އެންމެ ފަހުގެ ޗެމްޕިއަން މޮރިޝަސް ބަލިކޮށް ދިވެހިރާއްޖޭގެ އަންހެނުންގެ ޤައުމީ ޓޭބަލް ޓެނިސް ޓީމު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މުބާރާތުގެ ޓީމު އިވެންޓުން ގޯލްޑް ރަން މެޑަލް ހޯދައިފިއެވެ.

ދިވެހިރާއްޖެ ރަން މެޑަލް ހޯދީ ފައިނަލްގައި، މުބާރާތް ބާއްވާ ޤައުމު މޮރިޝަސް، 2-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިއަދު ރާއްޖެ މި ހޯދި ޝަރަފުވެރި ކާމިޔާބީ ހޯދާފައިވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ހޯދުނު ފުރަތަމަ ފަހަރެވެ. އަދި އެފަދަ ގޭމަކުން ރާއްޖެ އަށް ލިބުނު ޖުމްލަ ދެ ވަނަ ރަން މެޑެއްޔެވެ.

ރާއްޖެއަށް ފުރަތަމަ ރަން މެޑެއްޔެއް ކާމިޔާބުކުރެވުނީ 2015 ވަނަ އަހަރުގެ އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ. ހަސަން ސާއިދު އެ މެޑެލް ހޯދީ އިންޑިވިޖުއަލް އިވެންޓަކުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ