“ފަތްތޫރަ” މަޖައްލާގެ 100ވަނަ އަދަދު ނުވަތަ ކުރިން ނެރުނު “ހުކުރު” މަޖައްލާގެ ޢަދަދެއް ހޯދާލަން ބޭނުންހެއްޔެވެ؟ މިހާރު އެއީ ނިކަން ފަސޭހައިން ކޮށްލެވެން އޮތް ކަމެކެވެ. “މަޖައްލާ.އެމްވީ“ގެ ނަމުގައި ދިވެހި ފޮތްތެރިކަމަށް ލޯބިކުރާ ދަރިއަކު މިވަނީ ވަރަށް ބިޔަ، އަގުހުރި މަސައްކަތެއް ފައްޓަވާފައެވެ.

މަޖައްލާ.އެމްވީ“ގައި މިހައިތަނަށް އައިއިރު، ފަތްތޫރަ، އައްޑަނަ، ހުކުރު، ހިދާޔަތުގެ އަލި، ދި އިސްލާމް، ޖަމާޢަތުގެ ޚަބަރު، ދަރުމަ މަޖައްލާގެ ވަރަށް ގިނަ ޢަދަދުތަކާއި ތާރީޚާއި ސަގާފީ ބައެއް ފޮތްތައް ވަނީ ހިމަނާފައެވެ.

މި އަގުހުރި، ދަރުމަވެރި މަސައްކަތާބެހޭ މަޢުލޫމާތުކޮޅެއް ހިއްސާކޮށްލުމަށް “މަޖައްލާ.އެމްވީ“ގެ ބާނީ އަލްފާޟިލް މުޙައްމަދު ޖައިލަމާ މުނިއަވަސް އިން ބައްދަލުކޮށްލީމެވެ. މުޙައްމަދު ޖައިލަމް އަކީ ޑިވެލޮޕްމެންޓް ފާރމެއް ކަމަށްވާ ‘ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އެވެ.

“މަޖައްލާ.އެމްވީ”ގެ ބާނީ އަލްފާޟިލް މުޙައްމަދު ޖައިލަމް – ފޮޓޯ: ޖައިލަމްގެ ފޭސްބްކް ޕްރޮފައިލުން

މަޖައްލާ.އެމްވީ“ގެ މަޤްޞަދަކީ އަދި މައިގަނޑު ބޭނުމަކީ ކޮބައިތޯ؟

މަޖައްލާ.އެމްވީ“ގެ ބޭނުމަކީ ކުރީގެ އަދި މިހާރުގެ މަޖައްލާތަކާއި، ފޮތްތައް އެންމެންނަށް އޮންލައިންކޮށް ކިޔައިލަން ފުރުޞަތު ދިނުން. ވަކިން ޚާއްޞަކޮށް ކުރީގެ ފޮތްތައް ނެތި ފަނާވެ ގެއްލިގެން ނުދާނެގޮތަށް، އެ މަޖައްލާތަކާއި ފޮތްތަކަށް އާ ދިރުމެއް ދެމެހެއްޓުން. ރިވައިވްކުރުން.

ބޭނުންވަނީ ސްކޫލްކުދިން، ޓީޗަރުން އަދި ރިސާޗްކުރާ މީހުންނަށް ފޮތްތަކާއި ލިޔުންތައް ހޯދުމުގައި ފަސޭހަކޮށްދިނުން.

މަޖައްލާ.އެމްވީ“ގެ މަޤްޞަދަކީ އެންމެންނަށް ފަސޭހަކަމާއެކީ ކިޔައިލެވޭނެ ގޮތަކަށް ފޮތްތަކާއި މަޖައްލާތައް ހިލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

މަޖައްލާ.އެމްވީ“ގެ މަސައްކަތް ކުރައްވަނީ ކޮންތަނަކުން، ކޮން ބޭފުޅުންނެއްތޯ؟

މަޖައްލާ.އެމްވީ” ޑިވޮލޮޕްކޮށް އަދި މިހައިތަނަށް ހިންގަނީވެސް ހަމައެކަނި އަޅުގަނޑު. މިއީ އަޅުގަނޑުގެ ރަސްމީ މަސައްކަތްކަމަށްވާ ‘ޖަވާބު ޕްރައިވެޓް ލިމިޓެޑް’ގެ މަސައްކަތުގެ އިތުރަށް އަޅުގަނޑުގެ ސައިޑް ޕްރޮޖެކްޓެއް.

މިފަދަ އެހެން ވެބްސައިޓްތަކާއި ޚިލާފަށް “މަޖައްލާ.އެމްވީ” ތަފާތުވަނީ އަދި ޚާއްޞަވަނީ ކޮން ގޮތަކަށްތޯ؟

މަޖައްލާ.އެމްވީ” ތަފާތުވާ ގޮތަކީ، “މަޖައްލާ.އެމްވީ” އިން ފޮތްތަކާއި ފޮތްތަކުގެ އެތެރޭގައި ހުރި އާޓިކަލްތަކުގެ ޓެކްސްޓް ސާރޗްކޮށްލެވޭނެ. މިސާލަކަށް: “މިނިވަން ދުވަސް” މިހެން ތާނައިން ޖަހާފައި ސާރޗްކުރީމާ އަންނާނެ، އެ ބަސްތައް ހިމެނޭ ހުރިހައި ފޮތެއްގެ ޞަފްޙާ ނަންބަރާއެކުގަ. ވަގުތުން އެ ޞަފްޙާ ކިޔައިލެވޭނެ.

މަޖައްލާ.އެމްވީ” ގަ މިގޮތަށް ސާރޗްކުރެވޭ ގޮތަށް ހަދާފައިވަނީ ގޫގްލް ތާނަ އޯސީއާރްގެ ޚިދުމަތް ބޭނުންކޮށްގެން.

“މަޖަލައްލާ.އެމްވީ”ގައި “މިނިވަން ދުވަސް” ޖަހާފައި ސާރޗްކޮށްލުމުން އަންނަ ނަތީޖާގެ ސްނިޕް ފޮޓޯއެއް – ފޮޓޯ: މުނިއަވަސް

މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ކޮބާ؟

އެންމެ ބޮޑު ދައްޗަކީ ކުރީގެ މަޖައްލާ އަދި ފޮތް ހޯދައި ސްކޭން ކުރުން. އެކަނި މި މަސައްކަތްކުރާތީ ވަރަށް ވަގުތު ނުވެފަ އޮންނަނީ ސްކޭންކޮށް ހަދަން. ނަމަވެސް ޖަވާބު ޓީމުގެ އެހީ ވަރަށް ބޮޑަށް ލިބޭ. ވަކިން ޚާއްޞަކޮށް ޖަވާބު ސީޓީއޯ އަރުޝަދު އަހްމަދުގެ.


ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ “މަޖައްލާ.އެމްވީ“ގެ ބާނީ އަލްފާޟިލް މުޙައްމަދު ޖައިލަމާ މިމަހުގެ 25 ވަނަ ދުވަހު ބައްދަލު ކުރައްވައި އެ ބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ހިތްވަރުދެއްވާފައި ވެއެވެ. އަދި އެކެޑަމީގެ އެހީތެރިކަން އެ މަސައްކަތަށް ދެއްވުމާ މެދު ގޮތްތަކެއް ވެސް ހަމަޖެއްސެވިކަމަށް އެކަޑަމީގެ ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މުނިއަވަސް އަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ ލަސްނުކޮށް “މަޖައްލާ.އެމްވީ” އާއެކު ފަހުމުނާމާއެއްގައި ސޮއިކުރާނެ ކަމަށާއި އިތުރު ފަތްތޫރަ އާއި އެހެނިހެން ފޮތްތައް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން އެހީތެރިކަން ވެދެއްވާނެ ކަމަށެވެ.

“އަޅުގަނޑު ދެކެނީ އެއީ ވަރަށް ބޭނުންތެރި ޚިދުމަތެއްގެ ގޮތުގައި. އޭގެ ބޭނުން ހިފަން މަދަރުސާތަކުގެ ކުދިންނަށް އިލްތިމާސް ކުރަން.” ދިވެހިބަހުގެ އެކެޑަމީގެ ރައީސް “މަޖައްލާ.އެމްވީ” އާމެދު ދެކިލައްވާގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.

މަޑުލު މުޙައްމަދު ވަހީދު، އަޝްރަފް ޢަލީ އާއިއެކުގައި ޖައިލަމް – ފޮޓޯ: އަޝްރަފް ޢަލީ

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެފަ އެބައޮތް ފަހުމުނާމާއެއްގަ ސޮއިކުރާ ވާހަކަ. އެކަން ސިފަކުރއްވަނީ “މަޖައްލާ.އެމްވީ“ގެ މަސައްކަތްތަކަށް ލިބުނު ކިހައިވަރެއްގެ ކުރިއެރުމެއްގެ ގޮތުގައިތޯ؟

ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ބޮޑު ރިކޮގްނިޝަން އެއް (ކުރާ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރުމެއް) އެ ލިބުނީ. އަދި ކޮޕީރައިޓްސް ފަދަ މައްސަލަތަކުން ލިބިގެންދާނެ ހިމާޔަތެއް އެއީ.

“މޫންލައިޓް މަޖައްލާ” ފަދަ އެންމެ އިހުގެ މަޖައްލާތައް ވެސް އަޕްލޯޑް ކުރައްވާނެތޯ؟

އާދެ، އެއްވެސް ކޮޅަކަށް ނުޖެހޭނަން. ހުރިހައި ވައްތަރެއްގެ މަޖައްލާވެސް އަޕްލޯޑް ކުރާނަން އިންޝާﷲ. ނަމަވެސް އަދި “މޫންލައިޓް” ލިބޭގޮތެއް ނުވޭ. ލިބިއްޖެއްޔާ އިންޝާﷲ، އަޕްލޯޑްކޮށް ކިޔުންތެރީންނަށް ފޯރުކޮށްދޭނަން.

މިހައިތަނަށް (26 ޖުލައި 2019 ގެ 1541 މިނެޓާ ހަމައަށް) ކިތަކެއް ފޮތް، މަޖައްލާ އަޕްލޯޑް ކުރެވިފަ ވޭތޯ؟

މިހައިތަނަށް 240 އަށްވުރެން ގިނަ މަޖައްލާ އާއި ފޮތް އަޕްލޯޑް ކުރެވިއްޖެ.

އެއްވެސް މާލީ މަންފާއެއް ނުލިބޭގޮތަށް ދަރުމައަށް ކުރައްވާ މަސައްކަތެއްތޯ “މަޖައްލާ.އެމްވީ“ގެ މަސައްކަތަކީ؟

އާދެ، ނަމަވެސް ސްޕޮންސަރޝިޕްގެ ފުރުޞަތުވަނީ ހުޅުވައިލެވިފަ. އަޅުގަނޑު ދެކޭގޮތުގައި މި ހަދާފައި ދޫކޮށްލީމާ، ދުވަސްކޮޅެއް ފަހުން މި ނެތިގެން ދާނެ. އެކަމަކު ކުޑަ ނަމަވެސް މާލީ ފައިދާއެއް ވާގޮތަށް މި ހިންގާނަމަ މިކަން ދެމެހެއްޓޭނެ. ބޭނުންވަނީ ސްޕޮންސަރޝިޕުން ލިބޭ ފައިސާއިން ސްޓާފުން ނަގާފައި މި ވެބްސައިޓް ހިންގުން ފުޅާކުރަން. ކޮންމެހެން އެ ފައިސާއިން މުއްސަނދިވާކަށް ނޫން.

މިހައިތަނަށްވެސް ހުރިހައި ޚަރަދެއް ކޮށްފައިވާނީ އަމިއްލަ ޖީބުން. ވެބްސައިޓް އަމިއްލައަށް ޖެނެރޭޓްކުރާ ފައިސާއިން ވެބްސައިޓް މެއިންޓެއިން ކުރެވޭނަމަ ޓާގެޓް އެޗީވް ވީ.

ނިންމައިލަމުން ފާހަގަކޮށްލާނީ ކޮންކަމެއް؟

މަޖައްލާ.އެމްވީ“ގެ ކިޔުންތެރީންގެ ކިބައިން އެދެނީ މިކަމަށް އެހީތެރިވުމުގެ ގޮތުން، ކުރީގެ މަޖައްލާއެއް އޮތް ނަމަ، އެ ސްކޭންކޮށްފައި “މަޖައްލާ.އެމްވީ“ގެ ފޭސްބްކް ޕޭޖަށް ފޮނުވައިދިނުމަށް. ވަރަށް ގިނަ މީހުންގެ އަތުގަ ނޫނީ ގޭގެ ކަބަޑުގަ ހުންނާނެ ހަލާކުވެދާން ކައިރިވެފާ ހުންނަ ކުރީގެ ލިޔުންތައް. އެ ސްކޭންކުރަން ދަތިނަމަވެސް އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވާށޭ.

ބޭނުންވަނީ އެންމެންނަށް ފެންނާނޭހެން، މި ޒަމާނަށް މިފަދަ ފޮތްތަކާއި މަޖައްލާތަކަށް ދިރުން ލިބިގެން ދިއުން.

މުނިއަވަސް އިން އެދެނީ “މަޖައްލާ.އެމްވީ“ގެ މި އަގުހުރި، ދަރުވަވެރި މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުމެވެ. “މަޖައްލާ.އެމްވީ“ގެ މަޤްޞަދުތަކާއި އެއްގޮތަށް ރާއްޖޭގައި ފޮތްތެރިކަމުގެ އައު ޖީލެއް މިކަމުގެ ސަބުން އުފެދިގެން ދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.