މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ ޢަލީ ސީޒަންގެ އެސް ޕްރޮޑަކްޝަންސް އާއި، އެވޯޑް ހޯދާފައިވާ ޒުވާން ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ)ގެ މާސްކޭ ސްޓޫޑިއޯ އިން އުފައްދާ ފިލްމު “އަނދިރިކަން”ގެ ޝޫޓިންއަށް މ. މަޑުއްވަރިއަށް ފިލްމުގެ ކްރޫ އާއި ކާސްޓުން މިއަދު ފުރައިފިއެވެ.

މިއަހަރު ރިލީޒްކުރުމަށް ތާވަލްކޮށްފައިވާ “އަނދިރިކަން” ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ އަޙްމަދު ޒަރީރު ކަމަށް ފިލްމުގެ ޑައިރެކްޓަރ ޢަލީ ސީޒަން މުނިއަވަސް އަށް މިއަދު ބުންޏެވެ. ފިލްމު ކެމެރާކުރާނީ މާސްކޭ އެވެ.

ދެގަޑި ފަނަރަ މިނެޓްގެ ފީޗާ ފިލްމު “އަނދިރިކަން”ގެ ލީޑް ތަރިންނަކީ ޝީލާ ނަޖީބް، އާމިނަތު ރިޝްފާ އަދި ޢަލީ ސީޒަން އެވެ.

“ލީޑް މި ކުޅެނީ އަޅުގަނޑާ ޝީލާ އަދި ރިޝްފާ. މީގެ އިތުރުން ފިލްމުގެ ވަރަށް މުހިންމު ކެރެކްޓަރ ތަކަކުން ފެންނާނެ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، އަޙްމަދު ސަޢީދު، ޒީނަތު އައްބާސް އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ).” ފިލްމުގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއަށް އާއްމުކުރަމުން ހަމައެކަނި މުނިއަވަސް އަށް ސީޒަން ބުންޏެވެ.

މުނިއަވަސް އަށް އޮންލައިން މީޑިއާ ޕާޓްނަރުކަން ލިބިފައިވާ “އަނދިރިކަން” ފިލްމުގެ ޝޫޓިންއަށް ފިލްމުގެ ކްރޫ އާއި ކާސްޓުން މ. މަޑުއްވަރިއަށް ފުރީ މިއަދު މެންދުރުފަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.