ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުގެ ވައި އަޑުން “ބަވަތި، ބަވަތި، ބަވަތި”ގެ އަޑު އިވުމުންވެސް ގައިން ހީބިހި ނަގައިގެން ދެއެވެ. މާދަމާރޭ އޮލިމްޕަހުގައި ރިލީޒްކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް މިއަދު ވަމުންދާ ފިލްމު “ބަވަތި“ގެ ކޮންމެ ޓީޒާއެއް، ޓްރެއިލާއެއް، ލަވަތަކެއް އަދި ފިލްމުގެ ތަރިންނާއި ޓެކްނިކަލް ކްރޫގެ ކޮންމެ އިންޓަވިއުއަކުން ވެސް ފިލްމު ބަލައިލުމަށް އިތުރަށް ޝައުގުވެރި ކުރުވައެވެ.

އެތަކެއް ދުވަހެއް ވާންދެން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން މާދަމާރޭ އަންނައިރު، ފިލްމަށް ކުރެވޭ އުއްމީދުތައް ވަރަށްވެސް ބޮޑެވެ. އަލަށް ފީޗާ ފިލްމު އުފެއްދުމަށް ނިކުމެ، އައި ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް ހަދައި، އިލްޔާސް ވަހީދު (އިއްލި) ވިއްސަކަށް އަހަރުވާންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމަކީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރަން ބޭނުންވާ މީހަކަށް ކުޑަކަމެއް ނޫނެވެ.

އިއްލި ލިޔެ، ޑައިރެކްޓްކޮށްފައިވާ “ބަވަތި” އަކީ އާދައިގެ ފިލްމެއް ނޫންކަން ކުރިންވެސް ފާހަގަކުރި ފަދައިން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެނގެއެވެ.

މިހައިތަނަށް އައިއިރު “ބަވަތި” ބަލާފައިވަނީ ޑައިރެކްޓަރު އިއްލި އާއި ފިލްމުގެ އެއް ޕްރޮޑިއުސަރު ސިމްބެ އެވެ. މީގެ އިތުރުން ފިލްމު ކްލެސިފިކޭޝަން ބޯޑުން އެ ބެއްލެވި ބޭފުޅުންކޮޅެކެވެ. ނަމަވެސް، ކްލެސިފިކޭޝަން ބޯޑުގެ އެންމެ އިސް މަޤާމުގައި ހުންނެވި، މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު މި ފިލްމާމެދު ކުރައްވާފައި މެސެޖަކުން ފިލްމަކީ މޮޅު ފިލްމެއްކަމަށް ދޭހަވެއެވެ.

‘ދަ މޯސްޓް ޕްރޮމިސިން މޫވީ އޮފް ދަ ޔަރ’ މިހެން ޖެއްސެވުމަށްފަހު “ބަވަތި“ގެ ވީޑިއޯކޮޅެއް މަހްދީގެ ފޭސްބްކްގައި ޖައްސަވާފައިވެއެވެ. އެހެންކަމުން މިއިން ދޭހަވާ އެއް ކަމަކީ ފިލްމު ބެއްލެވުމަށްފަހު މަހްދީ ޖެއްސެވި ސްޓޭޓަސްއަކަށް މި ސްޓެޓަސް ވުން އެކަށީގެންވާ ކަމެވެ.

ބަވަތި” ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒު ކޮށްފައި ވަނީ ޢާއިލީ މައްސަލަ ތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ.

ފިލްމު ”ބަވަތި”ގެ އަންހެން ލީޑްގައި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވާއިރު، ފިރިހެން ލީޑުން ފެނިގެންދާނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާޤެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.