މީ ޕްރޮޑަކްޝަނުން އުފައްދައި މި އަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ބިރުވެރި ފިލްމު “ކާކު؟“ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފިއެވެ. “ކާކު؟“ގެ ރަސްމީ ޕޯސްޓަރު އާއްމުކޮށްފައިވަނީ ފިލްމުގެ ރަސްމީ ފޭސްބްކް ޕޭޖްގައި މިއަދު އެވެ.

ކާކު؟“ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

ފިލްމު “ކާކު؟” އިން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

ކާކު؟” ގެ ފުރަތަމަ ޓީޒާ މިހާރު އާއްމުކޮށްފައިވާއިރު، ބިރުވެރި އެތަކެއް މަންޒަރުތަކެއް ޓީޒާއިން ފެނިގެންދެއެވެ. ފިލްމުގެ ކާސްޓުންނަށް ބަލާއިރު މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ހާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަސޮބާ) އާއި ‘މީ ޕްރޮޑަކްޝަން’ އިން އުފެއްދި ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން މިހާރު ފިޔަޖަމުންދާ ހުނަރުވެރި ތަރި އިރްފާނާ އިބްރާހީމް (އިރޫ) މި ފިލްމުން ފެނިގެންދާނެއެވެ. މީގެ އިތުރުން ‘މީ ޕްރޮޑަކްޝަން’ އިން އުފެއްދި އެމީހުންގެ ފުރަތަމަ ވެބްސީރީޒް ’އަހަރެންވެސް ލޯބިވޭ‘ އިން ފެނިގެންދިޔަ އައިޝާތު ޔާސިރާވެސް ފިލްމު “ކާކު؟” އިން ފެނިގެންދާނެއެވެ. ’އަހަރެންވެސް ލޯބިވޭ‘ ވަނީ މިދިޔަ ރަމަޟާން މަހު ބައިސްކޯފުން ދައްކާފައެވެ.

ފިލްމު ”ކާކު؟“ގައި ވަރަށް ތަފާތު، އައު ސްޕެޝަލް އިފެކްޓަކެއް ފެނިގެންދާނެ ކަމަށް މާއެނބޫ ބުނެއެވެ. ފިލްމުގެ އެފްއެކްސް މަސައްކަތް ކޮށްފައިވަނީ ބޮޑު ރިޔާ އެވެ.

ފިލްމު “ކާކު؟”ގެ ރަސްމީ ޕޯސްޓަރު

ފިލްމު ”ކާކު؟“ ގެ ރަސްމީ ޕޯސްޓަރު ޑިޒައިންކޮށް ތައްޔާރުކޮށްފައިވަނީ ‘ތަސްވީރު’ ފޮޓޯ ސްޓޫޑިއޯއިން ނެވެ.

ފިލްމު ”ކާކު؟“ ގެ ރަސްމީ ޕޯސްޓަރު ނެރެފައިވާއިރު، ޕޯސްޓަރުގައި މުނިއަވަސްް ގެ ލޯގޯ ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ’މުނިއަވަސް’ އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަމުންދާ ފިލްމެއްގެ ޕޯސްޓަރުގައި ’މުނިއަވަސް’ގެ ލޯގޯ ޖެހިގެންދިޔަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ