ވެލާނާ އެއާޕ‏ޯޓުން ޗެކިން ނިންމައިލެވުނީ ހަމަ ކިރިޔާ އެވެ. ޗެކިން ނިމިގެން ފުރާގިމަތައަށް ވަދެ އެތަނުގެ ކަނެއްގައި ހުރި ގޮނޑިއެއްގައި ޖައްސައިލީމެވެ. ފޯނު ނެގީ މާ ވަރަކަށް ކޮންމެވެސް ނަންބަރަކުން ގުޅާވަރުންނެވެ.

“ހެލޯ ބަޑީ. މާލެ އައިސް އުޅޭކަން އެނގުނުއިރުން މި ގުޅީ. ކޮބާ ދިމާވެލަން ވާނެދޯ.” އެއީ އަހަރެންގެ ސްކޫލް ދައުރުގެ ރައްޓެއްސެކެވެ. މާލެ އަރައިފިކަން އެނގޭއިރަށް އަބަދުވެސް ގުޅާނެއެވެ.

“އާނ. އެކަމަކު މިހާރު މި ދަނީ ބާޔަށްދާން. ބާޔަށް ގޮސްފަ އައިސް ޚަބަރެއް ވާނަން އިނގޭ.” ވަރަށް އާދައިގެ ގޮތަކަށް އަހަރެން ޖަވާބުދިނީމެވެ.

“ކީކޭ؟ ބާޔަށް ދަނީއޭ؟ މިހާރު ‘ރަޝް’ ވެސް ބާޔަށް ދާންފެށީތަ؟” ހައިރާންކަން އެކުލެވޭ ރާގެއްގައި ރަހުމަތްތެރިޔާ އަނެއްކާވެސް ކުރީ ސުވާލެކެވެ.

“އާނ. އޮފީހުން ފޮނުވީމަ ޖެހޭނެދޯ ބާޔަށް ވިޔަސް ދާން.”

“އެކަމަކު ތި އޮފީހުން މިހާރު ތިތާނގެ މުވައްޒަފުން ބާޔަށް ވެސް ފޮނުވަންފެށީތަ؟”

“އާނ. ކޮން ދުވަހެއް. ބާ ދަރަވަންދޫ އެއާޕޯޓް ހެދި ފަހުން މިހާރު އަހަރުންވެސް ބާޔަށް ފޮނުވައޭ.”

“އޮހޮހޯ، ރަޝް އަށްވާ ހަމަ ސާބަސް. މަ ހީކުރީ ބީއޭއާރް ބާ އަށް ދަނީ ކަމަށް. ނޭގޭނެއެއްނު. މިހާރު ރާއްޖޭގަ ރަސްމީކޮށް ‘ބާރ’ތައް ނެތަކަސް، ލައްކަ ގިނަމީހުން ބާތަކަށް ދޭ ވިއްޔާ.” ރަހުމަތެރިޔާ ބުންޏެވެ.

އަހަރެންގެ ރަހުމަތްތެރިޔާވެސް އެބުނީކީ ދޮގެއް ނޫނެވެ. މިހާރު ރާއްޖެއަކީވެސް ރަސްމީކޮށް ‘ބާރ’ތައް ނެތަކަސް، ބާތަކުން އެކުރާ ހުރިހާކަމެއް ފިސާރިއަކަށް ކުރަމުން އަންނަ ރާއްޖެއެކެވެ. ނަމަވެސް އަހަރެންވާ އެކަހަލަ ބާޔަކަށް ދާކަށް ނެތީމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.