މުޖުތަމަޢުގެ ފަރުދުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް އެހީތެރިވުމާއި ކަސްރަތުކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤްޞަދުގައި ލ. ގަމާއި ފޮނަދޫގެ ފަރުދުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ކުލާހެއް ހިންގުމަށް ތައްޔާރުވާން ފަށައިފިއެވެ.

މުނިއަވަސް އިން އިންތިޒާމުކޮށްގެން، ލ. ގަމު ޒުވާނެއްގެ މުދައްރިބުކަމުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މޫދު ކަސްރަތު ކުލާސް ފެށުމަށް އަމާޒު ހިފައިފައިވަނީ މިމަހު 25 ގައެވެ. ކުލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ކައްދޫ ބީޗާއި ލ. ފޮނަދޫ ސަރަޙައްދުތަކުގައެވެ. ކުލާހުގެ މުދައްރިބަކީ މޫދު ކަސްރަތު ހިންގުމަށް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ލ. ގަމަށް ނިސްބަތްވާ ޒުވާނެކެވެ.

މި ކަސްރަތު ޕްރޮގްރާމަކީ ބައިވެރިންގެ ތަރުހީބާއި އެއްބާރުލުން ލިބޭ މިންވަރަކުން، މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

ކުލާސް ބޭއްވުމަށް ނިންމާފައިވަނީ ހަވީރު 0400 އިން 0600 އާއި ދެމެދުގައެވެ. މިހާރު ތަރުހީބު ލިބިފައިވާ މިންވަރުން ދެ ކުލާހަކަށް ބަހާލައިގެން ކުލާސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަވީރު 0400-0500 އަށް އަދި 0500-0600 އަށް ކުލާސް ކުރިއަށް ގެންދެވޭނެއެވެ.

މޫދު ކަސްރަތު ޕްރޮގްރާމު ނުވަތަ ކުލާހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް 9957171 ނުވަތަ 9150137 އަށް އެސްއެމްއެސް ކޮށްލުމުން ރެޖިސްޓަރ ކުރެވޭނެއެވެ. މީގެ އިތުރުން ‘އެކުއާ އެކްސް ވައިބަރ ގްރޫޕް‘ ލިންކަން ފިއްތާލައިގެން ވައިބަރ ގްރޫޕްގައި ބައިވެރިވުމުންވެސް ރެޖިސްޓަރ ކުރެވޭނެއެވެ.

ކަސްރަތު ޕްރޮގްރާމު ފެށުމުގެ ކުރިން ބައިވެރިންނަށް އޮރިއަންޓޭޝަން ކުލާހެއް ބޭއްވޭނެއެވެ. މި ކުލާހުގައި ދެ ގްރޫޕަކަށް ބައިވެރިން ބަހައިލުން އޮންނާނެއެވެ.

މޫދު ކަސްރަތަކީ ހަށިގަނޑަށް އެހާ ބުރަކަން އިހްސާސް ނުވެ، އަވަސް ނަތީޖާއެއް ހާޞިލްވާ ހަށިގަނޑަށް ފައިދާހުރި ކަސްރަތުތަކެއްކަން ފާހަގަކޮށްލެވެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.