މިއަދު މެސެންޖަރ ބަލައިލި ތަނުން ފެނުނީ މި އާޓިކަލްގެ ކަވަރ ފޮޓޯއަށް ލާފައިވާ ފޮޓޯ އެވެ. ގާތް ރައްޓެއްސަކު އެ ފޮޓޯ ފޮނުވައިވާ އޮތުމުން، މުނިއަވަސްގެ އާޓިކަލްތައް ސާރޗްކޮށްލީމެވެ. މި މަޢޫޟޫގައި ލިޔެފައިވާ ހަނދާން ވެގެންނެވެ. ކުރެވުނީ ރަނގަޅު ހަނދާނެކެވެ. މީގެ އެއް އަހަރު ކުރިން މި މަޢުޟޫއަށް ވަނީ ލިޔެ، ޝާއިޢު ކުރެވިފައެވެ.

މިއީ ރާއްޖޭގެ ގިނަ އޮންލައިންތަކުން ނުފެންނާނެ ލިޔުމެއްކަަން ޔަޤީން ކުރެވެއެވެ. މި ލިޔުން ޝާއިޢު ކުރުމާއެކު ބައެއް ފަރާތްތަކުން އެކަމާ ހަޖޫވެސް ޖެހިއެވެ. ބައެއް ނޫސްތަކުގެ ބައެއް ލިޔުންތެރިންވެސް ހިމެނޭގޮތަށެވެ. މައްސަލައެއް ނެތެވެ. ކިޔާނެ ވަރަކަށް ކިޔަންވީ އެވެ. އެކަމަކު މިއީ ‘މުނިއަވަސް’ އިން ދައްކަން ކެރޭނެ ވާހަކައެކެވެ. ސަބަބަކީ ކޮބައިކަން ވިސްނާލުމުން އެނގޭނެއެވެ. އެހެންކަމުން އަނެއްކާވެސް ހަމަ މި ލިޔުން ފަށްފަށްކޮށްލާނަމެވެ.

ރަނގަޅު ސުވާލެކެވެ. ކޮން 5ޖީއެއް (ފައިވް-ޖީއެއް) ހެއްޔެވެ؟ ރާއްޖެއަށް މުއާޞަލާތީ ޚިދުމަތް ދެމުން އަންނަ އެންމެ ޒަމާންވީ ކުންފުނި، ދިރާގުން މީގެ ދެތިން ދުވަސް ކުރީން 5ޖީގެ ޚިދުމަތްދޭން ފެށިއްޔޯލައެވެ.

ކޮން 5ޖީއެއް؟ ސިމް 5ޖީ، ލައްވައިލީމާ 4ޖީ، އޮން ވާއިރު 3ޖީ، ޑާޓާ ޖެއްސީމަ 2ޖީ، ބޭނުންކުރަން ވީމަ ނޯ-ޖީ އެވެ. މިއީ ޙަޤީޤަތުގައިވެސް ރާއްޖޭގައި 5ޖީ ޚިދުމަތްދޭން އެ ފެށި ކުންފުނިން އެ ދޭ 5ޖީގެ ޙާލަތު ހުންނާނެ ގޮތެވެ. 4ޖީ އިން މިހާރު ކުރެވޭ ތަޖުރިބާ އެކަމަށް ހެކި ދައްކައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތަޢާރަފު ކޮށްފައިވާކަމަށް ބުނެއެވެ.

ދިރާގު 5ޖީ ޚިދުމަތް ތައާރަފުކުރީ ރާއްޖޭގެ އާބަދީގައި އެންމެ މީހުން ގިނަ 3 ސަރަޙައްދަށެވެ. އެގޮތުން:-

  1. މާލެ، ވިލިމާލެ، ހުޅުމާލެ އަދި އެއަރޕޯޓްގެ ބައެއް ސަރަހައްދުތައް
  2. އައްޑޫ، ހިތަދޫގެ ބައެއް ސަރަހައްދުތައް
  3. ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތައް

ދިރާގުން ބުނީ 5ޖީގެ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާނެ ކަމަށެވެ. އެގޮތުން މިޚިދުމަތަކީ މިހާރުގެ 4ޖީ ޚިދުމަތުގެ ސްޕީޑަށްވުރެ ދިހަ ގުނަ އަވަސް ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް ދިރާގުން ބުނެއެވެ. އެނގިދާނެތާއެވެ. 4ޖީގެ ޚިދުމަތް ދެމުންވެސް ކަސްޓަމަރުންގެ ބޮލުގައި ތެތްގޯނި އެޅުވީ ތިޔަފަދަ ހޮޅި ވާހަކަތައް ދައްކައި، ނަނާ ހުވަފެން ދައްކަމުންނެވެ.

ރާއްޖޭގެ ރަށްތަކަށް ފައިބަރ ބްރޯޑްބޭންޑް ހައި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތްވެސް އެ ކުންފުނިން ވަނީ ދީފައެވެ. ނަމަވެސް އެބުނާ ‘ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް’ގެ ހައި ސްޕީޑް ފައިބައިގެންދަނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.

ދިރާގުން ދޭ ޚިދުމަތްތަކަކީ ޑްރެކިއުލަރުން އިންސާނުންގެ ގައިން ލޭ ބޯ ފަދައިން، ރައްޔިތުންގެ ފައިސާ ފޭރެން ހަދާފައިވާ ކުންފުންޏެއް ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން މީސްމީޑިއާގައި އަޑުއުފުލަމުން ދެއެވެ. ހަމަ ގައިމުވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުނަމަ، ފޯރުކޮށްދެވޭ ޚިދުމަތާއި އެކަށީގެންވާ އަގެއް ނަގާ ނަމަ، މިފަދަ މޭރުމަކުން ދިރާގާއިމެދު ރައްޔިތުން މުޚާޠަބެއް ނުކުރާނެއެވެ.

ދިރާގުން ދޭ ޚިދުމަތްތަކާމެދު ކަސްޓަމަރުން ހިތްހަމަ ނުޖެހޭކަން މިއީ ބޮޑު ސިއްރެއް ނޫނެވެ. ކުއާޓަރެއްގައި ދިރާގަށް މިލިޔަނުން ފައިދާވާއިރުވެސް ދެކުނު އޭޝިޔާގެ އެންމެ ހިދުމަތް އަގުބޮޑު ކުންފުންޏަކީ ދިރާގެވެ. ޚިދުމަތުގެ އަގު އެހާ ބޮޑުއިރު، ފޯރުކޮށްދެވޭ ޚިދުމަތަށް ހަޖޫ ނުޖަހާ ރައްޔިތެއް މަދުވާނެއެވެ.

ދިރާގުގެ ޚިދުމަތްތަކާއި އަގުތަކާމެދު ޝުޢޫރުފާޅުކުރުމަށް އޯގަސްޓް 2ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން -ނ ފޮޓޯ: މީސްމީޑިއާ

މިއަދު 5ޖީވެސް ތަޢާރަފު ކުރެވިދާނެއެވެ. މި ސަރަޙައްދުގައި އަދި ނުލިބޭ ޚިދުމަތެއް ތަޢާރަފުކޮށް ބޮޑު އަގުނެގުމުގެ ހީލަތްތެރި ވިސްނުމެއްގައި ދިރާގުން ދޭން ފެށި ޚިދުމަތެއްކަމަށް ތިޔަ 5ޖީގެ ޚިދުމަތް ސިފަކުރާ ރައްޔިތުންވެސް މަދެއް ނޫނެވެ. ނަމަވެސް އަދުގެ ހާލަތަކީ 3ޖީ ވެސް މިއުޅެނީ ރަނގަޅަށް ނުލިބިގެންނެވެ. އެހެންކަމުން  މިވަރުން ރާއްޖެއަށް ދެވޭނީ ކޮން 5ޖީއެއް ހެއްޔެވެ؟

މިއަދު ދިރާގުން ދެމުން އަންނަ 4ޖީގެ ޙަޤީޤަތަކީ ވީޑިއޯއެއް ސްޓްރީމްކޮށްލެވޭ ވަރެއް ނުވެއެވެ. އޮންލައިން ނޫހެއް ކިޔައިލަން، ފޭޖެއް ލޯޑްވާންވެސް އިރުތަކެއް ނަގައެވެ. އެހެންކަމުން ތިޔަ ދޫކުރީ ކޮން 5ޖީއެއްހޭ ރައްޔިތުން ސުވާލުކުރާނެ ނޫންތޯއެވެ.

“5ޖީ ތައާރަފް ނުކޮށް މިހާރު ދޭ ޚިދުމަތްތައް ރަގަޅު ކޮށްބަލަ. އިންތިހާއަށް ބޮޑު އަގު ނަގާފަ ޚިދުމަތް ހާދަ ކަޑައޭ. 3ޖީ ވެސް 4 ޖީވެސް ރަގަޅަށް ނުލިބޭ. ފައިބަރ އޮޕްޓިކުވެސް ބުނާ ސްޕީޑް ދުވަހަކުވެސް ނުލިބޭ. ދެން ކޮން 5 ޖީއެއް ތައާރަފް ކުރަންވީ!؟” –’ހާސަރު’ ގެ ނަމުގައި މިހާރު އޮންލައިންގެ އާޓިކަލް އަކަށް ކޮށްފައިވާ ކޮމެންޓެއް –

“ވަތަނިންޔާ އޭ ކިޔާ ކުންފުންޏެއް މިގައުމަށް ނައުނަމަ އަދިވެސް ދިވެހިން ތިބެން ޖެހޭނި ދިރާގުން ހެދިހާ އެއްޗަކަށް އާބަސް ބުނެގެން މަޖްބޫރީ ހާލަތުގަ. މިއަދު ދިވެހިންނަށް ހަމަ ނޭވާ ކިރިޔާވެސް މި ލެވުނީ މިހާރު ގެ އުރީދޫގެ ފަތާރުން ހޯދައިދިން ކުރިއެރުން ތަކުގެ ސަބަބުން. އޭރު ދިވެހިން އުޅުނީ ގޭގޭ ފުރާޅު މަތިން ގަސް ރުކުގެ ކުރިން ރޭންޖް ހޯދަށް. މިއަދު ކަނޑް އަޑިން ވެސް ރޭންޖް ލިބޭ. އުރީދޫއިން މުޅިރާއްޖެ އަށް ގެނަސްދިން މޯބައިލްގެ ހިދުމަތްތަކުން. ސުކުރިއްޔާ އުރީދޫ” –’ފަންކާ’ ގެ ނަމުގައި މިހާރު އޮންލައިންގެ އާޓިކަލް އަކަށް ކޮށްފައިވާ ކޮމެންޓެއް –

“މި ދިރާގު މެނޭޖްމެންޓަށް ހީވަނީބާ 5ޖީ އޭ ބުނެފަ އަހަރުން މޮޔަހެއްދީމަ ނޭނގޭނެޔޭ. ބަލަ ސްމާޓް ފޯނުތަކުން ނެޓް ލިބޭ ސްޕީޑް ފެންނަން، އަދި ބެލެން ހުރޭ. ނަންބަރ ވަން އަކަށް ދަޢުވާކުރާއިރު އެ ކެޕޭސިޓީ ހުންނަން ވާނެ. އެންމެ ފުރަތަމަ ކަސްޓަމަރ ސަރވިސް 123 ގެ ސާރވިސް ރަނގަޅުކޮށްބަލަ. ތާރީޚް ތެރެއަށް ވަދެވެން އަދި ގާތްވެސް ވާނީ އޭރުން. ނަންބަރ ޒީރޯގަ ކަސްޓަމަރ ސަރވިސް އަދި ތި އުޅެނީ.” -ފިލްމީ ތަރި އަޙްމަދު ސަޢީދު-

މީ ތިޔަ ފަރާތުން ދޭ ޚިދުމަތާމެދު ގިނަ ކަސްޓަމަރުން ދެކޭ ގޮތެވެ. ތިޔަ ފަރާތުންދޭ ޚިދުމަތްތަކާމެދު މުޒާހަރާ ކުރުމަށް އިއްޔެ އެ ނުކުތީ ޢަދަދުން މަދު ބައެއް ނަމަވެސް، އެއީ ތިޔަ ދޭ ޚިދުމަތުގެ ބޭނުންހިފާ ހުރިހައި ކަސްޓަމަރުންގެ އަޑު އުފުލިގެން ދިޔަ ‘ސައިލެންޓް މުޒާހަރާ’އެކެވެ.

ދިރާގުގެ ކަސްޓަމަރުން ‘ކޮން 5ޖީއެއްހޭ’ ބުނެ ކޮށްލާ ސުވާލުންވެސް ތިޔަ ކުންފުނި ލަދުވެތިވާން ނުޖެހޭތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.