އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރާ ’އައި ފިލްމްސް‘ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”ޕްރިމިއާ ކުރުމާމެދު ދެން އޮތީ އެންމެ ނުވަ ދުވަހެވެ.

ފިލްމު ”ބަވަތި”އެޅުވުމަށް އެންމެ ނުވަ ދުވަހަށް ވެފައިވާއިރު ފިލްމު ބަލައިލާހިތުން ތިބި ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުން ދުވަސް ގުނަމުންދާ ފަދައިން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް މިހާރު މިވަނީ ދުވަސް ގުނަން ފަށާފައެވެ. އެގޮތުން ދުވަސް ގުނުމަށް ޚާއްޞަ ކުރު ޓީޗާއެއްވެސް ފިލްމުގެ ފޭސްބްކް ޕޭޖަށް ރޭގެ ވަގުތެއްގައި ވަނީ ޕޯސްޓްކޮށްފައެވެ.

ޕްރޮޑިއުސަރު އަދި ޑިރެކްޓަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމު ”ބަވަތި”ގައި ދައްކުވާދެނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް ދިމާވާ ކަންކަތަކެކެވެ. ފިލްމުގެ ވާހަކަ ވެސް ލިޔުނީ އިލްޔާސް ވަހީދު އެވެ.

ފިލްމު ”ބަވަތި”ގެ އަންހެން ލީޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވާއިރު، ފިރިހެން ލީޑުން ފެނިގެންދާނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވިޔަސް، އެކްޓިންގެ ހުނަރު އިޝްތިހާރުތަކުންނާއި ބައެއް ޝޯތަކުން ދައްކާފައިވާ ފަންނާނު، އަހުމަދު އިފްނާޒް ފިރާޤެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ފިލްމު ”ބަވަތި”ގެ ހުރިހާ މަސައްކަތެއް ނިންމައި މިހާރު ވަނީ ކްލެސިފައި ވެސް ކޮށްފައެވެ. ‘އައި ފިލްމްސް’ އަކީ ފިލްމީ މަސައްކަތަށް އަލަށް ނުކުމެ ފައިތިލަ ސާބިތުކުރުމަށް ފުރަތަ ފިޔަވަޅު އަޅާފައިވާ ބަޔަކަސް އެމީހުންގެ ފުރަތަ މަސައްކަތް، ދިރާގު ޓީވީ މެދުވެރިކޮށް ދައްކައިލުމަށްވެސް މިހާރު ތިބީ ތައްޔާރަށެވެ. އެހެންކަމުން، ފިލްމުގެ ސިނަމާ ޝޯތަކަށްފަހު، ދިރާގު ޓީވީ އޮން ޑިމާންޑް ޕްލެޓްފޯމުންވެސް ”ބަވަތި”ބަލައިލެވޭނެ ކަމުގެ އުފާވެރި ޚަބަރު، އައި ފިލްމްސް އާއި ދިރާގު ޓީވީން ވަނީ ދީފައެވެ.

ފިލްމު ”ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.