ވީމީޑިއާއިން ދިވެހި ފިޗާ ފިލްމު އުފައްދަން ފެށީ ބެލުންތެރިންނަށް ވަރަށް އިބްރަތްތެރި ފިލްމެއް “ދަޢުވަތު”ގެ ނަމުގައި ގެނެސްދެމުންނެވެ. ހައުސްފުލް ގިނަ ޝޯތަކެއް ބެލުންތެރިންނަށް ގެނެސްދިނީ ދިވެހި ފިލްމީ ދާއިރާއަށް މީގެ ކުރިން ގެނެސްދީފައި ނުވާފަދަ ތަފާތު ޢިބްރަތްތެރި ފިލްމަކުންނެވެ.

ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް” ގެ ތަރިންގެ ނަންތައް އިޢުލާނުކޮށް، ފިލްމުގެ އެކިއެކި ކަންތައްތަކުގައި ޝާމިލުވާ ފަރާތްތައް ސޮއިކުރުމަށް ޚާއްޞަ ހަފުލާއެއް މި ހިނގާ އޯގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ރޭ ބޭއްވިއެވެ.

ވީމީޑިއާގައި ބޭއްވި ޚާއްޞަ ހަފުލާގައި ފިލްމުގެ ކާސްޓުންނާއި، ޓެކްނިކަލް މަސައްކަތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން ވީމީޑިއާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. މިގޮތުން މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ވީމީޑިއާގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. އާސިފުގެ އިތުރުން އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ކޮންސަލްޓެންޓް މުޙައްމަދު ރަޒީން ވެސް މިހަފުލާގައި ބައިވެރިވެލެއްވިއެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގެ ތެރެއިން – ފޮޓޯ: ވީމީޑިއާ

“ކޮސް ގިނަ މިސްޓޭކް” ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ. އެހެންކަމުން މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ވެސް މި ހަފުލާގައި ބައިވެރިވެލެއްވިކަން ފާހަގަކޮށްލެވެއެވެ.

ވީމީޑިއާގެ ފުރަތަމަ ފިލްމު، “ދަޢުވަތު”ގެ ފުރިހަމަ ކާމިޔާބީއަށްފަހު އުފައްދާ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގައި މައިގަނޑު 13 ތަރިން ހަރަކާތްތެރިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާފައި ފިލްމުގެ 13 ތަރިންގެ ތެރެއިން 12 ތަރިންގެ ނަން އިއުލާނުކޮށްފައިވެއެވެ. އެގޮތުން ފިލްމީ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ތަރިން މި ފިލްމުގައި ހިމެނޭއިރު، މި ދާއިރާގެ ވަރަށް ސީނިއާ ތަރިންތަކެއްވެސް ހިމެނެއެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގައި މަޝްހޫރު ތަރި އަޙްމަދު ނިމާލް – ފޮޓޯ: ވީމީޑިއާ

“ކޮސް ގިނަ މިސްޓޭކް”ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން ނަވާލް ހިމެނެއެވެ. މީގެ އިތުރުން ވަރަށް މަޝްހޫރު ކޮމީޑިއަންވެސް މި ފިލްމުގެ ލީޑް 13 ތަރިންގެ ތެރޭގައި ހިމެނެއެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގައި މަޝްހޫރު ތަރި ހާމިދު ޢަލީ – ފޮޓޯ: ވީމީޑިއާ

މިއީ ވީމީޑިއާގެ ކުޑައިގެ ދަށުން ވީމީޑިއާ އެންޓަޓެއިންމެންޓަށް ޚާއްޞަކޮށް އުފައްދާފައިވާ ވީމީޑިއާ އޮރިޖިނަލް އިން އުފައްދާ ދެވަނަ ފިލްމެވެ. ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އުފައްދާ އަހަރުގެ ލޯބީގެ ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގެ ޝޫޓިން މިމަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ޝޫޓްކުރަނީ އދ. ފެންފުށީގައެވެ.

ވީމީޑިއާ އޮރިޖިނަލްގެ މެނޭޖަރ އިސްމާޢީލް ޝަފީޤް މި ފިލްމުގެ ކަންތައްތައް ކުރިއަށް ރާވައިލެވިފައިވާގޮތް އޮޅުންފިލުވައިދެއްވަމުން ވިދާޅުވީ މި ފިލްމުގެ މަސައްކަތް މީގެ ވިއްސަކަށް ދުވަސްކުރިން ފަށާފައިވާކަމަށެވެ. އެގޮތުން ފިލްމުގެ ލޮކޭޝަން ބަލައި ހުރިހައި ތަނެއް ފައިނަލްކޮށްފައިވާކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ. އަދި މި ފިލްމަކީ ހަމަގައިމުވެސް ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށް ވެގެންދާނެކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގައި ވީމީޑިއާ އޮރިޖިނަލްގެ މެނޭޖަރ އިސްމާޢީލް ޝަފީޤް – ފޮޓޯ: ވީމީޑިއާ

“މި ފިލްމުގެ ކާސްޓުން ނެގީވެސް އަޅުގަނޑުމެން ރާއްޖޭގަ މިވަގުތު ތިބި އެންމެ ފުންނާބު އުސް ކާސްޓުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ފިލްމުގެ ސްކްރިޕްޓް ތައްޔާރުވެސް ކުރީ. ދެން އަޅުގަނޑުމެން ވާހަކަ ދެއްކި ހަމަ އެއްވެސް ކާސްޓެއް މި ފިލްމުގެ ސްޓޯރީ ކިޔައިދިނީމަ ނޫނެކޭ ބުނާ ޚިޔާލެއް ނެތް، ހަމަ ވަގުތުން ޔެސް ޔެސް.” ފިލްމުގެ ކާސްޓުން ހޮވިގޮތާމެދު ޝަފީޤް ވިދާޅުވިއެވެ.

ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންނަށް މި ފިލްމުގެ މަސައްކަތްތައް ހަވާލުކޮށްދެއްވައި ތަރިންގެ ނަންތައް އިޢުލާނުކޮށްދެއްވީ ވީމީޑިއާގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. ފިލްމުގެ ތަރިންނާއި ގުޅޭގޮތުންނާއި ފިލްމާއި ގުޅޭގޮތުން އާސިފް ވިދާޅުވީ މި ފިލްމަކީ ވީމީޑިއާގެ ފުރަތަމަ ފިލްމަށް ވުރެން ހުރިހައި ގޮތަކުން ކާމިޔާބު ފިލްމަކަށް ވާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑުކަމަށެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގައި ވީމީޑިއާގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) – ފޮޓޯ: ވީމީޑިއާ

“އަޅުގަނޑު ސްކްރިޕްޓްވެސް މިހާރު ބަލައިލައިފިން. އަދި ތި ކާސްޓުން ފެނިފަ އެ ޔަޤީންކަން އަޅުގަނޑުމެންނަށް މާބޮޑަށް އިތުރުވެއްޖެ. އެހެންވީމާ ވަރަށް އުއްމީދުކުރެވޭ ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށްވެސް ވަރަށް ރީތި ނަމެއް މި ފިލްމުން ލިބިގެންދާނެ ކަމަށް.” ފިލްމަށް ހޮވާފައިވާ ކާސްޓުންނާއިމެދު ހިތްހަމަޖެހިވަޑައިގެން ހުންނަވާ އާސިފް ވިދާޅުވިއެވެ.

“ފަހަރެއްގައި ޑައިރެކްޓަރ ތިބޭފުޅުން ލައްވާ ވަރަށް ގިނަ ކޮސްތައް ހައްދާވާފާނެ، މިސްޓޭކްތައް ހައްދަވާފާނެ. އެކަމަކު އަޅުގަނޑުމެން މި ކުރަނީ ވަރަށް ސީރިއަސް މަސައްކަތެއް އިނގޭތޯ. “ކޮސް ގިނަ މިސްޓޭކް” ކީކަމަކު މިއީ ހަމަ ވަރަށް ސީރިއަސް، މީހުންނަށް މުނިފޫހިފިލުމަށް ވަރަށް ސީރިއަސް މަސައްކަތެއް އަޅުގަނޑުމެން މިކުރަނީ. އެހެންވީމަ އެ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑު.” ކުރިއަށް އޮތް އެއް މަސްދުވަސް ތެރޭގައި މި ފިލްމު ފުރިހަމަކޮށްދިނުމުގައި ތަރިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކާސްޓުން އިޢުލާނުކުރުމުގެ ހަފުލާގައި މުނިއަވަސްގެ ޑެޕިއުޓީ އެޓިޓަރ ޢަލީ ނިހާސް – ފޮޓޯ: ވީމީޑިއާ

މިއަހަރު ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާ ތެރޭގައި ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ފިލްމު “ކޮސް ގިނަ މިސްޓޭކް” އެޅުވިގެންދާއިރު އެންމެންވެސް އުފާވަރުގެ ފިލްމަކަށް މި ފިލްމު ވެގެންދާނެކަމަށް ވެސް އާސިފު ވިދާޅުވިއެވެ.

ފިލްމުގެ ތަރިންނާއި ޓެކްނިކަލް މަސައްކަތްތަކުގައި ބައިވެރިވާ ހުރިހައި ފަރާތްތަކަކަށް ޝުކުރު ދަންނަވަމުން ވަކިން ޚާއްޞަކޮށް މި ފިލްމުގެ ރައިޓަރ، ޑައިރެކްޓަރ އަދި އެކްޓަރ ޔޫއްޕެ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ޔޫއްޕެއަށް ވަކިން ޚާއްޞަކޮށް ޝުކުރުދެންނެވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ