‘ބައިވެރިޔާ’، ‘ނޯޓީ ފޯޓީ’ އަދި ‘ފޯޓީ ޕްލަސް’ އިން ބެލުންތެރިންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަށްވުރެން ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ވީމީޑިއާ އޮރިޖިނަލްސް އިން ތައްޔާރުކުރާ ދިވެހި ލޯބީގެ ހެއްވާ މަޖާ ފިލްމު “ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިންއަށް ފިލްމު ކްރޫ މިމަހުގެ 25ވަނަ ދުވަހު އދ. ފެންފުއްޓަށް ހިނގައްޖެއެވެ. ފިލްމުގެ ތަރިން އެރަށަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހު 27ވާ އަންގާރަދުވަހު އެވެ.

އަހަރުގެ ލޯބީގެ ކޮމެޑީ ފިލްމުގެ ޓެގްލައިނާއެކު އިޝްތިހާރުކުރަން ފަށާފައިވާ “ކޮސް ގިނަ މިސްޓޭކްް”ގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް ބުނީ ފިލްމުގެ ކްރޫ އިއްޔެ ފެންފުށްޓަށް ހިނގައްޖެ ކަމަށާއި މިމަހު 27ގައި ފިލްމުގެ ތަރިން ފެންފުށްޓަށް ދާނެ ކަމަށެވެ.

މިއަހަރު ނޮވެމްބަރު މަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ރޮމޭންޓިކް ކޮމެޑީ އޮފް ދަ ޔަރ އަކީ ވީމީޑިއާގެ ފުރަތަމަ ފިލްމު، ”ދަޢުވަތު“ގެ ފުރިހަމަ ކާމިޔާބީއަށްފަހު ވީމީޑިއާގެ އެންޓަޓެއިންމެންޓް ޑިޕާޓްމެންޓުން އުފައްދާ ފިލްމެކެވެ.

ކޮސް ގިނަ މިސްޓޭކްް”ގައި މައިގަނޑު 13 ތަރިން ހަރަކާތްތެރިވެއެވެ. ފިލްމުގެ 13 ތަރިންގެ ތެރެއިން 12 ތަރިންގެ ނަން އިއުލާނުކޮށްފައިވާއިރު، ވަރަށް ޚާއްޞަ މުހިންމު ތަރިއެއްގެ ނަން ވަނީ މިވަގުތަށް ހާމަނުކޮށް މަޑުޖައްސާލާފައެވެ. ފިލްމުގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަށް ބަލާލާއިރު ފިލްމީ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ތަރިންނާއި ދާއިރާގެ ވަރަށް ސީނިއާ ތަރިންތަކެއްވެސް ހިމެނެއެވެ.

”ކޮސް ގިނަ މިސްޓޭކް“ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ފިލްމު ޑައިރެކްޓް ކުރަނީ ޔޫއްޕެއެވެ. ފިލްމުގައި ކާސްޓެއްގެެ ގޮތުގައިވެސް ހަރަކާތްތެރިވާ ޔޫއްޕެ މި ފިލްމާމެދު ބުނަނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ވަރުގަދަ ފިލްމަކަށް ހެދުމަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރާނެ ކަމަށެވެ.

“މި ފިލްމަކީ ޙަޤީޤަތުގަ ލޯބި ދައްކުވައިދޭ ފިލްމެއް އިނގޭތޯ. އަޅުގަނޑުމެންގެ ތެރޭގަ އެކި އޭޖް ތަކުގަ އަންނަ ލޯބި، ޒުވާން އުމުރު، މެދު އުމުރު، މުސްކުޅިވެގެން ދިއުމުން، އެހެންވީމަ ލޯތްބަކީ ޙަޤީޤަތުގަ ތަފާތު އުމުރުތަކުގަ ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭނެ އެއްޗެއްކަން މި ފިލްމުގަ ވަރަށް ރަނގަޅަށް ފެނިގެންދާނެ.” ފިލްމުން ދައްކުވައިދޭނެ އެންމެ ވަރުގަދަ އެއް އިހްސާސް ވެސް ޔޫއްޕެ ވަނީ ހާމަކޮށްފައެވެ.

ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިން ޚަބަރުތައް ކަވާކުރުމަށް ފެންފުށީގައި ހަރަކާތްތެރިވާނެ މުރާސިލެއް މުނިއަވަސް އިން ހަމަޖައްސާފައިވާއިރު، ފިލްމުގެ ޝޫޓިން ފެށުމާއެކު މިހާރަށްވުރެން ފުރިހަމައަށް ފިލްމުގެ ޝޫޓިން ޚަބަރުތައް ގެނެސްދިނުމަށް މަސައްކަތްކުރާނެ އެވެ.

ކޮސް ގިނަ މިސްޓޭކްް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.