ވީމީޑިއާގެ މުނިފޫހިފިލުވުމުގެ ބައިން ތައްޔާރުކުރާ ދެވަނަ ފީޗާ ފިލްމު ”ކޮސް ގިނަ މިސްޓޭކް”ގެ ތަރިންނަށް، މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޙާމިދު ޢަލީ ޚާއްޞަ ކެއުމެއް ދީފިއެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން މާލޭގައި ތިބި ތަރިން މި ކެއުމުގައި ބައިވެރިވިއެވެ.

ފިލްމު ”ކޮސް ގިނަ މިސްޓޭކް”ގެ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނީ މި ކެއުމަކީ ފިލްމު ޝޫޓިންއަށް ފުރުމުގެ ކުރިން ހާމިދު ދޭ ކެއުމެއް ކަމަށެވެ.

ފިލްމުގައި މުހިންމު އަދި އެހާމެ ތަފާތު ރޯލަކުން ފެނިގެންދާނެ ހާމިދު ޢަލީގެ ގޭގައި ބޭއްވި މި ކެއުމުގައި ބައިވެރިވި ހުރިހާ ފަންނާނުން ހާމިދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

‘ކޮސް ގިނަ މިސްޓޭކ’ ގައި ހާމިދު ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުން

ކާމިޔާބު ޑައިރެކްޓަރ އަދި ހުނަރުވެރި އެކްޓަރ ހާމިދަކީ ނެގެޓިވް ރޯލުތަކުގެ އިތުރުން ކޮމެޑީ ރޯލުތަކަށްވެސް ދެވަނައެއް ނެތްފަދަ މޮޅު ތަރިއެކެވެ.

‘އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރާލުން’ މި ޓެގްލައިން އާއެކު އެންމެންގެ ސަމާލުކަން ހޯދާފައިވާ ހާމިދު އަލީ މުންޑަކާއި ގަންޖުފަރާހެއް ލައިގެން އައިސް ”ކޮސް ގިނަ މިސްޓޭކް”ގައި ބައްދަލުކުރަނީ ހަމްޒާގެ ރޯލުންނެވެ.

މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ތަރިން ”ކޮސް ގިނަ މިސްޓޭކް”ގައި ހަރަކާތްތެރިވެއެވެ. މިގޮތުން، މަޝްހޫރު 12 ވަރަކަށް ތަރިން މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވާއިރު، ނަން އާއްމުކޮށްފައި ނުވާ، ބެލުންތެރިންނަށް ސަޕްރައިޒެއްގެ ގޮތުގައި ވަރަށް ޚާއްޞަ، ކުރިއަރަމުން އަންނަ ކޮމެޑީ ތަރިއެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ޔޫއްޕެގެ ވާހަކަ އަދި ސްކްރީންޕްލޭ އަކަށް ހަދާ ”ކޮސް ގިނަ މިސްޓޭކް”ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާ ތެރޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް