އާދައިގެ މަތިން އެހެން ކުދިންހެން އަހަރެންވެސް ކިޔެވުމުގެ ބައެއް ނިންމާ ވަޒީފާއަކަށް ކުރިމަތިލީ ނިކަން ފޮނި އުންމީދު ތަކަކާއި އެކުގައެވެ. މައިންބަފައިން އެ އުފުލަދިން ބުރައަށް ލުޔެއް ހޯދައިދީ އެމީހުންނަށްޓަކައި އެމީހުން ފަޚުރުވެރިވާ ކަހަލަ ކަމެއް ކުރުމުގެ ނިޔަތުގައެވެ. ކުޑަ އިރުއްސުރެ އަހަންނަށް މަންމަމެން ދަސްކޮށްދީފައިވާ ރީތި އަޚްލާގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފަމުންނެވެ. މިއަށް ވަޒީފާތަކަށް ކުރިމަތިލާ ތެޅެން ޖެހޭ ޒަމާނެއްގައި އަހަންނަށް މާބޮޑު ބުރަތަކެއް ނުއުފުލާ ވަޒީފާ ލިބުނު ކަމަށްޓަކައި ﷲއަށް ޙަމްދު ކުރަމެވެ.

ކަންދިމާކުރި ގޮތުން އަހަރެން ކިޔެވި ދާއިރާއިން ރަނގަޅު ވަޒީފާއެއް ހަމަޖެހި ވަޒީފާއަށް ނިކުންނަން އަހަންނަށް އެންގިއެވެ. އަހަރެން ހުރީ ވަރަށްވެސް ޝައުގުވެރިކަމާއެކު އަހަރެންގެ ހުނަރާ ކިޔަވާފައިވާ އެއްޗެހީގެ ގާބިލުކަން އެހެން މީހުނަށް ދައްކާލުމަށްޓަކައި ފެންބޮވައިގެންފައެވެ. ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއްގެ މާރކެޓިން ދާއިރާގައި މަސައްކަތް ކޮށްލުމަކީ އަހަރެންގެ ކުޑައިރުގެ އެއް ހުވަފެނެވެ.

އާދައިގެ މަތިން ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަސްވީ އަހަންނަށް އައު މީހުނާ ބައްދަލުކޮށް މަސައްކަތްތަކަށް އަހުލުވެރި ވުމަށްޓަކައި ލިބުނު ދުވަހަކަށެވެ. ނަމަވެސް މިދުވަސް އަހަންނަށް ޚާއްސަ ވެގެން ދިޔައީ ހަމައެކަނި އެސަބަބާ ހުރެއެކޭ ބުނެވޭކަށް ވެސް ނެތެވެ. ކުޑަ އިރުއްސުރެ ކިޔަމުން ދިޔަ އެތައް ވާހަކައަކުން ފެނިފައިވާ ކަހަލަ އޮފީހުގެ ލޯބި އަހަންނަށް ފުރަތަމަ ދުވަހުވެސް ފެނުނީއެވެ. ސިފަކޮށްދޭނީ ވެސް ކިހިނެއް ހެއްޔެވެ. ބައިމަތި ފުޅާ ރީތި ފިރިހެންވަންތަ ހަށިގަނޑުގެ ވެރި މާރކެޓިންގ މެނޭޖަރ ފަރީޝްގެ ޖާދޫގައި ފުރަތަމަ ނަޒަރުންވެސް އަހަންނަށް ޖެހެވުނީއެވެ.

ދުވަސްތައް ފާއިތު ވަމުންދިޔައެވެ. އަހަރެންގެ މަސައްކަތުގައި ގެންގުޅުނު މޮޅު އުކުޅުތަކާއި ކަންކަން ހިންގުމުގެ ހުނަރުވެރިކަން ކުންފުނީގެ އެންމެންގެ ހިތްތައް ފަތަހަ ކުރިކަހަލައެވެ. ފަރީޝްގެ ވެސް އެވެ. އޭގެ ނަތީޖާ އަކަށް ވެގެންދިޔައީ ފަރީޝްގެ ގާތް އެކުވެރިއަކަށް އަހަރެން ވެގެންދިޔައެވެ. ވައިބަރ މެދުވެރިކޮށް މެސެޖުން ފަރީޝްއާ ވާހަކަދެކެވެން ފެށުންވީ އަހަރެންގެ ތެޅިތެޅި އޮތް ހިތަށް ފިނިކަން ލިބުނުކަމަކަށެވެ. ދުވާލެއްގެ  މައްޗަށް އެތައް މެސެޖެއް ކުރެވެމުން ދިޔައެވެ. އަހަރެންގެ ހިތުގައި ފޮރުވައިގެން ހުރި ލޯބީގެ ހުޅުކޮޅުގެ އަލި ފަރީޝްއަށް ފެންނަން ފެށީ އަހަންނަށް ނުވެސް އެނގި ހުރެއެވެ.

އާދައިގެ މަތިން މެސެޖު ކުރަމުން ދިޔަ ދުވަހެކެވެ. ކުއްލިއަކަށް އަހަރެން ސިއްސުވައިލީ ފަރީޝްގެ ސުވާލެކެވެ.

“އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވޭތަ؟”

އަހަރެންގެ އަތް ގައު ވިކަހަލައެވެ. އޭގެ ޖަވާބު އަހަރެން ދޭނީ ކިހިނެއް ހެއްޔެވެ؟ ފަރީޝް ކީއްކުރަން ހެއްޔެވެ. އެންމެނަށް ވެސް އަހަރެން އެކަން ފޮރުވީމެވެ. އަހަރެންގެ ހިތުގައި ވަށައިގެން ފާރެއްލާ އެހިތުގައި ހުރި އިހުސާސްތައް ބަންދުކުރީމެވެ. ފަރީޝްއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ. ތެދަށް ބުނަންވީ ހެއްޔެވެ؟ އާނއެކެވެ. އަހަރެން ފަރީޝްދެކެ އިންތިހާއަށް ލޯބިވެޔޭ ހަމަ ބުނަންވީ ހެއްޔެވެ؟ ފަރީޝްއާ ނުލާ ނޫޅެވޭނެޔޭ ހަމަ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެންގެ ބޮސް އެވެ. ފަރީޝްދެކެ ލޯބިވުމަކީ އަހަންނަށް އެކަށޭނަ ވަރުގެ ކަމެއްނޫނެވެ.

އަހަރެންގެ ޖަވާބު ނުލިބި ލަސްވުމުން އަނެއްކާވެސް ފަރީޝް ސުވާލު ތަކުރާރު ކޮށްލިއެވެ. ޖަވާބުގައި ނުވާ ކަމަށް ބުނެ އަހަރެންގެ ހިތުގައި ބާރަށް އަތްއެޅީ އިތުރަށް އެވާހަކަ ނުދެއްކުމަށް ނިންމައިގެނެވެ. ފަރީޝްވެސް އިތުރު ސުވާލެއް އެމަޢުޟޫގައި ނުކޮށް ވާހަކަ ބަދަލުކޮށްލީ އަހަރެންގެ ތެޅިތެޅި އޮތް ހިތަށް ހަމަޖެހުން ގެނުވައިދިނުމަށްޓަކައި ތޯއްޗެކެވެ.

ކުންފުނީގެ އަހަރީ ދުވަހަކީ ހުރިހާ މުވައްޒަފުންނަށް ވެސް ޚާއްސަ ދުވަހެކެވެ. ކުލަ ގަދަ ޙަފުލާއަށް އެންމެންވެސް ދިޔައީ އެތައް ތައްޔާރެއް ވަމުންނެވެ. އަހަރެންވެސް ވަރަށް ތައްޔާރު ވީމެވެ. ހަމައެކަނި އެހަފުލާއަކަށް ނޫނެވެ. އަހަރެންގެ ހިތުގައިވާ ސާފުސީދާ ލޯބި ފަރީޝްގެ ކުރިމައްޗަށް ހާމަ ކޮށްދިނުމަށްޓަކައެވެ. މަޑު ނޫކުލައިގެ ހެދުމެއްގައި ގަދަ ނޫކުލައިގެ ޖަރީ ފައްތަކެއްލައި އަހަރެންގެ ބުޅި އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ގަދަނޫކުލައިގެ ޖަރީކޮށް ވިދާ ދައްޗެއް ޖަހައިލައިގެން ހުރި އިރު އަހަރެން ވަރަށް ސާދާކަން އަހަންނަށްވެސް އިޙުސާސް ކުރެވުނެވެ.

އެ ޙަފުލާއަށް ދިޔައިރުއްސުރެ އަހަރެންގެ ލޯ ހޯދަމުން ދިޔައީ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުންދާ ފަރީޝް ހޯދުމަށްޓަކައެވެ. އެކި މީހުނަށް މަރުޙަބާ ކިޔަމުން އަހަރެން ކުރިއަށްދިޔައީ މުތެއް ގެއްލިގެން ހޯދާ ފަދަ ހާލެއްގައެވެ. ކުއްލިއަކަށް ފަހަތުން އަހަރެންގެ ކޮނޑުގައި ކޮއްޓާލިއެވެ. އެއީ ފަރީޝް ނޫން ދެވަނަ މީހެއް ނޫންކަން އަހަންނަށް ގައިމެވެ. ނޭވާ ހިފަހައްޓާ ހާލުގައި އެނބުރިލީ ހިތް އުފަލުން ނަށާ ހާލުގައެވެ.

އަހަންނަށް ހީ ކުރެވުނީ މުޅިން ގޯސްކޮށެވެ. އެއީ ގެކައިރިން އަބަދު ފެންނަ އާނިޔާއެވެ. އޭނާގެ ހުންނަ ލޯބި ލޯބި ކުޑަކުޑަ ޔާވިން އަހަރެން ދެކެ ލޯބިން އުޅޭ ގޮތްގަނޑު މިދުނިޔޭގެ އެހެން ހުރިހާ އެއްޗަކަށްވުރެ އަހަންނަށް ލޯތްބެވެ. މާޝާﷲއެވެ. ލޯބި ކުއްޖެކެވެ. އަހަރެންވެސް ބޭނުމީ އެކަހަލަ ލޯބިލޯބި ކުއްޖެއް އަހަންނާ ފަރީޝްއަށް ވެސް ލިބުމެވެ.

އާނިޔާ އެތައް ސުވާލެއްކޮށް ވަރަށް ގަޔާވެފަހުރެ އަހަންނާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އަހަރެންތޯއެވެ. އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ އެހެންތަނެއް ނުފެންނަ ހާލުގައި ފަރީޝްއެވެ. އަހަރެންގެ ކަންފަތް އެހެންމީހަކު ދައްކާ ވާހަކައެއް އަޑު އެހުމަށް ވުރެ މާބިޒީއެވެ. އާނިޔާގެ ވާހަކަތަކަށް ހާނ ހޫނ ލައްވަމުން ވަށައިގެން ހޯދަމުން ގެންދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މާދުރުން ފަރީޝް ހިނިތުންވުމަކާއެކު އަހަންނާ ދިމާއަށް އަންނަތަނެވެ. މަޑު ނޫކުލައިގެ ގަމީހަކާ ގަދަ ނޫކުލައިގެ ޓައީއެއް އަޅައި ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައި ފަރީޝްގެ ފިރިހެން ވަންތަކަން އިތުރަށް ފުރިހަމަ ވެގެންދެއެވެ.

އަހަންނަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ފަރީޝް އައިގޮތަށް އައިސް ވަރަށް ލޯބިން އާނިޔާ ގާތް ކޮއްލިއެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ފަރީޝްއަކީ ދުވަހަކުވެސް އެއްވެސް އަންހެން ކުއްޖަކާ އެހާ ގައިގޯޅިވީ މީހެއް ނޫނެވެ. ވަރަށް ފަޚުރުވެރިކަމާއެކު ފަރީޝް އަހަންނަށް ” ހޭ އިޓްސް މައި ވައިފް އާނިޔާ” އޭ ބުނެލިއެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ފަހަތަށް ޖެހެން ފެށުނެވެ. ކައިރީގައި ތިބި މީހުންގެ ވާހަކައަށް އެދެމަފިރިން ސަމާލުވި އިރު އަހަރެންގެ ހިތް އަލިފާނުގެ ކަރުނަ އަޅަމުން ދަނީއެވެ. ފަރީޝްއަށް އަހަންނަށް ވަމުންދިޔަގޮތް ސާފުކޮށް ފެންނަމުން ދިޔަކަން އަހަންނަށް އެނގެއެވެ. އެއަށް އެންމެން ކުރިމަތީ އަހަރެންގެ ހިތުގެ ހާލަތު ފޮރުވާހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ބާރަށް ގިސްލެވެން ފެށުނެވެ. ތަނުގައި ޖަހާފައިވާ މިއުޒިކާ އެކުވެ އަހަރެންގެ ގިސްލުމުގެ އަޑު އެހެންމީހުނަށް ނޭގުނެއްކަމަކު އަހަރެންގެ ގިސްލެވުން ރުއިމަކަށް ބަދަލު ވަމުންދިޔައެވެ. އެތަނުން ނިކުމެ ފައިމަގުގައި ހިނގައިގަތީ ވަކި މަންޒިލެއްނެތި އާވާރާއެއް ހެނެވެ. މާލޭގެ އެއަށް ބައިބޯ މަގުތަކުގައި ބަޔަކު އުޅޭ ކަމުގެ އިހުސާސެއްވެސް އަހަންނަށް ނުކުރެވެއެވެ. ރޮމުން ގެއަށް އާދެވުނު ގޮތެއްވެސް އަހަންނަކަށް ނޭގެއެވެ.

ހިތުގައި ވަނީ ޝަކުވާ ބޮނޑިވަރެކެވެ. ފަރީޝް އަހަންނަށް އޮޅުވާލީ ކީއްވެ ހެއްޔެވެ. އަންބަކު ހުރެ އަހަންނަށް އެ އިހުސާސް ކުރުމަށް ފުރުސަތު ދެމުން ގެންދިޔައީ ކީއްވެ ހެއްޔެވެ. އެހާ ވާހަކަތައް ދެއްކި އިރުވެސް އެވާހަކަ ސިއްރު ކުރީ ކީއްވެ ހެއްޔެވެ. އެކަން އެނގުމުން އަހަންނަށް ވާނެ ގޮތް ހަމަ ފަރީޝްއަށް ނުވިސްނެނީ ހެއްޔެވެ. މީހެއްގެ ފިރިއެއްދެކެ ލޯބި ވުމަކީ އަހަރެންވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެތަށް ވޭނެއް ވިއެވެ. ކިތަންމެ ފަހަރަކު ދުނިޔެ ދޫކޮށްލަން ހިތަށް އެރިއެވެ. އެކަމަކު…. އަހަންނަށް ދޫކޮށްލެވުނީ ވޭނީ އާހް އެކެވެ.

އޭގެފަހުން ހަފްތާއެއވިއިރުވެސް އޮފީހަކަށް ނުނިކުންނަމެވެ. ސަލާމް ބުނެފައި ގޭގައި ހަމަ އޮތީއެވެ. ބޮލުގައި ރިއްސަނީއެވެ. މޭގައިވެސް ރިއްސަނީއެވެ. ލޮލުން ކަރުނަ ވެސް ނުހިކެނީއެވެ. މަންމަމެން މިކަމާ ދެރަވެގެން އުޅޭތަންވެސް ފެނެއެވެ. އެކަމަކު އެމީހުނަށް އަހަރެން ބުނެދޭނީ ވަކިން ފަހެ ކީކޭ ހެއްޔެވެ. މީހެއްގެ ފިރިއެއްދެކެ އަހަންނަށް ލޯބި ވެވުނު ވާހަކަ ހެއްޔެވެ. އެ ލޯބީގައި އަހަރެން ފަނާވަމުންދާ ވާހަކަ ހެއްޔެވެ. ނޫނެކެވެ. އެހެން ބުނާކަށް ނުކެރޭނެއެވެ.

ހަފްތާއެއް ފަހުން އޮފީހަށް ޗުއްޓީއަށް އެދުނީމެވެ. ވަގުތުން ޗުއްޓީ ހަމަވެސް ޖެހުނެވެ. ފޯނުގައި ވެސް އަތްލާ ނޫޅޭތީ ގުޅާ މީހުނެއް އަދި މެސެޖު ލކުރާ ބައެއްވެސް ނޭގެއެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތްވެސް ނުވަނީއެވެ. މުޅި ދުނިޔެ އަހަންނަށް މަލާމާތް ކުރާހެން ހީވަނީއެވެ. އަހަރެން މީ ކިހާ ބޮޑު މޮޔައެއް ހެއްޔެވެ. ހުވަފެންތަކަކީ ބިލާހެއްކަން އަހަންނަށް ވިސްނުނުލެއް މާ ލަސްވީއެވެ.

އަހަރެންގެ ހިތަށް އެތައް ވަރަކަށް ވިސްނަދިނީމެވެ. ނަމަވެސް އެއްގޮތަކަށްވެސް ފަރީޝްއާ ވަކިވުމަކަށް ހިތް ގަބޫލެއް ނުވިއެވެ. ފަރީޝްއާ ވާހަކަ ނުދައްކާ އޮތުން ވޭނަކަށް ވާންފެށިއެވެ. ފަރީޝްގެ އަޑު އަހައިލުން އެއީވެސް އަހަރެންގެ ހިތުގެ ހަމަޖެހުން ކަމުގައި ހިތް ބުނަންފެށިއެވެ. އަހަރެންގެ ހިތަށް ވިސްނައިދޭނެ ގޮތެއް އަހަންނަކަށް ނޭގުނެވެ. ފޯނު ނެގީ އެންމެ ފަހަރަކުވެސް ފަރީޝްގެ އަޑު އަހައިލުމުގެ ނިޔަތުގައެވެ.

ފޯނު ނަގާ ފޯނަށް އައިސްފައި އެއްވެސް އެއްޗަކަށް ނުބަލާ ފަރީޝްގެ ނަންބަރަށް ގުޅީ އެންމެ ބޭނުމެއްގައެވެ. ފަރީޝް ނިކަން އަވަހަށް ފޯނު ނެގިއެވެ. ނަމަވެސް އަހަރެންގެ އަނގައިން އަޑު ބޭރުވާ ގޮތެއް ހަމަ ނުވިއެވެ. އަހަންނަށް ގިސްލެވެން ފެށުނީއެވެ. އަވަހަށް ފޯނު ކަނޑާލީމެވެ. ފަރީޝް އެތަށް ފަހަރަކު އަހަރެން ނަންބަރަށް ގުޅިއެވެ. ފަރީޝްގެ ނަން ފޯނުން ބަލަން ހަމަ އޮތީއެވެ. އަހަރެން ފަރީޝް ކައިރީގައި ބުނާނެ އެއްޗެއް ޚުދު އަހަންނަށްވެސް ނުވިސްނުނެވެ. އަހަރެން ފަރީޝްދެކެ ވަރަށް ލޯބިވެއެވެ. ފަރީޝްގެ ކޯލުތައް ހުއްޓުމުން ފޯނު ނަގާ އައިސްފަހުރި މެސެޖުތައް ކިޔަން ފެށީމެވެ. ފަރީޝްގެ އެތައް މެސެޖެއް ހުއްޓެވެ. އެތަށް ފަހަރަކު މިހެން ނުހެދުމަށް އެދިފައި އޮތެވެ. އަހަންނަށް ވަރަށް އިޙުތިރާމް ކުރާކަމާ އަހަރެން ކަހަލަ ރަޙުމަތްތެރިއެއް ވަރަށް ބޭނުންކަމަށް އެތައް މެސެޖެއްގައި ހުއްޓެވެ.

ނަމަވެސް އަހަރެން މިއަދު ބޭނުންވަނީ އެ އިޙުތިރާމާއި ރަހުމަތްތެރިކަމެއް ނޫނެވެ. ފަރީޝްގެ ލޯތްބެވެ. ފަރީޝްގެ އަޅައިލުމާ ފަރީޝްގެ އަންބެއްގެ ލަގަބެވެ. އެއްވެސް ޖެހިލުމެއްނެތި އަހަރެން ބޭނުންވާ ގޮތް ފައްޗަކަށް ފަރީޝްއަށް ފޮނުވާލީމެވެ. ނަމަވެސް ފަރީޝްގެ ޖަވާބަކަށްވީ މީ ފާފައެއް ކަމެވެ. އޭނާގެ ހަމައެކަނި މަންޒިލަކީ ޖަންނަތު ކަމާ އެއަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި އެތައް ފަހަރަކު ބުނަމުން ދިޔައެވެ.

އަހަރެންވެސް އަހަރެންގެ ލޯބީގެ ތެދުވެރިކަން ހާމަކޮށްދޭން މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ފަރީޝްގެ ދެވަނަ އަންބަކަށް ވިޔަސް ހެޔޮ ކަމަށްއެދި ފަރީޝް ކުރެން ލޯތްބަށް އެދި ސަލާންޖެހީމެވެ. ރޮއެ އާދޭސް ކުރަމުންނެވެ. ނަމަވެސް ފަރީޝް އޭނާގެ އަނބިމީހާދެކެ ވާލޯބި އަހަންނަށް ބުނެދެމުން ގެންދިޔައެވެ. ރަހުމަތްތެރިކަން މެނުވީ އެއްވެސް ގުޅުމެއް ބޭނުން ނުވާކަމަށް ބުނަމުންދިޔައެވެ. އަހަރެންގެ ހިތަށް ހީވަނީ ކަށިތަކެއް ހަރަމުން ދިޔަހެނެވެ.

އެތައް އެތައް ދުވަހެއްގެ މެސެޖާ އަހަރެންގެ އާދޭހަށް ފަހުގައިވެސް ފަރީޝްގެ ނިންމުން ބަދަލުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ޖެހުނީ ބަލި ގަބޫލުކޮށް އަހަރެންގެ އިހުސާސްތައް ކަފުން ކުރާށެވެ. އަހަރެން އެހެން ނިންމީ ފަރީޝްދެކެ ލޯބި ނުވާތީކީ ނޫނެވެ. ހަމައެކަނި އަހަރެންގެ ލޯބި ފަރީޝްއަށް ވޭނަކަށް ނުހެދުމުގެ ބޭނުމުގައެވެ. އަހަރެން ފަރީޝްއަށްޓަކައި މޫނުމަތިން އަހަރެންގެ ލޯބި ފެނުނަ ނުދީ އެތައް ގޮތަކުން މޫނުން ހިތުގައި އަޅާ ވޭންތައް ފޮރުވަމުން ގެންދިޔައީމެވެ.

ފަރީޝްގެ އެ ހިތްގައިމު އަޑުން ބުނެލާ ބަސްތައް އެއީ އަހަރެންގެ އުފާކަމުގައި އަހަރެން ދެކެން ފެށީމެވެ. ފަރީޝްގެ އެކުވެރިކަން އެއީ އަހަރެން ހިތްހަމަޖެހުން ކަމުގައި ދެކި އެއީ އަހަރެން ގެ ލޯބީގެ އެންމެ މަތީ ހަރުފަތްކަމުގައި ދެކެން ފެށީމެވެ. މަޑުމަޑުން އަހަރެންގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއްލިބި އާދައިގެ ދިރިއުޅުމެއް އުޅެން ފެށުނެވެ. ނަމަވެސް މިހިތުން ދެން އެފަދަ ޖަޒުބާތެއް އެހެންމީހަކަށްޓަކައި ނުއުފެދޭނެކަން އަހަންނަށް ޔަގީނެވެ. އެހެނީ ފަރީޝްގެ ލޯބިން އަހަންނަށް ލިބެމުން ދިޔަ ހިތާމާތަކުން އަހަރެން އުފާހޯދަން މިއަދު ދަސްކޮށްފީމެވެ. އެވަރުން އަހަރެންގެ މުޅި ހަޔާތް ވޭތުކޮށްލަން އަހަންނަށް ފުދެއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް