ގިނަބަޔަކު އިންތިޒާރު ކުރަމުން އައި ބައިސްކޯފުގެ ވެބްސީރީޒް “އެހެނަސް”ގެ ފުރަތަމަ ފަސް އެޕިސޯޑް މިއަދު ހަވީރު އޮލިމްޕަހުގައި ދައްކައިފިއެވެ. ރެޑްކާޕެޓް އިވެންޓަކާއެކު އޮތް ޕްރިމިއާ ޝޯ ވެގެން ދިޔައީ ހައުސްފުލް ޝޯ އަކަށެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ ބައިސްކޯފުގައިވެސް ރިލީޒްކޮށްފައިވެއެވެ.

‎އެއްޗެއް އެއްޗަކަށްވެ ފުރިހަމަވަނީ އެ އެއްޗެއްގައި ހިމެނެންޖެހޭ ރަހަތަކެއް ހިމެނިގެންނެވެ. މީރު ރަހައެއް ނެތްނަމަ ބަނޑުހައިވެފައި ހުއްޓަސް ކާއެއްޗެއް ވިޔަސް އަރުން އެތެރެ ކުރުމަކީ އުނދަގޫކަމެއް ކަމުގައި ނޫނީނުވެއެވެ. އެގޮތުން ފިލްމެއް ނުވަތަ ޑްރާމާއެއް ނަމަ އޭގައި ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ވާން އެބަޖެހެއެވެ. ކިތަންމެ ރީތި ވާހަކައެއް ނަމަވެސް ފިލްމެއްގެ ގޮތުގައި ބެލުން ތެރިންނާއި ހިސާބަށް ގެނެސް ދޭއިރު ވަރަށް ފުރިހަމަ ވާން ޖެހޭނެއެވެ.

މަޝްހޫރު އެކްޓަރ އަދި ހުނަރުވެރި ޑައިރެކްޓަރ ‎ރަވީ ފާރޫޤް ޑައިރެކްޓްކޮށް މިއަދު އޮލިންޕަހުގައި ޕްރިމިއާ ކުރި ވެބްސީރީޒް “އެހެނަސް” އަކީ ޑްރާމާއެއްގައި ފުރިހަމަވާން ޖެހޭ ހުރިހައި ރަހަތަކާއި ކުލަތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޅު ޑްރާމާއެއްކަން ފާހަގަ ކުރަމެވެ.

ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔުނު ކާމިޔާބު އެއްވާހަކަ ކަމަށްވާ “އެހެނަސް ހަމަ ލޯބިވެޔޭ..” ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިވެބްސީރީޒަކީ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ތައްޔާރު ކޮށްފައިވާ ވަރަށްވެސް ތަފާތު، އެހާމެ މޮޅު ޑްރާމާއެވެ. މުޖުތަމައު ތެރޭގައި ހިނގަމުންދާ ނޭދެވޭ ކަމެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މި ޑްރާމާއަކީ ކޮންމެ މީހަކުވެސް ބަލައިލަން ވަރަށް މުހިންމު ޑްރާމާޢެކެވެ. ވަރަށްވެސް މުހިންމު މެސެޖެއް މި ޑްރާމާގެ ސަބަބުން ލިބޭނެކަން ޔަގީނެވެ.

“‎އެހެނަސް” ގެ ފުރަތަމަ ފަސް އެފިސޯޑް ނިމިގެން ދިޔައިރު ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. ފޫހިކެމެއްނެތި ބަލަމުން ދިޔައިރު ވާހަކައިގެ އަސަރު އިހުސާސް ހަމަ ގައިމުވެސް ބެލުން ތެރިންނަށް ކުރުވިއެވެ. ހެއްވައިލާ ފަހަރާއި ރޮއްވައިލާ ފަހަރުވެސް އާދެއެވެ. މިއީ “އެހެނަސް” އަކީ ދިވެހި ޑްރާމާ ތަކުގެ ތެެރެއިން އެންމެ މޮޅު އެއް ޑްރާމާކަމަށް މިއަދު ބެލުނު ފަސް އެޕިސޯޑުންވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެއެވެ.

“އެހެނަސް” އިން ފެނިގެންދިޔަ ކާސްޓުންގެތެރެއިން ގިނަ ފަންނާނުންނަކީ ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނުންނޭ ބުނަން ޖެހިލުންވާހާ މޮޅު އެކްޓިންއެއް އެ ފަންނާނުން ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުރިން ފިލްމުތަކާއި ޑްރާމާތަކުން ފެނިފައިވާ ފަންނާނުންގެ އެކްޓިންވެސް ތަފާތުވެފައި މޮޅުކަން ފާހަގަކުރެވެއެވެ. ފިލްމުގެ ޑައިރެކްޝަން ހަދާފައިވާގޮތާއި ވާހަކަ ހުށައަޅައިދީފައިވާގޮތުން ކޮންމެ މަންޒަރެއްވެސް ސިފަކުރެވުނީ ޑްރާމާއަކަށްވުރެން ބޮޑަށް އަސްލު މަންޒަރުތަކަކާއެެވެ.

“އެހެނަސް” ޑްރާމާގެ ޑައިރެކްޓަރ ރަވީ ފާރޫޤް މީގެ ކުރިންވެސް ވަނީ ތަފާތު މޮޅު ފިލްމުތަކާއި ޑްރާމާތައް ބެލުންތެރިންނާއި ހިސާބަށް ގެނެސް ދީފައެވެ. މޮޅު ކާމިޔާބީ ތަކެއްވެސް ވަނީ ހޯދާފައެވެ. މިފަހަރު މި ގެނެސްދިން ޑްރާމާ އެހެނަސްއަކީ ވެސް ރަވީ ފާރޫޤްގެ ކާމިޔާބީގެ ބޮޅުތަކަށް އިތުރުވި ބޮޅެއް ކަމުގައި ނޫނީ ނުވާނެއެވެ.

“އެހެނަސް” ގައި ދައްކުވައިދެނީ ގަނާ ކުރުމުގެ ޝިކާރައަކަށްވެފައިވާ، ޠަބީޢަތުގައި “ރަނޑު” ގޮތެއް ހުންނަ ޒުވާން ފިރިހެން ކުއްޖަކަށް ދިމާވި ހާދިސާތަކެކެވެ. ސީރީޒްގެ އަގުވައްޓައިލުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ އަޑުތަކުގައި އެބުނާފަދަ ކަމަކަށް ހިތްވަރުދޭފަދަ މަންޒަރުތަކެއް މީގައި ހިމަނާފައި ނެތްކަން ފާހަގަކޮށްލެވެއެވެ.

“އެހެނަސް” މިސީރީޒްގައި ފިލްމު އިންޑަސްޓްރީއަށް އައު މޫނުތަކެއް ވެސް ފެނިގެންދިޔައެވެ. އެގޮތުން ލީޑް ރޯލުން ފެނިގެންދިޔައީ މުޙައްމަދު ވިޝާލް (ރޯމަން) އާއި ފާތިމަތު ސަރާ އާދަމް އެވެ. މީގެ އިތުރުން އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް)، އަހުމަދު މަސީޙު، އަހުމަދު ޝާރިފް، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް ވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން ފިލްމު “ބޮސް” އިން ފެނިގެންދިޔަ މުޙައްމަދު ޔުނާން އާއި ކާމިޔާބު އެތައް ފިލްމެއްގެ ސައިޑް ރޯލަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ އެކްޓަރު އަލީ ނަދީޙް (ޗައްނަ) ވެސް މިވެބްސީރީޒް އިން ފެނިގެންދާއިރު ކުޅަދާނަ އެކްޓްރެސް ޝީލާ ނަޖީބާއި މުޙައްމަދު މަނިކު ވެސް “އެހެނަސް” ގެ މުހިންމު ރޯލަކުން ފެނިގެންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަލީ ނިހާސް
އަލީ ނިހާސް އަކީ
އަދަބީ އަދި އިޖްތިމާޢީ މައުޟޫތަކަށް ލިޔުމުގައި ކުޅަދާނަ ލިޔުންތެރިއެކެވެ.