މިމަހު 24ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ‘މީ ޕްރޮޑަކްޝަން’ގެ ބިރުވެރި ފިލްމު “ކާކުު؟” އެއީ ކާކުކަން އެނގޭނީ ފިލްމު ބަލައިލުމުން ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ޙަޤީޤީ ވާހަކައެއްގެ މައްޗައް ބިނާކޮށް މާއެނބޫ ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްގެން ގެނެސްދޭ މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.

މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޙާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަސޮބާ) އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ފީޗާ ފިލްމަކުން އަލަށް ފެންނާނެ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދާނެއެވެ.

ފިލްމުގައި އެންމެ ތަފާތު، އަދި ބެލުންތެރިންނަށް ކަމުދާނެ އެއް ކެރެކްޓަރ އެއް ހުށައަޅައިދީފައިވާ މަޝްހޫރު ޑައިރެކްޓަރ އަދި އެހާމެ ކުޅަދާނަ އެކްޓަރ ހާމިދު ޢަލީ މި ފިލްމާމެދު ބުނީ އޭނާ މި ފިލްމު ކުޅުނީވެސް ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމުގައި އޭނާއަށް ލިބިފައިވާ ރޯލު ކުޅޭހިތުން، ބޭނުންވެގެން ކަމަށެވެ. އަދި މި ފިލްމުގައި އޭނާގެ މޮޅު އެކްޓިންއެއް ފެނިގެންދާނެ ކަމަށެވެ.

ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ “ކާކު؟” ޓިކެޓް ވިންކަމުން އަންނައިރު، ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

އޮލިމްޕަހަށް ވަރުގަދަ ފިލްމުތަކެއް ފުލުފުލުގައި މިއަހަރު ރިލީޒްކުރަމުން އަންނައިރު، ފިލްމު “ކާކު؟” ވަންނާނީ ކޮން ފެންވަރެއްގައި ތޯ ބެލުމަށް ބެލުންތެރިން ތިބީ ޝައުޤުވެރި ވެފައެވެ. ބެލުންތެރިންނަށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަޤީންކަން ދެނީ މިއީ ކޮންމެހެންވެސް ބަލައިލަން ޖެހޭ، އިބްރަތްތެރި މެސެޖުތަކެއްް ލިބިގެންދާނެ ފެންވަރު ރަނގަޅު ފިލްމެއް ކަމަށެވެ.

މި ފިލްމު އޮލިމްޕަހުގައި ރިލީސް ކުރާ ހިސާބުން ފެށިގެން ރަށްރަށުގައި މި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުޞަތު އޮންނާނެ ކަމަށް އެނާ ބުނެއެވެ.

މި ފިލްމުގެ ޓްރެއިލާސްތައް ބެލުންތެރިންނަށް ދައްކާލާފައިވާއިރު، ޓްރެއިލާ ތަކުންވެސް މިއީ ބިރުވެރި ކަމުން ފުރިގެންވާ ފިލްމެއްކަން ފާހަގަ ވެގެން ދެއެވެ.

އެހެން ކަމުން “ކާކު؟” އެއީ ކާކުކަން އެނގޭނީ މިމަހު 24ގައި “ކާކު؟” ބަލައިލައިގެންނެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.