްރީފާތު (އިހުގައި ރަސްކަލަކަށް ނުވަތަ ރަސްކަލެއްގެ ބަދަލެއްގެ ބަދަލުގައި ހުންނަވާ ބޭފުޅަކަށް ޢީދުގެ ތަހުނިޔާ ދެންނެވުމަށް ބޮޑުން އެއްވުން) ފެށޭނީ ތިންބަޑި ޖެހުމާއެކު ބަޑިބެރުން ސަލާމަތި ފެށީމައެވެ. ގަނޑުވަރުތެރޭގެ ބޭފުޅަކު އަންހެން ބޭފުޅަކައިގެން ރައްކާވެއްޖެނަމަ ބަޑިބެރު ފަށާނީ ސަލާމަތިންނެވެ.

(20) ރައިވަރުބެރު: މިއީ ރައިވަރަށް ހަމަވާނެހެން ޖަހާބެރެވެ.

(21) އަންބާބެރު: މިއީ އަންބާ ލަވަޔަށް ހަމަކޮށް ޖަހާބެރެވެ.

(22) ގަންބެރު: މިއީ ގަންހިންގާ އިރު ޖަހާބެރެވެ.

(23) ތޮއްޑޫބެރު: ތޮއްޑޫބެރު ނުވަތަ ކުޅިބެރަކީ އިހުގައި ތޮއްޑޫ މީހުން ޖަހައި އުޅުނު ދަނޑިބެރުގެ ވައްތަރެކެވެ. މިބެރު މާލޭގައިވެސް ޖަހައި އުޅެއެވެ. މިބެރު މޮޅަށް ޖަހައިއުޅެނީ ދުންމާރިއާއި ތާޅަފިލި ފުމެފައެވެ. ރަނގަރަނގަތޮޅި މުރަނގަދެތޮޅިއަކީ ތޮއްޑޫ ބެރުގެ ލަވައެކެވެ.

(24) ބޮޑުބެރު: ބޮޑުބެރަކީ މީލާދީގޮތުން އެގާރަ ނުވަތަ ބާރަވަނަ ޤަރުނުގައި އެފްރިކާއިން މަހަލްދީބަށް ގެނައި އަޅުބަބުރުން ތަޢާރަފު ކޮށްދިން ކުޅިވަރެއްކަމުގައި ބުނެވެއެވެ. އެވޭލާ ޒަމާނުއްސުރެ ބޮޑުބެރުޖަހައި އުޅުނީ ބަޔަކު އެއްވެގެން ނުވަތަ ޖަމާޢަތް ހަދައިގެންނެވެ. އޭގެތެރޭގައި ބެރުޖަހާމީހުންނާއި، ލަވަކިޔާމީހުންނާއި، ގިގުނިތަޅުވާ މީހުންނާއި، އަތްތިލަބަޑިޖަހާ މީހުންވެސްތިބެއެވެ. ބޮޑުބެރުޖަހާއިރު ބެރުޖަހަން ދެމީހުން ނުވަތަ ތިންހަތަރުމީހުންވެސް ތިބެއެވެ. ލަވަ ނަގާކިޔާމީހަކާއި އުސޫލަ ނުވަތަ ޒުވާބުކިޔާ ބަޔަކުވެސް ތިބެއެވެ. އަތްލިލަބަޑިޖަހެމާއި ގިގުނިތެޅުވުންފަދަ ކަންތައްތައްކުރާނީ އުސޫލަ ކިޔާމީހުންނެވެ. ބޮޑުބެރުޖަހާއިރު ބޮލިރަވައާއި ފަތިގަނޑާއި މަންދީރައަކީވެސް ބޭނުންކުރާ ތަކެއްޗެވެ. ބޮޑުބެރު ޖަހާއިރު ތިބޭނީ އިށީނދެގެންނެވެ. ނުވަތަ ކޮޅަށެވެ.

ބޮޑުބެރުތެރޭގައި ތަފާތު ލަވަތަކަށް ތަފާތު އެކިހަމަތައް ޖަހައެވެ. އޭގެތެރޭގައި ގާއޮޑިލަވަ، ކާސިމަޖާ، ޓަކިބެރު، ތިންބެރު، ބަބުރުބެރު، އަވަސްބެރު، ނަލަބެރު، ހިމެނެއެވެ. ދަމިލަފޮއްކޮއި އަކީވެސް ބެރުގައި ޖަހާ ހަމައެކެވެ. ތަފާތު އެކި މުނާސަބަތުތަކުގައި ބޮޑުބެރަކީ އެންމެ އަރާހުރި އެއްކުޅިވަރެވެ. ބޮޑުމާލިނެށުން (އުނަގަނޑުން ތިރި، ވަށައިގެން އެއްވަރަށް ބޮޑުކޮށް ފުއްޕާފައި ހުންނަ ރޫބައެއް ލައިގެން ކޮނޑުމާޖަހައިފައި، ބޮލުގައި ވައްތަރެއްގެ ތާޖެއް އަޅައިގެން ބެރުގައިޖަހާ ލަވަޔާ ކިޔާ ލަވަޔާ ހަމަވާގޮތަށް ނެށުން)، ލަނގިރިޖެހުން (މާގަނޑުލީ ކުރު ދަނޑިޔާއި މާފަތި ހިފައިގެން ބެރުޖަހައިފައި ލަވަކިޔަމުން ކުޅޭ ކުޅިވަރެއް)، ކާސިމަޖާ( ބޮޑުބެރުޖަހައި ލަވަކިޔަމުން ބޮލިމަލާފަތް ހިފައިގެން ނަށައިފައި ކުޅޭ ކުޅިވަރު)، ބިލެތްދަފިނެގުން (މިއީ ބިލެތްއަޅާފައި ހުންނަ ދަތްޕެއް ތިރި ގޮނޑިއެއްގައި ބަހައްޓައި އޭގެ ވަށައިގެން ތިބެ ލަވަކިޔައި ނަށަމުން އެ ނެށުމާ ހަމަވާގޮތަށް އެދަފި ނަގައި ކޮންމެވެސް އެކެއްގެ ބޮލުގައި ބަހައްޓައިގެން ނަށާ ނެށުމެކެވެ. ޢާއްމުކޮށް މިދަފިނަގައި އުޅެނީ ގާއޮޑިލަވަ ކިޔާއިރު އަންބާބެރަށް ފެށުނީމާ އޭގެ ހަމައަށް ނަށަމުންނެވެ.)، މިފަދަ މިފަދަ ކުޅިވަރުތަކުގައި އެންމެ ބޮޑު އެއްޗަކީ ބެރެވެ.

އާދޭހެވެ. ދިވެހިންނާއި ބެރާއި ހުރިގުޅުން ހާމަވެގެން ހިނގައްޖެ ނޫންތޯއެވެ. ދިވެހިންނަށް ބެރު މުހިއްމު އެއްޗަކަށް ވެގެންދިޔަ މިންވަރު ބަޔާންވެގެން ހިނގައްޖެ ނޫންތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.