ވަރަށް ތުއްތު އިރުއްސުރެ އެބޭފުޅަކާ ބައްދަލުކޮށްލާހިތްވި އެއް ފަރާތަކީ، ދިވެހިބަހުގެ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢައްބާސް އިބްރާހިމްއެވެ. އަޅުގަނޑުގެ އެންމެ ތުއްތުއިރުވެސް އެބޭފުޅާގެ ލިޔުއްވުންތައް ކިޔުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އާދެ! ފަތްތޫރަ މަޖައްލާގެ ޒަރީޢާއިންނެވެ. ކަންމިހެންވުމުން އެ ބޭފުޅާއާއި ބައްދަލުކުރުމުގެ ޝައުޤު ބޮޑުވެގެން ދިޔައެވެ. އެބޭފުޅާގެ މައްޗަށް ހިތުގައި އޮތް ލޯބި އިތުރުވެގެން ދިޔައެވެ.

ނަމަވެސް އެބޭފުޅާއާއި ބައްދަލުވުމުގެ ފުރުޞަތު ލިބިގެންމިދިޔައީ އޭގެ އެތަކެއް އަހަރު ފަހުން 2019 ޖުލައި ބާރަވަނަދުވަހުގެ ރޭގައެވެ. އާދޭހެވެ! އެބޭފުޅާ އަޅުގަނޑަށް މަރުޙަބާ ވިދާޅުވީ ނުހަނު އުފާވެރިކަމާއި އެކީގައެވެ. އެހާމެ ހިތްހެޔޮކަމާއި އެކީގައެވެ. އެހާމެ ހިތްތިރިކަމާއި އެކީގައެވެ. މި ކުޑަ ވަގުތުކޮޅުގައިވެސް އެބޭފުޅާގެ ކީރިތި އަޚުލާޤުފުޅު ހާސާވެގެންދިޔައެވެ. މޫރިތި މިޒާޖުފުޅު ފެނިގެންދިޔައެވެ. އަބުއި ބޭފުޅެއް ނަމަވެސް ސާދާ މިޒާޖުފުޅެއްގެ ވެރިއެކެވެ. މިޒާޖުފުޅުގައިވަނީ މަޑުމައިތިރިކަމެވެ. މުރުއްވަތްތެރިކަމެވެ. އަދިކީއްތޯއެވެ. އަޅުގަނޑަށް ސާފުވެގެން ދިޔައީ އެބޭފުޅާގެ ހިތްޕުޅުގައި މާދަރީބަހަށް އޮތް ލޯބި އަދިވެސް ފަނޑުވެގެންނުދާކަމެވެ.

އަޅުގަނޑު އެމަނިކުފާނާއި ތިންސުވާލު ކުރީމެވެ. ޖަވާބުދެއްވީ އުފަލާއި އެކީގައެވެ. އިތުބާރާއެކީގައެވެ. އާދެ! އަޅުގަނޑު ކުރި ސުވާލުތަކަށް، އެމަނިކުފާނު ދެއްވާފައިވާ ޢިލްމީ ޖަވާބުފުޅުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

(1) ދިވެހިބަހާއިމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

“އަޅުގަނޑު ދަންނަވަން އޮތީ މުޙައްމަދު އަމީން ވިދާޅުވި ފަދައިން، ދިވެހިބަހަކީ އެންމެ މީރު އެންމެ ފޮނި ބަސްކަމުގައެވެ. ދިވެހިބަހުން ނުބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. ފާޅު ނުކުރެވޭނެ ޝުއޫރެއް، ޚިޔާލެއްވެސް ނޯންނާނެއެވެ. ދެން މިއާދޭތެރޭ ވާހަކަދައްކަވާ ބޭފުޅަކު ވިދާޅުވެދާނެ، “ދެންމެ ޢައްބާސް ތިވާހަކަދެއްކިއިރުވެސް ބޭނުންކުރި “ޝުއޫރު” އާއި “ޚިޔާލު” މިލަފުޒުތަކަކީ ބޭރު ބަސްބަހުން ގެނެސްފައިހުރި ލަފުޒުތަކެކޭ” އާދެ! ދުނިޔޭގެ ހުރިހާ ބަސްބަހެއްގައިވެސް ބޭރުބަސް ބޭނުންކޮށްފައި ހުންނަކަމަށް، އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެ ބޭނުންކުރަމުން ވަކި ހިސާބަކަށް ދިޔައިމަ އަމިއްލަ ބަހަކަށްވެފައިހުރި ބަސްތައްވެސް އެބަހުއްޓެވެ. އަޅުގަނޑުމެން ލައިގެން މިތިބޭ ގަމީހުން ފެށިގެން ޖީބުގައިހުރި ގަލަމާއި ހަމައަށް، މިހުރިހާ އެއްޗެއްސަކީވެސް، ބޭރު ބަސްބަހުން އައިސްފައިހުރި ލަފުޒުތަކެވެ. އަދި ހަމަ ބާލިދީއާއި އަލަމާރިއާއި، މި ލަފުޒުތަކަކީވެސް ބޭރުބަސްބަހުން އައިސްފައިހުރި ލަފުޒުތަކެވެ. އިނގެރޭސިބަސްވެސް ދިވެހިބަހަށް އައުންއެއީ، އަޅުގަނޑު ނުޤަބޫލުކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑު ދަންނަވާނީ، އިނގެރޭސިބަސް ދިވެހިބަހަށްއައިސްގެން އެބަދަލުވާންވާނީ ދިވެހިބަހަކަށެވެ. އެބަސް އޮންނަންވާނީ އިނގެރޭސިކޮށެއް ނޫންކަމުގައެވެ. ޢަރަބިބަސްވެސް އަޅުގަނޑުމެންގެ ބަހަށް ބަދަލުވާންޖެހޭނެއެވެ. އެކަމަކު ޢަރަބީގައި ޚާއްޞަ އަޑުތަކެއްހުރުމުން، އެކަމަށް ސަމާލުކަންދެއްވަން ޖެހޭނެއެވެ. ކީރިތިޤުރުއާނާއި، ނަމާދުގެ ކިޔެވުންތައް އަޅުގަނޑުމެންގެތެރޭގައި ހިނގާތީ، އަދި ފުރިހަމަ އިސްލާމުންނަށްވާތީ، އެކަންތައްތަކަށް ރައްކާތެރިވުމުގެ ގޮތުން، އޭގެތެރެއިން ބައެއް ބަސްތައް، ބައެއް އަކުރުތައް، އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެން ދިއުމަކީ އެދެވޭކަމެއްނޫނެވެ. އެހެންނަމަވެސް މަޑުމަޑުން އެކަހަލަ ކަންތައްތައް ވަމުންދާނެކަމަށް ޤަބޫލުކުރަމެވެ.

ދިވެހިބަހަށް މިހާރު ދިމާވެފައިހުރި މައްސަލަތަކަކީ، އަޅުގަނޑުމެންވެސް ވިސްނާލަންޖޭހޭކަހަލަ ކަންތައްތަކެވެ. މިކަމުގައި ވަކިފަރާތެއް ކުށްވެރިއެއް ނުކުރަމެވެ. އެންމެންވެސް ވިސްނާފައި ރަނގަޅު ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަމަކީ، ކުޑަކުދިން ދިވެހިބަހަށްދޭ ސަމާލުކަމަށްވުރެ ބޭރު ބަހަކަށް ސަމާލުކަންދޭން ޖެހިފައި އޮންނަ ބޮޑުކަމެވެ. މަދަރުސާގައި ކިޔަވައިދޭ ގޮތުންނާއި ކިޔަވާ މާއްދާތަކުގެ ގޮތުން، މިހުންނަނީ އިނގެރޭސިބަހުން ދަސްކުރަންޖެހިފައެވެ. މިސާލަކަށް ހިސާބުގެ ނަވަތަ ދަސްކުރާއިރުވެސް މިޖެހެނީ އިނގެރޭސިން ދަސްކުރާށެވެ. ވީމާ ޢަދަދުވެސް ކުދިންނަށް ބުނެވެނީ އިނގެރޭސިބަހުންނެވެ. ހަފްތާގެ ދުވަސްތައްވެސް ދަސްވެފަ މިހުންނަނީ އިނގެރޭސިބަހުންނެވެ. މިހެންގޮސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ކަންތައްތަކެއް އޭގެ މައްޗަށް ބިނާވާ ކަންތައްތަކެއް މިހުންނަނީ، އިނގެރޭސިބަހުން ދަސްވެފައެވެ. ކުލަތައްވެސް ދަސްވެފައިހުންނަނީ އިނގެރޭސިބަހުންނެވެ. ދެން އެކުދިންޖެހޭނީ މަންމަ ކުރެން އަހާށެވެ. ގިނަފަހަރު މަންމައަށްވެސް ނޭނގެއެވެ. މިހިސާބަށް ދިޔައިމަ މީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެކެވެ.

ދިވެހިބަސް އުވިގެން ހިނގައިދާނެތޯ، ނުވަތަ ދިވެހި ބަހަކީ މިހާރު ބޭނުންބަހެއްތޯ، ބޭނުންބަހެއްނޫންތޯ، މިކަހަލަ ސުވާލުތަކާއި، ވާހަކަތަކާއިމެދު މިއަދު ޚިޔާލު ފާޅުކުރެވެމުން އެބަދެއެވެ. އަޅުގަނޑުގެ ނަަޒަރިއްޔާގައި މިއީ ޤައުމީ ފެންވަރުގައި ބަހުސް ކުރަންވެސް ރަނގަޅު ކަންތައްތަކެވެ. އަޅުގަނޑު ދެކޭގޮތުގައި އިރާދަކުރެއްވިއްޔާ ދިވެހިބަސް އުވިގެނެއްނުދާނެއެވެ. އަދި ދުނިޔޭގެ އުވިގެންދާ ބަސްތަކުގެ ތެރޭގަ ދިވެހިބަހެއް ގުނޭ ހިސާބަކަށް ނުދާނެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި، ދިވެހިބަސް ދަމަހައްޓަން މަސައްކަތްކުރައްވާ ބޭފުޅުން ތިއްބެވުމެވެ. ލިޔުންތަކާއި، ފޮތްތަކާއި އެއްޗެހި ދިވެހިބަހުން އެބަ ލިޔެވެއެވެ. ޤާނޫނުއަސާސީގައި ދިވެހިބަސް ވަރަށްބޮޑަށް ރައްކާތެރިކުރެވިފައި އެބައޮތެވެ. ދިވެހިބަސް ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އެޅިފައި އެބަހުއްޓެވެ. ދޭތެރެދޭތެރެއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅުއްވަމުން ގެންދަވާކަން، އަޅުގަނޑުމެން ހިތުގެއަޑިން އެކަމަށް ޝުކުރުވެރިވަމުން ފާހަގަކުރަންވެސް ޖެހެއެވެ. އެހެންވީމާ ދިވެހިބަހެއް އުވިގެނެއްނުދާނެއެވެ. އެހެން ނަމަވެސް ބަހެއް އުވެން ދިމާވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ވަރަށްގިނަ ކަންތައްތަކެއް، އަޅުގަނޑުމެންގެ ދިވެހިބަހަށްވެސް ކުރިމަތިވަމުން އެބަދެއެވެ. އޭގެ އެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި، މިހާރު ވަރަށް ގިނަ ޢަދަދެއްގެ ބޭރު މީހުން އެބައުޅެއެވެ. އެމީހުން އަޅުގަނޑުމެންގެ ބަހުން ވާހަކަދައްކަންފެށީމަ މިވާގޮތަކީ އަޅުގަނޑުމެންގެ ބަހުގަ މިހުރި ހަމަތަކާއި، އުޞޫލުތަކާއި ބަދަލުވަމުން ދިއުމެވެ. ދެބަހުން އެއްބަހަށް އެމީހުންގެ ރަށުގެ ބަހެއް ނޫނީ ބޭރުބަހެއް ނުވަތަ އިނގެރޭސިބަހެއް ގެނެސްގެން މިހެންވެސް އެބަވާހަކަދެއްކެއެވެ. ދިވެހިބަހުން މިހުންނަނީ، ވަރަށް މަދު ދެތިން ލަފުޒެއް ގުޅުވާލާ ތަންކޮޅު އެކަންޏެވެ. އެހެންނޫނީ މިހުންނަނީ އިނގެރޭސި ބަހުންނެވެ. ނުވަތަ އެހެން ކޮންމެވެސް ބަހަކުންނެވެ. އެހެންވީމާ އެކަހަލަ ކަންތައްތަކަށް ރައްކާތެރިވާން އެބަޖެހެއެވެ. އާދެ! ދުނިޔޭގެ ބައެއް ތަންތާގައި ބޭރުމީހުން މަސައްކަތްތަކުގައި ގެންނައިރު އެމީހުންނަށް އެންމެ ފުރަތަމަވެސް އެތަނެއްގެ ބަސް ދަސްކުރަން ކޮންމެވެސްކަހަލަ ކޯހެއް އެއްޗެއް ބާއްވައެވެ. އޭގެތެރޭގައި ދުވަސްކޮޅަކު އުޅެންޖެހެއެވެ. މިއީ މިހާރު އަޅުގަނޑުމެންގެ ރާއްޖޭގަ ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ. ކަންތައްތައް މިހާރު އެއަަށްވުރެ މައްޗައް ހިނގައްޖެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގައިވެސް ވިދާޅުވީ، ރާއްޖޭގައި އުޅޭމީހުންގެ ތިންބައިކުޅަ އެއްބައި މިހާރު ގާތްގަނޑަކަށް ބިދޭސީންނަށް ވެއްޖެކަމުގެ ވާހަކަފުޅެވެ. އެހެންވީމާ އެމީހުންނަށް ދިވެހިބަސް ދަސްކޮށްދޭށޭ ކިޔާފައި ، އަޅުގަނޑުމެންނަށް އަލުން ފިޔަވަޅުތަކެއް އެޅޭނެއެކޭވެސް ހިއެއްނުވެއެވެ. ވީމާ އަޅުގަނޑުމެން އެންމެ ކުޑަމިނުން އެމީހުންނާއި ވާހަކަ ދައްކާއިރު، އެ މީހުންގެ ގޮތަށް ބަދަލުކޮށްނުލާ އަޅުގަނޑުމެންގެ ގޮތް އެމީހުންނަށް ބުނެދޭން އެބަޖެހެއެވެ. އަޅުގަނޑު ދަންނަވާނީ ދިވެހިންގެ ހިތްވަރެއްހުރިއްޔާ މިކަމަށްވެސް އެދެވޭ ބަދަލެއް އަންނާނެކަމެވެ. މިހާރު މިވާގޮތަކީ ގޭގައި އުޅޭމީހާ އައިސް މިބުނަނީ “މިވެނި އެއްޗެއް އެބައުޅެއޭ” (މިސާލު: ދޮޅަހަކަށް ފިޔާ އެބައުޅެއޭ ނުވަތަ އަލުވިކޮޅެއް އެބައުޅެއޭ) މިކަހަލަ ގޮތްގޮތަށް މި ވާހަކަދެއްކީމާ އަޅުގަނޑުމެންވެސް އެމީހުންނާއި ވާހަކަ މިދައްކަނީ ހަމަ އެގޮތަށެވެ. އެމީހުންގާތުގައި އަޅުގަނޑުމެންވެސް މިބުނަނީ އެމީހުން އެބުނާ ގޮތަށެވެ. އެހެން ނުހައްދަވާ ރީތި ދިވެހިބަހުން އެމީހުންނާ ވާހަކަވެސްދައްކާ ދަސްކޮށްދީ ހެދީމާ އެމީހުންވެސް ހަމަ ރަނގަޅުވާނެއެވެ. ރަނގަޅަށް ވާހަކަވެސް ދައްކަން އެނގޭނޭއެވެ. އަޅުގަނޑުމެންގެ ޤައުމަށް ދާދިފަހުން އެމެރިކާގެ ޕުރޮފެސަރެއް ވަޑައިގެން ދިވެހިބަހުން ވާހަކަފުޅުދައްކަވާ ވަރަށްރީތި ތަޤުރީރެއްދެއްވިއެވެ. އެއިންވެސް އެނގެނީ ބޭރު މީހުންނަށްވެސް ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާއި ހުރިހާއެއްޗެއް ހިފަހައްޓަވައިގެން ވާހަކަ ދެއްކޭނެކަމެވެ. ވީމާ އަޅުގަނޑުމެން ހިތްވަރެއްލާފައި މިކަންތައް ކުރަންވީއެވެ.

ދެންތިބީ އަޅުގަނޑުމެންނާއި ބައްދަލުވާ ޓުއަރިސްޓުންނާއި، ޓުއަރިސްޓުން ކައިރީގައި މަސައްކަތްކޮށްއުޅޭ މީހުންނެވެ. ތެދެކެވެ. އެމީހުންނަކަށް ދިވެހިބަހުން ވާހަކައެއް ނުދެއްކޭނެއެވެ. އެކަމަކު އެމީހުންގެ އެ މާޙައުލާއި އެތަނާއި، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއާއި ދިވެހިންއުޅޭ ތަނާއި މިއީ ހަމަ ދެތަނެއް ކަމަށް ހިތުގައި ބޭއްވީމާ އަޅުގަނޑުމެންނަށް ދިވެހިބަސް ސަލާމަތްކުރެވޭނެއެވެ.

އާދެ! ދިވެހި ބަހުން މިއަދު މީގެ ކުރިއަށްވުރެ މާގިނައިން އެއްޗެހި ލިޔެވެއެވެ. ރޭޑިއޯ ޕުރޮގުރާމުތަކާއި އެއްޗެހި މާގިނައިން އެބަހެދެއެވެ. ދިވެހިބަހުންދޭ ދީނީ ތަޤްރީރުތަކާއި، ދިވެހިބަހުން ކިޔާ ވާހަކަތަކާއި މިކަހަލަ އެއްޗެހި، އަޅުގަނޑުމެންނަށް އަޑުއިވޭގޮތަށް ރޭޑިއޯއިންނާއި ޓީވީއިން ހިނގަމުންއެބަދެއެވެ. އެހެންކަމުން ދިވެހިބަސް މިހާރު މިއޮތީ އޭރަށްވުރެ މާކުރީގައެވެ. ހަމައެކަނި އެކަންތައްތައް ކުރާމީހުން ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކުގައި ހިފަހައްޓައި ރަނގަޅަށް އެކަން ކުރުމުން، ދިވެހިބަސް މިހާރު މިއޮތްވަރަށްވުރެވެސް މާ މޮޅުވާނެއެވެ. އެހެންވީމާ ދިވެހިބަސް ދަށަށްދާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ދިވެހިބަސް އޮތީ ކުރިއަރާށެވެ. އަޅުގަނޑުމެން އެންމެން މަސައްކަތްކުރާށެވެ.”

(2) އައު ލަފުޒުތައް ހެއްދެވުމާއި ދޭތެރޭގައި ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

“އާދެ! ދިވެހިބަހުގެތެރެއަށް އާލަފުޒުތަކެއް ހެދި އިތުރުވަމުން އެބަދެއެވެ. ހުރިހާ ޒަމާނެއްގައިވެސް ދިވެހި ބަހުގެ ތެރެއަށް އާ ލަފުޒުތައް އިތުރުވަމުންދިޔައެވެ. ޢަރަބިބަހުންނާއި އުރުދޫބަހުންނާއި ފާރިސީބަހުން ގެނެވުނު ބަސްތައް ބައެއްފަހަރު ހަމަ އެބަސް ހުރިގޮތަށް ދިވެހިބަހުގެ ތެރެއަށް ގެނެވިފައި އެބަހުއްޓެވެ. މިސާލަކަށް އަޅުގަނޑުމެން މިކިޔާ މާދަރީބަހަށް ބަލާލަމާތޯއެވެ. “މާދަރީ” އަކީ ފާރިސީ ބަހުން އައިސްފައި އޮތް ލަފުޒެކެވެ. އެހެންވީމަ ހަމަ އޭރުގެ ބޭފުޅުންވެސް ހަމަ ބޭރުބަސް ބަސް ބޭނުންކުރައްވާފައި އެބަހުރިއެވެ.

އާދެ! ބަހަށް ބަސް ހެއްދެވުމުގައި ދިވެހިބަހުގެ އެކަޑަމީން ވަރަށް ރަނގަޅު ހަމަތަކަކާއި، އުޞޫލުތަކެއް ގެންގުޅުއްވާކަން އަޅުގަނޑު ޤަބޫލުކުރަމެވެ. އެކަޑަމީން ކުރައްވާ މަސައްކަތްޕުޅަށް އަޅުގަނޑު މަރުޙަބާ ކިޔަމެވެ. އަޅުގަނޑު ދަންނަވަންއޮތީ، މީހުންގެތެރޭގައި އަށަގަންނާނެ ފަދަ ގޮތަކަށް އަދި މީހުންނަށް ފަސޭހައިން ޤަބޫލުކުރެވޭފަދަ ގޮތަކަށް މިކަންތައްތައް ކުރެއްވުމަކީ ވަރަށް ބުއްދިވެރިކަމެއް ކަމުގައެވެ. އަދި ބަހެއް ހައްދަވާފައި ކުއްލިއަކަށް ނެރެވުމުގެ ކުރިން، އެބަސް ޢާންމު ކުރެވޭނެ ގޮތަކަށް ވާހަކަދައްކަވާލައްވައި ކަންތައްތައް ކުރެއްވުމަކީވެސް، މިހާރަށްވުރެ މިކަންތައް ވައިގައިހިފައި ރަނގަޅު ގޮތަކަށްވެގެން ހިނގައިދާނެކަމެއް ކަމުގައެވެ.

އަލަށް ހެދުނު ބަސްތަކުގެތެރޭގައި، ވަރަށް ރަނގަޅު ބަސް ވެސް ހެދިފައި އެބަހުއްޓެވެ. އަދި ހާއްޞަކޮށް ކުރިންހުރި ބަސް ބަސް މިހާރުގެ ގޮތްގޮތަށް ބޭނުންކުރުމަށްޓަކައި، މިހާރުގެ މާނަތައް އެއަށް ގެންނަވައިގެން އެ ކުރައްވާ މަސައްކަތްޕުޅުތަކަކީ، ހަމަ ވަރަށް ރަނގަޅުކަމެކެވެ. މިއީ ދުނިޔޭގެ އެހެންތަންތާގައިވެސް މިކަންތައްތައް ކުރާ އުޞޫލުކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އާ ބަސް ހެދުމަކީ ވަރަށް ރަނގަޅުކަމެެކެވެ. ދިވެހިބަހުގެ އެކަޑަމީން މިހާރު ކުރައްވާ މަސައްކަތްޕުޅު ވަރަށް ރަނގަޅެވެ. އަދި މިއަށްވުރެވެސް ރަނގަޅު ކުރެއްވުން އެދޭ ވާހަކަ ދަންނަވަމެވެ.”

(3) ލިޔުންތެރިން މިއަދު ވިސްނަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ؟

“ލިޔުންތެރިންނޭ ވިދާޅުވީމައި އެވެސް ސުވާލެކެވެ. 2000 ވަނަ އަހަރު އަޅުގަނޑުމެން ލިޔުންތެރީންގެ ބައްދަލުވުމެއް ބޭއްވީމެވެ. އެބައްދަލުވުމުގައި އަޅުގަނޑުމެންގެ ތެރޭގައި ވަރަށްބޮޑު ސުވާލެއްއުފެދުނެވެ. ލިޔުންތެރިންނަކީ ކޮބައިތޯއާއި ލިޔުންތެރިކަމަކީ ކޮބައިކަމެވެ. ކޮންމެއަކަސް އެބައްދަލުވުމުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ނޫހަށް ލިޔާމީހުންނަކީވެސް، ވާހަކަލިޔާ މީހުންނަކީވެސް، އަދިހަމަ އެއްޗެއް ލިޔާމީހެއްކަމުގައިވިޔަސް، އެއީ ލިޔުންތެރިންކަމުގައެވެ. އެހެންވީމާ އަޅުގަނޑުމެން އަދިވެސް މިބަލަނީ އެގޮތަށެވެ. އެހެންކަމަށްވަންޏާ ލިޔުންތެރިންގެ ތެރެއިން ކޮންމެ މީހަކީވެސް ބަހުގެ ހަމަތަކާއި، އުޞޫލުތަކާއި، ޤަވާއިދުތަކުގައި ހިފަހައްޓާ މީހަކަށް ވާންޖެހޭނެއެވެ. އެއީ ކޮންމެ ލިޔުންތެރިއެއްގެވެސް މަސްއޫލިއްޔަތެކެވެ.

ދެން ވިދާޅުވެދާނެ “ޤަވާއިދަކީ ބަދަލުވާނެ އެއްޗެކޭ، އަދި އުޞޫލުތަކާއި، ހަމަތަކަކީވެސް ބަދަލުވަމުންދާނެ އެއްޗެކޭ” ތެދެކެވެ. ބަދަލުވާނެއެވެ. އެހެންނަމަވެސް ޢިލްމީފެންވަރެއްގައި ވާހަކަދެއްކޭ ބޭފުޅުން، އޭގެ ބަދަލުކުރެވޭ ގޮތްތަކަށް ބަދަލުކުރުމާއި، ހަމަ މީހަކު ހިތަށް އެރީމާ ހިތަށް އެރި ގޮތަކަށް ބުނުމާއި، ލިޔުމާއި އެއީ ވަރަށް ތަފާތު ދެކަމެކެވެ. އެހެންވީމާ އަޅުގަނޑުގެ ވާހަކައަކީ، ބަދަލު އަންނާނެކަމެވެ. އެކަމަކު ބަދަލު އަންނަންވާނީ ބަދަލު އަންނަންވެގެންނެވެ. ހަމަ ކޮންމެ މީހަކު ހިތަށް އެރީމަ ހިތަށްއެރިގޮތަކަށް ބަދަލުކޮށެއް ނުލެވޭނެއެވެ. މީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަން ޖެހޭނެ ކަމެކެވެ. ތިމާ އެއްޗެއް ލިޔެފައި ދޫކޮށްލާއިރު އެއީ ފަހުން އަންނަ މީހުން އެބަލާނެ އެއްޗެއްކަން، ކޮންމެ މީހެއްގެ ހިތުގައި އޮންނަންވާނެއެވެ. ތެދެކެވެ. ފަހުން އަންނަ މީހާ ބުނާނެއެވެ. މިވެނި މީހެއްގެ ލިޔުމުގައިވެސް އޮތީމިހެންނެވެ. އެވެނި މިވެނި މީހެއްގެ ލިޔުމުގައިވެސް އޮތީ މިހެންނެވެ. އާދެ! ދެން އޭގެ މައްޗަށް ދިރާސާކުރެވި ކަންތައްތައް ކުރެވޭނެއެވެ. އެހެންވީމާ ދޫކޮށްލާ ކޮންމެ ލިޔުމަކީ، ޒިންމާއެއް އުފުލާ ޒިންމާއެއް އޮތްއެއްޗެކެވެ. އެ ޒިންމާ ފުރިހަމަނުކޮށް ދޫކޮށްލައިފީވިއްޔާ ފަހުން އެއިން ލިބޭނީ ގެއްލުމެވެ. ފައިދާއެއްނުކުރާނެއެވެ. ވީމާ ކޮންމެ ލިޔުންތެރިއަކުވެސް މިކަން ވިސްނަންވާނެއެވެ. އެއީ ޚަބަރެއް ލިޔާމީހަކަށްވިޔަސް، އެއީ ސިޓީއެއް ލިޔާމީހަކަށްވިޔަސް، އެއީ ރިޕޯޓެއް ލިޔާމީހަކަށްވިޔަސް، ވާހަކައެއްލިޔާ މީހަކަށްވިޔަސް ލިޔެފައި ދޫކޮށްލާ އެއްޗެއްގައި އެ ހުންނަންވީ ހަމަތަކަކާއި، އުޞޫލުތަކަކާއި ހުންނަންޖެހޭނެއެވެ. އެހެންނޫނީ ފަހުން ވަރަށް ނުބައި ނަތީޖާއެއް ނިކުންނާނެއެވެ.

އަޅުގަނޑުމެންނަށް މިހާރުވެސް އެހެންވެއެވެ. މިސާލަކަށް ކުރީޒަމާނުގެ ފަތްކޮޅުތައް ބަލާލާއިރު “މިއޮތީ މިހެންނޭ، މިވެނިފޮތެއް ޗާޕުކޮށްފަ އޮތްއިރު ޖަހާފައި މިއޮތީ މިހެންނޭ” ބުނެއެވެ. މިސާލަކަށް ލިޔާމީހާ އަތުން ނުވަތަ އެލިޔާ ކާތިބަށް ޖެހިފައޮތް ކުށެއްވިޔަސްވެސް މިއަދު މިބަލަންޖެހެނީ ކުރީގައި ދެންނެވިހެންނެވެ. އެހެންވީމަ މިއީ އެހެން އޮތްކަމެކެވެ. މިޒަމާނުގައި މިގެންގުޅެނީ ކޮމްޕިއުޓަރާއި އެއްޗެއްސެވެ. އެއަށްވުރެ މާގިނަދުވަހު މިއެއްޗެހި ހުންނާނެވެސްމެއެވެ. އެހެންވީމާ މިހާރުގެ ލިޔުންތެރިއެއްގެ ޒިންމާއާއި މަސްއޫލިއްޔަތު މާބޮޑެވެ.

ލިޔުންތެރިން ކޮށްދެއްވަންވީކަމަކީ، ބަހުގެ ހަމަތަކާއި އުޞޫލުތައް މިއޮތްގޮތަށް ބޭއްވުމެވެ. އޭގެ މާނައަކީ އިޞްލާޙު ނުގެންނާށެކޭ ނޫނެވެ. އަދި ކުރިޔަށްދެވެންހުރި ފިޔަވަޅުތައް އެޅުމުގައި، އެބޭފުޅުންގެ ފައިންޕުޅު ކުރިއަށް ނުނަންގަވާށެކޭވެސް ނޫނެވެ. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ، ހަމަ އެމީހަކު ހިތަށްއެރިގޮތަކަށް، ހަމަ އެމީހަކަށް ފެންނަގޮތަކަށް ޢިބާރާތްތައް ކޮށްފައި އެއްޗެހިތައް ބުނެދިނީމާ ރަނގަޅެއްނުވާނޭކަމެވެ. ބުނަންއުޅޭ އެއްޗެއްވެސް އޮންނާނީ ނުބުނެވިފައެވެ.”

އެއްވެސް ޝައްކެއްނެތެވެ. ވަރަށްވެސް ޢިލްމީ ޖަވާބުފުޅުތަކެކެވެ. ވަރަށްވެސް ރަނގަޅު ޚިޔާލުފުޅުތަކެއް މެއެވެ. އާދެ! ދިވެހިން ދިވެހިބަސްދެކެ އިންތިހާއަށް ލޯބިވާންވެއްޖެއެވެ. ދިވެހިބަސް އިންދިރާސްވެގެން ދިޔަނުދޭން މަސައްކަތްކުރަންވެއްޖެއެވެ. ދިވެހިބަސް އާލާކޮށް އިންޤިލާބެއް ގެންނަންވެއްޖެއެވެ. ކަމާއިބެހޭ ފަރާތްތަކުން މިކަމަށް އެކަށޭނަ އިންތިޒާމުތަކެއް ހަމަޖައްސަވަން ޖެހިއްޖެއެވެ. އަދިކީއްތޯއެވެ. ކޮންމެ ދިވެއްސަކީވެސް ދިވެހިބަސް ކުރިއަރައި ދިޔުމަށް ކެނޑިނޭޅި މަސައްކަތްކޮށް އެކަމުގެ އިންތިޒާރީގައި ހުންނަ މީހަކަށްވާންޖެހިއްޖެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.