ވީމީޑިއާއިން އުފައްދާ ދެވަނަ ފީޗަރ ފިލްމު “ކޮސް ގިނަ މިސްޓޭކް“ގެ ތަރިން އިޢުލާނުކޮށްފިއެވެ. ތަރިންތައް އާއްމުކޮށްފައިވަނީ “ކޮސް ގިނަ މިސްޓޭކް“ގެ ފޭސްބްކް ޕޭޖްގައެވެ.

ރޮމޭންޓިކް ކޮމެޑީ އޮފް ދަ ޔަރގެ ހޭޝްޓެގާއި އެކުގައި އިޝްތިހާރުކުރަން ފަށާފައިވާ “ކޮސް ގިނަ މިސްޓޭކް“ގައި ގިނަ ޢަދަދެއްގެ ތަރިން ހަރަކާތްތެރިވެއެވެ. މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ތަރިން މި ފިލްމުގައި ހަރަކާތްތެރިވެއެވެ. މިގޮތުން، މަޝްހޫރު 12 ވަރަކަށް ތަރިން ހަރަކާތްތެރިވާއިރު، ނަން އާއްމުނުކޮށް ބެލުންތެރިންނަށް ސަޕްރައިޒެއްގެ ގޮތުގައި ވަރަށް ޚާއްޞަ، ކުރިއަރަމުން އަންނަ ކޮމެޑީ ތަރިއެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ކޮސް ގިނަ މިސްޓޭކް“ގެ ވާހަކަތަކުގެ ހާސަރު މާބޮޑަށް ދިގުކުރަން ހަދައިގެން “ކޮސް ގިނަ މިސްޓޭކް“ތަކެއް އަހަންނަށް ހެދިދާނެތީ ތަރިންގެ ވަނަވަރަށް ބަލައިލާނަމެވެ.

ޔޫސުފު ޝަފީޢު (ޔޫއްޕެ)

ރާއްޖޭގެ އެންމެ މަޝްހޫރު ފިރިހެން ފިލްމީތަރި ޔޫސުފު ޝަފީޢު (ޔޫއްޕެ) މި ފިލްމުން ފެނިގެންދާނީ އަމްސަދުގެ ކެރެކްޓަރ އިންނެވެ. “ކޭޖީއެމް” ނުވަތަ “ކޮސް ގިނަ މިސްޓޭކް” ޑައިރެކްޓް ކުރާނީވެސް ޔޫއްޕެ އެވެ. އަމްސަދުގެ ކެރެކްޓަރ ގައި ޔޫއްޕެ ފެންނަނީ ވަރަށް ޒުވާން ލުކެއްގައި ދޯއެވެ.

ޢަލީ ސީޒަން (ސީޒަން)

ޢަލީ ސީޒަން (ސީޒަން) އަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނެ ތަރިއެއް ނޫންނެވެ. ޔޫއްޕެ އުފައްދާފައިވާ ވަރުގަދަ ކޮމެޑީ ފިލްމުތަކުގެ ތެރެއިން ‘ނޯޓީ ފޯޓީ’ އާއި ‘ފޯޓީ ޕްލަސް’ގެ ލޮނުހެޔޮވަރުވެގެން ދިޔައީ ސީޒަން ހިމެނިގެންނެވެ. ކޮންމެއަކަސް ރޮމޭންޓިކް ކޮމެޑީ އޮފް ދަ ޔަރ ގެ ހޭޝްޓެގާއި ގުޅިފައިވާ “ކޮސް ގިނަ މިސްޓޭކް“ގައި ސީޒަން އަކީ އަރުމިން އެވެ. ސީޒަންގެ ތަފާތު ‘ލުކް’އާއި އެއްވަރަށް ނަންވެސް ތަފާތުދޯއެވެ.

މަރިޔަމް އައްޒަ (އައްޒަ)

ރާއްޖޭގެ އެންމެ މަޝްހޫރު އަންހެން ފިލްމީތަރި މަރިޔަމް އައްޒަ (އައްޒަ) އަކީ މިވަގުތު ރާއްޖޭގެ ފިލްމީ މަޝްރަހުގެ ރާނީއޭ ބުނުމަކީ އަހަންނަށް ލިޔެވޭ މިސްޓޭކަކަށް ނުވާނެކަން ގައިމެވެ. ކޮންމެ ކަހަލަ ކެރެކްޓަރއެއް ވެސް ވަރަށް ފުރިހަމައަށް ކުޅެމުން އަންނަ އައްޒަ އަކީ “ކޮސް ގިނަ މިސްޓޭކް“ގައި ޝައިމާ އެވެ. އައްޒަ އާއި އެއްވަރަށް ‘ޝައިމާ’ އަކީ ލޯބި ނަމެއްދޯ އެވެ.

ނުޒުހަތު ޝުއައިބް (ނުޒޫ)

އައްޒަ އަށްފަހު ދެން މިހުރީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ނުޒޫއަކީ އައްޒައަށް ދޫނުކުރާވަރުގެ އެކްޓިންއެއް ދައްކަމުން އަންނަ ތަރިއެއްކަމަށް ގިނަބަޔަކު ޤަބޫލުކުރާނެއެވެ. ހަމަ ގައިމުވެސް ނުޒޫގެ ޓްރެކް ރެކޯޑްތައް އެގޮތަށް ދައްކައެވެ. “ކޮސް ގިނަ މިސްޓޭކް“ގައި ނުޒޫ އަކީ ޝައިނާ އެވެ. ނަމުން ވައްތަރީ މިއީ ޝައިމާގެ ކޮއްކޮ ޝައިނާޔާ ދޯއެވެ.

އިރުފާނާ އިބްރާހީމް (އިރޫ)

އިރުފާނާ އިބްރާހީމް (އިރޫ) އަކީވެސް އެންމެ ތަންފުކެއް ދޫނުކޮށް، މޮޅު އެކްޓިންއެއް ދައްކަމުން، ކުރިއަރަމުން އަންނަ ތަރިއެކެވެ. “ކޮސް ގިނަ މިސްޓޭކް“ގައި އިރޫ އަކީ ރާނިޔާ އެވެ. ހަމަގައިމުވެސް މި ފޮޓޯއިން އިރޫ ފެންނަނީ ތަންކޮޅެއް ‘ވިހަ’ ސިފައެއްގައި ދޯއެވެ. މިބުނީ މިހާރު އިރޫ ފެންނަ ސީރީޒެއްގައި ކުޅެފައިވާފަދަ ‘ކޮމޯލިކާ ސްޓައިލް’ގެ ނެގެޓިވް ލުކެއް ފެންނަހެން ހީވާތީއެވެ. އަނެއްކާ މިހެން މޮޅު ވާހަކަ ދައްކަމުންގޮސް މަށަށް “ކޮސް ގިނަ މިސްޓޭކް“އެއް ނުހެދުނިއްޔާވާ ރަނގަޅެވެ.

އަޙްމަދު ސައީދު

ސައީދު އިހަށް މަޑުކޮށްބަލާށެވެ. ހާދަ ރުޅިގަދަ ހިނގުމެއްގައި ތިހިރަގެން އަންނަނީ ތަނެއް ފަތަހަކުރަން ހެއްޔެވެ. ގަދަ ފިލްމެއްގައި އަޖޭ ފެންނަފަދަ ލުކެއްގައި އަޙްމަދު ސައީދު ތިޔަ އަންނަނީ އެކަމަކު ހާދަ ތަފާތު ނަމެއްގައި ދޯއެވެ. “ކޮސް ގިނަ މިސްޓޭކް“ގައި ސައީދު އަކީ ‘ލަވް’ އެވެ. ލޯބި ނަމެއްގައި ސައީދު ފެންނަން ހުރީ އެކަމަކު ހާދަހާވާ ‘މޭން އެކޭ’ ބުނެލެވޭފަދަ ގަޓު ލުކެއްގައިދޯއެވެ.

ސައީދުއެވެ. ވަރަށް ބޮޑަށް ސޮރީއެވެ. މަށަށް އަނެއްކާ “ކޮސް ގިނަ މިސްޓޭކް“އެއް ހެދިއްޖެއްޔާ އަންގާލަދެއްޗެވެ.

އަޙްމަދު ނިމާލް (ނިމާލް)

އަޙްމަދު ނިމާލް (ނިމާލް)ގެ ތަޢާރަފެއް ދޭން އުޅެގެން އަހަންނަށް “ކޮސް ގިނަ މިސްޓޭކް“އެއް ހެދިދާނެއެވެ. މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަކީ އަދިވެސް ވަރަށް ޔަންގު ލުކެއްގައި ހުންނަ ހުނަރުވެރި ތަރިއެކެވެ. ޖުމައްޔިލްގެ ބޭބެއެކޭ ބުނެފިއްޔާ ޖުމަލް ދެރަވެދާނެތީ އެހެން ބުނާކަށް ނެތީމެވެ. ކޮންމެއަކަސް “ކޮސް ގިނަ މިސްޓޭކް“ގައި ނިމާލް އަކީ ހާޝިމް އެވެ.

ޢަލީ އާޒިމް (ދޮން އައްޔަ)

ޢަލީ އާޒިމް (ދޮން އައްޔަ)ގެ ވާހަކަ ތަންކޮޅެއް ލަހުން ގެނައިމަ ކަޑަވިޔަސް އަހަރެން ކުރާނެ ކަމެއް ނެތެވެ. ތަރުތީބުން ލައްވައިލި ހިސާބުކަމަށްވާތީ އޭގައި އަހަރެންގެ މިސްޓޭކެއް ނެތެވެ. “ކޮސް ގިނަ މިސްޓޭކް“ގައި ޒުވާން، ހުނަރުވެރި ތަރި ފެނިގެންދާނީ ފަޒީންގެ ކެރެކްޓަރއިން ނެވެ. ބައިދަވޭޒް…. ހާދަ ފޯމަލް ލުކެއްގައި ތިހުރީ އަނެއްކާ ކޮންފަދަ ވަރުގަދަ ރޯލެއް މިފަހަރު ދައްކައިލަން ތައްޔާރުވީ ހެއްޔެވެ.

އައްޔާ ސޮރީއެވެ. މިހާރު މަށަށް “ކޮސް ގިނަ މިސްޓޭކް“އެއް ނުހެދޭކަމެއްވެސް ނޭނގެއެވެ. އެހެންކަމުން ‘ޗުކީ’ ކިޔަމުން އެހެން ތަރިއަކަށް ޖެހިލާނަމެވެ.

އަޙްމަދު އީސަ (އާނަންދު)

އަޙްމަދު އީސަ (އާނަންދު)ގެ ހުނަރުވެރި އެކްޓިން ފެނިފައި ހިތަށް އަރަނީ ވަރަށް ތަފާތު އެކްޓިންއެއް ފެނިގެންދާނެ ރޯލަކުން ބައްދަލުކުރާނެ ނަމައޭ އެވެ. “ކޮސް ގިނަ މިސްޓޭކް“ގައި އީސަ ބައްދަލުކުރަނީ ފަޒީލްގެ ކެރެކްޓަރ އިންނެވެ. ފެންނަ ލުކުން ވަރަށް ތަފާތު ވާނެހެން ހީވެއެވެ. ނަމުން ވައްތަރީ ފަޒީންގެ ބޭބެއެއް ކަމަށެވެ. މަށަށް “ކޮސް ގިނަ މިސްޓޭކް“އެއް ހެދިއްޖެއްޔާ އާނަންދު ވެސް އަންގައިލަންވާނެ އިނގޭއެވެ. ބައިދަވޭޒް…. ކޮން އާނަންދެއްތަ؟ އީސަ ކިއީމަ މާ ސަޅިއޭ ބްރޯ!

ގުލިސްތާނު މުޙައްމަދު

‘ފޯޓީ ޕްލަސް’ ބެލިއިރު އަހަރެން އެންމެ މިސްވީ ގުލިސްތާނު އެވެ. ‘ނޯޓީ ފޯޓީ’ގައި ގުލިސްތާނު ދެއްކި މޮޅު އެކްޓިން ކަމުނުދާ ހަމަ އެކަކުވެސް ނުހުންނާނެކަން އަހަންނަށް ޔަޤީނެެވެ. ސިއްރެއް ބުނަން ހެއްޔެވެ؟ އަހަރެންގެ ދަރިފުޅަކުވެސް ‘ފޯޓީ ޕްލަސް’ ގައި ގުލިސްތާނު ނޫޅޭ ބުނީމަ ބުނެލީ ‘އެހެން ވެއްޖެއްޔާ ކަޑަ’ ކަމަށެވެ.

ކޮންމެއަކަސް “ކޮސް ގިނަ މިސްޓޭކް“ގައި ގުލިސްތާނު ބައްދަލުކުރަނީ ރައުދާގެ ކެރެކްޓަރއިންނެވެ. ސަޅި ނަމެއްދޯ އެވެ.

ހާމިދު ޢަލީ (ހާމިދު)

އަސްތަޣްފިރުﷲ. ‘އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލާ’ ހާމިދު ޢަލީ (ހާމިދު) މިހުރީ ހާދަ ދިވެހި ސިފައެއްގައިދޯ އެވެ. ކާމިޔާބު ޑައިރެކްޓަރ އަދި ހުނަރުވެރި އެކްޓަރ ހާމިދަކީ ނެގެޓިވް ރޯލުތަކުގެ އިތުރުން ކޮމެޑީ ރޯލުތަކަށްވެސް ދެވަނައެއް ނެތްފަދަ މޮޅު ތަރިއެކެވެ.

މުންޑަކާއި ގަންޖުފަރާހެއް ލައިގެން އައިސް “ކޮސް ގިނަ މިސްޓޭކް“ގައި ހާމިދު ބައްދަލުކުރަނީ ހަމްޒާގެ ރޯލުންނެވެ.

ނަވާލް

އަސްތާ! މިއީ އަނެއްކާ ކޮން ސޮރެއްބާ އެވެ. ޔަޤީނޭ މިއީ މިފަހަރުވެސް ޔޫއްޕެ ނެރޭ އާ ސޮރެއްކަން!

ބްރޯ ވަރަށް ސޮރީއެވެ. ކުރިން މި ބުނީ އެހެން ބުނި އެއްޗެއް ނޫނެވެ. އެކަމަކު ނަވާލު ތިހުރީ ހާދަ ‘ދާދާގިރީ’ ލުކެއްގައެވެ. ނޫނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިހެންވެސް ހީވެއެވެ. އެކަމަކު ތި ހުރިގޮތުން “ކޮސް ގިނަ މިސްޓޭކް“ގައި ފިސާރި ވަރުގަދަ ރޯލަކުން ނާޖިހުގެ ގޮތުގައި ފެންނާނެކަމަށް ޤަބޫލުކުރެވެއެވެ. އަހަންނަށް މިހެން ހީކުރެވުން މިއީ “ކޮސް ގިނަ މިސްޓޭކް“އެއް ހެދުނީ ނޫންބާވައޭ ހިތަށް އަރައެވެ.

ކޮސް ގިނަ މިސްޓޭކް“ގައި ވަރަށް ހުނަރުވެރި މުހިންމު ތަރިއެއް ބައްދަލުކުރާނެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެ ތަރީގެ ނަން މިވަގުތަށް އޮތީ ސިއްރުކޮށްފައެވެ. އެހެންކަމުން އަހަރެން ކޮންމެހެން “ކޮސް ގިނަ މިސްޓޭކް“އެއް ހަދަން ނޫޅެ އެ ނަން ސިއްރެއްގެ ގޮތުގައި ބާއްވައިލާނަމެވެ.

’އަހަރުގެ ރޮމާންޓިކް ކޮމެޑީ ފިލްމު’ގެ ޓެގްލައިނާއެކު ނަން އިޢުލާނުކޮށްފައިވާ “ކޮސް ގިނަ މިސްޓޭކް” ރިލީޒްކުރާނީ މި އަހަރު ނޮވެމްބަރު މަހުގައެވެ.

ވީމީޑިއާގެ އޮރިޖިނަލް ފިލްމު “ކޮސް ގިނަ މިސްޓޭކް“ގެ ޝަރަފުވެރި އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.