ފަސިންޖަރުން އުފުލާ އެންމެބޮޑު މަތިންދާބޯޓު ކަމަށްވާ އެއަރބަސް A380 އަންހެނަކަށް ދުއްވިދާނެ ބާވައެވެ. މިއީ އެމިރޭޓްސްގެ އަންހެން ޕައިލެޓް އިއްތިހާދު އެއަރވޭޒްގެ ސީނިއަރ ފަރސްޓް އޮފިސަރ އައިޝާ އަލް މަންސޫރީގެ ވާހަކައެވެ.

މިކަން ފެށުނީ އަލް ޢައިން ގައިއޮތް އެއަރޝޯއެއް ބަލައިލަން އޭނާގެ ދައްތައާއެކު ދިޔަ ހިސާބުންނެވެ. އޭނާގެ ދައްތަ އަކީވެސް ޕައިލެޓެކެވެ.

“އެ އިވެންޓަށް ޒިޔާރަތް ކުރުމުގެ ތެރޭގައި ގައުމީ ކެޑޭޓް ޕްރޮގްރާމެއް ފަށަން އުޅޭ ވާހަކަ އެތާނގައި މަސައްކަތްކުރާ ބަޔަކު ބުނި. އެހިސާބުން އެކަމަށް ކުރިމަތިލާން އަހަރެން ނިންމިން. ޓްރެއިނިންގ ފެށިތާ އަށް މަސް ވީތަނާ އަހަންނަށް ވަޒީފާ ލިބިއްޖެ” އައިޝާ ބުންޏެވެ.

ވަޒީފާގެ ފުރަތަމަ މަސައްކަތަކަށްވީ އެއަރބަސް A320 މަރުކާގެ ބޯޓެއްގައި ޖޯޑްންގެ ޢަންމާނަށް ދަތުރު ކުރުމެވެ.

“އަހަންނަށް ބޯޓު ދުއްވުމުގެ ވަރަށްގިނަ ތަމްރީނާއި ތަޖުރިބާ ލިބިއްޖެ. އޭގެ ތެރޭގައި ސެސްނާ 172 މަރުކާގެ ބޯޓުވެސް ހިމެނޭ. ނަމަވެސް މި ބިޔަ ބޯޓުގެ ކޮކްޕިޓަށް ވަނުމުން އަހަންނަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް. އަހަރެން މިހާރު މިކުރަނީ މެދު ރާސްތާ އާއި ދިގު ރާސްތާގެ ދަތުރުތަކެއް. މަންޒިލް ތަކުގެ ތެރޭގައި ސިޑްނީ، ނިއުޔޯކް، ޕެރިސް އާއި ލަންޑަން ހިމެނޭ.” ނުވަ އަހަރުގެ ތަޖުރިބާހުރި ޕައިލެޓް ބުންޏެވެ.

“އެންމެ ބޮޑެތި ބޯޓު A380 ގެ ދަތުރުތައް ފެށުމާއެކު އޭގެ ބިޔަ ސައިޒު ފެނިފައި އަހަރެން އާޝޯޚްވި. މީގެ ބޯޓަށް އަހުލުވެރިވާން އަހަރެން ސިމިއުލޭޓަރ ބޭނުންކުރިން. ނަމަވެސް އޭގެ މާސިންގާ ސައިޒު އެނގުނީ އޭގެ ބޯޓަކަށް އެރުނު ހިސާބުން. ހީވަނީ ބޮޑު އިމާރާތެއް އުދުއްސާލެވޭހެން” އޭނާ ބުންޏެވެ.

“ދިގު ދަތުރަކަށް ފެށުމުގެ ކުރިން އަހަރެން އެންމެ ބޮޑަށް ސަމާލުކަންދެނީ ރަނގަޅަށް އަރާމު ކޮށްލަން. އެއީ އަހަންނަށް އެންމެ މުހިންމު ކަންތައް. އެންމެ އުނދަގުލީ ރޭގަނޑުގެ ދިގު ދަތުރުތައް ކުރަން. މެންދަމުން އަލިވެ ތިނޭއް ޖަހާއިރު ފަށާ ދަތުރެއްނަމަ، އޭގެ ކުރީދުވަހު ދުވާލާއި މެންދުރުފަހު ނިދާލަންޖެހޭ”

ދިގު ދަތުރުތައް ކުރުމުގެ ކުރިން 24 ގަޑިއިރު އަރާމުކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.

“އަރާމު ކުރުމުގެ އިތުރުން އަހަރެންގެ ސިއްހަތަށާއި ކެއުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެން.”

“ބޯޓު ދުއްވުމުގައި އަހަރެން އެންމެ ޝައުގުވެރިވާ ކަމަކީ މެނުއަލްކޮށް ބޯޓު ނައްޓާލުމާއި ޖެއްސުން.”

މި ދިގު ދަތުރުތަކުގައި ފަސިންޖަރުންގެ މުނިއަވަސް ފިލުވުމަށް ޓީވީ އާއި ގޭމް ހުއްޓަސް ޕައިލެޓުންނަށް މިފަދަ ވަސީލަތްތަކެއް ނުހުރެއެވެ.

ބޯޓު އުފެއްދި ފަރާތުންނާއި އޮޕަރޭޓް ކުރާ ކުންފުނިން، ވަރަށް ދިގު ޗެކްލިސްޓެއް ހަދާ އެއަށް އަމަލުކުރަން އަންގާފައި ވެއެވެ. ވީމާ ބޯޓު ނައްޓާލިޔަސް އަދި މަސައްކަތް ލުޔެއް ނުވެއެވެ. ކަމެއް ނުކޮށް ތިބެވޭކަށް ނޯވެއެވެ. ތެޔޮ ހުރިވަރު ބެލުމާއި ނިޔަމިކަމުގެ ސާމާނާއި އެހެނިހެން ތަކެތިވެސް ބަރާބަރަށް މަސައްކަތް ކުރޭތޯ ގަޑިން ގަޑިއަށް ޗެކް ކުރަންޖެހެއެވެ. ގިނައިން އުދުހުނު ވަރަކަށް މި ދިގު ދަތުރުތައް ކުރުވާކަމުގެ އިހްސާސެއް ކުރެވެއެވެ.

“މީގެ ރަނގަޅު އެއްކަމަކީ، އަހަރެމެންގެ މި އެއަރލައިންގައި ތަފާތު ނަސްލުތަކުގެ، ތަފާތު ގައުމުތަކުގެ މީހުން މަސައްކަތް ކުރާކަން. އެކި ގައުމުގެ ވާހަކައާއި ސަގާފަތް ތަކުގެ ވާހަކައިން އަހަރެމެންނަށް ދިރުން ލިބޭ.”

ދިގު ދަތުރު ތަކުގައި ޕައިލެޓުންނަށްވެސް ނިދާލާނެ ފުރުސަތު ލިބެއެވެ. އެކަން ކުރާގޮތަކީ ދަތުރުގެ މެދާހިސާބަށް އެއް ކްރޫ މަސައްކަތް ކޮށްފައި ދަރުތުގެ ދެންއޮތްބައި އަނެއް ކްރޫއާ ހަވާލު ކުރަނީއެވެ.

އެކުވެރި އަރަބި އިމާރާތުގައި ވަކި ޖިންސެއްގެ ތަފާތު ކުރުމެއްނެތި ގާބިލް ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ރޮނގަކުން ކުރިޔަށް ދިޔުމުގެ ފުރުސަތު އޮވެއެވެ. އަންހެނަކަސް ޕައިލެޓްކަން ކުރާހިތްވެ، އެކަމުގެ ގާބިލްކަން ހުރިއްޔާ ކުރިމަތިލާންވީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.