މާލޭގެ ބައެއް ސްކޫލްތަކާއި ކ. އަތޮޅުގެ ބައެއް ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވަމުން ގެންދާ ދަރިވަރުންނަށް މެރިން ސައިންސް ކޭމްޕެއް ކ. ތުލުސްދޫގައި ބާއްވައިފިއެވެ. މިއީ މިއަހަރު ބާއްވާ ދެވަނަ މެރިން ސައިންސް ކޭމްޕެވެ.

ކ. ތުލުސްދޫގައި މިމަހުގެ ދެއަކުން ހަތަރަކަށް ކުރިޔަށް ގެންދިޔަ މިކޭމްޕްގައި ކ. ހުޅުމާލޭ ޣާޒީ ސުކޫލް، މާލެއިން ހިރިޔާ ސްކޫލް، ވިލިމާލެއިން މުހިއްޔިންދީން ސްކޫލް އަދި ކ.ތުލުސްދޫއިން  ކ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވިއެވެ. މިގޮތުން 34 އަންހެން ދަރިވަރުން އަދި 24 ފިރިހެން ދަރިވަރުންނާއިއެކު ޖުމުލަ 58 ދަރިވަރުން ބައިވެރިވިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މެރިން ސައިންސް ކޭމްޕްގެ ތެރެއިން – ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މެރިން ސައިންސް ކޭމްޕެއް ބޭއްވުމުގެ މަޤްޞަދަކީ ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވަމުން ގެންދާ ދަރިވަރުންނަށް މެރިން ސައިންސާއި މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް މި ސިނާއަތާއި ގުޅުންހުރި ކަންކަމުގެ ޢަމަލީ ތަޖުރިބާ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހޯދައިދިނުމާ މެރިން ސައިންސް ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މެރިން ސައިންސް ކޭމްޕްގެ ތެރެއިން – ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ކޭމްޕްގައި ކްލާސްރޫމް ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފައި ވެއެވެ. ކްލާސްރޫމްގައި ކުރިއަށް ގެންގޮސްފައިވާ ތިއަރީ ބައިތަކުގެ ތެރޭގައި، ކޭމްޕްގައި ކުރިޔަށް ގެންދެވުނު ޢަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މަޢުލޫމާތުތަކާއި ގުޅޭ ގްރާފްތައް ކުރަހަން ދަސްކޮށްދިނުމާ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ކަނޑުމަތީގެ ހާދިސާތަކުގައި ޢަމަލުކުރަންޖޭހޭ ގޮތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެވުނެވެ.

މެރިން ސައިންސް ކޭމްޕްގެ ތެރެއިން – ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި ޢަމަލުކުރާނޭގޮތް، ފަރުތަކުގެ ދިރުންތަކުގެ މަޢުލޫމާތު، ފަރުގެ ދިރުން ހުރިވަރު ދެނެގަތުމަށް ސާވޭ ކުރުން، މޫދުގެ އޮއިވަރު ބެލުން، ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލު ދެނެގަތުމަށް ދިރާސާކުރާގޮތާއި އަދި ގޮނޑުދޮށުގައި ހުންނަ ވެލީގެ ސައިޒުތައް ދެނެގަތުމަށް ކުރާމަސައްކަތުގެ ޢަމަލީ ތަޖްރިބާ ދެވުނެވެ. މީގެ އިތުރުން ރާއްޖެއަށް އަލަށް ތަޢާރަފް ކޮށްފައިވާ ޑައިމަންޑް ބެކް ސްކްއިޑް (ތުތި ބޯވަދިލަމަސް) ބާނާގޮތުގެ ޢަމަލީ ތަޖްރިބާ ދަރިވަރުންނަށް ދެވުނެވެ.

ތުތި ބޯވަދިލަމަސް ބާނާގޮތުގެ ޢަމަލީ ތަޖްރިބާ މި ކޭޕްގައި ދެވުނު – ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މެރިން ސައިންސް ކޭމްޕްގައި މަޢުލޫމާތު ދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކަމާގުޅޭ ސެކްޝަންތަކާއި، މެރިން ރިސަރޗް ސެންޓަރުގެ މުވައްޒަފުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް – ކޯސްޓް ގާރޑުގެ ރިސޯސް ބޭފުޅުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.