ރާއްޖޭގެ ޞިއްޙީ ދާއިރާގައި އެއްކުރެވޭ މައުލޫމާތުތައް އިތުރަށް ހަރުދަނާކޮށް، އެއް މަންސައެއްގައި މައުލޫމާތުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ޖުލައި 28 ން 30އަށް ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ ވަރޝަން 2 (ޑީ.އެޗް.އައި.އެސް 2) ގެ ޓްރެއިނިންގް ޕްރޮގްރާމެއްވަނީ ކުރިއަށް ގެންގޮސްފިއެވެ.

ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ ވަރޝަން 2 ސޮފްޓްވެއަރ އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއިއެކު 60 އަށްވުރެ ގިނަ ޤައުމުތަކުގައި މިހާރުވެސް ޞިއްޙީ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެކެވެ. އަތޮޅުތަކާއި މާލޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ބޭއްވުނު މިތަމްރީން ޕްރޮގްރާމުގައި ގާތްގަނޑަކަށް 70 ބޭފުޅުން ބައިވެރިވިއެވެ.

ޖުލައި 31 އިން ފެށިގެން އެކެއް އޮގަސްޓުގެ ނިޔަލަށް މި ސިސްޓަމް މެދުވެރިކޮށް އެނެލިސިސްގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް ތަމްރީން ދެވޭނެކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އައި.ޓީ މުވައްޒަފުންވެސް މިމުއްދަތުގައި ސިސްޓަމަށް ބޭނުންވާ އައި.ޓީ ސަޕޯޓް ދިނުމަށް ތަމްރީންކުރެވޭނެއެވެ. 28 ޖުލައި އިން އެކެއް އޮގަސްޓަށް ކުރިއަށްގެންދެވޭ މިޕްރޮގްރާމްތަކުގައި ތަމްރީން ދެއްވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މާހިރުންނެވެ.

ޑީ.އެޗް.އައި.އެސް 2ގެ މަސައްކަތް ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ބޭނުމަކީ ޑިޖިޓަލްކޮށް ޞިއްޙީ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށް ހެލްތުން ވިދާޅުވެއެވެ. ދިވެހިރާއްޖޭގައި މިތަމްރީން ޕްރޮގްރާމަށްފަހު، ޞިއްޙީ ޚިދުމަތްދޭ ތަންތަނުން މިނިސްޓްރީއަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުމަށް މި މަންސް ބޭނުންކުރަން ފެށުމަށް ވަނީ ރޭވިފައެވެ. މީގެ ސަބަބުން އެއްކުރެވޭ މައުލޫމާތުގެ ފެންވަރު ހިފެހެއްޓި، ފަސޭހައިން ޞިއްޙީ ތަފާސްހިސާބު އެއްކުރެވި އަދި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ