މަޝްހޫރު އެތައް ތަރިންތަކެއް ހިމަނައިގެން “ކަރުހަކުރު”ގެ ރަހަގަނޑު އިތުރަށް ރަނގަޅުކޮށްލައިފިއެވެ. ރާޖޭގެ ފުރަތަމަ ސިޓްކޮމް “ކަރުހަކުރު”ގެ ތީމް ލަވައިގެ ވީޑިއޯ ދެވަނަ ސީޒަންއަށް ބަދަލުކޮށްލާފައިވާއިރު، ގިނަ ތަރިންތަކެއް ފެނިގެންދެއެވެ.

މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔަމުންދާ “ކަރުހަކުރު”ގެ އެކްޒެކްޓިވް ޕްރޮޑިއުސަރު އަޙްމަދު ސާޖިދު މުނިއަވަސްއަށް ބުނީ “ކަރުހަކުރު” ސީޒަން ދޭއްގެ ތީމް ލަވައިން މަޝްހޫރު ތަރިންކަމަށްވާ ލަވަކިޔުންތެރިޔާ މޭނާ ހައްސާނު، މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް، އެކްޓަރ އަލީ ސީޒަން، އެކްޓްރެސް މާރިޔާ ތެރޭސާގެ އިތުރުން ކޮމީޑިއަން އަޙްމަދު ސުނީ ފެނިގެންދާނެ ކަމަށެވެ.

ސީޒަން ދެއަކަށް ތައްޔާރުކުރި ތީމް ލަވައިގެ ވީޑިއޯ ބައިސްކޯފުން ވަނީ ފޭސްބްކްގައި އާއްމުވެސް ކޮށްފައެވެ. ސާޖީ ފާހަގަކުރި އާޓިސްޓުންގެ އިތުރުން، މި ލަވައިން ބޭބީ އާޓިސްޓަކާއި ރޮބޯ މޭން ވެސް ފެނިގެންދެއެވެ.

މުނިއަވަސް އަށް އެނގިފައިވާގޮތުން “ކަރުހަކުރު”ގެ ކުރިއަށް ހުރި އެޕިސޯޑުތަކުން މި ފަންނާނުން ފެނިގެންދާނެއެވެ. ސީޒަން ދޭއްގެ ހަތަރު އެޕިސޯޑް މިހައިތަނަށް ދައްކާފައިވާއިރު ޚާއްޞަ ފެނިލުމެއްގައި އަލީ ސީޒަން ފެނިފައިވެއެވެ. ތީމް ލަވައިން މޭނާ ހައްސާނު ފެނިގެންދަނީ އެލްވިސް ޕްރިސްލީ ގޮތަށް ހެދުން އަޅައިގެން ހުރެ ލަވަކިޔަމުންދާ މަންޒަރަކުންނެވެ.

މީގެ އިތުރުން އެންމެ ފަހުން ސްޓްރީމްކުރި ހަތަރުވަނަ އެޕިސޯޑުގެ ރަހަގަނޑާއި ވަސްގަނޑު އިންތިހާއަށް ރަނގަޅުކޮށްލާފައިވަނީ ކޮމީޑިއަން އަހްމަދު ސުނީގެ ފެނިލުންތަކުންނެވެ. އެ އެޕިސޯޑުގައި ސުނީގެ މާބޮޑު އެކްޓިންއެއް ފެނިގެން ނުދިޔަޔަސް، ސުނީއަށް ދީފައިވާ ކެރެކްޓަރގެ ގޮތުން އެ ކޮށްލާ ކަންތަތަކުން ހިނިއައިސްގެން ފަޅައިގެންދާވަރު ވެއެވެ.

އޯކޭޒް އިންކް އާއި ބައިސްކޯފް އެޕް ގުޅިގެން އުފައްދަމުން އަންނަ ”ކަރުހަކުރު“ ޑައިރެކްކުރަނީ ތިއޭޓާ އާޓްގައި އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ.

”ކަރުހަކުރު“ ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.

“ކަރުހަކުރު” ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެރޭ 09:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.