އަންހެނެކޭ ބުނެލައިފިއްޔާ ގިނަމީހުންގެ ހިތަށް ފުރަތަމަވެސް ސިފަވާނީ ކުދިންތަކެއް ގޮވައިގެން ގޭތެރޭގައި ދަލުން ތަތްތެޅިފައި އިންނަ މީހެކެވެ. ނަމަވެސް ނިކަން ވިސްނާލަބަލާށެވެ. އަންހެނުންނަށް ލިބިފައި އޮތީ ހަމައެކަނި މިވަރު ހެއްޔެވެ؟

އެކުދިންގެ ކުޑައިރު “ޕްރިންސަސް” އެއްގެ ގޮތުގައި ހޭދަކުރި ކުއްޖަކު ހާހަކުން ފެނިދާނެއެވެ. ނަމަވެސް ގިނަ އަންހެން ކުދިންނަކީ އަންހެން ކުއްޖަކަށްވީތީ، ފެށުނީއްސުރެ މަސްޢޫލިއްޔަތުތައް ބޮލުގައި އަޅަން ޖެހިފައި ތިބި ބައެކެވެ. އެންމެ ދޮށްޓަށް ހުރެއްޖެނަމަ ދެންލިބޭ ކުދިންގެ މަންމައެއްގެ ރޯލު އަދާކުރަންޖެހޭ ކުދިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެހެން ކުދިންގެ ނެޕީ ބަދލުކުރުމާއި ހިސާބުން ފެށިގެން ފިލާވަޅުތަކާއި ހަމައަށެވެ. ބައްޕަގެ ކެއުމުން ފެށިގެން މަންމަގެ ބޭހާއި ހަމައަށެވެ. ނަމަވެސް ދެރައީ މި ކަންކަމުން އެއްވެސް ކަމެއް ބަލައިގަންނާނެ މީހަކު ނުހުންނަކަމެވެ. އެންމެން ދެކޭ ގޮތުގައި އެއީ ކުރަންޖެހޭ ކަންތަކެވެ. ކީއްވެ ހެއްޔެވެ؟ އަންހެނަކަށް ވީތީއެވެ.

މި ހާލެއްގައި އުޅެ ގިނަފަހަރު މިކަންކަމުން ސަލާމަތްވުމަށް މާބޮޑު ވިސްނުމެއްނެތި އެންމެ އަވަހަށް ޖެހުނު މީހަކާ ޅައުމުރުގައި ކައިވެންޏެއް ކޮށް ހަޔާތެއް ފައްޓައެވެ. ނަމަވެސް ނުވިސްނޭ ކަމަކީ އެލިބޭ މީހާ އަކީ ހަޔާތުގައި ކޮންމެ ކުލައެއްވެސް ޖައްސަފާނެ މީހެއްކަމެވެ. ހަޔާތުގެ ކުޅި ފެށެނީ އަދި މިހާ ހިސާބުންނެވެ. ފުރަތަމަކޮޅު ފިރިމީހާއަށް އިންތިހާއަށް ވަގުތުދީ މާފޮޅުވަން ހޭދަ ކޮށްލަނީ ލިބުނު މިނިވަންކަމާއި ލިބެމުންދާ އަޅައިލުމުގެ ފޮނިކަމުންނެވެ.

ނަމަވެސް މީ މާގިނަ ދުވަހަށް ދެމިގެންދާނެ ބާބެއް ނޫންކަން އިހުސާސްވާން ނަގަނީ މަދު ވަގުތުކޮޅެކެވެ. ހަޔާތުގެ ދެތިން ދުވަސްތެރޭ ފިރިމީހާއަށް، ފިރިމީހާގެ އާއިލާއާއި ދިރިއުޅުން މާބޮޑު އެއްޗަކަށް ވެގެންދެއެވެ. އެހިސާބުން ހަޔާތުގެ އެއްބާބުން ލިބުނު ވަރުބަލިކަން ނުފިލަންދެން އެއަށްވުރެ ބުރަ ބާބެއް އޮންނަނީ ފަށަން ޖެހިފައެވެ. މިހިސާބުންވެސް އެންމެންގެ ފުށުން ފެނިގެންދަނީ އެއީ ކަންވާންޖެހޭ ގޮތްކަމެވެ. އެއީ އަނބިމީހާއަށް ޙައްޤުވާ މިންވަރުކަމަށް އެންމެން ނިންމައެވެ. އަންހެނަކަށް ވީތީއެވެ.

ފިރިމީހާ މަސައްކަތު ދިއުމުގެ ކުރިން ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ކޮށްދިނުމަށްފަހު ރަނގަޅު ހިނިތުންވުމަކާ އެކު ކޮންމެ ދުވަހަކުވެސް ފޮނުވުމަކީ އާދައަކަށް ހަދައެވެ. އެއަށްފަހު ގޭތެރޭގައި ކުރަން ހުންނަ އެންމެ ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތައް ކޮށް ނިންމާލަނީ އެއްވެސް ވަރުބަލިކަމެއް ޝަކުވާއެއް ނެތިއެވެ. ފިރިމީހާގެ އާއިލާ ފަރާތުން އެންމެ އެކަށޭނަ އަޅައިލުން ނުލިބުނަސް މެއެވެ. ކުށެއް އޮވެގެނެއް ނޫނެވެ. އަންހެނަކަށް ވީތީއެވެ. އެންމެ ކުޑައިރުއްސުރެ އުޅެ ބޮޑުވި ގޮތާއި ކުރި ކަންތައްތައް ބަދަލުވެ އާ ކަންކަން ދަސްކޮށް އެހެން މީހުންނާއެކު ފައިތިލަ ސާބިތުކުރަން އުޅޭތަން އެހެން މީހުންނަށް ނުފެންނަނީއެވެ. ހަމަ އަންހެނަކަށް ވީތީއެވެ.

ގެއަށް އަންނަން ވާއިރަށް ފިރިމީހާގެ ޚިދުމަތަށް ތައްޔާރުވެގެން ތިބެތެވެ. ފިރިމީހާ މަސައްކަތް ކޮށް ވަރުބަލި ވެގެން އަންނާނެތީއެވެ. ދެރަކަމަކީ ގޭދޮށް ރީތިކޮށް އޮތްތަން ފެނެއެވެ. ގެއަށް އައިސް ވަނުމަށްފަހު ހިތްހަމަ ޖެހިގެންދަނީ ތަނުގެ ސާފުކަމާއި ކައްކާފައި ހުރި މީރު ކާއެއްޗެހި ފެނުމުންނެވެ. ނަމަވެސް މައްސަލައަކީ އެއްފަަހަރުވެސް އެކަން ކުރިމީހާ އެނގި ހުރެމެ އެކަން ފާހަގަކޮށްވެސް އެއްޗެއް ބުނެނުލާތީއެވެ. ހަމަ އަންހެނަކަށް ވީތީއެވެ. އަންހެނަކަށްވީތީ ކުރަންޖެހޭ ކަންތައްތަކަށް ވާތީއެވެ.

ދެން އަންނަނީ މިހުރިހާ ކަމަކުން އަރާ ހުރި ހަރުފަތެކެވެ. ބަލިވެ އިނދެ ކުއްޖަކު ލިބޭ ހިސާބުން އަންހެނުންގެ މަސައްކަތް ދެގުނައަށް އިތުރު ވެގެންދާކަން ދެންތިބޭ މީހުނަށް ރޭކާވެސް ނުލައެވެ. މަސައްކަތް އެކަނި ހެއްޔެވެ؟ ހަމައަށް ނިދި ނުލިބި ވަރުބަލިކަންމަތީ ތިބެ ހަމަޖެހިލައިގެން ކާއެތިކޮޅެއް ކައިނުލެވި މީހާ ގަނަތެޅޭތަން ވެސް ހަމަ އެއްވެސް މީހަކަށް ފެންނަ ކަމަށް ނުވަނީއެވެ. ހަމަ އަންހެނަކަށް ވީތީއެވެ. އަންހެނަކަށް ވީތީ މިހުރިހާ ކަމެއްވެސް ކުރެވެން ޖެހޭނެއެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ނިކަން ވިސްނާބަލާށެވެ. ތިޔަ ޝަކުވާ ކުރަނީ ދަރިން ލިބުމަށްފަހު އަންހެނުން ބަދަލުވެޔޭ ކިޔާފައި ހެއްޔެވެ؟ އަންހެނުން ހަމަ އަސްލުވެސް ބަދަލުވަނީ ހެއްޔެވެ؟ ޝަކުވާ ތިޔަކުރަނީ އަންހެނުން ލޯބި ނުވާތީ ހެއްޔެވެ؟ އަންހެނުންގެ ލޯބި އިތުރު ވަނީކީ ނޫންހެއްޔެވެ؟ ޝަކުވާ ތިޔަ ކުރަނީ ތިޔަ ފިރިންނާ ދޭތެރޭ އަންހެނުން ނުވިސްނައޭ ކިޔާފައި ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދައިލަން އެންމެ ފަހަރަކު އަންހެނެއްގެ ހަޔާތުން ދުވަހަކާމެދު ފުން ނަޒަރަކުން ވިސްނާލައްވާށެވެ.

ކޮންމެވެސް ވަރަކަށް އެއިން ބައެއް އަޅުގަނޑު ހިއްސާ ކޮއްލައިދޭނަމެވެ. ހަޔާތުގެ މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި އޮތަސް ކައިވެނީގެ ހަޔާތް ކޮންމެ އަންހެން ކުއްޖަކުވެސް ފައްޓަނީ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައެވެ. ގިނަ އަންހެން ކުދިން ކައިވެންޏަށް ފަހު ފިރިމީހާ އެއީ ހުރިހާވެސް މީހެއްގެ ގޮތުގައި ފުއްދައެވެ. މީގެ ހެއްކަކީ ކައިވެންޏާ ހަމައިން ގެންގުޅުނު ހުރިހާ ރަޙުމަތްތެރިންނާ ދުރުވެ ހުރިހާ ވަގުތެއް ފިރިމީހާއަށް ހުސް ކުރާކަމެވެ. ކިތަންމެ ކުޑަކަމެއްވިޔަސް ހިއްސާ ކުރާ ހަމައެކަނި ފަރާތަކީ ފިރިމީހާ ކަމުގައި ހަދައެވެ. ކޮންމެ ކަމެއް ދިމާވިޔަސް ފިރިމީހާއިން އެމީހުނަށް ފުދެއެވެ.

ކިތަންމެ ފަހަރަކު އަޑުއަހާ އެއްޗެކެވެ. އޮފީހުގައި ނޫނީ ޑިއުޓީގައި އަށް ގަޑިއިރު ހޭދަކުރުމަށްފަހު އައިސް މަސައްކަތް ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ބޭނުންވަނީ އަރާމު ކޮއްލާށެވެ. މިހެން ބުނެ ޖައްސައިނުލަމު ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ގޭތެރެއަށް ނަޒަރު ހިންގައިލާ ކޮށްފާ ހުރިކަންތައް ބަލައިލީމު ހެއްޔެވެ؟ އަނބިމީހާވެސް ކޮށްފައި ހުރީ ހަމަ މަސަައްކަތެއް ނޫން ހެއްޔެވެ؟ ވަރުބައްޔެއް ނުވާނެ ހެއްޔެވެ؟

ދަރިން ލިބުމާ ހަމައިން އަންހެނުން އެކުގައި ހޭދަކުރަމުން ދިޔަ ވަގުތު މަދުވެގެން ޝަކުވާ ކުރަމު ނޫން ހެއްޔެވެ؟ އަދި ކޮބާހެއްޔެވެ؟ އަންހެނުން ހަމަޖެހިލައިގެން ކަމަކާ ވާހަކަ ދައްކާލަން ބޭނުން ވެގެން ބުނުމުން ފުސްމޫނު ދެއްކުމުން އަންހެނުންގެ ނުރުހުން ފެނުމުން އަންހެނުން ވަނީ ވަރަށް ފޫބޮޑާ ދައްކާ އުނދަގޫ ކުރާ ބަޔަކަށް ދޯއެވެ. އެންމެ ފަހަރަކުވެސް އެދުވަހު އޭނާ އުޅުނު ގޮތް ބަލައިލަ ބަލާށެވެ. ހެނދުނު ތެދުވީއްސުރެ އުޅުނީ ފިރިމީހާއާއި ދަރިންގެ ކަންކަމުގައެވެ. ކެއްކުމާއި ސާފުކުރުމުގައެވެ. ވަރުބަލިކަމަކީ މީހާ “މޫޑީ” ވާކަމެކޭ ބުނާ އަޑު ނާހަން ހެއްޔެވެ؟ އަންހެނުން ވަރުބަލިވާނެޔޭ ހަމަ ހިތަށް ނާރާ ހެއްޔެވެ؟

ތިޔަ ބުނެލަނީ އަށް ގަޑިއިރެއްގަ އެންމެ ޑިއުޓީއެއް އަދާ ކޮއްލީމާ ވަރުބަލިވި ވާހަކަ ހެއްޔެވެ؟ އަންހެނުންނަށް ބަލައިލަބަލާށެވެ. އިރުއެރީއްސުރެން އެއީ ކުދިން ބަލާމީހެކެވެ. ސާފު ކުރާމީހެކެވެ. އެއްޗެހި ދޮންނަމީހެކެވެ. ޑޮކްޓަރެކެވެ. ނަރުހެކެވެ. ޓީޗަރެކެވެ. މުނިފޫހިފިލުވައިދޭ މީހެކެވެ. މިހެންގޮސް ނަން ހުސްކޮށެވެ. ވަރުބަލިވާންވީ ކާކު ހެއްޔެވެ؟ އިރުއޮއްސި އެތައް ދަމެއް ހުސްވާފަހުން އައިސް އޮށޯންނަނީ އަނެއްދުވަހުގެ މަސައްކަތުގެ ތާވަލު ސިކުނޑިއަށްލައި އޭގެ ބުރަކަމާއެކުގައެވެ.

އަންހެނުންނަކީ ގޭތެރޭގައި ތިބެ އެތަކެއް ވަޒީފާއެއް ކޮންމެ ދުވަހަކުވެސް އަދާކުރާ ބައެއް

މިޒަމާނުގެ ދިރިއުޅުމަށް ބަލާއިރު ގިނަ އަންހެނުންނަކީ އޮފީހަށް ގޮސް މަސައްކަތް ކުރަމުން މިހުރިހާ ޒިންމާއެއްވެސް އެއްވެސް ޝަކުވާއެއްނެތި އުފުލާ ބައެކެވެ. މިމީހުން ބޭނުންވާ މާބޮޑު އެއްޗެއް ނެތެވެ. ބޭނުންވާ މާބޮޑު ކަމެއް ނެތެވެ. ހަމައެކަނި އެދެނީ އެމީހުންގެ އަގުވަޒަން ކުރުމަށެވެ. އެމީހުން ހުއްޓިނުލައި 24ގަޑިއިރު އެއުފުލާ ބުރަ ބަލައިގަތުމެވެ. އެމީހުނަށް ވެސް ގަދަކުރުމެވެ. އެންމެ ކުޑަމިނުން ޝުކުރު އަދާ ކުރަން ބޭނުން ނެތިއްޔާ ހިތްމަރުވާ ކަހަލަ ބަސްތަކުން ދުވަހުގެ ވަރުބަލިކަން ކަނު އަދިރިގަނޑަކަށް ހަދައި ނުލާ ހިނިތުންވުމަކުން ނަމަވެސް ހިތް އުފާކޮށްދިނުމެވެ.

އަބަދުވެސް ހިތުގައި ބަހައްޓަދޭށެވެ. އަންހެނުންނަކީ ބޮޑުސޯޅައިންނެއް ނޫނެވެ. މިއަދު ތިޔަ ފިރިންނަށް ލިބިފައިވާ ކުރިއެރުމުގެ އަސްލު އަގު އަދާ ކޮށްދީފައިވަނީ މި އަންހެނުންނެވެ. މި އަނބިންނެވެ. ކޮންމެސް އެއްސިފައެއްގައެވެ. ކޮންމެ އަންހެނަކީވެސް ކޮންމެވެސް މީހެއްގެ މަންމައެއް ނޫނީ ދައްތައެކެވެ. އަންބެތް ނޫނީ ދަރިއެކެވެ. އެމީހުންގެ އަގު ހިފަހައްޓައިދޭށެވެ. އެއަށްވުރެ ވަކި އަގު ބޮޑު ބައެއް ކޮބައި ހެއްޔެވެ؟ ތިމާގެ އަނބިމީހާގެ މަސައްކަތުގައި އެއްބާރުލުން ދޭށެވެ. ތިބާގެ މައިންބަފައިންނާ ދަރިންނަށް އެ އަޅައިލުމާ ލޯބި ދޭން ބޭނުން ނަމަހީއެވެ.

 

ބަސްކޮށާރު:

ބޮޑުސޯޅަ

ނ

  • އެއްވެސް އަގެއްނެތް މީހެއް، ނުވަތަ އެއްޗެއް.

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް