ޖުލައި 23 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އަބްދުﷲ މުއާޒު (މުއާ)ގެ ފިލްމް ”ލީނާ”ގެ ފުރަތަމަ ލަވަ “ނޭވާލާ ހިނދު” މީސްމީޑިއާއަށް ރިލީޒްކޮށްފި އެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަންހެންކުއްޖެއްގެ މަަރުގެ ހާދިސާއިން ”އިންސްޕަޔާވެގެން“ މުއާ ޑައިރެކްޓްކޮށް އަދި ފިލްމުގައި ”ލީނާ”ގެ ގާތިލުގެ ބައިވެސް ކުޅެފައިވާ ފިލްމުގެ ހިތްގައިމު މި ލަވައަކީ މާލެ އަދި ދިއްފުށީގައި މަންޒަރުތައް ނަގާފައިވާ ލަވައެކެވެ.

“ނޭވާލާ ހިނދު” މި ލަވައިން ފެނިގެންދަނީ ހުނަރުވެރި ޒުވާން ބަތަލާ މަރިޔަމް އައްޒަގެ އިތުރުން މިވަގުތު ފިލްމީދާއިރާގައި އެންމެ ޑިމާންޑް ބޮޑު ބަތަލު އަލީ އާޒިމް (ދޮން އައްޔަ)އެވެ.

އިބްރާހިމް ވިސާން އާއި ހަސަން ހަލީމު ކެމެރާކޮށްފައިވާ “ނޭވާލާ ހިނދު” ލަވައިގެ މިއުޒިކް ތައްޔާރުކުރީ އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ)އެވެ. ލަވައިގެ ޅެން ހެދީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވަ ކިޔާފައިވަނީ ހުނަރުވެރި ލަވަކިޔުންތެރިން ކަމަށްވާ ޙަސަން ޠަލާޤް އާއި ލަމްހާ ލަތީފް އެވެ.

ލީނާ”ގެ ޓިކެޓް ވިއްކުން މިހާރުވެސް ކުރިއަށްދާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޓިކެޓް ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

އެހެން ފިލްމުތަކުގެ އަގުތަކާ ޚިލާފަށް ”ލީނާ“ ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. ނަމަވެސް އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގު 100 ރުފިޔާއަށެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ޓިކެޓް ގަންނަން މީހުން ދާ ތަރުތީބުންނެވެ.

ފިލްމު ”ލީނާ”ގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. މީގެ އިތުރުން މި ފިލްމުގައި ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ ފިލްމް ”ލީނާ” އާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7234443 ނަންބަރު ވަނީ އާއްމުކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.