މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ’އައި ފިލްމްސް‘ގެ ފުރަތަމަ ފިލްމު ”ބަވަތި” އަކީ އެފިލްމުގެ ނަމުގެ ތަފާތުކަމުގެ އިތުރުންވެސް ވަރަށް ގިނަ ގޮތްގޮތުން ތަފާތުވެގެންދާނެ ފިލްމެކެވެ. އެހެންކަމުން މި ފިލްމު ބަލަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ”ބަވަތި” ބަލައިލަންޖެހޭ ހަ ސަބަބަށް ވަރަށް ތަފްޞީލުކޮށް ބަލައިލާނަމެވެ.
1- “ބަވަތި”ގެ ލީޑް ކުޅެފައިވަނީ ނުޒްހަތް ޝުއައިބް
ނުޒްހަތް ޝުއަބްގެ ނަމަކީ ފިލްމް އިންޑަސްޓްރީއަށް އާ ނަމެއް ނޫނެވެ. ފިލްމު ‘މަލިކާ’ އިން ދިވެހި ފިލްމް އިންޑަސްޓްރީގައި ވަކިހިއްޕައިލި އެކްޓްރެސްގެ އަލިކަން ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.
މިއަހަރު ނުކުތް ފިލްމްތައްކަމަށްވާ ‘ގޮއްރާޅު’، ‘މާމުއި’ އަދި ‘ލީނާ’ އިން ނުޒޫ ފެނިގެން ދިޔަނަމަވެސް މިއިން ކޮންމެ ފިލްމެއްގައިވެސް ނުޒޫ ކުޅެފައިވަނީ ވަރަށް ތަފާތު ރޯލުތަކެކެވެ. ހަމަ އެހެންމެ މިއިން ކޮންމެ ރޯލަކުން ނުޒޫވަނީ ބެލުންތެރިންގެ ހިތްދަމައިގެންފަ އެވެ.
މިހުރިހާ ރޯލުތަކަށް ވުރެވެސް ތަފާރު ރޯލްއަކުން މިއަހަރު ސެޕްޓެމްބަރ ދޭއް ގައި ނުކުންނަ ފިލްމް “ބަވަތި” އިން ނުޒޫ ފެނުން މިއީ މިފިލްމް ބަލަން ދާންޖެހޭ އެންމެ މުހިންމު އެއް ސަބަބެވެ. “ބަވަތި”ގެ ލީޑުން ނުޒޫ ފެނިގެންދާއިރު މިފިލްމްގައި ނުޒޫ ފެނިގެންދަނީ އެކަނި އުޅުމަށް ލޯބިކުރާ މަޑުމައިތިރި އަންހެން ކުއްޖެއްގެ ކެރެކްޓާއިންނެވެ.
ދިރިއުޅުމުގައި ދިމާވާ އެތަކެއް ބައިވަރު ސަބަބުތަކާ ހެދި މާޔޫސްވެފައި ހުރި އަންހެންކުއްޖަކަށް އެކަމުން ސަލާމަތްވާން ލިބޭ ފުރުސަތުގައި ހިފައިގެން މީހަކާ އިނދެގެން މާލެއަށް ބަދަލުވަނީ ދިރިއުޅުމުގެ ހިތާމަތައް އުފަލަށް ބަދަލުކުރުމުގެ ނިޔަތުގައެވެ. އެކަމަކު ނުޒޫގެ އަލަތު ފިރިމީހާ ހޯދައިދޭން ބުނި އުފާތަކުގެ ބަދަލުގައި ދިރިއުޅުމުގައި ބިރުވެރި ކަންތައްތަކަކަށް ބަދަލުވެ، ކުރިއަށްވުރެން ބޮޑު ހިތާމައެއްގެ ތެރެއަށް ގެބިގެންދާ އަންހެންކުއްޖެއްގެ ބައި ވަރަށް ފުރިހަމައަށް ނުޒޫ އަދާކޮށްދީފައި ވާކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެއެވެ.
”ނުޒޫ މިފިލްމަށް އާނއެކޭ ބުނީމަ ވަރަށް އުފާވި، އަދި ސަޕްރައިސްވެސް ވި ، ސަބަބަކީ އަޅުގަނޑަކީ އާ މީހަކަށް ވެފައި ނުޒޫ އަކީ މޮޅު ސަޓާރަކަށް ވުން” ފިލްމު “ބަވަތި”ގެ ލީޑް ކުޅުމަށް ނުޒޫ އެއްބަސްވުމުން އެކަމުގެ ހިތްހަމަޖެހުމުގައި ހުރި އިއްލެ ބުންޏެވެ.
”އެކަމަކު ކިތަންމެ އަލަކަސް ނުޒޫ އާ އެކީގަ މަސައްކަތް ކުރަން އެއްވެސް ވަރަކަށް އުނދަގުލެއް ނޫން، އަޅުގަނޑު އާ ވިޔަސް ކިތަންމެ ފަހަރަކު ސީން ޖައްސަން ބޭނުން ވިޔަސް ނުޒޫ ނޫނެކޭ ނުބުނޭ، އަދި އެންމެ ފަހު ޝޮޓާއި ހަމައަށްވެސް ނުޒޫގެ ބެސްޓް ހަމަ ދިން” ނުޒޫގެ މަސައްކަތާމެދު ފިލްމްގެ ޑައިރެކްޓަރ އިއްލެ ބުންޏެވެ.
އެހެންކަމުން ނުޒޫގެ ތަފާތު މި ކެރެކްޓަރ ބަލައިލަން ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރެޔަށް ދިވެހި ފިލްމު ބެލުންތެރިން ތައްޔާރުތޯއެވެ؟
2- ފިލްމް އިންޑަސްޓްރީއަށް އައު ފަންނާނުންތަކެއް ތައާރަފުވާ ފިލްމެއް
ދިވެހި ފިލްމީ ދާއިރާއަށް އައު ފަންނާނުން ތަޢާރަފުވެ، މި ދާއިރާ ކުރިއަރައިގެން ދިއުމަކީ ދާއިރާގެ ކުރިމަގަށްޓަކައި ކިތަންމެހައިވެސް ބޭނުންތެރި ކަމެކެވެ. އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުންނަ އިލްޔާސް ވަހީދުގެ ‘އައި ފިލްމްސް’ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” އަކީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރެދޭ ފިލްމެކެވެ.
ދިވެހި ފިލްމް އިންޑަސްޓްރީއަކީ ވަރަށް މަދުން އައު ފަންނާނުން ފެންނަ އިންޑަސްޓްރީއަކަށް ވެފައި، ”ބަވަތި”ގެ ގިނަ އެކްޓަރުންނަކީ އިންޑަސްޓްރީއަށް އައު ފަންނާނުން ތަކަކަށް ވުމުން މިފިލްމު ބަލަން ކޮންމެހެންވެސް ދާން އެބަޖެހެއެވެ. ”ބަވަތި”ން މި ދާއިރާއަށް އަލަށް ތަޢާރަފުވާ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ފިރިހެން ލީޑެވެ.
”ބަވަތި”ގެ ފިރިހެން ލީޑް އަހްމަދް އިފްނާޒް ފިރާޤް
އިފްނަޒަކީ ޓީވީއަށް އައު މޫނެއްނޫނެވެ. ޓީވީ ޝޯތަކުންނާ ސްޓޭޖް ޝޯތައް ޕްރެޒެންޓްކުރަން މަޝްހޫރު ޕްރެޒެންޓަރ އިފްނާޒްގެ ފުރަތަމަ ފިލްމަށް ”ބަވަތި” ވުމަކީ ވެސް މިފިލްމު ބަލައިލަން ދާންޖެހޭ އެއްސަބަބެވެ.
ކުރިން ޓީވީ ޑްރާމާތަކުން އިފްނާޒްގެ އެކްޓިން ފެނިފައި ވިޔަސް، މިފަހަރު ”ބަވަތި”ފިލްމުގައި އިފްނާޒް ފެނިގެންދާނީ ކުރިން ކުޅުނު ކެރެކްޓަރ ތަކަށް ވުރެން މާބޮޑަށްވެސް ތަފާތު ކެރެކްޓަރ އަކުންނެވެ. އަނބިމީހާ ދެކެ ވަރަށް ލޯބިވާ އަންހެނުންނަށް ވަރަށް ވެސް ހެޔޮ މީހެއްގެ ގޮތުގައި ”ބަވަތި”ން އިފްނާޒް ފެންނައިރު، ކޮންމެވެސް ވަރަކަށް ބެލުންތެރިން ހެއްވާލާ މީހަކަށް ވެސް އިފްނާޒް ގެ ކެރެކްޓަރ ވެގެން ދާނެކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވެއެވެ.
އެހެނިހެން އާ އެކްޓަރުން
ބަވަތި މިފިލްމްގައި ނުޒޫގެ ކެރެކްޓަރ ގެ މަންމަ ގެ ބައިން ފެނިގެންދާނީ ފިލްމް އިންޑަސްޓްރީއަށް އައު އެކްޓަރެއް ކަމަށްވާ ފާތުމަތު ލަތީފާ (ފާތުން) އެވެ. ވީޓީވީގެ ޑްރާމާތަކުންނާއި ބައެއް އިޝްތިހާރުތަކުން މީގެ ކުރިން ފާތުންގެ ކުޅަދާނަ އެކްޓިން ދައްކާލާފައި ވެއެވެ.
އިތުރު އައު ތަރިންގެ ތެރެއިން އޮފީސްތަކުގެ ޑްރާމާ މުބާރާރުން ފެނިގެންދިޔަ ދެ އެކްޓަރުން ކަމަށްވާ އިބްރާހިމް ފައިރޫޒް އާދަމް އާއި ޔޫޝާއު އަލީ ގެ އިތުރުން، އަލީ އިނާޒް، ހަސަން ޝިނާން، އައިޝަތު ނަޒީހާ، ހަސަން ނާޒިމް ހިމެނެއެވެ. މީގެ އިތުރުން ވީޓީވީގެ މަޝްހޫރު ޕްރެޒެންޓަރ އަދި ފިލްމީ ހަފުލާތައް ހުށައަޅައިދިނުމަށް ދެވަނައެއްނެތް އަހްމަދު ހަމީދު އާދަމް އަކީވެސް މިފިލްމުން ދިވެހި ފިލްމް އިންޑަސްޓްރީ އައް ތައާރަފްވެގެން ދާނެ އެކްޓަރެކެވެ.
އެހެންކަމުން މިހުރިހާ އައު ފަންނާނުންގެ އެކްޓިންއަށް އިންސާފުކޮށްލުން މިއީވެސް މި ފިލްމު ބަލަން ދާންޖެހޭއެއް ސަބަބެވެ.
ފިލްމު ”ބަވަތި”ގައި އިބޫ (އިފްނާޒް) ލޯބީގެ ގޮތުން ނުޒޫ އާއި ގުޅި، ދިރިއުޅުމެއް ފަށަނީ ފޮނި އުންމީދުތަކަކާއެކުކަން އެނގެއެވެ. ނުޒޫއަކީ ހަޔާތުގެ ކުރީކޮޅުގައިވެސް ހިތްދަތި އެތައް ކަންތައްތަކެއް ދިމާވެފައިވާ މީހެއްކަމުން، ކައިވެންޏެއް ކުރަނީ އޭނާ އުފަލުގައި ބަހައްޓައިދީ، ހުރިހާ ހިތާމަތަކުން ދުރުކޮށްދޭނެ ކަމަށް އިފްނާޒު ޔަގީންކޮށްދިނުމުންނެވެ. ނަމަވެސް ކަން ވެެގެންދަނީ އެހެން ނޫންކަމާއި ހީވެސް ނުކުރާފަދަ ކަންތައްގަނޑަކާއި ނުޒޫއަށް ކުރިމަތިލާން ޖެހޭކަން ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ އެނގިގެންދާނެއެވެ.
3- ފިލްމަށް މޭކަޕްކޮށްފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓެއް
ދިވެހި ފިލްމީ ދާއިރާއަށް އައު ފަންނާނުން ތަޢާރަފުވެ، މި ދާއިރާ ކުރިއަރައިގެން ދިއުމަކީ ދާއިރާގެ ކުރިމަގަށްޓަކައި ކިތަންމެހައިވެސް ބޭނުންތެރި ކަމެކެވެ. އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުންނަ އިލްޔާސް ވަހީދުގެ ‘އައި ފިލްމްސް’ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” އަކީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރެދޭ ފިލްމެކެވެ. ފިލްމީ ތަރިންގެ އިތުރުން، ޓެކްނިކަލް މަސައްކަތްތަކާއި މޭކަޕް އާޓިސްޓުންވެސް މިވަނީ މި ފިލްމުން އަލަށް ނެރެދީފައެވެ.
ބަވަތި މިފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފުވަނީ ހަމަ އެކަނި އާ އެކްޓަރުން އެކަންޏެންނޫނެވެ. އާ ޑައިރެކްޓަރެއްގެ އިތުން އާ ޕްރޮޑިއުސަރެއްވެސް މިވަނީ އުފަންވެފައެވެ. އަދި ހަމަ އެހެންމެ މިފިލްމުން ފިލްމް އިންޑަސްޓްރީއަށް އާ މޭކަޕް އާޓިސްޓެއްވެސް ތައާރަފްވެގެންދާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެއެވެ.
ރުތުބާ އަހުމަދަކީ މިހާރުވެސް ގިނަ ޒުވާނުން ތަކަކަށް އެނގޭ މޭކަޕް އާޓިސްޓެކެވެ. މިކަން އޭނާގެ އިންސްޓަގްރާމް ޕޭޖްގެ 12000 (ބާރަހާސް) ފޮލޮވާޒްއިން ވެސް ޔަގީންކޮއްދެއެވެ. ރުތުބާގެ އިންސްޓަގްރާމް ޕޭޖް ބަލައިލިޔަސް ރުތުބާގެ ގްލެމަރ މޭކަޕް އަދި ސްޕެޝަލް އެފެކްސް މޭކަޕްގެ ކުޅަދާނަކަން އެނގޭނެއެވެ. މިކަހަލަ ހުނަރުވެރި ފަންނާނެއްގެ މޭކަޕް ހިމެނުމަކީ ދިވެހި ފިލްމަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެއްކަމުގައި އަޅުގަނޑުވެސް ގަބޫލްކުރަމެވެ.
މިދިޔަ ހަފްތާގެ ވީޓީވީ ‘ސިނަމާ އެންޓަޓެއިންމަންޓް’ ޕްރޮގްރާމްގައި ވާހަކަދައްކަމުން ރުތުބާ ބުނެފަވަނީ ވަރަށްވެސް ތަފާތު އަދި ފުރިހަމަ މޭކަޕްތަކެއް ”ބަވަތި”އަށް ކޮއްފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ރުތުބާ އާންމުކޮށް ނުކުރާ ކަހަލަ މޭކަޕެއް ކަމަށްވާ “ނޯ މޭކަޕް މޭކަޕް” ނުވަތަ މޭކަޕް ކޮށްފައި ހުންނަހެން ހީނުވާގޮތަށް ކޮށްފައި ހުންނަ ޚާއްޞަ މޭކަޕެއް ވެސް ބަވަތީގައި ފެނިގެން ދާނެ ކަމަކަށް ރުތުބާ ބުނެފަައި ވެއެވެ.
”ބަވަތި”އަށް ކޮށްދީފައިވާ މޭކަޕްތަކާމެދު އިތުރަށް ރުތުބާ ބުނީ އޭނާ ކޮށްފައިވާ ބައެއް މޭކަޕްތައް ފިލްމްގައި ނުފެނިދާނެ ކަމަށާ އެއީ ފިލްމުގެ ބައެއް މަންޒަރުތައް ފަހުން މަދުކުރިއިރު ޑިލީޓްކޮށްލާފައިވާ ސީންތަކުގައި ހުރިމޭކަޕް ކަމަށްވެސް ރުތުބާ ބުންޏެވެ. މީގެ އިތުރުން ރުތުބާ އާއި ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބުނީ ”ބަވަތި” ފިލްމްގެ މޭކަޕްތައް ވަރަށް ފުރިހަމަވާނެކަމަށާއި އިންޓަވިއުގައި ހުރިހާ އެއްޗެއް ކިޔައިދީފިނަމަ ފިލްމްގެ ސަސްޕެންސް ގެންލިދާނެތީ ހުރިހާ ތަފްސީލެއް ދެވެން ނެތްކަމަށެވެ.
އެހެންކަމުން ރުތުބާ ސިއްރުކޮށްފައި އެވަނީ ކޮން ކަހަލަ ޚާއްސަ މޭކަޕްތަކެއް ތޯ ބަލައިލަންވެސް ”ބަވަތި” ބަލައިލަން ދިއުމަކީ ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކަށް މުހިންމުވާނެ ކަމެއްނޫންތޯއެވެ.
4- ފިލްމް ”ބަވަތި”ގެ ވިޝުއަލް އެފެކްޓްސްތައް
ފިލްމެއް އެންމެ ފުރިހަމައަށް ޕޮލިޝްކޮށްލުމަށްޓަކައި ކޮމްޕިއުޓަރ އެފެެކްޓްސް ނުވަތަ ވިޝުއަލް އިފެކްޓްސް އަކީ ޒަމާނީ ފިލްމު އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދޭ އެއް އުންސުރެވެ. ވަކިން ޚާއްޞަކޮށް، އެ ފިލްމެއްގައި ތަފާތު ކަންތައްތަކެއް ހިމެނޭ ނަމައެވެ. ބިރުވެރި މަންޒަރުތަކެއް ހިމެނޭ ނަމައެވެ. ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ ރިލީޒްކުރާ ”ބަވަތި”އަކީ އެފަދަ ފިލްމެކެވެ.
ފިލްމު ”ބަވަތި”އަކީ އެ ފިލްމުގައި ވިޝުއަލް އެފެކްޓްސް ވަރަށް ގިނައިން ބޭނުންކޮށްފައިވާ ފިލްމެކެވެ. ”ބަވަތި” ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ހަތަރުވަނަ ސަބަބަކީ ފިލްމުގައި ގިނަ ޢަދަދެއްގެ ވިޝުއަލް އެފެކްޓްސް ނުހަނު ކޮލިޓީކޮށް ހިމަނާފައިވުމެވެ.
ދިވެހި ފިލްމްތަކުގައި ވިޝުވަލް އެފެކްޓްސް ހިމެނުމަކީ މިހާރު އާންމުކަމެކެވެ. ނަމަވެސް ”ބަވަތި” ފިލްމުގައި ހަދާފައި ހުރި މިންވަރަށް ވިޝުއަލް އެފެކްޓް މިފަހުގެ އަހަރުތަކުގައި ދިވެހި ފިލްމެއްގައި ހަދާފައި ނުވާނެކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެއެވެ.
”ބަވަތި” ފިލްމްގެ ވިޝުއަލް އެފެކްޓްސްގެ މަސައްކަތްކޮށްފައި ވަނީ ޑިޓިއުންސް ބޭންޑްގެ ހިޔަމައިގެ ވިޝުއަލްސް ހެދި ސްޓޫޑިޔޯ ‘އޯކޭޒް އިންކް’ އިންނެވެ. ތިރީގަ އެވަނީ އެމީހުންގެ ވިޝުއަލް މަސައްކަތް ފެނިގެންދާ ލިންކެކެވެ. އެންމެ ފަސްމިނެޓްގެ ލަވައަކަށް މިވަރުގެ މަސައްކަތެއް ކޮށްފައިވާ ޓީމުން ”ބަވަތި”އަށް ކޮށްފައިވަނީ ކިހައި ވަރެއްގެ މަސައްކަތެއްތޯ ބަލައިލަން ބޭނުމެއްނުވާނެތޯ އެވެ. އެހެންކަމަށް ވާނަމަ ”ބަވަތި” އަކީ ނުބަލައި ދޫކޮށްލާވަރުގެ ފިލްމެއް ނޫނެވެ.
ވިޝުއަލް ގެ ހުރިހައި ސީންއެއް ވަނީ ކާށިދޫގައި ނަގައިފާ ކަމަށް ފިލްމްގެ ޑައިރެކްޓަރ އިއްލެ މަޢުލޫމާތުދެއެވެ. މީގެ އިތުރުން އެ ސީންތަކަށް ޚާއްޞަކޮއްގެން ވިޝުއަލްޓީމް ވެސް ވަކިން ހަތަރު ދުވަހަށް އެރަށަށް ދިޔަކަމަށް އިއްލެ ބުނެއެވެ.
ވީޓީވީ ސިނަމާ އެންޓަޓެއިންމަންޓް ޝޯގައި ވާހަކަދައްކަމުން ފިލްމްގެ ވިޝުއަލް މަސައްކަތް ކުރަމުންދާ ސާމީ ބުނެފައި ވަނީ ފިލްމްގެ ވިޝުއަލްގެ 90 ޕަސެންޓް ނިމިފައިވާކަމަށެވެ. ސާމީ ބުނީ މިފިލްމްގައި ކޮށްފައިވަނީ މިހާތަނަށް ދިވެހި ފިލްމެއްގައި ނުކުރާ ކަހަލަ ތަފާތު ވިޝުއަލް މަސައްކަތްތަކެއް ކަމަށެވެ. މި ފިލްމްގައި ޚާއްޞަކޮށް ފެނާއި ދުމުގެ ވިޝުއަލް ސީންތަކެއް ފެނިގެންދާނެ ކަމަށްވެސް ސާމީ ބުނެއެވެ.
ފިލްމްގެ ވިޝުއަލްގެ ކުޑަކުޑަ މިންވަރެއް ފިލްމްގެ އޮފިޝަލް ޓްރެއިލަރއިން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. ޓްރެއިލަރ ނިންމާލާއިރު ނުޒޫ ކުރިމަތިން ފެނިގެންދާ ދުންގަޑުންވެސް ފިލްމްގެ ވިޝުއަލް މަސައްކަތް ވަރަށް ބުރަކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން މިހައި ތަފާތު މަސައްކަތެއް ބަލައިލުމަކީވެސް ”ބަވަތި” ބަލަންވީ އެއް ސަބަބެވެ.
5- ފިލްމްގެ ހިތްގައިމު ލަވަތައް
ފިލްމެއް ރީތިވުމުގައި އެ ފިލްމުގައި ހިމެނޭ ލަވަ ތަކަކީވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ލަވަ ހިމެނޭ ފިލްމެއް ނަމަ، އެ ލަވަ ތަކަކީ ހިތްގައިމު، ރީތި ލަވަތަކަކަށް ވާންޖެހެއެވެ. ފިލްމު ”ބަވަތި”ގެ ލަވަ ތަކަކީ އެފަދަ ހިތްގައިމު، ރީތި ލަވަތަކަކަށް ވާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަޤީންކަން ދެއެވެ.
ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތުގައި ތަޖުރިބާތަކެއް ޙާޞިލްކޮށްފައިވާ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ފަސްވަނަ ސަބަބަކީ ފިލްމުގައި ފެންވަރު ރަނގަޅު، ރީތި ލަވަތަކެއް ހިމަނާފައި ވުމެވެ.
އިލްޔާސް ވަހީދު ޑައިރެކްކޮށްފައިވާ އައި ފިލްމްސްގެ ”ބަވަތި”ރިލީޒްކުރަނީ 02 ސެޕްޓެމްބަރު 2019 ގައެވެ. ފިލްމުގެ ލީޑް ތަރިންނަކީ އިފްނާޒް އާއި ނުޒޫ އެވެ.
”ބަވަތި” ފިލްމްގެ ޚަބަރު އާއްމުވެގެން ދިޔައީ ފިލްމުގެ މޯޝަން ޕޯސްޓަރަކާއި އެކުގައެވެ. މި މޯޝަން ޕޯސްޓަރުގެ ވާހަކަ ގިނަ ބަޔަކު ދެއްކީ، ފިލްމުގެ ތަފާތު ނަމާއި އެއްފަދައިން މޯޝަން ޕޯސްޓަރުން ދައްކައިދޭ މަންޒަރުތައް ތަފާތުވީމައެވެ. އެ ޕޯސްޓަރުން ބުނެދޭ ވާހަކަތައް ތަފާތުވީމައެވެ.
މޯޝަން ޕޯސްޓަރަށްފަހު ނެރުނު ދެ ޓީޒާރ ޓްރެއިލަރ އަކީވެސް ގިނަބަޔަކަށް ވަރަށް ކަމުދިޔަ ދެ ޓީޒާރއެވެ. މި ހުރިހައި ކަމަކަށް ވުރެން ބޮޑަށް އެންމެންގެ ހިތް ދަމައިގަތީ އޭގެ ފަހުން ރިލީޒްކުރި ޕްރޮމޯޝަން ލަވައިންނެވެ. ”ބަވަތި”ގެ ނަމުގައި ނެރުނު ”ބަވަތި”ގެ ޕްރޮމޯޝަން ލަވައިގެ ވާހަކަ ނުދައްކާ ބަޔަކު މަދެވެ.
”ބަވަތި”ލަވައިގެ ޅެމުގައި އެކުލެވިގެންވަނީ ފުން ހިތާމައާއި ކެކުޅުމުގެ އާދޭސްތަކެވެ. މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ހުނަރުވެރި ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުގެ އަޑުން އިވިގެންދާ ’ބަވަތި‘ ލަވަ ފެށިގެންދަނީ މި އިބާރާތްތަކުންނެވެ.
”މާކުރީގެ ހަނދާނެކޭ މިއީ ދީފައިވާ އަނިޔާއެކޭ މިއީ
ނުފިލާނޭ ހިތުން މަގޭ މިތުރުނޭ އަހާ ހަގީގަތް“
ލަވައިގެ ޅެން ހަދާފައިވަނީ އިލްޔާސް ވަހީދު އެވެ. ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ. ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް) އެވެ. ކޮސްޓިއުމްސް ފޯރުކޮށްދިނީ ރިއުޒް ބުޓިކް އިންނެވެ. ރުޠުބާ އަޙްމަދު މޭކަޕް ހަދައިދީފައި ވާއިރު ހެއަރ ސްޓައިލް ހެދީ ހައްވާ ޒާހިރާ އެވެ. ސެޓް ޑިޒައިން ހަދައިދިނީ ކުރަހާ ރާއްޕެ އެވެ. ލަވައިން ފެނިގެންދާ ނެށުންތެރިންނަކީ ރަޒާން، ނައިޒަން، އިރުޝާދު އަދި ތޮލާލް ކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ބުންޏެވެ.
”ބަވަތި”ލަވައިގައި ޖައިގެ އަޑުން ފެށިގެން ނުޒޫގެ އެކްސްޕްރެޝަން އަދި ލަވައިގެ ޑާންސްގެ ތަފާތުކަން ފާހަގަކޮށްލަން ޖެހެއެވެ. މިހައި ފުރިހަމަ ލަވައެއް ގެނެސްދީގެން ވެސް ފިލްމްގެ ޑައިރެކްޓަރ އިއްލެ ހިތްހަމަޖެހޭވަރު ވިހެނެއް ހިއެއްނުވެއެވެ. ބެލުންތެރިންނާއި ހަމައަށް މޮޅު، ތަފާތު ފިލްމެއް ގެނެސްދިނުމަށް އިއްލެ ފޫގަޅައިލީ ކުޑަތަންފުކެއްވެސް ދޫދިނުމަށް ނޫންކަން އިތުރަށް ޔަޤީންވެގެން ދިޔައީ ފިލްމުގެ ރަސްމީ ޓްރެއިލަރ ނެރުނު ހިސާބުންނެވެ. ފިލްމްގެ ރަސް،ޯ ޓްރެއިލާރ އިން އިވިގެން ދިޔަ ލަވަ “މީބަލަ ލޯބިކަން އެގޭހޭ” ވެސް ވަރަށް ހިތްގައިމެވެ.
“މީބަލަ ލޯބިކަން އެގޭހޭ” ކިޔާފައިވަނީ ޔާމިން ރަޝީދުގެ ހިތްގައިމު އަޑުންނެވެ. އެހާމެ ތަފާތު، އަޑުއަހައިލަން ފަސޭހަ، މި ލަވަ ވެސް ވަރަށް ގިނަބަޔަކަށް ކަމުދިޔައެވެ.
”ބަވަތި”ގެ ޓައިޓަލް ލަވަ ފިލްމުން ނުފެނުނަސް ފިލްމްގައި އިތުރު ދެ ލަވަ ހިމަނާފައިވެއެވެ. ދެވަނަ ލަވައަކީ އަޙްމަދު ނަޒީހު (ރާޅު ބޯއީ)ގެ އާދަޔާޚިލާފް ހިތްގައިމު އަޑުން ކިޔައިދީފާ ”އޭ ހީލާ” އެވެ. މިއީ މިފިލްމްގެ ފިރިހެން ލީޑް އެކްޓަރ އިފްނާޒަށް ވެސް އެންމެކަމުދާ ލަވަކަމަށް އިފްނާޒް ބުނެއެވެ.
އަޅުގަނޑުމެންގެ ‘ރާޅު ބޯއީ’ ކިޔާފައިވާ ”އޭ ހީލާ” ލަވައަކީ މިހައިތަނަށް އެއްވެސް ވަރަކަށް އާންމުކޮށްފައިވާ ލަވައެއް ނޫންކަމަށް ފިލްމުގެ ޑައިރެކްޓަރ އިއްލެ ބުނެއެވެ. އެހެންވެ ”ބަވަތި”ފިލްމުގެ ހުރިހައި ލަވަތަކެއް އެންމެ ފުރިހަމަކޮށް ބަލައިލަން އޮލިމްޕަހަށް ދިއުމަކީވެސް މި ފިލްމު ބަލައިލަން ދާން ބޭނުންވާނެ ސަބަބެއްކަމަށް ދިވެހި ފިލްމަށް ލޯބިކުރައްވާ ފަރާތްތަކުން ޤަބޫލުކުރައްވާނެކަން ގައިމެވެ.
6- ފިލްމްގެ ސަސްޕެންސް
ރަނގަޅު ސަސްޕެންސެއް ނުވަތަ ކުންނެއް ހިމެނިއްޖެނަމަ ވާހަކައެއް، ފިލްމެއް ނުވަތަ ޑްރާމާއެއްގައި ހިމެނެންޖެހޭ އެންމެ މުހިންމު އުންސުރު (އެލިމެންޓް) ހަމަވީއެވެ. ނޭވާ ހިފަހައްޓާލައިގެން، ދެން ވާނީ ކިހިނެއްބާއޭ ހިތާ އިންނަންޖެހޭ ވަރުގެ ވަރުގަދަ ސަސްޕެންސެއް ހިމެނޭ ފިލްމަކީ ކޮންމެ މީހަކުވެސް އެންމެ ބަލާހިތްވާނެ ޒާތުގެ ފިލްމަކަށް ވާނެކަން ގައިމެވެ. އެހެންކަމަށް ވާނަމަ ‘އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި” ވެގެންދާނީ މި ދެންނެވި ފަދަ ދިވެހި ފިލްމުގެ ލިސްޓްގައި ހިމެނޭނެ ފިލްމަކަށެވެ.
”ބަވަތި” ފިލްމް ގެ ފުރަތަމަ މޯޝަން ޕޯސްޓަރު ނެރުނު ދުވަހުން ފެށިގެން އެންމެންވެސް ކުރާ ސުވާލަކީ މިއީ ކިހިނެއްވާ ފިލްމެއްހޭ؟ އެވެ. ފިލްމްގެ ކޮންމެ އިންޓަވިއުއެއްގައި ވެސް އެންމެން ކަހަލަ ގޮތަކަށް ބުނަނީ ފިލްމު ބަލައިލީމާ އެ ސުވާލުގެ ޖަވާބު ލިބޭނެ ކަމަށެވެ.
ފިލްމުގެ މެއިން ލީޑް ނުޒުހަތު ޝުއައިބް (ނުޒޫ) އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާ މިހާރު އެންމެ ގިނަމީހުން ކުރާ ސުވާލަކީ ”އޭ ބަވަތީގަ ކިހިނެއްތަވަނީ ؟” މި ސުވާލު ކަމަށެވެ. އެ ސުވާލު އަހައިލާ ކޮންމެ މީހަކަށްވެސް ނުޒޫ ދޭ ޖަވާބަކީ ތިޔަ ސުވާލުގެ ޖަވާބު ލިބޭނީ ފިލްމު ބަލައިލީމާ ކަމަށެވެ.
”ބަވަތި”ފިލްމްގެ އެކްޓަރ އިފްނާޒް އާ މި ސުވާލު ކޮށްލުމުން އިފްނާޒް ބުނެފައިވަނީ އިފްނާޒް ކައިރީގައި ވެސް މި ސުވާލު ވަރަށް ގިނަ މީހުން އަހާ ކަމަށާއި އެކި މީހުން، އެމީހުންނަށް ހީވާ އެއްޗެއްވެސް އެކިގޮތަށް ބުނަމުން އަންނަ ކަމަށެވެ.
”ބަވަތި”ފިލްމުގައި ވަނީ ކިހިނެއްކަން އަޅުގަނޑުމެންނަށް ވެސް އެނގެނީ ވަރަށް ކުޑަކޮށެވެ. އެނގޭހާވެސް މިންވަރަކީ އަތޮޅުތެރޭ ރަށެއްގެ އަންހެން ކުއްޖެއް ކަމަށްވާ ނުޒޫ މާލެ ބަދަލުވަނީ އުފާވެރި ދިރުއުޅުމެއް އުޅެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް ނުޒޫ މާލެއަށް ބަދަލުވުމަށްފަހު ދެން ދިމާވަނީ ހިތާމަވެރި ކަންތައްތަކެއް ކަން ނުވަތަ ބިރުވެރި ކަންތައްތަކެއް ކަމެއް ސީދާ ބުނާކަށް ނޭނގެއެވެ. މި ދެންނެވި ދެގޮތުންކުރެ ގޮތެއް ވާނެކަމެއްވެސް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. ސަބަބަކީ މި ފިލްމަކީ ތްރިލާއެއް ކަމަށް ފިލްމްގެ ޑައިރެކްޓަރ އިއްލެ ބުނަމުންދާތީ އެވެ.
ކޮންމެ ގޮތެއްވިޔަސް ބައިވަރު ސުވާލުތަކެއް ވަނީ ފިލްމުގެ ލަވަ އަދި ޓްރެއިލާރތައް ބެލި އެންމެންގެ ހިތުގައި އުފެދިފައެވެ. މިހުރިހައި ސުވާލެއްގެ ޖަވާބު ލިބޭނީ ނުޒޫ ބުނާހެން ފިލްމު ބަލައިލީމައެވެ. އެންމެ އަވަހަށް އެ ޖަވާބު ލިބޭނީ 02 ސެޕްޓެމްބަރުގައި ފިލްމު އޮލިމްޕަހުގައި އެޅުވީމައެވެ.
މި ދެންނެވި ސަބަބުތަކަށްޓަކައި ވެސް ”ބަވަތި” ބަލައިލަން ދިއުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ހަމަ ގައިމުވެސް އަޅުގަނޑުމެން މިތިބީ ފިލްމު ބަލައިލުމަށް ކެތްމަދުވެފަ އެވެ.
ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!