އެ ފިލްމެއްގެ ވާހަކަތައް މިއަހަރު އެންމެ ގަދަޔަށް ދެކެވެނު ފިލްމު “ލީނާ”ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި މިހާރު ދައްކަމުންދާއިރު، ފިލްމުގައި ޒުހޭރުގެ ރޯލުން ފެނިގެންދާ ޢަބްދުﷲ މުއާޒު (މުއާ)ގެ އަޑުން ކިޔާފައިވާ ހިތްގައިމު ލަވަ “ފިހެނީއެ އަލިފާނުން…” ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް މުއާ ބުނެފިއެވެ.

މުނިއަވަސް އާ ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރ އަދި ފިލްމުގެ ލީޑް އެކްޓަރ ޢަބްދުﷲ މުއާޒު (މުއާ) ބުނީ “ފިހެނީއެ އަލިފާނުން…” މި ލަވަ ކިޔާފައިވަނީ ކާކުކަން ބެލުންތެރިންނަށް މިހައިތަނަށް އާއްމުކޮށް އެނގިފައި ނެތަސް، އެ ލަވައަކީ މުއާ ކިޔާފައިވާ ލަވައެއް ކަމަށެވެ. ޒީނަތު އާއި މުއާ ފެނިގެންދާ މި ލަވައިން ވަރަށް ތަފާތު ލޯބީގެ އަސަރުތަކެއް ފެނިގެންދާއިރު، މި ލަވަ މުއާ ކިޔާފައިވަނީވެސް ވަރަށް އަސަރުގަދަކޮށް، ލޯބީގެ މަސްތުން ފުރިފައިވާ އިޙްސާސެއްގައިކަން ފާހަގަކޮށްލެވެއެވެ.

“ފިހެނީއެ އަލިފާނުން، މާކައިރީ ނަށަމުންދާ

ހޫމްއޫން… ފިހެނީއެ އަލިފާނުން، މާކައިރީ ނަށަމުންދާ

ވިރެނީއެ ހިތް މަސްތުން، ޖިސްމާއިއެކީ އަންދާ”

ތެދެކެވެ. ލަވައިގެ މި ޓްރެއިލަރކޮޅު ބަލައިލުމުން އެކަނިވެސް ‘ހިތް މަސްތުން ވިރިގެން’ ދާހާ ވެއްޖެއެވެ. ކައިރީގައި ނަށަމުންދާ އަލިފާނުން، މުއާ އާއި ޒީނަތު ލޯބީގެ މަސްތުގައި ފިހިގެންދާގޮތް އޮލިމްޕަހުން ބަލައިލުމުގެ ފުރުޞަތު އަދި ލިބިފައި ނުވާ ފަރާތްތަކަށް މީސްމީޑިއާ މެދުވެރިކޮށް މި ލަވަ ދައްކައިލުމަށް މުއާ ހުރީ ތައްޔާރަށެވެ. މާ ލަސްތަކެއްނުވެ ލަވަ ފެންނާނެކަމަށް މުއާ ބުނެއެވެ.

ޖުލައި 23ގައި ރިލީޒްކޮށްފައިވާ “ލީނާ”ގެ ހަތަރު ޝޯ ހައުސްފުލްކޮށް ދައްކާފައިވާއިރު، މިރޭ އޮންނަ ފަސްވަނަ ޝޯގެ ޓިކެޓްވެސް އެއްކޮށް ވިކި، ހައުސްފުލް ވެފައިވާކަމަށް މުއާ ބުންޏެވެ.

ފިލްމު “ލީނާ”ގެ ވާހަކަ ބިނާކޮށްފައިވަނީ 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުވައްޒަފު އަޒްލީނާގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެންނެވެ.

“ލީނާ”ގައި ފިލްމުގެ މެއިން ކެރްކްޓާ ލީނާ (އައްޒަ)ގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. މި ފިލްމުގައި މުއާ އާއި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، އަދި މަރިޔަމް ހަލީމެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ