“ކޮއްކޮމެންގެ ޢީދު”ގެ ނަމުގައި މާލޭގައި ދިރިއުޅޭ ލ. ހިތަދޫ ޒުވާނުންތަކެއް އިސްނަގައިގެން ވަރަށް ވަރުގަދަ އަދި އެހާމެ ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ޢީދު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން 11 އޯގަސްޓް 2019 ވަނަ ދުވަހު ލ. ހިތަދޫ ބޮޑުހަރުގެ ހުސްބިމުގައި ބާއްވާ މި ވަރުގަދަ ކުޑަކުދިންގެ ހަވީރާ ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން މިހަރަކާތުގައި އިސްކޮށް އުޅޭ ޒުވާނުންގެ ތެރެއިން މި ހަރަކާތުގެ ރައީސް އަޙްމަދު ފަހީމް ބުނީ މި ހަރަކާތަކީ ކުޑަކުދިންނަށް އިސްކަންދީގެން ތަފާތު އެކިއެކި ކުޅިވަރުތަކާއި ކާރޓޫން ކެރެކްޓާތައް ހިމެނޭގޮތަށް ބާއްވާ ދެގަޑިއިރުގެ ހަރަކާތެއް ކަމަށެވެ.

“މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ 1440 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ގެ ފުރަތަމަދުވަސް ކަމުގައިވާ 11 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހު ހަވީރު 1600 ން 1800 އަށް ލ.ހިތަދޫ ބޮޑުހަރުގެ ހުސްބިމުގަ.” މި ހަރަކާތް ހިންގާ ޓީމުން ބުންޏެވެ.

“ކޮއްކޮމެންގެ ޢީދު”ގެ މައިގަނޑު މަގުސަދަކީ ޢީދުގެ އުފަލުގައި ކުޑަކުދިންވެސް ބައިވެރިކޮށް އެކުދިންގެ ހިތްތައް އުފާކޮށްދިނުމާއި މުޖުތަމަޢުގެ އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.

“ކޮއްކޮމެންގެ ޢީދު” ކުޑަކުދިންގެ ހަވީރުގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ. އެގޮތުން މިހަރަކާތް ރޭވިފައިވަނީ މައިގަނޑު އަށް ބަޔަކަށް ބަހާލައިގެން ކަމަށް މަޢުލޫމާތު ދެއެވެ. އެގޮތުން ފޮޓޯގްރަފީ ސްޓޯލް، ފުޑްސް ސްޓޯލް، ފޭސް ޕެއިންޓިން އެންޑް ހީނާ އާރޓްސް ސްޓޯލް، ވޯޓަރ ބެލޫން ސްޓޯލް، ބޯލް ބޮކްސް ސްޓޯލް، މިއުޒިކަލް ޗެއަރ ސްޓޯލް، ރޯޕް ޗެލެންޖް ސްޓޯލް ހިމެނެއެވެ.

މީގެ އިތުރުން އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މަޝްހޫރު ‘ރޮބޯ މޭން’ ކުޑަކުދިންނާއެކު ރޮބޯމޭން ގެ ތަފާތު ހުނަރުތައް ދައްކާލާނެއެވެ. އަދި ކުދިންނަށް ތަފާތު އެކި ހުނަރު ދައްކާނެ ގޮތްތައް ކިޔައިދޭނެއެވެ.

ކޮއްކޮމެންގެ ޢީދުގައި ތަފާތު ތިން ކާޓޫނު ކެރެކްޓަރ ވެސް ފެނިގެންދާނެކަމަށް މަޢުލޫމާތުދެއެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ މޮއާނާ ކާރޓުންގެ ކެރެކްޓާތައް ފެނިގެންދާނެއެވެ.

“ކޮއްކޮމެންގެ ޢީދު”- ކުޑަކުދިންގެ ހަވީރަށް ސްޕޮންސަރ ދެއްވާ ފަރާތްތައް އިޝްތިހާރުކުރުމަށްވެސް ގިނަ ގޮތްތަކެއް މި ހަރަކާތް ހިންގާ ޓީމުން ރާވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.