ސެޕްޓެމްބަރު24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ މީ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު “ކާކު؟”ގެ ޝޫޓިން ތެރޭގައި އާދަޔާޚިލާފް ކަންތައްތަކެއް ކުރިމަވެތިވެފައި ވާކަމަށް ފިލްމުގެ ލީޑް ކުޑަ ސޮބާ ބުނެފިއެވެ.

ހދ. ކުޅުދުއްފުށީގައި ޝޫޓްކޮށްފައިވާ “ކާކު؟” ފިލްމުގެ ޝޫޓިން ތެރެއިންނާއި ޝޫޓްކުރުމަށް ބޭނުންކުރި ގެއިން ރޫހާނީ ކަންތައްތަކެއް ފެނިފައިވާކަމަށް ދެކެވޭ ވާހަކައާމެދު ވީމީޑިއާގެ ސިނަމާ ޕްރޮގްރާމުން ސުވާލުކުރުމުން ސޮބާ ބުނީ އެގޮތަށް އެ ދެކެވޭ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ.

“ތި އިވިފަ ތިހިރީ ހަމަ ރަނގަޅު ވާހަކަ. ބައިވަރު ކަންތައްތައް އެހެން ދިމާވި. އެއްވެސް ހާލެއްގަ ގޯސްކަމެއް ނޫން. ދެން ބިރުވެރި ފިލްމެއް ކުޅެމުންދާއިރުގަ ހުރިހައި ކާސްޓުންވެސް، ކާސްޓުން އަޅުގަނޑު މި މާނަކުރަނީ ޓީމުގެ ހުރިހައި އެންމެން ވެސް ތިބޭނީ ވަރަށް ބޮޑަށް ފޯކަސްކޮށްގެން ސްކްރީންޕްލޭއަށާ އެއްކޮށް. ދެން އެހެން ތިބޭއިރުގަވެސް އަދި މިކަހަލަ މިހެން ބިރުވެރި އަސްލު ހަގީގީ ކަންތައްތަކެއް ކްރޫއަށް މިހެން ދިމާވާން ވެއްޖެއްޔާމުން މި ވަރަށް ބިރުވެރިވާނެ ދޯ. ދެން ހަމަ ރަނގަޅު ވާހަކައެއް ތިބުނީ، ޝޫޓިންގަ އުޅުނުއިރުގަ ފުދޭވަރަކަށް ބައިވަރު ކަންތައްތަކާ އެބަހުރި ފޭސްކުރަން ޖެހިފަ.” ފިލްމުގެ ޓެކްނިކަލް ކަންތައްތަކުގައިވެސް ހަރަކާތްތެރިވެފައިވާ ސޮބާ ބުންޏެވެ.

“ޝޫޓިން ނިންމާލާފަ އެއްދުވަހު އިރުއޮއްސި ދެނަމާދު ދޭތެރޭގަ، ދެން އަޅުގަނޑުމެން ޝޫޓްކުރީ ވަރަށް ރީތިކޮށް ހަދާފަ އިންނަ ބޮޑުސިންގާ ގެއެއްގަ. އެގޭގަ އޮވޭ ހަމަ ބޭރުގަ ފެންޑާއިން ފެށިގެން ގޮސް އެންމެ ބޭރު ދޮރާއްޓާ ހަމައަށް ބޮޑުސިންގާ ބަގީޗާއެއް. ވަރަށް ރީތި ބަގީޗާއެއް. ރީތިރީތި މާތައް. ދެން އާއްމުކޮށް ހަމަ ދެނަމާދު ދޭތެރޭގަ އަޅުގަނޑާ މާއެނބޫއާ އަދި ފިލްމުގަ އުޅޭ ޝާފިއުއާ ތިބޭނެ އުނދޯލީގަ އެހެން ޖޯލީގަ ކޮފީ ބޯލާ ފިލްމުގަ ކަންތައްތައް ޑިސްކަސް ކޮށްލަން. ….. އެ އިނދެ ބަހައްޓާފަ އުނދޯލީގަ އިން ޝާފިއު ކުއްލިއަކަށް އެތެރެއަށް ވަދެއްޖެ. ދެން އެއްވެސް އެއްޗެއް ނުބުނޭ މީނަ، ވަނީ އެތެރެއަށް. އިރުކޮޅަކުން މާއެނބޫ ސޮބާ ގައިގަ މިހެން ކޮއްޓާލާފަ ބުނެފި ހިނގާށޯ އެތެރެއަށް. ދެން ސޮބާ ބުނެފިން އަދި ކޮފީވެސް ނުނިމޭ މަޑުކޮށްލަބަލާށޯ ދޯ. ނޫނެކޯ ހިނގާށޯ އެތެރެއަށް އިހަށް، ދެން ހިނގާށޯ އިހަށް އެތެރެއަށް ދޯ. ދެން ކޮންމެގޮތެއްވިޔަސް ވަރަށް އެބްނޯމަލްކޮށް…. ވަރަށް ވިޔާރޑްކޮށް މީނަ އެކްޓްކުރަން ފަށައިފިދޯ. ދެން ވަދެއްޖައިން އެތެރެއަށް. ވަންގޮތަށް ވަދެ ދޮރު ތަޅުލާފަ ތަޅުދަނޑިވެސް ނަގައިފި. ދެން ބޭރަކަށް ނުނުކުންނާނެޔޯ މިރެއަކު އެއްވެސް މީހަކު. ދެން ކޮންމެ ގޮތެއްވިޔަސް ޑައިރެކްޓަރު އެހެން ބުނީމަ އެއްވެސް މީހަކު ނޫޅޭނެ ބޭރަށް ނުކުންނާކަށް. ފިލްމު “ކާކު؟”ގެ ކްރޫއަށް ދިމާވި އާދަޔާޚިލާފު ކަމެއް ތަފްޞީލުކޮށްދޭން ފަށަމުން ސޮބާ ހިއްސާކުރިއެވެ.

“……….ދެން ވަރަށް ވަރުން އަހައިފިން ކިހިނެއްހޭ ވީ؟ އަސްލު ހަގީގަތުގަ ސޮބާއަަކަށް ނުފެނޭ އެއްވެސް އެއްޗެއް. ވަރަށް ވަރަށް ސުވާލުކޮށްގެން މާއެނބޫ ބުނެފި ޖަނބުރޯލުގަހާ ދިމާއަށް އަލިގުޅައެއް ފޭބިތަން ނުފެނޭހޭ….. އަހަރެން ބުނެފިން މަށެއް ނުދެކެމޭދޯ، އެހެން ބުނިއިރުގަ ޝާފިއު ފަހަތުގަ ހުރެފަ ބުނެފި ތިމަންނަޔަށް އޭތި ފެނިގެންނޯ އަސްލު މި އައިސް ވަނީ. ދެން ކޮންމެގޮތެއްވިޔަސް އަޅުގަނޑަށް އޭތި ގަބޫލުކުރެވިއްޖެ. ދެމީހުންވެސް މިއޮތީ އިއްތިފާގުވެފަ.” ސޮބާ ބުނީ މިނޫނަސް އިތުރު އާދަޔާޚިލާފު ކަންތައްތަކާ ދިމާވިކަމަށެވެ.

މިހާރުވެސް ހިނގަމުންދާ ހަޤީޤީ ޙާދިސާ އަކަށް ބިނާކޮށް އުފައްދާފައިވާ ބިރުވެރި ފިލްމު “ކާކު؟” ގެ ތަރިންގެ ތެރޭގައި ކުޑަ ސޮބާގެ އިތުރުން ’ފޯޓީ ޕްލަސް‘ އާއި ވެބް ސީރީޒް ’ހުވާ’ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ހުނަރުވެރި ތަރި އިރްފާނާ އިބްރާހީމް (އިރޫ) އާއި މަޝްހޫރު އެކްޓަރު ޑައިރެކްޓަރު ހާމިދު އަލީ އާއި ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި އެމީހުންގެ ފުރަތަމަ ވެބްސީރީޒް ’އަހަރެންވެސް ލޯބިވޭ‘ އިން ފެނިގެންދިޔަ އައިޝާތު ޔާސިރާ ހިމެނެއެވެ. މީގެ އިތުރުން ވަރަށް ޚާއްޞަ ފެނިލުމަކުން މާއެނބޫ ވެސް ފެނިގެންދާނެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފިލްމު ”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

މި ފިލްމު އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާއެވެ. ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ’ޕެންޓަގްރާމް‘ އިންނެވެ. ކެމެރާ ކޮށްފައިވަނީ މާއެނބޫއެވެ.

ފިލްމު ”ކާކު؟“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.