އެއްހާސް އަހަރު – ސީޒަން 1 މި ލިންކުން ވިދާޅުވޭ

އެއްހާސް އަހަރު – ފުރަތަމަ ބައި

15 މާރޗް 2025 – ލ. ގަންފޮނަދޫ ސިޓީ

މަޑުމަޑު ހިނގުމެއްގައި ބިޝާރާ ހިނގަމުން ދިޔައިރު އޭނާ ލައިގެން ހުރި ތުނިތުނި ލޭސް ފޮތީގެ ހެދުމުގެ ރޫބައި ވަޔާ ވިހުރެމުން ދެއެވެ. އެ ހެދުން ބިޝާރާާ ލީ އޭނާގެ މަންމަ ހޮސްޕިޓަލަށް ގެންދަންވެގެންނެވެ. ބިޝާރާގެ މަންމަގެ ކަށީގެ މަދަށް ކެންސަރު ނުވަތަ ލުކޭމިއާ ޖެހުނު ފަހުން އޭނާގެ މަންމަގެ ބަލިހާލު މާބޮޑަށް ސީރިއަސް ވީއެވެ. އޭނާގެ މަންމަގެ ބައްޔަށް ދެމުން އަންނަ އެއްވެސް ފަރުވާއަކުން ޝިފާއެއް ލިބެމުން ނުދާކަމަށް މިއަދުވެސް ޑޮކްޓަރު ބުންޏެވެ. ބިޝާރާގެ މަންމަ ގަމު ގައި ހުންނަ ލާމު މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މީގެ ހަފުތާތަކެއް ކުރިން އެޑްމިޓް ކުރިފަހުންވެސް އެއްވެސް ވަރަކަށް ބަލިމަޑުކަން ރަނގަޅެއް ނުވެއެވެ. ލާމު މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ނަންހިނގާ ސްޕެޝަލިސްޓުންގެ ޓީމުން ބުނެފައިވަނީ ބިޝާރާގެ މަންމަ އަށް އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

 

ބިޝާރާއަށް ދުވަހުގެ އެންމެ ހިތްގައިމު ވަގުތަކީ އަބަދުވެސް ރޭގަނޑުގެ ވަގުތެވެ. ޚާއްޞަކޮށް އިރު އޮއްސި ރަތްވިލާ ލާ ވަގުތެވެ. ރޭގަނޑުގެ ވަގުތުގައި ހޮސްޕިޓަލް ސަރަޙައްދުން ކަސްޓަމާ ދިމާއަށް ދިއުމަށް އޮންނަ މަގުން އަތިރިމައްޗަށް ދިއުމަކީ ބިޝާރާ ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. އެ ސަރަޙައްދަކީ ޢާއްމުކޮށް ގަމު މަތިމަރަދޫ އަވަށު މީހުން ގޮސް ނޫޅޭ ހިސާބެއް ނަމަވެސް ބިޝާރާ ޖެހިލުމެއް ނުވެއެވެ. އެ މަގުގެ ގޮނޑުދޮށުގައި އަޅާފައި އޮންނަ ފާލަމުގެ ދެކުނަށް އޮންނަ ރުއްގަނޑަކީ އޭނާއަށް އެންމެ ހިތްގައިމު އެއް މަންޒިލެވެ. އެ ހިސާބުގަނޑުން ރޭގަނޑު އިވެމުންދާ ފަނިފަޚުސަ އަޑަށް ބައެއް މީހުން ބިރުގަނެ ޖެހިލުންވި ނަމަވެސް އޭނާ ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. އެފަދަ އަޑުތަކަށް އޭނާގެ ޟަމީރު އަބަދުވެސް މަރުޙަބާ ކިޔައެވެ. ބިޝާރާ އާއި އޭނާގެ މަންމަ ދިރިއުޅެމުން އައި ގޭގެ ފަޅުކަމަށްވުރެން ރުއްގަނޑު ތެރެއިން އިވޭ ފަނިފަޚުސަ ގޮވާއަޑުވެސް އޭނާއަށް މާ ހިތްގައިމެވެ.

 

އެހެން ރޭރެއަށް ވުރެން މިރޭ ވައިވެސް ބާރުހެން ހީވެއެވެ. ބިޝާރާގެ ތުނި ހެދުމުގެ ރޫބައިގައި ކަނޑާފައިފައި ކަންތަކުން އޭނާގެ ފައިގެ ތަނބި ކަށީގައި ތެޅެމުން ދެއެވެ. އޭނާގެ ބޮލުގެ ފަން އިސްތަށިގަނޑު ދެފަށަކަށް ގަތާލުމަށްފަހު ބޮލުގަ ޖަހާ ދައްޗަކުން ފުށަބޮލުގައި ހަރުކޮށްލާފައި ވެއެވެ. “ތިހެދުން ދަރިފުޅަށް ހަމަ އެންމެ ހެޔޮވަރު.” ބިޝާރާ އަށް އެ ހެދުން ދެމުން އޭނާގެ މަންމަ ބުނެފައި ވެއެވެ. ” ތި ހެދުން މަންމަ އަށް ހަމަ ފެންނަ އިރަށް ފުރަތަމަވެސް ހަނދާންވީ ދަރިފުޅުމަތިން، ގޮޑުދޮށަށް ހުޅިނަގައި ޖަހަމުންދާ ރާޅުތައް ދަރިފުޅަށް ކަމުދާ ގޮތަށް ތި ހެދުމުގެ ރޫބައިން ދަރިފުޅުގެ ތަނބިކައްޓަށް ރާޅުޖަހާ ކަމުގެ އިޙްސާސް ކުރެވޭނޭ މަންމަ ހިތަށް އެރީ”. ތެދެކެވެ. ރާޅުޖަހާ މަންޒަރަކީ ބިޝާރާއަށް ވަރަށް ކަމުދާ މަންޒަރެކެވެ. އެ ގޮނޑުދޮށުގެ ހިމުން ދޮންވެލިގަނޑަށް ހުޅިނަގައި ޖަހަމުންދާ ރާޅުތަކުން އުފާވެރި މިއުޒިކެއް އުފައްދާ ކަމަށް ބިޝާރާ ދެކެއެވެ. ރުއްގަނޑުގެ ތެރެއަށް ދަތުރުދާ މީހުން އިށީނުމަށް އަޅާފައި ހުންނަ އަށިމަތީގައި ބިޝާރާ ވަރަށް ގިނަވަގުތު ހޭދަ ކުރެއެވެ. އެހެން އިނދެ ގޮޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ ތެރެއަށް އޭނާ ޣަރަޤުވެ އިނދެވޭ ކަހަލައެވެ. ބައެއް ފަހަރަށް ގޮޑުދޮށަށް ބީއްސާ ރާޅުތަކާއި ބިޝާރާ ވާހަކަ ދައްކާ ހަދައެވެ. ރާޅުތައް ދޭ ޖަވާބަކީ އާދަޔާ ޚިލާފް އަޑުތަކެއް އެކުލެވޭ މެސެޖެއް ނަމަވެސް ތުނި ދޮންވެލީގައި ރާޅު ބީއްސާލާ ކޮންމެ ފަހަރަކު ބިޝާރާގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.

 

ރުއްގަނޑު ތެރެއަށް ވަންނަން އޮންނަ ހަނިހަނި މަގުން ވިނަގަނޑު ތެރެއަށް ވަދެގެން ދިޔައިރު އިއްޔެރޭ ގަމު ތުނޑީ އަވަށު ތުނޑި މަތީގައި އެރަށު ޒުވާނުން ބޭއްވި ބުފޭ ނައިޓް މަތިން ހަނދާން އާވަމުން ދިޔައެވެ. އެރޭ ބިޝާރާގެ ބައިވެރިއަކަށް ހުރީ ގަމު އަންހެން ކުދިން އެކުއްޖަކަށް ހިތްކިޔަކިޔާ ހުރި ސްމާޓް ފިރިހެން ކުއްޖާއެވެ. ގިނަ އަންހެން ކުދިންގެ ކަރު ހިއްކުން ފިލުވައިދޭ ބިލާލް އެވެ. ބިލާލް އަކީ ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ނަމުގެ މާނައާއި އެއްފަދައިން އަންހެން ކުދިންގެ ކަރުހިއްކުން ފިލުވައިދޭފަދަ ފުރިހަމަ ޒުވާނެކެވެ. ފުޓްބޯޅަ ކުޅުމުގައި އަރާހުރި ތަރިއެކެވެ. ދިގު ހިތްގައިމު ޒުވާނެކެވެ. ހުރިހައި އަންހެންކުދިންގެ ލޮލުގެ ކޮއި ފަދަ އަގުހުރި ޒުވާނެކެވެ.

 

ލާމު އިންޓަނޭޝަނަލް ހައިސްކޫލްގައި ބިޝާރާއާއި ބިލާލްގެ ކަބަޑް ހުންނަނީ ކައިރިކައިރީގައެވެ. ދެ ޕީރިއަޑް ދެމެދުގައި ލިބޭ ހުސްވަގުތު ކޮޅުގައި އެދެމީހުން ވާހަކަ ދައްކާ ހަދައެވެ. ނުވަތަ އެކަކު އަނެކަމަށް ޖެއްސުން ކޮށްލުމުގެ ގޮތުން ކޮންމެވެސް އެއްޗެކޭ ބުނެ އުޅެއެވެ. މިހާތަނަށް އައިއިރުވެސް ބިޝާރާގެ ބޯއީފްރެންޑެއް ނުހުރެއެވެ. ދާދިފަހުން ބިލާލް އެންމެ ފަހުން ނެގި ބިޓްކަމަށްވާ މިޝްޔާ އާއި މައްސަލަ ޖެހިގެން ދެމީހުން ރުޅި ވެފައި ވުމުން ބިލާލް ބުފޭ ނައިޓަށް ދިއުމަށް ބައިވެރިއަކަށް އިޚްތިޔާރު ކުރީ ބިޝާރާ އެވެ. ބިލާލް، ބިޝާރާއަށް އެކަން ހުށައެޅުމުން ހުރިހައި އަންހެން ކުދިންގެ ހަސަދައިގެ ކަޅިތައް އަމާޒުވީ ބިޝާރާ އަށެވެ. އެ ޙަސަދައިގެ ނަޒަރުތަކުން ދެމުންދިޔައީ ހަމަ އެންމެ މެސެޖެކެވެ. ބިޝާރާ ކިހާ ކާމިޔާބު ހެއްޔެވެ؟. ބިލާލްގެ އެ ހުށައެޅުމުން ކުއްލިއަކަށް ބިޝާރާ މަޝްހޫރުވެގެން ދިޔައެވެ. ބިޝާރާއަކީ ކުރުކޮށް ހުންނަ ކުއްޖެކެވެ. އޭނާއަކީ އަބަދުވެސް ކިޔަވަން މަސައްކަތްކުރާ ކުއްޖެކެވެ. ސްކޫލްތެރޭގައި ނަންހިނގާ މަޝްހޫރު ކުއްޖެއް ނޫން ނަމަވެސް ބުފޭ ނައިޓަށް ބިލާލް އާއި އެކު ދިއުމުގެ ފުރުޞަތު ލިބުނީ ބިޝާރާ އަށެވެ. އަދި ބުފޭ ނައިޓަށް ދިއުމަށް ފަރިފަރި ހެދުމެއް ލައިގެން ބިލާލް އާއިއެކު ބުފޭ ނައިޓަށް ގޮސް ނަށާލެވޭނެކަމަށް އެންމެން ހީކުރީވެސް ބިޝާރާ އަށެވެ. އެހެނަސް އެކަން ވާން އޮތީ ބިލާލްގެ އެކްސް ގާރލްފްރެނޑް އެތަނަށް ނުދިޔަ ނަމައެވެ.

 

މިޝްޔާ އެތަނަށް ދިޔައީ އެއްވެސް ކުއްޖެއްގެ ޑޭޓަކަށް ނޫނެވެ. އާދައިގެމަތިން އެރޭވެސް މިޝްޔާގެ ރީތިކަން އިންތިހާއެވެ. އޭނާގެ މުށި ކުލަ ޖައްސާފައިވާ ބުޅި އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދާލުމަށްފަހު ބޮލުގެ ފުއްކިބައިން މައްޗަށް ނަގައި ރީތިގޮތަކަށް ހަރުކޮށްލާފައެވެ. އޭނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ހެދުމެކެވެ. ހެދުމުގެ ތިރީކައިރި އޭނާގެ ކަށިމައްޗާ ހަމައަށް ހުއްޓެވެ. މިޝްޔާގެ ވަނާތައް ފާޅުވާވަރަށް، ގަޔަށް ބާރުކޮށް ފަހާވައިވާ ހެދުމުގައި ތަފާތު ގޮތްގޮތަށް ރޫޖައްސައި އެކި ކުލަކުލައިގެ މިނާ އޮށް އެލުވާފައި ހުއްޓެވެ. މިޝްޔާ އާއި އޭނާގެ ރައްޓެހިން ތިބީ ތުނޑީ އޮޅަށްކޮޅޭ ކިޔާ ސަރަޙައްދުގައި އޮންނަ ތުނޑިމަތީގައި ފަނުން ހަދާފައިހުރި ގޭގެ އިން ވަކިކުރަން ޖަހާފައިވާ ކޮށިގަނޑުގެ އެއް ކަނެއްގައި ހުނުމާއި ސަކަރާތް ޖެހުމުގައެވެ.

 

އެ ޚާއްޞަ ރޭ ލިބިގެންދިޔަ ޝަރަފާއިމެދު ބިޝާރާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އިވެމުންދިޔަ ހިތްގައިމު މިއުޒިކުގެ ހަމައަށް ބިޝާރާ އާއި ބިލާލް ނަށަމުން ދިޔައިރު އެތާތިބި އަންހެންކުދިންތައް ބަލަމުން ދިޔައީ ދަހިވެތިކަމާ އެކުގައެވެ. ލިބިފައިވާ ހިތްހަމަޖެހުމުގެ ސަބަބުން ބިޝާރާއަށް އިޙްސާސް ކުރެވެމުން ދިޔައީ ވައިގެތެރޭގައި މިނިވަން ކަމާއެކު އުދުހެމުންދިޔަ މަޑިއަކަށް ލިބިފައިވާ މިނިވަން ކަމުގެ އިޙްސާސާ އެއްފަދަ އިޙްސާސެކެވެ.

 

ބިޝާރާގެ ފޮނި އިޙްސާސްތައް ވެއްޔާއި މޮޑެވިގެން ދިޔައީ މިޝްޔާ ގޮސް އެ ދެމީހުންގެ ދެމެދަށް ވަދެ ނަށަން ފެށުމުންނެވެ. ބިޝާރާ ނެށުން ހުއްޓާލިއެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލަމުން ބިލާލަށް ބަލައިލިއެވެ. ބިޝާރާ އުއްމީދުކުރީ މިޝްޔާގެ ކިބައިން އޭނާ ސަލާމަތް ކޮށްދޭނެ ކަމަށެވެ. އެވަގުތު ބިލާލް އޭނާގެ އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމަށް ބިޝާރާ އަތްދިއްކޮލި ވަގުތު މިޝްޔާގެ އަތުން ބިލާލްގެ އަތުގައި ހިފިއެވެ. ބިލާލްވެސް މިޝްޔާގެ އަތުގައި ބާރަށް ހިފާލުމާއެކު ފާޑަކަށް ހީނލަމުން ދުރަށް ހިނގައިގަތެވެ. ތުނޑިމަތީގައި ތިބި އެންމެންގެ މެދުގައި ހުރި ބިޝާރާއަށް ހީވީ ބެހިގެން އޮޔާދާން ފެށިހެންނެވެ. ގަތް ލަދާއި ވީ ދެރައިން ބިޝާރާއަށް ޖެހުނީ މަންޒަރުބަލަން ވަށްބުރަކަށް އެތުރިގެންތިބި ޒުވާނުންގެ ތެރެއިން ނުކުމެގެން ދާށެވެ. ހުރިހައި އެންމެންގެ ލޯތައް ހުއްޓިފައިވަނީ އޭނާއަށެވެ. ގިނަ ޒުވާނުން ބިޝާރާއަށް މަލާމާތް ކޮށްފައި ހެމުން ދިޔައެވެ. ތުނޑިއަށް ފައިބަން އޮންނަ މަގުން އެއްގަމަށް ބިޝާރާ މިސްރާބު ޖެހީ އެހެންވެގެންނެވެ.

 

ޙަޤީޤަތަކީ ބިޝާރާގެ މާގިނަ ރަޙްމަތްތެރިންނެއް ނުތިބެއެވެ. ބިޝާރާ އޭނާގެ މަންމައާއި އެކު ގަމަށް ބަދަލުވިތާ އަދިވީ ދުވަސް ކޮޅެކެވެ. މިއީ ބިޝާރާ ލާމު އިންޓަނޭޝަނަލް ހައި ސްކޫލްގައި ހޭދަކުރާ ފުރަތަމަ ސެމެސްޓަރ އެވެ. ގަމަކީ ބިޝާރާއަށް މުޅިން އައު ތަނެކެވެ. ނަމަވެސް އެ ސްކޫލްގެ ގިނަ ދަރިވަރުންނަކީ ގަމާއި ލ. އަތޮޅުގެ ރަށްތަކުގެ ކުދިން ކަމުން އެމީހުންނަށް އެތަނަކީ އައުތަނެއް ނޫނެވެ. ސްކޫލްގެ ދުވަސްތައް ބިޝާރާ ގުނަމުން ދިޔައީ ސެމެސްޓަރ ބްރޭކް ލިބޭނެ ދުވަހަކަަށް އިންތިޒާރު ކުރުން މަތީގައެވެ. ޗުއްޓީ ލިބުމުން ބިޝާރާ އަށް އޭނާގެ އުފަންރަށްކަމަށްވާ ތ. ގާދިއްފުއްޓަށް ދެވޭނެއެވެ. އެރަށުގައި އޭނާގެ ތިމާގެ މީހަކު ނެތްނަމަވެސް މަންމަގެ ގެ ހުންނާނެއެވެ.

 

ގަމު ތުނޑީކޮޅުން ދިމާވި ހިތާމަވެރި، ލަދުވެތި ކަންތަކާމެދު އިތުރަށް ނުވިސްނުމަށް ބިޝާރާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އަނެއްކާވެސް އެކަންތައް އާލާވީއެވެ. ބިޝާރާ ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު ހަނދުގެ ރިހިއަލިން މުޅި މާހައުލަށް އަލިކަން ފަތުރަމުން ދެއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން އެ ރުއްގަނޑު ފެންނަލެތް މާ ހިތްގައިމެވެ. ޖެހެމުންދިޔަ ގަދަ ވަޔާއެކު ރުއްތަކުގެ ފަންތައް ނަށަމުންދެއެވެ. ދެވެލިބެދޭ ރެސްފަށުގައި ހެދިފައިވާ ކުދިކަށިކެޔޮ ގަސްތަކުގައި ފޮޅިފައިވާ މާތަކުން މުޅި މާހައުލުގައި ވަނީ މީރުވަހެއް ހިއްޕާފައެވެ.

 

ބިޝާރާއަށް މިއަދު ރޮވުނު ވަރުން މޫނުމަތިން އަދިވެސް އެކަން ފެންނަން ހުއްޓެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. މޫނުމައްޗަށް ވެރިވެފައިވާ މޯޅިކަން، އެ މާހައުލަށް ޖެހޭ ހިތްގައިމު ވަޔާއި ދުވަމުންދިޔަ މީރުވަހުގެ ސަބަބުން ތާޒާ ކުރުވައިފިއެވެ. ރުއްގަނޑުތެރޭގައި ހުންނަ ޚާއްސަ އަށީގައި އިށީންދެލާހިތުން މިހާރު ބިޝާރާއަށް ހުރެވެނީކީ ނޫނެވެ. އެއީ އޭނާގެ އައްޓެކެވެ. ގޮނޑުދޮށާއި ދާދި ގާތުގައި ހުންނަ އައްޓެކެވެ. އެ ހިސާބުގައި އަޅާފައިވާ އަނެއް ދެ އައްޓާއި ތަންކޮޅެއް ދުރުގައި ހުންނަ އައްޓެކެވެ. މިހާރު ބިޝާރާ އެންމެ ބޮޑަށް ބޭނުންވެފައި ހުރިކަމަކީ އެ އަށީގައި އިށީނދެ އިނދެ ރޮއެލުމަށެވެ. ގޮނޑުދޮށަށް ޖަހަމުންދާ ރާޅުގެ އަޑާ އެކުވުމުން އޭނާގެ ގިސްލުމުގެ އަޑު އެހެން ދެވަނަ މީހަކަށް ނުއިވޭނެކަން އޭނާއަށް އެނގެއެވެ. މިއިން ދުވަހަކުވެސް އިއްޔެރޭ ހިނގައިދިޔަ ފަދަ ކަމަކާ އަދި މިވީހާތަނަށް ބިޝާރާއަށް ކުރިމަތިލާން ޖެހިފައެއް ނުވެއެވެ. އެއީ އެމީހުން ކޮށްލި ކިހާ ދަށް ފެންވަރުގެ ސަމާސާއެއް ހެއްޔެވެ؟ އެމީހުން ބިޝާރާ ހެއްދީ ނޫންބާވައެވެ؟ އެހެން ނޫންނަމަ އެތަނަށް ދިޔަ ހުރިހައި ކުދިން އޭނާއަށް ބަލާފައި ހޭންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟

 

ރުއްގަނޑު ތެރޭގައި ބިޝާރާ އިށީންނަ އައްޓާއި ހަމައަށް ދެވުނުއިރު އެތާނގައި މީހަކު އިށީންދެގެން އިނެވެ. ކަޅު ހިޔަންޏެއްގެ ސިފައިގައި ފެންނަމުންދިޔައީ ފިރިހެނެކެވެ. އޭނާ ލައިގެންއިނީ ކަޅުކުލައިގެ ގަމީހެކެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި ކަޅު ކުލައިގެ ސްޕައިކް ބޫޓެކެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ބިޝާރާ އޭނާގެ އައްޓާއި ކައިރިއަށް ޖެހިލިވަގުތު އެމީހާ މަޑުމަޑުން ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ ހުއްޓިގެން ހުރީ އައްޓާއި ގާތްގަނޑަކަށް ފަނަރަ ވަރަކަށް ފޫޓް ދުރުގައެވެ.

 

އެމީހާގެ ބޯވަނީ ވަރަށް ތުނިކޮށް ކޮށާލާފައެވެ. ބަލާބެލުމަށް އޭނާ ހީވަނީ ސިފައިންގެ ތަމްރީނެއްގައި ބައިވެރިވެފައިވާ މީހެއް ހެނެވެ. އޭނާގެ ގައިގެ ހަންގަނޑު ހުރީ ކުލަ ފަނޑުކޮށެވެ. ލޮލުގެ ވަށައިގެން ކަޅުވެފައި ހުއްޓެވެ. އެމީހާ ބިޝާރާއަށް ބަލައިލުމުން އޭނާގެ ލޮލުގައިވާ ފަނޑުކަން ފެނިގެން ދިޔައެވެ. ލޮލުގެ ކަޅިރަވައިގެ ޙަޤީޤީ ކުލައަކީ ކޮބައިކަން ބުނެދޭން އެނގޭވަރެއް ނުވެއެވެ. ނޫކުލަ ކަމެއް ފެހިކުލަ ކަމެއް ޔަޤީންވާ ވަރެއް ނުވެއެވެ. އެހާވެސް ކުލަ ފަނޑެވެ. އޭނާގެ ގައިގެ ހަންގަނޑުގައި ހުރި ފަނޑު ކުލަޔާ އެއްގޮތް ވާން އުޅޭކަހަލައެވެ. އޭނާގެ ބުމައިގައި ހުރީ ގަދަ ކަޅުކުލައެވެ. ބޮލުގެ އިސްތަށިގަނޑު އެހާ ކަޅެއް ނޫނެވެ. ދެބުމަވެސް ހުރީ މެދަށް ގޮންޏެއް ލާފައެވެ. އެއީ މީގެ ކުރިން ބިޝާރާ ދުވަހަކުވެސް ދެކެފައިވާ މީހެއް ނޫނެވެ.

 

އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ބިޝާރާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު އެމީހާގެ ނަޒަރު ބިޝާރާގެ ޙަރަކާތްތަކަށް ހިންގާލިއެވެ. ބިޝާރާ އެ ދިޔަގޮތަށްގޮސް އަށީގެ އެއްކޮޅުގައި އެމީހާއާ ވީހައިވެސް ދުރުގައި އިށީންދެއްޖެއެވެ. ފަސޭހަކަމާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުތައް ފެންނަ ހިސާބުގައެވެ.

 

“ކަލޭ މިތާ އިށީންނަށް އަހަރެން ހުއްދައެއް ނުދެން.” އެމީހާގެ އަމުރުވެރި ބަރު އަޑު ޖެހިފައި ބިޝާރާ ސިއްސައިގެން ދިޔައެވެ. ހަމަ އެއާއެކު އެމީހާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ރާޅުތަކަށް ބަލަން ފެށިއެވެ.

 

ޖެހިލުންކުޑަ މި އަންހެންކުއްޖާ އާމެދު ޔަރަސް އިނީ ހިތްހަމަ ނުޖެހިފައެވެ. އޭނާ އިށީންދެ އިން އައްޓާއި ދިމާއަށް ބިޝާރާ އަންނަތަން ފެނުނު ހިނދުންފެށިގެން ޔަރަސް އިނީ ނުރިހިފައެވެ. މިފަދަ ރެއެއްގައި މިފަދަ އެކަހެރި ހިސާބަކަށް އައިސް މިއުޅެނީ ކޮންފަދަ އަންހެނެއް ބާވައޭ ޔަރަސްގެ ހިތަށް އަރަމުން ދިޔައެވެ. މި ހަލަބޮލި މާހައުލުން ހިތްހަމަޖައްސާ އަރާމު ކޮށްލުމަށް ކަމުދާ ތަނަކަށް އޭނާއަށް ފެނުނީ އެތަނެވެ. އެހެނަސް އެ މޮޔަ އަންހެންކުއްޖާ އެތަނަށް ދިއުމުން އޭނާއަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ. އޭނާ ގަމަށް އައިސް އެއިނީ ވަރުގަދަ ކަމެއްގައެވެ. ވަރުގަދަ މިޝަންއެއް ގައެވެ. އެފަދަ ކަމެއްގައި އުޅޭއިރު އެއްވެސް ހުރަހެއް ކުރިމަތިވުމަކީ އޭނާ އެދޭކަމެއް ނޫނެވެ. އެ މިޝަން އަކީ އޭނާ އެހާބޮޑަށް ޖެހިލުންވާ މިޝަންއެއް ނޫނެވެ. ޔަރަސް އުއްމީދުކޮށްގެން އިނީ އެއަންހެންކުއްޖާ އަށް ރަނގަޅަށް ޔަރަސް ފެނުމުން ބިރުން ދުވެ ފިލާނެކަމަށެވެ. އެހެނަސް މިއީ އަޖައިބެއް ކަހަލަ އަންހެން ކުއްޖެކެވެ. ޔަރަސް ކިތަންމެ ހިތް އެދުނަސް މިވަގުތު އެ އަންހެންކުއްޖާ އޭނާގެ ޝިކާރައަަކަށް ހަދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ކަރުހިއްކުން ފިލުވާލިތާ އަދި އެހާ ގިނައިރެއްވެސް ނުވެއެވެ. މާޔޫސްކަމާއި ހިތާމައިގެ އަސަރު ފެންނަން ހުރި އެ ދޮން މޫނު، ޔަރަސްއާއި ދިމާއަށް ދިއްކޮށްލަން ކެރުނީތީވެސް އޭނާ އިނީ ހައިރާން ވެފައެވެ.

 

“މާފުކުރޭ. އަހަރެން މިތަނަށް އައީ އެއްވެސް މީހަކަށް އުނދަގޫ ކުރާކަށް ނޫން.” މިހެން ބުނަމުން އަށިން ތެދުވެގެން ބިޝާރާ ހިނގައިގަތެވެ. ޔަރަސް އުއްމީދު ކޮށްގެން އިނީ އެކުއްޖާގެ ފަރާތުން ހަރުކަށި ޖަވާބެއް ލިބޭނެ ކަމަށެވެ. “މީ އެހެންޏާ ކަލޭ އައްޕަގެ ރުއްގަނޑެއްތަ؟ މަ ބޭނުންތަނެއްގަ ބޭނުންވަގުތަކު އިށީންނާނަން. އެނގިއްޖެތަ؟” ނުވަތަ “މަ މިތަނަށް އައިމަ ކަލެޔަށް އުނދަގޫ ވަންޏާ ދިޔައިމަ ވީނު!” ޔަރަސްގެ ހިތަށް މިހެން އެރިނަމަވެސް މިފަދަ އެއްވެސް ޖަވާބެއް ނައެވެ. ނުވީތާކަށް އެންމެފަހުން އޭނާ އެކުއްޖާއަށް ބަލަބަލާ އިންދާ ކުރިމަތިން ގެއްލިގެން އެ ދިޔައީއެވެ.

 

ބިޝާރާ ހިނގަމުންގޮސް ރުއްގަނޑު ތެރެއިން ނުކުންނަން އޮންނަ މަގު ކައިރީގައި އޮތް ދަނޑުތެރޭގައި އަޅާފައިހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެއްޖެއެވެ. އެ ގޮތެއްނެތް މީހާއާ ދިމާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމަށް އޭނާ ބޭނުންވިއެވެ. ނަމަވެސް ޙަޤީޤަތަކީ ބިޝާރާ އެތަނަށް ދިޔައިރުވެސް އެމީހާ އެތާ އިންކަމެވެ. ފަހަރުގައި އެމީހާވެސް އެތަނަށް ދިޔައީ އެކަނިމާއެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށްވެސް ވެދާނެއެވެ.

 

އެއްހާސް އަހަރު – ދެވަނަ ބައި

ސްކޫލްގައި މާ ބުރަކޮށް ކިޔެވުމާއިގެން އުޅުމަށްފަހު އަނެއްކާވެސް ރޭގަނޑެއްގެ ހިތްގައިމުކަން ބިޝާރާ އިޙްސާސް ކުރަމުން ދިޔައެވެ. ކުރިންރޭ ގަމު ތުނޑީ އޮޅަށްކޮޅުން ދިމާވި ކަންތަކާއި ގުޅިގެން މިއަދުވެސް ސްކޫލްގައި ބައެއް ކުދިން ބިޝާރާ އާއި ހަނގާކޮށް ހެދިއެވެ. އެރޭ ބިޝާރާގެ ރައްޓެހިން ބޭއްވި ބްފޭ ނައިޓްގަ ކަންތައް ކުރިގޮތުން އެކަމާ އޭނާ ވިސްނަމުން ދިޔައެވެ.

 

ހޮސްޕިޓަލުން ނިކުމެގެން ބިޝާރާ މިސްރާބް ޖެހީ ކަސްޓަމާއި ދިމާ އަތިރިމައްޗަށެވެ. އޭރު މެންދަމު ބާރަ ޖަހަން ކައިރިވެއްޖެއެވެ. މިރޭވެސް ބިޝާރާ ގޮސްވަނީ ކުރީރޭވެސް ވަތް ރުއްގަނޑު ތެރެއަށެވެ. ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު ކުރިންރޭ އޭނާގެ އަށީގައި އިން މީހާ މަތިން ބިޝާރާ ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. މަޑުމަޑުން ހިނގަމުން ގޮސް އޭނާގެ އައްޓާއި ހަމައަށް ދިޔައިރު އެ އަށީގައި މީހަކު އިންކަމެއް ނުދެނެހުއްޓެވެ. އައްޓާއި ގާތްގަނޑަކަށް ދެތިން ފޫޓަށް ކައިރިވެވުމާއިއެކު ބިޝާރާ ސިހުނެވެ. މިރޭވެސް އަށީގައި މީހަކު އިންތަން ފެނުމުންނެވެ. އެރެއަކީ އެހެން ރޭރެއަށްވުރެން ފިނި ރެއެކެވެ. މުޅި ދުވަހު ގަމަށް ބޯކޮށް ވާރޭ ވެހުމުން ވަލުތެރެ އޮތީ ތެމިފައެވެ. ފިނިކަމުން ބިޝާރާ ހުރީ ދެއަތުން ގައިގާ ބައްދާލައިގެންނެވެ.

 

“މިހާ ދަންކޮށްފަ ތިގޮތަށް އަންހެން ކުއްޖަކު މިތަނަށް ތި އަންނަނީ ކޮންމެވެސް ނުލަފާ މީހަކު އަތުން ބޮނޑިއެއް ބޯން ދޯ!” އަށީގައި އިން މީހާގެ އަޑު ޖެހުމުން ބިޝާރާ އަށް ތެޅި ގަނެވުނެވެ.

 

“ކީކޭ ބުނަން ތިއުޅެނީ؟”

 

“ކަލޭ ލައިގެން ތިހިރަ ހެދުން ތުނިވެފަ ގަޔަށް އެހާ ބާރު. ކޮންމެ މީހަކަށްވެސް ތި ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފެންނާނެ. ކިހިނެތް ކަލެއަށް އެނގެނީ މިހާ ދަންވަރު ދިމާވާނީ ކޮންކޮން ކަހަލަ މީހުންނަކާ ކަމެއްވެސް.”

 

ރުއްގަނޑު ތެރޭގައި ކަޅުވާން ފަށާފައިވާ ދޮންވެލި ގަނޑުގައި ފައިވާނު ކޮޅުން ވެލިކޮންނަމުން ދިޔައިރު ބިޝާރާއަށް ހުރެވުނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އެހެނަސް އޭނާ އަކީ އެހާ ފަސޭހައިން ބިރުގަންނަ ކުއްޖެއް ނޫނެވެ. ބިރުގަންނަން ބޭނުންވާ ކުއްޖެއްވެސް ނޫނެވެ. “ތީނަ މިތަނަށް އަންނަން ފެށުމުގެ ކުރިން މިހާ ދަންވަރު މިތަނަށް އެހެން އެއްވެސް މީހަކު އައިހެއް ނޫޅޭ.” މިހެން ބުނަމުން ބިޝާރާ އެމީހާ އާއި ދިމާއަށް ބަލައިލިއެވެ. މިރޭ ބިޝާރާގެ އިސްތަށިގަނޑުވަނީ ދޫކޮށްލާފައެވެ. ބޮލުގެ ދެފަރާތަށް އޭނާގެ ފަން އިސްތަށިގަނޑު އެޅިފައި އޮތުމުގެ ސަބަބުން އޭނާގެ މޫނުވަނީ ކޮންމެވެސް ވަރަކަށް ފޮރުވިފައެވެ. “އަހަރެން ދުވަހަކުވެސް މިރަށުން ތީނައެއް ނުދެކެން. ތީ ވިޒިޓާއެއްތަ؟… އޫޕްސް… އެހެން ނޫނަސް މަށަކަށް ނުވެސް އެނގޭނެ މިރަށު އެހާ ގިނަމީހުންނެއް.”

 

“އާނ” އެމީހާގެ ޖަވާބު ކުރުވެފައި އަވަހެވެ.

 

“އަޅުގަނޑު މިތާ އިށީންދެލިޔައަސް އޯކޭތޯ؟”  ބިޝާރާ މިފަހަރު ވާހަކަދެއްކީ މާތް ބަހުންނެވެ.

 

“މިވަގުތު މިތާ އިށީންނުން އެއީ އެހާ ބުއްދިވެރި ކަމެއްނޫން.” ޔަރަސް އެންމެ ފަހުން ލޭ ފޮދެއް ބުއިފަހުން ފުދޭވަރަކަށް ގިނައިރު ވެފައި ވުމުން ބުނެލިއެވެ. އެހެން ނޫނަސް އެ އަންހެން ކުއްޖާގެ ހަށިގަނޑު ތެރޭގައި ހޫނުކަމާއެކު ދައުރުވަމުން އަންނަ ލޭގެ އިޙްސާސް އޭނާއަށް ކުރެވިފައިވުމުން އެ ލެއިން ހިތްއެދޭފަދަ ތާޒާ ވަހެއް ނުދުވާކަން ޔަރަސް އަށް ރަނގަޅަށް އެނގެއެވެ.

 

“ތިއީ ހަމަ އަސްލުވެސް ވަރަށް ބީރައްޓެހި މީހެއް.”

 

“އާނ. އަހަންނަކީ ތަފާތު މީހެކޭ ކަލެޔަށް ބުނެވިދާނެ!” ޔަރަސް އިސް އުފުލާލަމުން ސީދާ ބިޝާރާއަށް ބަލައިލިއެވެ. “އަހަރެން ކަލޭގެ ފޭވަރިޓް އަށި ވެރިކޮށްލުމުންވެސް ކަލޭ ރުޅިއައި ހެނެއް ހިއެއް ނުވޭ!”

 

“އާނ ކީއްވެ ރުޅި އަންނަންވީކީ؟” ބިޝާރާ ފުންނޭވައެއް ދޫކޮށްލަމުން ޖަވާބު ދިނީ ސުވާލަކާއި އެކުގައެވެ. “މިތަނުން އެހެން އައްޓެއްގަވެސް އަހަންނަށް އިށީންދެވިދާނެ އެއްނު. އެހެން ނޫނަސް ތި އަށީގަ މަގޭ ނަން ޖަހާފައެއްވެސް ނުހުންނާނެ.” ޖެއްސުމުގެ ރާގަކަށް ޖަވާބު ދެމުން އެތަނުން ދާން ހިނގައިގަތެވެ. ޔަރަސް ހިމޭންކަމާއެކު ބިޝާރާއަށް ބަލަން އިނެވެ. މިރޭވެސް އެ އަންހެން ކުއްޖާ އެހެން މީހުންނާމެދު ވިސްނާވަރު ވަޒަން ކުރެވުމުން ޔަރަސް ހައިރާން ވިއެވެ. އެހެން ނަމަވެސް އެ އަންހެން ކުއްޖާ އަކީ އިންސާނެކެވެ. ނަމަވެސް އެ އަންހެން ކުއްޖާ އޭނާގެ ޝިކާރައަކަށް ހަދާކަށް މިވަގުތު އޭނާ ބޭނުމެއް ނުވިއެވެ. އެވަރުގެ ކަރު ހިއްކުމެއް މިވަގުތު އޭނާގެ ނެތްކަން ޚުދު ޔަރަސް އަށް އެނގެއެވެ.

 

ޖެހިގެން އައިރޭވެސް ބިޝާރާ އެތަނަށް ދިޔައިރު އަށީގައި އެމީހާ އިނެވެ. ޔަރަސް ހަމައެކަނި ބޭނުންވަނީ އެތަނުގައި ހަމަޖެހިލައިގެން އިނދެ ވިސްނާށެވެ. ބިޝާރާ ފެނުމުން ޔަރަސް ގެ ހިތުތެރޭގައި ހިތްހަމަ ނުޖެހުމުގެ އިޙްސާސްތައް ގަދަވާން ފެށިއެވެ. ނަމަވެސް އެ ހިތްހަމަ ނުޖެހުމާއި ނަފުރަތަކީ އޭނާ އެހެން އިންސާނުންދެކެ ވަމުން އަންނަ ނަފުރަތެއް ނޫނެވެ. އެއަށްވުރެން މާ ނާޒުކު ނުރުހުންވުމެކެވެ. ޔަރަސް ވިސްނަމުންދަނީ މިފަހަރު އޭނާ ލ. އަތޮޅަށް އައިސް އުޅޭ މިޝަން ކާމިޔާބު ކުރެވޭނެ ގޮތަކާއި މެދުގައެވެ. ނަމަވެސް މިފަހަރުގެ މިޝަން އަކީ ކާމިޔާބު ކުރެވިދާނެކަމުގެ މާބޮޑު ގެރެންޓީއެއް ނެތް މިޝަން އެކެވެ. އެކަމަކު މި އަންހެން އޭނާގެ ޝިކާރައަކަށް ހެދުމަށް ކިތަންމެ ފަސޭހަ ނަމަވެސް އޭނާ އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެ އަންހެން ކުއްޖާ ޝިކާރަ ކޮށްލުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. ކޮންމެ ރެއަކުހެން މިހާރު އެ ކުއްޖާ އައިސް އަމިއްލައަށް ދަލު ތެރެއަށް ވަދެ އައިސް އިނުމަށްފަހު އެހެރަގެން އުޅެނީއެވެ. ނަމަވެސް ޔަރަސް ބޭނުންވަނީ ފަހަތުން ދުވެ އަތުލައިގެން ޝިކާރަކޮށް އުޅުމަށެވެ. އެ އިންސާނުން ބިރުން ވިރިގެންދާތަން ދުށުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އެފަދަ ވަގުތު ތަކުގައި އެމީހުންގެ މަޘާނާ (ކިޑްނީ) ގެ މަތީގައިވާ އެޑްރީނަލް ގްލޭންޑުން އުފައްދާ އެޑްރީނަލިން ހޯމޯން ލެޔާއި އެކުވުމުން އެ ލޭގެ މީރުކަން އިތުރުވާކަމަށް ޔަރަސް ޤަބޫލު ކުރެއެވެ. އެ އަންހެން ކުއްޖާ މިހައި ވަރަށް ދޯޅުވަމުން އަންނަ ނަމަ އޭނާގެ ލޭފޮދު ބޮއެނުލާ ފަރުޖެހޭނެ ހެން ހިއެއް ނުވެއެވެ.

 

“އަދިވެސް އެބަ އުޅެންދޯ މި ރަށުގަ!” ދެތިން ފޫޓް ދުރުގައި ހުއްޓެމުން ބިޝާރާ ވާހަކަ ދައްކަން ފެށިއެވެ.

 

“ކަލެއަށް ކޮންކަމެއް؟” ޔަރަސް ހަޅޭއް ލަވައިގަތެވެ.

 

“އައިމް ސޮރީ!! އަހަރެން އަނގަގަދަ ކަމަށްޓަކައި މަޢާފަށް އެދެން.”

 

ޔަރަސް ރުޅިވެރިކަމާއެކު ބިޝާރާއަށް ބަލަން އިނެވެ. އޭނާގެ ލޮލުގެ ކުލަ ކިލަނބު ވެފައި ވާހެން ބިޝާރާއަށް ހީވިއެވެ. އެ ދެލޮލުން ކަޅި ޖަހައިނުލާ ބަލަމުން ގެންދިޔައީ ބިޝާރާ އަށެވެ.

 

“ކީއްކުރަން ކަލޭ މިތަނަށް ތި އަންނަނީ؟ އަހަރެން އެހާ ސާފުކޮށް ކަލޭ ކައިރީ ނުބުނަންތަ މިތަނަށް މަ ފެންނަ ހިސާބަށް ނާންނާށޭ! ކީއްވެތަ ކަލެޔަށް ނުވިސްނިގެން ތި އުޅެނީ؟ މިތަނަށް އައިސްފަ، އަނގަ ތަޅަން ފަށާފަ މަޢާފަށް އެދިފަ، ތީ ކޮން ސަކަރާތެއް! ކީއްތަވާނީ ކަލޭ މިތަނަށް ނައިސް ހުރިއްޔާ! އޭރުން ކަލޭ ނުޖެހޭނެ ތިހެން މަޢާފަށް އެދިއެދި ހުންނާކަށް!” މިރޭ ޔަރަސް ހުރީ ބިޝާރާ ދެކެ ހަމަ ރަނގަޅަށް ރުޅި އައިސްފައެވެ.

 

“އެކަމަކު މިތަނަށް އަހަރެން އަބަދުވެސް އަންނަން. މިއީ މަގޭ ފޭވަރިޓް ސްޕޮޓް،” ދިފާޢުގައި ބިޝާރާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުގައެވެ. “އަހަރެން މިރަށަށް އައިފަހުން އަބަދުވެސް މިތަނަށް އައިސް އުޅެން.”

 

“ހެވޭ! މިއަދަށް ފަހު މިތަންމިއީކީ ކަލޭގެ ތަނެއް ނޫން. ޕްލީސް މިތަނުން ދޭބަލަ. އެހެންނުނީ އަހަރުމެން ދެމީހުންވެސް ދެރަވެ ހިތާމަކުރާފަދަ ކަމެއް އަހަންނަށް ކުރެވިދާނެ!”

 

ބިޝާރާއަށް ތެޅިގަނެވުނެވެ. އަނގައިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ބާރަށް ދުއްވައިގަތެވެ. އޭނާއަށް މަޑުމަޑުން ރޮވެން ފަށައިފިއެވެ. ބިޝާރާ އަށް ނޭނގުނު ނަމަވެސް ޔަރަސް އަށް ބިޝާރާގެ އެ ލުއި ގިސްލުމުގެ އަޑު ހަމަ ރަނގަޅަށް އިވެއެވެ. އެ އަޑު އިވުމުން އެންމެ ފުރަތަމަ ޔަރަސް ގެ ހިތަށް މޮޅިކަމެއް ވެރިވިއެވެ. ހަމަ އެއާއެކު އޭނާގެ ހިތަށް މަޖުބޫރު ކުރުވިއެވެ. އިންސާނަކާއި ދޭތެރޭ ހަމްދަރުދީގެ ޖަޒުބާތު ނުބޭއްވުމަށް އަމިއްލަ ނަފުސަށް އިންޒާރު ދިނެވެ. ބިޝާރާ އަކީ އޭނާގެ ކާނާއެވެ. އެއްވެސް މީހަކަށް އޭނާ ކެއުމަށް ބޭނުންކުރާ އެއްޗަކާއި މެދު ހަމްދަރުދީ ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިހެން ހިތަށް އެރުމާއި އެކު ޔަރަސް ގަމަށް އައިސް އުޅޭ މިޝަން މަތިން ހަނދާންވިއެވެ. އެއީ އޭނާއަށް ތަހައްމަލް ކުރަން ދަތި މިޝަން އެކެވެ. އޭނާ އެންމެ ފުރަތަމައިނުންވެސް މިތަނަށް ގެނުވީ އެ މިޝަންގެ ސަބަބުންނެވެ. އެއީ އޭނާގެ ނިމުމެއްނުވާ ދިރިއުޅުމަށް ޖެހިފައިވާ ބަލާ އިން މިންޖުވުމަށް ކުރިމަތިލާން ޖެހޭ މިޝަންއެވެ.

 

ހަފުތާ ތަކެއް ފަހެވެ. ބިޝާރާގެ މަންމަގެ ޙާލު އިތުރަށް ސީރިއަށް ވެއްޖެއެވެ. މިހާރު ރެއާއި ދުވާލު ބިޝާރާ އިންނަނީ ހޮސްޕިޓަލުގައެވެ. ދުވަސްކޮޅެއް ކުރިން ބިޝާރާގެ މަންމެގެ ހާލު ގޯސްވެ ކޯމާ އަކަށް ދިޔަ ފަހުންނެވެ. ޑޮކްޓަރުންނާއި ނަރުހުން ބިޝާރާ އަރާމުކޮށްލަން ދިއުމަށް އާދޭސް ކުރަމުން ދިޔައެވެ. އެންމެފަހުން ބިޝާރާ ހިތްހަމަޖައްސާލުމަށް އޭނާގެ ފޭވަރިޓް ސްޕޮޓަށް ދިޔައީ ޑޮކަޓަރުންގެ އެތަކެއް އާދޭހަކަށް ފަހުގައެވެ. އެއީ ފިނި ހަވީރެކެވެ. ބިޝާރާ ލައިގެން ހުރީ ޓޮަޕަކާއި ޖިންސެކެވެ.

 

ކަސްޓަމާ ދިމާ އަތިރިމަތިން ހޭޅި ތެރެއަށް ބިޝާރާ ވަދެގެން ދިޔައެވެ. އެވަގުތު އެތާނގައި އެހެން މީހަކު ނުއިންނާނެ ކަމަށް ހީކޮށް ފުންމަމުން ކޮރަމުން ހިނަގަމުން ދިޔައެވެ. ބިޝާރާ ޢާއްމުކޮށް އިށީންނަ އައްޓާއި ހަމައަށް ދިޔައިރު އެ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަށީގައި އިށީންނަމުން ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކަށް ބަލަން ފެށިއެވެ. މޫދުގެ ލޮނުގަނޑުގައި އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ރަންކުލަ އެޅިފައި ހުއްޓެވެ. އިރުގެ ދޯދިތަކުން އުފެދެމުން ދިޔަ ވިދުވަރަށް ގެއްލިފައި އޭނާއަށް އިނދެވުނެވެ. ނަމަވެސް އިސާހިތަކުން ބިޝާރާ އަށް ގިސްލެވެން ފެށުނެވެ.

 

ޖެހިގެން އައި ރެއެވެ. ބިޝާރާ ހުރީ ފުދޭވަރަކަށް ނިދި މަދުވެފައެވެ. އެހެނަސް އޭނާ ކަސްޓަމް ސަރަޙައްދު ހޭޅިތެރެއަށް ދިޔައެވެ. އެރޭ އަނެއްކާވެސް ޔަރަސް އެތާ އިންތަން ފެނުނެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ގޮސް އިށީންނީ އޭނާގެ އަށީގައެވެ. އެ އަށީގައި އިން ޔަރަސް އާއި ނުހަނު ގާތުގައެވެ.

 

“ކަލޭ ކީއް ތިކުރަނީ؟”

 

“އަހަރެން މިތާ އިށީންނީނު.”

 

“އަހަރެން ނުބުނަމެއްނު ކަލޭ ކައިރީ އިށީންނާށެކޭ!”

 

“އޯކޭ އޯކޭ. އައި އޭމް ސޮރީ. ވަރުބަލިވެފަ ހުރިވަރުން އިށީންދެލާހިތުން ހުރީމަ!”

 

“ދެން ކަލޭ ގެއަށް ގޮސް އިށީންނީމަ ވީނު!” ޔަރަސް ހަޅޭއް ލަވައި ގަތެވެ.

 

ޔަރަސް ހަޅޭއް ލަވައިގަތުމުން ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ހަމަ އެއާއެކު އޭނާގެ ގޭގެ ޙާލަތާއި މެދު ވިސްނަން ފެށުނެވެ. ހުސްކަމާއި ފަޅުކަން އެކުލެވިގެންވާ ގެއެކެވެ. އޭނާގެ މަންމަ މިއަދުވެސް ލޯ މަރާލައިފިނަމަ އެ ގެ ދޫކޮށް ދާންޖެހޭނެ ކަން އޭނާއަށް އެނގެއެވެ. އެގޭގައި އެކަނި އުޅޭނެހައި ހިތްވަރެއް އޭނާގެ ގައިގައި ނުހުންނާނެ ކަން އެނގެއެވެ. މިރަށުގައި އޭނާ އަށް އަޅާލާނެ އެހެން މީހަކުވެސް ނުހުންނާނެއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އޭނާގެ ދިރިއުޅުން ހަނގުރާމައެއްގެ ވިލާގަނޑު ދަށުވާނެއެވެ. މަންމަ ނިޔާވުމުން ކިޔެވުން ހުއްޓާލައި ވަޒީފާ އަކަށް ދިއުމަށް މަޖުބޫރު ވާނެއެވެ.

 

ލަދުރަކި ގޮތަކަށް ބިޝާރާ ޔަރަސް އަށް ބަލައިލިއެވެ. ބިޝާރާގެ ލޮލުގައި ވަނީ ހިތާމައިގެ އަސަރެވެ.

 

“ޕްލީސް، އަހަރެން މިތާ މަޑުކޮށްލިޔަދީ! އަހަރެން ގެއަށްގޮސް ކުރާނެ އެއްވެސް ކަމެއް ނޯންނާނެ.” ބިޝާރާގެ ދެލޯ ކަރުނައިން ފުރެމުން ދިޔައެވެ. މުތީ ތަކެއްހެން ހަނދުވަރުގެ އަލިން ކަރުނަތައް ވިދަމުން ދިޔައެވެ. ނަމަވެސް ޔަރަސް ބަލައިލީ ދުރަށެވެ. ބިޝާރާގެ އެދުމަށް އެއްވެސް ޖަވާބެއް ނުދެއެވެ.

 

އެތައް އިރެއްވަންދެން ބިޝާރާ އާއި ޔަރަސް ހަނު ތިއްބެވެ. ޔަރަސް އަށް އެހެން އިނދެވުނީ އޭނާ ވަރަށް ފަހުން ޝިކާރައެއް ކޮށްފައި ވާތީއެވެ. އެހެން ނޫންނަމަ ބަނޑުހައި ވެފައިވާ ސިންގާއެއް ފަދައިން މިހާރު އިނީހީ ބިޝާރާ ގެ ލޭފޮދު ބޮއެލުމުގައި މަސްޢޫލު ވެގެންނެވެ. އޭނާގެ ގައިން ދުވަނީ މީރުވަހެވެ. ތާޒާ ލޭގެ ވަހެވެ. ޔަރަސް މަޑުން އިންނަމަވެސް ސިކުޑިތެރޭގައި އެނަން ވަނީ ނޯޓް ކޮށްލެވިފައެވެ. އޭނާ ބަނޑުހައި ވެފައި އިންނަ ރެއަކުން އެއްމެ ލޭ ތިއްކެއްވެސް ދޫނުކޮށް ބޮއެ ހުސްކޮށްލުމުގެ ނިޔަތް ގަނެގެންނެވެ.

 

އެތައް ގަޑިއިރެއް ފަހުން ބިޝާރާ އެތަނުން ދިއުމަށް ތެދުވެއްޖެއެވެ. ޔަރަސް ނޫން ކަމަށް ހެދިގެން އިނދެ އޭނާއަށް ބަލައިލިއެވެ.

 

“ޝުކުރިއްޔާ.” ނޯށް ދަމާލަމުން ބިޝާރާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑު ވަނީ ރުއިމުގެ ސަބަބުން ކުރަކި ވެފައެވެ. ބިޝާރާ މަޑުމަޑުން ހިނގަމުންގޮސް ރުއްގަނޑު ތެރެއިން މަގުމައްޗަށް ނުކުމެއްޖެއެވެ.

 

ޔަރަސް އެތަނުގައި އިރުކޮޅެއް ވާންދެން އިނެވެ. “އެ އަންހެން ކުއްޖާ އަހަންނަށް ހާދަ ކިޔަމަން ތެރިއެވެ.” ޔަރަސްގެ ހިތަށް އެރިއެވެ. ދެން އޭނާ އާއި މިތަނުން ބައްދަލުވާ ފަހަރަކުން ޔަރަސް ގެ ޙަޤީޤަތް ކިޔައިދިނުމަށް ނިންމިއެވެ. ވާގޮތެއް އެނގިދާނެ ތާއެވެ.

 

އެއްހާސް އަހަރު – ތިންވަނަ ބައި

ބިޝާރާގެ މަންްމަަ މި ދުނިޔެ ދޫކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަންމަ މަރުވިފަހުން ބިޝާރާ ބޭރަށް ނުނިކުންނަތާ ދުވަސްތަކަކަށްފަހު މިރޭ އޭނާގޮސް އެހެރީ އޭނާއަށް އެންމެ ހިތްގައިމު މާހައުލުގައެވެ. ހެނދުނުއްސުރެން ގަމަށް ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލީ އަށެއްގެ ޚަބަރު ކިޔަމުން ދަނިކޮށްނެވެ. ރުއްގަނޑު ތެރެއަށް ވަދެގެންދިޔައިރު ގަސްތަކުގެ ފަތްތަކުގައި ހުރި ފެންތިކިތަކުން ބިޝާރާގެ ހެދުން ތެންމަމުން ދިޔައެވެ. މާހައުލުވެސް ހީވަނީ ފިނިކަމުން ގަނޑުވެދާނެ ހެންނެވެ.

 

ބިޝާރާ ޢާއްމުކޮށް އިށީންނަ އައްޓާއި ހަމައަށް ދެވުނުއިރު މިރޭވެސް ޔަރަސް އެތާނގައި އިނެވެ. މިރޭ ބިޝާރާ އެތަނަށް ދިޔައީ ރީނދޫ ކުލައިގެ ފިނިފެންމަލެއް ހިފައިގެންނެވެ. ޔަރަސް އަށް ދިނުމަށެވެ. މިއީ ބިޝާރާއަށް އެތަނަށް އާދެވޭނެ އެންމެ ފަހު ރޭ ކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޔަރަސް އަށް ބިޝާރާ އެހާ ކަމުނުދާކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާ ބޭނުންވަނީ ޔަރަސްގެ ފަރާތުން ލިބިގެންދިޔަ އެކަނިފިލުވައިދިން އިޙްސާސަށްޓަކައި ވެސް ޝުކުރު އަދާކުރުމަށެވެ.

 

އަށްޓާއި ދިމާއަށް ބިޝާރާ އަންނަތަން ބަލަން ޔަރަސް އިނެވެ. ޔަރަސް އިނީ ފުދޭވަރަކަށް ބަނޑުހައިވެފައެވެ. އޭނާގެ ހަށިގަނޑު ތެރޭގައި ބިޝާރާގެ ހުރިހައި ލެޔެއް ބަހައްޓާނެ ޖާގަ ހަމަ ރަނގަޅަށްވެސް އެބަހުރިކަން އޭނާއަށް އެނގެއެވެ. އާއެކެވެ. ބިޝާރާގެ ފަރާތުން ޔަރަސް އަށް ލިބުނު ހުރިހައި ގޯނާއެއްގެ ބަދަލު މިރޭ ހިފުމަށްފަހު ނޫނީ އެންމެ ލެއި ތިއްކެއްވެސް ބޯކަށް އޭނާގެ ހިތެއް ނުބުނެއެވެ.

 

ބިޝާރާ ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ޔަރަސް ބިޝާރާއަށް ބަލަން ފެށިއެވެ. އޭނާގެ ދެލޯވެސް މިރޭ ހުރީ މާބޮޑުކޮށް އެހާމެ ކަޅުކޮށެވެ. ބިޝާރާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. އޭނާގެ އަތުން ފިނިފެންމަލުގައި ހިފަހައްޓާލައިގެންނެވެ. ޔަރަސް އަށް އެ މާ ދިނުމުން ޢަމަލުކުރާނީ ކިހިނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ ހުރީ ގޯހުން ގޯހަށް ކަންތައްތައް ހިނގައިދާނެ ކަމަށްވެސް ތައްޔާރުވެގެންނެވެ. އެ މަލުގައި ނުހިފާނެ ކަމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ޔަރަސްގެ ކިބައިން ނުރައްކަލެއް އަތުވެދާނެ ކަމަކަށް ކުޑަކޮށްވެސް އޭނާގެ ޅަ ސިކުނޑިއަށް ނުވިސްނެއެވެ. އޭނާގެ ވިސްނުންހުރީ އެ މާ ޔަރަސް އަށް ދިނުމަށްފަހު އެ ހިތްގައިމު މާހައުލާއި އެ މާހައުލުން އަލަށް ލިބުނު ބީރައްޓެހި ރަޙްމަތްތެރިޔާ، ޔަރަސް ނުފެންނަ ހިސާބަށް މާދުރަށް ދިއުމަށެވެ.

 

ބިޝާރާ ލައިގެން ހުރި ހެދުމަށް ޔަރަސް ބަލައިލިއެވެ. ކަޅު ކުލައިގެ އަތްކުރު ޓޮޕް ކޮޅަކާއި ނޫ ކުލައިގެ ޖިންސެކެވެ. އޭނާގެ ނަސޭޙަތާއި އެއްގޮތަށް ރޭގަނޑުގެ ފުރަދަން ގަޑީގައި މީހުންގެ ލޮލުގައި އަޅައިގަތުން ކުޑަކުރުމަށް އޭނާ އެހެރީ އަނދިރި ކުލައެއްގެ ހެދުމެއް ލައިގެނެވެ. ފުން ވިސްނުމެއްގެ ތެރޭގައި ޔަރަސް އިނދެގެން ވިސްނަމުން ދިޔައީ މިރޭ އޭނާއަށް ލިބިފައިވާ ރޯއްޖާއި މެދުގައެވެ. ޒުވާން ތާޒާ ލޭ މާބޮޑު އުނދަގުލަކާއި ނުލައި ބޮއެލާނެ ފުރުޞަތު މިއޮއްގެން ތަނަވަސް ވަނީއެވެ. ބިޝާރާ ލާފައި ހުރި ބާރު ޓޮޕުން އޭނާގެ ހަށިގަނޑުގެ ލޫޅާފަތިކަން ފެންނަން ހުއްޓެވެ. ބަނިޔާދަން ހަށިގަނޑެކެވެ. މިރޭވެސް ބޮލުގެ އިސްތަށިގަނޑު އޮތީ ކްލިޕް ދައްޗަކުން އައްސާލާފައެވެ. އެހެނަސް އެހެން ރޭރެއާއި ޚިލާފަށް މިރޭ އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ދޮންފޫޑު ކަމެވެ. އެހެނަސް ބިޝާރާ އަކީ ވެމްޕަޔަރެއް ނޫންކަން ޔަރަސް އަށް ޔަޤީނެވެ.

 

ކިތަންމެ ދޮންފޫޑަސް މިރޭވެސް ބިޝާރާގެ ގައިން އެ ތާޒާ މީރުވަސް ޔަރަސް އަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ޔަރަސް އަށް އިނދެވުނީ ކެތް މަދުވެފައެވެ. އޭނާގެ ދިގު ދެ ފޭރާދަތް ބިޝާރާގެ ކަރުދޮށަށް ކޮއްޕާލައި ބިޝާރާގެ ޒުވާން ތާޒާ ލޭގެ މީރުކަން އޭނާގެ އަނގަޔަށް އިޙްސާސް ކޮށްލުމަށެވެ.

 

ބިޝާރާ ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އިސްނެގުމަށް މިރޭ ޖެހިލުން ވިއެވެ. ބިޝާރާގެ މޫނުމަތިން ބިރުގަންފައި ވާކަމުގެ އިޙްސާސެއް ޔަރަސް އަށް ފެނުނެވެ.

 

“އަހަރެން އެހާވަރަށް ބުނީމަވެސް އަނެއްކާ މިރޭވެސް އައީ ދޯ! އަހަރެން ބުނެފީމެއްނު އަހަރެން ކަލެޔާއި ކުރިމަތި ލުމަކަށް ދާކަށް ބޭނުމެއް ނޫނޭ!” ޔަރަސްގެ ރާގު މިރޭވެސް ހުރީ ހަރުކަށި ގޮތަކަށެވެ.

 

“އަހަރެން މިއައީ ތީނައަށް އެއްޗެއް ހިފައިގެން.”

 

“އަހަރެން ކަލޭ އަތުން އެކައްޗެއްވެސް ބޭނުމެއް ނޫން.” ތެދެކެވެ. ޔަރަސް ބޭނުންވަނީ ހަމަ އެކަނި ބިޝާރާގެ ހަށިގަނޑުގައި ހިނގަމުންދާ ލެއި ފޮދު އެކަންޏެވެ.

 

ބިޝާރާ ގަނޑުވި ކަހަލައެވެ. ޔަރަސްގެ ހިތެއް ނެތްކަން އިޙްސާސް ކުރެވުމުން ދެރަވިއެވެ. އެވަގުތު ޔަރަސް އޭނާގެ ޕްލޭނަށް ޢަމަލު ކުރަން ފެށުމުގެ ގޮތުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

“އެކަމަކު މިރޭ އަހަރެން ކަލެޔަށް އެއްޗެއް ދޭނަން.”

 

“ކީކޭ ތި ބުނީ؟” ބިޝާރާގެ މޫނުމައްްޗަށް ހާސްކަމާއި ބިރުވެރިކަން ވެރިވިއެވެ. ޔަރަސްގެ ހަށިގަނޑު ތެރޭގައި ވޭމްޕަޔަރުންގެ ހަށިގަނޑުގައި ހުންނަ ޚާއްޞަ ހޯމޯން މަސައްކަތް ކުރަން ފެށިއެވެ. އޭގެ ސަބަބުން ބިޝާރާގެ ލެޔަށް އިންތިހާއަށް އެދެވެން ފެށުނެވެ. އަށިން ތެދުވެ ބިޝާރާ އާއި ކައިރިއަށް ޖެހިލިއެވެ.  ޔަރަސް އަކީ އިސްކޮޅުން ދިގު މީހެކެވެ. ބިޝާރާގެ ބޮލުން މައްޗަށް އޭނާގެ ބޯ އަރައެވެ. ޔަރަސްގެ ދިގު އިސްކޮޅު ފެނިފައި ބިޝާރާ އިތުރަށް ބިރުގަތެވެ. ބިޝާރާ ފަހަތަށް ޖެހެން ފެށިއެވެ. ޔަރަސް ބިޝާރާ އާއި ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ބިޝާރާ ގޮސް ލައިގަތީ އެތާ ހުރި ބޮޑު އުނިގަހުގައެވެ.

“ޕްލީޒް، އަހަރެން ދެން މިތާކަށް ނާންނާނަން.” ތުރުތުރު އަޅަމުން ދިޔަ މަޑުމަޑު އަޑަކުން ބިޝާރާ އާދޭސް ކުރަން ފެށިއެވެ. “ހަމަ ހުވާ. ޤަބޫލު ކޮށްބަލަ، އަހަރެން ދެން ދުވަހަކުވެސް މިތަނަކަށް ނާންނާނަން.”

ޔަރަސް މިހާރު ހުރީ ބިޝާރާ އާއި ނުހަނު ގާތުގައެވެ. ބިޝާރާގެ އަވަސްވެފައިވާ ނޭވާގެ ވަސް ޖެހޭހާވެސް ގާތުގައެވެ. ބިޝާރާގެ ތާޒާ ލޭގެ ވަސް އޭނާގެ ހިނދުރިން ބޭރުވަމުން އަންނަ ނޭވާ އިންވެސް ޔަރަސް އަށް ދުވައެވެ. އިސާހިތަކުން ބިޝާރާ ބިރުން ފިތްކެނޑިފައި ހުއްޓާ އޭނާއަށް ފެނިދާނެއެވެ. އެފަދަ ހިނދުކޮޅަކީ އޭނާއަށް ނުހަނު ބޮޑު އުފަލެއް ލިބޭ ހިނދުކޮޅެކެވެ.

ޔަރަސްގެ މޫނު ބިޝާރާ އާއި ކައިރި ކޮށްލިއެވެ. މިނިކާވަގެއް ހޭރިގަންނަ ގޮތަށް ޔަރަސްގެ ކަރު ތެރެއިން އަޑެއް ބޭރުކޮށްލިއެވެ. އޭރު އޭނާގެ ދިގުވެފައިވާ ދެ ފޭރާދަތް ނުހަނު ރީއްޗަށް ފެންނާން ހުއްޓެވެ.

ބިރުން ގޮސް ބިޝާރާއަށް މާނޭވާ ލާން ފެށުނެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ އަވަސް ވެގެން ގޮސް ކޮށިވެސް އަރައިފިއެވެ. އެވަގުތު ޔަރަސް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.”ކަލެޔަށް ނޭނގެނީތަ، މަށާ ހަމައަށް ވައި ނޭޅޭށޭ ބުނީމަ މިތަނަށް އައުން ހުއްޓާލަން؟”

ބިޝާރާ އަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭގުނުތާނގާއި އޭނާގެ އަޑުވެސް ބޭރު ނުވީއެވެ.

“ޚާއްޞަކޮށް އަހަރެން ކަހަލަ ވޭމްޕަޔަރަކާ ވައިވެސް އެޅެން ނުވާނެ. އަހަރުމެންނަށް އިޙްތިރާމް ނުކުރާ މީހުންނާއި ދޭތެރޭ އަހަރުމެން އޯގާތެރި ވާނީ ކިހިނެތް؟”

“އަހަންނަކަށް ނޭނގޭ ތީ…”

“ވޭމްޕަޔަރ އެއްކަން ދޯ!” ވިހަ ހިނިގަނޑެއް ޖަހާލަމުން ބިޝާރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްދިނީ ޔަރަސް އެވެ. އަމިއްލަ ދިފާޢުގައި ބިޝާރާ ވާހަކަދައްކަން ފެށިއިރު އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ދިރިއުޅުމުގައި ކަމެއް ގޯސްވެގެންދާނީ މިހާވަރަށޭ ހިތަށް އެރިއެވެ. މިހުރިހައި ދުވަހު އޭނާ އެ ރުއްގަނޑުތެރޭގައި އައިސް އެ އިންނަނީ ނޭނގިނަމަވެސް ވޭމްޕަޔަރަކާއި އެކުގައެވެ.

އެކަމަކު މިހާދުވަސް ވަންދެން ޔަރަސް މި ބިރުވެރިކަން ނުދައްކާ މަޑުކުރީ ކީއްވެގެން ހެއްޔެވެ؟ މިރެއަކީ އަހަރެން މަރާލުމަށް ނިންމާފައިވާ ރެއަކީ ނޫންބާވައެވެ؟ އެހެންވިޔަސް އެއްވެސް ފަރުވާލެއް ނެތެވެ. މި ދުނިޔޭގައި އަހަންނަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެއް ބިޝާރާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ވެމްޕަޔަރުންނާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ބިޝާރާ އަށް އެނގެއެވެ. ޑްރެކިއުލަރ ގެ ހުރިހައި ވާހަކަތެއް އޭނާވަނީ ކިޔާފައެވެ. ފިލްމް ތައްވެސް ބަލާފައެވެ. މިހާރުވެސް ކޮންމެ ދުވަހަކުހެން ވޭމްޕަޔަރ ޑައިރީސް ސިލްސިލާ ބަލަމުން އަންނާތީ ވެމްޕަޔަރ އަކީ އޭނާއަށް އައު އެއްޗެއް ނޫނެވެ. އެހެނަސް ފިލްމް ތަކާއި ވާހަކަތަކުން އެނގޭގޮތުން އެއީ ނުހަނު ބާރުގަދަ އެއްޗެކެވެ. އިންސާނުންނަށް ލިބިފައިނުވާ އެތައް ބާރެއް ލިބިފައިވާ މަޚްލޫޤެކެވެ. އެހެނަސް މިހުރިހައި ވަގުތެއް ނެގީ ކީއްވެގެން ހެއްޔެވެ؟ ބޮޑު ކިއްލާއެއްގައި ނޫޅެ އޭނާ މިތާނގައި އެ ކުރަނީ ކީއްހެއްޔެވެ؟ ކޮންމެ ރެޔަކު އިންސާނެއްގެ ލޭ ނުބުޔަސް މިހާރު ވޭމްޕަޔަރ އަށް ދިިރިއުޅެވޭ އިރު ކޮންމެ ރެޔަކު އޭނާ މި ރުއްގަނޑު ތެރޭގައި އެ އިންނަނީ ކީއްކުރަން ހެއްޔެވެ؟

ސުވާލުތައް ހިތަށް ގިނަވަމުން ދިޔައިރު ބިޝާރާ އަށް ޔަޤީންކުރެވޭ އެއްކަމެއް އެބަ އޮތެވެ. މިރެޔަކީ އޭނާގެ އެންމެ ފަހު ރޭކަން އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

“އަހަ- އަހަރެން- އަހަރެންގެ ފަ-ފަ-ފަރާތުން އުނދަގޫ ކުރެވުނީތީ މަޢާފް ކުރޭ!”

“ކަލެޔަށް ކިތައް ފުރުޞަތު ތަ ދޭންވީ. ކަލެއަށް ވަގުތު ދެވުނުވަރު މަދީތަ؟ ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް، މިހާރު ވަގުތު ފާއިތުވެއްޖެ!”

ނުނިމޭ

އެއްހާސް އަހަރު – ހަތަރުވަނަ ބައި

“ޕްލީޒް. މިބުނީނު އަހަންނަކަށް ނޭނގެޔޭ. އަޅެ ޕްލީޒް! މަ ހިގައިދާނަމޭ މިތަނުން… އަހަރެން އެކަކު ކައިރީ އެކައްޗެކޭވެސް ނުކިޔާނަން!” ކުއްލި ބިރުވެރިކަމެއް ބިޝާރާއަށް   ލިބުނެވެ. އާދޭހާއި އެކު ބިޝާރާ ވާހަކަ ދައްކަމުން ދިޔައިރު އަޑުވެސް ވަނީ ކުރަކި ވެފައެވެ. ބިރުންގޮސް ކަކުލުހުޅުން ވާގި ދޫވިހެން ހީވިއެވެ.

” އަ..އަހަ.. އަހަރެން އެއްވެސް މީހެއް ކައިރީގަ އެކައްޗެކޭވެސް ނުކިޔާނަން. ހަމަ ހުވާކޮށްފަ މިބުނީ. ޕްލީޒް. ހަމަ ހުވާ!

ޔަރަސްގެ ފަރާތުން އެންމެ ފުރަތަމަ ޖަވާބެއް ނުލިބުނެވެ. ރަތް އަނގުރު ގަނޑެއްހެން ދިލިފައި ހުރި އޭނާގެ ދެލޮލުން ބިޝާރާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. މަޑުމަޑުން ލޮލުގެ ރަތްކަން ފަނޑުވެ އިހު ހުރިގޮތަށް ކަޅު ކުލައަށް ލޮލުގެ ކަޅި ބަދަލުވެއްޖެއެވެ. ދިގުކޮށް ނުކުމެފައި ހުރި ދެ ފޭރާ ދަތުގެ ކޮޅަށް ހަނދުވަރުގެ އަލިކަން އެޅުމުން ދަޅައެއް އަޅާފައި ހުއްޓެވެ.

ޔަރަސްގެ ފޭރާ ދަތަށް ބިޝާރާ ބަލައިލިއެވެ. ބިރުވެރި، ނުރައްކާތެރި މިޔަރެއްގެ ތޫނު ދަތްތައް ފަދައެވެ. ބަލައިލުމުން ހީވަނީ ހަމަ ދެންމެ ދެންމެ ނޮޅާލަފާނެ ހެންނެވެ. ހަފާ ކުދިކުދި ކޮށްލަފާނެ ހެންނެވެ. ބިޝާރާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ދެލޯ މަރައި ތަގުޅިކޮށްލިއެވެ. ބޭނުންވީ ދެންމެ ފެނުނު މަންޒަރު ސިކުނޑިން އެއްފަރާތް ކޮށްލާށެވެ. އޭރުވެސް ޔަރަސް ހުރީ ބިޝާރާއަށް ބަލަހައްޓައިގެންނެވެ. އެހެނަސް އޭނާގެ ފޭރާދަތް ދިގުކޮށް ފެންނާކަށް ނެތެވެ. ޔަރަސް ކަޅި ޖަހައިވެސް ނުލައި ބިޝާރާއަށް ބަލަމުން ދިޔައެވެ.

“އަހަ..އަހަރެން..އަހަރެން މަރާލަންދޯ ތިއުޅެނީ؟” ބިޝާރާ އޭރުވެސް ބިރުން ތުރުތުރު އަޅަމުން ދެއެވެ. ޔަރަސް ދޭނެ ޖަވާބަކާއި މެދު ޖެހިލުންވެ އިނދެ ކުރި ސުވާލުގެ ޖަވާބުގެ އިންތިޒާރުގައި ހުއްޓެވެ. ލިބޭނީ ކޮން ޖަވާބެއްކަން އެނގޭއިރުވެސް ރަނގަޅު ގޮތެއް ވެދާނެ ކަމަށް އޮތް ކުޑަކުޑަ އުއްމީދާއި އެކުގައެވެ.

ޔަރަސް ފަރުވާކުޑަ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ. އެއްވެސް ވަރަކަށް މަޑުމައިތިރި ކަމެއްނެތް ހަރުކަށި ބަރު އަޑަކުން ވާހަކަދެއްކިއެވެ.

“އާނ.”

ޔަރަސް ރުޅިއައިސްފައި ހުރި މިންވަރު އޭނާގެ އަޑުންވެސް ރަނގަޅަށް ހާމަވެއެވެ. ވެމްޕަޔަރުންނަކީ އެއްވެސް ރަޙުމެއް ނެތި އިންސާނުން މަރާއުޅޭ މަޚްލޫޤުން ތަކެއްކަމަށް ލިޔުންތަކުން ބިޝާރާވެސް ވަނީ ކިޔާފައެވެ.

“ލޭ.. ލޭ.. ބޮއެލާފަ މަރާނުލާ ދޫކޮށެއް ނު.. ނުލެވޭނެތަ؟ އަ.. އަހަ…އަހަންނަށް އަނިޔާ ނުކޮށް ތިކަމެއް ނުވާނެތަ؟” ވަރަށް މަސައްކަތުން ބިޝާރާ ކޮށްލި ސުވާލަކީ ހަމަނުޖެހޭ ސުވާލެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ.

“އާނ”

ޔަރަސް ދިން ޖަވާބު ކިތަންމެ ކުރުނަމަވެސް އެހާ ތަފްޞީލް ޖަވާބެއް ނޯންނާނެކަން ބިޝާރާ ދެނެގަތެވެ. އެ ޖަވާބު ލިބުމާއިއެކު ހީވީ ބިޝާރާގެ ގަޔަށް ވިހަ ކައްޓެއް ހެރިގެން ދިޔަހެންނެވެ.

އެހެންވީމާ އޭނާ އަހަރެންނަކީ ދަންނަ މީހަކަށްވެސް ނުހެދިތާއެވެ. އޭނާ ޤަސްދުގައި އަހަންނަށް އެވަރުގެ އަނިޔާއެއް ކޮށްފާނެ ބާވައެވެ؟ އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟

މިފަދަ ސުވާލު ތަކެއް ބިޝާރާގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދައްކާނެ އިތުރު ވާހަކައެއް ނޭނގުނެވެ. ދުލަށް އެއްވެސް ލަފުޒެއް ނައެވެ. ހަމައެކަނި ޔަރަސް އަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ބިޝާރާގެ ލޮލުން ފެންނަނީ ހިތްދަތި ކަމެވެ.

އަނެއްކާވެސް ޔަރަސްގެ ތޫނު ފޭރާދަތް ދައްކާލިއެވެ. ބިޝާރާ ބިރުގަންނުވަން އުޅޭކަން އޭނާއަށް އެނގުނެވެ. ހަމައެއާއި އެކު އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށް ބިޝާރާ ކޮއްޕަމުން ގޮސް ރުކަކާއި ލާ ތަތްކޮށްލި ފަދައެވެ. ޔަރަސް ހުރީ ބިޝާރާގެ ކުރިމަތިން އޭނާގެ އަތުގައި ހިފަހައްޓައިގެން ރުކާލާ ފިއްތާލައިގެންނެވެ. ރުކުގެ ހަރު ތޮށިގަނޑުން ބިޝާރާގެ ބުރަކަށި ޒަޚަމް ވަމުން ދިޔައެވެ. ޔަރަސްގެ ހުޝިޔާރު ކަމާއި އަވަސްކަން ފެނިފައި ބިޝާރާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ބިރުންގޮސް މާނޭވާ ލަމުން ދިޔައެވެ. ޔަރަސްގެ ދެ އަތުން ބިޝާރާގެ ކޮނޑުގައި ހިފިއެވެ. އެކަތައިގެ ދެއަތް ފަދަ އިޙްސާސެއް ބިޝާރާ އަށް ކުރެވުނެވެ.

ކުއްލިއަކަށް ޔަރަސްގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ. ބިޝާރާގެ ކުދިކުދި ވެފައިވާ ހިތް އޭނާގެ ބޮޑު ދެލޮލުން ޔަރަސް އަށް ފެނުނެވެ. އެހެނަސް އެއީކީ ކުރިން އެހެން އިންސާނެއްގެ ސަބަބުން އޭނާއަށް ކުރުވި އަސަރެއް ނޫނެވެ. އިންސާނަކު އޭނާގެ ވަކިތަކުގެ ދަށުގައި ވަނިކޮށް އެފަދަ އަސަރެއްގެ ސަބަބުން ސަލާމަތްވުން އެއީ އޭނާގެ ޚިޔާލަށްވެސް މީގެ ކުރިން އައި ކަމެއް ނޫނެނެވެ.

ޔަރަސްގެ ޙަރަކާތްތަކަށް އައި ބަދަލުން އެންމެ ފުރަތަމަ ބިޝާރާ އަށް ހުއްޓުން އެރިއެވެ. ހަމަ އެއާއިއެކު މޮޅިވެރިކަމެއް ގެނުވިއެވެ. އޭރު ޔަރަސްގެ ހިތަށް އަރަމުން ދިޔައީ މިފަދަ ކުއްޖަކު މަރާލުމަކީ ކޮށްގެންވާނެ ކަމެއް ބާވައެވެ. ޔަރަސްގެ ޙަޤީޤަތް އެއްވެސް މީހެއްގާތު ނުބުނާނެކަމަށް ބިޝާރާ ބުނި ބުނުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ޤަބޫލު ކުރެވުނެވެ.

އެހެނަސް، އޭނާއަކީ އިންސާނެކެވެ.

އަނެއްކާވެސް ޔަރަސްގެ ހިލަ ހިތުގެ އެންމެ އަޑިން ހަމްދަރުދީގެ އިޙްސާސެއް ކުރެވުނެވެ. މި ކުއްޖާ ދޫކޮށްލުމަށް ހިތުގެ ކޮންމެވެސް ހިސާބަކުން ބުނަމުން ދިޔައެވެ.

އެހެނަސް އޭނާއަކީ އިންސާނެކެވެ!

ނަމަވެސް ހިތުގެ ބޮޑުބައެއް ގޮވަމުން ދިޔައީ އެވެސް އިންސާނެއް ކަމަށެވެ. ހައިކަން ފިލުވާލަދޭނެ ތާޒާ ޝިކާރައެއް ކަމަށެވެ. އެހެނަސް މިއަޑުތަކަށް ޔަރަސް ބީރުކަންފަތެއް ދިނެވެ. އޭނާ ބޭނުންވީ އެ އަންހެން ކުއްޖާ ދޫކޮށްލާށެވެ.

އަހަންނަށް މިވަނީ ކީއްބާވައެވެ؟ މި ކުއްޖާގެ ފަރާތުން އަހަންނަށް ކުރިމަތި ވަމުން މިދަނީ ކޮންކަހަލަ ޖާދުވީ ބާރެއް ހެއްޔެވެ؟ ޔަރަސްގެ ހިތަށް އެތައް ސުވާލުތަކެއް ފުނިޖެހެން ފެށިއެވެ. ހަމަ އެއާއިއެކު އޭނާގެ ޢާއިލާއަށް މީގެ އެއްހާސް އަހަރު ކުރިން ކުޑަފޫޅުގެ އެ ދަރިފަސްކޮޅުން ކުރި ބަދު ދުޢާއާއި ޖެއްސި އެސްފީނާ މަތިން ހަނދާން އާވެގެން ދިޔައެވެ. އެ ހަނދާންތަކުން އެކަނިވެސް އޭނާގެ ފިޔަވަޅު ފަހަތަށް ޖައްސަން ނުޖެހޭކަން ނުހަނު ސާފެވެ. އެ ޙާދިސާއަށްފަހު އޭނާ އިންސާނުންނަށް ނަފުރަތު ކުރެއެވެ. ވޭތުވެދިޔަ ދިހަ ޤަރުނުވެސް އޭނާ ހޭދަކޮސްފައިވަނީ އެ ރުޅިވެރިކަން ދަމަހައްޓައި ވަރުގަދަ ކުރުމަށެވެ. މިހެން ހިތަށް އެރުމާއިއެކު ބިޝާރާގެ ނިޔަނެތިކަން އޭނާގެ ހަނދާނުން ކެހިގެން ދިޔައެވެ.

“އަނިޔާ އޭ!! ކަލެއަށް؟” މިހެން ބުނުމާއިއެކު ޔަރަސް ބާރަށް ހޭންފެށިއެވެ. ހަމަ އެއާއިއެކު ރުކާދިމާއަށް ބިޝާރާ ގަޅުވާލިއެވެ. އެވަގުތު ބިޝާރާގެ ނޭވާ ހުއްޓިގެން ދިޔައެވެ. ކޮށިއަރާ ވައްތަރަކަށް ކެއްސަން ފެށުމާއިއެކު ބިޝާރާ އޯކަށް ދެމިގަތެވެ.

“އަހަރެން ކަލެއަށް އަނިޔާއެއް ނުކުރާނަން!” ނުބައި ޒާތަކަށް ހީނލަމުން ރުޅިވެރިކަމާއި އެކު ބަރު އަޑަކުން ބުނަމުން ދިޔައެވެ. “އަހަރެން ކަލެއަށް ހާނީއްކަ ކުރާނަން، ކަލޭ ގައިގަ ތަޅާނަން، އަދި ކަލޭގެ ތި ބަލިކަށި ހަށިގަނޑު ކުދިކުދި ކޮށްލާނަން! އަދި އެކަން ކޮށްނިމިގެން އަހަރެން ކަލާގެ މަސްކޮޅެއް ކީއްކުރަން އިސްތައްޓެއްވެސް ދޫކޮށްނުލައި ކާލާނަން – އެވެސް ލަސްލަހުން، އަނިޔާވެރިކޮށް – އަދި އެނގޭތަ އޭރުވެސް ކަލޭ އޮންނާނީ ދިރިދިރި! އަހަރެން ކުރާ އަނިޔާގެ ކޮންމެ ޒައްރެއް ކަލެޔަށް ނިކަން ރަނގަޅަށް އިޙްސާސް ކުރެވެމުންދާނެ! ކަލޭގެ ހަށިގަނޑުގަ ހުރި ކޮންމެ ލެއި ތިއްކެއް އަހަރެންގެ ހަށިގަނޑަށް ދަމަމުން ދާނަން. އަދި ބުނަން، ކަލެޔަސް ނިކަން ވޭން އަޅާނެ!” މިހެން ބުނުމާއި އެކު އަނެއްކާވެސް ބިޝާރާގެ ހަށިގަނޑު ރުކަށް ގަޅުވާލިއެވެ. ހަމަ އެއާއި އެކު ބިޝާރާއަށް ކެހިވަރުގެ ފިޓެއް ޖެހިގެން ދިޔައެވެ. ޖެހުނުލެއް ބާރުކަމުން ރުކުން ހިކި ތޮށިކޮޅުކޮޅު ނެއްޓިގެން ގޮސް ބިޝާރާގެ ބޮލުގައި ޖަހާފައިވާ ދަތި ނެއްޓިގެން ރޫޅެން ތައްޔާރުވެފައިވާ އިސްތަސިގަނޑަށް އެޅުނެވެ.

ބިޝާރާގެ ނޭވާ ހަމައަކަށް އެޅުމުން ޔަރަސް އާއި ދުރަށް މޫނު އަނބުރާލިއެވެ. އެހެނަސް އޭނާއަށް ނޭނގި ކުރެވިގެންދިޔަ އެ ޙަރަކާތުން އޭނާގެ ކަނދުރާ އެއްކޮށް ހާމަވިއެވެ. ލިބުނު ފަހި ދަނޑިވަޅުގައި ޔަރަސް ބަލާކަށް ނުހުރެއެވެ. ވަގުތުން އެ ދޮން ކަނދުރާގައި އަނގަޖެހިއެވެ. ހަމައެއާއިއެކު އޭނާގެ ދިގު ދެ ފޭރާ ދަތް ކޮއްޕާލިއެވެ. އެއަށްފަހު އޭނާގެ އަނގަ ނައްޓުވާލިއެވެ. ހިތުން ލޭ ފޮނުވާ މައި ނާރު ހޯދުމަށެވެ. އެވަގުތު ބިޝާރާއަށް ޔަރަސްގެ އަނގަމަތި ފެނުމުން ހަޅޭއް ލަވައިގަތެވެ. ނަމަވެސް ޔަރަސް އިތުރު ވަގުތެއް ނަގައިނުލާ އަނެއްކާވެސް ދަތް ވައްދާލިއެވެ. ބިޝާރާއަށް ހެދުނުވަރަކަށް ގަދަ ހަދަމުން، ޔަރަސްގެ ގައިގައި ތަޅަމުން ދިޔައެވެ. ނަމަވެސް އެކަންވެސް ވީ ބޭކާރު ކަމަށެވެ. ބިޝާރާގެ ކޮންމެ ގަދަދެއްކުމެއް، ކޮންމެ ވަކި އަޅާލުމެއް ޔަރަސް އަށް ވީ އިތުރު ހިތްހަމަޖެހުމެއް ލިއްބައިދިން ކަމަށެވެ.

އާދައިގެ ކަޓް އިންސި އަންހެނެއް!

ޔަރަސް، ބިޝާރާގެ ގައިން ބުއީ މިވަގުތަށް ވާވަރަށް ރަހަ ބަލައިލުމަށް ކުޑަ ލޭ ފޮދެކެވެ. އަދި ހިތްހަމަ ޖެހޭވަރަށް އޭނާއަށް އަނިޔާއެއް ނުކުރެވެއެވެ. ބިޝާރާގެ ގައިން ޔަރަސް ދޫކޮށްލުމާއިއެކު ބިންމައްޗަށް ކުޑަކަކޫ މައްޗަށް ވެއްޓުނެވެ. އޭރު ބިޝާރާ އަށް ގިސްލައި ރޮވެނީއެވެ. އެވަގުތު ޔަރަސް އަށް އެ ރީނދޫ ފިނިފެންމާ ފެނުނެވެ. ޔަރަސް އަށް ދިނުމަށް ބިޝާރާ ގެނައި ޚާއްޞަ މަލެވެ. ކިސަޑު ބިންމަތީގައި ބިޝާރާ އާއި ދާދި ގާތުގައި އެ މާ އޮތެވެ.

ރީނދޫ ފިނިފެންމަލުގެ މާނައަކީ ރަޙްމަތްތެރިކަމެވެ. ޔަރަސް، އޭނާއާއި ދިމާއަށް ބަލައިލި އިރު، އޭނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ޔަރަސް އަށް ނޭނގުނަސް ބިޝާރާގެ ހިތްވެސް ޗިސްޗިސްވެ ކުދިކުދިވަމުން ދިޔައީ އޭނާގެ ގިސްލުން ތަކާއި އެކުގައެވެ.

އެންމެފަހުން ބިޝާރާ ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް އޭނާގެ ކަނދުރާ ދޮށުން ލޭ ފާއްދަމުން ދެއެވެ. އަތުގެ އިނލިތަކުން ލޭ ތިކި ޖަހަމުން ދިޔައެވެ. ތެދުވެގެން ގޮސް ފާޑަކަށް ރުކުގައި ލައްގަނެލިއެވެ.

“އެ މާ އެއީ ތީނައަށް. އަނެއްކާ އެ ވެސް މައްސަލައެއް ދޯ – ތީނަ – ….” ބިޝާރާ އަނެއްކާވެސް ނޭވާ ކުރުވެ ކޮށި އަރައިފިއެވެ.

“އަހަރެން. ކީކޭ؟” އިންސާނުންނާއި ބޭކާރު އަނގަ ތަޅާކަށް ޔަރަސް އަށް ވަގުތެއް ނެތެވެ.

އެއްހާސް އަހަރު – ފަސްވަނަ ބައި

“ތީނަ، ތިމާ ބޭނުން ނުކުރިޔަސް ތިއީ އަހަރެެން އަތުގަ ތީނައަށް ދެވެން އޮތް އެއްޗަކީ!”  ބިޝާރާގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ބިރުގަތްފައި ހުރިކަމުގެ އިޙްސާސަށްވުރެން ބޮޑަށް ހިތްކުދިކުދި ވެފައިވާ ކަމުގެ އަލާމާތް ތަކެކެވެ. މި އަންހެން ކުއްޖާއަށް އެވަނީ ކިހިނެތް ވެފައި ހެއްޔެވެ!! ޔަރަސް ބޭނުންވަނީ އެކުއްޖާއަށް ކުރެވުނުހައި އަނިޔާއެއް ކުރާށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެކަން ނުކުރެވި ފަސްޖެހެނީ ކީއްވެގެން ބާވައެވެ!!

“ތީކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން!!”

“ކީ… ކީކޭ ތިބުނީ؟”

“ކަލޭގެ ލޭފޮދު، މިހިރަ މޮޔަ އިންސާނާ! ކަލޭގެ ލޭފޮދު ދެވިދާނެނު!” މިހެން ބުނުމާއި އެކު ބިންމައްޗަށް ވެއްޓިފައިވާ ފިނިފެންމާ ނަގަމުން އެއްވެސް މާނައެއް ނެތްގޮތަށް އެއަށް ބަލައިލުމާއި އެކު އޭނާގެ އަނގަޔަށްލައި ހަފާލިއެވެ. އަދި އެއްވެސް ރަޙްމެއް ނެތްގޮތަކަށް މަލުގެ ތަނޑި ވައްޓާލިއެވެ. އެއަށްފަހު ކުރިންވެސް ބިޝާރާއަށް ބަލަމުންދިޔަ ހަރުކަށި ގޮތަށް ބަލަން ފެށިއެވެ. ބިޝާރާ އިސްއުފުލާލަމުން ޔަރަސް އަށް ބަލައިލިއެެވެ. އެމަލަށް އެފަދަ އިހާނެތި ގޮތެއް އޭނާ ހެދީ ކީއްވެގެން ކަމާއިމެދު ވިސްނަންފެށިއެވެ. އެވަގުތު ޔަރަސްގެ މޫނުމަތިން ފެނުނު ނަފުރަތު ފެނުމުން ނާއުންމީދުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.

ބިޝާރާއަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. ހަމަ އެވަގުތު މަޑުމަޑުން ރޮވެން ފެށުނެވެ. އޭނާ މިއަދުވަނީ ރުއިމަށް ފޫހިވެފައެވެ. ހިތްދަތިކަމާއިމެދުވެސް އިންތިހާއަށް ފޫހިވެފައެވެ. އެކަނި މާއެކަނި ދިރިއުޅެން ޖެހުމުން އެ ދިރިއުޅުމާއި މެދުވެސް އޭނާވަނީ ފޫހިވެފައެވެ. އޭނާގެ ނިކަމެތި މަންމައާއި މެދު ވިސްނާލިއެވެ. އެ މަންމައަށްޓަކައި ވެސް މަންމަގެ ތަރިކަ ދަމަހައްޓަން ޖެހޭނެކަން އޭނާގެ ހިތަށް ވިސްނައިދިނެވެ. އެހެނަސް ވެމްޕަޔަރ އެއްގެ ކިބައިން އިންސާނަކަށް ސަލާމަތް ނުވެވޭނެކަން ވެސް އޭނާ ދަނެއެވެ. މިކަން ހިތަށް ވެރިވުމާއިއެކު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާ މިހާރު އެހުރީ މަރުގެ ތުންފަތްމަތީގައި ކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާގެ ފުރާނައިގެ ސަލާމަތަށް އެދި އެންމެ ފަހު ފަހަރަށް ނަމަވެސް އާދޭސް ކުރަން ޖެހޭނެކަން އޭނާ އަށް އެެނގެއެވެ. ޔަރަސްގެެ އަމަލުތަކުން ބިޝާރާއަށް ކެެތްކުރެވެނީ ހަމަ ކިރިޔާ އެވެ.

” ޕްލީސް އަހަންނަށް ތިހެން ނުހަދާ. ޕްލީސް އަހަރެން މަރާނުލައި ދޫކޮށްލާ. އަހަރެެެން ދޫކޮށްލައިފިއްޔާ ތީނަ ބުނި ކޮންމެ ކަމެއް ކޮށްދޭޭނަން.” ބިޝާރާގެ އަޑުގައިވަނީ ބަލިކަށި ގޮތެކެވެ.  އެ ބަލިކަށި ދެލޮލުން ޔަރަސް އަށް ބަލައިލިއެވެ. އެ ދެ ލޮލުން އޭނާގެ ކޯތާފަތް މައްޗަށް ކަރުނަ އޮހޮރެމުން ދިޔައެވެ.

“އަހަންނަށް އަނިޔާއެއް ނުކޮށް ދޫކޮށްލައިފިނަމަ ކަލޭ އަހަރެންގެ ފަރާތުން އެދުނު ކޮންމެ ކަމެއްވެސް ކޮށްދޭނަން! އަހަންނަށް ފުރުޞަތެއް ދީ އަޅެ ޕްލީސް!!”

ބިޝާރާ އަނެއްކާވެސް ޔަރަސް އާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ބިރުވެރިކަމުގެ އަސަރު ފެންނަމުން ދިޔަ ނަމަވެސް އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ ހިތާމައިގެ އަސަރުވެސް ފެންނަމުން ދިޔައެވެ.

” ޕްލީސް، އަހަރެންގެ މަންމައަށްޓަކައިވެސް އަހަރެން ދިރި ހުރިޔަދީ.” މިހެން ބުނުމާއި އެކު ބިޝާރާއަށް ގިސްލެވެން ފެށިއެވެ. އިރުކޮޅަކުން އެ ގިސްލުން ރުއިމަކަށް ބަދަލުވެއްޖެއެވެ. ހަށިގަނޑަށް ގަދަ ވޭނެއް އަޅާތީ ރޯފަދައިން އަޑުން އަޑު ނަގައި ރޮމުން ވާހަކަ ދައްކަން ފެށިއެވެ.

” އަހަރެންގެ ފުރާނައިގެ ބަދަލުގަ ހަމަ ކޮންމެ އެއްޗެއްވެސް ޤުރުބާން ކޮށްފާނަން. އަހަރެން މަރުވެއްޖެއްޔާ އަހަރެންގެ މަންމަ ދިރި ހުރިއިރު  ދުނިޔޭގަ ހުރުމަށް ދެކުނު ހުރިހައި ހުވަފެނެއް ބިލާހަކަށް ވެގެން ދާނެ!!”  މިހެން ބުނުމާއިއެކު ބިޝާރާގެ މޫނު ޔަރަސް ލައިގެންހުރި ކަޅު ކޯޓްގައި ޖައްސާލިއެވެ. އެއަށްފަހު ދެ އަތުން ކޯޓްގައި ހިފާ އެލިގަންނަމުން އަނެއްކާވެސް އާދޭސް ކުރަން ފެށިއެވެ. ރޮމުން ގިސްލަމުން ސަލާން ޖަހަމުން ދިޔައީ އޭނާގެ ފުރާނަ މުއްތި ކޮށްދިނުމަށް އެދިއެވެ.

އެވަގުތު ޔަރަސް ބަލަހައްޓައިގެން ހުރީއެވެ. ބިޝާާގެ ފަން އިސްތަށިގަނޑަށެވެ. ތުރުތުރު އަޅަމުން ދިޔަ އޭނާގެ ހަށިގަނޑަށެވެ. ޔަރަސްގެ ދުނިޔޭގެ ޙަޤީޤަތާއި ކުރިމަތިލާ ކޮންމެ މީހަކަށްވެސް އެފަދަ ހާލެއް ޖެހޭނެކަން ޚުދު އޭނާ އަބަދުވެސް ދަނެއެވެ. އެހެނަސް މި އިންސާނާގެ މޫނުމަތިން އާދަޔާޚިލާފަށް މޮޅިވެރިކަން ފެންނަމުން ދިޔައެވެ. އޭނާގެ ހިތުގައި އަނދަމުންދިޔަ ގިލަންވެރިކަން ބޭރުފުށުންވެސް ފެންނަމުން ދިޔަ ފަދަ އެވެ. ނަމަވެސް އެ ހުރިހައި ކަމަކަށްވުރެން ބޮޑަށް ޔަރަސް ހުރީ ބިޝާރާގެ ފަރާތުން ލިބެން އޮތް މަންފާ އަށްޓަކައި ކަރުހިއްކައި ގަނެފައެވެ.

ޔަރަސް ބަނޑުތެރެއަށް ހޭންފެށިއެވެ. އޭނާގެ ސަބަބުން އެ ނިކަމެތި އަންހެން ކުއްޖާ ކޮށާ ކުދިކޮށްލެވިއްޖެ ފަދައެވެ. އެހެނަސް އެއީ އޭނާގެ ހުރިހަ ޝިކާރައެއްގެ ފަރާތުންވެސް ފެންނަ އާދައިގެ ކަމެއް ކަމަށް ޔަރަސް ދެކެއެވެ. އަދި ޔަރަސްގެ ގެއަށް ބިޝާރާ ގެންދާނަމަ، އޭނާ ހޯދުމަށް ދެވަނަ އެހެން މީހަކު ނުހުންނާނެކަން ކަށަވަރު ކުރުމަކީވެސް ކޮންމެހެން ކުރަންެ ޖެހޭކަމެއް ކަން އޭނާގެ ހަނދާނުން ކައްސާލިޔަކަ ނުދެއެވެ. ކަންތައްތައް ގޯހުން ގޯހަށް ވާކަށް ވަގުތު ދެވޭކަށް އޭނާއަކަށް ނެތެވެ. ބިޝާރާގެ ގާތް ރައްޓެހިންނާއި ތިމާގެ މީހުންނަށްޓަކައި އޭނާ ގެއަށް ދާން ބޭނުންވެ ގިސްލާ ރުއިމަކީ ޔަރަސް އަށް ނުތަނަވަސްކަން ލިބިގެން ދިޔަ ކަމެކެވެ.

ޔަރަސްގެ ކޯޓްގައި ހިފަހައްޓައިގެން އިން ބިޝާ އޭނާގެ ހަށިގަނޑާއި ދުރަށް ޖައްސާލި އެވެ. ބިޝާރާގެ ގިސްލުމުގެ އަޑު ނުއިވޭހާ ދުރަށެވެ.

” ކަލޭގެ ވާހަކަ އަހަންނަށް ކިޔާދީ! އަހަންނަށް އެ ވާހަކަ ކަމުގޮސްފިނަމަ އަދި އެވާހަކަ އަހަންނަށް ޤަބޫލު ކުރެވިއްޖެ ނަމަ ފަހަރުގަ ކަލޭ މަރާނުލާ ދޫކޮށްލެވިދާނެ.”

ޔަރަސް ދެއްކި ވާހަކަތައް ބިޝާރާ އަޑުއެެހި ނަމަވެސް އެއްޗެކޭ ނުބުނެ އިނީއެވެ. ނުވެސް ދަންނަ މީހަކަށް، ވޭމްޕަޔާ އަކަށް އޭނާގެ ހަޔާތުގެ ހިތާމައިގެ ވާހަކަތައް ހިއްސާ ކުރުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަކަށް އޭނާ އަށް ޤަބޫލެއް ނުކުރެވުނެވެ.

” ނޫން، އަޅެ ޕްލީސް އަހަންނަކަށް ތިކަމެއް ނުވާނެ!”

” އެެހެން ވެއްޖެއްޔާ ކަލޭ ޖެހޭނީ މަރާއި ކުރިމަތިލާން!!” މިހެން ބުނަމުން އޭނާގެެ ދިގުވެފައިވާ ދެ ފޭރާ ދަތް ދައްކާލިއެވެ. މިފަހު އެ ދެ ދަތް އިހުނަށްވުރެންވެސް ދިގުވެފައި ބިރުވެރިއެވެ. ޔަރަސްގެ ކުރިމަތީގައި ހުރި މޮޔަ އަންހެން ކުއްޖާ އެއްވެސް ބިރެއް ނެތި އޭނާގެ އަގު ވައްޓާލަމުން ދަތީ ރުޅި އައިސް ދަތްކުނޑި ވިކޭވަރު ވިއެވެ. ކުއްލި ޙަރަކާތަކާއި އެކު ބިޝާރާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ހަތަރުކަޅި ހަމަވާ ވަރަށް ކައިރި ކޮށްލި އެވެ.

” އަހަރެން ކަލޭގެ ލޭ ބޮމުން ދާއިރު މަގޭ ގައިގަ ހުރި ވިހަ ކަމާއި އެކަމުން އަޅާނެ ވޭން ކަލެއަށް އަންދާޒާ ކޮށްލަންވެސް ނޭނގޭނެ!”

އެވަގުތު ބިޝާރާއަށް ތެޅި ގަނެވުނެވެ. ޔަރަސްގެ މޫނާއި ދުރަށް އޭނާގެ މޫނު އަނބުރާލިއެވެ. އެއަށްފަހު އަނެއްކާވެސް ރޮމުން ގިސްލަމުން ސުވާލު ކުރިއެވެ.

“ކީއްވެގެންތަ ކަލޭ އަހަންނަށް އަނިޔާކޮށް ތި ބުނިިފަދަ ބޮޑުވޭނެއް ދޭން ޖެހިގެން ތި އުޅެނީ!؟”

‘ސަބަބަކީ އެއީ އަހަންނަށް ކުރެވޭނެ ކަމަކަށް ވާތީ!” ސިންގާއެއް ފަދައިން ޔަރަސް ފެލިގަތެވެެ. އޭނާގެ ކެތް ތެރިކަން ކޮޅުންލައި ދިޔައެވެ.

“އަހަރެން މީ ވޭމްޕަޔަރެއް. ކަލޭ ތީ އިންސާނެއް. އަހަންނަކީ ޝިކާރަވެރިޔާ، ކަލޭޭޭ ތީ އަހަރެންގެ ޝިކާރަ. ކަލޭގެ ފުރާނަ މިހާރުވަނީ އަހަރެންގެ އަތްމަތީގަ!! މިހެން ބުނަމުން ބިޝާރާގެ މޫނުގައި ހިފައި ގަހާލާ ޖެހިއެވެ.

” ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ ‘އަނިޔާ’ އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހާ އަނިޔާ ކޮށްލާނަން!”

 

އެއްހާސް އަހަރު – ހަވަނަ ބައި

” ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ ‘އަނިޔާ’ އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހާ އަނިޔާ ކޮށްލާނަން!”

ޔަރަސް ކިތަންމެ ވަރަކަށް އެދުނަސް އޭނާގެ މަންމަގެ ވާހަކަތައް ކިޔައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ބިޝާރާގެ ލޯބިވާ މަންމަ އެވެ. ޔަރަސް ކަހަލަ މަޚްލޫޤަކަށް މައިވަންތަ ކަމުގެ ގުޅުމެއް ނުވިސްނޭނެއެވެ. ބިޝާރާގެ މަންމަގެ ވާހަކަތައް ކިޔައިދިނުމުން ޖޯކް ޖަހަން ޔަރަސް އަށް އެނގިދާނެއެވެ. އަދި އޭނާ މަރާލުމުގެ ކުރިން އެ ވާހަކަތައް އަޑު އަހައިފައި ހީ މަލާމަތް ކޮށްފާނެއެވެ. އޭނާގެ މަންމަގެ ޙާލަތާއި މެދު މަލާމާތް ކުރަމުންދާ ވަގުތު މަރާއި ކުރިމަތިލުމަކީ އޭނާއަށް ރުހެވޭނެ ކަމެއް ނޫނެވެ.

ޔަރަސްގެ އެދުމަށް ބިޝާރާ ޖަވާބެއް ނުދިނުމުން ކުއްލި ހަރާކާތަކާއިއެކު އޭނާގެ އަތުގެ ކުޑަހުޅައި ހަމައިން ނާރުތަކުގެ ތެރެއަށް ޔަރަސްގެ ތޫނު ފޭރާދަތް ވައްދާލިއެވެ. ހަމަ އެއާއިއެކު އޭނާގެ ހަށިގަނޑުގެ ވިހަކަން ބިޝާރާގެ ހަށިގަނޑަށް ފޮނުވާލިއެވެ. ފޮނުވާލި ޒަހަރުގެ ވިހަ ކަމުން ބިޝާރާގެ އަތުގައި ހުރި ޒަޚަމުން އެއްމެ ލޭ ތިއްކެއްވެސް ނީރެމުންނެއް (ލީކުވަމުންނެއް) ނުދެއެވެ. މިވަގުތަށް ޔަރަސް ބޭނުންވަނީވެސް ބިޝާރާ މަރާނުލައި ބަހައްޓާށެވެ. ބިޝާރާގެ ނުކިޔަމަންތެރިކަމާއި ބޯހަރު ކަމުގެ އުޤޫބާތް ދިނުމަށް ޔަރަސް ބޭނުންވިއެވެ. އެއްވެސް އިންސާނަކު ވޭމްޕަޔަރަކާއި އެފަދަ ބޭ އަދަބީ ގޮތަކަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ބިޝާރާގެ އަތުގެ ނާރުތަކުގެ ތެރެއަށް ވިހަ ޒަހަރު ފޮނުވާލިވަގުތި އެއްޗެއް ކަށިޖެހީމާ ނަގާ ކަހަލަ ވަރުގަދަ ދިލަކަމެއް އިޙްސާސް ކުރެވުމުން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ދިލަ ތަދު އޭނާގެ މުލައްދަނޑިން މައްޗަށް އަރަމުން ދިޔަ އެވެ. ވިހަގަދަ ނަގުލަންދާއްޓެއް ކަށިޖެހުމުން އަޅާ ވޭނަށްވުރެން އެ ވޭން ގަދަކަމަށް އިޙްސާސް ކުރެވުނެވެ. ބިޝާރާގެ ހަށިގަނޑުން ވަރުދެރަވަމުން ދިޔަ ވަގުތު ޔަރަސްގެ އަނގައިން ފާޑެއްގެ އަޑެއް ލައްވަމުން ދިޔައެވެ. ވިހަގަދަ ބައެއް ހަރުފައިގެ އަނގައިން ނެރޭފަދަ އަޑެކެވެ.

“އަހަރެން ބުނާ ގޮތް ހަދަންދެން މިގޮތަށް ކަލޭގެ ގަޔަށް ވިހަލަމުން ވިހަލަމުން ގެންދާނަން. އެހެން ނޫނީ ހަމަ މިހާރު ކަލޭގެ ވާހަކަތައް ކިޔައިދީ!” ޔަރަސްގެ ނުލަފާކަން ދައްކަމުން އިންޒާރު ދިނެވެ.

“އެންމެ ރަނގަޅު!” ބިޝާރާގެ ޒަޚަމްވެފައިވާ އަތުގައި އަނެއް އަތުން ހިފަހައްޓަލަމުން ބުނެލިއެވެ. “އަހަރެން… އަހަރެން… ކިޔާދޭނަން… ޕްލީސް ތި ގޮތަށް އަނިޔާކުރުން ހުއްޓާލަދީ، އަޅެ އާދޭސްކޮށްފަ މިބުނީ.”

ޔަރަސް ފަހަތަށް ޖެހިލިއެވެ. ހަށަންބަނދެލަމުން ބިޝާރާއަށް ބަލަންފެށިއެވެ. ކެތްތެރިކަމާއިއެކު މަޑުކޮށްލިއެވެ. ބިޝާރާ އޭނާގެ ހަޔާތުނާމާ ކިޔައިދޭން ފެށިއެވެ. އުފަންވިގޮތާއި، އޭނާގެ ބައްޕަ އޭނާގެ މަންމައަށް ބޭވަފާތެރިވީ ގޮތާއި އޭނާގެ މަންމައާއި ދެމައިން އުފުލި ބުރައިގެ ވާހަކަ ތަކެވެ. ގަމަށް ހިޖުރަކުރި ގޮތާއި ހޮސްޕިޓަލުން ވަޒީފާ ލިބުނު ގޮތުގެ ވާހަކަ ތަކެވެ. އަދި ކުއްޔަށް އުޅުމަށްފަހު ގަމު އަލަށް އާބާދުވާ ސަރަޙައްދުން ގެއެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އެންމެފަހުން ބިޝާރާގެ މަންމަގެ ކައްޓަށް ކެންސަރުޖެހިގެން އެކަން ބަރުދާސްތުކުރި ގޮތުގެ ވާހަކަތައް ކިޔައިދިނެވެ. ދާދިފަހުން އޭނާގެ މަންމަ ދުނިޔެއިން ވަކިވެގެންދިޔަ ގޮތުގެ ވާހަކަތައް މޮޅިވެރިކަމާއެކު ކިޔައިދިނެވެ. އަދި އޭނާ މި ރުއްގަނޑަށް އަންނަންފެއްޓިގޮތުގެ ވާހަކަތައްވެސް ކިޔައިދިނެވެ. ޚާއްޞަކޮށް މިރޭ ރުއްގަނޑަށް އައީ ގަމާއި އަލްވަދާޢު ކިޔައި ކޮންމެވެސް އެހެން މަންޒިލަކަށް ދިއުމަށް ނިންމާފައިވުމުން ވަދާޢީ ސަލާން ކުރުމުގެ ގޮތުން ހުދު ފިނިފެންމަލެއް ދީ ރަޙްމަތްތެރިކަން ޤާއިމު ކުރުމަށްކަމަށް ބުންޏެވެ.

“އަހަންނަކަށް ނޭނގޭ ދާންވީ ކޮންތަކަށް ކަމެއްވެސް، ދާނެ ވަކި މަންޒިލެއް ނެތް. އެކަމަކުވެސް މަށަކަށް ނެތް މިރަށު މަޑުކުރެވޭކަށް.” މިހެން ބުނަމުން އަނެއްކާވެސް އޭނާގެ މަންމަ ތަޙައްމަލުކުރި ގަދަ ވޭނުގެ ވާހަކަތައް ތަކުރާރު ކުރަން ފެށިއެވެ.

“އަހަރެން މި ރުއްގަނޑަށް އަންނަނީ ރޯން. މިތާ އިނދެ ހިތްފުރެންދެން ރުޔަސް އެކަކަށްވެސް އަޑު ނީވޭނެތީ. އަހަރެން މިތަނަށް އަންނަނީ ތީނައަށް އުނދަގޫ ކުރާކަށް ނޫން.” މިހެން ބުނަމުން ބިޝާރާ ބަލައިލިގޮތުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔަރަސްގެ ހިލަ ހިތުގައި ކޫރުމެއް އެޅިގެން ދިޔަ ފަދައެވެ.

ބިޝާރާގެ ވާހަކަތައް ކިޔައިދީ ނިމިއްޖެއެވެ. އެވަގުތު މުޅި މާހައުލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ބިޝާރާގެ ހަތަރުކަޅިވަނީ ޔަރަސް ގެ ލޮލަށް އަމާޒުވެފައެވެ. އެނގުމެއްގެ ތެރެއިން ކަމަށްވެސް ވެދާނެއެވެ. އޭނާގެ ބޯޑު ދެލޮލުން ހިތާމައާއި ގިލަންވެރިކަން ފެންނަމުން ދިޔައެވެ. ކަޅި ޖަހާވެސް ނުލައި ޔަރަސްގެ މޫނަށް ބިޝާރާ ބަލަން ހުރީ ކެތް މަދުވެފައެވެ. ޔަރަސް ވާހަކަދައްކަން ފަށާނެ ވަގުތަކަށް ކެތްމަދުވެފައެވެ.

އިރުކޮޅެއް ފަހުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުގައި މައިތިރި ކަމެއް ހުއްޓެވެ. ނަމަވެސް ހަރުކަށިކަން ކޮންމެވެސް ވަރަކަށް ހުރިކަން އެނގެއެވެ.

“އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!”

“އަސްލުވެސްތަ؟” ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.

“އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!” ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. “އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟”

ނުނިމޭ

އެއްހާސް އަހަރު – ހަތްވަނަ ބައި

“އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!”

“އަސްލުވެސްތަ؟” ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.

“އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!” ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. “އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟”

ބިޝާރާ ފުން ނޭވައެއް ލަމުން ކައިރީހުރި ރުކުގައި ލެނގިލިއެވެ. އިސްދަށަށް ޖަހާލައިގެން އިނީ ހުރިހައި ގޮތަކުން ގޮތް ހުސްވެގެންނެވެ. އޭނާ ސިކުނޑިއާއި ނަފުސަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ހެއިވެރިކަން ކެނޑެން ކަިއރިވެފައެވެ. ޔަރަސްވެސް އިނީ އެވަރު ވިސްނައިގެންނެވެ. ބިޝާރާ ހެއިވެރިކަން ނެތި ވެއްޓެއް ހިނގައްޖެ ނަމަ ހިފަހައްޓަން ތައްޔާރަށެވެ. އެހެން ނަމަވެސް ބިޝާރާ އަށް އެފަދަ ކަމެއް ނުވެއެވެ. އެކަމަކު ބިޝާރާ ވެއްޓެއް ހިނގައްޖެ ނަމަ ހިފެހެއްޓުމަށް ޔަރަސްގެ ހިތަށްއެރީ ކީއްވެބާވައެވެ؟ އެއީ އޭނާ އާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ މިފަދަ ގޮތަކަށް އޭނާގެ ވިސްނުން ގެންގުޅެވުނު ކަމީ އާދަޔާ ކީލާފު ކަމެކެވެ. ޢާއްމުކޮށް އޭނާގެ ޝިކާރައަކަށް އިންސާނާ ވުމަށްފަހު ކަނޑާލި ރުކެއް ގޮތަށް ފުރާނަނެތް މަސްގަނޑު ވެއްޓުމަކީ އައު ކަމެއް ނޫނެވެ.

ހިމޭން ކަމެއްގެ ތެރޭގައި އިނދެ ޔަރަސް ވިސްނާލިއެވެ. އޭނާގެ ޙަޔާތަށް އިންޤިލާބެއް ގެނުވި އެސްފީނާ އާއި މެދުގައެވެ. އޭނާއަށް ލިބިފައިވަނީ އެއްހާސް އަހަރެވެ. ޔަރަސް ދެކޭގޮތުން ހަމަ އެންމެ އެއްހާސް އަހަރެވެ. އެ އެއްހާސް އަހަރުގެ ތެރޭގައި އޭނާ ކައިވެންޏެއްކޮށް ވެމްޕަޔަރ ދަރިއެއް ހޯދަން ޖެހެއެވެ. އަދި އެ އެއްހާސް އަހަރު ނިމޭއިރު އޭނާއަށް އަތްބަނކާއި ދަރިއެއް ނުހޯދިއްޖެނަމަ، އޭނާގެ ހަށިގަނޑުގައިވާ އެސްފީނާގެ އޮށުން ގަސްފަޅައި ހެދެން ފަށާނެއެވެ. އަދި އެއަށްފަހު އިތުރަށް ލިބޭނީ އެންމެ އަހަރެކެވެ. އެ އަހަރުގެ ތެރޭގައި އަތްބެއް ނުހޯދިއްޖެނަމަ އޭނާ ބަލިކަށިވެ ކަމީނާ ވާނެއެވެ. އެދުވަހަކުން އިންސާނުންގެ ލޭ ކިތަންމެ ވަރަކަށް ބުޔަސް ދިރިއެއް ނުހުރެވޭނެއެވެ. އަބަދަށް ބަލިކަށިވާނެއެވެ. އެހެނަސް ދުވަހަކުވެސް މަރެއް ނުވާނެއެވެ. ދިރިހުރި މައްޔިތަކަށް ވާނެއެވެ. އެހެނަސް އޭނާގެ ހަށިގަނޑު ކުނިވެ ފަނާވެގެނެއް ނުދާނެއެވެ. އެވަރުންވެސް އެ ބަލިކަށި ހަށިގަނޑުން އޭނާގެ ފުރާނައެއް ނުނިކުންނާނެއެވެ.

އިންސާނެއް އޭނާގެ އަތްބަކަށް ހެދުމުގެ ހުވަފެނަކީ ފަސޭހައިން ކުލަޖެއްސިދާނެ ކަމެކެވެ. އެހެނަސް އެކަންވާން އޮތީ އަންހެން ކުއްޖާ އޭނާދެކެ ލޯބިވާ ނަމައެވެ. އަދި އެ ލޯބީގޭ ބަދަލުގައި އޭނާއަށްވެސް އަންހެން ކުއްޖާއަށް ހިތުގެ އަޑިން ލޯބި ދެވިގެންނެވެ. ހިތާއި ހިތް ހަދިޔާ ކުރެވިގެންނެވެ. އޭރުން އެކުގައި އަބަދަށް ދާން ބޭނުންވާނެއެވެ. ނަމަވެސް އިންސި ކުއްޖެއް އޭނާގެ ޙަޔާތަށް ގެނައުމުގެ ޚިޔާލުވެސް އޭނާ ނުގެންގުޅެއެވެ. ހަޤީޤަތަކީ މިހާތަނަށް އައިއިރު އެފަދަ ގޮތަކަށް ގެންގުޅެން ހީކޮށް އޭނާ ގެންގުޅު ކޮންމެ ކުއްޖެއް ވަނީ އޭނާގެ ޚާއްޞަ ދުނިޔޭގެ އަޅަކަށް ވެފައެވެ. އަދި ކޮންމެ ހަފުތާއަކު ނުވަތަ އެއަށްވުރެން އަވަހަށް ނަމަވެސް އޭނާގެ އަޅުންގެ ގޮތުގައި އިޚްތިޔާރު ކުރި ކޮންމެ ކުއްޖެއް މަރާލުމަށްފަހު އައު ކުއްޖެއް ހޯދުމުގެ އާދަ ވަނީ ހަރުލާފައެވެ. ބައެއް ފަހަރަށް މީރު ކެއުމެއް ޢީދު ދުވަސްފަދަ ޚާއްޞަ ދުވަސްދުވަހު ކައި އުޅޭގޮތަށް ޚާއްޞަ އަންހެން ކުދިންގެ ތާޒާ ލެއި ބޮއެ އުޅުމަކީ އޭނާ ދެވި ހިފާފައި ހުންނަ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ބިކުރުވެރި އަންހެންކުދިންގެ ލެޔަކީ އޭނާއަށް ވަރަށް ފައްކާ ލެއެކެވެ.

“ކަލޭ ކޮންތާކުން އެފަދަ ފައްކާ ޝިކާރަ ހޯދަނީ؟” ބައެއް ފަހަރަށް ޔަރަސްގެ އެކުވެރި ވޭމްޕަޔަރުން ހަސަދަވެރި ރާގެއްގައި އޭނާއާއި ސުވާލުކޮށް ހަދައެވެ. ޔަރަސްގެ އަޅުންނަށް ބަދަލުކޮށްލާ އެފަދަ ރީތި ތާޒާ އަންހެން ކުދިން ބައެއް ފަހަރަށް ބަސްނާހާ އުޅުމުން އެކުދިންނަށް ގަދަފަދަ އަނިޔާ ކުރުމަށްފަހު އެއްވެސް ރަޙުމެއްނެތި މަރާލަނީ މިހާރުގެ ބަހުރުވައިނަމަ ‘ވަރަށް ކޫލް’ ކޮށެވެ. އެހެން ވާންޖެހެނީވެސް ސަބަބެއް އޮވެގެންކަަމަށް އޭނާގެ ރައްޓެހިން ކައިރީ އަބަދުވެސް ބުނެއެވެ. އެހެނަސް އެކަން ހާމައެއް ނުކުރެއެވެ. އޭނަގެ ޢާއިލާއަށާއި ޚުދު އޭނައަށް މި ގަދަފަދަ އެސްފީނާ ޖެއްސި އިންސާނުންނަށް އެ ސަބަބު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޔަރަސްގެ ޢާއިލާގައި އޭރު ހުރި ބަސްނާހާ، ނުސިޔާނު ކުއްޖާ ނުވަތަ ޔަރަސް ވެގެންދާނީ މުޅު އުމުރަށްވެސް އިންސާނީ ނަސްލުދެކެ އިންތިހާއަށް ނަފުރަތުކުރަނެ މީހަކަކަށް ކަން އެމީހުން ނިކަން ރަނގަޅަށް އޭރުވެސް ދަނެއެވެ. އަދި އެ ރުޅިވެރިކަން ފަތަޙަކޮށް ޖެހިފައިވާ އެސްފީނާގެ ކަސްތޮޅުން ދުވަހަކުވެސް ސަލާމަތް ނުވެވޭނެކަން އެމީހުން ދަނެއެވެ. އަދި ޤަރުނަކަށް ފަހު ޤަރުނެއް ފާއިތުވެގެން ދަނީ އެ ރުޅިވެރިކަމުގެ އަލިފާންގަނޑު އިތުރަށް ގަދަވަމުންކަންވެސް އެމީހުން ދަންނަކަން ޔަރަސްއަށް އެނގެއެވެ.

ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ޔަރަސް އިންތަން ފެނިގެން ބިޝާރާއަށްވެސް އިނދެވުނީ ހިމޭން ކަމާއެކު އޭނާއަށް ބަލާށެވެ. އެހެން އިނދެފައި ބިޝާރާއަށް އެނގުމަކާއި ނުލައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ ނޭވާގެ އަޑާއިއެކު ޔަރަސް އަށް އަސްލަށް އެނބުރި އާދެވިއްޖެއެވެ.

” އަޅެ އަހަރެން ދޫކޮށެއް ނުލާނަންތަ؟” އުއްމީދުގެ ވިދުވަރެއް ބިޝާރާގެ މޫނުމަތިން ފެނިގެން ދިޔައެވެ. އެކަމުގެ ސަބަބުން ޔަރަސްގެ ހިތަށް އުނދަގޫވި އެވެ.

“އެންމެ ރަނގަޅު!، އަހަރެން ކަލޭ ދޫކޮށްލައިފިއްޔާ ކޮމްތާކަށޯ ދެން ދާނީ؟”

“އެހެންނެއް އަދި ނޭނގެ!”

ޔަރަސް ކޮށްލި ސުވާލުން ހައިރާން ކަމެއް ލިބިފައި އިން ބިޝާރާ އިރުކަޅެއް ވަންދެން ހަނުކޮށް އިނުމަށް ވަރަށް މަޑުމަޑުން ބުނެލިއެވެ.

“އެހެންވެއްޖެއްޔާ އަހަރެންގެ ގެއަށް ކަލޭ ގެންގޮސްފިއްޔާ އެއްވެސް ޝަކުވާއެއް އޮންނާނެތަ؟” ވިސްނުންތެރިކަމާއެކު ޔަރަސް ބޭނުންވަގޮތް ހުށައެޅިއެވެ.

އުފާވެރި ވިދުވަރެއް ފާޅުވަމުންދިޔަ ދެ ލޮލުން ފަރުވާތެރިކަމާއެކު ޔަރަސްގެ މޫނަށް ބިޝާރާ ބަލައިލިއެވެ. އެހެނަސް އޭނާ އަށް ވޭމްޕަޔަރާއި ބެހޭގޮތުން ކިޔިފައި ހުރި މަޢުލޫމާތު ތަކަށް ވިސްނަން ފެށުނެވެ. އޭނާ ކިޔާފައިވާގޮތުން ވޭމްޕަޔަރުން އެމީހުންގެ ބޮޑެތި ކިއްލާތަކާއި ގަނޑުވަރު ތަކުގައި ޣުލާނު ކޮށްދިނުމަށް އަޅު އަންހެންކުދިން ގެންގުޅޭނެއެވެ. ހަރުކަށި ކަމާއި ބާރުވެރިކަން ލިބިދީފައި ތިބޭ އަޅުންތަކެއްގެ ގޮތުގައެވެ. އަދި ފިރިހެން ވޭމްޕަޔަރުންގެ ހިތްފުރޭވަރު ކޮށްނުދެވޭ ކުދިން، ހިރަފުސްކޮޅެއް ފޮޅާލާ ފަދައިން މި ދުނިޔެއިން ނައްތާލާކަންވެސް އޭނާއަށް އެނގެއެވެ. އަނެއްކާ މިއަދު ޔަރަސް އެ ހުށައެޅީ އެގޮތަށް ހެދުމަށް ބާވައޭ ބިޝާރާގެ ހިތަށް އެރިއެވެ.

“އަޅެއްގެ ގޮތުގަތަ؟” އެއްވެސް އުއްމީދެއްނެތް ކުރަކިި ވެފައިވާ އަޑަކުން ބިޝާރާ ސުވާލު ކުރިއެވެ.

އެއްހާސް އަހަރު – އަށްވަނަ ބައި

“އަޅެއްގެ ގޮތުގަތަ؟” އެއްވެސް އުއްމީދެއްނެތް ކުރަކިި ވެފައިވާ އަޑަކުން ބިޝާރާ ސުވާލު ކުރިއެވެ.

” އާނ!”

ޔަރަސްގެ ޖަވާބު ކުރުވެފައި ޤަބޫލު ކުރަން ދައްޗެވެ. ބިޝާރާގެ ދެ ލޮލުން ފެންނަން ހުރި އުއްމީދުގެ އުޖާލާކަން ފަނޑުވެގެން ދިޔައެވެ. ޔަރަސްގެ ޖަވާބު ޤަބޫލުކުރަން ދަތިވިއެވެ. ޚުދު ޔަރަސް އަށްވެސް އޭނާގެ އަނގައިން ބޭރުކޮށްލެވުނު ކުރު ޖުމްލަ ވެގެންދިޔައީ ހައިރާންކަން ލިބެނިވި ޤަބޫލުކުރަން ދަތި ކަމަކަށެވެ. ބިޝާރާގެ މޫނަށް ހިނދުކޮޅަކަށް ނަމަވެސް ގެނުވި އުޖާލާކަން ފަނޑުވެގެން ދިޔަގޮތް ޔަރަސް އަށް ހަމަ ރަނގަޅަށްވެސް އިޙްސާސް ކުރެވުނެވެ.

“އެހެން ވެއްޖެއްޔާ އަހަންނަށް ދެނެއް އަނިޔާއެއް ނުކުރާނަންދޯ؟” ބިޝާރާ އަށް ހިތްދަތިކަމެއް ލިބިގެން ދިޔަ ނަމަވެސް ދިރިހުރެވޭނެ ކަމަށް ލިބުނު އުއްމީދާއި އެކު ޔަޤީން ކޮށްލުމަށް ސުވާލު ކުރިއެވެ.

ޔަރަސް ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ބިޝާރާގެ ކުރިމަތީގައި ދެ ކަކޫ މައްޗަށް އިށީންނިއެވެ. އެއަށްފަހު ބިޝާރާގެ ދަތްދޮޅީގައި ހިފާފައި އުފުލާލިއެވެ. ބިޝާރާގެ ކަރުދޮށުގައި ފަސޭހައިން އަނގަޖެހޭ ގޮތަށެވެ. ބިޝާރާގެ ހިތުން ނިކުމެގެން އައިސްފައިވާ ލޭނާރު (އާޓަރީ) އިންނަ ހިސާބުގައި އޭނާގެ ފޭރާ ދަތް ހާކާލައި ލާހަން ދުއްވާލިއެވެ. އެއަށްފަހު ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އޭރު އޭނާގެ ދިގު ދެ ފޭރާދަތުގެ ކޮޅު ހުރީ ބިޝާރާގެ އާޓަރީ އަށް ވައްދާލަން ތައްޔާރު ކޮށްފައެވެ.

“ކަލޭ ހީވެސް ނުކުރާހާ ބޮޑަށް އަހަންނަށް ކަލެޔަށް ހާނިއްކަ ކުރެވިދާނެ.” ބިޝާރާގެ ކަންފަތް ބުޑުގައި ސިއްރެއް ބުނާ ފަދައިން ޔަރަސް ބުނެލިއެވެ.

“އަހަރެން ކޮށްލާ ކަމަކުން ކަލޭ ޚިޔާލަށްވެސް ގެންނަން ނޭނގޭފަދަ ގޮތަކަށް ބިރުވެރިކަން ގެނެސް ފާނަން. ކަލޭ މަރާލުމަށް އެދި އަހަރެން ކައިރީ އާދޭސްކޮށް ރޮއެ ސަލާން ޖަހާވަރުވެސް ކޮށްލަފާނަން. ކަލެޔަށް އެހާވަރުގަދަ ވޭނެއް އަޅާނެ އަހަރެން ކޮށްލާ ކަމަކުން. އެހެންވީމަ ކަލޭ ގޮތެއް ނިންމާ! – މަގޭ އަޅަކަށް ވަންޏާ އޮތީ މިބުނި ގޮތް. އަނެއްގޮތުން ކަލޭ ނުޖެހޭނެ މަރު ނުވެގެން އާދޭސް ކުރާކަށް. ކަލެޔަށް އެނގިއްޖެތަ އަހަރެން މި ކިޔާ އެއްޗެއް؟”

“އަ.. އާނ.” ޔަރަސްގެ އަތުތެރެއިން ސަލާމަތް ވެވޭތޯ ބިޝާރާ މަސައްކަތް ކުރިއެވެ. އެހެނަސް ޔަރަސް ހިފަހައްޓައިގެން އިނީ ވަރަށް ވަރުގަދަ އަށެވެ. ބިޝާރާގެ ބޮލުގެ އެއްފަރާތް ޖައްސާފައިވަނީ ރުކެއްގެ ބުޑުގައެވެ. އޭރުވެސް ޔަރަސްގެ އަނގަ ޖަހަން ތައްޔާރުވެގެން އިނީ ބިޝާރާގެ ކަރުދޮށުގައެވެ. އެވަގުތު ޔަރަސްގެ އިސްތަށިގަނޑުން ބައެއް ބިޝާރާގެ ކޯތާފަތުގައި ޖެހިފައި ހުއްޓެވެ. އެ އިސްތަށީގެ މަޑުކަން އިޙްސާސް ކުރެވިފައި ބިޝާރާއަށް ހައިރާން ކަމެއް ލިބުނެވެ. އެ އިޙްސާސާއި އެކު ޔަރަސް އަކީވެސް އިންސާނެއް ކަމަށް ބިޝާރާއަށް ހީވިއެވެ. އޭނާގެ ހިތްވެސް އިންސާނުންގެ ހިތް ފަދައިން މަޑުވާނެ ކަމަށް އޭނާ ހީކުރިއެވެ. އެހެނަސް އެކަން ވާނީ އެއީ ވޭމްޕަޔާ އެއް ނޫންނަމަ ތާއެވެ. އެކަމަކުވެސް ޔަރަސްގެ ގައިން ދުވަމުންދިޔަ ވަހާއި އެކު އޭނާގެ ބޮލުގައި ލާފައިވަ ޖެލް ނުވަތަ ހެއަރ ކްރީމްގެ މީރުވަސްވެސް ދުވަމުން ދިޔައެވެ. އެ ވަހުގެ ސަބަބުން ޔަރަސްގެ މައްޗަށް ބިޝާރާގެ ނަފުސު ދޫކޮށްލުމަށް ހިތްއެދެވެން ފެށިއެވެ. ނަމަވެސް ކުއްލި ގޮތަކަށް ހިތަށް އަންނަންފެށި އެ ފޮނި ޚިޔާލުތައް މެދުކަނޑާލީ ޔަރަސް ދައްކަމުން ގެންދިޔަ ވާހަކަ ފެއްޓުމުންނެވެ.

“މިވަގުތުން ފެށިގެން، ކަލޭ އަހަރެން ބުނާހާ ގޮތެއް ހަދަން ޖެހޭނެ، އަހަރެން ބުނި ކޮންމެ ކަމެއް ކަލޭ ޖެހޭނެ ކުރަން!.”

“އެއްމެ ރަނގަޅު-.” ކުރަކިވެފައިވާ މަސްތީ އަޑަކުން ބިޝާރާ ޖަވާބު ދޭން ފެށިއެވެ. “އަހަ-އަހަރެން ތިގޮތަށް އަމަލުކުރާނަން- ހަމަހުވަކޮށްފަ މިބުނީ!” ޖުމްލައިގެ ފުރަތަމަ ބައި ވަރަށް މަޑުން ބުނުމަށްފަހު ބާކީ ބައި ބުނެލީ ވަރަށް ބާރަށެވެ.

ޔަރަސް ބިޝާރާއާއި ދުރަށް ޖެހިލިއެވެ. އެއަށްފަހު ބިޝާރާއަށް ބަލައިލިއެވެ. އޭރު ބިޝާރާ ތުރުތުރު އަޅަމުން ދެއެވެ. ތުންފަތްވެސް ތެޅެމުން ދެއެވެ. އޭނާގެ ދެލޮލަށް ޖަމާވެ ހަނުހިމޭން ވެފައި ހުރި ކަރުނަތައް އޮހެން ފެށިއެވެ. ޔަރަސް އެވަގުތު ގޮތެއް ނިންމި އެވެ. މިރޭ ބިޝާރާ އޭނާގެ ފުރިހަމަ ޝިކާރައަކަށް ނުހެދުމަށެވެ. އަދި ބިޝާރާ އަށް ޚިޔާލަށްވެސް ނުގެނެވޭ މިންވަރަށް އޭނާ ބިރުގަންނަވައިލުމަށެވެ. އެ ބިރުގެ ސަބަބުން ބިޝާރާގެ ހަށިގަނޑުގައި ދައުރުވަމުންދާ ކޮންމެ ލެއި ތިއްކަކީ ބާރުގަދަ ލޭ ތިއްކަކަށް ހެދުމަށެވެ. ބިޝާރާގެ ގައިން ކުޑަކުޑަ ލޭ ފޮދެއް ބޮއެލިޔަސް އޭނާގެ ހާންތިކަން ފިލާހައި ބާރުގަދަ ލެއަކަށް ހަދާލުމަށެވެ. ނަމަވެސް އެކަމަށް ގިނަ ވަގުތު އޭނާއަށް ބޭނުން ވާނެއެވެ. ނަމަވެސް ޔަރަސް އަށް ވަނީ ބިޝާރާގެ ލެޔަށް އިންތިހާއަށް ދަހިވެތި ވެވިފައެވެ. އެ ލެއިން ދުވާ މީރު ވަހަށެވެ. ބިޝާރާގެ ކަނދުރާ މަތިން ފުއްޕާފައިހުރި ލޭ ހޮޅި ފެނުމުން އޭނާގެ ލޭ ފޮދު އެއްކޮށް ބޮއެ ހުސްކޮށްލައި މި ދުނިޔެއާއި ވަކި ކޮށްލުމަށް ހިތް އެދި ގޮވަމުން ދިޔައެވެ.

ޔަރަސް ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ އިނީ އޭނާގެ ފައިތިލައަށް ބަލަހައްޓައިގެންނެވެ. އިސްޖަހައިގެން އިންނަ ކަހަލަ ގޮތަކަށެވެ. ޔަރަސްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ މޫނުމަތިން ހައިރާން ކަމުގެ އަސަރު ފެންނަން ފެށިއެވެ. އޭނާގެ ޝިކާރައެއްގެ ގޮތުގައި އިން ނިކަމެތި އިންސި އާއި މެދު ވިސްނާން ފެށުނެވެ. އެ އަންހެން ކުއްޖާ އިނީ ހާދަހާ ބޮޑަކަށް ގޮތް ހުސްވެފައެވެ. މިވަގުތު އޭނާ ބޭނުންނަމަ މާ ބޮޑު އުނދަގުލަކާއި ނުލައި އެ އަންހެން ކުއްޖާ އޭނާގެ ފުރިހަމަ ޝިކާރައަކަށް އެއްވެސް ދަތިކަމެއް ނެތި ހަދާލެވިދާނެއެވެ.

ޔަރަސް ވަށައިގެން ހޯދާ ބަލައިލިއެވެ. އެއްވެސް ހިލަމެއް ނެތް މާހައުލެކެވެ. ބިޝާރާ ހަޅޭއްލަވައިގަތް ނަމަވެސް އެ އަޑު އިވޭނެ އެކަކުވެސް ކައިރި ހިސާބެއްގައި ނުހުންނާނެއެވެ. އެހެން ނޫނަސް އެތަނަށް މިވަގުތު މީހަކު އަޔަސް ވާނެ މާބޮޑު ކަމެއްވެސް ނޯންނާނެ ކަން ޔަރަސް ދަނެއެވެ. މީހެއްގެ ހިލަމެއް ވާއިރަށް ބިޝާރާ ގޮވައިގެން މާސިންގާ ޖަންގަލި ތެރެއަށް ވަދެވެސް ބޭނުން އެއްޗެއް ހަދަލެވިދާނެއެވެ. އޭނާ އަތުލެވޭހާ ބާރަށް ދުވެވޭނެ މީހަކު ނޫޅޭނެކަންވެސް އޭނާ ދަނެއެވެ. އަދި ބިޝާރާގެ ހަށިގަނޑު އެގޮތަށް އަންނަ ބަޔަކަށް ފެނުނަސް އެ ހަށިގަނޑުން އެމީހުންނަށް ކުރެވޭނެ ބޭނުމެއްވެސް ނޯންނާނެއެވެ. އޭރުން އޮންނާނީ މަރުވެ ހަރު އަރާފައިވާ ހަށިގަނޑެކެވެ. ގައިގެ އެތަން މިތަނުގައި ހުންނާނެ ޒަޚަމްތައް އަނގަތަކެއްހެން ހުޅުވިފައެވެ. ނޮޅާލާފައިވަ މަހާއި ހަމުގައި ހޭކިފައި ހުންނަ ލޭތައްވެސް ހުންނާނީ ހިކިފައެވެ. އެހެންކަމުން އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. މިހާރު ބިޝާރާއަކީ އޭނާގެ މިލްކެކެވެ. އެހެން މީހަކު އައިސް ބިޝާރާ ސަލާމަތް ކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެ ފުރުޞަތެއް އޭނާ އިންސިއަކަށްވިޔަސް އަދި އެހެން މަޚްލޫޤަކަށްވިޔަސް ހަމަހިލާ ނުދޭނެއެވެ. އެހެން ނޫނަސް މިވަގުތު ބިޝާރާއަކީ އަބަދަށްޓަކައި ދުނިޔެއަށް ގެއްލިފައިވަ މީހެކެވެ.

ބިޝާރާ މަރާލުމުގެ ޚިޔާލު އުފެދުމާއިއެކު އަނެއްކާވެސް ކޮންމެވެސް ނޭނގޭ ބާރެއް ޔަރަސް ހުއްޓުވައިފިއެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ފަނޑުފަނޑު އަޑަކުން އެދެމުން ދިޔައީ ބިޝާރާ މަރައި ނުލުމަށެވެ. ނުވަތަ ލޭ ބޯން ފަށާގޮތަށް ބިޝާރާ އަލުން ރަނގަޅު ނުވާނެ ވަރަށް ލޭ ނުބުއިމަށް ގޮވަމުން ދިޔަ އެވެ. އޭނާގެ ލެޔަކީ ކާނާގެ ބައިތައް ނުވަތަ ނިއުޓްރިއެންޓްސް މުއްސަނދި، ތާޒާ، ވަރުގަދަ އަދި އެހާމެ މީރުވެސް ލެއެކެވެ. އެހެންކަމުން ބިޝާރާ އެއްކޮށް ހިބަ ކުރެވިއްޖެ ނަމަ އެކަމުން ޔަރަސް އަށް ކާނާގެ މުއްސަނދިކަމާއި ބާރުގަދަކަން ލިބޭނެކަން އޭނާއަށް ވިސްނުނެވެ. އޭނާގެ އަޅަކަށް އަދި ކާނާ ލިއްބައިދޭ ވަޞީލަތެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަން ޔަރަސް އަށް ވިސްނުނެވެ. ބިޝާރާގެ ލެއަކީ އެހާވެސް މަދު، އޭހަމެ ތާޒާ، ދިރުންދޭނެ ލެއެކެވެ. އަދި އެ ލޭ ބޭނުން ކުރަން ފެށުމުން އޭނާއަށް ޖެހިފައިވާ ބަލާއެއްކަހަލަ އެސްފީނާގެ ބާރު ގަދަވުން މަތަ ކުރެވިދާނެ ކަމަށް އޭނާއަށް ވިސްނުނެވެ.

ވޭތުވެދިޔަ އެއްހާސް އަހަރު ވެގެން ގޮސްފައިވަނީ ޔަރަސް އަށް ޖެހިފައިވާ އެސްފީނާގެ ސަބަބުން އޭނާއަކީ ރުންކުރު، އަވަހަށް މޫޑު ގޯސްވާ ރުޅިގަދަ ވޭމްޕަޔާ އަކަށެވެ. އިންސާނުންނަށް އެއްވެސް ރަޙްމެއް ނުހުންނަ މަޚްލޫޤަކަށެވެ. އޭނާ އިންސާނުން ވަގަށް ނަގައެވެ. އައި އެ އިންސާނުންގެ ފުރާނައަށްޓަކައި ކުރާ އާދޭސްތަކުގައި ކޮޅުފައިން ޖަހަމުން އަންނަ މަޚްލޫޤަކަށެވެ. އަދި އިންސާނުން އެގޮތަށް ކުރާ ބޭކާރު އާދޭހުގެ އަޑުން އޭނާގެ ބޮލަށް އުނދަގޫވެއެވެ. އެ ގޮވެލިފަތީގެ ސަބަބުން އޭނާގެ ގާތަށް ސިނގު ރުޅިއެއް އާދެއެވެ. ކޮންމެ ޝިކާރައެއް ކުރާއިރު އެއް އަޑުތަކެއް ތަކުރާރުވާތީ ބޮލަށް އުނދަގޫވެ އެވެ. ހަމަޖެހިލައިގެން ހުރެ އެންމެ ޝިކާރައެއް ކޮށްލުމަށް މަގުފަހި ނުވަނީ ކީއްވެބާވައެވެ؟ ޔަރަސްގެ ހިތަށް މިހެން އެރިނަމަވެސް ޝިކާރަ ކުރުމަށްވެސް ވަކި އުޞޫލުތަކެއް އޮންނަކަން އޭނާއަށް އެނގެއެވެ. ކޮންމެ އިންސިއެއްގެ ލޭ ބޮއެ ހުސްކޮށްލާން ޖެހެނީ އެމީހުން ދިރި ތިއްބައެވެ. އެމީހުންގެ ހިތުގައި ވިންދު ޖަހަމުން ދަނިކޮށެވެ. އެހެން ނޫނިއްޔާ ކަރުހިއްކުން އެއްކޮށް ނުފިލާ ކަމީ ވޭމްޕަޔަރުން ދަންނަ ހަޤީޤަތެކެވެ. މި ޙަޤީޤަތުގެ ސަބަބުން ޝިކާރަ ކުރުމަށް ކުރިމަތިވާ އުނދަގުލުން ސަލާމަތްވުމަށް ބައެއް ފަހަރާ އޭނާގެ ޝިކާރައިގެ އަނގަޔަށް ފޮތިގަނޑެއް ގަންނުވައި ޝިކާރައިގެ ދެއަތް އޭނާގެ އަނގަމަތީގައި އަޅުވާފައި ބިންމަތީގައި އަނގަވަތަށް ބާއްވަންވެސް ޖެހެއެވެ. އެހެން ހެދުމަށްފަހު ތަންކޮޅެއް ފަސޭހައިން ލޭފޮދު ބޮއެލެވޭތީވެ އެވެ.

ޔަރަސް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ރުއްގަނޑު ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅެއްފަހުން ގޮސް ބިޝާރާގައި މުލައްދަނޑީގައި ހިފާފައި ނަގަމުން ދާމާފައި ކަހަލަ ގޮތަކަށް ބިޝާރާ ގޮވައިގެން ހިނގައިގަތެވެ. ޔަރަސް ބިޝާރާއާއި ދިމާއަށް ބަލާވެސް ނުލައެވެ. ބިޝާރާ ކުކުރަމުންދިޔައެވެ.އަނގައިން އިތުރު އަޑެއް ބޭރުނުކޮށް އޭނާވެސް މަސައްކަތް ކުރަމުން ދިޔައީ ޔަރަސް އަޅަމުންދިޔަ ގަދަފަދަ ފިޔަވަޅުތަކާއި އެއްވަރަށް ހިނގުމަށެވެ. ޔަރަސް ވިސްނަމުން ދިޔައީ ބިޝާރާއާއި މެދު ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. އޭނާ ބޭނުންނަމަ ވަގުތުން ވަގުތަށްވެސް ބިޝާރާގެ ލޭފޮދު ބޮއެލުމަށްފަހު އެތަނުން ރައްކާވެވިދާނެ އެވެ. ނަމަވެސް އޭނާ ބޭނުންވަނީ ބިޝާރާގެ ބިރުވެރިކަން އިތުރު ކުރުވުމަށެވެ. އަދި އެއަށްފަހު، ބިޝާރާ ބިރުގަންފައި ހުންނަވަގުތު ލޭ ފޮދެއް ބެއެލާ ޓެސްޓް ކުރުމަށެވެ. އެގޮތުން ބިޝާރާގެ ލެއިން އޭނާ ބޭނުންވާ ފަދަ ފައިދާއެއް ކޮށްފިނަމަ، ދެން އޭނާ ގޮތެއް ނިންމާނެ އެވެ. ޔަރަސް އަށް މާގިނަ ވަގުތެއް ނެތެވެ. އޭނާއަށް ޖެހިފައިވާ އެއްހާސް އަހަރުގެ އެސްފީނާގެ ބަލާވެރިކަމުން މިންޖުވެވެން އޮތް ކޮންމެ ކަމެއްވެސް އޭނާ ކޮށްފާނެއެވެ.

އެއްހާސް އަހަރު – ނުވަވަނަ ބައި

“ކޮންތާކަށް އަހަރެން ތި ގެންދަނީ؟” މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

“ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟” ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާވެސް ބިޝާރާ ސުވާލުކުރިއެވެ.

“ބޮޑުފެންގަނޑު އޮންނަ ސަރަޙައްދަށް.” ޔަރަސް އިތުރު ތަފްޞީލެއް ނުދެއެވެ. ތަފްޞީލަކަށް އެދުނަސް ނުދޭނެކަން ބިޝާރާއަށް އެނގެއެވެ. އިރުކޮޅެއް ވާންދެން ބިޝާރާގެ މޫނަށް ބަލަން ޔަރަސް ހުއްޓެވެ. ބިޝާރާގެ އަތަށް ލަތްކެއް ޖަހާ ދަމައިގަތެވެ. ލިބުނު ސިހުމާއިއެކު ބިޝާރާގެ ބެލެންސް ކަޓައިގެންގޮސް ޔަރަސްގެ ގައިމައްޗަށް ވެއްޓުނެވެ.

“ކިހާބޮޑު ބަލާއެއް. ކޮންމެހެން މަގޭގައިގަ ތަތްވެގެން އޮންނަން އުޅޭނެ ކަމެއް ނެތް” ބިޝާރާގެ ދެއަތުގެ މުލައްދަނޑީގައި ހިފާ ނަގަމުން ދުރަށް ކޮށްޕާލިއެވެ.

“އަމިއްލަ ދެފައި މައްޗަށް ކޮޅަށް ހުރެބަލަ!” ހިތްހަމަނުޖެހިފައި ހުރެ ޔަރަސް ރުޅިގަނޑު ބޭލިއެވެ.

ޔަރަސް ދެކެނީ އިންސާނުންނަކީ ތުރާ ދޭ ބައެއް ކަމަށެވެ. ކަންނެތް އަދި އަވަހާ ވަރުބަލިވާ، ތަތް ބައެއްގެ ގޮތުގައެވެ. ކިތަންމެ އަނދިރި ނަމަވެސް ޔަރަސް އަށް ތަނެއްގައި އަޅައިނުގަނެ ފަސޭހަކަމާއިއެކު ހިނގުމަކީ އެއްވެސް ކަމެއް ނޫނެނެވެ. އެހެނަސް ބިޝާރާ އަބަދު އޮންނަނީ ގަހެއްގެ މުލެއް ނުވަތަ ފަނެއް ނުވަތަ މީދާކޭ އުނބެއް (ކޮއްވެއް) ގައި އަޅައިގަނެ ވެއްޓެންދާ ހިސާބުގައެވެ. އެކަމުގެ ސަބަބުން ޔަރަސް ކިތަންމެ ބާރަށް ހިނގިޔަސް ބިޝާރާއަށް ހިނގޭގޮތެއް ނުވެއެވެ. އަނެއްކާވެސް ޔަރަސް ހުއްޓެމުން ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. މިފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފެންނާކަށް ނެތެވެ.

” މިއީ ކަލޭ ޖަހައިގަނެގެން ގެންދަނީކީ ނޫން، އެހެންވީމަ އެގޮތަށް ކުރެވޭ ކުށްހީ ސިކުނޑިން އެއްކައިރިކޮށްލާ ހަމަ މިހާރު.”

“ކަލެޔަށް އެނގޭތަ ތިހާ ބާރަށް މަގޭ އަތުގައި ހިފައިގެން ހުރީމަ މަށަށް ތަދުވާނޭ! ނޭނގޭދޯ އެކަމެއް؟

“ކީއްވެ ތިހެން ތި އެހީ؟

“ސަބަބަކީ ތީ ވެމްޕަޔާއެއްކަން. ކަލޭ ހަނދާން އެބަހުރިތަ އިންސާނެއްގެ ގޮތުގައި އުޅުނު ދުވަސްވަރުގެ ހަނދާން؟ ނެތް ދޯ؟ ކިހާ ދުވަހެއްވެއްޖެ ކަލޭ ވެމްޕަޔަރެއްގެ ގޮތުގަ-.”

“އަނގަ މަޑުންލައިގެން ހުރޭ!” ބިޝާރާ އަނގަތަޅަން ފެށުމުން އެކަން ހުއްޓުވިއެވެ. ޔަރަސް ކުރަން ބޭނުންވާ ޝިކާރައަކާއި އަނގަތަޅާ އުޅުމަކީ އޭނާ ކޮށް އުޅޭ ކަމެއް ނޫނެވެ.

“އަނގަ ނުތަޅާ ހުރޭ! އެހެން ނޫނީ ކަލޭ މަރާލަން ޖެހިދާނެ!!”

ބިޝާރާ ޔަރަސްގެ އަތުތެރެއިން ދެމިގަތުމަށް މަސައްކަތް ކުރިއެވެ. އަނެއްކާވެސް އޭނާ ރޯން ފެށިއެވެ. ވަށައިގެންވަނީ އަނދިރި ކަމެވެ. އައިކޮޅަށް ބަލައިލިއެވެ. އެކައްޗެއްވެސް ފެންނާކަށް ނެތެވެ. ފަޅުކަމާއި އަނދިރިކަމެވެ. ނާމާން ކަމެވެ. މަގުމަތިން ނުވަތަ މީހުން އުޅޭ ހިސާބުން އަލިކަންފުޅެއްވެސް ފެންނާކަށް ނެތެވެ. އެ ރެއޔަކީ އުޑުމަތި ބަނަ އަނދިރި ރެއެކެވެ. އެމީހުންނަށް ތިބެވުނީ ކިހާ ހިސާބެއްގައި ކަމެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ބިޝާރާގެ މާޔޫސީކަން ޔަރަސް އަށް އިޙްސާސް ކުރެވުނެވެ. ޔަރަސް ހުރީ ކެތްމަދުވެފައެވެ. އަތުގައި ޖެހިފައިވާ ޝިކާރައަށް އިންސާފުކުރުމަށެވެ. ހާންތިކަން އިންތިހާއެވެ. ނަމަވެސް ޖަންގަލީގެ އެހާ ހިސާބަށް ބިޝާރާ ގެންދިޔަ ސަބަބާއި މެދު ވިސްނާލެވުނެވެ. އޭނާ ބޭނުންވަނީ ބިޝާރާގެ ލޭ ޓެސްޓް ކުރާށެވެ. އޭނާގެ އަޅެއްގެ ގޮތުގައި ގެންގުޅުމަށް އެކަށޭނަ ލެޔެއް ހުރި އިންސާނެއްތޯ ބަލާށެވެ. ދާއިމީ ގޮތަކަށް އޭނާގެ ހާންތިކަން ފިލުވައިދެވޭފަދަ ޤާބިލުކަމެއް ހުރި ލެޔެއްތޯ ބަލާށެވެ.

ޔަރަސް ހުއްޓުނެވެ. ބިޝާރާގެ އަތުން ދޫކޮށްލިއެވެ. ބިޝާރާގެ އަތަށް ތަދުވާވަރުން އަނެއް އަތުން އަތުގައި ފިރުމަން ފެށިއެވެ. ބިޝާރާ ޔަރަސް އަށް ކަޅިއަޅަމުން ދިޔައެވެ. އޭރު އުޑުމައްޗަށް ބަނަކޮށްފައިވާ ވިލާތައް ކޮންމެވެސް ވަރަކަށް ކެހިގެންގޮސް އުޑުމަތި ސާފުވަމުން ދެއެވެ. ހަނދުވަރުގެ އަލިކަން ކޮންމެވެސް ވަރަކަށް ދޭން ފަށައިފިއެވެ. އެވަރުން ވަށައިގެންވާ މާހައުލާއި އޭނާގެ ކުރިމަތީގައި އިންސާނެއްގެ ސިފައިގައި ހުރި ބިރުވެރި ހައިވާނުގެ ސޫރަ ފެންނަވަރު ވެއެވެ. އޭރު ޔަރަސްވެސް ހުރީ ބިޝާރާއާއި ދިމާއަށް ކަޅި އަޅައިގެންނެވެ. އޭނާ އަށް ވަގުތެއް ނެތެވެ. ކުރަން ބޭނުންވާ ބައިވަރު ސުވާލުތައް އެބަހުއްޓެވެ. ޔަރަސް ވާހަކަދައްކަން ފެށިއެވެ. ބިޝާރާ އެއްޗެކޭ ބުނާނެ ދަނޑިވަޅެއް ނުދެއެވެ.

“އަހަރުމެންނަށް މިތަނަށް މި އާދެވުނީ.”

“ކޮން-.”

“މިކަން ފެށުނު ހިސާބަށް! މި ހިސާބުން އަހަރެން ކަލޭ ދޫކޮށްލާނަން. ކަލޭ ފިލަންޏާ ފިލަން ނުވަތަ މީހުން އުޅޭ ހިސާބަސް ދަންޏާ އެ ހިސާބަކަށް ދިއުމަށް. އެކަމަކު ތިންގަޑި އިރު ފަހުން، ބަރާބަރު ތިންގަޑި އިރު ފަހުން އަހަރެން ކަލޭ ފަހަތުން ދާނަން. އިރު އެރުމުގެ ކުރިން އަހަންނަށް ކަލޭ ނުފެނިއްޖެއްޔާ ކަލޭ މިނިވަން ވީ.” ޔަރަސް ކުރަން އުޅޭ ކަމަކާއި މެދު ވިސްނަމުން ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ޔަރަސް ބޭނުންވަނީ އޭނާ ޝިކާރަ ކުރާށެވެ. ފަހަތުން ދުވެ ޝިކާރަ ކުރާށެވެ.

“އެކަމަކު އަނދިރިކަން އޮއްވާ ވަލުތެރެއިން އަހަންނަށް ކަލޭ ފެނިއްޖެއްޔާ ކަލެޔަކީ މަގޭ މިލްކެއް!!”

ނުނިމޭ

އެއްހާސް އަހަރު – ދިހަވަނަ ބައި

އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ. އޭނާ ލައިގެންހުރީ ގަދަ ކުލައެއްގެ ގަމީސް ޓޮޕްކޮޅަކާއި ޖީންސެކެވެ. އެކަމުގެ ސަބަބުން އެ އަނދިރިކަމުގައި އޭނާ ފެންނަލެތް ތަންކޮޅެއް ކުޑަވާނެއެވެ. އެކަމުގެ ހިތްހަމަޖެހުން މިވަގުތު ބިޝާރާއަށް އެބައޮތެވެ. ނަމަވެސް އޭނާ ޝިކާރަކުރުމަށް ފެންބޮވާފައިވާ ވޭމްޕަޔާ ވަރަށް ބާރުގަދަކަން އޭނާއަށް އެނގެއެވެ. އަދި އެ ވޭމްޕަޔާގެ އަތުނުޖެހޭ ހިސާބަށް ދުރަށް ދިއުމަށް އެތައް ތަނެއް ކަޑައްތުކުރަން ޖެހޭކަންވެސް އޭނާއަށް އެނގެއެވެ. ގަޑިންވީ ކިހާއިރެއްކަމެއް، އަދި ދާދި ދެންމެއަކު އޭނާއަށް ދުވެވުނު ވަރަކަށް ދުވެފައި އައިސް މިހާރު އެ ހުރެވުނީ ކިހާހިސާބެއްގައި ކަމެއްވެސް ނޭނގެއެވެ. ބިޝާރާ ދުވަމުން ދިޔައީ ދެފަރާތަށް ދެއަތް ހޫރަމުންނެވެ. ގަސްތަކުގެ ގޮފިތަކުން އޭނާގެ މޫނާއި ލޯ ހަމަގައިމުވެސް ރައްކާތެރި ކުރެވޭނެތީއެވެ.

ބިޝާރާ ކުއްލިއަކަށް ބިރުގެންފިއެވެ. މަކުނުވާ ތަކެއްގައި ޖެހިދާނެއޭ ހިތަށް އަރާފައެވެ. އެފަދަ ކަމެއް ހިތަށް އަރައި ބިރުގަތުމަކީ ހެއްވާ ކަމެއްކަންވެސް އޭނާއަށް އެނގެއެވެ. މަކުނުވާ ފަދަ އާދައިގެ އެއްޗެއްދެކެ އެވަގުތު ބިރުގަތުމުގެ ބަދަލުގައި ބިރުގަންނަންވީ ބައިވަރު އެއްޗެހި ހުރިކަން ހިތަށް އެރިއެވެ. ޖިންނި، ހަންޑި، ފުރޭތަ، ހާމުންޑި، ބަޑިއެދުރު އަދި ކައްޑެވި ވެސް އެއީ ގައިމު އުޅޭކަމަށް ކިޔާ ބިރުވެރި އެއްޗެއްސެވެ. އޭނާއަށް ހުރެވުނު ހިސާބަކީ މީގެ ކުރިން ދުވަހަކުވެސް އާދެވުނު ހިސާބެއް ނޫނެވެ. އެހެނަސް ކޮންމެ ފަރާތަކުންވެސް ރަށުގެ ގޮނޑުދޮށަށް ފޭބޭނެއޭ ހިތަށް އަރަމުން ދިޔައެވެ.

ކުއްލިއަކަށް އަނގަވަތަށް ބިޝާރާ ވެއްޓިއްޖެއެވެ. ކޮންމެވެސް ގަހެއްގެ މުލެއްގައި ނުވަތަ ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފާކަން އަންދާޒާ ކޮށްލެވުނެވެ. ބިޝާރާގެ މޫނު ގޮސްޖެހުނީ ގާގަނޑެއްފަދަ ހަރު އެއްޗެއްގައެވެ. ކަނާތު ކޯތާފަތް ޖެހުނުގޮތުންނާއި ވީ ތަދުގެ ސަަބަބުން މަށައިގެން ދިޔަކަމުގެ ބިރު ހީވިއެވެ. ލޭ އަންނަ ކަމުގެ ބިރުވެސް ހީވިއެވެ. އޭނާގެ ހަށިގަނޑުން ލޭފޮދެއް ބޭރުވެއްޖެނަމަ އޭގެ ވަސް ވޭމްޕަޔާ އަށް ފޯރާނެކަން އެނގޭތީވެއެވެ. އެ ވަސް ފޯރާނީ ކިހާ ދުރުމިނަކަށް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާއަށް ހަނދަންވީ މިޔަރުގެ މަތިންނެވެ. ކޮންމެވެސް ފޮތަކުން ކިޔުނު މަޢުލޫމާތެއް ބުނާގޮތުން މޭލެއްހައި ދުރުން މިޔަރަށްވެސް ލޭގެ ވަސް ދެނެގަނެވެއެވެ. އެހެންކަމުން އޭނާގެ އުއްމީދަކީ އޭނާއަށް ހުރެވުނީ ވޭމްޕަޔާ އާއި މޭލެއްހައި ދުރުގައި ކަމުގައެވެ. އެހެނަސް އޭނާއަށް ދުވެވުނީ ވަށް ބުރަކަށް ނޫންބާވައޭ ހިތަށް އަރަން ފެށިއެވެ. އެ އަނދިރި ކަމުގެ ތެރޭގައި ހުރިހައި ތަނެއްވެސް ފެންނަނީ ހަމަ އެއްގޮތަކަށް ކަމުން ވާނުވާއެއް، ދެވޭ ނުދެވޭ ތަނެއް ރޭކައެއް ނުލައެވެ.

ބިޝާރާ ތެދުވުމުގެ ބަދަލުގައި ރެސްޓެއްނަގަން މަޑުކޮށްލިއެވެ. މުޅި ހަށިގަނޑުގެ ހުރިހާތަނެއްގައި ރިއްސަނީއެވެ. ދެ ފައިތިލައިގައި ފޮޅުނަގައި ފޮޅު ކެނޑިފައިކަން ވާތަދުގެ ޒާތުން އެނގެއެވެ. ފަހަރުގައި ދެފައިންވެސް ލޭ އަންނަމުން ދާކަމަށް ވެދާނެއެވެ. ދެފައިގައި އެއްކަމެއްވެސް ނެތެވެ. މުޅި ގައިގާ މަސްގުޅަ ކައިފިއެވެ. މެއިން ދިލަ ނަގަމުން ދެއެވެ. ކަރުތެރެ ހިކިގެންގޮސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. އޭނާގެ ދެއަތުން މޫނު ފޮހެލިއެވެ. ދެއަތްތިލަ އެއްކޮށް ލެއިން ތެމިއްޖެއެވެ. އެހިސާބުން މޫނުމަތި މަށަމަށައިގެން ގޮސްފައި ހުރިކަން ޔަޤީން ކުރެވިއްޖެއެވެ.

‘ޔާ ރައްބީ! އަނެއްކާ ބިމަށް ލޭ އެޅިފަ ނުހުންނާނެބާ؟’ އެހެން ވެއްޖެނަމަ އޭނާއަށް އެ ދުވެވުނީ ބިސްމަޅިއެއް ދޫކުރަމުންނެވެ. ‘ޔާ ﷲ، މިއަޅާ ހާދަހާ ބިރެއް އެބަގަނެއެވެ. މި އަޅާ މިކަމުން ސަލާމަތް ކުރައްވާންދޭވެ!’ ބިޝާރާގެ ބޯޖެހުނު ގާގަނޑުކަމަށް ހީވި އެތީގައި އަތްލާ ޖެކް ކޮށްލިއެވެ. ލޭގެ އަސަރެއް ހުރިތޯއެވެ. އެހެނަސް އެއްވެސްކަހަލަ ތެތްކަމުގެ އިޙްސާސެއް ނުކުރެވުނެވެ.

ކައިރީގައި ހުރި ގަހެއްގެ ބުޑުގައި ލެނގިލަމުން އުޑުމަތިން ފެންނަންހުރި ހަނދަށް ބަލަންފެށިއެވެ. މީގެ ކުރިން ހަނދަށް ބަލައިލި ފަހަރަށްވުރެން އެއްވެސް މިންވަރަކަށް ހަނދު އޮއްސުނުތޯއެވެ. އެއްވެސް ވަރަކަށް އެފަދަ ތަފާތެއް ފާހަގައެއް ނުކުރެވުނެވެ. އެކަމުން އަންގައިދެނީ ދެ ކަމެކެވެ. އޭގެ ތެރެއިން ރަނގަޅު ކަމަކީ އޭނާ ދުވަންފެށިފަހުން މާކަ ގިނައިރުތަކެއް އަދި ނުވެއެވެ. އެހެންކަމުން އޭނާގެ ފަސްފަހަތުން އަންނަމުންދާނެކަމަށް ބުނި ވެމްޕަޔަރާއި ދެމެދު ފުދޭވަރެއްގެ ދުރުމިނެއް ހުންނާނެއެވެ. ގޯހުން ގޯހަށް ގޮސްދާނެކަމަށް ބެލެވޭ ކަމަކީ އޭނާއަށް ދުވެވުނު މިސްރާބެއް ނޭގިވެސް ދުވެވުނީ ހަމަ ސީދަލަށް ކަމެވެ. ފަހަރުގައި މި ދެވެނީ ވެމްޕަޔާ އާއި ދިމާއަށް ކަމަށްވެސް ވެދާނެއެވެ. ‘އަހަރެން ދުވުމުގެ ބަދަލުގައި ފިލަން ވަންނާނެ ތަނެއް ހޯދުން މާރަނގަޅު…’ ނޫނެކެވެ. އެއީ ފީކަޅާ ވިސްނުމެކެވެ. އޭރުން މާ ފަސޭހައިން ވެމްޕަޔާ އޭނާ ހޯދާނެއެވެ. އެހެންކަމުން ދުވުން ފިޔަވައި ދެވަނަ އެހެން ގޮތެއް ނެތެވެ. އަލިވިލުމުގެ ކުރިން ދުވެ ރައްކާވެވޭތޯ ބަލަން އެބަޖެހެއެވެ. އެހެންނޫނީ އެ ވެމްޕަޔާ އައިސް އޭނާ ޖަހައިގަންނާނެއެވެ. ދެވަނަ ވިސްނުމަކަށް ދެވޭކަށް ނެތެވެ. ހަމައެކަނި އޮތްގޮތަކީ މިކަންތައްގަނޑު ކޮންމެވެސް ގޮތަކަށް ސަލާމަތްވެވޭތޯ ދުވުމެވެ.

ކޮޅަށް ތެދުވެ ދުވަންފެށުމުގެ ބަދަލުގައި ބިޝާރާއަށް ރޮވެން ފެށިއެވެ. ދެލޯ ދުޅަވަންދެން ގަދައަށް ރުއެވެ. ރޭގަނޑުގެ ފިނީގައި އެވަރަށް ރުއިމުން ދެ ނޭފަތްވެސް ބްލޮކް ވެއްޖެއެވެ. އެ ވެމްޕަޔާ އަށް އޭނާ ފެންނާކަށް ބޭނުމެއް ނޫނެވެ. އެ ވެމްޕަޔާ އޭނާދެކެ ނުލާހިކު ރުޅި އާދެއެވެ. އަނިޔާވެރިކަމާއެކު މަރާލާނެ ވާހަކަ ބުނީ އެހެންވެގެންނެވެ. އޭނާއަށް ވޭމްޕަޔާއަކާއި ބައްދަލުވެވުނުއިރު ރަނގަޅު ވޭމްޕަޔާ އަކާއި ބައްދަލުވުމަށް މެދުވެރި ނުވީ ކީއްވެ ހެއްޔެވެ؟ ވޭމްޕަޔާ އަކީ ހަމަ ޙަޤީޤަތުގައިވެސް އުޅޭއެއްޗެއްނަމަ، އޭގެ ރަނގަޅު ވޭމްޕަޔާވެސް އުޅޭނެ ނޫންހެއްޔެވެ. އުޅެން ޖެހޭނެއެވެ. އެހެން ވެމްޕަޔަރުންގެ ލޯބި ލިބުމަށް އެދޭ ވޭމްޕަޔަރުންވެސް އުޅެން ޖެހޭނެ ނޫންހެއްޔެވެ. އެފަދަ ވޭމްޕަޔާ އުޅޭނީ އުފަލުގައެވެ. އަނިޔާވެރިކޮށް މީހުންމަރައި ލޭ ބޮއެ ނުހަދާނެއެވެ. ނުވަތަ އެއްގޮތަކަށްވެސް މީހުން މަރައި ނޫޅޭނެއެވެ. އެފަދަ ވޭމްޕަޔާވެސް ބަނޑުފުރާނަ މުއްތިކޮށް އުޅޭނީ ހަމަ އިންސާނުން ފަދައިންނެވެ. ނުވަތަ އިންސާނުންވެސް އަނެއް އިންސާނެއްގެ ލޭ ބުއިމަކީ ވަރުގަދަ ލައްޒަތެއް ލިބޭކަމަކަށްވެސް ވެދާނެ….

‘އެ ވެމްޕަޔާ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާވައެވެ. އަހަރެން ދެކެ އެވަރުގެ ގަދަ ރުޅީއެއް އަންނަންވީ އޭނާއަށް އަހަރެން ކޮން ގޯނާއެއް ކޮށްގެން ހެއްޔެވެ؟’ ހިތަށް ވެރިވަމުންދިޔަ ސުވާލުތައް އަޑުއިވޭވަރަށް ކިޔަމުން ދިޔައެވެ. އޭނާ އިނީ ނުހަނު އެކަނިވެރިވެފަ އެވެ.

ނުނިމޭ

އެއްހާސް އަހަރު – އެގާރަވަނަ ބައި

‘އެ ވެމްޕަޔާ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާވައެވެ. އަހަރެން ދެކެ އެވަރުގެ ގަދަ ރުޅީއެއް އަންނަންވީ އޭނާއަށް އަހަރެން ކޮން ގޯނާއެއް ކޮށްގެން ހެއްޔެވެ؟’ ހިތަށް ވެރިވަމުންދިޔަ ސުވާލުތައް އަޑުއިވޭވަރަށް ކިޔަމުން ދިޔައެވެ. އޭނާ އިނީ ނުހަނު އެކަނިވެރިވެފަ އެވެ. ފިނިވެ، ހީކަރުވާފައެވެ. އިންތިހާއަށް ބަނޑުހައިވެފަ އެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. ޢާއިލާއެއް، ގެއެއް ނެތެވެ. އެކައްޗެއްވެސް ނެތެވެ.

ބައެއް މީހުން އަމިއްލައަށް މަރުވެއޭވެސް އޭނާގެ ހިތަށް އަރަންފެށި އެވެ. އެކަމަކު ބިޝާރާ މަރުވާކަށް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ދިރިއުޅޭށެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދު އޭނާ އަބަދުވެސް ކުރެއެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށެވެ. ތާއަބަދު އޭނާގެ މަންމަ ހަނދާންކޮށްދިން ފަދައިން ދުވަހަކުވެސް ކަމެއްގައި އުއްމީދު ނަގައިނުލުމަކީ އޭނާގެ ޢަޒުމެކެވެ. އޭނާގެ މަންމަ ދަސްކޮށްދީފައިވަނީ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ ވެލިފޮޅާލާފައި އެއަށްވުރެ އަވަހަށް ތެދުވުމަށެވެ. އޭނާގެ މަންމަ އޭނާއާއިމެދު ފުރިހަމައަށް އިތުބާރު ކުރިއެވެ. ދެވަނަ އެހެންމީހެއް އޭނާއަށް އިތުބާރުކޮށް އޭނާއަށް ކަމެއް ޙާޞިލުވެދާނެކަމަށް އުއްމީދުކޮށްފައެެއް ނުވެއެވެ. ނަސީބެކޭ ހިތަށް އެރިއެވެ. ހިންދީ ފިލްމުތަކުން ދައްކާފަދައިން މަރުވުމަށްފަހު ރޫޙުތައް ދުނިޔޭގައި ނޫޅޭކަމެވެ. އެހެން ނޫންނަމަ މިއަދު ބިޝާރާއަށް ޖެހިފައިވާ ޙާލު ފެނިފައި އޭނާގެ މަންމަގެ ރޫހް ކިހާ ދެރައެއްވާނެ ހެއްޔެވެ. އެއްވެސް މަޔަކަށް، އެމައިމީހާގެ ހުރި ހަމައެކަނި ދަރިފުޅު ދިރިހުއްޓާ ރޮލާކާ އެއްޗެއް އައިސް ކާލާތަން ބަލަން ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ބިޝާރާ އަނެއްކާވެސް އުޑުމައްޗަށް ބަލައިލިއެވެ. ހަނދު ކުރިންހުރި ހިސާބުން ކެހިލައިފިކަން އެނގުނެވެ. އެހާ ގިނައިރުވާންދެން އެތާނގައި އޭނާއަށް އިނދެވުނީބާއޭ ހިތަށްއެރި އެވެ. ވަގުތު ހޭދަވިވަރެއް ހިސާބުހަދާލެވޭތޯ ބެލިއެވެ. ‘ގައިމުވެސް އުދަރެހުން ފަސްވަރަކަށް ދަރަޖަ ޖެހިލައިފިއެވެ. ތިންސަތޭކަ ފަސްދޮޅަސް ސައުވީހަކުން ގެއްލީމާވާނީ….. ފަނަރަ. އާނ. އޭރުންވާނީ ފަނަރަ.’ ހިސާބަކީ އަބަދުވެސް ބިޝާރާއަށް ފަސޭހަ މާއްދާއެކެވެ. ‘ފަނަރަ ގުނަ ސައުވީސް ވީމާ ވާނީ … ވާނީ އެއްގަޑި އިރާއި ބައި.’ އޭނާއަކީ ކުޑަކޮށް ބޯހަމަނުޖެހޭ މީހެއްކަން ޚުދް އޭނާ ދަނެއެވެ. އެކަމަކު އޭނާއަކީ އުނިކަމެއް ހުންނަ މީހެއްހެނެއް ހިޔެއްނުވެ އެވެ. އޭނާއަކީ ނުލާހިކު ރީތި ކުއްޖެކެވެ. އެހެނަސް މީހާގެ ރީތިކަމަކީވެސް އަނެކުންނަށް ފާހަގަކުރެވުމަށް ވަގުތު ދެވިގެން ނޫނީ ފާހަގަ ނުވާނެކަމެއްކަން އޭނާގެ ސްކޫލުން ކުރެވުނު ތަޖުރިބާއިން ބިޝާރާއަށް ވަނީ ދަސްވެފައެވެ.

‘އެއްގަޑިއިރާއި ބައި! އަހަރެންގެ ނާކާމިޔާބު ދިރިއުޅުމާއިމެދު ވިސްނަން ލިބުނުވަގުތުގެ ދެބައިކުޅައެއްބައި މި ހޭދަކޮށްލެވުނީ ކީއްކުރަންހެއްޔެވެ! އަހަންނަށް ހިނދުކޮޅަކަށްވެސް މަޑުކުރެވޭކަށް ނެތެވެ.’ ބިޝާރާ ހިތާހިތާ ކިޔާލިއެވެ. ނަމަވެސް ބިޝާރާ ދުއްވައިގަތުމަށް ދެފައިމައްޗަށް ތެދުވެވުނުއިރު އޭނާއާއި ނުހަނު ކައިރިން ވިނަގަނޑުގެ ތެރެއިން އަޑެއް އިވިއްޖެ އެވެ. ‘ޝިޓް!، މިހާ ހާމަކަންބޮޑު ތަނެއްގައި އަހަރެން މި މަޑުކުރީ ކީއްކުރަންހެއްޔެވެ؟’ ބިޝާރާ ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު އެއްކޮށް ގަނޑުވެގެން ކަހަލަ ގޮތަކަށް މަޑުން ހުރިއެވެ. އަނެއްކާވެސް ވިނަގަނޑުތެރެއިން ފަތްތައް މުގުރެމުންދާއަޑު އިވެންފެށި އެވެ. ހަޅޭއްލަވައިގަންނަން ހިތަށް އެރިއެވެ. ޖަނަވާރެއްނަމަ ހަޅޭކުގެ އަޑަށް ދުރަށްދާނެކަން އެނގެއެވެ. އެކަމަކު ވިނަގަނޑުގެ ތެރޭގައި ހުރީ ވޭމްޕަޔާ ނަމަ އޭނާގެ ދުވަސްދާނެކަންވެސް އޭނާއަށް އެނގެއެވެ.

“ހެލޯ؟” ބިޝާރާގެ އަޑުގައިވާ ބަލިކަށިކަން އެނގިފައި ޤަބޫލުކުރަންވެސް ދަތިވިއެވެ.

އެއްވެސް ހިލަމެއްނުވި އެވެ. އިރުކޮޅެއްވަންދެން ނޭވާ ހިފަހައްޓާލައިގެން ހުރުމަށްފަހު އަނެއްކާވެސް ގޮވާލިއެވެ. އެވަގުތު ހުދުކުލައިގެ ބުޅަލެއް އެތަނުން ނުކުމެގެންގޮސް ތަންކޮޅެއް ވިނަ މަދުކޮށް އޮތްތަނަކަށްގޮސް މަޑުކޮށްލިއެވެ. ހަމައެކަނި މަޑުކޮށްލީކީ ނޫނެވެ. ހަނދުވަރުގެ އަލިކަމުގެ ސަބަބުން އެ ބުޅަލުގެ ދިއްލިފައިވާ ދެލޯ ބޮޑުކޮށްގެން ބިޝާރާއަށް ބަލަންފެށި އެވެ. ބުޅާ ފެނުމުން ބިޝާރާ ހަމަޖެހުމުގެ ނޭވައެއްލި އެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރިކަން ވެވުނުހިނދު ދެލޮލުން ކަރުނަހިލިގެން ފައިބަންފެށި އެވެ. ހަމައެއާއިއެކު އެ ބުޅަލާއި ވާހަކަދައްކަން ފެށިއެވެ. “އާދޭ މިކޮޅަށް. ބުސްބުސްބުސް. ބުޅަލާ ބުސްބުސްބުސް. އާދެބަލަ މިކޮޅަށް. މަށެއް ނޫޅެމޭ ކަލެޔަށް އަނިޔާކުރާކަށް.”

ބުޅާ އިންޗިއެއްހާތަން ކުރިއަށް ޖެހިލިއެވެ. އެސޮރުވެސް އޮތީ ބިޝާރާއެކޭ އެއްވަރަށް ބިރުގެންފަ އެވެ. ކުއްލިއަކަށް ބުޅާ ފަހަތަށް ޖެހިލިއެވެ. ބިޝާރާއަށް މިވީގޮތެއް ނޭނގުނެވެ. އޭނާ ކުޑަތަންކޮޅެއްވެސް ކުރިއަކަށް ނުޖެހެއެވެ. ކުއްލިއަކަށް ބިޝާރާއަށް ވިސްނިއްޖެއެވެ. ބިޝާރާގެ ފުރަގަހުގައި ކޮންމެވެސް އެއްޗެއް ހުރީކަން ގައިމެވެ.

ބިޝާރާއަށް ގުޑިލާންވެސް ނޭނގުނެވެ. ‘ފުރަގަހުގައި ހުރީ އަނެއްކާ ޖިންނިއެއް ނޫންބާވައެވެ؟ ނޫނެކެވެ. ތަނަކުން ހަމަ މީހަކު ފެންނައިރަށް ޖިންނިއެއް ނާންނާނެއެވެ. އެސޮރުމެން އެގޮތަށް ފާވާނީ އެސޮރުމެންނަށް ގޯނާއެއް ކުރީމައެވެ. ފަހަރުގައި ހަންޑިއަކަށްވެސް ވެދާނެއެވެ. ނޫނީ ބަޑިއެދުރަށްވެސް ވެދާނެއެވެ. އެވެސް ގައިމު އުޅޭ އެއްޗެއްކަމަށް ކިޔާއެއްޗެކެވެ. ވޭމްޕަޔާ އަކީ އުޅޭއެއްޗަކަށްވާއިރު ހަންޑިއާއި ހާމުންޑި، ޖިންނިއާއި ބަޑިއެދުރުވެސް އުޅޭނެތާއެވެ.’ ބިޝާރާގެ ހިތަށްއަރާ ފައިބަމުންދިޔަ ހުރިހައި އެއްޗެއް ގަނޑުވިކަހަލައެވެ. ފުރަގަހުން އެ އިވުނީ އެއްޗެއްގެ ކުކުރުމެއްގެ އަޑެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލައިލިއެވެ.

ފަސްއެނބުރި ބަލައިލުމާއިއެކު ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. ނަމަވެސް އެއީ އޭނާ ބޭނުންނުވިޔަސް ކުރިމަތިލާން ޖެހިދާނެ ދަނޑިވަޅެއްކަން އެނގެއެވެ. އެހެނަސް އޭނާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ.

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުކުރުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.

ނުނިމޭ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.

އޭނާ މަޑުމަޑުން ބިޝާރާއާއި ގާތަށް ޖެހިލި އެވެ.

“ކަލޭ ހާދަ ބޯގަޅިއޭ ދޯ. މިފަދަ ހަނދުވަރެއްގައި މިހެން ހާމަކޮށް އޮތްތަނަކަށް ނުކުތުން އެއީ މޮޔަކަމެއްކަން ހަމަ ނޭނގޭތަ؟” އޭނާގެ އަޑުގައިވަނީ ހަމަޖެހުމުގެ އަސަރެެވެ. ހަމަ ގައިމުވެސް އޭނާގެ ބަސްމަގު އެހާ ބިރުވެރިއެއް ނޫނެނެވެ.

“ހީވާކަހަލަ މަށަށް އަތުވާން ބޭނުންވެގެން މިތަނަށް ނުކުތީއޭ.”

“ނޫން. ނޫން. އަހަ.. އަހަންނަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން މިހިސާބަށްވެސް މި އާދެވުނީ.”

“އެކަމަކުވެސް ތީ ހަމަ ފިނިހަކަ ދުވެލި ދުވާމީހެއްކަން މިހާރު އެނގިއްޖެ. އާނ އެހެންޏާ، މީގެ ތިން ގަޑިއެއްހާއިރު ކުރިން އަހަރެން ކަލޭ ދޫކޮށްލީ މިތަނާ ދާދި ކައިރި ހިސާބަކަށް. މަށަށް ހީވަނީ ކަލޭ ވަށްބުރެއް ވާގޮތަށްހެން ތިޔަ ދުވުނީ.”

އާނއެކެވެ. ބިޝާރާއަށް ދުވެވުނީ ވަށްބުރަކަށް ވާގޮތަށް ހަމަ އެއްތަންކޮޅެއްގައި ކަމަށް އޭރުވެސް އޭނާއަށް ހީކުރެވުނެވެ. ވާވަދެވުނީމާ ގިނަ މީހުންނަށް ވާގޮތަކީވެސް އެއެވެ.

“އަސްލު ކަލޭ މިކަން ތި ނެގީ މާ ފަސޭހަ ކަމެއްކަމަށް. ހަމަ ގައިމުވެސް އަހަރެން ބޭނުންވަނީ މިއަށްވުރެން ޗެލެންޖިންގ ގޮތަކަށް ކަލޭ ޝިކާރަކޮށްލަން.” ފޮނި ގޮތަކަށް ޔަރަސް ބުނެލިއެވެ. ވޭމްޕަޔާއަކީ އާއްމުކޮށްވެސް އެހާ ފޮނިކަނޑާ މަޚްލޫޤެކެވެ.

“އެހެންތަ؟ ދެން އެހެންވިއްޔާ އަދި އަހަންނަށް އެއް ފުރުޞަތު ދޭންވީނު!” ބިޝާރާވެސް ޔަރަސް ވާހަކަދެއްކި ސަމާސާ ރާގަށް ވާހަކަދެއްކޭތޯ މަސައްކަތްކުރި އެވެ. އެހާ ފަސޭހައިން އެ ރާގުގައި އެހެން ބުނެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަށްވެސް ނުވިސްނުނެވެ. ހަމަ ގައިމުވެސް މީގެ ކުޑައިރުކޮޅެއް ކުރިން މުޅި ވަލުތެރޭގައި ރޭގަނޑުގެ ވަގުތުގައި ދެވަނަ ފަހަރަށް ދުވަން ހިތަށް އެރުވުމަކީވެސް މޮޔައަކު ނޫނީ ނުކުރާނެ ކަމެއްކަން އޭނާއަށްވެސް އެނގެއެވެ.

“ނޫނޭ، ނޫނޭ. އަހަރެންގެ ކިބައިން ސަލާމަތްވުމަށް ކަލެޔަށް ތިން ގަޑިއިރު ދިނީމެއްނު! އޭރު އަހަރުމެން އެެއްބަސްވީ އިރުއެރުމުގެ ކުރިން އަހަންނަށް ކަލޭ އަތުލެވިއްޖެނަމަ ތީ އަހަރެންގެ މިލްކަކަށް ވާނެކަމަކަށްނު. އެވެސް އަހަރެން ބޭނުންގޮތެއް ހަދަން.”

ބިޝާރާ ފަހަތަށް ޖެހިލިއެވެ.

“ޕްލީސް. ޕްލީސް! އާދޭސްކޮށްފަ މިބުނަނީ އަހަރެން މަރައިނުލައި ދޫކޮށްލަދީ، ޕްލީސް!”

“ތިހެން ދޫކޮށްލާނީ ކިހިނެތް މަގޭ ލޯބިލޯބި ޖާނުގަނޑާ. ކަލޭ އަހަރެންގެ މުށުން ދޫކޮށްލެވޭ ވަރަށްވުރެން މިހާރު މިހުރީ މާބޮޑަށް ބަނޑުހައިވެސްވެފަ. އަތަށް ފުށްކޮޅު ދީފަ މުށުން ދެމިގަންނާކަށް ޗާންސެއް ދެވޭކަށް ނެތް.”

ޝާޢިރީ ބަސްތަކަކުން ނަމަވެސް ޔަރަސް އެބުނީ ބިޝާރާއަށް ވިހަގަދަ ބަސްތަކެކެވެ. ބިރުންގޮސް މުޅި ގަޔަށް ހީރޯޅިއެއް އަރައިގެން ދިޔައެވެ. ބޮލުން ފެށިގެން ފައިގެ އިނގިލިތަކުގެ ކޮޅާ ހަމައަށް އެ އިޙްސާސް އޭނާއަށް ކުރެވުނެވެ.

“ﷲ އަކްބަރް، ﷲ އަކްބަރު، ސުބްޙާނަﷲ.”

ބިޝާރާ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަންފެށި އެވެ. ހަމަ ޔަޤީނުންވެސް މިފަހަރު މިއީ އޭނާގެ އަޖަލު ހަމަވާނެ ފަހަރުކަމާމެދު ޝައްކުކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ. މިފަހަރު ޔަރަސް އެބުނިހެން ދެވަނަ ފުރުސަތެއް ނުދޭނެއެވެ. މިރެއަކީ އޭނާގެ ފުރާނަ ނިމިދާނެ ރެއެވެ. ހުރިހައި ކަމެއް ނިމުނީ އެވެ. ހުރިހައި ކަމެކެވެ. އޭނާގެ ޒުވާން ޢުމުރު އަދި ކުރިޔަށް އޮތީއެވެ. ދެކެމުން އައި ހުވަފެންތަކުގައިވެސް އަދިވަނީ ކުލަޖައްސަން ނުފެށިފަށެވެ، އެހެނަސް މިހާ އަވަހަށް އޭނާގެ އަޖަލު ހަމަވީ ކަމަށް ނިންމިއެވެ.

ޔަރަސް ބިޝާރާއާއި ކައިރިއަށް ޖެހިލިއެވެ. ބިޝާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީންނިއެވެ. އޭނާގެ ލޮލުގައިވަނީ އަނދިކަމުގެ ސައިލެއް ފެތުރިފައެވެ. ކަޅުވެފައިވާ ލޮލުގެ ބޮނޑިތެރެއިން ވިދަވިދާހުރި ކަޅިރަވައިން ބިޝާރާއަށް ބަލަންފެށިއެވެ. އޭނާ ހުރީ ރުޅިއައިސްފައެވެ. ނުހަނުބޮޑަށް ރުޅިއައިސްފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އޭނާ ބިޝާރާދެކެ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ ބިޝާރާ މާ އަވަހަށް އަތުލެވުނީމާ ހެއްޔެވެ؟

ޔަރަސް އޭނާގެ ވާތުން ބިޝާރާގެ އަތުގައި ހިފިއެވެ. އަނެއް އަތުން ބިޝާރާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގައި ރީތިކޮށްލިއެވެ. ބިޝާރާ ހައިރާންކަމާއެކު ޔަރަސް އަށް ބަލައިލިއެވެ. ހަމައެއާއިއެކު އޭނާގެ މޫނުމައްޗަށް ބިރުވެރިކަމާއި މޮޅިވެރިކަން ވަދެއްޖެއެވެ. އެވަގުތު ބިޝާރާ އިސްދަށަށް ޖަހައިލި އެވެ.

“އަހަރެންގެ ލޭ ބޮއިލާންނަތަ ހަމަ؟ އަހަންނަށް ވަރަށް ތަދުވާނެތަ؟” އެއީ ޔަރަސްއަށް މުޚާޠަބުކުރެވުނު ނަމަވެސް ޚުދު އޭނާގެ އަމިއްލަ ނަފުސާއި ކޮށްލި ސުވާލުތަކެއްފަދައެވެ. ބިޝާރާ ގަދަކަމުން ހިންދިރުވާލި އެވެ. އޭނާގެ ލަގޮނޑި ހީވަނީ ބޭރަށް ނުކުންނަން އުޅޭހެންނެވެ.

ކުއްލިއަކަށް ބިޝާރާގެ ޙާލާއިމެދު ޔަރަސް ދެރަވެއްޖެ އެވެ. އެއީ ޚުދު އޭނާއަށްވެސް ހައިރާންކަމެއް ލިބުނު ކަމެކެވެ. މިއިން ޒަމާނަކުވެސް އިންސާނަކާއި މެދު އޭނާގެ ހިތުގައި ހަމްދަރުދީއެއް އުފެދު ހަނދާނެއްވެސް އޭނާގެ ނެތެވެ. އެހެންކަމުން އެކަންވީ އާދަޔާ ޚިލާފް ކަމަކަށެވެ. ބިޝާރާގެ އިސްތަށިގަނޑުމަޑުކަން ޔަރަސްއަށް އިޙްސާސްކުރެވުނެވެ. އޭނާގެ ކޯތާފަތުގެ މަޑުކަމުންވެސް ހައިރާންވިއެވެ. ބިޝާރާގެ އުނގުމަތީގައި ބާއްވާލާފައިވާ އޭނާގެ ދެ އަތްތިލައިގައި ހިފަހައްޓާލާފައިވާ ޔަރަސްގެ އަތްތިލައަށް ބަަލައިއެވެ. އޭނާގެ އަޖަލު ހަމަވެއްޖެކަމަށް ނިންމި ނިންމުން އެހިސާބުން ބަދަލުކޮށްލިއެވެ. ޔަރަސް އަށް އައި ބަދަލު ބިޝާރާއަށް ފާހަގަ ކުރެވުނެވެ.

ޔަރަސްއަށް އައި ބަދަލުގެ ސިއްރަކީ ބިޝާރާގެ ހިތްވަރުއެލިގެން ދިޔަދިޔުމެވެ. އޭނާ އުއްމީދު ކަނޑައިލައި މާޔޫސްވި މާޔޫސްވުމެވެ. ބަލި ގަބޫލުކުރެވުނު ހިސާބުން އެކަމުގެ އަގު ދައްކަން ޖެހޭނެކަން ބިޝާރާއަށް ވިސްނުނު ހިސާބެވެ. އެ ހިސާބުންފެށިގެން އޭނާއަކީ ޔަރަސްގެ އަޅެއްކަން އޭނާ ޤަބޫލުކުރިއެވެ. ނަމަވެސް އޭގެ މާނައަކީ އޭނާގެ ލެއިފޮދު ބޮއެލާ މަރާލުން ނޫންކަން ދެމީހުންނަށްވެސް ވިސްނުނެވެ.

“އަދި އެއްފަހަރު ކަލެއަށްކިޔާ ނަން ބުނެބަލަ؟”  ގޮތް ހުސްވެފައިވާ އިންސާނަކާއި މިފަދަ ގޮތަކަށް ސުވާލެއް ކޮށްލެވުކަން ޤަބޫލުކުރަންވެސް ޔަރަސް އަށް ދަތިވިއެވެ. އެ އަންހެންކުއްޖާއަކީ އެހެން މީހެއްނަމަ މިހާރު އޭނާގެ ހަށިގަނޑުގައި އެންމެ ލެއި ތިއްކެއްވެސް ނުބަހައްޓާ ލެއި ބޮއެ ހުސްކޮށްލަފާނެކަން ޔަޤީނެވެ. އެކަމަކު މިފަހަރު އޭނާ ބިޝާރާއަށް ހަމަލާ ނުދީ އެ ހުރެވެނީ ކީއްވެގެންބާވައެވެ. މިހެންވުމަކީ ޔަރަސްގެ ޠަބީޢަތަކާއި ކުޑަކޮށްވެސް ގުޅޭކަމެއް ނޫނެވެ. އެހެން ޙާލަތެއްނަމަ، މިހާރު ޔަރަސް ހުންނާނީ އެ ކުއްޖާގެ ލެއިފޮދު ބޮއެލުމަށްފަހު ތާޒާވެލައިގެންނެވެ. އޭނާ ހުރީ އެހާވެސް ބަނޑުހައިވެފައެވެ. އަދި ބިޝާރާގެ ލެއިން ދުވާ ޚާއްޞަ މީރުވަސްވެސް އޭނާއަށް ހަމަ ރަނގަޅަށްވެސް ދުވަމުންދެއެވެ. އެ ލެއިގެ ރަހަ އޭނާ ހަނދާން އެބަހުއްޓެވެ. އެ ލެއަކީ މިވީ އެއްހާސް އަހަރުދުވަހު އޭނާ ރަހަބަލާފައިވާ އެހެން ހުރިހައި ލެޔަކާއި ތަފާތު ލެއެކެވެ.

“ބި-ބި- ބިޝާރާ.” ޔަރަސް ކުރަމުންދިޔަ ފިކުރުން ނުކުމެވުނީ ބިޝާރާގެ ހިތްގައިމު އަޑުންނެވެ. އޭރުވެސް ބިޝާރާާ އިނީ އޭނާގެ އަތަށް ބަލާށެވެ.

“މަށާ ވާހަކަދައްކާއިރު މަށާދިމާއަށް ބަލައިގެންހުރެ ވާހަކަދައްކަބަލަ، ބިޝާރާ.”

“އަ-އަހަންނަކަށް ނު- ނުކެރޭނެ. ސޮރީ.”

“އެއީ ކީއްވެ؟”

“އެއީ އަހަރެންގެ ލެއި ބޮއެލަން ތައްޔާރަށްހުރި މަޚްލޫގެއްގެ މޫނަށް ބަލަހައްޓައިގެން ހުންނަން ނުކެރޭނެތީ!”

“އަހަންނެއް ނޫޅެމޭ ކަލޭގެ ލޭ ބޮއެ ހުސްކޮށްލާކަށް. ދެން މަށާދިމާއަށް ބަލާލަބަލަ!!

ބިޝާރާ އިސްއުފުލާލަމުން ޔަރަސްއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ. ބިޝާރާގެ ލޮލަކީ ރީތި ލޮލެކެވެ. ނަމަވެސް ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ. އެ ދެލޮލުން ބިރުގެ އިހްސާސް މިހާރު ފެންނަންހުރީ ވަރަށް ކުޑަކޮށްނެވެ. އެއީ އާދަޔާޚިލާފު ކަމެކެވެ. ޔަރަސްއަށް ބިޝާރާ ޚާއްޞަވީވެސް އެހެންވެއެވެ.

ޔަރަސްގެ ދެއަތްތިލަ އެއްކޮށް ބިޝާރާގެ ކޯތާފަތުގައި މަޑުމަޑުން ޖައްސާލިއެވެ. އަދި އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. ހަމަ އެވަގުތު އޭނާގެ ތުންފަތް ބިޝާރާގެ ކަނދުރާއާއި ދިމާއަށް ގެންދަންފެށިއެވެ. ބިޝާރާގެ ގަޔަށް ވެރިވިވި ތުރުތުރު އެޅުން ޔަރަސްއަށް އިހްސާސް ކުރެވުނެވެ.

“އަހަރެން ބުނީމެއްނު ނޫޅެމޭ ކަލޭގެ ލޭފޮދު ބޮއެ ހުސްކޮށްލާކަށް. އެކަމަކު އަހަރެން މިހުރީ ވަރަށް ހައިވެފަ. އަހަރެން ނުބުނަމެއްނު ތިޔަ ކަރުދަށުގައި ދަތްނާޅާނަމެކޭ.” މިހެން ބުނުމާއިއެކު ޔަރަސްގެ ދިގުވެފައިވާ ދެ ފޭރާދަތް ބިޝާރާގެ ކަނދުރާއަށް ކޮށްޕާލިއެވެ.

ނުނިމޭ

އެއްހާސް އަހަރު – ތޭރަވަނަ ބައި

“އަހަރެން ބުނީމެއްނު ނޫޅެމޭ ކަލޭގެ ލޭފޮދު ބޮއެ ހުސްކޮށްލާކަށް. އެކަމަކު އަހަރެން މިހުރީ ވަރަށް ހައިވެފަ. އަހަރެން ނުބުނަމެއްނު ތިޔަ ކަރުދަށުގައި ދަތްނާޅާނަމެކޭ.” މިހެން ބުނުމާއިއެކު ޔަރަސްގެ ދިގުވެފައިވާ ދެ ފޭރާދަތް ބިޝާރާގެ ކަނދުރާއަށް ކޮށްޕާލިއެވެ. އޭނާގެ ދެ ފޭރާދަތުން ބިޝާރާގެ ކަނދުރާ ދަށުގައިވާ ލޭ ހޮޅި ނޮޅާލިއެވެ. ކުޑަކުއްޖަކު މަންގެ ގާތުން ބޯގޮތަށް ދަމަންފެށިއެވެ. ލޭ ބޯންފެށިއެވެ. އެވަގުތު ބިޝާރާއަށް ރޮވެން ފެށިއެވެ. ކުކުރަން ފެށިއެވެ. ޔަރަސް ލޭ ބޮމުން ދިޔަވަރަކަށް ބިޝާރާއަށް ވަމުންދިޔަ ތަދު އިތުރުވަމުން ދިޔައެވެ. އޭހާ ތަދުވާ ގޮތަކަށް ލޭ ބޯންވީ ކީއްވެގެން ހެއްޔެވެ؟ ބިޝާރާއަށް ބާރަށް ރޮވެން ފެށުނެވެ. ޔަރަސް އޭނާގެ ދެއަތުން ބިޝާރާގެ ބޮލުގައި ބާރަށް ހިފެހެއްޓިއެވެ. އިސްތަށިގަނޑުން ބައެއްގައި ހިފާފައި ބިޝާރާގެ ބޯ ފުރަގަހަށް ލަނބާލިއެވެ. ބިޝާރާއަށް އިހުނަށްވުރެން ބާރަށް ރޮވެން ފެށުނެވެ. ނަމަވެސް އެއްވެސް ގަދަހެދުމެއް ނެތެވެ.

ޔަރަސް ހިތްފުރެންދެން ނުވަތަ ހާންތިކަން ފިލަންދެން ލޭ ބޮއެ ނިންމާލިއެވެ. ބިޝާރާގެ ބޮލުން ދޫކޮށްލިއެވެ. އެވަގުތު ބިޝާރާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އަނެއްކާވެސް އޭނާ ބިޝާރާއަށް އަމުރުކުރިއެވެ. އޭނާއާއި ދިމާއަށް ބެލުމަށެވެ. ބިޝާރާ އެ އަމުރަށް ތަބާވިއެވެ. އަނެއްކާވެސް ހަތަރުކަޅި ހަމަވިއެވެ. އެވަގުތު ބިޝާރާއަށް ފުންކޮށް ނޭވާލާން ފެށުނެވެ. ހީވަނީ އެ އާދަޔާ ޚިލާފް މަޚްލޫޤުގެ ޖާދުވީ ބެލުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ތެރެއަށް އެ ބިރުވެރި ނަފުސު ތޮރުފިގެން ވަދެގެންދާހެންނެވެ.

“ކިހިނެތްވީ؟ މިފަހަރު މަގޭ ލޭ ކަމުނުދިޔައީތަ؟” ވަރަށް ހިތްވަރުކޮށްފައި ބިޝާރާއަށް ބުނެލެވުނެވެ.

“ތިޔަ ހީކުރެވުނުގޮތާ މުޅިން ތަފާތު. ތިވަރުގެ ލެޔެއް ހަމަ ނުހުންނާނެ. އެހެންވެގެން އަހަރެންގެ މީހެއްގެ ގޮތުގަ ކަލޭ ބަހައްޓަން މިއުޅެނީ!!”

“މާނައަކީ ކަލޭ ބޭނުން ކޮންމެ ވަގުތެއްގަ އަހަރެންގެ ލޭ ބޮއެ ހާންތިކަން ފިލުވާނަމޭތަ؟” މިފަހަރު އެއްވެސް ޖެހިލުންވުމެއްނެތި ބިޝާރާ ސުވާލުކުރިއެވެ.

“އާން!!”

ބިޝާރާ އިސްދަށަށް ޖަހައިލިއެވެ. ޔަރަސް އޭނާއާއިމެދު ކުޑަކޮށްވެސް ނުވިސްނާކަން އޭނާއަށް އެނގުނެވެ. އޭނާއަކީ ހަމައެކަނި ޔަރަސްގެ އިރުކޮއްތުގެ ވަޞީލަތެކެވެ. އޭނާ ކޮންމެ ޙާލެއްގައި އުޅުނަސް ޔަރަސްއަށް ކޮންކަމެއްހެއްޔެވެ؟ ކޮންމެފަހަދަ އިޙްސާސެއް ކުރެވުނަސް، ކޮންމެ އެއްޗެކޭ ހިތަށްއެރިޔަސް ކީއްހެއްޔެވެ. އެއީވެސް ހަމަ އެހެން އިންސާނުންފަދަ އިންސާނެކެވެ.

“މަގޭ ނަމަކީ ޔަރަސް. އޯކޭ އެހެން ކިޔިޔަސް. އަހަރެން ބޭނުމެއްނޫން މާ ބޮޑޭވެގެން ތީނަލައްވާ އަހަންނަށް ސާހިބާ ކިޔުއްވައިގެން އުޅޭކަށް. އާދެ ލައްބަ ކިޔުއްވާކަށް.”

“ޔަރަސް.” އެނަން ބިޝާރާގެ ދުލުން ބޭރުވިހިނދު ޔަރަސްގެ ހަށިގަނޑުގެ އެންމެ ހިމަނާރަށް އަސަރުކުރިކަން އޭނާއަށް އެނގުނެވެ. ކުއްލިއަކަށް އޭނާއަށް މިވާންފެށީ ކޮންގޮތެއް ހެއްޔެވެ؟ އަނެއްކާ ކޮންކަމެއް ގޯސްވީހެއްޔެވެ؟ ހަޤީޤަތުގައި އޭނާ ހަމައަކަށް އެޅެންދެން ބިޝާރާގެ ލޭފޮދު ބޮއެ ހުސްކޮށްލަންޖެހޭނެއެވެ. މަރުވިޔަސް ހެޔޮކަމަށެވެ. އެކަމަކު އޭނާ އަމިއްލައަށް ބިޝާރާއަށް ތަޢާރަފުވެ، އޭނާގެ ނަމުން މުޚާޠަބުކުރުމަށްވެސް ހުއްދަ އެދިނީއެވެ. އޭނާގެ ފުރަތަމަ ނަމުންނެވެ.

“ޔަރަސް، އަހަންނަށް ދެންވާނީ ކިހިނެތް؟ މިހާރު އަހަރެންމީ ކަލޭގެ މީހެއްނު؟ ދެން އަހަންނަށް ކުރާނީ ކޮންކަމެއްކަން ބުނެދީފާނަންތަ؟” ބިޝާރާ އޮޅުންފިލުވަން ބޭނުންވިއެވެ.

“އަހަރެންގެ ގެއަށް ގެންދާނީ.” ވަރަށް ހަމަޖެހިލަމުން ޔަރަސް ޖަވާބުދިނެވެ.

“އަޅެއްގެ ގޮތުގަ ގެންގުޅެންތަ؟”

“އާން!”

“އަހަރެންގެ ކާނާގެ ވަޞީލަތަކަށް ބޭނުންކުރާ އަޅެއްގެ ގޮތުގަ!”

“ހަމަ އަސްލުވެސްތަ؟” މިހެން ބުނެވުމާއިއެކު ބިޝާރާ ހޭނެތިއްޖެއެވެ. ބިޝާރާ ވެއްޓުމުގެކުރިން ޔަރަސްގެ ހަލުވި ހަރަކާތާއިއެކު ކުރިއަށްޖެހިލައި އޭނާ ހިފެހެއްޓިއެވެ. އެވަގުތު އޭނާގެ ހިތަށްއެރިއެވެ. މިއީ ބިޝާރާ މަރާލަންވި ވަގުތެވެ. އޭރުން އޭނާއަށް އެއްކަމެއްވެސް ރޭކާނުލައި މިކަން ނިމިދާނެއެވެ. މިހެން ހިތަށްއެރިނަމަވެސް ޔަރަސްއަށް އެކަން ކުރާކަށް ނުކެރުނެވެ. އޭނާގެ ގަޔާލާ ބިޝާރާ ބޮނޑިކޮށްލިއެވެ. ފިނިވެފައިވާ އެ ހަށިގަނޑަށް ހޫނުކަން އިޙްސާސްކޮށްދިނުމަށެވެ. އޭނާގެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ އިޙްސާސް ކޮށްދިނުމަށެވެ. އިސާހިތަކުން ބިޝާރާއަށް އެ އިޙްސާސްވެއްޖެއެވެ. އޭނާއަށް ހެއިވެރިކަން ވެއްޖެއެވެ. ނަމަވެސް ވެދާނެގޮތަކާއިމެދު ވިސްނަމުން، އޭނާ ނިންމީ ލޯމަރާލައިގެން އިރުކޮޅަކުނަމަވެސް އޮވެލުމަށެވެ.

ބިޝާރާ ހީކުރީ އަނެއްކާވެސް ޔަރަސް އޭނާއަށް ހަމަލާދީ ލޭ ބޯން ފަށާނެކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން މިފަހަރަކު އެކަމެއް ނުފެނުނެވެ. އޭނާގެ އަތްދަނޑިމައްޗަށް ނަގައި އުފުލާލައިގެން ހިނގައިގަތެވެ. ހިނގައިގަތްކަން އެނގުނެވެ. ދެންހީވީ ބާރު ވައިރޯޅިއަކަށް ބަދަލުވިހެންނެވެ. ވޫޝްލާފައި ވައިއަޑު އިވެންފެށިއެވެ. ހަމައެއާއިއެކު އޭނާ ހުއްޓުނުކަން އެނގުނެވެ. އެވަގުތު ބިޝާރާ ލޯހުޅުވައި ބަލައިލިއެވެ. ޔަރަސްއަށް އޭނާ ބިންމަތީގައި ބެހެއްޓިއެވެ. އޭނާއަށް ހުރެވުނީ ބޮޑުގެއެއްގެ ކޮރިޑޯގައެވެ. ފަރުގައި ހަރުކޮށްފައިވާ ލައިޓްތަކަކުން ފަނޑުކޮށް ދިއްލާލެވިފައިވާ ބޮޑު ކޮރިޑޯއެކެވެ. ކޮރިޑޯގެ އަނެއްކޮޅުވެސް ނުފެންނަވަރުގެ ކޮރިޑޯއެކެވެ. އެއީ ބޮޑު ކިއްލާއެއްފަދަ ގެއެއްކަން އޭނާއަށް އިހްސާސް ކުރެވުނެވެ. މި ކިއްލާއެއްފަދަ ގޭގައި ގޮތްނޭނގޭ އެތައް ކަންތައްތަކެއް ވާނެއޭ ބިޝާރާގެ ހިތަށް އެރިއެވެ. ހަފުތާއަކު އެތައްކުދިންނެއް، ޔަރަސްގެ ޝިކާރައަކަށްވެ މި ބިޔަ ކިއްލާތެރާގައި އެކުދިންގެ ފުރާނައާއި އަލްވަދާޢުކިޔަންޖެހިފައި ވާނެޔޭ އޭނާގެ ހިތަށް އެރިއެވެ. އެ ހުރިހާކުދިންވެސް އޭނާ ގެންދަނީ މި ކޮރިޑޯ ތެރެއިން ލާފައިހެއްޔެވެ؟ ބިޝާރާވެސް މިވަގުތު ބަލަމުން އެގެންދަނީ އެކުދިންވެސް އެންމެފަހުން ދެކެފައިވާ އެ ކިއްލާގެ ފާރުތަކަށް ހެއްޔެވެ؟ ޔަރަސްގެ ޝިކާރައަކަށްވުމުގެ ކުރިންނެވެ.

“ޔަރަސް؟”

ޔަރަސް ހުއްޓުނެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ.

“އޯތް؟”

އަނެއްކާވެސް ބިޝާރާއަށް ހީވިގޮތާ ޚިލާފެވެ. އޭނާ ހީކުރީ މޫނުމަތީގައި އެތިފަހަރެއް ޖަހައި ބިންމައްޗަށް ވައްޓާލާނެ ކަމަށެވެ. އެކަމަކު ޔަރަސް އެގޮޮތަށް އޭނާއަށް އަނިޔާއެއް ނުކުރެއެވެ. ޔަރަސްގެ މި އައު ސިފަ އޭނާއަށް ފާހަގަވާންފެށި މިގެޔަށް އައިފަހުންނެވެ. އޭނާއަށް ކުރިން އިވިފައިވާހައި ވާހަކަތަކެއް ވަމުންމިދަނީ ދޮގު ވާހަކަތަކަކަށެވެ. ވޭމްޕަޔަރުން އެމީހުންގެ އަޅުންނަށް ހަދާކުދިންނަށް އަނިޔާކުރާވާހަކައެވެ. ގަދަކަމުން އެކުދިންގެ ކިބައިން އެދުން ފުއްދުމަށް މަސައްކަތްކުރާ ވާހަކައެވެ. ވަކި ޖިންސެއް ވަކި އުމުރެއް ނުބަލައެވެ. އެއީ ޝައިޠާނީ މުޑުދާރު، އަނިޔާވެރި އަމަލުތަކެއް ހިންގާބައެއްކަމަށް ސިފަކުރެވިފައިވެއެވެ.

އިންސާނުން އެ މަޚްލޫޤުންދެކެ އެހާ ބިރުގަންނަނީވެސް އެހެންވެގެންނެވެ.

“އަހަރެން އަޑުއެހިން…”

“މި ދިގު ކޮރިޑޯހުރަސްކޮށް މިގެޔަށް ވަންނަ އެއްވެސް ކުއްޖަކަށް އަނބުރާ ގެއަށް ނުދެވޭކަމަށް މީހުން ކިޔާތީ. އެއީ ތެދެއްތަ؟”

“ހޫމް. އެހެންކަމަށް ހީކޮށްލިޔަސް އެންމެ ރަނގަޅު!!”

“ކަލޭ ބިރުގަނޭތަ؟” ޔަރަސް އަނެއްކާވެސް ހުއްޓުނެވެ. ބިޝާރާއާއި ހަތަރުކަޅި ހަމަކޮށް ރަނގަޅަށް ބަލައިލިއެވެ.

ނުނިމޭ

އެއްހާސް އަހަރު – ސާދަވަނަ ބައި

“ކަލޭ ބިރުގަނޭތަ؟” ޔަރަސް އަނެއްކާވެސް ހުއްޓުނެވެ. ބިޝާރާއާއި ހަތަރުކަޅި ހަމަކޮށް ރަނގަޅަށް ބަލައިލިއެވެ. ބިޝާރާގެ ނޭފަތުން ފެށިގެން ތިރިއަށް ބަލައިލިއެވެ. އެ ބަލައިލުމުން ޔަރަސްގެ ހިތުގައި ބިޝާރާއާއިމެދު އެއްވެސް ކުލުނެއް ނެތްކަން ބިޝާރާއަށް ފާހަގަވިއެވެ. ބިޝާރާ އިސްދަށަށް ޖަހަައިލަމުން ޖަވާބުދިނެވެ. އޭނާއަށް ކުރެވޭނީވެސް އެހެން ކޮންކަމެއް ހެއްޔެވެ؟ ސަލާންޖަހާ އާދޭސްކުރިއަށް ޔަރަސްގެ ވިސްނުން ބަދަލުކޮށެއްނުލެވޭނެއެވެ. އޭނާ ނިންމުގޮތެއް އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެކަން އެނގެއެވެ. މަޔަކު އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް ރޮއެ އާދެސްކުރިއަށް އެފަދަ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެކަން އެނގެއެވެ. އެހެންކަމުން ބިޝާރާ ދައްކާ ވާހަކައެއް އޭނާ ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަކީ ޔަރަސްގެ އަޅެކެވެ. އެ ޒަމާނުގައިވެސް، މިޒަމާނުގައި އަޅު އަންހެންކުދިންނަށް އޮންނާނީ ހަމަ އެއް ހުކުމެއްކަން އޭނާއަށް އެނގެއެވެ. ބިޝާރާގެ ސާހިބަކީ އިންސާނެއްވެސް ނޫނެވެ. އެހެންކަމުން ހުންނާނެ ފަރަގު ކޮންމެ މީހަކަށްވެސް އަންދާޒާކުރެވޭނެއެވެ.

“އަހަންނަށް ވަރަށް ރަނގަޅު އިންސާނުން ކަލޭދެކެ ނަފުރަތު ނުކުރާނަމަ!” ބިޝާރާގެ އަނގައިން އެއްވެސް ހިފެހެއްޓުމެއްނެތި ބަސްތައް ބޭރުވާން ފެށިއެވެ. “ކަލޭމެންވެސް އަހަރުމެން އިންސާނުންދެކެ ނަފުރަތު ނުކުރާނެނަމައޭ ހިތަށްއަރާ! ކަލޭމެންނަކީ އިންސާނަކު ހިތަށްގެންނަންވެސް ނޭނގޭހާ ގިނަދުވަހު ދުނިޔޭގައި އުޅެމުން އަންނަބައެއް. އެހެންވީމާ ކަލޭމެންނަށް ދުނިޔެ މާރަނގަޅަށްވެސް އެނގެންޖެހޭނެ. ލޯތްބަކީ ކޮބައިކަމާއި ހަމްދަރުދީއަކީ ކޮބައިކަން. ކަލޭވެސް ޒަމާނެއްގައި ކޮންމެވެސްމީހަކުދެކެ ލޯބިވީމެއްނޫންތަ؟ ކަލެއަށްވެސް އެނގޭނެ މިހާރު ތި އުޅޭގޮތަށް އުޅެގެން ޙަޤީޤީ ހިތްހަމަޖެހުމެއް، އުފާވެރިކަމެއް ނުލިބޭނެކަން!”

ބިޝާރާގެ މޫނުމަތީގައި ޔަރަސްއަށް ލެވުނުހައި ބާރެއްލާފައި ތަފާލެއް އެޅިއެވެ. ޖެހުނުލެތް ބާރުކަމުން އޭނާ ވިއްސައިގެންގޮސް އަނެއްފަރާތުގައިހުރި ފާރުގައި ޖެހިފައި ވެއްޓިއްޖެއެވެ. ބިޝާރާގެ ކޯތާފަތްމަތީގައި އަތް އުނގުޅަމުން ހަޅޭއްލަވަން ފެށިއެވެ.”އަހަރެން މިހާރު ކިޔަން ހިތަށްއެރި އެއްޗެއް ނުކިޔަންވީ ކީއްވެ؟”

ޔަރަސް ބިޝާރާއާއި ދިމާއަށް ކަޅިއަޅައިލިއެވެ. އޭނާ މަޑުކޮށްގެންހުރީ ބިޝާރާ ދެންބުނާނެއެއްޗެއްގެ އިންތިޒާރުގައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ކުރިމަތީގައި އިން ބޮލެއްނެތް އިންސާނާ ދެން ބުނެދާނެ އެއްޗަކާމެދު އޭނާ ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އެ އިންސާނާގެ ފިކުރާމެދު އެހާ ފަރުވާލެއް ބަހައްޓަންވީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަވެސް ޔަރަސް ބޭނުންވީ ބިޝާރާ ދެން ބުނާނެ އެއްޗެއް އަޑުއެހުމަށެވެ.

“އަހަންނަށް އެނގޭ މި ކޮރިޑޯތެރެއިންގޮސް ދެން ކުރިމަތިލާންޖެހޭނީ އަހަރެންގެ މަރާކަން. އެއްޗެކޭ ބުންޏަސް، ނުބުންޏަސް ކަލޭ އަހަރެން މަރާލާނެކަން އެނގޭ. ދެންކީއްވެ އަހަރެން ހިތަށްއަންނަހައި އެއްޗެއް ކަލެޔާދިމާއަށް ނުކިޔަންވީކީ؟ ރުޅިއައިސް ރަތްވެފައިހުރެ ބިޝާރާ ކޮޅަށް ތެދުވެ ޔަރަސްއާއި ކުރިމަތިލިއެވެ.

“ކަލެއެކޭ އެއްގޮތެއްނު ތުއްތުއިރު އުޅުނު ގޮތް ހަނދާންނެތް ބޮޑުމީހެކޭ!” ބިޝާރާ ވާހަކަދެއްކީ އަޑަށް ބާރުލާފައެވެ.

“އެހެންތަ؟ އެއީ ކިހިނެތްކަން ބުނެދީފާނަންތަ!؟ ޔަރަސްގެ ދެލޯ ހުރީ ރަތްކޮށް ދިއްލިފައެވެ. އަނގުރު އަލިފާންގަނޑެކޭ އެއްފަދައެވެ. އާދެވިފައިވާ ރުޅިގަނޑުގެ ގަދަކަމުން އޭނާ އެއްވެސް ހަރަކާތެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ގަނޑުވެފައި ހުރީއެވެ.  ބަލިކަށި ވެފައެވެ. އޭނާގެ ކާނާއަށް ބޭނުންކުރާ އެ ބަލިކަށި އިންސާނާ އެއްވެސް ބިރެއް ނެތި އެގޮތަށް ވާހަކަދައްކަން ލަދުހަޔާތް ކޮބައިހެއްޔެވެ. ނަމަވެސް ބިޝާރާ މިފަހަރު މަޑުން ހުންނާކަށް ބޭނުމެއްނުވެއެވެ.

“ހުރިހައި ވެމްޕަޔާއަކީ ކޮންމެވެސް ޒަމާނެއްގައި އިންސާނުންނެއްނު. ކަލާމެން ކަލޭމެންގެ އަމިއްލަ ދަރިކޮޅަށް ހަރާންކޯރެއްނު ތިޔަވަނީ.” ބިޝާރާގެ އަޑު ކުރެހެންފެށިއެވެ. އައިސްފައިހުރި ރުޅީގެ ސަބަބުންނެވެ.

ބިޝާރާއަށް ރޮވެން ފެށުނެވެ. ކަކޫ މައްޗަށް އިށީންނިއެވެ. ގިސްލަން ފެށިއެވެ. އޭނާ ހުރީ ތައްޔާރަށެވެ. ޔަރަސްގެ ލާއިންސާނީ އަނިޔާ ކޮންމެ ވަގުތަކުވެސް ލިބިދާނެކަމަށް ބަލަބަލައެވެ. އެކަމަކު އެއްވެސް ކަމެއް ނުވިއެވެ. އިސްއުފުލާލައި ޔަރަސްއަށް އޭނާ ބަލައިލިއެވެ. ޔަރަސް އެ ހުރިގޮތަށް ހުރީއެވެ. އޭނާ އާއި ދިމާއަށް ބަލާށެވެ. އެންމެފަހުން ދަތްކުނޑިވިކައިގެން ހުރެ އޭނާ ވާހަކަދައްކަން ފެށިއެވެ.

“ތެދުވޭ!” ޔަރަސް އެހެންބުނީ މަޑުން ނަމަވެސް، އެހެން ބުނި ރާގުގެ ސަބަބުން އިތުރު ދެކޮޅުވެރިކަމެއް ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ.

ބިޝާރާ ކޮޅަށްތެދުވި އެވެ. އެވަގުތު ބިޝާރާގެ އަތުގައި ހިފާފައި ޔަރަސް ދަމައިގަތެވެ. އެ ބޮޑު ގޭގެތެރެއަށްވަންނަން އޮންނަ ދިގު ކޮރިޑޯގެ ތެރެއިން ބިޝާރާގެ އަތުގައި ހިފައިފައި ދަމަމުން ގެންދިޔައެވެ. ބައެއްފަހަރަށް ބިޝާރާ ވެއްޓެންދެއެވެ. ޔަރަސް އޭނާ ދަމަމުން ގެންދިޔައީ އެހާވެސް ބާރަށެވެ. އެ ދިގު ކޮރިޑޯ ނިމުނުހިސާބަށް ބިޝާރާ ވެއްޓިއްޖެއެވެ. ޔަރަސް އޭނާ ނަގައިދޭކަށްވެސް ނޫޅެއެވެ. ތަޅުންމަތީގައި ދަމަމުން ގެންދިޔައެވެ. ހަޅޭއްލަވަމުންނެވެ. ކޮރިޑޯގެ އެއްކޮޅުގައި ހުރި ކުޑަކުޑަ ދޮރަކުން އެތެރެއަށް އޭނާ ވެއްދިއެވެ. ތަޅުންމަތީގައި ދަމަމުންނެވެ. އެތަނަށް ވެއްދުމާއިއެކު ބާރަށް ދޮރުލެއްޕިއެވެ. ޔަރަސްވެސް ހުރީ އެތާ އެތެރޭގައެވެ. އެއީ ޔަރަސްގެ ޚާއްޞަ ކޮޓަރީގެ ބައެކެވެ. އެތަނަށް ވަނުމަށްފަހު ތަޅުންގަނޑުމައްޗަށް ހޫރުވާފައި ބިޝާރާއެއްލިއެވެ. ތަޅުމުގައި ޖަހާފައިވާ އޮމާން މާރބްލް މުށިގަނޑުމަތީގައި ހޭކެމުންގޮސް އޭނާ މައިތިރިވީ ކޮޓަރީގެ އެއްފަރާތުގައި އަޅާފައިވާ ކާޕެޓްގަނޑެއްގައި ޖެހުމުންނެވެ. އެވަގުތު ޔަރަސް އޭނާއާއި ކައިރިއަށް ޖެހިލިއެވެ. ބިޝާރާގެ އަތުގެ ކުޑަހުޅުގައި ހިފާފައި އަނެއް ފަރާތަށް އަނބުރާލިއެވެ. އަތުގެ ކަށިތައް މުގުރައިގެންދިޔައަޑު އިވިގެންދިޔައެވެ. ބިޝާރާއަށް ވީ ތަދުން ބާރަށް ރޮއެގަނެވުނެވެ. އަތުގެ ކުޑަހުޅުން ކަށިތައް ބޭރަށް ފެންނަންހުއްޓެވެ.

“މާ ބާރަށް ރޯނެކަމެއްނެތް. މާކަންތައް ބޮޑުކުރަންޏާ އަނެއް އަތަށްވެސް މިހެން ހަދާލާނަން.” ގަދަކަމުން ބިޝާރާ ހަނުވެއްޖެއެވެ. ޔަރަސް ކުޑަކަޑުމައްޗަށް އިށީންނިއެވެ. އޭނާގެ ކަކޫ ޖައްސައިގެންހުރީ ބިޝާރާގެ ބުރަކަށީގައެވެ. ދެއަތުން ބިޝާރާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފަމުން އޭނާގެ ބޯ އަރިކޮށްލިއެވެ. ބިޝާރާގެ ކަނދުރާގައި އޭނާގެ އަނގަޖެހުމަށް ފަސޭހަވާނެގޮތް ހެދުމަށެވެ. ބިޝާރާ ޔަރަސްއާއި ދިމާއަށް ބަލާލެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު އެކަން ވާގޮތެއްނުވިއެވެ. ބިޝާރާގެ ވައިނޮޅި ފިލިފައިވުމުން ނޭވާލާން ދަތިވެގެން ތެޅެންބޭނުންވިއެވެ. އެކަންވެސް ވާގޮތެއް ނުވިއެވެ. ޔަރަސްގެ އެ ބިޔަ އަތުން ބިޝާރާވަނީ ކަސްތޮޅުއެޅިފައެވެ.

“ކަލޭ ހާސްނުވޭ. ނޭވާހާސްކޮށްލައިގެން ކަލޭ މަރައެއްނުލާނަން. ކަލޭގެ ލޭ އެއަށްވުރެން އަހަންނަށް އަގުބޮޑު. ތިއްކަކުން ތިއްކަކުން އަހަރެން ކަލޭގެ ލޭ ބޮމުން ގެންދާއިރު އެކަމުގެ އިޙްސާސް ކަލެއަށް ކުރުވަން އަހަރެން ބޭނުން.”

ޔަރަސް އޭނާއަށް ކިތަންމެ ބޮޑު އަނިޔާއެއް ކޮށްފާނެކަންވެސް މިހާރު ބިޝާރާއަށް ޤަބޫލުކުރެވެއެވެ. ކުރިން ބިޝާރާ ރުޅިވެރިކަން ދެއްކިޔަސް މިހާރު އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. އެކަމަކުވެސް އޭނާ އާދޭސްކޮށް ސަލާންޖަހާކަށް ބޭނުމެއް ނުވެއެވެ.

ބިޝާރާގެ ކަރުދޮށުގައި ޔަރަސް އަނގަޖެހިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާގެ ދިގުވެފައިވާ ދެ ފޭރާދަތް އެ ކަނދުރާއަށް ކޮށްޕާލިއެވެ. އެވަގުތު ވޭމްޕަޔާގެ ދަތުން ބޭރުކޮށްލާ ޚާއްޞަ ވިހަ ދިޔައިގެ ގިނަ މިންވަރެއް އެ ކަނދުރާތެރޭގައިވާ ލޭ ނާރަށް ފޮނުވާލިއެވެ. ވީ ތަދުން ބިޝާރާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެވަރުގެ ދިލައެއް މީގެކުރިން ދުވަހަކުވެސް ތަޖުރިބާ ނުކުރެވެއެވެ. ހީވީ ކަނދުރާދޮށުގައިވާ ލޭހޮޅި ތެރެއަށް ހޫނު އަލިފާން އަޅައިލިހެންނެވެ. އިސާހިތަކުން އެ ދިލަކަން އޭނާގެ މުޅި ހަށިގަނޑަށް ފެތުރިއްޖެއެވެ. ހީވީ ހަށިގަނޑުތެރޭގައި ހުރި ކޮންމެ ސެލް އަކަށް އެ ދިލައިގެ އަސަރުކުރަމުންދިޔަހެންނެވެ. ހަށިގަނޑުގެ ހުރިހައި ނާރުތަކެއް ބުރިބުރިވެގެންދާހެން ހީވާންފެށިއެވެ. ގައިގެ ހަންގަނޑުގެ ތެރެއަށް އެތަން މިލިޔަން އަފުނޯސްކަށިތަކެއް އެއްފަހަރާ ހެރެމުންދާހެން ހީވަމުންދިޔައެވެ. އިތުރަށް ހަޅޭއްނުލެވޭހާވަރަށްވުރެން އަޅަމުންދިޔަ ވޭން އިތުރުވަމުން ދިޔައެވެ. ނޭވާލާންވެސް މިހާރު އުނދަގުލެވެ. އެސްފިޔައެއް ޖަހާލުންވެސް މިހާރު ދައްޗެވެ. ނަމަވެސް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. އެކަމުގެ ސަބަބުންވެސް ހަށިގަނޑަށް އަޅަމުންދިޔަ ވޭން ހައްތަހާ އިތުރުވަމުންދިޔައެވެ.

މުޅިން ގަބުވެފައިވާ އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ޔަރަސް ވާހަކަދައްކަމުންދާއަޑު އިވެމުންދެއެވެ. ޔަރަސް އެ ދައްކާ ވާހަކައެއް އޭނާއަށް ސާފެއްނުވެއެވެ. އޭނާގެ ދެކަންފަތުގެ ތެރެއިން އިވެމުންދަނީ ވަރަށް ތޫލި އަޑުފަށްގަނޑެކެވެ. އެކަމަކު އެއީކީ އަދި އެހާ ބޮޑުކަމެއްނޫނެވެ. ޔަރަސްގެ ދަތްތައް ބިޝާރާގެ ކަރުދޮށަށް ކޮށްޕާލިވަގުތު އެޅި ވޭނާއި ބަލައެވެ. ލޭ ބޯންފެށިވަގުތު އެ އެޅި ވޭނާއި އަޅާބަލާއިރުއެވެ. އެވަގުތު އޭނާ ހެއި ނެތޭނެ ނަމައޭވެސް ހިތަށް އެރިއެވެ. ނަމަވެސް އެކަމެއްވެސް ނުވިއެވެ. އެއީ ޔަރަސްގެ ދަތުގެ ތެރެއިން އޭނާގެ ހަށިގަނޑަށް ފޮނުވާލި ވިހަ ދިޔައިގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެ ދިޔައަކީ ވޭމްޕަޔަރުންގެ ޝިކާރަ ހެއިނެތުނަނުދީ ބެހެއްޓުމަށް ބޭނުންކުރާ ޚާއްޞަ ކެމިކަލްއެކެވެ. އެ ކެމިކަލްގެ ސަބަނުން އިންސާނީ ހަށިގަނޑު އައްސިކޮށްލައެވެ. އެކަމަކުވެސް ހުރިހައި ތަދެއް އިޙްސާސްކުރެވޭނެއެވެ. ބިޝާރާއަށްވެސްވީ ހަމަ އެގޮތެވެ. ހަށިގަނޑަށް އަމިއްލަ އެއްވެސް ބާރެއް ނުފޯރުވެއެވެ. އެކަމަކު ހުރިހައިކަމެއް އިޙްސާސްކުރެވެމުންދިޔައެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް ނޭވާލެވެމުން ދިޔައެވެ. ކޮންމެވެސް ގޮތަކުން އޭނާގެ ހިތްވެސް ނުހުއްޓި ހިނގަމުންދިޔައެވެ. އެ ހިތުގައ ޖަހަމުންދިޔަ ކޮންމެ ވިންދަކާއިއެކު، ޔަރަސް ގެންދިޔައީ އޭނާއަށް އިތުރަށް ތަދުކުރަމުންނެވެ. ދެން އިތުރަށް ތަދުނުވާނެކަމަށް ބިޝާރޭގެ ހިތަށްއަރުވާލާއިރު، ވަމުންދިޔަ ތަދާއި އަޅަމުންދިޔަވޭން ފަހަރެއް ފަހަރަކަށްވުރެން އިތުރުވަމުން ދިޔައެވެ.

ޔަރަސް އަނެއްކާވެސް ބިޝާރާގެ ކަރުދޮށުގައި ކުރިއަށްވުރެން ބާރަށް ދަތްއެޅިއެވެ. އެވަގުތު އެތަނުން ނުކުންނަންފެށި ލޭތައް ދަމަމުން ގެންދިޔައެވެ. ބިޝާރާގެ މުޅި ގައިގައިވެސް އޮތީ ލެއެވެ. މުޅި ތަޅުންގަނޑުމަތީގައިވެސް ހުސް ލެއެވެ.

ޔަރަސް ހިތްފުރެންދެން ލޭ ބުއިމަށްފަހު ތެދުވެއްޖެއެވެ. ބިޝާރާގެ އ ނިކަމެތި ހަށިގަނޑާއި ދިމާއަށް ބަލައިލާފައި ފާޑަކަށް ހިނިތުންވެލިއެވެ. ބިޝާރާ ރޯންފެށިއެވެ. އެއްވެސް ހިފެހެއްޓުމެއްނތި ގިސްލެވެން ފެށިއެވެ. އިރުކޮޅަކުން ބިޝާރާ ވަރަށް މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އެންމެ ދެ ލަފުޒެއްކަން އޭނާގެ ތުންފަތުގެ ހަރަކާތުން އެނގުނެވެ. ނަމަވެސް އެއީ އާދައިގެ އިންސާނަކަށް ސާފުވެސް ނުވާނެހާ މަޑުން ބުނި ދެ ލަފުޒެވެ. އެކަމަމުވެސް ޔަރަސްއަށް ވަރަށް ރަނގަޅަށް އެބުނި އެއްޗެއް ސާފުވިއެވެ. އެ ދެ ލަފުޒު އަޑުއިވުމުން، މި ވޭތުވެދިޔަ އެއްހާސް އަހަރުވެސް އޭނާގެ ހިތުގައި ނުޖެހޭވަރަށް ހިތުގައި ޖެހިއްޖެއެވެ.

“ކަލޭ މޮޅުވީ.” އަނެއްކާވެސް ބިޝާރާގެ އެ ބުނުން ތަކުރާރުކޮށްލިއެވެ. މިހެން ބުނެވުމާއިއެކު ބިޝާރާގެ ހަށިގަނޑަށް ގަދަ ބާރެއް އަރާފައި ހުއްޓިއްޖެއެވެ. ހީވީ ކުއްލިއަކަށް އޭނާގެ ހަށިގަނޑު ގަނޑުވެގެންދިޔަހެންނެވެ.

ނުނިމޭ

 

އެއްހާސް އަހަރު – 15

“ކަލޭ މޮޅުވީ.” އަނެއްކާވެސް ބިޝާރާގެ އެ ބުނުން ތަކުރާރުކޮށްލިއެވެ. މިހެން ބުނެވުމާއިއެކު ބިޝާރާގެ ހަށިގަނޑަށް ގަދަ ބާރެއް އަރާފައި ހުއްޓިއްޖެއެވެ. ހީވީ ކުއްލިއަކަށް އޭނާގެ ހަށިގަނޑު ގަނޑުވެގެންދިޔަހެންނެވެ.

ތެދެކެވެ. މޮޅުވީ އޭނާއެވެ. ޔަރަސް އެވެ. ޔަރަސް އަށް ކާމިޔާބު ލިބިއްޖެއެވެ. އަބަދުވެސް މޮޅުވާނީ އޭނާއެވެ. އެހެން ލިބޭ މޮޅުވުމަކުން އޭނާއަށް ލިބެނީ ކޮން ހިތްހަމަޖެހުމެއްބާއޭ ޔަރަސްގެ ހިތަށް އެރިއެވެ. އޭނާ ބިޝާރާގެ ލެއިން ކަޅިވެފައިވާ ހަށިގަނޑަށް ބަލައިލިއެވެ. އޭނާ އަމިއްލަ ނަފުސާއި ސުވާލުކުރަންފެށިއެވެ. އެއީ އެފަދަ ގޮތަކަށް އޭނާގެ އަމިއްލަ ނަފުސާއި ސުވާލުކުރާ ފުރަތަމަ ފަހަރެވެ. އޭނާގެ ދިރިއުޅުމާއި މެދުގައެވެ. އެއްވެސް ކުށެއްނެތް މި މައުސޫމު ކުއްޖާއަށް ދެވެމުން ގެންދެވުނު އަނިޔާއާއި މެދުގައެވެ. އޭނާގެ ހަށިގަނޑުން ބޭރުކޮށްލެވޭ ވިހަގަދަ ދިޔައިގެ ބާރު އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެ ވިހަ ދިޔައިގެ ކުޑައެތިފޮދަކުން އޭނާވަނީ އެތައް ބަޔަކު ތިރިކޮށްލާފައެވެ. ވަރުގަދަ ފިރިހެނުންނެވެ. އަދި އެއަށްވުރެން ވަރުގަދަ ވޭމްޕަޔަރެވެ. މީގެ ކުރިން އެހެން އިންސިއަކަށް ނުވަތަ އޭނާފަދަ އެހެން މަޚްލޫޤަކަށް މިއަދު މި ބޭނުންކޮށްލިހައި ގިނަ މިންވަރަކަށް އެ ވިހަދިޔަ ބޭނުންކުރެވިފައި ނުވާކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ. ޔަރަސްއަކީ ނުރައްކާތެރި ވޭމްޕަޔާ އެކެވެ. އޭނާގެ ނުރައްކާތެރިކަމުން އިންސާނުން ބިރުން ވިރިގެންދާފަ ވަރުގަދަ ވޭމްޕަޔަރެކެވެ.

ބިޝާރާއާއި މެދު އޭނާއަށް މާ ހަރުކަށި ވެވިއްޖެވެ. މާބޮޑަށް އިހާނެތިކޮށް ހިތިއްޖެއެވެ. ކުރިން ބިޝާރާ ދެއްކިހާ ވާހަކަތައް އެހެން ވޭމްޕަޔަރަކަށް އިވުނުނަމަ އެ ވެމްޕަރެއްގެ ހިތް ބަދަލުވީހެވެ. އެކަމަކު ބިޝާރާއަށް ނޭނގޭ ކަމަކީ ޔަރަސްއަކީ ދުވަހަކުވެސް އިންސާނީ ޖަޒުބާތުގައި ޖެހިފައިވާ މަޚްލޫޤެއް ނޫންކަމެވެ.

ޔަރަސް ހިނގައިގަތެވެ. ލެއިން ތަތްތެޅިފައިވާ އޭނާގެ ޓީޝާޓާއި ޖެކެޓް ބޭލިއެވެ. އެއަށްފަހު ތަޅުންގަނޑު މައްޗަށް ހޫރާލިއެވެ. ޖެހިގެންހުރި ކޮޓަރިއަށްވަދެގެން ހިނގައްޖެއެވެ. ހަމައެއާއިއެކު އޭނާ ނިކުތީ ހުދުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އޭނާ ބިޝާރާގެ ގައިމަތިން ހުރަސްކުރިއެވެ. ބިޝާރާ އޮތީ ހެއިނެތިފައެވެ. އޭނާ ބިޝާރާގެ ކައިރީގައި ކަކޫމައްޗަށް އިށީންދެްޖެއެވެ. އޭނާގެ ދޮންފޫޑުވެފައިވާ ވަރުގަދަ އަތްތިލައިން ބިޝާރާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ރީތިކޮށްލިއެވެ. ބިޝާރާ އޮތީ ދާހިއްލާ ފޯވެފައެވެ. އެއަށްފަހު އޭނާ ބިޝާރާގެ ކަރުދޮށުގައި ދަތްއެޅި ތަނުގައި އުފެދިފައިވާ ޒަޚަމްގައި އޭނާގެ ދުލުން ލޮންނަން ފެށިއެވެ. އެވަގުތު އޭނާގެ ދުލުން ދިޔައެއް ބޭރުވަމުންދިޔައެވެ. ޔަރަސް އެ ދިޔަ ބިޝާރާގެ ކަރުދޮށުގައި ހާކަން ފެށިއެވެ. ޔަރަސްއަށް ނޭނގުނަސް މިފަހަރު އެ ހާކަނީ ނުރައްކާތެރި ވިހައެއް ނޫނެވެ. އެއީ ޒަޚަމް ރަނގަޅުކުރާ ކެމިކަލްއެކެވެ. ފާރު ހިއްކާ ބޭހެއްފަދަ އެއްޗެކެވެ. ތަފާތަކީ ފާރުހިއްކާ ބޭހުން ފާރުގަނޑެއްް ރަނގަޅުވުމަށް ގިނަވަގުތު ނަގާކަމެވެ. ނަމަވެސް ޔަރަސްގެ ދުލުން މިހާރު އެ ހާކަމުންގެންދާ ކެމިކަލް އުނގުޅަމުން ދިޔައިރު ބިޝާރާގެ ކަރުދޮށުން ނޮޅާލާފައިވާ އެ ބޮޑު ޒަޚަމް ރަނގަޅުވަމުން ދިޔައެވެ. އެއީ ޚުދު އޭނާއަށްވެސް މީރު ރަހައެއްލާ ދިޔައެކެވެ. އެއީ އޯގާތެރިހިތަކާއިއެކު އޭނާގެ ދޫ ހާކަންފެށުމުން އުފެދޭ ޝިފާ ލިއްބައިދޭ ދިޔައެކެވެ. ނަމަވެސް މިއީކީ ކުރިން ޔަރަސްއަށް އެނގިފައިވާ ކަމެއްނޫނެވެ. އޭނާގެ ވޭމްޕަޔާ ވަންތަ ހަށިގަނޑުން މިފަދަ ދިޔައެއް ބޭރުކުރެވޭކަން އަދި މި އެނގުނީއެވެ. ބިޝާރާގެ ކަރުދޮށުގައި ހުރި ލެޔާއި މި ދިޔައާއި އެކުވުމުން އުފެދޭ ދިޔަ އޭނާއަށް ކޮންމެވެސް ވަރަކަށް ދިރުވުނެވެ. އޭގެ ސަބަބުން އޭނާގެ ހަށިގަނޑަށް އިތުރު ބާރެއް ލިބެމުންދާކަމުގެ އިޙްސާސްކުރެވެން ފެށިއެވެ. އޭނާގެ ހަށިގަނޑަށް، ނަފުސަށް އެންމެ ބޮޑު ހަމަޖެހުމެއް މިހާތަނަށް ލިބުނީ ބިޝާރާގެ ލޭ ބުއިމުންނެވެ. ނަމަވެސް މިހާރު މި ލިބުނު ވަރުގަދަކަން އޭނާއަށް ކުރިން އިޙްސާސްކުރެވިފައެއް ނުވެއެވެ.

މިހާދުވަސްވީއިރުވެސް ބިޝާރާގެ ލޭ ނުބޮއެ ޔަރަސް މަޑުކުރީ ޖެހިލުންވާތިއެވެ. އެ މީރު، ތަފާތު ލޭފޮދު ބޯންފަށާގޮތަށް ހުއްޓާލަން ނޭނގި ބިޝާރާގެ ލޭފޮދު އެކަށް ބޮއެލެވިދާނެތީއެވެ. އެއީ ވަރަށް ފައްކާ ލެއެކެވެ. އާދަޔާޚިލާފް ލައްޒަތެއް ލިއްބައިދޭ ލެއެކެވެ. އެނަރޖީ ޑްރިންކެއް ބޮއެލުމުން އިންސާނުންނަށް އެ ލިބޭފަދަ ވަރުގަދަކަމަކާއި ބުންވަރެއް ލިއްބައިދޭ ލެއެކެވެ. އެހެންކަމުން ބިޝާރާ މަރައިނުލައި ބެހެއްޓުން ކޮންމެހެންވެސް އޭނާއަށް މުހިއްމެވެ. ދާއިމީގޮތަކަށް އެ ލޭ ލިބިލިބި ހުރުމަށެވެ. ނަމަވެސް ދުވަސްކޮޅަކުން ބިޝާރާގެ ލެއިން އެކަނި އޭނާއަށް ފުއްދާނުލެވޭނެކަންވެސް އެނގެއެވެ.

ޔަރަސްއަށް މީގެ އެއްހާސްއަހަރުކުރިން ޖެހިފައިވާ އެސްފީނާ ވަރުގަދަވަމުންދަނީއެވެ.

***********************************

ބިޝާރާއަށް ހެއިވެރިކަންވެއްޖެއެވެ. ވަށައިގެންވަނީ ހަމަހިމޭންކަމެވެ. އޭނާގެ ހަށިގަނޑަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަޅަމުންދިޔަ ވޭނުގެ ސަބަބުން އެކަން ވާގޮތެއް ނުވިއެވެ. ހަށިގަނޑުން ފެންހިކިފައިވުމުން ގައިގައި އެއްވެސް ވަރެއްނެތެވެ. ލޯ ހުޅުވާލެވޭތޯ ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. އެކަމުންވެސް އެޅި ގަދަ ވޭނެކެވެ. އޭނާގެ ވަށައިގެންވާ މާހައުލުން މީރުވަހެއް ދުވަމުންދިޔައެވެ. އެއީ ދުންދަނޑީގެ މީރުވަސްކަން އޭނާއަށް އިޙްސާސްކުރެވުނެވެ. ލޯ ހުޅުވައި ނުލެވުނަސް ވަށައިގެންވަނީ އަނދިރިކަން ކަން އޭނާއަށް އެނގެއެވެ. ނޫނީ އޭނާގެ ހަށިގަނޑަށް ޔަރަސް ފޮނުވާލި ވިހައިގެ ސަބަބުން ލޯ އަނދިރިވީކަމަށްވެސް ވެދާނެއޭ އޭނާގެ ހިތަށްއެރި އެވެ.

ގަދަ ވިހައެކެވެ!!.

ކުއްލިއަކަށް އޭނާގެ ހަނދާނަށް ކަންކަން އަންނަން ފަށައިފިއެވެ. ޔަރަސް އޭނާއަށް ދިން އަނިޔައެވެ. އެ ދިގު ކޯރިޑޯ އެވެ. އެ ކޮޓަރިއެވެ. ޔަރަސް އޭނާގެ ކަރުދޮށުގައި އަނގަޖެހިކަމެވެ. ‘ޔާރައްބީ! އަހަރެން މަރުވީއެވެ. އަހަރެން މިއޮތީ މަރުވެފައެވެ.’ ބިޝާރާ ކަންބޮޑުވިއެވެ. ‘އެކަމަކު މިހާވަރަށް މި ވޭން އަޅަނީ ކީއްވެގެން ހެއްޔެވެ؟ މަރުވުމަށްފަހު ގައިމުވެސް ތަދު އިޙްސާސްކުރެވިގެންނުވާނެއެވެ. އަހަރެންގެ ނަފުސު އަދިވެސް މިއޮތީ ހަށިގަނޑެއްގެ ތެރޭގައެވެ. އަހަރެން މަރެއްނުވެއެވެ. އަހަރެން މަރެއް ނުވެއެވެ.’ ބިޝާރާ ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ވާހަކައެއް ނުދެއްކުނެވެ. ހަމައެކަނި ތުންފަތް ތަޅުވާލެވުނުކަމެވެ.

“ބިޝާރާ.” އޭނާއަށް ގޮވާއަޑު އިވެމުންދިޔައެވެ. އެއީ މަޑުމަޑުން އިވޭ އަޑެކެވެ. ހިތްގައިމު މަޑުމައިތި، އޯގާތެރި އަޑެކެވެ. އެއީ ދަންނަ އަޑެކެވެ. “ބިޝާރާ އަށް ހޭލެވުނީ ދޯ.”

‘ތީ ކާކުހެއްޔެވެ. އަހަރެން މިއޮތީ ކޮންތަކުހެއްޔެވެ؟’ ބިޝާރާ ވާހަކަދައްކަމުން ގެންދެވޭކަމަށް ޚުދު އޭނާއަށް ހީވަމުންދިޔައެވެ. ނަމަވެސް ތުންފަތްމައްޗަށް އަންނަމުންދިޔައީ ކުޑަކުޑަ ހަރަކާތެއް އެކަންޏެވެ. އިރުކޮޅެއްފަހުން އޭނާއަށް ވަރަށް އުނދަގުލުން ބަހެއް ބޭރުކޮށްލެވިއްޖެއެވެ.

“އަހަރެން މިއޮތީ މަރުވެފަތަ؟”

ބިޝާރާއަށް ފަނޑުފަނޑުކޮށް މީހަކު ހީލިއަޑު އިވުނެވެ. އެއީ ފިރިހެނެއްގެ އަޑެވެ. އެ އޯގާތެރި ހީނލުމުގެ އަޑު ހާދަހާ ނަލައޭ އޭނާގެ ހިތަށް އެރިއެވެ. ފަހަރުގައި އޭނާއަށް އެ އޮވެވެނީ ހުވަފެނެއްގެ ތެރޭގައި ނޫންބާއޭ ހިތަށްއެރިއެވެ. މީގެކުރިން އެހައި ހިތްގައިމު ފިރިހެންވަންތަ އަޑެއް އޭނާއަށް އިވިފައެއް ނުވެއެވެ. އެއީ އިންސާނަކަށްވުރެން މާތް މަޚްލޫޤެއްގެ އަޑުކަމަށް އޭނާއަށް ހީވިއެވެ. އެއީ ވަރަށް ފިރިހެންވަންތަ އަޑެކެވެ. ރީތި އަޑެކެވެ. އެއީ އަނެއްކާ ޕަރީއެއްގެ އަޑު ނޫންބާވައެވެ.

“ތީ ޕަރީއެއްތަ؟”

“ޕަރީއެއް ނޫން. އެކަމަކު ވަރަށް ތަފާތުވާނެ ޕަރީއަކަށްވުރެން. އަދި އިންސާނަކަށްވުރެންވެސް.” މިހެން ބުނުމާއިއެކު ދެން އަނެއްކާވެސް ބިޝާރާއަށް އިވުނީ އެ ހިނިތުންވުމުގެ އަޑެވެ. ބިޝާރާ ލޯ ހުޅުވޭތޯ އަނެއްކާވެސް މަސައްކަތްކުރިއެވެ. އެވަގުތު އަނެއްކާވެސް އެ އަޑު އިވުނެވެ. “އަދި ލޯ ނުހުޅުވާ މަޑުކޮށްލަންވީނު.”

އަނެއްކާވެސް އެ އަޑާއިމެދު ބިޝާރާ ވިސްނަންފެށިއެވެ. މިފަހަރު އެއީ ކާކުގެ އަޑެއްކަން އެނގިއްޖެވެ. ‘އެއީ ވަރަށް އޯގާތެރިކަމާއިއެކު ޔަރަސް ވާހަކަދައްކައިފި ނަމަ އޭނާގެ އަޑު ހުންނާނެގޮތެވެ. ނޫނީ އަހަރެން މިއޮތީ އަނެއްކާ އެހެން ވޭމްޕަޔަރެއްގަ ކައިރީގައި ނޫންބާވައެވެ؟ އޭނާ އަހަރެން ލޯ ނުހުޅުވާ މަޑުކުރުމަށް އެބުނަނީ އެހެންވެގެން ނޫންބާވައެވެ؟ މިއީ އަނެއްކާ ތަންކޮޅެއް އޯގާތެރި ވޭމްޕަޔަރެއް ނޫންބާވައެވެ؟ އެހެންވެގެން އޭނާ ބިރުގަންނުވަން އޭނާ ބޭނުންނުވަނީ ބާވައެވެ؟ އަހަންނަށް ތިހާ އޯގާތެރިކޮށް ހިތަމުން އަންނަތަން ޔަރަސްއަށް ފެނިއްޖެއްޔާ ކަލޭ މަރާލާނެއެވެ.’ ބިޝާރާގެ ހިތުން ވާހަކަދައްކަމުން ގެންދިޔައެވެ. “ޔަ.. ޔަރަސް….” އެންމެފަހުން އަނެއްކާވެސް ވަރަށް އުނދަގުލުން އޭނާއަށް ބަހެއް ބުނެލެވުނެވެ. ބިޝާރާ ބުނަންފެށި ޖުމްލަ ނުނިމިގެން އުޅެނިކޮށް އަނެއްކާވެސް އެ ފަރިތަ އަޑުން ޖަވާބުދިން އަޑު އިވިއްޖެއެވެ.

“އޯތް.”

އެއްހާސް އަހަރު – 16

ބިޝާރާ ބުނަންފެށި ޖުމްލަ ނުނިމިގެން އުޅެނިކޮށް އަނެއްކާވެސް އެ ފަރިތަ އަޑުން ޖަވާބުދިން އަޑު އިވިއްޖެއެވެ.

“އޯތް.”

‘ރާޔައްބީއެވެ. އެއީ ޔަރަސްގެ އަޑެވެ.’ އެ ފަރަިތަ އަޑަކީ ޔަރަސްގެ އަޑުކަން އެނގުމުން ބިޝާރާއަށް ތެޅިގަނެވުނެވެ. އަތްފައި ފިނިވިއެވެ. ވަރަށް އުނދަގުލުން ދެއަތުން އޭނާގެ މޫނުގައި ހިފަހައްޓާލެވުނެވެ. ގަޔަށް ގަދަ ބާރެއް އަރަންފެށިއެވެ. ހީވީ ފިޓްޖެހުނީހެންނެވެ. ނަމަވެސް އިރުކޮޅަކުން އޭނާގެ ގަޔަށް އެރި ބާރު ދޫވެއްޖެއެވެ. އަތުގެ ހޫނުކަން މޫނަށް އިޙްސާސްކުރެވުމުންނެވެ. ‘ނޫނެކެވެ. އެއީ ޔަރަސްއެއް ނޫނެވެ. ޔަރަސް ނަމަ ވާހަކަދައްކާނީ ދަތްކުނޑިވިކައިގެން ހުރެއެވެ. ފަހަރުގައި ހުރިހައި ވޭމްޕަޔަރުންގެ އަޑު ވައްތަރީކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން އެހެން ވޭމްޕަޔަރަކާ ވާހަކަދެއްކީ ކޮންއިރަކުހެއްޔެވެ؟ އަހަންނަށް މިތަނަށް އާދެވުމުގެ ކުރިން އެ މަޚްލޫޤުންގެ ކިބައިން ލައްލަ ރެކެވިފައި ހުންނާނެއެވެ. މިތަން؟ …. މިއީ ކޮންތަނެއްހެޔެވެ؟ އަހަރެން މިއޮތީ ޔަރަސްގެ އެ ބޯޑު ކިއްލާއެއްފަދަ ގެއާއި ވަރަށް ދުރުގައެވެ……’

‘ޔަރަސް. އެއީ ބާރުގަދަ ނަމެކެވެ. އެނަމުންވެސް އޭނާ ބިރުގަނެއެވެ. އެކަމަކު އޭނާގެ ދުލުން އެ ނަން ތަކުރަރުކުރަހިތްވަނީ ކީއްވެގެންހެއްޔެވެ؟’ “ޔަރަސް….” އޭނާގެ ވައިއަޑުން އޭނާގެ ދެތުންފަތުން އެ ނަން ބޭރުކޮށްލިއެވެ.

“އޯތް. އަހަރެން އެބައިނީމޭ މިތާ ކައިރީގަ.”

“ސުބްޙާނަﷲ!” ބިޝާރާ ތެދުވެ އިށީންނަށް މަސައްކަތްކުރިއެވެ. ނަމަވެސް ފިނި، ބާރުގަދަ އަތަކުން އޭނާ ތެދުވިޔަ ނުދީ ބޭއްވުމަށް މަސައްކަތްކުރިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. “ނޫން، ނޫން!.. ޔަރަސް، ޕްލީޒް…. އަޅެ ނޫން!!”

‘މާނައަކީ ޔަރަސް އަހަރެން މަރައެއް ނުލައެވެ. ފަހަރުގައި އަހަރެން ހެއި އެރުމުން އަނެއްކާވެސް އަނިޔާކުރަން މަރައިނުލާ ބޭއްވީއެވެ. އޭނާ ބޭނުންވަނީ އަހަރެން މަރައިނުލާ ބާއްވާ އަނިޔާކުރާށެވެ. ކެނޑިނޭޅި އެ ގަދަ އަނިޔާތައް ދެމުންގެންދާށެވެ. ސިލްސިލާ ފިލްމެއްގެ އެޕިސޯޑްތައް އަންނަފަދައިިންނެވެ. އަހަންނަށް ކުރިން ވަގުތުއޮތެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއެވެ. ދެން ކިތަންމެ އާދޭހެއް ކުރިއަސް ޔަރަސް އަޑެއް ނާހާނެއެވެ. އޭނާ އެއަށްވުރެން ބޯހަރެވެ. ވަރުގަދައެވެ. އޭނާގެ ކިބައިން އަހަންނަށް ސަލާމަތްވެގެން ނުދެވޭނެއެވެ. އޭނާ އަހަންނަށް މަޢާފެއް ނުދޭނެއެވެ. އެތައް އަހަރެންވަންދެން އަހަރެން އުޅެންޖެހޭނީ އޭނާ އަނިޔާތަކަށް ކެތްނުކުރެވުނަސް، ކެތްކޮށްގެންނެވެ.’ ބިޝާރާގެ ހިތަށް އެތައް ސަތޭކަ ސުވާލުތަކެއް ފުނިޖެހެމުންއިޔައެވެ.

ވޭމްޕަޔަރެއްގެ ވިހައަކީ ދިރުންދޭ އެއްޗެއްފަދައިން މަރުގެ ހިތިރަހަ، ވަރަށް ހިތިކޮށް ލިއްބައިދޭވެސް އެއްޗެކެވެ. އެ ވިހަ ބޭނުންކުރުމުގައި ވޭމްޕަޔަރެއްގެ ނިޔަތް އޮންނަގޮތަކީވެސް މުހިއްމު ކަމެކެވެ. ބިޝާރާގެ ގައިން ލެއިބޯ ކޮންމެފަހަރަކު، އެ ވިހައިގެ ބޭނުންކޮށްގެން ބިޝާރާ މަރައިނުލައި ބޭއްވުމަށްވެސް ބޭނުންކުރެވިދާނެއެވެ.

“އަހަންނަށް މަޢާފްކުރޭ. ވަރަށް ބޮޑަށް ސޮރީ. ޕްލީޒް އަހަންނަށް މަޢާފްކުރޭ!.. ޕްލީ-“

“ޝޫޝޫ! ހުއްޓާލާ! ޕްލީޒް ތިހާވަރަށް އަނގަނުތަޅާ އޮވެބަލަ. ތިހެން ކޫސަނި އަނގަތަޅާހާ ހަކަތައެއް ކަލޭގައިގަ އަދިއެއްނެތް.” ޔަރަސްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އޯގާތެރިކަމެވެ.

ބިޝާރާ މަޑުމަޑުން ލޯހުޅުވައިލިއެވެ. އެންމެ ފުރަތަމަ އޭނާއަށް ފެނުނީ ރަތްކުލައާއި އޮރެންޖު ކުލަ އަދި ކަޅުކުލައިގެން ހިޔަނިތަކެކެވެ. ‘ފަހަރުގައި އެއީ އުއްބައްތިތަކެއް ނުވަތަ ދިއްލާފައިހުރި ވޮށްތަކެއްކަމަށްވެސް ވެދާނެއެވެ. ނޫނެކެވެ. އެއީ އަލިފާނެވެ. އޭނާ އެއުޅެނީ އަހަރެން އަލިފާނަށްލައި ފިހެލާށެވެ.’ ބިޝާރާގެ ހިތަށް މިހެންއެރިވަގުތު އޭނާއަށް ފެންނަމުންދިޔަ ފުސް މަންޒަރު ސާފުވެއްޖެއެވެ. އޭނާގެ ކުރިމަތިން ފެންނަންއިނި ޔަރަސްއެވެ.

“ޔަރަސް. ކޮން އަލިފާންގަނޑެއް. ތިއުޅެނީ އަހަރެން އަލިފާނަށްލައި ފިހެލަންތަ؟”

ޔަރަސް އިނީ ބިޝާރާގެ މޫނަށް ބަލަހައްޓައިގެންނެވެ. މިހާރު އޭނާގެ މޫނުމަތިން ހަރުކަށިކަން ފެންނާކަށް ނެތެވެ. އެއްވެސް ލާއިންސާނީ ކަމެއް ނެތެވެ. އޭނާގެ މޫނުމަތިން ފެންނާންހުރީ މަޑުމައިތިރިކަމެވެ. އޯގާތެރިކަމެވެ. އެހާމެ ޗާލު ރީތިކަމެކެވެ. އޭނާގެ ދެލޯ ހީވަނީ ދިރޭރަހަ ކޮޅެއް ހެންނެވެ. އަނދިރިކަމެއް ހުއްޓަސް އޭގައި ވިދުވަރެއް ވެއެވެ. އޭނާގެ އަނގަމަތީގައި ހައިވާނީ ސިފައެއްނެވެ. މިހާރު އެ ދެތުންފަތް ފެންނަނީ ލައްޒަތުން ފުރިފައިވާ ދެ ފިނިފެންމާފިޔަ ފަދައިންނެވެ. އިރުކޮޅެއްވާންދެން ބިޝާރާއަށް ޤަބޫލުކުރަން ދަތިވިއެވެ. ފެންނަމުން މިދަނީ މީގެ އިރުކޮޅެއްކުރިން އެ ދެތުންފަތުގެ ތެރެއިން ނުކުތް ހައިވާނީ ދިގު ދެ ދަތުން އޭނާ ނޮޅައި ކާލަން މަސައްކަތްކުރި ޔަރަސްކަމާއިމެދުގައެވެ.

“ބިޝާރާ އެބަޖޭހޭ އަރާމުކޮށްލަން. އަހަންނަށް ހަމަ ކިރިޔާ ބިޝާރާ މަރައިނުލެވުނީ. ކަލެއާމެދު އަހަންނަށް މާބޮޑަށްވެސް ހަރުކަށިވެވުނީ. އަދި ބުނަން؟ އަހަރެން ނޫޅެން ކަލޭ އަލިފާނަށްލައި ފިހެލާކަށްވެސް.”

“އާހް…” ބިޝާރާ ތެދުވެ އިށީންނުމަށް އަނެއްކާވެސް މަސައްކަތްކުރިއެވެ. މިފަހަރު ޔަރަސް އޭނާއަށް އެހީތެރިވެދިނެވެ. “އޫމް.. އާހް؟”

“ކީކޭ ބީޝާރާ.”

“ކަލޭ ކީއްވެގެން އެހާ އޯގާތެރިވެގެން ތިއުޅެނީ؟ އަހަރެން ހީކުރީ ކަލޭ އަހަރެންދެކެ ވަރަށް ރުޅިއަންނަކަމަށް.”

“އަހަރެން ކަލޭދެކެ ވަރަށް ރުޅިއާދޭ. ވަރަށް ބޮޑަށް.” ބިޝާރާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލަމުން ޔަރަސް ޖަވާބުދިނެވެ. “ކަލޭދެކެ ރުޅިއާދެވުނުވަރަށް ދުވަހަކުވެސް އަހަންނަށް މީހެއްދެކެ ރުޅިއެއް ނާދެވޭ!”

“އެކަމަކު ކީއްވެގެން؟ ކީއްވެ އަހަރެންދެކެ؟… އަހަރެން ކަލެޔަށް ކުރީ ކޮންކަމެއް ތިހާވަރަށް ރުޅި އަންނަން؟”

“ކަލޭ ގައިގައި ވަރުޖެހިލުމުން އަހަރުމެންނަށް މިވާހަކަ ދެއްކިދާނެ. މިއީ ކަލޭ އަރާމުކުރަންވީ ވަގުތު.” މިހެން ބުނުމާއިއެކު އަނެއްކާވެސް އެ ހިތްގައިމު އަޑު ބިޝާރާގެ ކަންފަތުގައި ޖެހުނެވެ. އެއީ ޔަރަސްގެ ހިތްގައިމު ހީނލުމުގެ އަޑެވެ. އެ ލުވި ލުވި ހީނލުމެވެ. ބިޝާރާއަށް ހީވީ ހިތްގައިމު ނާނާއެއްގެ އަޑު އިވުނުހެންވެ. އޭނާ ދެލޯ މަރައިލިއެވެ.

ނުނިމޭ

އެއްހާސް އަހަރު – 17

ބިޝާރާ އޮތީ ޔަރަސްގެ އެނދުގައެވެ. އަރާމު ނިންޖެއްގައެވެ. ޔަރަސް އިނީ ބިޝާރާއަށް ބަލާށެވެ. އެ ބޮޑު އެނދުގައި ބިޝާރާ އޮތްއިރު އޭނާ ހާދަހާ ކުޑައޭ ޔަރަސްގެ ހިތަށްއަރަމުން ދިޔައެވެ. އެނދުގެ ވަށައިގެން ދަމާފާއިވާ މަދިރިގެއާއި ދިމާއަށް އޭނާ ގުދުވެލިއެވެ. މަދިރިގޭގެ އަރިމަތީގައި ދަމާފައިވާ ފަރުދާއިން ތަންކޮޅެއް ހުޅުވިފައި ހުރުމުން އެތަން ރަނގަޅުކޮށްލުމަށެވެ. އެނދުގައި ކަނާތުފައިގެ ކަކޫ ޖައްސާލައި، އެ ފަރުދާ ރަނގަޅުކުރެވޭތޯ ބެލިއެވެ. އޭނާ އެނދުމައްޗަށް އެއްކޮށް އަރާކަށް ބޭނުމެއް ނުވެއެވެ. ބިޝާރާއަށް އުނދަގޫވެދާނެތީއެވެ. އޭނާއަށް ހެއިލެވިދާނެތީއެވެ. ބިޝާރާގެ ކަރުދޮށުގައި އޭނާ ދަތްއެޅިތަން މިހާރު އެއްކޮށް ރަނގަޅުވެފައިވާކަހަލައެވެ. ޢާއްމުކޮށް، އެހާ ވަރުގަދަ ޒަޚަމެއް ލިބި ފާރު ހެއްވުމުން ލަކުނު ހުންނާނެއެވެ. ނަމަވެސް ޔަރަސްގެ އަނގައިންނާއި ދުލުން ނެރުނު ދިޔައިގެ ސަބަބުން ބިޝާރާގެ ކަރުދޮށުގައި ލަކުނު ފެންނަންހުރީ ވަރަށް ފަނޑުކޮށްނެވެ. ޔަރަސް އަދިވެސް ހުރީ އެކަމާ ހައިރާންވެފައެވެ. އަދިވެސް ޤަބޫލުކުރަން ދަތިވެފައެވެ. އޭނާގެ އަމިއްލަ ހަށިގަނޑުން އެހައި ބޭނުންތެރި ދިޔައެއް ނެރެވޭކަން މީގެކުރިން އެނގިފައެއް ނުވެއެވެ. ނަމަވެސް މިކަން އެނގުމުން އޭނާއަށް އާދަޔާޚިލާފު ހިތްހަމެޖެހުމެއް ލިބެން ފަށައިފިއެވެ. ތިމާގެ ގައިގައި ހައިވާނީ ސިފަތަކެއް ހުއްޓަސް، ރަނގަޅު އެއް ސިފައެއް ނުވަތަ ކަމެއް ލިބިފައިވާކަމުގެ ހިތްހަމެޖެހުމެކެވެ.

ބިޝާރާ ފުންނޭވާއެއް ލިއެވެ. ޔަރަސް ހުރިފަރާތްނޫން އަނެއްފަރާތަށް ފުރޮޅިލިއެވެ. ޔަރަސް ތެދުވިއެވެ. ކްރީމް ކުލައިގެ ކުލަ ލާފައިވާ އެ ބޮޑު ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އޭނާ ގޮސްވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެ ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތިގަނޑުގެ ބޭރަށް އިންނަ ކަހައިލިއެވެ. ވޭމްޕަޔަރަކު މިފަދަ ކަމެއް ކުރުމީ އާދަޔާޚިލާފް ކަމެއްކަމަށް ގިނަމީހުން ދެކެއެވެ. އެއީ ގިނަ ވޭމްޕަޔަރުންނަކީ ހަމައެކަނި އަނދިރީގައި އުޅެވޭ ތަކެތިކަމަށް ވާތީއެވެ. ނަމަވެސް ޔަރަސް އަކީ ވަރަށް ތަފާތު ވޭމްޕަޔަރެކެވެ. ދޮރުފޮތިގަނޑުގެ އެތެރެއަށް އިންނަ ބައިގެ ތެރެއިން ފުރޭނިގެން ކޮޓަރިތެރެއަށް ވަންނަ އަލިކަމަކީ އޭނާއަށް ވަރަށް ހިތްގައިމު އަލިކަމެކެވެ. ދޮރުފޮތީގެ ގޮތުގައި ދަމާފައިވާ އޮރެންޖުކުލައިގެ ފޮތިގަނޑުގެތެރެއިން ކޮޓަރިތެރެއަށްވަނީ ރަތްވިލާ ލުމުން ދުނިޔެއަށް ވެރިވާފަދަ ހިތްގައިމު ކުލައެއް ވަދެފައެވެ. ކޮޓަރީގައި ދިއްލާފައިވާފައި ލައިޓްތަކުގައިވެސްވަނީ އެފަދަ އަލިކަމެކެވެ. އެ ކޮޓަރީގެ ބިތްތަކުގައި ލާފައިވާ ރަތްކުލަ ފެންނަނީ ކަޅުކުލައަކަށެވެ.

ޔަރަސް އެކޮޓަރިން ނުކުމެއްޖެއެވެ. ދެން މިސްރާބުޖެހީ އެގޭގެ ބޮޑު ސިޓިންގރޫމް އަށެވެ. އެއީ އަގުބޮޑު ތަކެތިން އިންޓީރިއޯ ހަދާފައިވާ އަގުބޯޑު ސިޓިންގރޫމެކެވެ. އެތަނުން ގޮސް ނިކުމެވެން އޮންނަ ކޮރިޑޯއަށް އޭނާ ނުކުމެއްޖެއެވެ.

އެއީ ފިނި ރެއެކެވެ. ދުންފިނީފެ އަސަރުވެސް ފެންނާން ހުއްޓެވެ. ބެލްކަނީގެ ތެރެއިން ހިނގަމުން އޭނާ ދިޔައެވެ. ބެލްކަނިން ނިކުމެގެންގޮސް ގޯތިތެރޭގައި ހަދާފައިވާ ކުޑައެއްގެ ދަށުގައި މަޑުކޮށްލިއެވެ. ގޯތިތެރޭގައި ބޯކޮށް ހައްދާފައިވާ ގަސްތަކުގެ ތެެރެއިން ހަނދުވަރުގެ އަލިކަން އެހިސާބަށްވެސް ފުރޭނިފައިވެއެވެ. އެއީ އޭނާގެ އަމިއްލަ ގޭގެ ބަގީޗާތެރެއެވެ. އިންޑިއާގެ ތިރްވަނަންދަޕޫރަމްގެ ޓަމިލްނާޑޫ ސަހަޙައްދުގެ ކަންޔާކުމާރީ އަވަށުގެ ބިޔަ ޖަންގަލިތެރޭގައި ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހަދާފައިވާ އޭނާގެ އަމިއްލަ ގެއެވެ. ބޮޑު ކިއްލާއެއްފަދަ ގެއެކެވެ. މީހުން އެހިސާބަށް އެއްގޮތަކަށްވެސް ގޮސްނޫޅޭ ހިސާބެކެވެ. ފަހަރުގައި އެގެއަކީ ހުންނަ ގެއެއްކަންވެސް ވަރަށް މަދުމީހަކަށް ނޫނީ ނޭނގޭ ގެއެކެވެ. އިންސާނުން އެހިސާބަށް ވަދެއެއް ނޫޅޭނެއެވެ. އެއީ ޔަރަސް އަށް ޔަޤީންވާ ކަމެކެވެ. ވާބޯ ޖަންގައްޔާއި ހެދިފައިވާ ބޮޑެތި ރުއްތަކުގެ ސަބަބުން އެއީ ފަސޭހައިން ގޮސްއުޅެވޭނެ ހިސާބެއްވެސް ނޫނެނެވެ.

ޔަރަސް އަށް އަނެއްކާވެސް ބިޝާރާއާއި މެދު ފިކުރުކުރެވެން ފެށުނެވެ. ބިޝާރާގެ ސަބަބުން ޔަރަސްގެ ހަށިގަނޑުގައި ކުރިން ނިދާފައިވާ ބައެއް ހެއިލައްވާލައިފިއެވެ. އެއީ އޭނާ އުފަންވިއިރު، އޭނާގެ މަންމަގެ ކިބައިން ލިބިފައިވާ ބައެއްކަމަށް އޭނާއަށް ވިސްނުނެވެ. އޭނާގެ މަންމަ އިންސާނެއްގެ ގޮތުގައި ހުރިއިރު އެވެ. ބިޝާރާ ބުނީ ތެދެކެވެ. ޔަރަސްއަކީ އިންސާނެއް ނޫނަސް އަދިވެސް އޭނާގެ ގައިގައި އިންސާނީ ލެއިގެ ވިންދު ޖަހައެވެ. ބިޝާރާ ބުނީ އޭނާ ހީވަނީ ޅަދުވަސް ހަނދާންނެތިފައިވާ ބޮޑުމީހެއްހެން ހީވާކަމަށެވެ. ބިޝާރާ އެ ބުނީ އޭނާއަކީ އިންސާނިއްޔަތުގެ މަތިން ހަނދާންނެތިފައިވާ މަޚްލޫޤެއް ކަމަށެވެ. ޤަބޫލުކުރަން ދަތި އެއްކަމަކީ އަދިވެސް އޭނާގެ ހަށިގަނޑުގެ ލެއިހޮޅިތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް އިންސާނީ ލެއި ދައުރުވާކަމެވެ. އަދިވެސް އޭނާއަކީ އިންސާނީ ދަރިފަސްކޮޅަށް ނިސްބަތްވާ މަޚްލޫޤެކެވެ. އަބަދުވެސް އޭނާ ނިސްބަތްވާނީ އެ ދަރިފަސްކޮޅަށެވެ. މިއަދު އޭނާއަށް ލިބިފައިވާ ވޭމްޕަޔަރުންގެ ހުރިހައި ސިފަވަންތަކަމެއް ހުރިނަމަވެސް ޙަޤީޤަތަކީ މިހާދުވަސް ވާންދެން އޭނާ އުޅެމުން އެގެންދަނީ އޭނާގެ އިންސާނީ ސިފަވަންތަކަން ގަދަކަމުން އޮބަހައްޓައިގެންކަމެވެ.

އަދިވެސް އޭނާއަކީ އިންސާނެކެވެ. ގައިމުވެސް ބައިކުޅަބައި އިންސާނެކެވެ. ނަމަވެސް މިއަދު އޭނާއަށް ލިބިފައިވާ ބާރުވެރިކަން މާގިނަދުވަހަށް ދެމިގެން ނުދާނެކަންވެސް އޭނާއަށް އެނގެއެވެ. ބިޝާރާގެ ލެއަކީ އޭނާގެ ގައިން ގެއްލެމުންދާ ބާރުވެރިކަން ގަދަ ކުރުމަށް ވަގުތީ ފަރުވާއެއެއްކަން އޭނާއަށް ގައިމުވެއެވެ. އަދި އޭނާގެ ގައިން އުފެދޭކަމަށް އަލަށް ފާހަގަކުރެވުނު ދިޔައިގެ ސަބަބުން އެިތުރުފައިދާއެއް ލިބުނަސް، ބިޝާރާގެ ގައިން ކޮންމެދުވަހަކު، ކޮންމެދުވަހަކު ލެއިބޮމުން ދިޔަޔަސް އެކަމުން މާބޮޑު އަސަރެއް ނުކުރާނެކަންވެސް އެނގެއެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑުން ބާރު ދެރަވަމުންގޮސް އެއްކޮށް ބާރު ނެތި ހިނގައިދާނެއެވެ. އޭރުން އޭނާވެގެންދާނީ ތަނަކަށް އެއްލާފައި އޮންނަ ދިރޭ މަސްގަނޑަކާއި އެއްފަދަ އެއްޗަކަށެވެ. ނަމަވެސް އަދިވެސް އޭނާއަށް ޖެހިފައިމިވާ ބަލާވެރިކަމެއްފަދަ އެސްފީނާއިން މިންޖު ނުވެވޭނެ ކަމަކަށް ޔަރަސް ޤަބޫލެއްނުކުރެއެވެ.

އެކަމަކުވެސް އޭނާގެ ނިމުން ހިތިވާނެކަމަށް އަބަދުވެސް ޔަރަސް އަމިއްލަ ނަފުސަށް ވިސްނައިދެމުންދެއެވެ. މިހައިތަނަށް އޭނާގެ ޝިކާރައަކަށްވި ކޮންމެ އިންސާނަކުވެސް އޭނާގެ އެންމެ ފަހުވަގުތުގައި ބަދު ދުޢާކޮށްފައިވާނޭކަން ޔަރަސްއަށް އެނގެއެވެ. އެކަމަކުވެސް އެކަމާ ޔަރަސް ހާހެއް ނުވެއެވެ. މިހައިތަނަށް އައިއިރު އެކަމާމެދު ވިސްނާފައެއް ނުވެއެވެ. އި އިންސާނުން އުފަންވެ ދިރިއުޅުނެވެ. އެއަށްފަހު ޔަރަސްގެ ޚިދުމަތުގައި ހިނދުކޮޅެއް ހޭދަކުރިއެވެ. އެއަށްފަހު މި ދުނިޔެއާއި ވަކިވެދެއެވެ. ޔަރަސް ދެކޭގޮތުން މިއީ ވަރަށް އާދައިގެ ކަމެކެވެ. އެމީހުންނާއިމެދު އޭނާ ނުވިސްނައެވެ. އެމީހުންގެ ފުރާނަ ދުއްވާލެވުމުން އެކަމާ އަފުސޯސް ހީވެ ދެރަވެގެންނެއް ނޫޅެއެވެ. އެ އިންސާނުން ބިރުން އުޅޭ ވަގުތަކީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭ ހިނދުކޮޅެވެ. އެކަމުގެ ސަބަބުން ޔަރަސްއަށް އިތުރު ހިތްވަރު ލިބެއެވެ. އެމީހުންގެ ކަނދުރާދޮށުގައި އަނގަޖަހާފައި ލޭކޮޅު ދަމާލުމުގެ ފޯރިއާއި ޖޯޝު އިތުރުވެއެވެ. މިހައިތަނަށް އައިިއިރު އެތައް ހާހެއްހައި މީހުންގެ ލެއި އޭނާއަށް ބޮވިފައިވާނެއެވެ. އޭގެތެރެއިން އެއްވެސް މީހަކު ވޭމްޕަޔަރަކަށް އޭނާ ބަދަލެއް ނުކުރެއެވެ. އެއީ ވޭމްޕަޔަރުންގެ ޤާނޫނު ހަދާ މަޖިލީހުން އެންމެފަހުން ފާސްކުރި ޤާނޫނަށްފަހުގައެވެ. އެ ޤާނޫނު ބުނާގޮތުން އެއްވެސް ވޭމްޕަޔަރަކަށް އިންސާނަކު ވޭމްޕަޔަރަކަށް ބަދަލުކުރުމުގެ ހުއްދައެއް ނެތެވެ. އެގޮތަށް ބަދަލުކޮށްފިނަމަ ޤާނޫނުގައިވާގޮތުން ހީވެސްނުކުރާވަރުގެ ބޮޑު އަގެއް ދައްކަން ޖެހެއެވެ. އެއީ ވެމްޕަޔަރުން މެރުމަށް ތައްޔާރުކޮށްފައި ޚާއްޞަ ‘ލީތަލް އިންޖެކްޝަނެއް’ ޖަހައިގެންނެވެ.

ވޭމްޕަޔަރުންގެ މުޖުތަމަޢު އަކީ އިންސާނުން ހީވެސްނުކުރާހާ ކުރިއަރާފައިވާ މުޖުތަމަޢު އެކެވެ. އެމީހުންގެ ވެރިއެއް ހުރެއެވެ. ޑިމޮކްރެޓިކް އިންތިޚާބެއް އޮވެއެވެ. ސިފައިންނާއި ފުލުހުންތިބެއެވެ. އެމީހުންގެ އެކި ސަރަޙައްދުތަކަށް މޭޔަރުންނާއި ކައުންސިލަރުން ހަމަޖައްސާފައިވެއެވެ. އެމީހުންނަށް ޚާއްޞަ ކެފޭތަކާއި ރެސްޓޯރެންޓްތައް ވެއެވެ. ބޯނެ ޚާއްޞަ ބުއިންތައް ހަދާފައިހުރެއެވެ. މަސްނޫޢީ ލެއި ބޭނުންކޮށްގެންނެވެ. އަވީގައި އުޅެވޭގޮތަށް ޚާއްޞަ އަނގޮޓިއެއް އީޖާދުކުރިއެވެ. އެއަށްފަހުން ދެން އުފެއްދީ އެއަށްވުރެން އެޑްވާންސް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ޚާއްޞަ ޗިޕެކެވެ. އެ ޗިޕް ކަންފަތްދޮށުން ނުވަތަ ކަރުދޮށުން ތަންކޮޅެއް ފަޅާލާފައި އެތަނަށް ލެއްވުމުން އެ ނިމުނީއެވެ. އެއްވެސް ބިރެއް، ނުރައްކަލެއްނެތި އަވީގައި އުޅެވޭނެއެވެ. އިންސާނުންގެ ލެއި ބުއިމަކީ މަނާކަމެކެވެ. އެކަން މަނާކުރެވުނުފަހުން ހޮސްޕިޓަލްތަކުގެ ބްލަޑް ބޭންކުތަކުގައި ރައްކާކޮށްފައި ހުންނަ ލެއި ވަގަށްނަގައިގެން ބޯންފެށިއެވެ. އެކަން ޢާއްމުވުމުން ދެން އުފެއްދީ މަސްނޫޢީ ލެއެވެ. އެއަށްފަހު ދެން އުފެއްދީ ޚާއްޞަ ކެޕްސޫލް އެކެވެ. އެއީ ލޭގައި ހުންނަ ދަގަނޑުގެބައި ލިއްބައިދޭ ކެޕްސޫޕްއެކެވެ. އެ ކެޕްސޫލް ކަމުންގެންދާނަމަ އިންސާނުންގެ ގައިން ކޮންމެހެން ލޭބޯކަށް ނުޖެހޭނެއެވެ. ނަމަވެސް އިންސާނުންނެކޭ އެއްފަދައިން ވޭމްޕަޔަރުންނަކީވެސް ހިތްފުރިފައިވާ ބައެއްނޫނެނެވެ. ކުށް ނުކުރާ ބައެއްނޫނެވެ. އަދިވެސް އެ މަޚްލޫޤުންގެ ތެރޭގައިވާ ލެއި ބުއިމަށް އާދަވެފައިވައި އެތައް ވޭމްޕަޔަރުން އުޅެމުންދެއެވެ. ބައެއް ވޭމްޕަޔަރުންނަކީ އެއަށް ދެވިހިފައިފައިވާ ތަކެއްޗެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ ޔަރަސްއެވެ. ނަމަވެސް ޔަރަސް އަކީ ހަމައެކަނި ދެވިހިފައިގެން އެކަން ކުރަންޖެހިފައިވާ އެއްޗެއްނޫނެވެ. އޭނާއަށް ޖެހިފައިވާ ސުންޕާ އެސްފީނާގެ ސަބަބުން ތާޒާ އިންސާނީ ލެއަކީ ކޮންމެހެން ބޭނުން އެއްޗެކެވެ. އެއީ ވޭމްޕަޔަރުންގެ ތެރެއިން ބާރުގަދަ ވޭމްޕަޔަރެކެވެ. އެހެން ވޭމްޕަޔަރުންވެސް ޔަރަސް ދެކެ ބިރުގަނެއެވެ.

ޔަރަސް އިރުކޮޅެއްވާންދެން ކުޑަދަށުގައި އިނެވެ. އެއަށްފަހު ބަގީޗާތެރޭގައި ހިނގަންފެށިއެވެ. ބަގީޗާ ތެރެއިން ހިނގަން ހަދާފައި އޮންނަ މަގުގެ އަރިމަތީގައި އިންދާފައިހުރި ފިނިފެންމާ ގަސްތަކުގައި މާތައް ފޮޅިފައިވެއެވެ. ޔަރަސް ހިނގަމުންދިޔައީ އެ މާތަކުގައި އަތްލަމުންނެވެ. އެއީ އޭނާ ވަރަށް މަސައްކަތުން ހައްދާފައިވާ މުހިންމު ބަގީޗާއެކެވެ. އެއް ދުވަސްވަރެއްގައި އެ މާތަކަކީ އޭނާގެ ކާނާއެކެވެ. ފިނިފެންމަލަކީ އޭނާ ވަރަށް މީރުކޮށް ކައިއުޅުނު އެއްޗެކެވެ. އަދިވެސް އޭނާއަށް އެ މާތަކުގެ ރަހަ އިޙްސާސްކުރެވޭ ކަހަލައެވެ. އެތަނުން މަލެއް ބިނދެލިއެވެ. ރީނދޫކުލައިގެ ފިނިފެންމަލެކެވެ. ކުއްލިއަކަށް ބިޝާރާގެ މަތިން ހަނދާންވިއެވެ. އޭނާ އަދިވެސް އޮންނާނީ ވަރަށް ބަލިކަށިކޮށެވެ. ވަރަށްބޮޑަށް ބިރުގަނެ ހިތުޖެހިފަ އެވެ. ޔަރަސް އަށް މިފަހަރު އެ ފިނިފެންމާ ކައިލާކަށް ނުކެރުނުވެ. އެހައި ރީތިމަލެއް ހަލާކުކޮށްލާކަށް ނުކެރުނެވެ. ބިޝާރާއާއި މެދުވެސް އޭނާގެ ވިސްނުން އެގޮތަށް އަމާޒުވިއެވެ.

ޔަރަސް އެ މާ އެއްލައިލިއެވެ. އެއަށްފަހު ރަތް ފިނިފެންމަލެއް ބިނދެލިއެވެ. އެ މާވެސް ކައިލާކަށް އޭނާއަކަށް ނުކެރުނެވެ. އަނެއްކާ އެ މާވެސް އެއްލައިލިއެވެ. ދެން ބިނީ ނޫކުލައިގެ މަލެކެވެ. އެ މާ އޭނާގެ އަނގަޔަށް ލަމުން ގެއަށް ވަނުމަށް ހިނގައިގަތެވެ. އޭނާ މިސްރާބުޖެހީ ބިޝާރާ ނިދަން އޮތް ކޮޓަރިއާއި ދިމާއަށެވެ.

ކޮޓަރީގެ ދޮރުން އެތެރެއަށް ވަތްއިރު ޔަރަސް އަށް ބިޝާރާ ފެނުނެވެ. ލައިގެންހުރީ ހުދުކުލައިގެ ނިދާހެދުމެކެވެ. އެއީ ޔަރަސްގެ މަންމަގެ އަލަމާރިން ނަގައިގެން ބިޝާރާ ނިދަންއޮތް އެނދުގެ ފައިލާކޮޅުގައި އޭނާ ބޭއްވި ހެދުމެވެ. ބިޝާރާއަށް ހޭލެވިގެން އެ ހެދުން ފެނިގެން ލީއެވެ.

ނުނިމޭ

އެއްހާސް އަހަރު – 18

ކޮޓަރީގެ ދޮރުން އެތެރެއަށް ވަތްއިރު ޔަރަސް އަށް ބިޝާރާ ފެނުނެވެ. ލައިގެންހުރީ ހުދުކުލައިގެ ނިދާހެދުމެކެވެ. އެއީ ޔަރަސްގެ މަންމަގެ އަލަމާރިން ނަގައިގެން ބިޝާރާ ނިދަންއޮތް އެނދުގެ ފައިލާކޮޅުގައި އޭނާ ބޭއްވި ހެދުމެވެ. ބިޝާރާއަށް ހޭލެވިގެން އެ ހެދުން ފެނިގެން ލީއެވެ. އެ ހެދުން ލާފައި ހުންނައިރު ބިޝާރާގެ ނިޔަނެތިކަމާއި ލޫޅާފަތިކަން އިހުނަށްވުރެން އުތުރުހެން ހީވެއެވެ. ޖެހެމުންދިޔަ މަޑުވައިރޯޅިއާއިއެކު ފަށުވި ފޮތީގެ ހެދުން މަޑުމަޑުން ނަށަމުންދިޔައެވެ. އޭނާގެ އިސްތަށިގަނޑުއޮތީ ދޫކޮށްލާފައެވެ. އޭރުވެސް އިސްތަށިގަނޑުއޮތީ ތެތްކޮށެވެ. އެއީ ފަންފަން އިސްތަށިކޮޅެކެވެ. ބިޝާރާގެ ބުރަކަށީގެ މެދަށްވުރެން ތިރިއާއިހަމައަށް އެ އިސްތަށިކޮޅު ފޯރައެވެ. ޔަރަސް އަށް ހުރެވުނީ ބިޝާރާއާއި ދިމާއަށް ބަލާށެވެ. ބިޝާރާއަށްވެސް ހުރެވުނީ ޔަރަސްގެ އެ ހިތްގައިމު ބެލުމަށް ބަލާށެވެ. އެހެން ތިބެވުނީ ކިހާއިރެއްވާންދެކަށް ކަމެއްވެސް ދެމީހުންކުރެ އެކަކަށްވެސް ރޭކާނުލާކަހަލައެވެ. ޔަރަސް އަނެއްކާވެސް ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހެކެވެ. ބެގީކޮށްލާފައިހުރިއިރު އަޅައިގެންހުރީ ލައިގެންހުރި ބޫޓާއި ގުޅޭ ބެލްޓެކެވެ. ޔަރަސް އެއްކޮށް ކަޅުކުލައިން ހެދުން އަޅައިގެން ހުރިއިރު، ބިޝާރާ ހުރީ މުޅިން ހުދުކުލައިގައެވެ. އޭނާ ހީވަނީ ދެންމެދެންމެ ވިލާތަކުގެ ތެރެއިން ފައިބައިގެން އައިސްހުރި ޕަރީއެއް ހެންނެވެ.

ޔަރަސް ބިޝާރާއާއި ގާތަށް ޖެހިލިއެވެ. މަޑުމަޑުންނެވެ. ބިޝާރާއާއި އަރާ ހަމަކުރުމަށް ގާތްގަނޑަކަށް ތިރީހަކަށް ސިކުންތު ނެގިއެވެ. އެވަގުތު ބިޝާރާ ފިޔަވަޅޭއްވަރު ފަހަތަށް ޖެހިލިއެވެ. އަދިވެސް ބިޝާރާ ޔަރަސްދެކެ ބިރުގަންނަކަން އޭނާއަށް ސާފުކޮށް އެނގުނެވެ. ނަމަވެސް ޔަރަސް އަށް ބިޝާރާ ވެފައިވަނީ މަސްތުވާއެއްޗަކަށެވެ. އެހާ ކުޑަވަގުތުކޮޅަކުންވެސް ޔަރަސްވަނީ ބީޝާރާއަށް ދެވިހިފާފައެވެ. އެކަމަކު އޭނާ ބިޝާރާގެ ގައިން ހިތްފުރެންދެން ލޭ ބުއީ މީގެ ދެތިންގަޑިއިރެއް ކުރިންނެވެ. އެހައި ގިނައިން ލޭބުއީވެސް ބިޝާރާއަށް ހެއިވެރިކަމެއްވުމުން އޭނާގެ ގައިން އެހާ އަވަހަށް ލޭ ނުބުއިމަށް ހިތްނިޔަތް ގަނެގެންނެވެ. އެކަމަކު އަނެއްކާވެސް އޭނާއަށް އުނދަގޫތައް ވާންފަށައިފިއެވެ. ބިޝާރާގެ ލެއަށް އިންތިހާއަށް ބޭނުންވެ، ގައިން ތުރުތުރު އަޅަން ފަށައިފިއެވެ.

“ބިޝާރާ، ހެއިލެވުނީދޯ.” ބިޝާރާގެ ކުރިމައްޗަށް އައިސް ޔަރަސް ހުއްޓި ވާހަކަދައްކަން ފެށިއެވެ. ބިޝާރާއަށް ހުރެވުނީއެވެ. ޔަރަސްގެ މޫނަށް ބަލާށެވެ. ބިޝާރާ ހުރީ ދެލޯ ބޮޑުވެފައެވެ. ބިރުގެންފައެވެ. ހައިރާންވެފައެވެ. “އަހަރެންދެކެ ބިރުނުގަނަބަލަ ޕްލީޒް. އަހަރެން ނޫޅެމޭ ބިޝާރާއަށް ގެއްލުމެއް ދޭކަށް.” ބިޝާރާ ހުރީ ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ.

“ބިޝާރާ. . . .” ޔަރަސް އޭނާގެ ދެއަތް އުފުލައިލިއެވެ. އޭނާގެ އިނގިލިތަކުން ބިޝާރާގެ މޫނުގައި ފިރުމާލިއެވެ. އެއަށްފަހު ބިޝާރާގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮށްޕާލިއެވެ. އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ފުރަގަހަރަށް ދޫކޮށްލިއެވެ.

“ތީ މިހާތަނަށް އަހަންނަށް ފެނުނު އެންމެ ރީތި ކުއްޖާ. ކުރިން އެކަން ފާހަގަ ނުކުރެވުނީ ކީއްވެގެންކަމެއް ނޭނގޭ.”

“އެކަމަކު އަހަންނަށް އެނގޭ އެއީ ކީއްވެގެންކަން. ކަލޭ އަހަރެންދެކެ ރުޅި އަންނާތީ. ހަނދާންވޭތަ އެހެން ބުނެވުނު ހަނދާން؟ އެއްވެސް މީހަކަށް އެމީހަކު އެހާ ރުޅިއަންނަ އެއްޗެއްގެ ރީތިކަން ދެނެގަންނާން އެނގޭނެތަ؟”

“ނޫން. ތިބުނީ ތެދެއް.” ޔަރަސް އެއްބަސްވިއެވެ. ބިޝާރާގެ އަތުގައި ހިފިއެވެ. “ހިނގާބަލަ ވަރަށް ހިތްގައިމު ތަނެއް ދައްކާނަން.” ވަރަށް ގާތްގޮތަކަށް ޔަރަސް ބުންޏެވެ. ބިޝާރާ ހުރީ ހައިރާންވެފައެވެ. ޔަރަސް އޭނާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން އޭނާ ދެކޮޅެއް ނުހަދައެވެ. ބިޝާރާ ހުރީ ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. ޔަރަސް އޭނާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށެވެ. ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެކަމަށެވެ. މިއީ ޔަރަސްގެ ޙީލަތްތެރި ރޭވުމުގެ ތެރެއިން ކަމެއް ނޫންބާއޭ ބިޝާރާގެ ހިތަށް އަރަމުންދިޔައެވެ. މިފަހަރު ދޭނީ ކިހާވަރެއްގެ އަނިޔާއެއްބާވައެވެ؟ ކުރިން އަނގަގަދަ ކޮށްފައިވުމުން އެކަމުގެ އަދަބެއްގެ ގޮތުން ދޫބުރިކޮށްލައި ލޭފޮދު އެއްކޮށް ބޮއެ ނުލާނެބާއެވެ؟

ބިޝާރާއަށް ނުވެސް އެނގިހުއްޓާ ބިޝާރާގެ އުނަގަނޑުގައި ޔަރަސް ވަރަށް ބާރަށް ހިފެހެއްޓިއެވެ. ދެން ފެނުނީ ބާރު ވައިރޯޅިއެއް ފަދައިން ބިޝާރާ ގޮވައިގެން ބިމުން މައްޗަށް އެރިތަނެވެ. ހަމައެއާއިއެކު ކޯރެއްގެ އައްސޭރިފަށަށް ތިކޮށްލިއެވެ. އެ ކުރު، އާދަޔާ ޚިލާފު ދަތުރުގައި ބިޝާރާއަށް އެއްވެސް ތަނެއް ފެންނަވަރެއް ނުވިއެވެ. ޔަރަސް އުދުހުނީ އެހައިވެސް ބާރަށެވެ. ދަތުރުގެ ދިގުމިނުގައި މިނިޓެއްވެސް ހޭދަނުވާނެކަން ބިޝާރާއަށް އަންދާޒާކޮށްލެވުނެވެ.

“ސަޅިތަ؟ މީ އަހަރެން ބުނިތަން!!” ޔަރަސް ވަރަށް ހަމަޖެހިލަމުން އެހިއެވެ.

“މީ ކޮންތަނެއް؟” އަނގައިން ކުޅުހިކިފައިވުމުން ބިޝާރާއަށް އަހައިލެވުނީ ހަމައެކަނި އެހެންނެވެ.

“މިއީ ކޯރެއްނު. މިތިބީ ކޯރެއްގެ އައްސޭރީގަ.” ޔަރަސް ހީނލަމުން ބުންޏެވެ.

“ކޮން ކޯރެއްހޭ މި އެހީ.”

“މިއީ ގަންގާ ކޯރު.”

ބިޝާރާ ވަށައިގެން ބަލައިލިއެވެ. ރީތި މަންޒަރުތަކެކެވެ. އުސް ފަރުބަދަތައް ފެންނަން ހުއްޓެވެ.

“ޔަރަސް؟”

“އޯތް؟”

“އަދިވެސް އަހަރެންގެ ގައިން ލޭ ބޯނަންތަ؟”

“ނުބޯނަމެކޭ ނުބުނާނަން. އަހަރެން ކޮންމެހެން ބިޝާރާއަށް ދޮގުހަދައި އޮޅުވާލާކަށް ބޭނުމެއްނޫން. އެކަމަކު މިވަގުތު އަހަރެން މިހުރީ ހަމަޖެހިފަ. ޤަބޫލުކޮށްފާނަންތަ، އަހަރެން ކުރިން ބިޝާރާއަށް އަނިޔާކުރިގޮތަށް ދެން އަނިޔާ ނުކުރާނެކަމަށް ބުނެފިއްޔާ؟ އަސްލު ވޭމްޕަޔަރުން އިންސާނުންގެ ގައިން ލޭ ބޯއިރު އިންސާނާއަށްވެސް ވަރަށް އަރާމާއި ލައްޒަތު ލިބޭނެ ގޮތެއް އޮވޭ. ބިޝާރާއަށް އެކަން އެނގޭތަ؟”

“އާން. އަހަރެން އަޑުއެހިން، – ސޮރީ، އަޑުއެހީކީ ނޫން. އެއްޗަކުން ކިއިން. އެކަމަކު އަހަރެން އޭރު މުޅިއަކުން ޤަބޫލެއް ނުކުރަން ވޭމްޕަޔަރުންނަކީ އުޅޭ ބައެއް ކަމަކަށް.”

“އެހެންތަ. އަސްލު އެވާގޮތަކީ އިންސާނުންގެ ތެރެއިން ވޭމްޕަޔަރަކާއި ދިމާވާ މީހަކަށް އެވާހަކަ އެހެން ބައެއްކައިރީ ދައްކާނެ ފުރުޞަތެއް ނުލިބޭނެ. އެހެންވީމަ ގިނަމީހުން ހީކުރަނީ އަހަރުމެންގެ ވާހަކައަކީ ފްލޯކެއްކަމަށް.”

ބިޝާރާ އޭނާގެ ބޮލުން އިސްތަށިކޮޅެއް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލިއެވެ. އެވަގުތު ޔަރަސް އެ އިސްތަށިކޮޅު ރިތިކޮށްލިއެވެ. ޔަރަސްގެ އަތް ބިޝާރާގެ ކަންފަތު ވޮށީގައި ޖެހިލިވަގުތު އޭނާއަށް ތެޅިގަނެވުނެވެ. އަނެއްކާވެސް އޭނާގެ ކަނދުރާ ދޮށަށް ހަމަލައެއް ދިނުމަށް ފަޅިސިކުންތެއްވެސް ނުނަގާނެކަން މިހާރު ބިޝާރާއަށް އެނގެއެވެ.

އެމީހުން އިރުކޮޅެއްވާންދެން އެތަނުގައި މަޑުކުރިއެވެ. ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެންމެފަހުން ބިޝާރާ ވާހަކަދައްކަން ފެށިއެވެ.

“ޔަރަސް؟”

“ކީކޭ، ބިޝާރާ؟”

” ޔަރަސް އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންކަން ބުނެދީފާނަންތަ؟ މިބުނީ އެހެން އިންސާނުންދެކެ ރުޅި ނާންނަވަރަށްވުރެން ބޮޑަށް. . . . އަހަރެންގެ ފަރާތުން ކޮން ކަމެއް ކުރެވިގެންތަ؟” ކޯރުގެ ތެރެއަށް އެޅިފައިވާ ހަނދުވަރުގެ އަލިކަމަށް ބިޝާރާ ބަލަންފެށިއެވެ. ޔަރަސް، ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާގެ ފުރަގަހުން ފެންނައިރު މާހިތްގައިމޭ އޭނާގެ ހިތަށް އެރިއެވެ. އާދަޔާޚިލާފަށް ލޫޅާފަތި، ބަނިޔާދަން ހަށިގަނޑެކެވެ.

“ބިޝާރާ އެއްވެސް ކަމެއް ކޮށްގެނެއްނޫން. ބިޝާރާ ފެނުމުން، އަހަންނާ ކައިރިވުމުން ނޭނގޭ ގޮތްތަކެއްވަނީ. އެހެން އިންސާނުންނާއިމެދު ދެކެވޭ ތަފާތު ގޮތަކަށް ބިޝާރާއާއި މެދު ނުދެކެވެނީ. ނޭނގޭ ކީއްވެކަމެއްވެސް. ބައެއްފަހަރު ހިތަށްއަރާ ބިޝާރާ އަހަންނަށް ޖާދޫއެއް ހަދައިގެން އެ ޖާދޫގައި ޖައްސަނީއޭވެސް. އެ ޖާދޫގައި ޖެހުމުން އަހަރެންގެ ބާރުވެރިކަންވެސް ހަނދާންނެތިގެންދޭ ބައެއްފަހަރު.” ޔަރަސްވެސް ކޯރާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ބިޝާރާގެ މޫނަށް ބަލަންފެށިއެވެ. އެ މަޑުމަޑު މޫނުން ޔަރަސް އަށް ހަނދާންވަނީ އޭނާގެ މަންމަގެ ސޫރައެވެ. ޔަރަސް އިންތިހާއަށް އޭނާގެ މަންމަދެކެ ލޯބިވިއެވެ. އެކަމަކު އެއީވެސް މިހާރު އިންސާނެއް ނޫނެވެ. އޭނާ ދުނިޔެއަށް ނޭވާލިތާ މާގިނައިރެއް ނުވަނީސް މަންމަ ގެއްލުނީއެވެ. އޭގެފަހުން އަދިވެސް މަންމައާއި ދިމައެއް ނުވެއެވެ. އެކަމަކު ބިޝާރާ އަކީ އަދިވެސް އިންސާނެކެވެ. އެހެން އިންސާނުންތަކެއް ޔަރަސް އަށް އެސްފީނާ ޖެއްސިގޮތަށް ބިޝާރާއަށްވެސް އެއްފީނާ ޖެއްސޭނެބާއެވެ؟

މިހެން ހިތަށް އެރުމާއިއެކު ސިންގާއެއްފަދައިން އަޑެއް ލައްވައިލިއެވެ. އެ އަޑު ނިކުތީ ކަރުގެ ވަރަށް އެތެރެއިންނެވެ. އޭނާގެ ދެލޮލުގެ ކުލަ ރަތްކުލައަށް ބަދަލުވެއްޖެއެވެ. ލޮލުކައިރީގައި އެތައްބައިވަރު ނަރުތަކެއް ފުއްޕާފައި ހުއްޓެވެ. ބިޝާރާ ދުއްވައިގަތުމަށް އަވަސްވެގަތެވެ. އެކަމަކު އޭގެކުރިން ޔަރަސް އޭނާ ހިފަހެއްޓިއެވެ.

“އަހަރެން ބުނީމެއްނު ކަލޭގެ ގައިން ލޭބޮއެ ހުސްކޮށެއް ނުލާނަމޭ!! އަހަންނަނީ ވޭމްޕަޔާއެއްވީމަ ބައެއްފަހަރަށް ބޭއިޚްތިޔާރުގަ އެކަހަލަ އަޑެއް ލައްވައިލެވެނިއޭ.” ޔަރަސް ހަމަޖެހުމަށް މަސައްކަތްކުރިއެވެ. އޭނާގެ ދެލޯވެސް އިހުހުރިގޮތަށް ބަދަލުވެއްޖެއެވެ.

“ތީ އެކަމަކު ވަރަށް ރުންކުރު ވޭމްޕަޔަރެއްދޯ.” ބިޝާރާ މަސައްކަތްކުރަމުންދިޔައީ ޔަރަސްގެ ކިބައިން ސަލާމަތްވުމަށެވެ. ކިތަންމެ ގަދަ ދައްކަމުން ދިޔަޔަސް ބިޝާރާ ތުރުތުރުއަޅަމުންދާތަން ޔަރަސް އަށް ފެނުނެވެ. ޔަރަސް ވަރަށް އާދައިގެ ގޮތަކަށް ޖަވާބުދިނެވެ. “ހުރިހައި ވޭމްޕަޔަރުންނަކީވެސް.” މިހެންބުނުމާއިއެކު ޔަރަސް ބިޝާރާގެ އުނގަނޑުގައި ހިފަހައްޓާފައި އުދުގަތެވެ. އަނެއްކާވެސް ހީވީ އެނބުރޭ ވައިރޯޅިއެއް މައްޗަށް އަރައިގެންދިޔަހެންނެވެ.

ޔަރަސްގެ ގޭގެ ބޮޑު ބެލްކަނިތެރެއިން ބިޝާރާ ހިނގަމުންދިޔައެވެ. އޭނާ މިހާރުހުރީ ލަދުރަކި ގޮތަކަށެވެ. ޔަރަސް ހުރީ ބިޝާރާގެ އަތުގައި ހިފަހައްޓައިގެންނެވެ.

“އަހަރެން ހީކުރީ ބިޝާރާ އަހަންނަށްވުރެން ވަރުގަދަވާނެކަމަށް.” ޔަރަސް ސަމާސާ ރާގަކަށް ބުނެލިއެވެ. “އަސްލުވެސް އަހަރެން ހީކޮށްގެން މިހުންނަނީ ތީ މީގެ އެތައް ޤަރުނެއްކުރިން ވޭމްޕަޔަރުން ނައްތާލާފައިވާ އިންސާނީ ދަރިފަސްކޮޅަކަށް ނިސްބަތްވާ ކުއްޖެއް ކަމަށް. އެހެންވެގެން އަހަރެން އެންމެ ފުރަތަމަ ދެ ރެއަކު އެއްކަލަ އަށިން ދިމާވެގެން ބިޝާރާދެކެ ބިރުވެސް ގަތް.” ޔަރަސް ބިޝާރާއާއި ދުރަށް ބަލައިލިއެވެ. މިފަހަރު ބިޝާރާ ވަރަށް ފަރުވާތެރިކަމާއެކު ޔަރަސް އަށް ބަލައިލިއެވެ. ޔަރަސް އެބުނި އެއްޗަކުން ޙަޤީޤަތުގައިވެސް އޭނާއަށް ޝޮކެއް ލިބުނެވެ.

“ތީ އެކަމަކު ވަރަށް ހެއްވާކަމެއް. ދެން ކީއްވެ ކަލޭ އަހަރެން އަތުލައިގަނެގެން އަޅެއްގެ ގޮތުގަ ގެންގުޅެން ތިއުޅެނީ؟”

“ބައެއްފަހަރު އަހަރެން ހިތަށް އަރާ ބިޝާރާގެ ފަހަތުން ދުވެގެން އަތުލެވުނުނަމައޭ – އަދި ބިޝާރާ އަހަރެން ކައިރިއަށް އެގޮތަށް އަންނަންފެށުމުން ދެން ހިތަށްމިއަރަނީ ބިޝާރާ ޤަސްދުގަ މަގޭ އަތްދަށުވެ، އަހަރެންގެ ޢާއިލާ ނެތިކޮށްލަން އުޅެނީކަމަށް.”

ބިޝާރާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބުނާނެ އެއްޗެއް އޭނާއަށް ނުވެސް އެނގުނެވެ. ހުރެވުނީ ތަންމިނަށް އަނގަ ހުޅުވިފައެވެ. އޭނާއަށް އެނގިފައިވާގޮތުން އޭނާ އަކީ ހަމަ އާދައިގެ އިންސާނެކެވެ. އެކަމަކު ޔަރަސް، އެހެން ހުރިހައި ވޭމްޕަޔަރުން ބިރުގަންނަފަދަ ވަރުގަދަ ވޭމްޕަޔަރެއް އޭނާދެކެ ބިރުގަންނަ ވާހަކަ ބުނުމުން ހައިރާންނުވާނީ ފަހެ ކާކުހެއްޔެވެ؟

“އަހަރެން ބޭނުންނަމަ އެއްކަލަރޭ، އެ ރުއްގަނޑުތެރެއިން ކަލޭގެ ލޭބޮއެ ހުސްކޮށްލެވެން އޮތް. އެކަމަކު އަހަރެން ބިޝާރާގެ ލޭގެ ރަހަ އެންމެ ފުރަތަމަވެސް ބަލައިލުމާއިއެކު އެނގިއްޖެ ތި ލެއަކީ އެއްފަހަރުން ބޮއެ ހުސްކޮލަންވާވަރަށްވުރެން އަގުހރި ލެއެއްކަން. އަހަރެންގެ ގެއަަށް ބިޝާރާ ގެނައީ ހިލިހިލާ ޖަހާފަ ޤައިދުކޮށްފަ ބައިންދަން. އަހަރެން ގެންގުޅޭ އެހެން އަޅު އިންސާނުން ޤައިދުކޮށްފަވާ ޤާއިދުޚާނާގަ. އެތަނުގަ ކަލޭ ބަންދުކޮށްފަ ބެހެއްޓުމުން އަހަންނަށް ގޯނާއެއް ނުދެވޭނެކަން އެނގޭތީ އެހެން ހަދަން ހިތަށް އެރީ. އަދި އެތަނުން ބިޝާރާ އަނގައިންބުނެ ވާހަކަދައްކާނެ ދެވަނަ މީހަކު ފެންނަން ނުހުންނާނެތީ ޔަޤީންވި ބިޝާރާގެ އެއްވެސް ބާރެއް އަހަންނަށް ފޯރުވޭނެ ގޮތެއް ނޯންނާނެކަން.”

ބިޝާރާ އަދިވެސްހުރީ ބަސްހުސްވެފައެވެ. ބުނާނެއެއްޗެއް ނޭގިފައެވެ. ހައިރާންވެ އަންތަރީސްވެފައެވެ. ޔަރަސްވެސް ހަމަހިމޭންވިއެވެ.

ފިނި ވައިރޯޅިއެއް އައިސް ޖެހުމުން ބިޝާރާ ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާ ލައިގެން ހުރި ތުނި ހެދުމުގެ މަތީބައި ވަޔާއި ހޫރެން ފެށިއެވެ. އެވަގުތު ޔަރަސް ލައިގެންހުރި ގަމީސް ބާލައި ބިޝާރާގެ ދެކޮނޑުގައި އަޅުވާލިއެވެ. ޔަރަސް އާއި ދިމާއަށް ބިޝާރާ ބަލައިލިއެވެ. އޭނާގެ ކިބައިން ބައެއްފަހަރަށް އެފެންނަ އޯގާތެރިކަމާއިމެދު ވިސްނާލިއެވެ. ޔަރަސް، ބިޝާރާގެ ދެލޮލަށް ބަލައިލިއެވެ. އެއަށްފަހު އޭނާއަށް މީގެ އެއްހާސް އަހަރުކުރިން ކުރިމަތިވި ސުންޕާ އެސްފީނާގެ ވާހަކަ ކިޔައިދޭންފެށިއެވެ.

ނުނިމޭ

އެއްހާސް އަހަރު – 19

ސުންޕާ އެސްފީނާ

“އަހަރެން އުފަންވީ ވަރަށް ކުރީ ޒަމާނުގަ އިންޑިޔާގެ އަވަށް ގަނޑަކަށް. އޭރު އޮންނަނީ އެކިއެކި ޤަބީލާތަކަށް ބެހިފަ.” ބިޝާރާގެ އަތުގައި ހިފަމުން އޭނާ ގޮވައިގެން ޔަރަސް އެތެރެއަށް ވަދެއްޖެއެވެ. އެމީހުން ތިބީ އަގުބޮޑު ކޮޓަރިއެއްގައެވެ. ކޮޓަރީގައި ލާފައިވާ ގަދަ ނޫކުލައިގެ ސަބަބުން ހީވަނީ އެ ނޫކަމުގެ ތެރެއަށް ޣަރަޤުވެގެން ހިނގައިދާނެހެންނެވެ. ކޮޓަރީގައި ހުރި ގޮނޑިއެއްގައި ބިޝާރާ އިށީންނުމަށް ޔަރަސް އިޝާރާތްކުރިއެވެ. ބިޝާރާ އިށީންނިއެވެ. ވެގެން އުޅޭގޮތެއް، ވާން އުޅޭގޮތެއް، ޔަރަސް ދައްކަންއުޅޭ ވާހަކައެއް ނޭނގި ހައިރާންވެހުރެ ބިޝާރާ އިށީންދެއްޖެއެވެ. ކޮޓަރީގައިހުރި އަލިފާންރޯކުރާ ދުންހޮޅިތެރޭގައި ޔަރަސް އަލިފާން ރޯކުރިއެވެ. ބިޝާރާއަށް ފިނިން ސަލާމަތްކަން ހޯދައިދިނުމަށެވެ. އަލިފާނުގެ އަލިކަމުން ޔަރަސްގެ މޫނަށް ވަނީ އޮރެންޖު ކުލައެޅިފައެވެ. އޭނާ އަޅައިގެން ހުރި ބެލްޓްގެ ސްޓީލްބައި ވިދަމުންދިޔައެވެ. ބިޝާރާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޔަރަސްވެސް އިށީންދެއްޖެއެވެ. އޭރުވެސް ޔަރަސްގެ ގަމީސް އޮތީ ބިޝާރާގެ ކޮނޑުގައި އަޅުވައިލި ގޮތަށެވެ. އެ ގަމީހުން ޔަރަސް ޖަހާ ވަރުގަދަ ސެންޓްގެ ވަސް ކިތަންމެހައިވެސް ރަނގަޅަށް ދުވަމުންދިޔައެވެ. އެކަމަކުވެސް އެއީ ވަރަށް ހިތްގައިމު ވަހެއްދުވާ ސެންޓެކެވެ. މިހައިތަނަށް އެފަދަ މީރުވަސްދުވާ ސެންޓެއްގެ ވަހެއް ބިޝާރާއަށް ތަޖުރިބާކުރެވިފައެއް ނުވެއެވެ. އެވަސްދުވަން ފެށުމުން ބިޝާރާ ހައިރާންވާ އެހެންކަމެއްވެސް އެބައޮތެވެ. ޔަރަސް ފަދަ، އިންސާނުންގެ ގައިން ލޭ ބޮއެގެން އުޅޭ މަޚުލޫޤެއް މިހާރު ވާހަކަ އެދައްކާހައި މަޑުމޮޅިކޮށް ވާހަކަދައްކަންފެށުމެވެ. އެ މަޑުމޮޅި ވާހަކަތައް، އެ ހިތްގައިމު ސެންޓްގެ ވަހާއިއެކު އައިސް އޭނާގެ ހަށިގަނޑަށް ވަންނަން ފެށުމުން ބުނަން ނޭނގޭ އިޙްސާސްތަކެއް ކުރެވެމުންދިޔައެވެ.

“މިބުނި ޤަބީލާ ތަކުގެ ތެރެއިން އެއް ޤަބީލާއަކީ ހަމަ އިންސާނުންގެ ޤަބީލާއެއް. ނަމަވެސް އެއީ އާދައިގެ އިންސާނުންނަށް ލިބިފައި ނުވާފަދަ އާދަޔާ ޚިލާފު ގަދަ ބާރެއް ލިބިފައިވާ ބައެއް. އޭރު ދުނިޔޭގައި އުޅުނީ ވަރަށް މަދު ވޭމްޕަޔަރުންކޮޅެއް. ޚާއްޞަކޮށް އިންޑިޔާގަ ވޭމްޕަޔަރުންގެ އާބާދީ، އަތުގެ އިނގިލިތަކުން ގުނާލެވޭހައި މަދުވާނެ. އޭރު އުޅުނު ވޭމްޕަޔަރުން ބޭނުންވީ ކުރިން މިބުނި ޤަބީލާގެ މީހުން މިދުނިޔެއިން އެއްކޮށް ފޮހެލުމަށް. އެކަމަށްޓަކައި ވޭމްޕަޔަރުން، އެ އިންސާނުންނާއި ހަނގުރާމަ ކުރުމަށް ނިންމި.”

އޭރު ހިނގި ހަނގުރާމައިގެ ވާހަކަތައް ބިޝާރާއަށް ޔަރަސް ކިޔައިދިނެވެ. ހަނގުރާމަ ކުރެވުނު ގޮތެވެ. އޭގެ އާޚިރު ނަތީޖާއެވެ. އެތައް ބައިވަރު ވޭމްޕަޔަރުންނާއި އިންސާނުން މިދުނިޔެ ދޫކުރަން ޖެހުނެވެ. އެއީ އެއް އަހަރަށް ދެމިގެންދިޔަ ސިއްރުވެރި ހަނގުރާމައެކެވެ. އެންމެފަހުން ވޭމްޕަޔަރުންގެ ކޮޅު ގަދަވާންފެށިއެވެ. ޔަރަސްގެ ބައްޕައަށް އޭނާގެ މަންމައާއި ބައްދަލުވީ އެހިސާބުންނެވެ.

ޔަރަސްގެ ބައްޕައަކީ އޭރު ޒުވާން ވޭމްޕަޔަރެކެވެ. ހަނގުރާމަ ފެށުނުއިރު އެއީ އިންސާނެކެވެ. ވޭމްޕަޔަރުންގެ އަތްދަށުވިޔަސް އޭނާއަށް ކުރިމަތިލާންޖެހުނީ މަރަށްވުރެން ނުރައްކާތެރި ކަމަކާއެވެ. އޭނާއަށް ލިބިފައިވާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަންދަނެ، ވޭމްޕަޔަރުން ބޭނުންވީ އޭނާ ވޭމްޕަޔަރަކަށް ބަދަލުކޮށްލުމަށެވެ. އޭނާގެ އަސްލު ދިރިއުޅުމުގެ ޙަޔާތުން އަލްވަދާޢުކިޔަސް ދެން ޖެހުނީ ފަސޭހައިން މަރުނުވާ ދިރިއުޅުމެއް ތަޖުރިބާކުރާށެވެ. ނަމަވެސް ޔަރަސްގެ ބައްޕައަށް އިންސާނުންނާއި މަސްހުނިނުވެ އުޅެން ދަތިވިއެވެ. ޔަރަސްގެ ބައްޕަ އަރުޖުން ސިންގް ބޭނުންވީ އިންސާނުންނާއި ގުޅިގެން އުޅޭށެވެ.

އޭރު އުޅުނު އާދަޔާ ޚިލާފު އިންސާނީ ޤަބީލާތެރޭގައި ސަތާރައަހަރަށްދާ ޒުވާން އަންހެންކުއްޖެއް އުޅެނެވެ. ބަންޖާރައިންގޮތަށް ދިރިއުޅެމުންދިޔަ އެ ޤަބީލާ އޭރު މަޑުކޮށްގެންތިބީ ފަރުބަދަތަކުގެ ހޮހޮޅަތަކެއްގެ ކައިރީގައެވެ. އެ އަންހެންކުއްޖާ ރައްކާކޮށްފައިވަނީ އެތަނުން ފަރުބަދައެއްގެ ފުން ހޮހޮޅައެއްގެ ތެރޭގައެވެ. އެ އަންހެންކުއްޖާއަކީ އެ ޤަބީލާގެ ސަރުދާރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ސަބަބާއިހުރި ސަރުދާރު ބޭނުންވީ އޭނާގެ ދަރިފުޅު ކޮންމެގޮތަކުންނަމަވެސް ހިމާޔަތްކޮށްގެން ގެންގުޅުމަށެވެ. އޭރު އިންސާނުން ބަލިވަމުންދިޔުމުން ސަރުދާރު ބޭނުންވީ އެހެން ހިސާބަކަށް އޭނާގެ ދަރިފުޅު ގެންދިއުމަށެވެ. ނަމަވެސް އެކަން ނުވެގެން އުޅެނިކޮށް އަރުޖުން އޭނާގެ ލަޝްކަރާއިއެކު އެހިސާބަށް އައިސް ވަށާލިއެވެ. އެމީހުންގެ ކުރިމައްޗަށް އެރިއްޔާއެރި އިންސާނެއް މަރައި ހުސްކުރިއެވެ. ވޭމްޕަޔަރުން އެ ސަރަޙައްދު ވަށާލީ ހުރިހައި ފަރާތަކުންނެވެ. އަރުޖުން އަކީ ހަނގުރާމައާއި ހެވިކަމަށް މޮޅު މީހެއްކަމުން އޭނާއަކީ ވަރުގަދަ ކޮމާންޑަރެކެވެ.

އެންމެފަހުން އެމީހުންނަށް، ހޮހޮޅައިގެ އެންމެ އެތެރެއަށް ވާސިލްވެވިއްޖެއެވެ. ސަރުދާރުގެ އަންހެންދަރިފުޅު ރައްކާކޮށްފައިހުރި ހިސާބަށެވެ. ހޮހޮޅަތެރޭގައި ޖަހާފައިހުރި ފޭލިގެއެއްގައި ސަރުދާރުގެ އެންމެ އަރިސް ހަށިފާރަވެރިންނާއިއެކު އެ އަންހެންކުއްޖާ އިންދާ ފެނުނީ ޚުދު އަރުޖުން އަށެވެ. އަރުޖުންއަށް ސަރުދާރުގެ ދަރިފުޅު ޔާސްމީން ފެނުނު ހިނދު އެންމެ ފުރަތަމަ ނަޒަރުން އޭނާގެ ހިތް ޔާސްމީންއަށް ދެވުނެވެ. އޭނާގެ މޫނުވަނީ އުއްބައްތިއެއްގެ އަލިން ވިދަވިދައެވެ. އެ މޫނުމަތިން ބިރުގެ އިޙްސާސް ފެންނަމުންދިޔައެވެ. އޭނާގެ ބައްޕަގެ ހުރިހައި ހަނގުރާމަވެރިން ހޮހޮޅައިގެ ބޭރުގައި ތިއްބާ އެތަނަށް ވަދެގެން އާދެވޭނީ ކިހިނަކުންކަން ޚުދު ޔާސްމީންއަށް އަންދާޒާކުރެވުނެވެ. އަރުޖުން، ޔާސްމީންއާއި ކުރިމަތިލީ އޭނާވެސް މަރައިލުމަށެވެ. ނަމަވެސް ޔާސްމީން އާދޭސްކުރަންފެށިއެވެ. ޔާސްމީން އާދޭސްކުރީ އޭނާގެ ފުރާނަ ސަލާމަތްކުރުމަކަށް ނޫނެވެ. އޭނާ އާދެސްކުރީ އޭނާގެ ޤަބީލާ އެއްކޮށް ފޮހެނުލުމަށް އެދިއެވެ. އެއީ އޭނާގެ ބައްޕަގެސް އެންމެ ބޮޑު އެދުމެވެ. އެ ޚާއްޞަ އިންސާނީ ދަރިފަސްކޮޅުގެ އަސަރު މިދުނިޔެއިން އެއްކޮށް ފޮހިގެން ނުދިޔުމެވެ. އެހެންކަމުން ޔާސްމީން ރޮއެ ސަލާންޖަހައި އާދޭސްކުރީ އެމީހުންގެ ތެރެއިން އެންމެ އިންސާނެއް ނަމަވެސް މަރައިނުލައި ބަހައްޓައިދިނުމަށެވެ. ޔާސްމީން އެގޮތަށް ސަލާންޖަހަމުންދިޔައިރު އަރުޖުންގެ ހަނގުރާމަވެރިން ގެންދިޔައީ އެ ހޮހޮޅަ ތެރޭގައިތިބި އިންސާނުންތައް މަރަމުންނެވެ. އެމީހުން ޔާސްމީންގެ ބައްޕަވެސް މަރައިލިއެވެ. ހުރިހައި ހަށިފާރަވެރިންގެ ވަސްވެސް ދުއްވައިލިއެވެ. ނަމަވެސް ބައެއްމީހުން ހޮހޮޅަތެރެއިން ނިކުމެގެންގޮސް ރޭގަނޑުގެ އަނދިކަމުގެ ހިމާޔަތާއިއެކު ރައްކާވެވުނެވެ.

އަރުޖުން، ޔާސްމީން އުފުރައިލިއެވެ. އެހެން ވޭމްޕަޔަރުނާއި ދުރަށް ގެންދިޔައެވެ. އޭނާގޮވައިގެން އަރުޖުންގޮސްވަނީ ބިޔަބޯ ޖަންގަލީގެ ތެރެއަށެވެ. ޔާސްމީން މަރައިނުލައި ދޫކޮށްލަދޭނެކަމަށް ވަޢުވަމުންނެވެ. ޔާސްމީން އެކަމާ އުފާކޮށް ޝުކުރުވެރިވިއެވެ. އޭނާގެ ނަފުސު، އަރުޖުންއާއި ޙަވާލުކުރިއެވެ. އަރުޖުންގެ އަޅެއްގެ ގޮތުގައި ހުރުމަށެވެ. ދުވަސްކޮޅެއްފަހުން އަރުޖުންއަށް ޔާސްމީންދެކެ ލޯބިވެވިއްޖެއެވެ. ޚުދު ޔާސްމީންއަށްވެސް އަރުޖުންދެކެ އިންތިހާއަށް ލޯބިވެވުނެވެ. އެންމެފަހުން އެމީހުން ކައިވެނިކުރިއެވެ. ޔާސްމީން ވޭމްޕަޔަރަކަށް ބަދަލުކުރަން އަރުޖުން ނިންމި ނަމަވެސް، އެކަން ނުކުރެވިގެން އުޅެނިކޮށް ޔާސްމީން ބަލިވެއިނދެއްޖެއެވެ.

އެމީހުން ބޭނުންވީ ކޮންމެ ގޮތެއްވިޔަސް، އެ ދަރިފުޅު ދުނިޔެއަށް ގެނައުމަށެވެ. ނަމަވެސް އެއީ މީގެ ކުރިން ހިނގާފައިވާ ކަމެއްނޫނެވެ. އެއްވެސް ވޭމްޕަޔަރަކު، އިންސާނަކާއިއެކު ގުޅުން ހިންގައި އެގުޅުމުން ލިބޭ އެއްބައި އިންސިއެއް، އަނެއްބައި ވޭމްޕަޔަރެއްގެ ގޮތުގައި ދަރިޔަކު އުފަންވިޔަދީފައެއް ނުވެއެވެ. އެހެން ވެއްޖެނަމަ ކަންތައްތައް ވާނެގޮތެއް އަރުޖުންއަކަށް އެނގިފައެއްވެސް ނުވެއެވެ. އުފަންވާ ދަރިފުޅު ވާނީ ވޭމްޕަޔަރަކަށް ކަމެއް ނުވަތަ ނޫންކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ. އެހެންކަމުން އެމީހުން ނިންމީ އެކަން ސިއްރުކުރުމަށެވެ. އެމީހުން ދަރިފުޅު އުފަންވުމުން ވޭމްޕަޔަރުންގެ ގާތަށް އެނބުރި ދިއުމަށް ނިންމިއެވެ.

ނަމަވެސް އެމީހުންގެ އެ ސިއްރު މާގިނަ ދުވަހު ހިފެހެއްޓޭގޮތެއް ނުވިއެވެ. އެމީހުން ފަޅައިއަރައި ހާމަވެއްޖެއެވެ. ޔާސްމީންގެ ޤަބީލާއިން ސަލާމަތްވި މަދު މީސްކޮޅަށް އެކަން އެނގިއްޖެއެވެ. ޔާސްމީން ލޭބަލްކުރެވިގެންދިޔައީ އޭނާގެ ޤަބީލާއަށް ގައްދާރުވި ޚާއިނެއްގެ ގޮތުގައެވެ. އޭނާ އެ ކުރީ އެ ޤަބީލާގެ މީހުން ހިތަށްވެސް ނާރާފަދަ ބޮޑު ފާފައެއްކަމަށް އެމީހުން ބުންޏެވެ. އޭނާ ކައިވެނިކޮށް ދަރިފަސްކޮޅެއް ހޯދުމަށް އެ ނިންމީ އެމީހުންގެ ދުޝްމިނަކާއި އެކުގައެވެ. އެ ދުޝްމިނަކީ އެމީހުންގެ ޤަބީލާގައި ހިމެނޭ އެ އަގުހުރި ދަރިކޮޅު އެއްކޮށް ނެތިކޮށްލުމަށް ކަމަރުބަނދެލި ނުލަފާ ކޮމާންޑަރެވެ. އެހެންކަމުން އެ ޤަބީލާގައި ބާކީތިބި މީސްކޮޅު ނިންމީ ވަރުގަދަ ކިޔެވެއްޔެއް ކިޔަވައި ވަރުގަދަ އެތިފަހަރެއް ހެދުމަށެވެ. ޔާސްމީންގެ ބަނޑުން އުފަންވާ ދަރިޔަށް ވަރުގަދަ އެސްފީނާއެއް ޖެއްސުމަށް ކިޔެވުމަށެވެ. އެ ދަރިޔަކީ އެއްބައި އިންސާނެއް، އަނެއްބައި ވޭމްޕަޔަރެއްކަމަށް ވާނެތީއެވެ.

އެންމެފަހުން ޔާސްމީންގެ ބަނޑުން ޔަރަސް އުފަންވިއެވެ. ފެންނަ ފެނުމަށް އެއީ ހަމަ އާދައިގެ އިންސާނެކެވެ. ސިއްޙަތު ރަނގަޅު މަޢުސޫމު ފުރާނައެކެވެ. ނަމަވެސް އޭނާގެ މަންމައަށް ލިބިފައިވާ ޚާއްޞަ ބާރާއި އޭނާގެ ބައްޕަގެ ވޭމްޕަޔަރ ލޭގެ ސަބަބުން ޔަރަސް ވެގެންދިޔައީ އާދަޔާޚިލާފް ގަދަ ބާރެއް ލިބިފައިވާ ވޭމްޕަޔަރަކަށެވެ. ޔާސްމީންގެ ޤަބީލާގެ މީހުންނަށް ލިބިފައިވާ ބާރުވެރިކަމަށްވުރެންވެސް ގަދަފަ ބާރެއްހުރި އިންސާނަކަށެވެ. ޔަރަސްއަށް ލިބިފައިވާ ބާރުވެގެންދިޔައީ ޚުދު ޔާސްމީންއާއި އަރުޖުންއަށްވެސް ހައިރާންކަން ގެނުވި ބާރަކަށެވެ. އަލިފާނަކީ އިންސާނުންނާއި ވޭމްޕަޔަރުންނަށްވެސް ނުރައްކާ އެއްޗެކެވެ. ނަމަވެސް ޔަރަސްއަށް އެ އަލިފާންވެސް ވެގެންދިޔައީ އޭނާއަށް ލިބުނު ޚާއްޞަ ބާރަކަށެވެ. ޚާއްޞަ ހަދިޔާއަކަށެވެ.

އެންމެފަހުން އަރުޖުންއަށް މަޖުބޫރުވެގެން ޔާސްމީންވެސް ވޭމްޕަޔަރަކަށް ބަދަލުކުރިއެވެ. ޔާސްމީން ބަދަލުނުކުރުމަށް އެދި ވަރަށް ރޮއެ އާދޭސްކުރިއެވެ. ޔާސްމީން ބޭނުންވީ އަބަދަށް އަރުޖުންގެ އަންބެއްގެ މަޤާމުގައި ހުރުމަށެވެ. އޭނާ ވޭމްޕަޔަރަކަށް ބަދަލުވުމުން އަރުޖުންގެ އަންބެއްގެ މަޤާމު ގެއްލޭނެކަން އެނގެއެވެ. އެއީ ވޭމްޕަޔަރުންގެ ދުސްތޫރުގައި ވާގޮތެވެ.

ޔަރަސް ބޮޑުވަމުން ދިޔައެވެ. ނަމަވެސް އުމުރުން ފަންސަވީހަށް އެޅުމަށްފަހު އެއްވެސް ވަރަކަށް ހެދިބޮޑެއް ނުވިއެވެ. ހުރިހައި ގޮތަކުންވެސް އޭނާއަކީ ވޭމްޕަޔަރެއްކަން ކަށަވަރުވީ އެހިސާބުންނެވެ. އޭނާގެ ޅަ އުމުރުގައި އޭނާއަށް ލިބިފައިވާ ޚާއްޞަ ބާރުތައް ދަސްވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ބާރުތައް އޭނާ ބޭނުންކުރަންފެށީ އެއްވެސް ހަމައެއް ލަމައެއް ނެތިއެވެ. ނަމަވެސް އޭނާގެ މަންމަ ދެކެ އިންތިހާއަށް ލޯބިވިއެވެ. ޔަރަސް އުފަންވި ގޮތުގެ ވާހަކަތައް އޭނާގެ މަންމަ ވަރަށް ގިނައިން ކިޔައިދީ އުޅުނެވެ. އެންމެފަހުން އޭނާއަށް ޖެހިފައިވާ ސުންޕާ އެސްފީނާގެ ވާހަތައްވެސް ކިޔައިދިނެވެ. ޔަރަސް ވަރަށް ބޮޑަށް ރުޅިއައެވެ. އޭނާގެ މަންމައަށް އުޅެވުނުގޮތުގެ ސަބަބުން އެ ލޯބިވާ މަންމެގެ ކިބައިން ބަދަލުހިފުމަށް އެ މަންމަގެ ޤަބީލާގެ މީހުން ކުރިކަންތަކާ އިންތިހާއަށް ރުޅިއައެވެ. އެންމެފަހުން އޭނާ ނިންމީ އެންމެންނާއި ވަކިން، އެކަހެރި ދިރިއުޅުމެއް އުޅުމަށެވެ. ހުރިހައި އިންސާނުންނާއިމެދުވެސް އޭނާ ދެކެންފެށީ އެއީ އޭނާގެ މަންމައަށް އެސްފީނާޖެއްސި ޤަބީލާގެ މީހުންގެ ގޮތުގައެވެ. އެއްވެސް އިންސާނަކީ ވަކިން ސަހަލު މީހެއް ނޫންކަމަށް އޭނާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެ އެންމެންނަކީވެސް އޭނާގެ މަންމައަށް އެސްފީނާ ޖެއްސި ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.

ނަމަވެސް ޙަޤީޤަތަކީ އެއެއް ނޫނެވެ. އޭނާގެ މަންމައަށް އެސްފީނާ ޖެއްސި ޤަބީލާގެ މީހުން، ޔަރަސްއަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތްވެވޭނެ ގޮތްވެސް ބުނެދިނެވެ. އެއީ އިންސާނަކާއި ލޯބީގެގޮތުން ގުޅި، އޭނާގެ އަތްބެއްގެ މަޤާމަށް އެ އަންހެންކުއްޖާ ގެނައުމެވެ. ނަމަވެސް އެ އަންހެންކުއްޖާވެސް އޭނާދެކެ ޙަޤީޤީ ލޯބިވުން ލާޒިމެވެ. އެ ލޯބީގެ ގުޅުމާއިއެކު އެމީހުން ވޭމްޕަޔާ ކުއްޖެއް ދުނިޔެއަށް އުފަންކުރުވާން ޖެހެއެވެ. ޔަރަސް އިންސާނުންދެކެ އަންނަ ރުޅި ދުވަހެއް ދުވަހަކަށް ގަދަވާނެކަން އެ ޤަބީލާގެ މީހުންނަށް އެނގެއެވެ. އެހެންކަމުން އެމީހުން ޔަރަސްއަށް މުހުލަތެއް ދިނުމަށް ނިންމިއެވެ. އެއީ އެއްހާސް އަހަރުގެ މުހުލަތެކެވެ. ޔަރަސްގެ މަންމަ، ޔަރަސް އިންސާނުންދެކެ ކުރަމުންދިޔަ ނަފުރަތު ނައްތައިލުމަށް ޔަރަސްގެ މަންމަ އެއްވެސް ވަރުބަލިވުމެއްނެތި ވަރަށް މަސައްކަތްކުރިއެވެ. ވަރަށް ނަސޭހަތްދިނެވެ. އިންސާނުންނަށް މަޢާފްކުރުމަށް އެދުނެވެ. ޔަރަސް އޭނާގެ މަންމަގެ ހުރިހައި އެދުމެއް ފުއްދައިދެމުން ދިޔަނަމަވެސް އެކަމަކާ އެއްބަހެއް ނުވިއެވެ. އެ ޤަބީލާގެ މީހުންނަށް އެމީހުންގެ ސަރުދާރުގެ އަންހެންދަރިފުޅު ޔާސްމީންގެ ބޯހަރުކަން ފިސާރި ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެ ބޯހަރުކަން ޔަރަސްގެ ގައިގައިވެސް ހުންނާނެކަން އެމީހުންނަށް އަންދަޒާ ކުރެވިފައިވެއެވެ. އޭނާއަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތްވެވޭނެ ގޮތެއް އޮތް ނަމަވެސް އޭނާ ގޮތްދޫނުކޮށް ހިފަހައްޓާނެކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން ޔަރަސް  އިންސާނުންނާއިމެދު ކުރަމުންއައި ނަފުރަތަށް ބަދަލެއް އައުމަށްވުރެން ނައުން ގާތްކަމަށް އެމީހުން ނިންމިއެވެ.

‘އެއްހާސް އަހަރު ފަހުން ދެންވާނީ ކިހިނެތް؟’ ހައިރާންކަމާއިއެކު ބިޝާރާ ޔަރަސްއާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ‘ޔަރަސް މިހުރިހައި ވާހަކައެއް އަހަންނަށް އެ ކިޔައިދެނީ ކީއްވެގެންބާވައެވެ؟ ގައިމު އެއީ އޭނާގެ ޙަޔާތުގެ އެންމެ ބޮޑެތި ސިއްރުތަކެވެ. އެ ސިއްރުތައް ހާމަވެއްޖެނަމަ ކޮންމެފަދަ ކަންތައްގަނޑެއްވެސް ކުރިމަތިވެދާނެފަދަ ނުރައްކާތެރި ވާހަކަތަކެއްވިއްޔާއެވެ.’

އެންމެފަހުން ޔަރަސްއަށް ޖެހިފައިވާ އެސްފީނާގެ އެންމެ ނުރައްކާތެރި ހިސާބު ހިއްސާކުރިއެވެ. އެއްހާސް އަހަރު ނިމޭއިރު ޤަބީލާގެ މީހުން ބުނިފަދައިން ކަންކަން ނުވެއްޖެނަމަ ދެން ކަންތައް ވެގެންދާނެ ގޮތުގެ ވާހަކައެކެވެ. އޭރުން އޭނާގެ ބާރު ކެނޑެން ފަށާނެއެވެ. ބަލިކަށިވާން ފަށާނެއެވެ. ޔަރަސް ހުލިވެގެންދާނެއެވެ. އޭނާގެ ވޭމްޕަޔާ ހަށިގަނޑަށް އަސްލު މަރާއި ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް އެއީވެސް އޭނާގެ ހަށިގަނޑުގެ ދިރުން ނެތިގެންދާނެ ހިސާބެއް ނޫނެވެ. އެ ހަށިގަނޑުގައި ވިންދު ޖަހާނެއެވެ. އިޙްސާސްތައް ކުރެވޭނެއެވެ. އޭނާގެ ހަށިގަނޑުތެރޭގައި އޭނާގެ ފުރާނަ ޤައިވެފައި އޮންނާނެއެވެ. އެ ހަށިގަނޑު ކުނިވެ ފުޅައެޅިނަމަވެސް އެއްކޮށް ނެތިގެނެއް ނުދާނެއެވެ.

************************************

ޔަރަސްގެ ވާހަކަތައް ނިމުމުން ބިޝާރާ އަލިފާންގަނޑާއި ދިމާއަށް ބަލަންފެށިއެވެ. ޔަރަސް ބިޝާރާއަށް ގޮވައިލިއެވެ. އޭނާއާއި ދިމާއަށް ބަލައިލުމަށް އެދުނެވެ. ޔަރަސް ބޭނުންވީ ބިޝާރާގެ މޫނުގެ ކުލަވަރު ބަލައިލާށެވެ. އޭނާގެ ހަޔާތުގެ ހިތްދަތި ކަންތައްގަނޑު އެނގުމުން ބިޝާރާއަށް ކުރީ ކޮން އަސަރެއްތޯ ބެލުމަށެވެ.

ޔަރަސްއާއި ދިމާއަށް ބިޝާރާ ބަލައިލިއެވެ. ބިޝާރާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

ނުނިމޭ

އެއްހާސް އަހަރު – 20

ޖެހިގެން ހުރި ކޮޓަރިއަށް ޔަރަސް ވަނެވެ. ހަމައެއާއިއެކު އެކޮޓަރިން ނުކުމެ ބެލްކަންޏަށް ނުކުމެއްޖެއެވެ. އޭރު އުދަރެސް އަލިވާން ފަށައިފިއެވެ. އޭނާ ކޮޓަރިއަށްވަދެ އެހެން ޖެކެޓެއް ލައިގެން އައިކަން ބިޝާރާއަށް ފާހަގަކުރެވުނެވެ. ކުރިން އަރައިގެންހުރި ބޫޓްވެސް ވަނީ ބަދަލުކޮށްފައެވެ.

އިރުކޮޅެއްފަހުން ޔަރަސްގެ ފަހަތުން ބިޝާރާ ހިނގަން ފެށިއެވެ. ފުރަގަހުން އޭނާއާއި ދިމާއަށް ބިޝާރާ ބަލަމުން ގެންދިޔައެވެ. ޔަރަސް ބަލަމުން ގެންދިޔައީ އުޑުމައްޗަށެވެ. އޭރު ތަރިތައްވެސް މަޑުމަޑުން އޮއްސެމުންދަނީއެވެ.

ޔަރަސްގެ ނަޒަރު ހުއްޓިފައިވަނީ އުދަރެހަށެވެ. ޖެހެމުންދިޔަ މަޑު ރޯޅިއާއެކު އޭނާގެ އެންދެރި ކަޅުކުލައިގެ އިސްތަށިކޮޅު ނަށަމުންދިޔައެވެ. ބިޝާރާއަށް މިހާރު ފެންނަން ހުރީކީ މީގެ އެއްދުވަސްކުރިން އޭނާއާއި ދިމާވި ވޭމްޕަޔާއެއް ނޫނެވެ. ފެންނަ ފެނުމުން މިހާރު ޔަރަސް މާ ފުރަޖާއްޔެވެ. މާ ނާޒުކެވެ. ޔަރަސް ދެކެ ބިޝާރާ އިހަށް ގަތްބިރު މިހާރު ނުގަތަސް، މިހާރުވެސް އެއީ ހަމަ އެ ވިހަގަދަ ހައިވާނެވެ. މިހާރު ބިޝާރާއަށް ކަންކަން އޮޅުންފިލާން ފަށައިފިއެވެ. ޔަރަސް އޭނާދެކެ ކުރިން ރުޅިއައި ސަބަބެވެ. އޭނާ މަރާނުލި ސަބަބެވެ. އެހެން ނޫނަސް ޚުދު ޔަރަސް ވަނީ އެ ސަބަބުތައް ކިޔައިދީފައެވެ. ހުރިހައި އެއްޗެއް ކިޔައިދީފައެވެ. ހަމަ އެކަނި ޔަރަސްގެ އާއިލާ މެންބަރުންނަށް އެނގޭ ސިއްރުތައްވެސް ކިޔައިދީފައެވެ.

ޔަރަސް އެއްވެސް ޖަވާބެއް ނުދެއެވެ. އަނެއްކާވެސް ބިޝާރާ ޔަރަސްގެ ނަމުން މުޚާތަބުކޮށް ގޮވާލިއެވެ. އެވަރުންވެސް ޖަވާބެއް ނުދިނެވެ. އޭނާގެ ހިތުގައި ބިރުވެރިކަން ވެރިވާން ފެށިއެވެ. ފަހަރުގައި ޔަރަސް އެހުރީ ސިއްރުތައް ކިޔައިދެވުމުން އެކަމާ ކަންބޮޑުވެފައެވެ. ފަހަރުގައި އޭނާ ޕްލޭން ކުރަމުން އެގެންދަނީ ބިޝާރާ މަރައިލައި އެ ސިއްރުތައް ވަޅުލުމަށް ނޫންބާވައެވެ؟ ޔަރަސްގެ ކުރިމަގު އޮތްގޮތް މިހާރު ބިޝާރާއަށް އެނގެއެވެ. އޭނާ އިތުރަށް ބަލިކަށީވެގެން ދާނެކަމެވެ. ޔަރަސްގެ ޙަޤީޤަތް އިންސާނުންނަށް ބިޝާރާ ކިޔައިދީފިއްޔާ އެމީހުން އައިސް ޔަރަސް މަރާލާނެކަމެވެ. ޔަރަސްގެ ދަރިފަސްކޮޅު އާލާކުރުމަށް ކުއްޖަކު ލިބުމުން މަހުރޫމު ކޮށްލުމަށެވެ. އޭރުން އަނެއްކާ އެހެން ހަނގުރާމައެއް ފެށޭނެކަމެވެ.

“ޔަރަސް؟ ކިހިނެތްވީތަ؟ ކީއްވެ އަނގައިން ނުބެ ތިހުރީ؟” ބެލްކަންޏާއި ހަމައަށް ބިޝާރާ ޖެހިލިއެވެ. ޔަރަސް ކައިރިއަށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ.

ބިޝާރާއާއި ދިމާއަށް ޔަރަސް އެނބުރުނެވެ. “އާނ، ކަމެއް ގޯސްވެއްޖެ! ހުރިހައިކަމެއް ގޯސްވެއްޖެ! މިއަދާ ހަމައަށް އައިއިރު އަހަރެން ރުޅިއަންނަން ކިތައްމެ ބޭނުންވިނަމަވެސް އެ އިންސާނެއްދެކެ ރުުޅިނާދެވުނު  ހަމައެކަނި އިންސާނަކީ ތީ! އަދި އެއްމެ ގޯސްވިކަމަކީ ކަލޭގެ ލެއަކީ އެ ލެއެއް ބުއިމުން އަހަންނަށް އެއްމެ ވަރުގަދަކަން ލިއްބައިދޭ ލެއަށް ވުން. އަހަރެންގެ ހަވާނަފުސު ކަލޭގެ ގައިން  ކޮންމެ ދުވަހަކު ކޮންމެދުވަހަކު ލޭ ބޯން ބޭނުންވިޔަސް އެކަން އަހަރެންގެ ޟަމީރު ޤަބޫލެއް ނުކުރޭ! އެއީ ކަލެއަށް ރައްކާތެރިކަމެއް ނޫންވީމަ! އަހަރެން ކިތައްމެ ވަރުގަދަވިޔަސް އޭރުން ކަލޭ ދުވަހެއް ދުވަހަކަށް ދާނީ ބަލިކަށިވަމުން!… ދެން… ދެން ދުވަސްކޮޅެއްފަހުން އަހަރެންވެސް ދާނީ ބަލިކަށިވަމުން! … އާޚިރުގަ އަހަރެން ބަލިކަށިވެ ހުރިހައިކަމެއް ނިމި ހިނގައިދާނެ!”

“ތިބުނާ ވަގުތެއް އައުމުގެ ކުރިއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތެއްނު؟!!” ބިޝާރާ ބޭނުންވީ ޔަރަސްއަށް ހިތްވަރު ދޭށެވެ.

“ޕްލީސް ބިޝާރާ!” ޔަރަސް ހުރީ ގޮތް ހުސްވެފައެވެ. މާޔޫސްވެ، މިލާ މޯޅިވެފައެވެ. “އަހަންނަށް ބިލާހެއް ކަހަލަ އުއްމީދު ނުދީ، ޕްލީސް. ކަލެއަށް އަހަރެންދެކެ ލޯތްބެއް ނުވެވޭނެ! އަހަރެން ކަލޭގެ ގައިން ލޭ ބޮއެފިން! ކަލެއަށް އަނިޔާކޮށްފިން!، އަދި މީގެ ކުރިން އެެހެން އިންސާނެއްގެ ގަޔަށް ދޫނުކުރާ މިންވަރަށް އަހަރެންގެ ވިހަ ކަލޭގެ ލޭގެ ތެރެއަށް ފޮނުވައިފިން. ޚުދު އަހަރެންވެސް މިހުރީ ހައިރާންވެފަ ކަލޭ މަރުނުވެ ދިރިހުރީތީ!”

“ޔަރަސް!” ކުރަކިވެފައިވާ އަޑަކުން ބިޝާރާ އަނެއްކާވެސް އެ ނަން ކިޔައިލިއެވެ.

” ޕްލީސް ބިޝާރާ. އަހަރެން އެބަ ބޭނުންވޭ އަރާމުކޮށްލަން. މާދަން ހަވީރު އަހަރެން ގެ މައިންބަފައިން ބާއްވަން އެއުޅޭ އަހަރެންގެ ސޯކޯލްޑް ބާރތުޑޭ ޕާޓީގަ ބައިވެރިވާންވެސް އެބަޖެހޭ. އަހަރެން ނިދަން ހުންނާނީ ވަރަށް ކުޑަކުޑަ ތަނެއްކަން ބިޝާރާއަށްވެސް އެނގެއެއްނުދޯ! އަހަރެން އެތާނގަ އޮންނާނަން. ކަލޭ އޮވޭ އަހަރެން ކޮޓަރީގަ އެހެރަ މާސްޓަރ ބެޑްގަ އިނގޭ. ކޮންމެހެން ދޮގެއް ހަދަން ނޫނީ ކަލެއަކަށްވެސް ނުބުނެވޭނެ ކަލޭ ވަރުބަލި ނުވެއެކޭ ދޯ!

“އާނ. އަހަރެން މިހުރީ ވަރުބަލިވެފަ. ރޮއެރޮއެ ވަރުބަލިވެފަ. ކުރަމުންދިޔަ އުއްމީދުތައް ވިއްސިވިހާލިވުމުން ދެރަވެ ވަރުބަލިވެފަ. ހުރިހައި ކަމެއްގަ އަހަރެން މިހުރީ ވަރުބަލިވެފަ. ދިރިއުޅެން ވަރުބަލިވެފަ. އެއްމެފަހުން މިހާރު އަހަރެން މިހުރީ އެއްވެސް މުހިއްމުކަމެއްނެތް އަޅަކަށް ވެފަ!” ބިޝާރާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.

ބިޝާރާއާއި ނުހަނު ކައިރިއަށް ޔަރަސް ޖެހިލިއެވެ. ބިޝާރާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލުމުން، ކުޑަކަކޫ ޖެހުމަށް ޔަރަސް އަމުރުކުރި އެވެ. ބިޝާރާ އެ އަމުރަށް ތަބާވިއެވެ. ކަކޫމައްޗަށް އިނީ އޭނާގެ މޫނު މައްޗަށް އުފުލައިލާ ޔަރަސްގެ މޫނަށް ބަލާށެވެ. ބިޝާރާގެ ފަން އިސްތަށިގަނޑު ތެރެއަށް ޔަރަސްގެ އިނގިލިތައް ވައްދާލިއެވެ. އެ މަޑުމަޑު އިސްތަށިގަނޑާ ވަރަށް ލޯބިން ކުޅެންފެށިއެވެ. ޔަރަސްވެސް ކަކޫ މައްޗަށް އިށީންދެއްޖެ އެވެ. އޭނާގެ ދެއަތުން ބިޝާރާގެ ދެކޯތާފަތުގައި ހިފަހައްޓާލި އެވެ. އެ ރީތި މޫނު އޭނާގެ މުށުތެރެއަށްލައި ފޮރުވަން އުޅުނުކަހަލަ އެވެ. އޭނާގެ ބޮޑުވައި އިނގިލިން ބިޝާރާގެ އޮމާން ކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތައް ފޮހެންފެށި އެވެ.

“ތީކީ ތި ހީކުރާހެން، އެއްވެސް މުހިންމުކަމެއް ނެތް ކުއްޖެއް ނޫން! މި ކުޑަކުޑަ ވަގުތުކޮޅުތެރޭގައި ކަލެއަށް ހީވެސް ނުކުރެވޭހާ ޚާއްޞަ ކުއްޖަކަށް ކަލޭ ވެއްޖެ!”

މިހެން ބުނުމާއެކު ބިޝާރާގެ ދެ އަތްތިލައިގައި ޔަރަސް ހިފެހެއްޓިއެވެ.

“އެކަމަކު ކިހިނެތް އެއްވެސް އިންސާނަކަށް އަހަރެންދެކެ ލޯބިވެވޭނީ؟ ދިސް އިސް މޯ ދެން އިންޕޮސިބަލް!”

މިހެން ހަމަ ބުނުމާއެކު ބިޝާރާގެ އަތްތިލަ ގެންގޮސް ޔަރަސްގެ އަނގައިގައި ޖެއްސިއެވެ. އެއަށްފަހު އޭނާގެ އަނގަ ހުޅުވައިލިއެވެ. ބިޝާރާގެ އިނގިލިތައް ގެންގޮސް ޔަރަސްގެ ފޭރާ ދަތުގައި ޖެއްސިއެވެ. އެ ފޭރާ ދަތުގެ ތޫނުކަން ބިޝާރާއަށް އިޙްސާސް ކޮށްދިނުމަށެވެ. އެވަގުތު ޔަރަސްގެ ލޮލުގެ ކުލަ އަނދިރިވާން ފެށިއެވެ. ކަޅު ކިލަނބު ކުލައަކަށް ލޮލުގެ އެތެރެ ބަދަލުވާން ފެށިއެވެ. ތޫނު ރޭޒަރު ތިލައެއްގެ މިޔަ ހައި ތޫނު އެ ދިގު ފޭރާ ދަތްތަކުގައި އިނގިލި ޖެހުމާއެކު ބިޝާރާގެ ނޭވާ ކުރުވާން ފެށިއެވެ. ބިރުންހުރެ އޭނާ އެ ދަތްތަކަށް ބަލަމުންދިޔައެވެ. އޭނާ އެއްޗެކޭ ބުނަން ބޭނުންވިއެވެ. އެކަމަކު ބިރުންގޮސް އަނގަ ހުޅުވައިވެސް ނުލެވުނެވެ.

މިފަހަރު ޔަރަސް ވާހަކަ ދައްކަން ފެށިއިރު އޭނާގެ އަޑު ހުރީ ބަރުކޮށެވެ. ބިރުވެރިކޮށެވެ. ހަރުކަށި ކޮށެވެ.

“ކަލެއަށް އަންދާޒާކޮށްލެވޭތަ އަހަރެންގެ މި ދަތްތަކުން ވޭތުވެދިޔަ އެއްހާސް އަހަރު ކިތައް މީހުންގެ ފުރާނަ ދުއްވާލެވިފަވާކަން؟ ކިތައް ފިރިހެނުން، އަންހެނުން އަދި ކުޑަކުދިންކަން ‘ގެސް’ ކޮށްލަން އެނގޭނެތަ؟ ކިތައް މީހުންގެ ލޭ އަހަރެންގެ މި ތުންފަތުގައި ހޭކިފައިވާކަން އެނގޭތަ؟ އެމީހުންގެ މަރު ޤުރުބާން ކޮށްފައި އަހަރެން ދިރުހުރުމަށް ކިތައްމީހުންގެ ލޭ އަހަރެންގެ ހަށިގަނޑުގެ ނާރުތަކުގެ ތެރެއަށް ވަދެފައިވާކަން އެނގޭތަ؟”

 ބީޝާރާއަށް ހުރެވުނީއެވެ. ގަނޑުވެފައެވެ. “އަޅެ ބިޝާރާއަށް ކުޑަކޮށްވެސް އަންދާޒާ ކޮށްލަން އެނގޭނެތަ؟ … ނޭނގޭނެ! ޚުދު މަށަށްވެސް އެއީ ނޭނގޭ ކަމެއް!”

“މިހާރު ތީކީ އަހަރެން ބަލަން ބޭނުންވާ ކަމެއް ނޫން!” ދުރަށް ޖެހެން މަސައްކަތް ކުރަމުން ބިޝާރާ ބުނެލިއެވެ. ނަމަވެސް ޔަރަސް ހުރީ އެއަށްވުރެން ބާރަށް ބިޝާރާގެ ގައިގައި ހިފަހައްޓައިގެންނެވެ.

“އަދިވެސް އަހަރެން ބޭނުންނަމަ ކަލޭގެ ލޭފޮދު ބޮއެ ހުސްކޮށްލެވިދާނެ! އޭރުން ކަލޭވެސް ވެގެންދާނީ އެހަރެން ހަލާކުކޮށްލި ދިރުމެއް ކަމެއް. ކަލޭވެސް އޭރުން ބަދަލުވެގެންދާނީ ވެމްޕަޔާ އަކަށް. އެއަށްފަހު އަހަންނަށް ކަލެއަކީ އެހާ މުހިންމު މީހަކަށް ނުވާނެ. އަހަރެން އަނެއްކާވެސް ދާނީ އެހެން ޝިކާރައެއް ހޯދުމަށް.”

ޔަރަސް ހިފަހައްޓައިގެންހުރިލެތް ބާރުކަމުން ބިޝާރާގެ ހަށިގަނޑުން ވަރުދެރަވާން ފަށައިފިއެވެ. “އަހަރެން ދާނީ އެއް ހަށިން ލޭ ބޮއެފަ އަނެއް ހަށިން ލޭ ބޮމުން. މާބުރެއް އެއްމަލުން އަނެއްމަލުން ފޮނިބޮމުން ދާ އުޞޫލުން. އެ އިންސިންނާމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތި. އެމީހުންދެކެ ލޯބިވާ މީހުންނަށް ކުރާނެ އަސަރަކާމެދު ވިސްނާލުމެއްނެތި. ކޮންމެ ހަށިގަނޑެއްގެ އެއްމެ ފަހު ލޭ ތިއްކާއި ހަމައަށް ބޮއެ ހުސްކުރަމުންދާއިރު އަހަންނަށް އެމީހުންގެ ރުއިމުގެ އަޑު އިވޭ. އާދޭހުގެ އަޑުވެސް އިވޭ. އެކަމަކުވެސް އަހަރެންގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރާނެ. އެހެން ނުހަދާވެސް އަހަންނަށް އުޅެވިދާނެ. ލޭ ބޮއެފަ މަރާނުލައިވެސް ދޫކޮށްލެވިދާނެ. އެކަމަކު އަހަރެން ހަމައެކަނި އެމީހުން މަރާލަނީކީވެސް ނޫން. އަހަރެން ބޭނުންވަނީ އެމީހުންނަށް އަނިޔާދޭން. އެ އަނިޔާގައި ގަނަތަޅުވަން! އެއީ އަހަންނަށް އެއްމެ ހިތްހަމަޖެހުން ލިބޭގޮތަކީވެސް. ހުރިހައި ވެމްޕަޔަރުންގެ ތެރެއިން އެއްމެ ނުރައްކާތެރި ވޭމްޕަޔަރަކަށް އަހަރެން ވެފައިވަނީ ކީއްވެގެންކަން ކަލެއަށް އެނގޭތަ؟ ސަބަބަކީ ‘އައި ޑޯންޓް ކެއަރ’. އެއް އިރެއްގައިވެސް އަހަންނަކީ އިންސާނެއް ނޫން. އެހެންވީމަ ކީއްކުރަން އިންސާނުންނަށް އަހަރެން ހަމްދަރުދީ ވާންވީކީ. އެހެން ވެމްޕަޔަރުންވެސް ނުރައްކާތެރިވާނެ. އެކަމަކު އެމީހުނާ މަށާހުންނަ ތަފާތަކީ އެމީހުން އަޑުއަހާނެ އިންސާނުން ކުރާ އާދޭހުގެ އަޑު. އެހެންވެގެން ލޭ ބޮއެލާފަ މަރާނުލައި އެ ދޫކޮށްލަނީ. ކަލެއަށް އެނގޭތަ އަހަރެން ލޭ ބުއިމަށް އަޅުވެތިކުރާ އިންސިންނަށް ހަދާގޮތް؟”

“ނޫން… މަށަށް ކިހިނެތް-” ބިޝާރާ އިނީ އެބުނާ ގޮތެއް އެނގެން އިންތިހާއަށް ބޭނުންވެފައެވެ.

ނުނިމޭ

އެއްހާސް އަހަރު – 21

އެކަމަކު އަހަރެން ހަމައެކަނި އެމީހުން މަރާލަނީކީވެސް ނޫން. އަހަރެން ބޭނުންވަނީ އެމީހުންނަށް އަނިޔާދޭން. އެ އަނިޔާގައި ގަނަތަޅުވަން! އެއީ އަހަންނަށް އެއްމެ ހިތްހަމަޖެހުން ލިބޭގޮތަކީވެސް. ހުރިހައި ވެމްޕަޔަރުންގެ ތެރެއިން އެއްމެ ނުރައްކާތެރި ވޭމްޕަޔަރަކަށް އަހަރެން ވެފައިވަނީ ކީއްވެގެންކަން ކަލެއަށް އެނގޭތަ؟ ސަބަބަކީ ‘އައި ޑޯންޓް ކެއަރ’. އެއް އިރެއްގައިވެސް އަހަންނަކީ އިންސާނެއް ނޫން. އެހެންވީމަ ކީއްކުރަން އިންސާނުންނަށް އަހަރެން ހަމްދަރުދީ ވާންވީކީ. އެހެން ވެމްޕަޔަރުންވެސް ނުރައްކާތެރިވާނެ. އެކަމަކު އެމީހުނާ މަށާހުންނަ ތަފާތަކީ އެމީހުން އަޑުއަހާނެ އިންސާނުން ކުރާ އާދޭހުގެ އަޑު. އެހެންވެގެން ލޭ ބޮއެލާފަ މަރާނުލައި އެ ދޫކޮށްލަނީ. ކަލެއަށް އެނގޭތަ އަހަރެން ލޭ ބުއިމަށް އަޅުވެތިކުރާ އިންސިންނަށް ހަދާގޮތް؟”

“ނޫން… މަށަށް ކިހިނެތް-” ބިޝާރާ އިނީ އެބުނާ ގޮތެއް އެނގެން އިންތިހާއަށް ބޭނުންވެފައެވެ.

“އަހަރެން އެމީހުން ބައިތިއްބަނީ ހިލިހިލާ ޖަހާފަ. މިގޭ ބިންގަރާހުގަ ހުންނަ ފިނި ކޮޓަރިއެއްގަ. އެމީހުންގެ ދޫތައް ބުރިކޮށްލާފަ ގައިން ލޭ ހުސްވަންދެން އަހަރެން ލޭ ބޮއެލަން. ބައެއްފަހަރު އެމީހުންނަށް އަޅާ ގަދަ ވޭނުގަ މަރުވުމަށް ދޫކޮށްލަން. އަނެއްބައިފަހަރު އެއްމެ ލެއި ތިއްކެއް ނެތިގެންގޮސް އަވަސްގޮތަކަށް މަާއި ކުރިމަތިލާ.” ބިޝާރާއަށް ހިންދިރުވައިލެވުނެވެ. ” އަހަންނަކީ ވަރަށް ނުލަފާ ވެމްޕަޔަރެއް.، ބީޝާރާ. އަހަންނަކީ ވަރަށް ބާރުގަދަ، ވަރަށް ވަޔޮލެންޓް ވެމްޕަޔަރެއް. އަހަންނަަށް އިންސާނެއްދެކެ ލޯބިވެވުނަސް، އިންސާނަކަށް އަހަރެންދެކެ ލޯބި ވެވުމަކީ ވާނެކަމެއް ނޫން.”

ބިޝާރާގެ ގައިން ޔަރަސް ދޫކޮށްލިއެވެ. ނަމަވެސް ބިޝާރާއަށް ހުރެވުނީއެވެ. ގުޑިލާންވެސް ނޭނގިފައެވެ. ނުވަތަ ނުކެރިފައެވެ. ޔަރަސް ދުރަށް ޖެހިލިއެވެ. އަނެއްކާވެސް ގޮސް ބެލްކަނި ކައިރީގައި ހުއްޓުނެވެ. ބިޝާރާ ބަލަންފެށިއެވެ. ޔަރަސް އާއި ދިމާއަށެވެ. އޭރުވެސް ޖެހެމުންދިޔަ ރޯޅިއާއިއެކު ޔަރަސްގެ އިސްތަށިކޮޅު ހޫރެމުން ދެއެވެ. ފަނޑު ހަނދުވަރުގެ އަލިކަމުގެ ތެރެއިންވެސް އޭނާގެ ދޮންފޫޑުކަން އެނގޭވަރުވެއެވެ. ޔަރަސް އަށް ބަލަން ބިޝާރާއަށް އެތަކެއް މިނެޓެއް ވަންދެން ހުރެވުނެވެ. އެއްމެ ފަހުން ބިޝާރާ ހިނގައިގަތެވެ. ޔަރަސް އާއި ދިމާއަށެވެ. ޖެހިލުންވެ ހުރެ އޭނާގެ އަތް އުފުލައިލިއެވެ. ވަރަށް މަޑުމަޑުން ޔަރަސްގެ ކޮނޑުމަތީގައި އަތްތިލަ ބާއްވާލިއެވެ. ޔަރަސް އެނބުރުނެވެ. މީގެ އިރުކޮޅެއް ކުރިން އޭނާގެ މޫނުމަތިން ފެންނަންހުރި ރުޅިވެރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ގޭގެ ކުޑަދޮރުން ބޭރަށް ނީރެމުންދިޔަ އަލިކަމުގެ ދަޅަ އެޅިފައިވުމުން ޔަރަސްގެ ރީތި ރިހިކުލައިގެ ލޮލުން ހިތްގައިމު ވިދުވަރެއް ވިދަވިދާ ހުއްޓެވެ. ޔަރަސްއާއި އިހުނަށްވުރެވެސް ކައިރިއަށް ބިޝާރާ ޖެހިލިއެވެ. އޭނާގެ މޫނުގައި އަތް ޖައްސައިލިއެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ. އޭނާގެ އަތަށް ތެތްކަމެއް އިޙްސާސް ކުރެވުމުންނެވެ.

“ވެމްޕަޔަރުންނަކީ ރޯ ބައެއްކަމެއް އަހަންނަށް އެނގިފައެއް ނެތް!”

“އާނ. ކޮންމެ ވެމްޕަޔަރަކީ ރޯނެ ވެެމްޕަޔަރެއް ނޫން. އެކަމަކު އަހަންނަށް މިހެންމިވަނީ އަހަންނަކީ ދެބައިކުޅަ އެއްބައި އިންސާނެއްވީމަ!”

“އެކަމަކު ކުރިން ބުނީމެއްނު ތީކީ އެއްވެސް އިރެއްގައި އިންސާނެއް ނޫނޭ؟” ސުވާލުގެ ނަޒަރަކުން ބަލަމުން ބިޝާރާ ބުންޏެވެ.

ޔަރަސްގެ ދެ އަތްތިލައިގައި ބިޝާރާ ހިފިއެވެ. ފަރުވާތެރިކަމާއެކު ޔަރަސްގެ މޫނަށް ބަލައިލިއެވެ. “ޔަރަސް!”

“ބިޝާރާ،” ބިޝާރާގެ މޫނަށް ޔަރަސްގެ ނަޒަރު ހުއްޓާލިއެވެ.

“ޔަރަސް ބޭނުމިއްޔާ އަހަރެން މަރައިނުލައި އަހަރެންގެ ގައިން ލޭ ބޮމުން އުޅެވިދާނެ އެއްނު؟”

“ތިހެން ވާނެކަމެއް ބުނާކަށް ނޭނގޭ. ތިއެދޭ ކަމަކީ ބިޝާރާއަށް ވަރަށް ބޮޑު ރިސްކެއް. އަނެއްކާވެސް އަހަރެންގެ ފަރާތުން ބިޝާރާއަށް އަނިޔާ ލިބިދާނެ. އަހަރެން އެހެން ވާކަށް ނޭދެން!”

“އަހަރެން ޔަރަސް އަށް ފުރިހަމައަށް އިތުބާރުކުރަން. އަޅެ ޓްރައި ކުރެވޭތޯ ބެލިދާނެއެއްނު؟”

“ނޫން!”

“ޔަރަސް ބުނީމެއްނު ޔަރަސް އަށް އަހަރެންގެ ލޭ ބޭނުންވާނޭ. އަދިވެސް ފަހުން ލޭ ބޯން ޖެހޭނޭ. ދެން ކީއްވެ މިހާރު މިވަގުތު ނުބޯންވީކީ؟”

ބިޝާރާގެ ފަހަތަށް ޔަރަސް ޖެހިލި އެވެ. ފުރަގަހުގައި ހުއްޓެމުން އޭނާގެ ދެއަތުން ބިޝާރާގެ ކަރުދޮށުގައި ހިފެހެއްޓި އެވެ. ބިޝާރާގެ ބޯ، ޔަރަސްގެ ކޮނޑުމަތީގައި ޖައްސާލި އެވެ. ފަސޭހައިން ޔަރަސް އަށް އަނގަ ޖެހޭގޮތް ހެދުމަށެވެ. ޔަރަސްގެ ހޫނު ނޭވާގެ އިޙްސާސް ބިޝާރާއަށް ކުރެވެމުން ދިޔައެވެ. ޔަރަސް ވައި އަޑަކުން ވާހަކަދައްކަން ފެށިއެވެ. “ބީޝާރާއަށް އަނިޔާއެއް ވެދާނެ ކަމަށްޓަކައިވެސް އަހަންނަށް މަޢާފްކޮށްދޭތި!”

ބިޝާރާގެ ކަނދުރާދޮށުން، އޭނާގެ ކެރޮޓިޑް އާޓެރީއަށް ޔަރަސްގެ ފޭރާދަތް ވައްދާލިއެވެ. ބިޝާރާގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. އޭނާއަށް ހީވީ ކުޅަނދުރެއްގެ ކަށި ކޮއްޕާލިހެންނެވެ.  ދިލަ ތަދެއް އިޙްސާސް ކުރެވުނެވެ. ހިނދުކޮޅެއް ފަހުން އޭނާއަށް ހަމައެކަނި އިޙްސާސް ކުރެވެމުން ދިޔައީ ހަށިގަނޑުން ބާރު ސްޕީޑެއްގައި ލޭ ނިކުންނަމުން ދިޔަކަމެވެ. އަދި އެ ލޭތައް، ގުޅާލާފައިވާ ހޮޅިއަކުން ޔަރަސްގެ ގަޔަށް ވަދެގެންދާހެން އޭނާގެ ހަށިގަނޑަށް ވަދެގެންދާކަންވެސް ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

ޔަރަސް ލޭ ބޮމުން ގެންދިޔައީ ވަރަށް ބަލައިގެންނެވެ. ވީހައިވެސް ފަރުވާތެރިކަމާއެކު، ބިޝާރާއަށް އެއްމެ ވޭން ނާޅާނޭގޮތަށް ވިސްނައިގެންނެވެ. ލޭ ބޮމުންދިޔައިރު މަޑުމަޑުން ބިޝާރާގެ ހަށިގަނޑަށް ވޭމްޕަޔަރުންގެ ހަށިގަނޑުގައި ހުންނަ ޚާއްޞަ ވިހަ ‘ވެނަމް’ ފޮނުވަމުން ދިޔައެވެ. އެ ވިހަ ހަށިގަނޑު ތެރެއަށް ވަނުމުން ބިޝާރާއަށް ކުރެވޭ އިޙްސާސްއަކީ އޭނާ ދުވަހަކުވެސް ތަހައްމަލު ކޮށްފައިނުވާފަދަ އަރާމު ފޮނިފޮނި ތަދެކެވެ. އެއީ ޖިންސީ ޣަޒީރާތް ފުއްދާއިރު އެކުރެވޭ، ބުނަން ނޭނގޭކަހަލަ ފޮނިފޮނި އިޙްސާސެކެވެ. ޔަރަސްގެ ހަށިގަނޑާއި އޭނާގެ ހަށިގަނޑު، ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ގުޅިލާމެހިފައިވާ ކަމުގެ އިޙްސާސެކެވެ. ޔަރަސްގެ ތުންފަތް އޭނާގެ ކަރުދޮށުގައި ޖެހިފައިވާ ހިސާބަށް ފިނިކަން އިޙްސާސް ކުރެވެމުން ދިޔައެވެ. އަދި މަޑުމަޑުން އޭނާގެ ކަރުދޮށުގައި އަނގަޖަހާ ދަމަމުން ގެންދިޔުން ހީވީ އަރާމު ގޮތަކަށް ފިރުމައިދޭހެންނެވެ. ބިޝާރާގެ މޫނުވަނީ ރަތްދޮން ކުލައަކަށް ބަދަލުވެފައެވެ.

އިރުކޮޅަކުން ބީޝާރާގެ ބޮލަށް ލުއިކަމެއް މެހެސޫސް ވެއްޖެއެވެ. އޭނާގެ އަގުންތަކާއި އަތްފައި ތުރުތުރުލާން ފަށައިފިއެވެ. އިސާހިތަކުން އެ ހަރަކާތްތައް ހުއްޓިއްޖެއެވެ. އޭނާގެ ހަށިގަނޑު ކުއްލިއަކަށް ގަނޑުވިކަހަލައެވެ. އެއްވެސް ޙަރަކާތެއް ނެތެވެ.

“ޔަރަސް؟”

“ހޫމް.”

“މަށަށް ހީވަނީ އެއްފަހަރާ މާގިނައިންހެން ތިޔަ ބޮނީ!” ބަލިކަށި، އެހަނަސް މަސްތީ އަޑަކުން ބިޝާރާ ބުންޏެވެ. އެކަމަކުވެސް ޔަރަސްއަށް އެ އަޑު ނުއިވޭ ކަހަލައެވެ. ހުއްޓުމެއްނެތި އެ ފޮނިމީރު ޝަރުބަތެއްފަދަ ލޭ ބޮމުން ގެންދިޔައެވެ.

“ޔަރަސް؟!!” ބިޝާރާ ބިރުންގޮސް ތަންކޮޅެއް ބާރަށް ބާރަށް ގޮވާލިއެވެ. ކުއްލިއަކަށް ޔަރަސްގެ އަނގަ ނައްޓާލިއެވެ. އޭނާގެ ގައިން ދޫކޮށްލިއެވެ. މިލާ މޯޅިވެފައިވާ މަލެއް ބިމަށް ވެއްޓޭހެން ބިޝާރާގެ ހަށިގަނޑު ތިރިވާންފެށިއެވެ. އެވަގުތު ޔަރަސްގެ އަވަސް ހަރަކާތާއި އެކު ބިޝާރާގެ ގައިގައި ހިފެހެއްޓިއެވެ.

“ބިޝާރާ! .. އަހަންނަށް މަޢާފްކުރޭ. އައިއޭމް ސޯ ސޮރީ! އަހަރެން އެހާ ގިނައިން ބޯނަމޭ ހީކޮށެއް ނޫން ފެއްޓީކީ! އެކަމަކު…” އޭރު ބިޝާރާގެ ބޯ އެއްފަރާތަކަށް އެލިއްޖެއެވެ. އަވަސް އަވަހަށް ބިޝާރާނަގައި އޭނާގެ އަތްދަނޑިމައްްޗަށް ލައިގެން ގޭތެރެއަށް ވަނެެވެ. އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައީ ވަރަށް އާދަޔާ ޚިލާފު އިޙްސާސެކެވެ. މާ ބާރުގަދަކަމުގެ އިޙްސާސެކެވެ. ގައިގައި ވަރުޖެހި ޖޯރުން ފުރުނުކަމުގެ އިޙްސާސެކެވެ. އޭނާގެ ބޮލަށް އެއްވެސް ބަރުކަމެއް، އުނދަގޫކަމެއް ނެތެވެ. ބިޝާރާގެ ލެއަކީ ހަމަ ހަޤީޤަތުގައިވެސް ޔަރަސް އަށް ހުރި ޝިފާއެއްކަން ޔަޤީންކޮށްދީފިއެވެ. އެހެނަސް ބިޝާރާގެ ގައިން ނުކުންނަ ކޮންމެ ލޭ ތިއްކަކީ ޚުދު ބީޝާރާއަށްވެސް އެހާމެ މުހިއްމު އެއްޗެކެވެ. އޭރުވެސް ބިޝާރާގެ ކަރުދޮށުން ލޭ ނީރެމުން ދެއެވެ. ބިޝާރާ ލައިގެންހުރި ހުދުކުލައިގެ ރީތި ގައުންވެސް ލެއިން ކަޅިވަމުން ދިޔައެވެ. އޭރު ބިޝާރާގެ ހަށިގަނޑުވަނީ ދޮންފޫޑު ވެފައެވެ. ހަށިގަނޑަށްވަނީ ޒާތެއްގެ ބާރެއް އަރާފައެވެ. އަކުނިވަޔަށް ދެމުމުން މަސްގަނޑު ހަރުއަރާފައި އޮންނަގޮތަށް އޭނާގެ ހަށިގަނޑު އޮތީ ހަރުއަރާފައެވެ. ނޭވާ ލެވެނީވެސް ކިރިޔަކިރިޔާއެވެ.

ޔަރަސްއަށް އޭނާގެ އަމިއްލަ ނަފުސުދެކެ ރުޅި އާދެވިއްޖެއެވެ. މިގޮތަށް ކަންތަން ކުރެވުމުންނެވެ. ބިޝާރާ އަކީ އޭނާގެ އަތުން މަރުވެގެންދާ އިންސާނަކަށް ވުމަކަށް ނޭދެއެވެ. އެއީ ތަފާތު އަންހެން ކުއްޖެކެވެ. އޭނާ ބޭނުންވަނީ ބިޝާރާއަށް ދިރުމާއި އުފާވެރިކަން ދޭށެވެ. އެކަން އެހެން ވާނެނަމައޭ ހިތަށް އެރިއެވެ. އެވަގުތު އެކަމަށް މަގެއް އޮތްކަން އޭނާއަށް ހަނދާންވިއެވެ. ވޭމްޕަޔަރަކަށް ބަދަލުކޮށްލައިގެން ބިޝާރާއަށް މުޅިން އައު ދިރުމެއް ދެވިދާނެކަން ހަނދާންވިއެވެ. އެހެނަސް އެކަން އެގޮތަކަށް ކޮށްގެން، ޔަރަސް އަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތް ވެވޭކަށް ނޯންނާނެއެވެ. ކޮންމެހެންވެސް ބިޝާރާ އިންސާނެއްގެ ގޮތުގައި ދިރިހުންނަން އެބަ ޖެހެއެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް މެއެވެ. ނަމަވެސް މިހާރު ބިޝާރާ އޮތް ޙާލުން އިންސާނެއްގެ ގޮތުގައި ބާއްވައިފިނަމަ ސަލާމަތްކުރެވިދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ޚުދު ޔަރަސްއަކަށް ނެތެވެ.

ނުނިމޭ

އެއްހާސް އަހަރު – 22

ކޮންމެހެންވެސް ބިޝާރާ އިންސާނެއްގެ ގޮތުގައި ދިރިހުންނަން އެބަ ޖެހެއެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް މެއެވެ. ނަމަވެސް މިހާރު ބިޝާރާ އޮތް ޙާލުން އިންސާނެއްގެ ގޮތުގައި ބާއްވައިފިނަމަ ސަލާމަތްކުރެވިދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ޚުދު ޔަރަސްއަކަށް ނެތެވެ.

*********************************

ބިޝާރާއަށް ހެއިވެރިކަން ވެއްޖެއެވެ. އޭނާއަށް ކުރެވެމުން ދިޔައީ އެތަކެއް އަހަރެއް ވަންދެން ނިދަން އޮވެފައި ހޭލެވުނު ކަމުގެ އިޙްސާސެކެވެ. ގަޑިން ވީ ކިހައި އިރެއްބާއޭ ހިތަށް އެރިއެވެ. މިއީ ކޮން ދުވަހެއް، ކޮންތާރީޚެއްބާއޭ ހިތަށް އެރިއެވެ. އެއްމެ ފަހުގެ ހަނދާނަކަށް ހުރީ ޔަރަސް އޭނާގެ ގައިން ލޭ ބުއި ހަނދާނެވެ. ދެން ވީގޮތެއް ހަނދާނެއް ނެތެވެ. ނަމަވެސް އޭނާގެ ހެއިވެރިކަން އެއްކޮށް ފިލައި ދިޔުމުގެ ކުރިން ހިނގި ބައެއް ކަންކަން ކޮންމެވެސް ވަރަކަށް ހަނދާންވެއްޖެއެވެ. ޔަރަސްގެ އަތްމަތީގައި އޮވެ އުދުހެވުނުކަމުގެ ހީއެއް ވިއެވެ. ވިލާތަކުގެ ތެރެއިންނެވެ. ހަނދާއި ނުހަނު ކައިރިންނެވެ. އިރަވީ ނިޒާމުގެ ޕްލެނެޓްތަކުގެ ކައރިންނެވެ. ތަރިތަކުގެ ކައިން . . . .

ޔަރަސް؟ ބިޝާރާގެ ތުންފަތަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ދެތުންފަތް ހުޅުވާވެސް ނުލެވުނެވެ. އެސްފިޔައެއްހައި ހިސާބުވެސް ޖަހައި ނުލެވުނެވެ. އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ޔަރަސް އެބަ ހުރިންތަ މިތަނުގަ؟ އެއްވެސް މީހަކު މިތާ ކައިރީ އެބަހުރިތަ؟ ހުވަފެނީ ޢާލަމެއްގައި އޮވެ އޭނާގެ ހިތާއިހިތުން ސުވާލުކުރަމުން ދިޔައެވެ.

“ބިޝާރާ؟” ކަރުދޮށަށް ފިނި އަތްތިލައެއްގެ ބީހުން އޭނާއަށް އިހްސާސް ކުރެވުނެވެ. އަރާމު ގޮތަކަށް ފިރުމައިދެމުންދާކަން އެނގުނެވެ. “ބިޝާރާއަށް އަހަރެންގެ އަޑު އިވޭތަ؟” އެ ފިނި އަތުން އޭނާގެ ނިތްކުރި މޮޑެލަދިންކަން އެނގުނެވެ. އޯގާތެރި އިނގިލިތަކަކުން ބޮލުގެ އިސްތަށިގަނޑުގައި ހަރަކާތް ކުރަމުން ދިޔަކަމާއި ނިތްކުރީގައި ފިނިފިނި ތުންފަތަކުން ބޮސްދިންކަމުގެ އިޙްސާސް ކުރެވުނެވެ. “ބިޝާރާ؟  މަގޭ އަޑު އިވޭތަ؟”

ޔަރަސް؟ “ޔަ-ޔަރަސް؟”

“ހޫމް، އަހަރެން މިއިނިއްޔޭ މިތާ. އަހަރެން މި އިންނަނީ ވަރަށް ކަންބޮޑުވެފަ. މިހާރު އެތައް ދުވަހެއް ވެއްޖެ މިހެން މިތާ ބިޝާރާ ކައިރީގައި އިންނަތާ. ހިތަށް މިއަރަނީ ބިޝާރާ މަރައިލެވުނީ ނޫންބާއޭ.”

ބިޝާރާ ލޯ ހުޅުވައިލެވޭތޯ މަސައްކަތްފެށިއެވެ. ލޮލުގެ ބޮނޑިއަށް ހަރަކާތެއް ގެނެވުމާއިއެކު ކުޑަކުޑަކޮށް ލޯ ހުޅުވައިލެވުނެވެ. ޔަރަސްގެ ރީތި މޫނަށް ނަޒަރު ސީދާކޮށްލިއެވެ. ޔަރަސްގެ މޫނު ފެނުމުން އުފަލުން ފޮޅުނެވެ. އޭރު ޔަރަސް އިނީ އޭނާގެ މޫނަށް ބަލާށެވެ. ޔަރަސްގެ ދެލޮލުންވެސް އުފާވެރިކަމުގެ ވިދުވަރެއް ފެންނަން ހުއްޓެވެ. އެވަގުތު އެހެން މޫނެއްވެސް އެތަނުން ބިޝާރާއަށް ފެނިއްޖެއެވެ. އެނދުގެ ފައިލާކޮޅާއި ދިމާއިންނެވެ. އެމީހާވެސް ބަލަންހުރީ ބިޝާރާއާއި ދިމާއަށެވެ. އެއީ އަންހެނެެއްގެ މޫނެކެވެ. ފޮނި ހިނިތުންވުމެއް އެ މޫނުން ފެންނަމުންދިޔައެވެ. އެމިހާގެ އޮތީ ރަތް އިސްތަށިކޮޅެކެވެ. ލައިގެން ހުރީވެސް ރަތްކުލައިގެ ހެދުމެވެ. ނޫކުލައާއި ރަންކުލައިގެ ކިނާރާރިއްޔާ އަޅައި ޖަރީކޮށްފައިވަ ހެދުމެކެވެ. އޭނާ ހިނިތުންވެލިއެވެ. މަޑުފެހިކުލައަކަށްދާ ލޮލުގެ ކުލަ ފާހަގަ ކުރެވުނެވެ. އެ ދެލޮލުން ކުލުނުގެ އަސަރު ފާހަގަ ކުރެވުނެވެ.

“ތީ . . .  ޔާސް- ޔާސްމީންތަ؟” ސުވާލުގެ ނަޒަރަކުން ބަލަމުން ސުވަލުކޮށްލިއެވެ.

“އާނ ދަރިފުޅާ؟”

“މިއީ އަހަރެންގެ މަންމަ ޔާސްމީން.” އެނދުގެ ފައިލާކޮޅުގައި ހުއްޓިގެންހުރި އަންހެން މީހާއަށް އިޝާރާތް ކޮށްލަމުން ޔަރަސް ބުންޏެވެ.

“އަހަރެން އެބަޖެހޭ ބިންގަރާސްތެރެއަށް ވަދެލަން. މިހާރު ދުވަސްކޮޅެއް މިވީ އެތަނަށް ވަދެނުލޭތާ. އެތާ ތިބި އަހަރެންގެ އަޅުން މިހާރު ތިބޭނީ ވަރަށް ކަންނެތް ވެފަ . . . ނޫނީ މިހާރު ތިބޭނީ ވަރަށް ބަސްނާހާގޮތް ވެފަ. . . އެއީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް.”

ބިޝާރާ ވަރުބަލިކަމާއިއެކު ޔަރަސް އަށް ބަލައިލިއެވެ. “އެއްވެސް މީހެއްގެ ގައިން ލޭފޮދު އެއްކޮށް ބޮއެ ހުސްކޮށްނުލައްޗޭ ޕްލީޒް.”

“ތިކަމާ ވަޢުދުވެވެން ނޯންނާނެކަން ބިޝާރާއަށް ހަމަ ރަނގަޅަށް އެނގޭނެ!”

“އެކަމަކު މަސައްކަތް ކުރެވޭތޯ ބަލާތި-“

“އަހަރެންގެ އަޅުންނާމެދު އަހަރެން ވިސްނަން ދޫކޮށްލާ. ބިޝާރާ އަރާމުކޮށްލަން އޮވެބަލަ.” ތަންކޮޅެއް ހަރުކަށި ރާގެއްގައި ޔަރަސް އެދުނެވެ. އަނެއްކާވެސް ބިޝާރާގެ ނިތްކުރިއަށް ދޮނެއް ދެމުން އެތަނުން ނުކުމެއްޖެއެވެ.

އެ ކޮޓަރީގައި ބިޝާރާ އާއި ޔާސްމީން އެކަނި ވީއެވެ.

“ބިޝާރާ، . . . . ޔަރަސް ބޭނުންވަނީ އަހަރެން ކަލޭ ބަލަހައްޓަން މިތާ އިރުކޮޅަކު އިނުމަށް. އޭނާ އަށް އާދެވޭނީ ތަންކޮޅެއް ފަހުން. މިއީ ނުލާހިކު ބޮޑު ކިއްލާއެއްކަން އެނގެއެއްނު ދޯ.”

“އާނ.”

“ބިޝާރާގެ ވާހަކަ އަހަރެންގާތު އޭނާ ދެއްކި ދުވަހުން ފެށިގެން މިހުންނަނީ ބައްދަލުކުރާހިތުން ކެތްމަދުވެފަ. އޭނާގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަން ދަރިފުޅަށްވެސް ފާހަގަ ވާނެ. ޔަރަސް އަކީ އެއްވެސް އިރެއްގައި އުފާވެރި މިޒާޖެއްގެ ކުއްޖެއް ނޫން.”  ބިޝާރާއަށް ދަރިފުޅާއޭ ބުނެ ޔާސްމީން މުޚާތަބުކުރީ އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ.

ބިޝާރާ ތެދުވެ އިށީންނަން މަސައްކަތްކުރިއެވެ. ނަމަވެސް ބޮލަށް ބަރުވެފައި ހުރުމުން ތެދުވެދޭ ވަރެއް ނުވިއެވެ. ޔާސްމީން އޭނާއަށް އެހީވިއެވެ. އެނދުގެ ބޯލާކޮޅުގައި ބާލީސް ޖައްސައި ލެނގިލުމަށެވެ.

“އަހަރެންގެ ދަރިފުޅުގެ ބޯހަރުކަމުންނާ ހިތްހަރުކަމުން ވަރަށް ކަންބޮޑުވޭ. އެކަމަކު އަހަރެން އޭނާދެކެ ލޯބިވާ މިންވަރު ދަރިފުޅަށް އަންދަޒާކޮށްލަންވެސް ނޭނގޭނެ.”

“އެސްފީނާގެ ވާހަކަތައް އަހަންނަށް ޔަރަސް ކިޔަދީފަވަނީ.”

“މަށަށް އެނގޭ ތިކަން.”

“ޤަބީލާ މީހުންކައިރީ އާދޭސްކޮށްގެންނަމަވެސް ހަމަ އެއްމެ މީހެއްވެސް މުއްތިކޮށްދޭތޯ މަސައްކަތްކުރިކަން އެއީ ތި މަންމަ ކުރި ވަރަށް ހިތްވަރުގަދަ ކަމެއް. އެކަމަކު މަގޭ ހިތަށް އަރަނީ ތިޔަ ޤަބީލާއިން ސަލާމަތްވި މަދު މީސްކޮޅަށް ވީ ކިހިނެތްބާއޭ. ވެދާނެ ކަމެއްހެން ހީވޭތަ ތި ޤަބީލާއަށް ނިސްބަތްވާ ބަޔަކު މިއަދުވެސް ދިރިތިބުން؟”

އެނދުގެ އެއްފަރާތުގައި ޔާސްމީން އިށީންނި އެވެ. ބިޝާރާގެ އަތުގައި ހިފިއެވެ. އޭނާގެ ދެ އަތްތިލައިގެ ތެރެއަށް ބިޝާރާގެ އަތްތިލަ ލިއެވެ.

“ނޫން.” ޔާސްމީންގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. “އެމީހުން ފަރުބަދަތަކުގެ ތެރޭގައިގައި ހުރި އެހެން ހޮހަޅައަކަށް ދާން ދަނިކޮށް އަތުލައިގަތީ. ވޭމްޕަޔާ ތަކަށް އެމީހުންގެ ވަސްޖެހުމަށްފަހު ހޯދައިގަންނަން ވަރަށް ފަސޭހަވާނެ. ތަނުން ތަނަށް ހުރިހައި މީހުންގެ ލޭބޮއެ ބިމަށް ތިރިކޮށްލީ. އެމީހުންނަށް ވައިމައްޗަށް ދެވުން އެއީ ހެދުނު ގޯހަކީ. ވައިމައްޗަށް ދިއުމުން، ވައި ދަށުގައި ތިބި ވޭމްޕަޔަރުންނަށް އެމީހުންގެ ވަސް ފޯރާލެތް އަވަސްވާނެކަން ވިސްނައިނުލެވުނީ.”

 “ދެން ޔަރަސް މަންމަ ތިކަމާ ދެރަ ނުވޭ.” ޔާސްމީންއާއި ހަތަރުކަޅި ހަމަކޮށްލަމުން ބިޝާރާ ބުންޏެވެ. “މަންމަމެންގެ ޤަބީލާ އެއްކޮށް އުވިގެނެއް ނުދެއެއްނު. މަންމައާއި ޔަރަސް ތި ތިބީނު އަދި!”

ޔާސްމީންގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކަމަކަށް ގެއްލިފައި އިންނަހެން އިނދެ ވާހަކަދައްކަން ފެށިއެވެ. “ޔަރަސް އުފަންވީވެސް ވެމްޕަޔަރެއްގެ ގޮތުގަ. އިންސާނީ އިޙްސާސަކީ އޭނާ ދަންނަ އެއްޗެއް ނޫން. ޖެހިފައިވާ އެއްފީނާގެ ކަންތަކާމެދު އޭނާ ދެކެނީ ވަރަށް ހިތިގޮތަކަށް. އެކަމުގެ ސަބަބުން އޭނާ ނިމިގެން ހިނގައިދާނެތީ އަހަރެން ބިރުގަންނަނީ.” މިހެން ބުނުމާއެކި ބިޝާރާގެ އަތްތިލަ ގެންގޮސް ޔާސްމީންގެ މޭމަތީގައި ޖެއްސިއެވެ. ޔާސްމީންގެ އަޑު ވަނީ ކުރަކިވެފައެވެ. “ބިޝާރާ ދެކެ ޔަރަސް ނުލާހިކު ބޮޑަށް ލޯބިވޭ. ޔަރަސްއަށް އިންސާނުންނާ މެދު ވެވިފައިވާ ނަފުރަތުން ސަލާމަތްކޮށްދެވޭނީ ބިޝާރައަށްކަމަށް ވަރަށް ހީވޭ. އޭނާއަށް މިހާރުވެސް ބައެއް ބަދަލުތައް އަންނަން ފަށައިފި. އެކަމަކު ބާކީ އޮތީވެސް ނުހަނު ކުރު މުއްދަތެއް. މާބޮޑަށް ލަސްވެދާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ!”

“ނޫން މަންމާ.” ބިޝާރާގެ ޢަޒުމެއް ނުގުޑައެވެ. ފަހަރުގައި ޔަރަސް އިންސާނުންނާއިމެދު ހަމްދަރުދީ ވާކަން އޭނާގެ މަންމައަށް ފޮރުވައިގެން އުޅެނީކަމަށްވެސް ވެދާނެއެވެ. ނަމަވެސް ބިޝާރާއަށް ވަނީ އެކަން ފެނިފައެވެ. ޔަރަސްގެ ހަމްދަރުދީވުމެވެ. އިންސާނުންނާމެދު ވިސްނާ ކަމެވެ.

ބިޝާރާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއި އެކު ޔާސްމީން ބަލަން ފެށިއެވެ. “ޔަރަސް ބުނި ދަރިފުޅުގެ ގަޔަށް ވަރަށް ބޮޑަށް ވިހަ ދޫކުރެވުނު ވާހަކަ. އެކަމަކު ދަރިފުޅަށް އެއްވެސް ކަމެއް ނުވެ ސަލާމަތުން ތިހުރީ. އެކަމުން އަންގައިދެނީ ޔަރަސް ބަލިކަށިވަމުން އަންނަ މިންވަރު. އެހެންވީމާ މިހާރު އޭނާ އެދިޔައީ ބިންގަރާހުގައި ތިބި ހުރިހައި އަޅުންގެ ލޭ ބޮއެ ހުސްކޮށްލަންކަމަށް މަންމަގެ ހިތް ބުނަނީ.”

“އެހެންވީއިރު އޭނާ ހުއްޓުވަން ޖެހޭނެއެއްނު އަހަރުމެން!”

“ދަރިފުޅާ ބިޝާރާ، ތިކަމެއް ނުވާނެ. ދަރިފުޅަށް އަދި އެހާ ބޮޑަށް އޭނާ ދަސްނުވަނީ. އޭނާ ލޭ ބޯން ހުއްޓާ ހުއްޓުވައިފިއްޔާ ވަރަށް ރުޅިގަދަވާނެ. މިވަގުތު އޭނާ ދަރިފުޅުދެކެ ރުޅި އަންނަގޮތްވުމަކީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫން.”

“އެކަމަކު އެތައް ބައެއްގެ ފުރާނަ-“

“މި ކިއްލާގައި ތިޔައީ ޢާއްމު ކަމެއް.” ބިޝާރާ ބުނަމުންދިޔަ ޖުމްލަ ހުއްޓުވަމުން ޔާސްމީން ބުންޏެވެ. ޖެހިގެން ހުރި ކޮޓަރިއާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނާއުއްމީދުގެ އަސަރެވެ.

“މިހިރަ ކޮޓަރިން ގޮސް ވަދެވޭނީ އެތަނަށް. ބިންގަރާހަށް. އެތަނުގައި އޭނާ ލޭ ބޯން ގެންގުޅޭ އަޅުން ބައިތިއްބާފަ ތިބޭނީ. އެއީ ވަރަށް މުޑުދާރު ތަނެއް. ޔަރަސް އަށް ޖެހިފައިވާ އެސްފީނާގެ އަސްލަކީ އަހަރުމެން އިންސާނުންދެކެ އޭނާ އަންނަ ސިނގު ރުޅި. އޭނާއަށް އެކަން ނޭނގުނަސް، އެ އަންނަ ގަދަ ރުޅީގެ ނުބައި އަސަރު އޭނާއަށް ފޯރަމުން އެދަނީ.”

“އެ ބިންގަރާހުގަ ކިތަކެއް އިންސާނުން ތިބޭނެ؟ އެއީ ވަރަށް ބޮޑު ތަނެއްތަ؟”

“އެއީ ދިގު ހޯލެއް ކަހަލަ ތަނެއް. މި ކިއްލާ ހަދާފަ މިހުރީ ފަރުބަދައެއްގެ މަތީގައި. މިތަން މިހިރަ ފަރުބަދައިގެ ދަށުގައި ސަރާސަރު ދިގު ހޮހޮޅައެއް އޮންނާނެ. އެއީ އަހަރެންގެ ބައްޕަގެ ޤަބީލާގެ މީހުން ވޭމްޕަޔަރުންނަށް ފިލާ ތިބުމަށް ބޭނުންކުރިތަން. މިހާރު އެތަން ބަދަލުކޮށްލާފައި އެވަނީ މި ކިއްލާގެ ބިންގަރާހަށް.”

ބިޝާރާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރު ފެންނަން ހުއްޓެވެ. ޔާސްމީން، ބިޝާރާގެ ބޮލުގައި ފިރުމާލިއެވެ. “ދަރިފުޅު އަނެއްކާވެސް ފިނިވާން ފެށީއޭދޯ. އެއީ އަދިވެސް ހުމުގެ އަސަރު ނުފިލަނީކަމަށް ވާނީ. އަދިވެސް އަރާމުކޮށްލާ. ޔަރަސް ވެސް އިރުކޮޅަކުން އައިސްފާނެ.”

ބިޝާރާ ނިދާލެވޭތޯ ބަލަން ފެށިއެވެ. ނަމަވެސް ނިދޭގޮތެއް ނުވިއެވެ. ތަފާތު ޚިޔާލުތަކުން ސިކުނޑިއަށް އުނދަގޫވާވަރުންނެވެ. ވަރަށް މަސައްކަތުން އުޅެގެން އޭނާއަށް ނިދިޖެހިއްޖެއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތަނަށް އައިސް އެވަނީ ޔަރަސް އެވެ. ދޮރު ހުޅުވާލީ ވަރަށް ބާރަށެވެ. ރުޅި އައިސް ރަތްވެފައި ހުރެ އޭނާ ބިޝާރާއަށް ގޮވަން ފެށިއެވެ. ނަމަވެސް ބިޝާރާއަށް ހޭލެވޭގޮތެއް ނުވިއެވެ. އައިސްފައިވާ ގަދަ ރުޅީގައި އޭނާ ބިޝާރާގެ މުލައްދަނޑީގައި ހިފައި ނެގިއެވެ. އޭނާ އެނދުން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

“ތެދުވޭ! ހަމަ މިހާރު ތެދުވޭ!!”

ނުނިމޭ

އެއްހާސް އަހަރު – 23

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތަނަށް އައިސް އެވަނީ ޔަރަސް އެވެ. ދޮރު ހުޅުވާލީ ވަރަށް ބާރަށެވެ. ރުޅި އައިސް ރަތްވެފައި ހުރެ އޭނާ ބިޝާރާއަށް ގޮވަން ފެށިއެވެ. ނަމަވެސް ބިޝާރާއަށް ހޭލެވޭގޮތެއް ނުވިއެވެ. އައިސްފައިވާ ގަދަ ރުޅީގައި އޭނާ ބިޝާރާގެ މުލައްދަނޑީގައި ހިފައި ނެގިއެވެ. އޭނާ އެނދުން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

“ތެދުވޭ! ހަމަ މިހާރު ތެދުވޭ!!”

ބިޝާރާއަށް ލިބުނީކުއްލި ސިހުމެކެވެ. ފުންމައިގެން އެނދުން ތެދުވެއްޖެއެވެ. ޤަބޫލުކުރަން ދަތިވެގެން އޭނާއަށް ބޯ ހޫރާލެވުނެވެ.

‘އެއީ ދެތެއްތަ؟”

 

ޔަރަސްގެ ދެލޯ ހުރީ ބޮޑުވެފައެވެ. ރަތްވެފައެވެ. ބިޝާރާ އިނީ ބިރުން ވިރިވިރި އެވެ. އޭނާ އެނދުން ތެދުވެ ކޮޓަރިން ނިކުމެއްޖެއެވެ. ޔަރަސް ރުޅިއައުމުން އެ ރުޅި މައިތިރި ކުރެވޭނެ އެހެން ގޮތެއް ނޯންނާނެކަން އޭނާއަށް އެނގޭތީވެއެވެ. ރުޅި މައިތިރި ކުރަން މަސައްކަތް ކުރިޔަސް އޭނާގެ ރުޅި ހައްތަހާ ގަދަވާނެކަން އެނގޭތީވެ އެވެ.

“މަ މިކުރި ސުވާލަށް ޖަވާބު ދީބަލަ!”

 

ބިޝާރާގެ ފަހަތުންގޮސް އޭނާގެ އަތުގައި ޔަރަސް ހިފެހެއްޓިއެވެ. ވަރަށް ބާރަށެވެ. ހީވީ އޭނާގެ ނިޔަފަތިތައް ބިޝާރާގެ އަތަށް ވައްދާލަފާނެހެންނެވެ. ބިޝާރާ ތުރުތުރު އަޅަން ފެށިއެވެ. ޔަރަސް ގާތަށް އެހާވަރަށް ރުޅި އަންނަންވީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށްވެސް ބިޝާރާއަކަށް ނޭނގެއެވެ. އޭނާގެ ދެލޯ ހީވަނީ އަނގުރު އަލިފާންގަނޑެއް ހެންނެވެ.

ބިޝާރާ ގެންގޮސް ފާރުގައި ޖައްސައި ފިއްތާލިއެވެ.

“މިހިރަ ގޮތެއް ފޮތެއް ނެތް މަކަރުވެރި އިންސާނާ! ކަލޭ މަށަށޭ ތި އޮޅުވާލީ!” ޔަރަސް ހަޅޭއްލަވައިގަތެވެ. ބިޝާރާއަށް ރޮވެން ފެށިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށިއެވެ. ޔަރަސް އަށް އޭގޭން އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. “އަހަރެން ކަލެއަށް ކުރެވުނު އަނިޔާއެއް ކުރާނަން. އަހަރެންގެ މި ތޫނު ދަތްތަކުން ކަލޭ ނޮޅާލާނަން. ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ކަލޭގެ ގައިން ލޭ ބޮމުން އެ އަނިޔާތައް ކުރަމުން ދާނީ. އެކަމަކުވެސް ކަލޭ މަރައެއް ނުލާނަން!” ބިޝާރާގެ ކަނދުރާ އާއި ކައިރިއަށް އޭނާގެ މޫނު ޖައްސާލިއެވެ. “ދުވަހަކުވެސް އަހަރެން ކަލޭ ދޫކޮށެއް ނުލާނަން މިހިރަ ނުލަފާ ޑަކައިތު އަންހެނާ!”

ޔަރަސް އޭނާގެ ޖީބުން ލައިޓަރެއް ނެގިއެވެ. ލައިޓަރު ރޯކޮއްލާފައި ބިޝާރާގެ ކަންފަތު ފޫޅުގައި ޖެއްސިއެވެ. ބިޝާރާއަށް ހަޅޭއް ލަވައިގަނެވުނެވެ.

“ކަލޭ ކުރިކަމެއް ނުބުނެފިއްޔާ އަހަރެން ކަލޭ އަންދާލާނަން!”

“ޔަރަސް ތި ކިޔާ އެއްޗެއް އަހަންނަކަށް ނޭނގޭ. ކިހިނެތް ވެގެންތަ ތި އުޅެނީ؟”

ބިޝާރާގެ ކަރުދޮށުގައި ޔަރަސް ދަތްއެޅި އެވެ. އޭރުވެސް ބިޝާރާވަނީ ފާރުގައި ޖައްސައި ފިއްތާލާފައެވެ.

“ޔަރަސް، ޕްލީޒް! އަހަރެން އާދޭސްމިކުރަނީ. ވެގެން އުޅޭގޮތެއް ބުނެބަލަ؟ އަހަރެން ކޮންކަމެއް ކުރިވާހަކައެއްތަ ތި ދައްކަނީ؟ ކޮންކަމެއްތަ މަގޭ ބޮލުގަ ތިޔަ އަޅުވަނީ؟ ޕްލީޒް ބުނެބަލަ! އޭރުންނެއްނު އެނގޭނީވެސް ވެގެން ތިއުޅޭ ގޮތެއް!”

ޔަރަސް ބިޝާރާގެ އަތަށް ފިއްތާލިއެވެ. އަނެއްކާވެސް ލައިޓަރުން ބިޝާރާގެ ކަންފަތު ފޫޅުގައި ޖެއްސިއެވެ. ބިޝާރާ ރޮއެގަންނަމުން ހަޅޭއްލަވައިގަތެވެ.

“ހަމަ މިހާރު ބުނޭ! މި ބުނީނު ބުނާށޭ! އަހަރެން ބޭނުންވަނީ ކަލޭގެ ތި އަނގައިން އެވާހަކަތައް ކިޔައިދޭ އަޑު އަހަންް.”

“ޔަރަސް، ޔަރަސްސްސްސް!!! ޕްލީޒް މަށަށް އަނިޔާ ނުކޮށް ހުއްޓާލަބަލަ! ތި ލައިޓަރުން ނުޖައްސަބަލަ ހެޔޮނުވާނެ!” ބިޝާރާ ރޮމުން، ގިސްލަމުން އާދޭސްކުރަމުން ދިޔައެވެ.

“ކާލޭ ހީކުރަނީ ދެން އަހަރެން ކަލެޔަށް އިތުބާރު ކުރާނެކަމަށްތަ؟!!” ބިޝާރާގެ މޫނުމަތީގައި އެތިފަހަރެއް ޖަހަމުން ޔަރަސް ހަޅޭއްލަވައިގަތެވެ. ބިޝާރާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. އޭނާގެ ތުންފަތް ފަޅައިގެންގޮސް ލޭ އަންނަން ފެށިއެވެ. އަނެއްކާވެސް ޔަރަސް ލައިޓަރު ރޯކޮށް ބިޝާރާގެ ކަންފަތުގައި ޖައްސަން ފެށިއެވެ. ބިޝާރާގެ ކަންފަތް ފިހިގެން ފޮޅުނަގަމުން ދެއެވެ. “މަށަށް ރަނގަޅަށް ކިޔައިދީ. އެހެން ނޫނީ ކަލޭގެ ތި މޫނު އެއްކޮށް ފިއްސާލާނަން. އެވަރުންވެސް އަހަރެން ހުއްޓައެއްް ނުލާނަން. ކަލޭގެ ބޮލުގެ އިސްތަށިތައްވެސް އަންދާ ހުލިކޮށްލާނަން.”

“އޯކޭ. އޯކޭ!! އަހަރެން ކިޔައިދޭނަން! ހުރިހައި އެއްޗެއް ކިޔައިދޭނަން!” އެއްމެފަހުން ގޮތް ހުސްވެގެން ބިޝާރާ ހަޅޭއްލަވައިގަތެވެ.

ވިހަ ގޮތަކަށް ޔަރަސް ހުރީ ބިޝާރާއަށް ބަލާށެވެ. އޭނާ ދައްކާ ވާހަކައެއް އަޑުއަހާށެވެ.

“އަހަންނަން އެނގޭހައިވެސް ކަމަކީ – އަހަ – އަހަންނަށް އެނގެނީ – ކަލޭ – އަހަރެން – އުއްމީދުކުރަނީ ކަލޭ – ކަލޭ—.” ބިޝާރާ ދާހިއްލާ ފޯވެއްޖެއެވެ. ތަދުވާވަރުން އޭނާއަށް   ވާހަކަދެއްކޭވަރުވަނީ ހަމަ ކިރިޔާއެވެ. “-ތި ޖެހިފައިވާ އެސްފީނާއިން ސަލާމަތްކުރުމަށް – ކުރެވެން – ކުރެވެން އޮތް ހުރިހައި ކަމެއް – – – .”

ކީކޭ!!؟؟

“ޔަރަސް، ބޭ- ބޭނުންގޮތެއް ހަދަންވީ. އަން-އަންދާލިޔަސް ހެ- ހެޔޮ – އެކަ- އެކަމަކުވެސް- އެކަމުވެސް އަހަރެން – އަހަރެން ކަލޭދެކެ- ލޯބި ވާނަން . . . .” މިހެން ބުނުމާއެކު ބިޝާރާގެ ޚަބަރު ހުސްވެއްޖެއެވެ.

ޔަރަސްއަށް ހީވި އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ބިޝާރާ އެ ބުނިއެއްޗަކުން ޔަރަސް އަށް ޤަބޫލުކުރެވިއްޖެއެވެ. ބިޝާރާގެ ކުށެއް ނެތްކަމެވެ. އޭނާ ހައްޔަރުކޮށްގެން ގެންގުޅޭ އަޅުން ދޮގުހެދީ ކަމެވެ. އެމީހުން ބުނިގޮތުން ބިޝާރާއަކީ ޔަރަސް ނައްތާލުމަށް މަކަރުން އުޅޭ ކެހިވެރި ޑަކައިތެވެ. ޔަރަސް އަށް ވަރުގަދަ ޒަހަރެއްދީ ދުވަހަކުވެސް ދަރިން ނުލިބޭގޮތް ހަދަން އުޅެނީކަމަށްވެސް އެމީހުން ބުންޏެވެ.

ޔަރަސް ބެލްކަންޏަށް ނުކުމެއްޖެއެވެ. ކަރު އޮތްމިނަށް ހަޅޭއް ލަވައިގަތެވެ. އޭނާގެ އަމިއްލަ ނަފުސާއި މެދު އިންތިހާއަށް ރުޅި އާދެވުނެވެ. އެހާ އަވަހަށް ބިޝާރާ އާއިމެދު އޭނާއަށް ޝައްކު ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ބިޝާރާ އޭނާއަށް އިތުބާރު ކުރިއެވެ. ނަމަވެސް ދެން އެ އިތުބާރު ކުރާނެކަމާމެދު ޝައްކެވެ. ޔަރަސް ދެކެ ލޯބިވާކަމަށް ބިޝާރާ ބުންޏެވެ. އެކަމަކު ދެން އޭނާދެކެ ބިޝާރާ ލޯބިވާނެ ހެއްޔެވެ؟ މި ހުރިހައިކަމެއްވެސް މިވީ އެމީހުން ޔަރަސް އަށް ދޮގު ހެދީމައެވެ.

‘އަހަންނަށް ބިޝާރާގެ ވާހަކަތައް ޤަބޫލު ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ލޭ ބޯން ގެންގުޅޭ އެއްވެސް އަގެއް ނެތް އަޅުންތަކެއްގެ ބަހަށް ހެއްލެވުނީ ކީއްވެގެން ހެއްޔެވެ؟ ހުރެބަލާށެވެ. މިފަހަރު ކުޅި ދައްކާލާނަމެވެ. އަހަރެން ދެކެ އަލަށް ލޯބިވި، އަހަރެންގެ ބިޝާރާއާއި މެދު ޝައްކު އުފެއްދި އެ އިންސާނުން ހިތަށްވެސް ނާރާވަރަށް އަނިޔާ ކޮށްލާނަމެވެ. ނުވީތާކަށް އެ އަޅުންތައް ނިސްބަތްވާ އަވަށްތަކުގެ މީހުނަށްވެސް ހަމަލާ ދޭނަމެވެ. އަހަރެންގެ ޝިކާރައަކަށް އެމީހުންވެސް ހަދާލާނަމެވެ.’ ޔަރަސްގެ ހިތަށް އެތައް ބައިވަރު ޝުޢޫރުތަކެއް ވެރިވަމުން ދިޔައެވެ.

ނުނިމޭ

އެއްހާސް އަހަރު – 24

ބިންގަރާސް ތެރެއަށް ވަންނަން އޮންނަ ހަނި ގޯޅިގަނޑުން ހަރުކޮށް ހިނގަމުން ޔަރަސް ދިޔައެވެ. އަދިވެސް އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އެ ދޮގު ވާހަކަތައް ދެއްކުމުގައި އިސްވެހުރި ނުލަފާ ފިރިހެނާއަށް މިފަހަރު ހޭއަރުވާލުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. އައިސްފައި ހުރި ރުޅި ގަދަކަމުން އޭނާގެ ގޮށްމުންވަނީ ކަވާލެވިފައެވެ. ހޮހޮޅައެއްގެ ތެރެއަށް ވަންނަން ޖެހޭގޮތަށް އޮތް އެ ހަނި ގޯޅިން ހިނގަމުން ދިޔައިރު ދުރުން، މީހުންންތަކެއް ވާހަކަދައްކަމުންދާ އަޑު އިވެމުންދެ އެވެ.

ބިންގަރާހުގައި އޭނާގެ އަޅުންގެ ގޮތުގައި ގެންގުޅޭ މީހުންތިބި ކޮށިތަކާއި ހަމައަށް ޔަރަސްއަށް ދެވުމާއެކު އެ ކޮށިތަކުގައި ތިބި މީހުން ހިމޭން ވެއްޖެއެވެ. ޔަރަސްގެ މިސްރާބު ހުރީ އެތަނުގައި ހުރި ޚާއްޞަ ކޮށްޓަކާއި ދިމާއަށެވެ. އެއީ  ހަމަ އެއްމެ ފިރިހެނެއް ލާފާއިވާ ކޮށްޓެކެވެ. އެ ކޮށީގައި އިން ފިރިހެން މީހާއަކީ ޔަރަސްގެ ކަންފަތަށް ވިހަ ބަސްތަކެއް އިއްވުމުގައި އެއްމެ އިސްކޮށް ހުރި މީހާއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ޔަރަސް ގެންގުޅޭ ފިރިހެނެކެވެ. ގަމުގެ ހޮސްޕިޓަލް ސަރަޙައްދުން ޔަރަސް އަށް ޢަދީލް ފެނުނީ އޭނާގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ދުވަސްވަރު އެވެ. އެއީ ޢަދީލް އާއި ހިޔަލައާއި ދެމީހުންގެ ގުޅުން ބަދަހިވެގެން އައި ދުވަސްވަރުއެވެ. ހިޔަލަ ފަހަތުން ފާރަލަމުން ޔަރަސް އުޅުނީ ހިޔަލަގެ ބައްޕަ ޢަލީސީދީ ބުނުއްވައިގެންނެވެ. ޢަދީލް ދެކެ ހިޔަލަ ރުޅި އައިސްގެން އޭނާގެ ހިތް ނަގައިގެން ދިޔުމާއެކު ޢަދީލްއަށް އެރޭ އެހީވީ ޔަރަސްއެވެ.

ޔަރަސްގެ ކުރިމަތިން މީގެ އަހަރުތަކެއްކުރިން ހިނގި އެ ޙާދިސާތައް އޭނާގެ ލޯމައްޗަށް ސިފަވާންފެށީ ޢަދީލް ފެނުމުންނެވެ. ޢަދީލް ފެންނަ ކޮންމެ ފަހަރަކު ޔަރަސްއަށް އެރޭގެ ހަނދާންތަކާ ކުރިމަތިލާން ޖެހެއެވެ. އެރޭގެ އެ ޙާދިސާ ހިނގިއިރު ޔަރަސް އިނީ އެތާ ކައިރީ ހުރި ދަޅިރުކެއްގެ ކޮޅުގައެވެ.

ރަށުގެ އަތިރިމަތީގައި ހުރި އަކިރިވެލި ފުނިމަތިން އަދީލް ތެދުވިއެވެ. ގެއަށް ދިއުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަތްތަނުން އަދީލަށް މީހަކު ގޮވާލިހެން ހީވެގެން ފަސް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލައިގެން ހުރި ޖީންސްގައި ހޭކިފައިހުރި ވެލިތައް ފޮޅާލިއެވެ. އަނެއްކާވެސް އިވިގެންދިޔައީ ހަމަކުރިން އިވުނު އަޑެވެ. މިފަހަރު މާ ކައިރިންނެވެ. ފަސް އެނބުރި ބަލާލިއިރު ކައިރީގައި ހުރީ އަދީލް އިންތިޒާރު ކުރަމުން ގެންދިޔަ ކުއްޖާއެވެ. އެތަކެއް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު މިއަދު ހިޔަލަ އެހެރީ އަނެއްކާވެސް ޢަދީލްގެ ކުރިމަތީގައެވެ.

 

 

އަދީލް…. އަހަންނަށް އެނގޭ އަދީލް އަހަރެން ދެކެ ލޯބިވާކަން … އަދީލް ރޯ ރުއިންތައް އަހަރެން އަބަދުވެސް އަޑު އަހަން… އަދީލަށް ވެފައިވާ ވަޢު….”

 

 

ހުއްޓާލާ!!… ވަޢުދުވީ އަހަރެން ހިތުގައި ޖައްސަންތަ؟ ވަޢުދުވީ އަހަންނަށް މި ވޭންދެނިވި ޙަޔާތް ދޭންތަ؟” ހިޔަލަގެ ވާހަކަތައް މެދުކަނޑާލަމުން ޢަދީލް ބުނެލިއެވެ. އެ އަޑުގައިވަނީ ފުން އަސަރު ތަކެކެވެ. ހިޔަލަގެ އަޑުގައި ހުރި ރިހުމާއި ހިތާމަޔަށްވުރެން ކުޑަތަންފުކެއްވެސް އަދީލްގެ އަޑުން މަދު ހެނެއް ހިއެއް ނުވެއެވެ.

 

 

އަދީލް…. ތިހެން ނުބުނޭ!…. ޢަދީލްގެ ހިތުގައި ޖައްސަން އަހަންނަށް ކެރޭނެހެން ހީވަނީތަ؟ އަހަރެން ޢަދީލަށް އެރޭ ކަމެއް ކުރިންތަ؟ ނޫނީ ދުވަހަކުވެސް އެއްވެސް ގޯނާއެއް ދިނިންތަ؟ އަހަރެން އަދީލް ދެކެ އިންތިހާއަށް ލޯބިވަން … އަހަރަމެންގެ ދެމެދުގައިވާ ދުރުކަމަކީ އަދީލް އަމިއްލައަށް ހޯދި ދުރުކަމެއް!” މިފަހަރު ހިޔަލަގެ އަޑު ތަފާތުވެފައި ހަރުކަށިކަމެއް ހުރިހެން ހީވެއެވެ.

 

 

ހިޔަލަ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް އޮޅުވާލައިގެން ނޫންތަ އުޅުނީކީ؟… ފުރަތަމަވެސް ހިޔަލަގެ ޙަޤީޤަތް ކިޔާދިންނަމަ!”

 

 

ނަމަ، ނަމަ، ނަމަ، ބަލަ އަދީލު މެނެއްނޫންތަ ބަހަކު ދެކޮޅު ބުނަނީ ނަމަޔަކުން ރިހައެއް ނުކެއްކޭނޭ …. ބުނިނަމަ، ކިޔާދިންނަމަ، އަހަންނަށް އަދީލްގެ ލޯބި ހިނދުކޮޅަކަށް ނަމަވެސް ލިބޭނެތަ؟ … މި ސުވާލަށް އަދީލު ދޭނެ މާގިނަ ޖަވާބެއް ނޯންނާނެ!” ހިޔަލަގެ އަޑުގައި ހުރި ހަރުކަށިކަން އިތުރު ވަމުން ދިޔައެވެ. އަޑު ބަރުވެފައި ކުރަކި ވަމުން ދިޔައެވެ.

 

 

މިއަދު ހިޔަލަ އަށް ދެވޭނެ އެއްވެސް ލޯތްބެއް ނެތް…. އަހަރެންގެ ހިތް، އެ ހިތުގައިވާ ހުރިހާ ލޯތްބަކާއިއެކު އެރޭގެ އެ ވަގުތުގައި ހިޔަލައަށް ދިނީމެއްނު؟” އަދީލް އަސަރާއިއެކު ބުނެލިއެވެ.

 

 

ހިތް ދިނީމޭ ކިޔައިގެންވެސް ތިކަހަލަ ބަހަނާތައް ދައްކަނީ ކަލޭމެން އިންސާނުން ….  އަހަރެން އަދީލު ތިވާ ލޯތްބަށްވުރެން މާވަރުގަދަ ލޯތްބެއް ވަން… ދެން ކޮން ހިތެކޭ ކިޔާކަށް! ދެން ތިޔަބުނާ ހިތް ދޯ!” މިހެން ބުނެލަމުން ހިޔަލަ ޢަދީލާއި ކައިރިއަށް ޖެހިލިއެވެ.

 

 

ކުއްލިއަކަށް ހިޔަލަގެ މޫނު ދެފަރާތަށް އިރެން ފެށިއެވެ. ހަށިގަނޑުގެ މަސްތައްވެސް އިރަ އިރައިގެން ދާން ފެށިއެވެ. އޭރު ހިޔަލަގެ އަނގައިން ބޭރުވަމުންދިޔަ ގަދަ ހަޅޭކުގެ އަޑާއިއެކު އެހާ ނުބައިވަހެއްވެސް ދުވަން ފެށިއެވެ. ޢަދީލުގެ ގަޔަށް ލެއިތިކިތައް ބުރަމުން ދިޔައިރުވެސް އެންމެ ފިޔަވަޅެއް ފަހަތަށް ޖައްސާ ނުލާ ހުރިގޮތަށް ހުރީއެވެ. އިރުކޮޅަކުން ޢަދީލުގެ ކުރިމަތިން ފެންނަން ހުރީ ނުބައި ސިފައަކަށް ހުރި ސޫރައެކެވެ.

 

 

އަދީލުގެ ހިތް އަހަންނަށް ދީފައި އޮތޭ ކިޔައިގެން ބައިސާ ކަނޑާއިރު، ހީކުރީތަ އަހަންނަކީ އިންސި އަންހެންކުދިން ފަދަ މޮޔައެކޭ…. މިރޭ ތިޔަ ބުނާ ހިތެއް އަދީލަށް ދައްކާފަ އަހަރަމެންގެ މިގުޅުން އަބަދުގެ އަބަދަށް ނިންމާލަން އަހަރެން ބޭނުން…” ރުޅިއައިސް ރަތްވެ ފައިވާ ހިޔަލަ ހަޅޭއްލަވަމުން ދިޔައެވެ. ދެލޯ އަނގުރު އަލިފާންހެން އަނދަމުންދިޔަ އިރު އެ ސޫރައިގެ ހަށިގަނޑުން ދުން އަރަމުން ދިޔައެވެ.

 

 

އިވެމުންދިޔަ ގަދަ ހަޅޭކުގެ އަޑު އަދީލްގެ ކަންފަތުގައި ނުޖެހެނީކަމެއް ނޭގެއެވެ. އަދީލް ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ. ކުއްލިއަކަށް އަދީލުގެ މޭގެތެރެއަށް ވަދެގެން އެދިޔައީ ހިޔަލަގެ ތޫނު އިނގިލިތަކެވެ. އަދީލަށް ލިބުނު ވޭނާއި ތަދުގެ ސަބަބުން ކަރުތެރެއިން އަޑެއް ލައްވާލިއެވެ. ހިޔަލަގެ އަތް ވައްދާލުމާއިއެކު އެ އަތްތިލަ ނެގީ އަދީލުގެ މޭ ނޮޅާލަމުންނެވެ. ހިތާއި ގުޅިފައިވާ ނާރުތައް ބުރިބުރިކޮށްލަމުންނެވެ. ލޭ ފައިބަން ފެށިއިރު ހީވީ ފެންއަޅާފައި އޮތް ފުއްޕާހަމެއް ކުއްލިއަކަށް ފަޅައިގެން ދިޔަހެންނެވެ.

 

 

ފެނޭތަ ހިތް… އޭން …. މީތަ ތިބުނާ ހިތަކީ؟ އޭން… އޭތް … އާނނނނ ހޫން.” ހިޔަލަގެ މުށުތެރޭގައި އޮތް ހިތް އަދީލަށް ދައްކަމުން ދިޔައެވެ. އޭރު އަދީލުގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ރޯމަހެއް ތެޅޭހެން ދެފަހަރަކު ތެޅިލާފައި މައިތިރި ވެއްޖެއެވެ.

 

 

ހިޔަލަ ބާރު ހިނިގަނޑެއް ޖަހާލަމުން އެނބުރެން ފެށިއެވެ. އަތުގައި އޮތް އަދީލުގެ ހިތުން ލޭތިކިތައް ބުރަމުން ދެއެވެ. ބާރު ވައިރޯޅިއެއްފަދައިން އެނބުރެން ފެށުމުން އެހިސާބުގައި އޮތިއްޔާ އޮތް ފަތްތަކެއްވެސް އެނބުރެން ފެށިއެވެ. ނަގޫރޯޅިއެއް އަރައިގެން އުޅެނީއޭ ހީވާ ކަހަލައެވެ. އިރުކޮޅެއްފަހުން އެ ގަދަ ވައިރޯޅި މައިތިރި ވެއްޖެއެވެ. އޭރު ވައިރޯޅީގެ ތެރެއިން އެނބުރެމުން ދިޔައީ އަންހެން ކުއްޖެކެވެ. ކުރިން ފެނިގެން ދިޔަ ހިޔަލައާއި ކުޑަކޮށްވެސް ވައްތަރު ކަމެއް ނެތް ކުއްޖެކެވެ. އަތުގައި ބްރީފްކޭހެއް އަދި ކޮނޑުގައި ދަބަހެއް އަޅުވާލާފައި އޮތެވެ. އޭނާގެ އަތުގައި އޮތް ރަތްކުލައިން ކަޅިވެފައިވާ އެއްޗަކުން ތިކިތަކެއް ޖަހަމުން ދިޔައެވެ. އެތިކިތަކާއި ދުރު ނޫންހިސާބެއްގައި އަދީލް ހުއްޓެވެ. އަދީލު ހުރީ މޭމަތީގައި އަތްއަޅައިގެންނެވެ. އޭނާ ހުއްޓިހުރި ފިޔަވަޅުގެ ވަށައިގެންވަނީ ލޭގެ ކޯރެކެވެ. ކަޅި ޖަހާނުލާ އަދީލް ބަލަމުން ގެންދިޔައީ އަދީލްގެ ހިތް ހިފައިގެންދާ ކުއްޖާއަށެވެ. ފަރި ހިނގުމެއްގައި ކުނަހަންދޫ ބަނދަރާއި ދިމާއަށް ހިޔަލަ ހިގަމުންދިޔައިރު ޢަދީލް ރާގުއަޅުވާފައި ލަވައެއް ކިޔަން ފެށިއެވެ.

 

 

ހިތް ހަދިޔާ ކޮށްފައިވާތީ ދާން އެކުގާ ބޭނުންވީމޭ”ބާރު ވައިރޯޅިއެއް ފަދައިން ޢަދީލްގޮސް ހިޔަލަގެ އަތުގައި ހިފިއެވެ. ހަމަ އެއާއެކު ބާރުވައިރޯޅިއެއް ފަދައިން ޢަދީލް އާއި ހިޔަލަ ކުނަހަންދޫ ބަނދަރާއި ދިމާ މައްޗަށް އަރަން ފެށިއެވެ.

 

 

ބާރު ވައިރޯޅިއެއް ފަދައިން އެރޭ ހިޔަލައާއި އެކު ޢަދީލް ދިޔަކަމަށް އެ މަންޒަރު މީހަކަށް ފެނުނު ނަމަވެސް ހީވާނީ ޢަދީލަށް ބާރެއް ލިބުނީ ކަމަށެވެ. އެކަމަކު އެހެން ހީވިޔަސް ކަންވީ އެހެނެއް ނޫނެވެ. ޚުދު ހިޔަލަ ވެސް އެއްމެ ފުރަތަމަ ހީކުރީ ޢަދީލް ވެމްޕަޔަރަކަށް ބަދަލުވީ ކަމަށެވެ. ހިޔަލަ ގޮވައިގެން ކުނަހަންދޫ ބަނދަރާއި ދިމާއަށް މައްޗަށް އެރީ ޔަރަސް އެވެ. ޢަދީލްގެ ދެ ކިހިލިފަތްދޮށަށް އަތް މަހާލައިގެން އޭނާގެ ފުރުގަހުގައި ހުރެގެންނެވެ. ޔަރަސް އެމީހުން ގޮވައިގެން ގޮސް މަޑުކުރީ އެތާ ކައިރީ އޮތް ފަޅުރަށެއްގައެވެ. ހިޔަލަ އަށް ޔަރަސް ފެނުމުން އަނގައިންވެސް ބުނަން ނުކެރުނެވެ. ޔަރަސްގެ ލޮލުގެ އިޝާރާތަކާއި އެކު ހިޔަލަ އެތަނުން ނައްޓާލިގޮތަށް ދިޔައީ މާލެއަށެވެ. އެ ދުވަހަަށްފަހުން ޢަދީލް އެ ގެންގުޅެނީ ޔަރަސްއެވެ. ޓްރިވެންޑްރަމްގައި ހުންނަ އޭނާގެ ކިއްލާގައެވެ. އެތަނުން ވެމްޕަޔަރުންގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެެއްގެ އެހީގައި ޢަދީލްގެ ހިތްބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރުމަށް ފަހުގައެވެ. ޢަދީލްގެ ގަޔަށް ލެއްވީ ޑަކައިތު އަންހެނެއްގެ ހިތެކެވެ.

ޚިޔާލީ ދުނިޔެއިން ޔަރަސްއަށް ނުކުމެވުނީ ޢަދީލް ހޭންފެށި އަޑަށެވެ. ޔަރަސްގެ މޫނުމައްޗަށް ސިނގުރުޅީގެ އަސަރު އަނެއްކާވެސް ވެރިވެއްޖެއެވެ.

ނުނިމޭ

އެއްހާސް އަހަރު – 25

ޚިޔާލީ ދުނިޔެއިން ޔަރަސްއަށް ނިކުމެވުނީ ޢަދީލް ހޭންފެށި އަޑަށެވެ. ޔަރަސްގެ މޫނުމައްޗަށް ސިނގުރުޅީގެ އަސަރު އަނެއްކާވެސް ވެރިވެއްޖެއެވެ. ދެލޮލުން ދުންކަނި ބުރަމުންދާކަހަލައެވެ. ޢަދީލް އާއި ދިމާއަށް ބަލަމުންގެންދިޔައީ ނުރައްކާތެރި ގޮތަކަށެވެ. ޢަދީލް ބަހައްޓާފައި ހުރި ކޮށްޓާއި ކައިރިއަށް ދެވުނުއިރު ޔަރަސް ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އެވަގުތު ޢަދީލްއަށް ބިރުން ތެޅިގަނެވުނެވެ. ޢަދީލްގެ އަތުގައި ހުރި ތައްޓާއިއެކު އޫވެސް އަތުން ދޫވެގެން ތަޅުންމައްޗަށް ވެއްޓުނެވެ. ތަޅުންގަނޑަށް ބަތްތައް ވިއްސައިގެން ދިޔައެވެ. ޢަދީލް އަށް ކުރެވު ކަންތައް ޢަދީލް އަށް ހަމަ ރަނގަޅަށް އެނގެއެވެ. އަދި އެކަން ޔަރަސް އަށްވެސް މިހާރު އެނގިފައިވާކަން ޢަދީލަށް އެނގެއެވެ.

ޢަދީލް ގެ ޕްލޭން ކިތަންމެހައިވެސް ފައްކަލެވެ. ނަމަވެސް އެ ޕްލޭން ފުލުން ދިޔައީ ކީއްވެގެންބާވައެވެ؟ އޭނާގެ ޕްލޭންގައި އެތައް ބަޔަކު ވަނީ ބޭނުންކޮށްފައެވެ. އެއީ ފުލްޕްރޫފް ޕްލޭން އެކެވެ. ބިޝާރާ ދަންނަ އެއްވެސް މީހެއް އެހިސާބުގައިވެސް ނޫޅޭނެ އެވެ. ނަމަވެސް ޢަދީލް ދަންނަ މީހުން ގިނަވާނެއެވެ. 13 ވަރަކަށް މީހުން އެއް ވާހަކައެއް ބިޝާރާ ކައިރީގައި ދެއްކުމުން އޭނާއަށް ޖެހުނީ އެ ވާހަކަތައް ޤަބޫލުކުރާށެވެ. ޔަރަސް އަށް ދޮންކަޅުވެސް އަންގައިނުލައި ބިޝާރާ އާއި ހަމައަށް އެ ވާހަކަތައް ގެންދިޔައީވެސް އެހާމެ މޮޅަށެވެ. އެކަމަކު މިހާރު މިއޮތީ ޕްލޭން ފެއިލް ވެފައެވެ. ކޮންމެވެސް ހިސާބަކުން ޢަދީލް އަށް ފަރުވާކުޑަ ކޮށްލެވުނީ އެވެ.

“ޢަދީލް!!!”

ޢަދީލް އާއި ދިމާއަށް ޔަރަސް ހަޅޭއްލަވައިގަތެވެ. އެއީ ބިރުވެރި އަޑެކެވެ. ސިންގާއެއްގެ ހަޅޭކުގެ އަޑާއި ވައްތަރު އަޑެކެވެ. އެހެން ކޮށިތަކުގައި ތިބި ޤައިދީންތައް ކޮށީގެ ފަހަތަށް ޖެހިލިއެވެ. ޔަރަސް ގޮސް މަޑުކޮށްލީ ޢަދީލް އާއި ނުހަނު ކައިރީގަ އެވެ. ޢަދީލް އުދުހިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން ޔަރަސް، ޢަދީލް ހިފެހެއްޓިއެވެ. ޢަދީލްގެ ކަރުގައި ހިފައިފައި ކޮށީގެ އެއްކަނަށް ހޫރާލިއެވެ. އޭރު ޢަދީލް ތުރުތުރު ލަމުން ދެއެވެ.

“ކަލޭގެ ހުންނަ ލަދުހަޔާތްކުޑަކަން ބަލާބަލަ! ކަލޭ މަގޭ ކައިރީގަ ނުލަފާކަން ދައްކަން ހިތަށްވެސް ނާރުވާތި!” ޢަދީލްގެ ކަންފަތްދޮށުގައި ޔަރަސް ބުންޏެވެ.

“ކަލޭގެ ލެޔަކީ ވަރުގަދަ ލެޔެއް. ބާރުގަދަ ލެޔެއް. އަހަރެން ކަލޭގެ ބޭނުން އެއްމެ ބޮޑުގޮތަށް ކޮށްލުމުން ކަލެއަށް ލިބިފައިވާ ބާރުތައްވެސް މަށަށް ލިބޭނެ! އަހަރެންގެ އަތްބަކަށް ބިޝާރާ ހަދާނަން – އެއީވެސް ވެމްޕަޔަރެއްގެ ގޮތުގަ ހުއްޓާ – އޭނާ ލޭ ބޯނީ ކަލޭގެ ގައިން. އަހަރެމެންގެ ދަރިންނަށްވެސް ލޭ ބޯންދޭނީ ކަލޭގެ ގައިން. ކިހިނެތް ވާނެ މިބުނި ގޮތް؟ މަޖާ ވަނެ ދޯ! ބިޝާރާ އަކީ ތަންކޮޅެއް އޯގާތެރި ހިތެއްގެ ވެރިޔަކަސް އަހަންނަކީ އެފަދަ މީހެއް ނޫން. ކަލޭ ޖެހޭނީ އަބަދަށް، ދެންމެ މި ބުނި ގޮތަށް އުޅެން.” އެއްމެ ފަހު ބަސް ބުނަމުން ކާސްކިޔާފައި ޢަދީލްގެ މޫނަށް ކުޅެއް ޖެހިއެވެ. އޭރުވެސް ޔަރަސްގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. ޔަރަސް އައިސްފައި ހުރި ރުޅިގަދަކަމުން ޖެހި ކުޅުގައި މޫސަދަރު (ސަލްފިއުރިކް އެސިޑް) ފަދަ ގަދަ ޒަހަރެއް އެ ކުޅުގައި ހުއްޓެވެ. އެ ކުޅު ގޮސް ޖެހުނީ ޢަދީލްގެ ކަންފަތުގައެވެ. އެ ޖެހުމާއި އެކު ކަންފަތް ވިރެން ފެށިއެވެ. ޢަދީލް ހަޅޭއްލަވަން ފެށިއެވެ. ހަޑިހުތުރު ބަސްތައް ކިޔަމުން ދިޔައެވެ. ބަދު ބަސްތައް ރައްދުކުރިއެވެ. ނަމަވެސް ޔަރަސް އެ ކޮށިން ނިކުމެއްޖެއެވެ. ބަން ލާފައި ދޮރުގަނޑު ލެއްޕިއެވެ.

“ކަލޭ މަޢާފަށް އެދެން ޖެހޭނެ ބިޝާރާގެ ކިބައިން.”

“ހަނދާން ނައްތާލާ. ދުވަހަކުވެސް ތިކަމެއް ނުވާނެ!” ކިތަންމެ ބިރުން ހުރި ނަމަވެސް ޢަދީލް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“ހީކުރާ ގޮތްދޯ! ކަލެއަށް އެކަން ކުރުން ނޫން އެހެން ގޮތެއް ނޯންނާނެ!!”

“މި ބުނީނު ދުވަހަކުވެސް ތިކަމެއް ނުކުރާނަމޭ. އަހަރެން އޭނާ ދެކެވެސް ހަމަ އެހާ ރުޅި އާދޭ! ކޮންމެ ގޮތެއްވިޔަސް ކަލޭ އަހަންނަށް އަނިޔާ ނުކޮށެއް ނުހުންނާނެ. އެ އަންހެންކުއްޖާގެ ފައިބުޑަށް އަހަންނެއް ނުވެއްޓޭނަން!”

“އައްދެ! ކަލޭ މިހާރުވެސް ތިހުރީ އެކަން ކޮށްގެން. ބިޝާރާގެ ފައި ބުޑަށް ވެއްޓެވިއްޖެ މިހާރުވެސް!” ހަޅޭއް ލަވައިގަންނަމުން ޔަރަސް ބުންޏެވެ. ހަމަ އެއާއިއެކު އަނެއްކާވެސް ކޮށްޓަށް ވަނެވެ. ޢަދީލް ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ހިފައިފައި ލަތްކެއް ޖެހިއެވެ. ޖެހި ލަކީގެ ބާރުކަމުން ތަޅުން މައްޗަށް ޢަދީލް ވެއްޓިއްޖެއެވެ. އަނެއްކާވެސް ކަރުގައި ހިފައިފާ ދަމާ ކޫއްތަމުން ބޭރަށް ނެރުނެވެ.

“ކަލޭމެން އެންމެން މިތަނުން ނިކުމެގެން ރައްކާވާން އުޅޭ!! އެކަމަކު ހަނދާންކުރާތި، އަހަރެން ކަލޭމެން އެއްމެން ފަހަތުން ދުވެ އަތުލައިގެން މަގޭ ޝިކާރަކަށްވެސް ހަދާނަން. މިހާރު އަހަރެން ބޭނުމީ މިތަނުގައި ޢަދީލް އެކަނި ބަހައްޓަން. މިތަން އޭނާއަށް ނަރަކައަކަށް ހަދަން!!” އެތަނުގައި ހުރި އެހެން ކޮށިތަކުގައި ތިބި މީހުންނަށް ޔަރަސް އަމުރު ކުރިއެވެ. ޔަރަސްގެ އަމުރާއި އެކު ކޮށިތަކުގައި ލެވިފައިވާ ތަޅުތައް ކޮންމެވެސް ނުފެންނަ ބާރެއްގެ ސަބަބުން ހުޅުވިއްޖެއެވެ. ހުރިހައި ޤައިދީންތައް ދުއްވައިގަތީ އެއްމެ ފަހު ވަގުތާއި ޖެހެން ކިތަންމެ ކައިރި ނަމަވެސް ސަލާމަތް ވެވިދާނެ ކަމުގެ ކެހިވެރި އުއްމީދާއި އެކުގައެވެ.

ހުރިހައި ޤައިދީންތައް ނިކުތުމާއި އެކު ޢަދީލް އަށް ޔަރަސް އަނިޔާ ކުރަން ފެށިއެވެ. ޢަދީލްއަށް ދިން ގަދަ ވޭނާއި އެކު އޭނާގެ އަނގައިން ބޭރުވި ހަޅޭކުގެ އަޑު، ފަރުބަދަތައް ހުރަސްކޮށް ޢާއްމުން ދިރިއުޅޭ ހިސާބަށް ފޯރާހައިވެސް ބާރެވެ.

ކިއްލާއިން ނިކުމެގެން ދުވަމުން ދިޔަ މީހުންނަށް އެ އަޑު ވެގެން ދިޔައީ ޔަރަސް ދިން ވަރުގަދަ އިންޒާރަކަށެވެ.

ނުނިމޭ

އެއްހާސް އަހަރު – 26

ބިޝާރާއަށް ހޭލެވިއްޖެ އެވެ. އޭނާ އޮތީ އެކަނިމާއެކަންޏެވެ. އިރުކޮޅެއްފަހުން އޭނާއަށް އޮވެވުނީ ޔަރަސް ގެ އެނދުގައިކަން އެނގުނެވެ. ކަން ވެގެންދިޔަގޮތް ހަނދާނަށް އަންނަން ފެށިއެވެ. ޔަރަސް ގެ ސިނގު ރުޅިއެވެ. އޭނާއަށް ބޭލިވަރެވެ. ގަތް ބިރެވެ.

‘މިތަނުން އަހަރެން ސަލާމަތްވާން އެބަޖެހޭ ކޮންމެވެސް ގޮތަކުން. ޔަރަސް އަހަރެން ދެކެ ހާދަ ރުޅިއެއް އާދޭ!  އޭނާ އަހަރެން މަރައިވެސް ލާފާނެ!!’ ބިޝާރާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ބިޝާރާ އެނދުން ތެދުވެ ތަޅުންމަތީގައި ފައި އަޅަން ފަހިކޮށްލިވަގުތު ކޮޓަރީގެ އަނެއް ފަރާތުން ޔަރަސް ގެ އަޑު އައެވެ.

“އަސްތާ! ހޭލެވުނީ ދޯ.” ޔަރަސް އިށީންދެގެން އިނީ އިހުޒަމާނުގެ އެއްތެޔޮ ގޮނޑިއެއްގައެވެ. އޭނާ ކޮޅަށް ތެދުވިއެވެ.

ބިޝާރާ އަށް ބިރުން ތެޅިގަނެވުނެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައި ގުޅަވެށިލެވުނެވެ. އޭނާގެ ކަންފަތުގައި ފިހިފައި ހުރި ތަންތަނުން ނަގާ ދިލައިން ކެތް ނުކުރެވޭ މިންވަރަށް ތަދެއް އިޙްސާސްވަމުން ދިޔަ އެވެ. ޔަރަސް އޭނާ އާއި ކައިރިއަށް ޖެހިލުމުން ކުރިއަށްވުރެވެސް ބޮޑަށް ކުރުގެޅި، ގުޅަވެށިލިއެވެ. ގައިމުވެސް ޔަރަސް ގެ ފަރާތުން އޯގާތެރިކަމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ.

އިންސާނުންނާއި ކުރިމަތިލާއިރު ޔަރަސްގެ ކިބައިގައި އެއްވެސް އަގަލެއް، ކުލުނެއް ނުހުރެއެވެ. ޔަރަސް އަށް ކުރެވުނު ކުށްހީ އަކީ ރުޅި ކޮންޓްރޯލް ކުރެވޭ ވަރަށްވުރެން ބޮޑު ކަމެކެވެ. ބިޝާރާ އޭނާއަށް ކެހި ދީފާނެކަމަށް ކުޑަކޮށްވެސް ހީ ނުކޮށް ހުއްޓާ އެފަދަ ވާހަކައެއް އަޑުއިވުމުން ކޮންޓްރޯލުން ނެއްޓީ އެވެ. އެހެންކަމުން އަދިވެސް ބިޝާރާއަށް އަނިޔާ ނުކުރާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

ކަންތައް ވީ ބިޝާރާ ހީކުރި ގޮތަކަށް ނޫނެވެ. ނަމަވެސް ޔަރަސް ކަންތައް ކުރިގޮތުން ބިޝާރާއަށް ލިބިގެން ދިޔައީ ޝޮކެކެވެ. ބިޝާރާ އޮތް އެނދުގެ ކައިރިއަށް ޔަރަސް ގޮސް ހުއްޓުނެވެ. ބިޝާރާގެ އަތްތިލަ އޭނާގެ އަތްތިލައިގެ ތެރެއަށް ލި އެވެ. ކަކޫ މައްޗަށް އެނދުކައިރީގައި އިށީންނިއެވެ. ބިޝާރާގެ ފައިގެ ފަލަމަސްގަނޑު މަތީގައި ބޯ އެޅުމަށްފަހު ގިސްލާ ރޯންފެށިއެވެ.

ބިޝާރާއަށް ހަދާނެގޮތެއް ނޭނގުނެވެ. ޔަރަސް ގެ ބޮލުގެ ފުއްކިބައަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އޭރު ޔަރަސް ގެ ހަށިގަނޑު ތެޅެވެމުން ދިޔައެވެ. އެވަރުގެ މުއްސަނދި، ބާރުގަދަ، އެއްވެސް އިޙްސާސެއް ނެތް، ނުލަފާ، ނުރައްކާތެރި، އިންސާނުން ދެކެ އިންތިހާއަށް ރުޅި އަންނަ ޔަރަސް އެއޮތީ ބިޝާރާގެ އުނގުމަތީގައި ބޯއަޅައިގެން ރޯށެވެ. ކުރީ ދުވަހު ވީ ކިހިނެތްކަމެެއް ބިޝާރާއަކަށް ނޭނގެއެވެ. އަދި އެދުވަހު ޔަރަސް އެގޮތަށް ޢަމަލުކުރީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މިވަގުތު ބިޝާރާއަށް ވަރަށް ބޮޑަށް އެއްކަމެއް ސާފުވެއްޖެ އެވެ. ޔަރަސް އަށް ކުރެވުނު ކަންތަކާ އޭނާ ވަރަށް ބޮޑަށް މާޔޫސްވެ ދެރަވެއްޖެ ކަމެވެ. އެހެން ނޫންނަމަ ބިޝާރާގެ އުނގުތެރެއަށް ވެއްޓި ރޯކަށް ޔަރަސް ނޯންނާނެ އެވެ.

މަޑުމަޑުން ބިޝާރާގެ އިނގިލިތަކުން ޔަރަސްގެ ބޮލުގައި ފިރުމާލިއެވެ. މީގެ ކުރިން ޔަރަސްގެ ގައިގައި ބިޝާރާ ބީހިލީ އެއްމެ ފަހަރަކު އެވެ. ބެލްކަނީގައި އެ ދެމީހުން ވަގުތު ހޭދަކުރި އެ ރޭގައެވެ. އަދިވެސް ޔަރަސް ދެކެ ބިޝާރާ ބިރުގަނެއެވެ. ޔަރަސްގެ އަމަލުތަކުން އެއީ ވަރަށް އަވަހަށް މޫޑް ބަދަލުވާ ވެމަޕްޔަރެއްކަން ވަނީ އެނގިފައެވެ. އުދަރެހުގައިވާ ވިލާތައް ބަދަލުވާހާ އަވަހަށް ނުވެސް ދެނެހުރެ ހުއްޓާ ޔަރަސްގެ މޫޑްވެސް ބަދަލުވެ އެވެ. ނަމަވެސް މީގެ ކުރިން ޔަރަސް އެހައި ‘ކުޑަ ވެފައި’ ވަނިކޮށް ފެނިފައެއް ނުވެއެވެ. އެވަރަށް ދެރަވެފައި އޮއްވައެއެްވެސް ނުފެނެއެވެ.  ބިޝާރާގެ އިނގިތަކުން ޔަރަސް ގެ ބޮލުގެ އިސްތަށިކޮޅުގައި ފުނާއަޅަން ފެށިއެވެ. އެ އިސްތަށިކޮޅުގެ މަޑުކަން އިޙްސާސް ކުރެވުމުން ބިޝާރާ ހައިރާންވި އެވެ. އެއީ ވޭމްޕަޔަރެއްގެ ބޮލުގެ އިސްތަށިކޮޅުގައި އިންސާނީ ސިފަވަންތަކަމެއް ހުރެދާނެކަމަށް ޤަބޫލު ނުކުރޭވޭތީ އެވެ.

ބިޝާރާގެ ފިރުމުންތަކުން ޔަރަސް އަށް މާބޮޑު އިޙްސާސެއް ނުކުރެވޭކަހަލަ އެވެ. ޔަރަސްގެ ކިބައިން އިޖާބީ އެއްވެސް ހަރަކާތެއް ނުފެނެއެވެ. މިފަހަރު ބިޝާރާ ގެ އިނގިލިތަކުން ޔަރަސްގެ ކަންފަތް ކައިރީގައި ފިރުމަން ފެށިއެވެ. އެއަށްފަހު ޔަރަސް ލައިގެން ހުރި ޓީޝާޓްގެ ތެރެއަށް އަތްލައި އޭނާގެ ކޮނޑުގައި ފިރުމަން ފެށި އެވެ. އެ ހަށިގަނޑު ހޫނުކަމެއް ނުވަތަ ފިނިކަމެއް ދެނެގަންނާކަށް ބިޝާރާ އަކަށް ނޭނގުނެވެ.

ރަތް ލޭ ކުލައިގެ ތުންފަތުގައި ބިޝާރާގެ އިނގިލިތަކުން ފިރުމާލިއެވެ.

“ޔަރަސް؟”

“ކިހިނެތްވީ؟” ނޯށް ދަމާލަމުން ޔަރަސް ޖަވާބު ދިނީ ސުވާލަކުންނެވެ.

“އޭރު ވީ ކީއްކަމެއް އަދިވެސް އަހަންނަކަށް ނޭނގޭ. އަހަރެން ދެކެ އެހާބޮޑަށް ރުޅި އައިސްގެން ޔަރަސް އުޅުނީ ކީއްވެ ކަމެއްވެސް ނޭނގޭ. އެކަމަކުވެސް މައްސަލައެއް ނެތް.” ބިޝާރާގެ އަޑުގައި ވަނީ މަޑުމައިތި ކަމެވެ. މަންމައަކު ދަރިފުޅު ލޮއްސުމަށް ވާހަކަދައްކާއިރު އަޑުގައި އެ ހުންނަފަދަ އިޙްސާސެއް އެ އަޑުގައި ހުއްޓެވެ. ޔަރަސް ގެ ގިސްލުން މައިތިރިވަމުން ދިޔައީ އެ އިޙްސާސްގެ ސަބަބުންނެވެ. “އަހަންނަށް އެނގޭ ކޮންމެވެސް ސަބަބެއް އޮވެގެންކަން އޭރު ޔަރަސް އެ ކުރި ކަމެއް ކުރާނީ. ޔަރަސް ކޮންމެ ގޮތަކަށް ކަން ކުރިއަސް އަހަރެން ޔަރަސް އަށް ކެއަރ ކުރަން…… ކެއަރ ކުރާނަން.”

ބިޝާރާގެ މޫނަށް ޔަރަސް ބަލައިލިއެވެ. ޔަރަސްގެ މޫނުވަނީ ކަރުނައިން ތެމިފައެވެ. ދެލޯ ވަނީ ރަތްވެފަ އެވެ. ދުޅަވެސް ވެފަ އެވެ. ބިޝާރާގެ އަތުން ޔަރަސްގެ މޫނު ފޮހެލައި ދިނެވެ.

“ހިތެއްނެތް ދޮގުވެރިން ގެ ފަސާނާ އަޑުވެސް އެހިން، މާފު ނުދިނަސް ނެތް މި ޝިކުވާ ހިތު ތެރޭ.”

“ކޮން ދޮގުވެރި ފަސާނާއެއް؟” ޅެން ބައިތެއް ފަދަ ޢިބާރާތްކޮޅަކުން ޔަރަސް ބުނި ޖުމްލައިން ބިޝާރާއަށް ސިހުން ލިބުނެވެ.

“ތީނަ އަހަންނަށް ވިހަ ޒަހަރެއް ދޭން އުޅުނު ވާހަކަ. އެ ޒަހަރުގެ ސަބަބުން އަހަރެންގެ އަނިބިމީހާގެ ބަނޑުގައި ދަރިއެއް މުޑުވައްކުރުމުގެ ޤާބިލުކަން ކެނޑިގެންދާނެ ވާހަކަ. މިބުނީ އަހަންނަށް ތީނަ ލިބިއްޖެއްޔާ ތީނަގެ ބަނޑުގަ. އެކަމަކު މަށަށް ކަންތައް ކުރެވުނު ގޮތުން އެއީ ދެން އެކަމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ބެލެނީވެސް.” ނުސީދާ ކޮށް ނަމަވެސް ޔަރަސް އެ ފާޅުކުރީ އޭނާގެ ހިތުގެ ޝުޢޫރެވެ. އެކަން ބިޝާރާ އަށްވެސް ހަމަ ރަނގަޅަށް ފާހަގަ ކުރެވުނެވެ.

ނަމަވެސް ބިޝާރާ އެއްޗެކޭ ނުބުނެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންކަހަލައެވެ. ޔަރަސް އަނެއްކާވެސް ބިޝާރާގެ އުނގުމަތީގައި ބޯ އަޅައިލި އެވެ. ހަމަ އެވަގުތު އަނެއްކާވެސް ޔަރަސް އަށް ރޮވެން ފެށުނެވެ. ބިޝާރާ ރީތިކޮށް އެނދުގެ ކޮޅުގައި ލެނގިލިއެވެ. ބިޝާރާގެ މޫނަށް ޔަރަސް ބަލައިލިއެވެ. ވަރަށް ރީތިކޮށެވެ. ވަރަށް ލޯބިންނެވެ. ބިޝާރާވެސް ޔަރަސްގެ މޫނަށް ބަލަން ފެށި އެވެ. އެ މޫނުން މިހާރު ފެންނަނީ ބިރުގަތްފައިވާ ކަމުގެ އިޙްސާސެކެވެ. ކުށްވެރިއެއް ކަމަށް ޤަބޫލުކުރެވޭ ހިނދު މޫނުން ފެންނަ ފަދަ އިޙްސާސެކެވެ. ލޮލުން ފެންނަނީ ހިތާމައާއި މޮޅިވެރިކަމެވެ. އެގޮތަށް ޔަރަސް އޮތްތަން ފެނުމުން ބިޝާރާގެ ހިތުގައި ޖެހުނެވެ. މިހާރު ޔަރަސް ފެންނަނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. ވެމްޕަޔަރަކަސް ވެމްޕަޔަރެއްހެން ހީވާ ހަމަ އެއްވެސް ސިފައެއް ނުފެނެއެވެ. ފަހަރެއްގައި މިހާރު އެފެންނަނީ ވޭމްޕަޔާ ޔަރަސްގެ ހަށިގަނޑުގައިވާ އަސްލު އިންސާނާ ކަމަށްވެސް ވެދާނެއެވެ. ޔަރަސްގެ މަންމަ ފެންނައިރުވެސް ހީވަނީ ހަމަ އަސްލު އިންސާނެއް ހެންނެވެ. ނަމަވެސް ޔަރަސްގެ މަންމަވެސް ވޭމްޕަޔަރެއްގެ ގޮތުގައި އުޅެމުން އަންނަތާ އެއްހާސް އަހަރު ވެއްޖެއެވެ.

“ޔަރަސް، ޕްލީޒް ނުރޮއެ ބަލަ. އަހަރެން ޔަރަސް އަށް މަޢާފް ކޮށްފީމޭ. ޔަރަސް އަކަށް ނޭނގޭ ދޯ!”

“އަހަރެންގެ އަޅުން ދައްކާ ވާހަކަތައް އަހަރެން ޤަބޫލުކުރި ކުރުމަކީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް!”

ބިޝާރާ އެނދުން ތެދުވިއެވެ. ކަކޫ ލަންބައިލަމުން ދެފައިމައްޗަށް ވާގޮތަށް، ޔަރަސް ކައިރީގައި އިށީންނިއެވެ. ޔަރަސްގެ އަތްތިލައިގައި ހިފައި އޭނާގެ އަތުތެރެއަށް ލިއެވެ. އެއަށްފަހު ޔަރަސްގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. ޔަރަސް އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އުފަލުންގޮސް ބަޑިފަޅައިގެން ދާވަރު ވިއެވެ. ބިޝާރާ ކިހައި ރަނގަޅު ހެއްޔެވެ. އެވަރަށް އަނިޔާ ލިބުމުންވެސް ޔަރަސް އަށް މަޢާފް ކޮށްފިއެވެ. އެވަރުގެ ހިތްދަތިކަމާއި ވޭނުގައި މުޅި އުމުރު ހޭދަކުރަމުން އަންނަ ކުއްޖަކު ޔަރަސް ކަހަލަ އަނިޔާވެރިއަކަށް އެހާ ދީލަތި މަޢާފެއް އެ ދިނީ އެއްވެސް އަގަކާއި ނުލައެވެ.

ބިޝާރާއަށްވެސް ރޮވޭގޮތް ވެއްޖެއެވެ. ޔަރަސް ވަރަށް ބާރަށް ބިޝާރާގެ ގައިގައި ބައްދައިގަތެވެ. ދެމީހުން އޮޅުލާން ފެށިއެވެ. އެކަކު އަނެކަކުގެ ލޮލުން ފެންނަ މެކި ނަޒަރުން ދެމުންދިޔަ މެސެޖްތަކަށް އިޖާބަދޭން ފެށިއެވެ. ކުއްލިއަކަށް ޔަރަސް މައިިތިރިވިއެވެ. ކަމަކާ ވިސްނަން ފެށިއެވެ.

‘ކީއްވެގެން؟ ކީއްވެ އަހަންނަށް ބިޝާރާ ފަދަ ކުއްޖެއް ލިބުން ހައްޤުވަނީ؟ މިއީ މަށަށް ލިބުން ޙައްޤު އުފަލެއް ނޫން. މިއަދާއި ހަމައަށްވެސް އަހަރެން އިސްކުރީ އަނިޔާވެރިކަން. އަހަރެންގެ ސަބަބުން އެތައް ދިރިއުޅުމެއް ފަނާކޮށްފިން. އެތައް ބައެއްގެ ދިރިއުޅުން ނަރަކައަކަށް ހަދައިފިން. ބޮޑު ސިންގާ ސިޓީއެއް އާބާދުކުރެވޭހައި މީހުން މަރައިފިން. އެހެން އުޅެނިކޮށް މީނަޔާ ދިމާވުމުންވެސް އަހަރެން މަސައްކަތްފެށީ ބިރުގަންނުވަން. އަތުގައި ޖެހުމުން ދެމުން މިގެންދިޔައީ އަނިޔާ އާއި ވޭން.” ޔަރަސް ވިސްނުން މިސްރާބް ޖެހީ ބިޝާރާ އާއި އެއްމެ ފުރަތަމަ ދިމާވިތާ ދެތިން ދުވަސް ފަހުން ކަންތައް ކުރެވުނު ގޮތާއި ހަމައަށެވެ. ބިޝާރާގެ ލޭފޮދު ބޮއެ ހުސްކޮށްލުމަށް އެތައް ފަހަރަކު އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ކޮންމެވެސް ސަބަބަކާއި ހުރެ އެކަން ނުވެ ދިޔައީ އެވެ.

ނަމަވެސް މިއަދު ބިޝާރާ އެ އޮތީ ޔަރަސްގެ ކައިރީގައެވެ. ޔަރަސްގެ މުލައްދަނޑީގެ ހޫނުކަން އިޙްސާސް ކޮށްކޮށެވެ. ބިޝާރާގެ އޯގާތެރި ފިރުމުންތައް ލިބިލިބި އެވެ. އެކަމަކު އަދިވެސް ބިޝާރާ އޭނާ ދެކެ ޖެހިލުންވާކަން ޔަރަސް އަށް އެނގެއެވެ. އެކަން ބިޝާރާގެ ނޭވާއިން ޔަރަަސް އަށް އެނގެއެވެ. އެއީވެސް ވެމްޕަޔަރުންނަށް ލިބިފައިވާ ޚާއްޞަ ބާރެކެވެ. އެހެން ހުރިހައި ކަމަކަށްވުރެންވެސް ބޮޑަށް މިހާރު ޔަރަސް ބޭނުންވަނީ ބިޝާރާގެ ހިތުގައިވާ ބިރުވެރިކަން ފިލުވައިލަ ދިނުމަށެވެ. އެކަމަކު އެކަން ކުރުމަށް ވަގުތު ނަގާނެކަން އޭނާއަށް އެނގެއެވެ.

“ބިޝް، ތިވަރުގެ ޤުުބާނީއެއް އަހަންނަށްޓަކައި ވުމުގެ ބޭނުމެއް ނެތެއްނު!” ބިޝާރާގެ ބޯ އުފުލައިލި އެވެ. ފުރތަމަ ފަހަރަށް ބިޝާރާއަށް އެހައި ލޯބިން ގޮވައިލި ޔަރަސްގެ މޫނަށް ރަނގަޅަށް ބަލައިލުމަށެވެ. ޔަރަސް ވެސް ބިޝާރާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ބިޝާރާ އަށް ޔަރަސްގެ ލޮލުން ފެނުނީ ލޯތްބެވެ. ބިޝާރާ އަށްޓަކައި ޝުކުރުވެރިވާ މިންވަރެވެ.

“ޕްލީޒް، ތިވަރުގެ ޤުރުބާނީ އެއް ނުވޭ!!” ޔަރަސް މަސްތީ އަޑަކުން ބުންޏެވެ.

ޔަރަސް އާއި ދުރަށް ބިޝާރާ ޖެހިލިއެވެ. އޭނާގެ ފިހިފައި އޮތް އަތް ވިއްދާލިވަގުތު އަތަށް ތަދުވެގެން އާހެއް ބޭރުކޮށްލެވުނެވެ. ޔަރަސް އަށް އެ ޒަޚަމް ފުރަތަމަ ފަހަރަށް ފެނުނެވެ. އެތަން ހުރީ ފާރުގަނޑެއް ގޮތަށެވެ. ވަށައިގެން ހުރީ ދިޔައެއް ނުކުމެފައެވެ. ފޮޅުތަކެއްވެސް ކައިރީގައި ނަގާފައި ހުއްޓެވެ. އެ ފޮޅުތައް ފަޅައިގެން ގޮސްފިނަމަ އިތުރަށް އެތަނުގައި ޖަރާސީމު އަށަގަންނާނެކަން ޔަރަސް އަށް އެގެއެވެ. ޔަރަސްގެ އަނގައިގައި އުފެދޭ އާދަޔާ ޚިލާފް ފައިދާކުރުވަނިވި ދިޔައިން، ތާޒާކޮށް ހުންނަ ޒަޚަމްތައް ރަނގަޅުވިނަމަވެސް މިފަދަ ޒަޚަމެއް ރަނގަޅުކުރެވޭނެ ކަމެއް އޭނާ އަކަށް ނޭނގެއެވެ.

“އޯހް، ބިޝް. …. އައި އޭމް ސޯ ސޮރީ!” ބިޝާރާގެ އަތަށް ވެފައިވާވަރު ފެނުމުން ޔަރަސް އިނީ ވަރަށް ދެރަވެފައެވެ.

“ތިތަން އެއްކޮށް ރަނގަޅުވާނެ ބިޝް ވެމްޕަޔަރަކަށް ބަދަލުވީމަ!” ޔަރަސް އެ ބުނި އެއްޗަކުން ބިޝާރާ ހައިރާންވިއެވެ. ” މިބުނީ ބިޝާރާ ވޭމްޕަޔަރަކަށް ވާން ބޭނުމިއްޔާ އެކަމަކު. އަހަރެންގެ މުޅި އުމުރު އެއްކޮށް ބިޝް އާއިއެކު ހޭދަކޮށްލަން ފުރުޞަތު ލިބުމަކީ އަހަންނަށް ލިބޭނެ އެއްމެ ބޮޑު ނިޢުމަތް.”

“ތިބުނީ ޔަރަސްގެ އަތްބަކަށް އަހަރެން ހަދަން ބޭނުމޭތަ؟”

“އާނ.”

ލިބުނު އުފަލެއްގެ ބޮޑުކަމުން ބިޝާރާގެ އަނގައިން ބަސް ހުސްވިއެވެ. ލިބުނު އުފާވެރިކަމާއި އެއްވަރަށް ނުވަތަ ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވިއެވެ.

ބިޝާރާގެ މޫނު ޔަރަސްގެ ތަނަވަސް މޭ މަތީގައި ފޮރުވާލިއެވެ. އެވަގުތު ޔަރަސްގެ ތުންފަތް ގެންގޮސް ބިޝާރާގެ ތުންފަތުގައި ޖައްސައިލިއެވެ. ހީވީ ގަދަފަދަ ކަރަންޓްގެ އޮއިވަރެއް އުފެދުނުހެންނެވެ. ހީވީ އެކަކު އަނެކަކު ކައިލުމަށް ދެމީހުން މަސައްކަތް ފެށިހެންނެވެ. ލަދުގެ ފަރުދާ އެއްކޮށް ކެހިގެން ދިޔައެވެ. މެކިކަން އުތުރި އަރަންފެށީ އެހިސާބުންނެވެ. މެކިކަމުން ލިއްބައިދެމުން ދިޔަ ސިގްނަލަށް ދެމީހުން ތަބާވީ މަސްތީ ކޯރެއްގެ ތެރޭގައި އެކަނިމާއެކަނި ޣަރަޤުވެ ދިއުމަށް އެތައް ހާސް އަހަރެއްގެ އިންތިޒާރުގައި ތިއްބާ އެފުރުޞަތު ލިބުމުން އުޅެވޭހާވެސް އަވަސް ގޮތެއްގައެވެ.

ކުއްލިއަކަށް ގަދަ އަޑުފަށްގަނޑެއް ބަދިގޭގެ ހޯލުތެރެއިން އިވެންފެށިއެވެ. ހުރިހައި އަޅުންތައް ބިރުން ފުކަކަށްވެ ހިމޭންވިއެވެ. ބިޝާރާ އަށްވެސް ލިބުނީ ބުނަން ނެނގޭކަހަލަ ބިރުވެރިކަމެކެވެ.

ނުނިމޭ

އެއްހާސް އަހަރު – 27

އެއީ އެއްދުވަހެއްގެ ވަރަށް ހެނދުނުގެ ވަގުތެވެ. އޭރު އަދި އިރުގެ ދޯދިތައް އުދަރެހަށް ފާއްދާވެސް ނުލާނެއެވެ. ޔަރަސް ވީ އޭނާގެ ބޮޑު ކޮޓަރި ތެރޭގައި ހުންނަ ޚާއްޞަ ކޮޓަރި ތެރޭގައެވެ. ބިޝާރާ ހުރީ ޔަރަސްގެ އިންތިޒާރުގައެވެ. ޔަރަސް އެތެރެއަށްވަދެ ދޮރުފަތް ލައްޕާލި އަޑު ހަމަ އިވޭއިރަށް ޔަރަސްގެ ބޮޑު ކޮޓަރިއަށް ބީޝާރާ ވަނެވެ. އެއީ ޔަރަސް އަށް އެ ކޮޓަރީގައި ބިޝާރާ އުޅޭ އަޑު ނުއިވޭނެ ގޮތަށް ހަދާފައި ހުންނަ ބައެކެވެ. ކޮޓަރީގެ އެއް ބިތުގެ ކޮޅުންކޮޅަށް ވާގޮތަށް ހުރި އަލަމާރީގެ ދެމޭ ދޮރުފަތް ދަމާލިއެވެ. އެ އަލަމާރިތެރޭގައި ހުރީ އަގުބޮޑެތި ރީތި ހެދުންތަކެވެ. އެއީ ބިޝާރާއަށް ޔަރަސް ގަނެދީފައިވާ ހެދުމެވެ. މަޑު އަޅިކުލައަކަށްދާ ގައުން އެއް ނެގިއެވެ. ބަދިގެ އަދި ކާގެ ހުންނަ ހިސާބަށް ދާއިރު ނިދާހެދުމުގައި ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދިގު ކޮރިޑޯއިން ދުވަމުން ބިޝާރާ ދިޔައެވެ. އޭނާގެ ސިކުނޑިއަށް ފަނޑު ހަނދާންތަކެއް އަންނަން ފެށިއެވެ. ކޮރިޑޯއިން ތިރިއަށް ފައިބަން ހުންނަ ފުޅާ ސިޑީގެ ދިހަވަނަ ހަރުފަތާއި ހަމައިގައި އޭނާ ހުއްޓުނެވެ. ޔަރަސްގެ ޝިކާރައަކަށް ހެދުމަށް ބިޝާރާ އެތަނަށް ފުރަތަމަ ގެނައި ދުވަސް މަތިން ހަނދާންވެގެންނެވެ. އެދުވަހު ޔަރަސް ބުނީ އޭނާގެ ޝިކާރައިގެ ލޭ ބޮއެ ހުސްކޮށްލަން ބޭނުންވަނީ އެކަނިވެރި ތަނެއްގައި ހުއްޓާ ކަމަށެވެ. އެހެންކަމަށްވާނަމަ މިހާރު ޔަރަސް ލޭ ބޮއެ އުޅޭނީ އޭނާގެ ޚާއްޞަ ބިންގަރާހުގައޭ ބިޝާރާގެ ހިތަށް އެރިއެވެ. އެހެން ނޫނަސް އެ ބިންގަރާހަށް އޭނާ ކޮންމެ ދުވަހަކުވެސް ދާންޖެހޭނެއެވެ. އެތަނުގައި ގެންގުޅޭ އަޅުންނަށް އަދަބު ދިނުމަކީ ޔަރަސް ދެކޭގޮތުން ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

އެ ފިކުރުތަކުން ބިޝާރާގެ ވިސްނުން އެއްފަރާތް ކޮށްލިއެވެ. އެއީ ޔަރަސް ގެ އަނދިރި ފަރާތެވެ. ބިޝާރާ އެކަމާއިމެދު ވިސްނަން ބޭނުންނުވާ، ޔަރަސް ގެ އަނދިރި ފަރާތެވެ. ބިޝާރާ ދެކޭގޮތުން ކޮންމެ މީހެއްގެވެސް އެފަދަ އަނދިރި ފަރާތެއް އޮންނާނެއެވެ. ނަމަވެސް ބިޝާރާ އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ޔަރަސް އަށް ވިސްނައިދެވޭނެ ކަމުގައެވެ. އެކަމަކު ޔަރަސް ގެ މަންމަ، ޔާސްމީން ބުނިގޮތުން އެކަމަކީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމެކެވެ. އެކަމަށް ވަގުތު ތަކެއްވެސް ނަގާފާނެއެވެ. ކުޑަދުވަސްކޮޅެއްވެސް ނޫނެވެ. ޔާސްމީން އެހެން ބުންޏަސް ބިޝާރާއަށް އެނގޭ ކަމެއް އެބަ އޮތެވެ. ޔަރަސް އަށް އިންސާނެއްގެ ފަރާތުން ވަރުގަދަ ލޯތްބަކާއި އަޅައިލުން ދީފިނަމަ، ނުވާނެ ކަމެއް ނޯންނާނެއެވެ. އެފަދަ ލޯތްބެއް ބިޝާރާގެ ފަރާތުން ޔަރަސް އަށް ދިނުމަށް އޭނާ ކަމަރު ބަނދެލީ ހިތްވަރު ހުރެގެންނެވެ. އެ ހިތްވަރާއި ޢަޒުމުގައި ޔަރަސް ގެ ވަށައިގެން ލެވިފައިވާ ގޯސްކަމުގެ ބޮޑެތި ފާރުތައް ކުދިކުދި ކޮށްލެވޭނެއެވެ. ނަަމަވެސް އެކަން ކުރުމުގެ ކުރިން ބިޝާރާ، ޔަރަސް އާއި ކައިވެނި ކުރާނެއެވެ. ބިޝާރާ ކައިވެނި ކުރާނީ ނުބައި ނުލަފާ ވޭމްޕަޔަރަކާއެވެ. އޭނާ ގެންގުޅޭ އިންސާނީ އަޅުންނަށް އެއްވެސް ރަހުމެއް، ކުލުނެއް ނުބަހައްޓާ ހަފުތާއަކު އެކެއް ނުވަތަ ދެމީހުން މަރަމުން ގެންދާ ވޭމްޕަޔަރަކާ ކަން ބިޝާރާ އަށް އެނގި ހުރެއެވެ. ބިޝާރާ ވޭމްޕަޔަރަކަށް ބަދަލުވުމަށްފަހު، އިންސާނުންނަށް އެހައި ހަރުކަށިވެ އަނިޔާވެރި ނުވުމަށް މާކުރިންވެސް ވަނީ އަމިއްލަ ނަފުސަށް ވަޢުދުވެފައެވެ. އޭނާ އިންސާނުންގެ ގައިން ލޭ ބޯނީ އެކަމުން އިންސާނުންނަށް ލައްޒަތެއް ލިބޭނެ ކޮންމެވެސް ގޮތެއް އީޖާދު ކުރުމަށްފަހުގައި ކަމަށް އަބަދުވެސް ހިތާހިތާ ކިޔަމުން ދެއެވެ.

ޚިޔާލުތައް އެއްފަރާތް ކޮށްލަމުން ބަދިގެ ހުންނަ ދިމާއަށް އަވަސްވެގަތެވެ. ދިގު ކޮރިޑޯގެ ތެރެއިން ހިނގަމުންގޮސް ދެތިން މިނެޓެއް ތެރޭގައި ބަދިގޭގެ ދޮރާއި ހަމައަށް ދެވިއްޖެއެވެ. ބަދިގޭގެ ބޮޑު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ބިޝާރާ ހީކުރީ އެ ދޮރު ހުންނާނީ އެއްކޮށް ލައްޕާފައި ކަމަށެވެ. އަތަށް ލެވުނުހައި ބާރެއް ލާފައި އޮރިމަސް ވަކަރުން ހަދާފައިވާ ހަ އިންޗި ފުޅާ ދޮރުފަތް އެއްކޮށް ހުޅުވާލިއެވެ. އެއީ ބަދިގެ އެކޭ ބުންޏަސް އާދައިގެ މީހެއްގެ ހިތަށް ސިފަކޮށްލަން އުނދަގޫވާނެ ތަނެކެވެ. ޔަރަސް ދިރިއުޅޭ އިހު ޒަމާނުގެ ގަނޑުވަރެއްފަދަ ބޮޑު ކިއްލާގެ ރަސްމީ ބަދިގެ ތެރެއަށް ވަންނަތަނުން ދެން އޮންނަނީ ބޮޑު ހޯލްވޭ އެކެވެ.ދޮރު ލައްޕައިލަމުން އެ ބޮޑު ހޯލްވޭ ތެރެއިން ހިނގަން ފެށިއެވެ. ދޮރު ލައްޕާލި ވަގުތު ތަޅުލެވުނު އަޑު ކަހަލަ އަޑެއް އިވުނެވެ. އަނެއްކާ އެ ދޮރުގައި ތަޅުލެވުނީ ނޫންބާއޭ ބިޝާރާގެ ހިތަށް އެރިއެވެ. ނަމަވެސް އެއީކީ އޭނާ ކަންބޮޑުވާން ޖެހޭކަމެއް ނޫނޭވެސް ހިތަށް އެރިއެވެ. އޭނާ ހުރި ކޮންމެ ތަނަކަށް ޔަރަސް އަށް އަންނަން އެނގޭނެކަން ބިޝާރާއަށް އެނގެއެވެ.

ބަދިގޭގެ ހޯލްވޭ އޮތީ ހުސްކޮށެވެ. ނަމަވެސް ސާފުކޮށެވެ. އެއްމެ ފަހުން ބިޝާރާ އެތަނަށް ވަތް ދުވަހާއި މުޅިން ތަފާތުކޮށެވެ. އޭރު އޮތީ ހިރަފުސް ގުޅައެއް ހެންނެވެ. އެތަން ސާފުކޮށްފައި އެވަނީ ވަރަށް ފަހުންކަމަށް ބެލެވެއެވެ.

އަގުބޮޑު ސަންގުމަރުމަރު ހިލައިން ހަދާފައިވާ މާބުލް ތަޅުންމަތީގައި ބިޝާރާ ހިނގަމުން ދިޔައެވެ. އިހުގެ މިސްކިތްތަކުގައި ހަދާފައި ހުންނަކަހަލަ މަތިވަޑާންގަނޑު ފެންނަން ހުންނަ ފަންގިފިލައަށް ބަލައިލިއެވެ. އެ މާސިންގަ ހޯލުގައި ހުންނައިރު ބިޝާރާއަށް އިޙްސާސް ކުރެވެނީ އޭނާގެ ސައިޒަކީ ކުޑަކުޑަ ހިންޏެއްގެ ސައިޒް ކަމުގައެވެ. އިސްލާމީ މަރުކަޒުގެ މިސްކިތުގައި ހުންނަ ގޮތަށް ފަންގިފިލާގައި ބޮޑެތި ބިއްލޫރި ބައްްތިތައް އެލުވާފައި ހުއްޓެވެ. ކޮންމެ ބިއްލޫރު ބައްތިއެއްގައި އެތަކެއް ސަތޭކަ އަލިމަސްތަކެއް އެލުފާފައި ހުއްޓެވެ. ހެނދުނުގެ އިރުގެ އަލިކަމާއެކު ޖަވާހިރުތަކެއް ފަދައިން އެ އަލިމަސްތައް ވިދާ ބަބުޅަމުން ދެއެވެ. އެއީ ބަލައިލަން ވަރަށް ހިންގައިމު މަންޒަރެކޭ ބިޝާރާގެ ހިތަށް އެރިއެވެ. އަދި އެ މަންޒަރު ބަލައިލުމުގެ ނަސީބު ޔަރަސް އަށް ލިބިފައި ނުވުމުން ދެރަވިއެވެ. ޔަރަސް އަށް އެ މަންޒަރު ކޮންމެވެސް ގޮތަކުން ދެއްކުމަށް ބިޝާރާ ނިންމިއެވެ.

ކޮރިޑޯ ތެރެއިން މައި ބަދިގެއަށް ވަންނަން ހުރި އެކަތައިގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ކުރަކި އަޑަކުން މުޅި ތަން ގުގުމައިގެން ދިޔަކަހަލައެވެ. ދޮރު ހުޅުވާލުމާއިއެކު އޭނާ ދަންނަ އަޑުތަކެއް ކަންފަތުގައި ޖެހެން ފެށިއެވެ. އެއީ މީގެ ކުރިން ބިޝާރާއާއި ބައްދަލުވެފައިވާ އަޅުންތަކެކެވެ. ޔަރަސް ގެންގުޅޭ ގައިދީން ތަކެކެކެވެ. ކޮންމެ ދުވަހަކުވެސް އެމީހުން ކުރަން ޖެހޭ އެތައް ހާސް މަސައްކަތް ހުރެއެވެ. އަޅު ނޯކަރުންގެ ތެރެއިން އެއްމެ ފުރަތަމަވެސް ބިޝާރާގެ ލޮލުގައި އަޅައިގަތީ މާކިން އެވެ. މާކިން އަކީ ކުރިން ދުވަހެއެްގައި ޔަރަސް ގެ ސިނގު ރުޅީގެ ޝިކާރައަކަށް ވި އުމުރުފުރާގެ ކުއްޖެކެވެ. އެ ދުވަހު އެއްވެސް ރަހުމެއް ނެތި މާކިން ގެ ދުލުން ބައެއް ބުރިކޮށްލިއެވެ. ނަމަވެސް މިއަދު މާކިން އަށް ބަލައިލުމުން އެފަދަ އެއްވެސް ކަމަކާ ކުރިމަތިލާން ޖެހުނުކަމުގެ އެއްވެސް ނިޝާނެއްވެސް ފާހަގައެއް ނުކުރެވެއެވެ.

އަޅު ނޯކަރުން ހީކޮށްގެންތިބީ އެތަނަށް އައިސް ވަނީ ޔަރަސް ނުވަތަ ކޮންމެވެސް އެހެން ވެމްޕަޔަރެއްކަމަށެވެ. ބިޝާރާ ވަނުމުން އެމީހުން ކުއްލިއަކަށް މައިތިރިވި މައިތިރިވުމުން އެކަން އެނގެއެވެ. ނަމަވެސް އެތަނަށް ވަނީ ބިޝާރާ ކަން ހަމަ އެނގުމާއިއެކު ހުރިހައި އަޅުންތައް އުފަލުން ހަޅޭއްލަވައިގަތެވެ.

އެއްމެ ކުރިން ބިޝާރާ ގެ ކައިރިއަށް އަައިސް ހުއްޓުނީ މާކިން އެވެ. ދުލުން ބައެއް މަދުވެފައި ހުއްޓަސް ވަރަށް މަސައްކަތުން އޭނާ ބިޝާރާގެ ނަމުން ގޮވާލިއެވެ. އުފަލުންގޮސް ބިޝާރާގެ ގައިގައި އޮޅުލައިގަތެވެ. މާކިން ތެޅިގަތްގޮތުން ބިޝާރާ ނުވެއްޓުނީވެސް ހަމަ ކިރިޔާ އެވެ. މާކިން ހުރީ ހިކި އަނަރޫފަ ވެފައެވެ. ކާޑުބަލި ޖެހިފައިހުރި މީހަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ފަހަރުގައި އެއީ އޭނާގެ ދުލުން ބައެއް ނެތުމުން ރަނގަޅަށް ނުކެވޭތީ ކަމަށްވެސް ވެދާނޭ ބިޝާރާގެ ހިތަށްއެރި އެވެ. ބިޝާރާގެ ގައިން މާކިން ދޫކޮށްލީ ދެން ތިބި އަޅު ނޯކަރުން ބިޝާރާ ކައިރިއަށް އައިސް ޖަމާވުމުންނެވެ. އެ ހުރިހައި އަޅުންވެސް ތިބީ އުފަލުން ފޮޅިފައެވެ. އެމީހުން ބިޝާރާގެ ގައިގައި އޮޅުލަމުންދިޔައީ ކޮންމެވެސް މިންވަރެއްގެ އުއްމީދުގެ ހުޅުކޮޅެއް ފެންނާތީކަމަށް ބެލެވެއެވެ.

ކުއްލިއަކަށް ގަދަ އަޑުފަށްގަނޑެއް ބަދިގޭގެ ހޯލުތެރެއިން އިވެންފެށިއެވެ. ހުރިހައި އަޅުންތައް ބިރުން ފުކަކަށްވެ ހިމޭންވި އެވެ. ބިޝާރާ އަށްވެސް ލިބުނީ ބުނަން ނެނގޭކަހަލަ ބިރުވެރިކަމެކެވެ.

ނުނިމޭ

އެއްހާސް އަހަރު – 28

އެއްމެންވެސް ހީކުރީ އެތަނަށް ޔަރަސް ނުވަތަ އެހެން ވޭމްޕަޔަރެއް އަންނަނީ ކަމަށެވެ. އެކަމަކު އެއީ ގުދަނަށް ހަނޑޫ ބަސްތާއެއް ބަލައިދިޔަ އަޅު ނޯކަރު، ކުޑަ ގާޑިޔަލެއްގައި ހަނޑޫ ބަސްތާ ހިފައިގެން އަންނަނިކޮށް ގާޑިޔާ ފުރޮޅާލި އަޑުކަން އެނގުމުން އެންމެންނަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

***********

“އަހަރެން މިއައީ އެއްޗެއް ތައްޔާރުކޮށްލައިގެން-.” ބިޝާރާ އުއްމީދުކޮށްގެން ހުރީ ޔަރަސް ގެ ރުޅިގަނޑު މައިތިރިވެދާނެ ކަމަށެވެ. ބިޝާރާ ބަދިގެއަށް ދިޔަކަން އެނގިގެން ޔަރަސް ރުޅި އައިސްފައި ހުންނަތާ ދެދުވަހެއް ވެއްޖެއެވެ. އެހެން އެކަން އޮއްވައި އަނެއްކާވެސް ބިޝާރާ ބަދިގެއަށް ގޮސް އަމިއްލައަށް ކާއެއްޗެއް ހަދައިގެން އައިސް މިހާރު އެހުރީ ޔަރަސް ގެ ކުރިމަތީގައެވެ. އެގޮތަށް މުޅި ކިއްލާ ތެރޭގައި އެކިތަންތަނަށް ހޫރުމަކީ ޔަރަސް ގަބޫލު ކަމެއް ނޫންކަން ބިޝާރާ އަށް ހަމަ ރަނގަޅަށް އެނގެއެވެ. ޔަރަސް އެއްޗެކޭ ނުބުނެ އެ ހުންނަ ހުރުމުންވެސް އެކަން އެނގެއެވެ.

“ބިޝް، ތިހެން މުޅި ކިއްލާތެރޭގަ އެނބުރުމުގެ ހުއްދައެއް މަށެއް އަދި ނުދެމެއްނު!”

“އެކަމަކު އަހަ-” ބިޝާރާ ތެދުވިއެވެ. ޔަރަސް އޭނާއާއި ދިމާއަށް ބަލަމުން ދިޔައެވެ. ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމުގެ އަސަރުތައް ޔަރަސް ގެ މޫނުން ހަމަ ރަނގަޅަށް ފެންނަން ހުއްޓެވެ. “އަހަރެން ބޭނުންވީ ޔަރަސް އަށް އެއްޗެއް ހަދައިދޭށޭ. އަހަ-.”

ޔަރަސް ކައިރިއަށް އައިސްފައިވާ ރުޅި މައިތިރިވަމުން ދިޔަކަހަލައެވެ. އޭނާގެ ބޯ ދެފަރާތަކަށް ހޫރާލިއެވެ. “ބިޝް، ތީނަ އަސްލު ސޭފެއް ނޫނޭ. އަހަރުމެން މެރީ ކޮށްގެން ދަރިއަކު ނުލިބެންދެން ތިހެން ނިކުމެ އުޅެގެން ކަމަކު ނުދާނޭ. ނިކުތަސް ނުކުންނަންވެސް ޖެހޭނީ މަށާ އެކު. ވިސްނިއްޖެ ދޯ މިބުނާ އެއްޗެއް؟”

“ހޫމް، މަށަށް އެނގެޔޭ.” ބިޝާރާ އިސްދަށަށް ޖަހައިލިއެވެ. އޭނާ ހުރީ ކުޑަކޮށް ހިތުޖެހޭގޮތް ވެފައެވެ. ކަންކަމާމެދު ޔަރަސް އެބުނާ ގޮތަށް އޭނާއަށް ވިސްނިފައެއް ނުވެއެވެ. ޢަދީލް ގެންގުޅޭ ޖާސޫސުން އުޅޭނެކަމީ ޔަޤީންކަމެކެވެ. އެ ކިއްލާ ތެރޭގައި ފިލައިގެންވެސް ޔަރަސް އާއި އިިދިކޮޅު ބައެއް އުޅެފާނެއެވެ.

“އައި އޭމް ސޮރީ. އަހަރެން ދެނަހުރިން ޢަދީލް ގެ ވާހަކަތައް. އެކަމަކު އަހަރެން ހިތަށްވެސް ނާރާ ޔަރަސް ތި ބުނާހެން އަހަރުމެން ނުރައްކަލެއްގެ ތެރޭގައި ތިބިއެކޭ.”

“ޢަދީލްގެ ފަރާތުން ނޫނަސް، އެހެން ބައެއްވެސް އުޅެފާނެ ކަމަށްވެސް ބަލަންޖެހޭނެ.”

“ޔަރަސް، ޢަދީލް އަށް ކުރީ ކީއްކަން ބުނެދީފާނަންތަ؟”

“ކުރިކަމެއް ނުބުންޏަސް އަހަންނަށް އެނގޭކަމަކީ ދެނެއް އެ ޢަދީލްގެ ފަރާތުން ބިޝް އަށް ގޯނާއެއް ނުކުރެވޭނެކަން.”

“އޭނަ ދިރި އެބަހުރިތަ؟”

“އާނ.”

“ބިންގަރާހުގަ ދޯ؟”

“އާނ.”

ޔަރަސް ތަންކޮޅެއް ތަފްޞީލްކޮށް ކިޔައިދޭތޯ ބިޝާރާ މަސައްކަތްކުރިއެވެ. ބިޝާރާވެސް ބޭނުންވަނީ އެ ނުލަފާ ދޮގުވެރި މީހާއަށް ޔަރަސް ކޮށްލި ވަރެއް ބަލައިލުމަށެވެ. އެހެން ނަމަވެސް ޔަރަސް މުޅިންވެސް ދިނީ ‘އާނ’ ނުވަތަ ‘ނޫން’ ޖަވާބެވެ. ބިންގަރާސް ތެރޭގައި މިހާރު ޢާދިލް އިންނާނެ ޙާލު ހިތަށް ގެނައުމަށް ބިޝާރާ މަސައްކަތް ކުރިއެވެ. އެއްމެފަހުން ބިޝާރާ ސުވާލުކުރުން ހުއްޓާލީ އެއްވެސް ތަފްޞީލެއް ނުލިބޭނެކަން އެނގޭތީ އެވެ. ބިޝާރާގެ ސުވާލުތައް ނިންމައިލުމުން ޔަރަސް އަށް ހިތްހަމެޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ.

“ބިޝް ތައްޔާރުކުރި އެއްޗެއް ނިކަން ދައްކާލަބަލަ.” ބިޝާރާގެ އަތުގައި ވަރަށް ލޯބިން ހިފައިލަމުން ކޮރިޑޯ ތެރެއަށް ވަދެގެންދިޔައެވެ. ބިޝާރާގެ އެއް އަތް ޔަރަސްގެ އަތުތެރޭގައި އޮތްއިރު އަނެެއް އަތުގައި އޭނާ ޔަރަސް އަށް ތައްޔާރުކޮށްދިން ‘ޑިޝް’ ހުއްޓެވެ.

ކޮރިޑޯތެރެއިން ލާފައި އެމީހުން ދިޔައީ ޔަރަސް ގެ ކޮޓަރި ހުންނަ ސަރަޙައްދަށެވެ. އެއީ ވަކިން އެޕާރޓްމެންޓެއް ގޮތަށް ހުންނަ ތަނެއްކަމަށްވެސް ސިފަކުރެވިދާނެއެވެ. އެތަނުން އެމީހުންވަނީ ޔަރަސް ގެ ޚާއްޞަ ޑައިނިންގ ރޫމަށެވެ. އެއީ މީގެ ކުރިން ބިޝާރާ އަށް ފެނިފައިވާ ތަނެއް ނޫނެވެ. އެފަދަ ތަނެއް ހުރެދާނެކަމަށް ބިޝާރާ ހިއެއްވެސް ނުކުރެއެވެ.

އެއީ ބިޔަ ތަނެކެވެ. ޤަދީމީ ތަނެއްގެ ސިފަޖަހާ ތަނެކެވެ. ތަޅުންގަނޑާއި މޭޒުތައް ހަދާފައިހުރީ ބޮޑެތި ގަސްގަހުގެ ލަކުޑި ފަތިކޮށް ކީހައިގެންނެވެ. ފަތިތައް ހަރުކޮށްފައިވަނީ ކޮންމެވެސް ކަހަލަ ކަޅު ލަކުޑިއަކުން ހަދާފައިވާ އިލި ޖަހައިގެންނެވެ. އެތަނުގެ ފަންގިފިލާ ފެންނަވަރަށްވުރެންވެސް އުހެވެ. މޭޒުމަތީގައި ދަނގަނޑުން ހަދާފައިވާ ބޮޑެތި ބައްތިތަކެއް ހުއްޓެވެ. އެ ބައްތިތައް ދިއްލުމަށްވެސް ޔަރަސް ބޭނުންކުރީ އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ލަކުޑި ދަނޑިކޮޅެއް ބޭނުންކޮށްގެންނެވެ. ބައްތިތައް ދިއްލައިލުމުން މުޅިތަނަށް ދިރުން ލިބިގެންދިޔައެވެ. މޭޒުގެ ދެފަރާތުގައި ބަހައްޓާފައިހުރި ޝާހީ ގޮނޑިތަކުގައި ޖަހައިފައިވާ މަޚްމަލުގެ ބާލީސްތައް ވިދައިގަތްއިރު ހީވީ އެހެންފަދަ ކަމެއްހެންނެވެ.

“ޔަރަސް، ތި ހުރިހައި ތައްޔާރީތަކެއް ވެ ނިމޭއިރު އަހަރެން ތައްޔާރުކުރި ޑިޝް ހުންނާނީ މުޅިން ހިހޫވެފައެއްނު.” ޔަރަސް ވަރަށް ސީރިއަސްކަމާއެކު މޭޒުމަތި ތައްޔާރުކުރަން އުޅުނުގޮތް ބަލަން ހުރެފައި ޖެއްސުމުގެ ރާގަކަށް ހީލަމުން ބިޝާރާ ބުންޏެވެ. ނަމަވެސް ޔަރަސްގެ ފަރާތުން މާބޮޑު އިޖާބައެއް ނުލިބެއެވެ. ހަމަ އެކަނި އިސްއުފުލައި ބަލައިލުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ. އެއްޗެކޭވެސް ނުބުންޏެވެ.

ބިޝާރާ ތައްޔާރުކޮށްފައިވާ ޑިޝް ހުރީ މޭޒުގެ އެއްކޮޅުގައެވެ. މަތިޖަހައިފައި ހުރުމުން އެއީ ކޮންއެއްޗެއްކަން ނޭނގުނަސް، ރަންވަށް ލޮއިން ހަދާފައިވާ ތަށްޓާއި އޭގެ މަތިގަނޑަށްވެސް ހުރީ ވިދުވަރެއް އަރާފައެވެ.

ޔަރަސް އިށީންނަމުން ބިޝާރާއަށް އިޝާރާތްކުރިއެވެ. ޔަރަސް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނުމަށެވެ. “މިހާރު ބިޝް ކައިފިންތަ ؟”

“ނޫން.”

“ރަނގަޅު. ނަސީބެއް ބިޝާރާ އެ އަޅުންނާއި އެކުގައި ނުކޭ ކަން. އެއީ އަހަރެން އެއްގޮތަކަށްވެސް އެދޭކަމެއްނޫން. އެފަދަކަމެއް ކޮށްފިއްޔާ އަހަރެން ބިޝާރާ މަރާލާނަން.” ސަމާސާ ރާގެއްގައި މިހެން ބުންޏަސް ޔަރަސްގެ އަޑުހުރިގޮތުން އޭނާ ސީރިއަސްކަން ބިޝާރާއަށް އެނގެއެވެ.

“ބިޝާރާ އަށް ޚާއްޞަކޮށްގެން އަހަރެން ޑިޝްއެއް ތައްޔާރުކުރުވާނަން. އެކަމަކު އަދި ޖެހޭނީ ކުޑަކޮށް ކެތްކޮށްލަން. އެނގޭތަ އެއީ ކީއްވެގެންކަން؟… އެއީ އަހަރެންގެ ބެލުމުގެ ދަށުން ނޫނީ އެ އަޅުންނަކަށް އެ ޑިޝް ތައްޔާރެއް ނުކުރެވޭނެ. އެ އަޅުން ލައްވައި ކައްކުވާ ކޮންމެ އެއްޗެއް އަހަރެން މިދަނީ ޗެކްކޮށް ބަލަމުން …..މި ހުރިހައި ކަމެއް ވެގެންދާއިރު އެމީހުންނަށް އިތުބާރުކުރަން ހެޔޮނުވާނެ. އެހެން ނޫނަސް އަހަރުމެން ބަލިވެދާނެފަދަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން.” މިހެން ބުނަމުން ޔަރަސް އަށް ޚާއްޞަ ޑިޝްގެ މަތި ނެގިއެވެ. އެވަގުތު ޔަރަސްގެ މޫނަށް އުޖާލާކަމެއް ލިބިގެން ދިޔައެވެ. “އޯހް ބިޝް، މިކަހަލަ މާތަކެއްތަ؟ ކިހިނެތް ބިޝް އަށް އެނގުނީ؟”

“ހަނދާންވޭތަ ގަމު ރުއްގަނޑު ތެރެއިން އަހަރެން ޔަރަސް އަށް ދިން  މަލުގެ މަތިން؟ ޔަރަސް އެ މާ ޗިސްޗިސް ކޮށްލިޔަސް ފަހުން އެ މާ ކާލީމެއްނު؟ އެހެން ނޫނަސް ޓެރަސްމަތީގައި އޮންނަ މާ ގަސްތަކުން މާ ކަނިކޮށްވެސް އަހަރެން ދުށީމޭ!!”

“އަނެއްކާ ބިޝާރާ މަށަށް ފާރަލަނީތަ؟”

“ނޫނޭ. ފާރަލަނީކީ ނޫން. ޔަރަސްގެ ބޯކޮޅު ބަލަނީއޭ ބުނީމަ މާ ރަނގަޅުވާނެ. ތީނަ އުޅޭގޮތް ބަލަނީ. އަޅައިގަނެގެން ފަހަތުން ނައްޓަން ނޭނގިގެން ދެވެނީއޭ ދާހާ ތާކަށް.” ހިނިގަނޑަކާއިއެކު ބިޝާރާ ބުންޏެވެ.

“ތިބުނީ އެއްޗެކޭދޯ! އެކަމަކު ބުނަން. އިންސާނުން ނަށް އަހަރުމެންގެ ބައެއް ކަންތައްތައް އަދިވެސް ރަނގަޅަށް ހޯދިފައެއް ނެތް. އަސްލުގަ އަހަރުމެން އިންސާނުން ފެނިގެން ފަހަތުން އަޅުވާފަ ނައްޓާލަން ނޭނގިގެން އުޅެނީކަމަށް އިންސާނުންނަށް ހީވަނީ.” ބިޝާރާ އަށް ބަލައިލަމުން ޔަރަސް ހިނިތުންވިއެވެ. “އެއީކީ ކޮންމެހެން އަހަރުމެން ވޭމްޕަޔަރުން ކުރަންޖެހޭވެސް ކަމެއް ނޫން. އަހަރުމެން އިންސާނުން ޝިކާރަކުރަނީ ބޯކޮޅު ބަލަމުން، ލަވަމުން ލަވަމުން ގޮސް ދޫންޏެއް މަޅިއެއްގައި ޖައްސާގޮތަށް، ޖައްސައިގެނެއް ނޫން. އަހަރުމެންގެ ޝިކާރައަކަށް އިންސާނެއް ހަދާލަންވެއްޖެއްޔާ ހަމަ ވަގުތުން ވަގުތަށް ގޮސް އަތުލައިގަނެގެން ލޭފޮދު ބޮއެލަނީ. އެއީ އަހަރުމެންނަށް ވަރަށް ފަސޭހަ ކަމެއް. ވޭމްޕަޔަރަކަށްވުރެން އިންސިއަކަށް ގަދަފަދައެއް ނުވެވޭނެ. އަހަރުމެންގެ ކަޅި އެ މީހަކާއި ދިމާއަށް ހުއްޓިއްޖެއްޔާ އެދެން ނިމުނީ.”

ނުނިމޭ

އެއްހާސް އަހަރު – 29

ބިޝާރާ ތައްޔާރުކުރި ހެނދުނުގެ ކޮއްތަށް ޔަރަސް އިންސާފުކުރަން ފެށިއެވެ. ބިޝާރާ އިނީ ޔަރަސް ކާތަން ބަލާށެވެ. އެއްމެ ފުރަތަމަ ޔަރަސް ކާން ފެށީ ހުދުކުލައިގެ މަލުންނެވެ. ދެން ކެއީ ރީނދޫ  ކުލައިގެ މަލެކެވެ. ފަހަރަކު މަލެއް އަނގަޔަށް ލަމުން ހަފަމުން ދިޔައެވެ.

“ބިޝް ވެސް އަދި ސައި ނުބޮންދޯ؟” ބިޝާރާ ސައި ނުބޮއެ އިން ހަނދާން ވެގެން ޔަރަސް ކެއުން ހުއްޓާލިއެވެ. ބިޝާރާ ސައި ނުބޮއެ އިންދާ އޭނާގެ ކުރިމަތީގައި އިނދެ ކާން ޖެހުމުން ޔަރަސް ދެރަވިއެވެ.

“މިއަދު އަހަރެންގެ އަތުން ބިޝް އަށް ސައި ހަދައިދޭނަން އިނގޭ، މި ކައި ނިމިގެން.”

ބިޝާރާ އެއްޗެކޭ ނުބުނެއެވެ. ހިނިތުންވުމަކާއެކު ޔަރަސް އަށް ބަލަން އިނީއެވެ.

“އަހަރެން ކުރިން ހީކުރަނީ ވޭމްޕަޔަރުން ނަކީ ލޭބުއިން ފިޔަވައި އެއްވެސް އެއްޗެއް ކައިބޮއެ އުޅޭ ބައެއް ނޫންކަމަށް.” އެއްމެ ފަހުން ބިޝާރާ ބުންޏެވެ.

‘އިންސާނުން ލައްކަ ގިނަ ގޮތްގޮތަށް ވޭމްޕަޔަރުންނާއިމެދު ދެކޭ. އެމީހުންނަށް ހީވާ ގޮތްގޮތަށް ފޮތްފޮތާއި ވާހަކަތައްވެސް ލިޔެފަ ހުރޭ. އެކަމަކު އެހެން ހުންނަ ލިޔުންތަކުގައި ގިނައީ ހަމަ ޔޯލަ ވާހަކަ.” މަލެއްގެ ފިޔަތައް ރޫޅާލައި އަނގަޔަށް ލަމުން ޔަރަސް ބުންޏެވެ. ބިޝާރާ އިނީ އަޑުއަހާށެވެ. މިގޮތަށް ހަމަޖެހިލައިގެން ޔަރަސް އާއި ވާހަކަދައްކަން އިންނަން ލިބޭނީ ވަރަށް މަދު ފުރުޞަތެއްކަން އޭނާއަށް އެނގެއެވެ.

“އިންސާނުންނާއި ވޭމްޕަޔަރުންނަށްވެސް ބައެއް ކަހަލަ ވިހަ އަކީ އެއަށް ހަށިގަނޑު ދަމަނަ (އިމިއުން) އެއްޗެއްސެއް ނޫން. ތަފާތަކީ ވިހަގަދަ ޒަހަރެއް ކެވިއްޖެއްޔާ އިންސާނުން މަރުވިޔަސް ވޭމްޕަޔަރުން މަރު ނުވާކަން. ވޭމްޕަޔަރުންނަށް އޭގެ ސަބަބުން ކުރިމަތިވާނީ ވަރަށް ބޮޑު ބަލިމަޑުކަމެއް.”

“އެކަމަކު، އަހަންނަށް އެނގިފަ މި އޮންނަނީ އިންސާނުންނަށް ބަލިޖައްސާފަދަ އެއްޗެއްސަށް ވޭމްޕަޔަރުންނަށް ފައިޓް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާކަމަށް.”

ޔަރަސް ކަމުން ގެންދިޔަ މާތައް ހުރި ތަށި އެއްފަރާތަކަށް ޖައްސައިލަމުން ބިޝާރާގެ މޫނަށް ބަލައިލިއެވެ. “ލެޔާއި ގުޅުންހުންނަ ކަންކަމުގައި ތި ހީކުރާހެނެއް ނުވާނެ.” ޔަރަސް ބަލަމުން ގެންދިޔައީ ބިޝާރާގެ ދެލޮލަށެވެ. ކާކޮޓަރީގައި ދިއްލާފައިވާ ބޮޑެތި ބިއްލޫރި ބައްތިތަކުގެ އަލިކަން އެޅިގެން ޔަރަސްގެ ލޮލުން ވިދުވަރެއް ހުއްޓެވެ. ނަމަވެސް ބިޝާރާގެ ލޮލުން އެފަދަ އަލިކަމެއް ފެންނާކަށް ނެތެވެ.

“މިސާލަަކަށް އިންސާނެއްގެ ހަށިގަނޑުގައި ވިހައެއްގެ އަސަރު ހުއްޓާ ވޭމްޕަޔަރަކަށް އެފަދަ ލެއެއް ބޮވިއްޖެ ނަމަ އެ ވޭމްޕަޔަރަކަށް ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭނެ. ބިޝާރާ އަށްވެސް އެނގިފަ އޮންނާނެހެން އަހަރެން ލޭ ބޯ އިންސާނެއް ވެއްޖެއްޔާ މަރުވާވަރު ކުރަން. ނޫނީ އެމީހެއް ހުންނާނީ ބިންގަރާހުގަ ގައިދުކުރެވިފަ. އެގޮތަށް ގައިދުގަ ހުރުން އެއީ އެމީހުންނަށް، މަރަށް ވުރެވެސް ހިތި ކަމެއް. އެެހެންވީމަ އެފަދަ މީހުން ކިތަންމެ ހަނި ފުރުޞަތެެއް ހޯދައިގެން ނަމަވެސް ބޭނުންވާނެ ދޯ އަހަންނަށް ޒަހަރެއްގެ އަސަރު ކުރާނެ ގޮތެއް ހެދުމަށް. އެހެންވެގެން އަހަރެން މިތަނަށް އައިސް އުޅޭ އެހެން ވޭމްޕަޔަރުންނަށްވެސް މެދު ނުކެނޑި ހަދާން ކޮށްދެމުން ގެންދަނީ ބިންގަރާހުގައި ތިބެގެން ނޫނީ ލޭ ނުބުއިމަށް.”

“އެކަމަކު އާދައިގެ ކާނާ ނުކަނީ ކީއްވެގެންތަ ޔަރަސް މެން؟”

“އާދައިގެ ކާނާ ކެއީމަ ވާގޮތަކީ އެ ކެޔަސް އޭގެއިން ލިބޭނެ އެއްވެސް ފައިދާއެއް ނޯވޭ. އެހެންވެގެން ކޮންމެހެން އެފަދަ ކާނާ އަހަރުންނަށް ބޭނުން ނުވަނީ. ވޭމްޕަޔަރުންގެ ހަށިގަނޑަށް ބޭނުންވާނެ އެއްވެސް ނިއުޓްރީޝަނަލް ވެލިއު އެއް ހުންނަ އެއްޗެއް ނޫން އާދައިގެ ކާނާ އަކީ.”

ޔަރަސް ތެދުވިއެވެ. ބިޝާރާ އަށް ލޮލުގެ އިޝާރާތުން ތެދުވުމަށް ބުންޏެވެ.

“އަދި މަގޭ މި ކުއާޓާ ނުވެސް ދެކެން ދޯ ރަނގަޅަކަށް. ބިޝް ބޭނުމިއްޔާ ހަމަ ހުރިހައި ތަނެއްވެސް ބަލަންވީ މިތާ އެތެރެއިން. އަހަރެން ބިޝް އަށް ބްރެކްފާސްޓެއް ތައްޔާރުކޮށްލާނަން. ދެން މިއަދުވެސް އުޑުމަތި ބަނަ ދުވަހަކަށް ވެއްޖެއްޔާ އަހަރުންނަށް ދެވިދާނެ ބޭރަށް ގޮސް ހިނގާލަން.”

ޔަރަސް އެތަނުން ނިކުމެގެން ދިޔަތަން ބަލަން ބިޝާރާ އަށް ހުރެވުނެވެ. ބިޝާރާ ގެ ޚިޔާލުތައް ވިސްނުމުގެ ކަނޑަކަށް ޣަރަގުވަމުން ދިޔައެވެ. އޭނާ ވިސްނަމުން ދިޔައީ ވޭމްޕަޔަރަކަށް ބަދަލުވުމުން ވާނެ ގޮތަކާއި މެދުގައެވެ.

‘އޭރުން އަހަންނަށް އެކަނިވެރިކަމާއި މާޔޫސްކަން އިޙްސާސް ކުރެވޭނެބާ؟ އެހެން ވޭމްޕަޔަރުން އެ އުޅޭހެން އުފަލާއި މަޖަލުގައި އަހަންނަށްވެސް އުޅެވޭނެބާ؟ އެހެން ވޭމްޕަޔަރުން އަހަރެން ‘އެކްސެޕްޓް’ ކުރާނެބާ؟ އެހެން ވޭމްޕަޔަރުން އަހަރެން އެކްސެޕްޓް ނުކުރިޔަސް ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ދިފާޢުގައި ޔަރަސް ހުންނާނެއެވެ. އޭރު އަހަރެން ހުންނާނީ ޔަރަސްގެ އަނބިމީހާގެ މަޤާމުގަ އެވެ. ހުރިހައި ވޭމްޕަޔަރުންގެ ތެރެއިން އެއްމެ ބާރުގަދަ ވޭމްޕަޔަރުގެ އަނބިމީހާގެ ގޮތުގައެވެ.’

ޔަރަސް ތައްޔާރުކޮށްގެން ގެނައި އެއްޗެހިން ބިޝާރާ ނާސްތާ ކުރިއެވެ.

“މިއަދު މީ ހަމަ އެއްމެ ސަޅި ދުވަހެއް އަހަރުމެން ހިނގާލަން ދާން.” ބިޝާރާގެ އަތުގައި ހިފަމުން ޔަރަސް ބުންޏެވެ. ބިޝާރާ ގޮވައިގެން ޔަރަސް ނިކުތީ އެ ބޮޑު ކިއްލާގެ ގޯތިތެރޭގައި އޮތް ބޮޑު ބަގީޗާ ތެރެއަށެވެ. ބިޝާރާ ދުވަހަކުވެސް ދެކެފައިނުވާ އެތައް ބައިވަރު މާމެލާމެއްޔެއް އެ ބަގީޗާގައި ހުއްޓެވެ. ރޭ ހަތަރުދަމު ފޭބި ފިނީގެ ސަބަބުން އޭރުވެސް ބިންމަތި އޮތީ ތެމިފައެވެ. ވައިތެރޭގައި އޭރުވެސް ފިނީ ގެ އަސަރު ހުއްޓެވެ. ބަނަ އަނދިރި ކަމެއް މުޅި މާހައުލަށް ވެރިވެފައި އޮތަސް އެއީ އިންތިހާއަށް ރީތި، ހިތްގައިމު މާހައުލެކެވެ.

“ޔަރަސް؟”

‘އާނ، ކީކޭ؟”

“ޔަރަސް ކައިރީ އެއްޗެކޭ އަހާލަންކަމަށް!”

“ދެން އަހަންވީނު. މަށެއް ނުހުއްޓުވާނަމޭ.” ވަރަށް ލޯބިން ޔަރަސް ބުންޏެވެ.

“މިސާލަކަށް، ޔަރަސް ހަމަ ސީދާ އިރުގެ އަލިކަން ލިބޭ ތަނަކަށް ނުކުމެއްޖެއްޔާ ކިނެކޯ ވާނީ؟”

“އެއްވެސް ކަމެއް ނުވާނެ.”

“ދެން ކީއްވެ ނުނިކުންނަނީ؟”

ފުރަގަހުން ބިޝާރާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ބިޝާރާ އަށް އުނދަގޫވާ ވަރަށެވެ. ޔަރަސް ގެ ޖަވާބަކަށް އިންތިޒާރުގައި ބިޝާރާ އަށް ހުރެވުނެވެ.

“އަސްލު ވާގޮތަކީ މިކިޔާ ‘ޑައިރެކްޓް ސަންލައިޓަށް’ ނިކުތީމަ އަހަރުމެންގެ ފެނުމަށް ވަރަށް އަސަރުކުރޭ. ތަނެއް ފެންނާނީ ހަމަ ކިރިޔަކިރިޔާ. ލޮލުން ވަރަށް ބޮޑަށް ދިލަ ނަގާނެ. ވަރަށް ތަދުވާނެ. އަހަރުމެންނަށް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިގެންދާނެ. އެ ވަރުބަލިކަމު ސަބަބުން އަހަރުމެންނަށް ލިބފައިވާ ބައެއް ޚާއްޞަ ބާރުތައްވެސް ނެތިގެން ހިނގައިދާނެ.”

“އެހެންވެއްޖެއްޔާ އިންސާނުންގެ ކުރިމަތީގައި ބަލިކަށި ބަޔަކަށް ވެގެންދާނެދޯ!”

“އާނ. އެކަން އޮތީ އެހެން. އަހަރުމެންނަށް ރަނގަޅަށް ތަންތަން ނުފެންނާތީ އަހަރުމެންގެ ޙަރަކާތްތައް ލަސްވާނެ.”

ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ބިޝާރާ ގެ ކުރިމަތީގައި ޔަރަސް ހުއްޓުނެވެ.

“އަހަރެން އެބަޖެހޭ ދުވަސްކޮޅަކަށް މިތަނުން ދުރަށްދާން. ހައެއްކަ ހަފުތާ ނުވަތަ އެއަށްވުރެން ގިނަދުވަހަށް. އަހަންނަށް އެނބުރި އާދެވުމާއިއެކު އަހަރުމެންގެ ކައިވެނި އޮންނާނެ. އަހަރުމެންނަށްޓަކައި އަހަރެންގެ ރިޒޯޓް ތައްޔާރުކުރަން އެބަޖެހޭ. އަހަރުމެންގެ ހަނީމޫންގަ ވަގުތު ހޭދަކުރާނީ އެތަނުގައި ހަމައެކަނި އަހަރުމެން ދެމީހުން.”

ބިޝާރާ ގެ މޫނުގައި ވަރަށް ލޯބިން ހިފަހައްޓާލިއެވެ. ނިތްކުރިމައްޗަށް ވެއްޓިފައިހުރި އިސްތަށިތައް ރީތިކޮށްލިއެވެ. ރިޒޯޓް ތައްޔާރުކުރަން ދާ ވާހަކަ ބުންޏަސް ހަމަ ގަސްދުގައި އެއްކަމެއްގެ ވާހަކަ ޔަރަސް އެއް ނުބުނެވެ. އެއީ ކުރަން އުޅޭ ދަތުރުގައި ކުރިން ދުވަހު ބިންގަރާސް ތެރެއިން ދޫކޮށްލި މީހުން ޝިކާރަ ކުރަން ނިންމާފައިވާ ވާހަކައެވެ. އެމީހުންނަކީ ޢަދީލްއަށް ވަފާތެރި، ޢަދީލް އަށް ހެޔޮ އެދޭ އޭނާގެ އައުވާނުން ކަމަށްވީތީ އެވެ. އެމީހުން ދޫކޮށްލަމުންވެސް ޔަރަސް ވަނީ ޝިކާރަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން ޔަރަސް ގެ މި ދަތުރުގެ އަސްލު މަޤުޞަދަކީ އެމީހުން ޝިކާރަ ކުރުމެވެ. ރިޒޯޓް ތައްޔާރު ކުރުމަށް ފޮނުވާފައިވާ އަޅުން، އެ މަސައްކަތް ވަރަށް ބަރާބަރަށް ކުރިއަށް ގެންދާކަންވެސް ޔަރަސް އަށް އެނގެއެވެ. ރިޒޯޓް ހަދަން ފޮނުވި އަޅުން އެ މަސައްކަތް ނިންމުމުން އެމީހުންވެސް މިދުނިޔެއިން ފުހެލުމަށް ޔަރަސް ވަނީ ޕްލޭން ކޮށްފައެވެ. އެމީހުންނަށްވެސް އަދި އެހެން މީހަކަށްވެސް އެކަމެއް ނޭނގޭނެއެވެ. އެ އަޅުންނަށް ޔަރަސް އަންގާފައިވާ ހަމައެކަނި އެއްޗަކީ މަސައްކަތުގައި ފަރުވާކުޑަ ކޮށްފިނަމަ މަރާލާނެ ކަމެވެ. އެ ރިޒޯޓަކީ އެއްވެސް އިންސާނަކަށް ވައިއެޅެން ނުވެސް އެނގޭނެ ވަރުގެ ސިއްރު ތަނަކަށް އެތަން ހެދުމަށް ޔަރަސް ވަނީ ނިންމާފައެވެ. އެހެންކަމުން އެ ރިޒޯޓް ހެދުމުގެ މަސައްކަތުގައި އުޅުނު ހަމަ ކޮންމެ މީހަކީ ޔަރަސް ގެ އަތުން އެމީހާގެ މަރު ޔަޤީންވެފައިވާ މީހުންކަން އެމީހުންނަށް ނޭނގުނަސް ޔަރަސް އަށް އެނގެއެވެ. އެހެން ހަދައިގެން ނޫނީ، މުސްތަޤްބަލުގައި ބިޝާރާ އާއި އެކު އޭނާ އުޅުމަށް ތައްޔާރުކުރާ ޚާއްޞަ ރަށަކީ ދުނިޔޭގެ ވުޖޫދުގައި އޮތް ރަށެއްކަން ފޮރުވޭނެ ގޮތެއް ނޯންނާނެ އެވެ.

“ޔަރަސް؟” ބިޝާރާ ގެ އަޑު ޖެހުމާއި އެކު ޔަރަސް ވިސްނަމުން ދިޔަ ކަންތަކުން ދުރަށް ދެވުނެވެ.

“ހޫމް.!”

“ކޮންކަމަކާ މާބޮޑަށް ތި ވިސްނަނީ؟”

ބިޝާރާގެ ރީތި ދެލޮލަށް ޔަރަސް ބަލައިލިއެވެ. އަނެއްކާވެސް އޭނާގެ ދެއަތްތިލައިން އެ ރީތި މޫނު ފޮރުވާލިއެވެ.

“މި ވިސްނާ ކަމެއް ކޮންމެހެން ބިޝް އަށް އެނގުން މުހިއްމެއްނޫން.” މިހެން ބުނަމުން ބިޝާރާ ގެ ތުންފަތާއި ދިމާއަށް އޭނާގެ ތުންފަތް ގެންދިޔައެވެ. އެއީ ފިނިފެންމަލެއްގެ މަޑުމަޑު ކަރުގަނޑުހައި މަޑު ތުންފަތެކެވެ. ޔަރަސްގެ ތުންފަތް އެ ތުންފަތުގައި ޖެހުމާއިއެކު ބިޝާރާ އެކަމަށް އިޖާބަ ދިނީ އެކަމަށް ވަރަށް އެދިއެދި ހުރެގެންނެވެ. އެ ފޮނިފޮނި ތުންފަތުން ޔަރަސް ގެ ތުންފަތުފަތަށް އަޖައިބެއްފަދަ ފިރުމުމެއް ލިއްބައިދެމުންނެވެ. ޔަރަސް ގެ ހުރިހައި ހިއްސެއް ރަނގަޅަށް ހޭލައިފިއެވެ. އޭނާގެ އަތުން ބިޝާރާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ކަނދުރާ ދޮށުގައި އަނގަ ޖެހިއެވެ. ބިޝާރާ ގެ ނޭވާތައް ފުން ވަމުން، ކުރު ވަމުން ދިޔައެވެ. މަޑުމަޑު އާހެއްގެ އަޑު ބޭރުވަމުން ދިޔައެވެ.

ބިޝާރާގެ ކަރުދޮށުން ޔަރަސް ހޯދަމުންދިޔައީ ޚާއްޞަ ލޭ ނާރެވެ. ބިޝާރާ ގެ ހަށިގަނޑު ތެރޭގައި ދައުރުވަމުންދާ ލޭގެ މީރުވަސް ކިތަންމެ ރަނގަޅަކަށްވެސް ޔަރަސް އަށް ދުވަމުން ދިޔައެވެ. ބިޝާރާ ގެ ހިތުގެ ތެޅުމުގެ އަޑު ނުހަނު ސާފުކޮށް އިވެމުން ދިޔައެވެ. ބިޝާރާގެ ކަނދުރާ ދޮށުގައި ޔަރަސް ދޫ ލާން ފެށިއެވެ. ބިޝާރާ ގެ ނޭވާ ކުރުވެ، ލައްޒަތުގެ އާހެއް މެދުކެނޑުމެއް ނެތި ބޭރުވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި އާދަޔާ ޚިލާފް ތުރުތުރެއްވެސް ހުއްޓެވެ. ބިޝާރާގެ ކަންފަތް ދޮށުގައި ޔަރަސް ގެ ދޫ ހާކާލިއެވެ.

“އަދިވެސް އަހަރެން ދެކެ ބިރުގަނޭތަ؟” ވަރަށް ލޯބިން ސިއްރުސިއްރުން ޔަރަސް އާހާލިއެވެ.

ބިޝާރާ ޖަވާބުދިނީ ވަރަށް މަސްތީ ރާގެއްގައެވެ. ފުން ނޭވާތަކެއް ލަމުންނެވެ. “އާނ. ވަރަށް، އާނ….ހާ..ހާ… ވަރަށް ބޮޑަށްވެސް.”

“ބިރު ނުގަނެނޭ.”

މިހެން ބުނުމާއި އެކު ޔަރަސް ގެ ތޫނު ފޭރާ ދަތް ވައްދައިލީ ބިޝާރާގެ ކަނދުރާ އަށެވެ.

ބިޝާރާ ތެޅެން ފެށި އެވެ. އިރުކޮޅަކުން އެ ތެޅުން މައިތިރި ވެއްޖެއެވެ. ތުއްތު ކުއްޖަކު މަންމަ ގާތުން ބުއް ބޮމުންދާހެން، ޔަރަސް ލޭ ބޮމުން ދިޔައެވެ. އޭނާގެ އަތުން ބިޝާރާގެ ހަށިގަނޑުގެ އެއްމެ ނާޒުކު ހިސާބުތަކުގައި ފިރުމައިދެމުންނެވެ. އެކަމުގެ ސަބަބުން ބިޝާރާ އަށް ލިބެންފެށި ލައްޒަތުން ހަށިގަނޑަށް އެއްވެސް ބާރެއް އެރުވުމެއް ނެތި އޮތެވެ. އިސާހިތަކުން ޔަރަސް ގެ ހަށިގަނޑުގައި ހުންނަ ޚާއްޞަ ކެމިކަލްގެ ތެރެއިން އޭގެ ރަނގަޅު އަސަރު ފޯރުކޮށްދޭ ވެނަމް އިން ބީޝާރާ އަށް ބުނަންވެސް ނޭނގޭފަދަ ތަފާތު އަރާމަކާއި ލައްޒަތެއް ލިބެން ފެށިއެވެ. މީގެ ކުރިން ދުވަހަކުވެސް އިޙްސާސް ކުރެވިފައި ނުވާ މިންވަރަށް އެދުންވެރިކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. ޔަރަސް ލޭ ބޮމުން ގެންދިޔަކަމުގެ އެއްވެސް އިޙްސާސެއް ނުކުރެވެއެވެ. ކަރުދޮށަށް ކުރެވެމުން ދިޔައީ ލައްޒަތުން ފުރިގެންވާ ބޮސްދިނުމެއްގެ އަރާމު އިހްސާސެކެވެ.

ލިބެމުން ދިޔަ ލައްޒަތުގެ އިޙްސާސް އެއްމެ މައްޗަށް ގޮސް ބޮންތިއާއި އަރައި ހަމަވިކަން ބިޝާރާއަށް އެނގުނީ މުޅި ހަށިގަނޑަށް ކުއްލިކުއްލި އަށް ލިބެންފެށި ތުރުތުރެއްގެ ސަބަބުންނެވެ. އެވަގުތު ބިޝާރާ ގެ ކަނދުރާ ދޮށުން ޔަރަސް ގެ އަނގަ ނައްޓައިލިއެވެ. ކޮންމެވެސް ވަރަކަށް ބިޝާރާގެ ކަރުދޮށުން ލޭ ފޮދެއް އައުން ފިޔަވައި އެހެން ކަމެއް ނުވެއެވެ.

“ކޮބާ މަ ބުނީމެއްނު!…. ވަރަށް އަރާމުވާ ގޮތަކަށްވެސް މިކަން ކޮށްލެވިދާނޭ!!” ޔަރަސް ގެ ގައިގާ ބިޝާރާ އޮޅުލައިގަތެވެ. ޔަރަސް ގެ ހަށިގަނޑާއި ލައި ބައްދާލިއެވެ. އެވަގުތު ޔަރަސް ގެ އަނގައިން ބޭރު ވެގެން ދިޔައީ އަހަރުމެން އެކަކުވެސް ހީވެސް ނުކުރާނެ ފަދަ އިބާރާތްކޮޅެކެވެ. އެއީ ޚުދު ބިޝާރާ ވެސް ދުވަހަކުވެސް ވެދާނެ ކަމެއްކަމަށް ހުވަފެނުންވެސް ނުދެކޭ ކަމެކެވެ. ޔަރަސް ގެ އަނގައިން އިންސާނަކަށް އެފަދަ ބަސްކޮޅެއް ބުނެފާނެކަން ޤަބޫލުކުރަން ދަތިވިޔަސް މިފަހަރު ބުނެފިއެވެ.

“ބިޝް؟”

“ހޫމް!!”

“އައި ލަވް ޔޫ!!”

ނުނިމޭ

އެއްހާސް އަހަރު – 30

ބެލްކަނީގައި ޖަހާފައިހުރި ދަނގަނޑު ކޮށިގަނޑުގެ މަތީ ދަނގަނޑުގައި އަތް ބާއްވާލައިގެން، ދަތްދޮޅި ދަށުގައި އަތް ވިދެލައިގެން ބިޝާރާ ހުއްޓެވެ. ބިޝާރާ ގެ ހަށިގަނޑުގައި ހިނގަމުންދާ ލޭބުއިމުން ޔަރަސް އަށް އެހާ ވަރުގަދަ ބާރެއް ލިބެމުންދަނީ ކީއްވެގެންބާއޭ ބިޝާރާ ގެ ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެވެސް ވަރަކަށް އެކަމާ ބިޝާރާ ބިރުވެސް ގަންނަން ފަށައިފި އެވެ. އޭނާގެ ގައިން ލޭ ބޮއެގެން ޔަރަސް ގެ ބާރުވެރިކަން އިތުރުވެ، އިތުރު އެތައް އިންސާނުންނަށް ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތީމަ އެވެ. ބޭރު ތެރެއަށް ނުކުމެ، އެއްވެސް ރަހުމެއް ކުލުނެއް ނެތި އެތައް ބައެއްގެ ގައިން ލޭ ބޮއެ މަރާފާނެތީ އެވެ.

ޔަރަސް އާއި ދިމާވިފަހުން ބިޝާރާ ގެ މަންމަ މަތިން ހަނދާން ނުވެ އެތައް ދުވަހެއް ފާއިތުވެ ހިނގައްޖެއެވެ. ނަމަވެސް މިއަދު ހަމަ ކުއްލިއަކަށް އޭނާގެ މަންމަ މަތިންވެސް ހަނދާންވާން ފެށި އެވެ. މި އަދު އެ މަންމަ ދުނިޔޭގައި ނެތްކަން އެއީ ނަސީބެކޭ ހިތަށް އަރަމުން ދިޔަ އެވެ. އެ މަންމަ ދިރި ހުއްޓާ ޔަރަސް އާއި އެކު ބިޝާރާ މިހާރު ހޭދަކުރަމުން އެގެންދާ ދިރިއުޅުން ހޭދަ ކުރާނަމަ، އެ މަންމަގެ ހިތުގައި ކިހައިވަރަކަށް ޖެހޭނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. އެ މަންމަ ދުނިޔޭގައި ހުރިނަމަ މިއަދު ބިޝާރާގެ ނިންމުން ކިޔައިދޭނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ.

‘މަންމާ، ވޭމްޕަޔަރެއް އަހަރެން ޖަހައިގަނެގެން ގެނައީ. އެކަމަކު އަހަރެން އެ ވޭމްޕަޔާ ދެކެ ލޯބިވަން. އަހަރެމެން މިހާރު މިއުޅެނީ ކައިވެނިވެސް ކުރަން.’ ބިޝާރާގެ ހިތަށް އަރަމުން ދިޔަ ޖުމްލަތައް މަޑުމަޑުން ކިޔަމުން ދެވުނުކަން އެނގުމުން ޒާތެއްގެ ހިންޏެއް އައެވެ. މިއީކީ ހޮލީވުޑްގެ ނުވަތަ ބޮލީވުޑްގެ ފިލްމެއް ނޫނޭ ހިތަށް އެރިއެވެ.

އެކަމަކުވެސް މިއީ ޙަޤީޤަތެކެވެ. މިއަދު ބިޝާރާ ގެ ދިރިއުޅުމުގެ ޙަޤީޤަތަކީ މިއީއެވެ.

ޔަރަސް އާއި މެދު އޭނާ ކަންބޮޑުވެ އެވެ. އިންތިހާއަށް ދެރަވެ އެވެ. ޔަރަސް ގެ ޙާލަތާއި މެދު އޭނާއަށް ރޮވެ އެވެ. ޔަރަސް ބަރުދާސްތު ކުރަމުންގެންދާ ހިތްދަތި ކަމާއިމެދު ހިތް ފަޅައިގެން ދާވަރުވެ އެވެ. ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާގެ ސަބަބުން އެކަމުގެ ހިތާމަ އޭނާގެ މަންމަ ވެސް އިންތިހާއަށް ކުރެ އެވެ. ކޮންމެ ގޮތެއްވިޔަސް ޔާސްމީން އަކީ ޔަރަސް ގެ މަންމަ އެވެ. ދުވަހަކަށް ފަހު ދުވަހެއް ހޭދަވަމުން ދާއިރު ޔަރަސް އަށް ލިބިގެންދާނެ ބަލިކަށިކަން އެ މަންމަ އަށް އެނގެ އެވެ. ކެންސަރުގެ ބަލިމަޑުކަން ތަހައްމަލް ކުރަމުން ގެންދާ މީހެއްގެ ހަށިގަނޑު އަނަރޫފަވެ އެ އަންނަ ފަދަ ހިތްދަތި ބަދަލުތަކެއް ޔަރަސް އާއި ކުރިމަތީ ލާން ޖެހޭނެ އެވެ. ހަށިގަނޑު ކިތައްމެ އަނަރޫފަވެ، ބަލިކަށި ވިޔަސް، ޔަރަސް އަށް ނިމުމެއް ނާންނާނެ އެވެ. މަރާއި ކިތަންމެ ކައިރިވިޔަސް، މަރެއް ނުވާނެ އެވެ. ޔަރަސް އަށް ޖައްސާފައިވާ އެސްފީނާ އަކީ ޔަރަސް އަށް އަނިޔާ ކުރުމުގެ ނިޔަތުގައި ޖައްސާފައިވާ އެސްފީނާއެއް ބާއޭ ބިޝާރާގެ ހިތަށް ކިތައްމެ ފަހަރަކު އަރަ އެވެ. މުޅި އުމުރުގައި ޔަރަސް އަށް އުޅެން ޖެހޭނީ އެ ހިތްދަތި ކަމުގައި ބާއޭ ބިޝާރާގެ ހިތަށް އަރަ އެވެ.

ޔަރަސް ދިޔަ ފަހުން މިހާރު ހަފުތާ އަކަށްވުރެން ގިނަދުވަސް ވެއްޖެ އެވެ. ޔަރަސް ދިރިއުޅޭ ސަރަޙައްދުން އޭނާގެ އިޙްސާސް ތައް ބިޝާރާ އަށް ކުރެވެމުންދެ އެވެ. ޔަރަސް އަށް އެއްމެ ހިތްގައިމު ގަދަ ރަތްކުލައިގެ ދޮރުފޮތިގަނޑާއި މަޑު ނޫކުލައަކަށް ދިއްލާލާފައިވާ އެ މާހައުލެވެ. ޔަރަސް އަކީ ވަރަށްވެސް ތަފާތު މީހެކެވެ. ޝައުޤުން ފުރިގެންވާ އެތައް ކަމެއް އޭނާގެ ކިބައިއިން ބިޝާރާ އަށް ފާހަގަ ކުރެވެ އެވެ. ޔަރަސް ގެ ދިރިއުޅުމާއި ބެހޭ އެތައް ވާހަކަތަކެއް ކިޔައިދޭ އަޑު އެހުމުގެ ފުރުޞަތު ލިބިގެންދާނެ ކަން ބިޝާރާ އަށް މިއަދު ޔަޤީންވެ އެވެ. ޔަރަސް ގެ މާޒީގައި އުފާވެރި ވާހަކަތަކެއް ވާނެކަމަށް އޭނާ އުއްމީދު ކުރެ އެވެ. ޔަރަސް ގެ ހިތުގައި އަޅާ ވޭން ފޮރުވައިގެން އެ ހުންނަނީ އޭނާގެ ހިތުގައި އިންސާނުންނަށް ދެވިފައިވާ ނަފުރަތުގެ ގަދަ އަލިފާނުގެ ދިލައިން އޭނާގެ ހިތް ފިއްސަމުންކަމަށް ވެދާނެ އެވެ. ނަމަވެސް ބިޝާރާ ގެ އުއްމީދަކީ އެ ހުރިހައި ކަމެއްވެސް ބަދަލު ކުރުމެވެ.

ޔަރަސް ގެ އަތްބަކަށް ބިޝާރާ ވުމުން އެކަމާ ޔަރަސް ގެންގުޅޭ އަޅުން ހީކުރާނީ ކީކޭ ބާއޭ ބިޝާރާގެ ހިތަށް އެރި އެވެ. ޔަރަސް އަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތް ވުމަށް ކުރަންޖެހޭ މުހިންމު ކަންކަން ކޮށް ނިމުމުގެ ކުރިން އެމީހުންގެ ކައިވެނީގެ އެއްވެސް ޚަބަރެއް އެއްވެސް މީހަކާއި ހަމައަށް ފޯރައިގެން ނުވާނެކަމަށް ޔަރަސް ވަނީ ބުނެފަ އެވެ. ޔަރަސް އަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތްވުމަށް އިންސާނަކާއި ކައިވެނިކޮށް ދަރިއެއް ހޯދަން ޖެހެ އެވެ. ބިޝާރާ ވޭމްޕަޔަރަކަށް ބަދަލުކުރުން އެއީ މިކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެކަން ކުރަނީ ބިޝާރާގެ ރައްކާތެރިކަމަށްޓަކައި ޔަރަސް ބޭނުންވެގެން ނެވެ. އޭރުން އެއްވެސް އިންސާނަކަށް ބިޝާރާ އާއި ކައިރިއެއް ނުވެވޭނެ އެވެ. ޔަރަސް މަރައިލުމަށް ވަޞީލަތަކަށް ހެދުމަށް ބިޝާރާގެ ބޭނުމެއް ނުކުރެވޭނެ އެވެ. ޔަރަސް އަބަދުވެސް ބޭނުންވަނީ ބިޝާރާ އަށް މިނިވަން ކަން ދީފައި ބެހެއްޓުމަށެވެ. އޭނާ ދެކޭގޮތުން އެކަން އެއްމެ ރަނގަޅަށް ކޮށްދެވޭނީ ބިޝާރާ ވޭމްޕަޔަރަކަށް ބަދަލުކޮށްގެން ނެވެ.

ބިޝާރާ ހީކޮށްގެން އެ ހުންނަނީ ޔަރަސް ވީ އެމީހުން ދިރިއުޅެން ތައްޔާރުކުރާ ޚާއްޞަ ރިޒޯޓް ރަށް ތައްޔާރުކުރުމަށް ގޮސް ކަމަށެވެ. ނަމަވެސް ޔަރަސް ވަދިކޮށް އުޅެމުންދަނީ ޝިކާރަ ކުރުމަށެވެ. ތްރިވުނަންދަޕޫރަމް ގެ ބިޔަ ޖަންގަލި ތަކުގެ ތެރޭގަ އެވެ. ޔަރަސްގެ ކިއްލާ ހުންނަ މާސިންގާ ޖަންގަލި ސަރަޙައްދުގައި އަތްފުނާ އަޅަމުން އޭނާ ގެންދިޔައީ ކުރިން ދުވަހު ދޫކޮށްލި ބާރަ އިންސާނުން އަތުލައިގަތުމަށެވެ. އެމީހުންނަށް އެ މާސިންގާ ޖަންގަލިން މިހާ އަވަހަށް ނިކުމެގެން ރައްކާ ނުވެވޭނެކަން އޭނާ އަށް އެނގެ އެވެ.

ޔަރަސް އަކީ ޝިކާރަ ކުރުމަށް ކުޅަދާނަ ވޭމްޕަޔާ އެކެވެ. އޭނާއަށް ހުނަރު ލިބިފައިވެ އެވެ. ތޫނުފިލިކަމާއި ހިތްވަރު އެބަ ހުއްޓެވެ. އޭނާގެ ހިއްސުތަކުގެ ބާރު ކުޑަވަމުން އަންނަކަން އޭނާއަށްވެސް އެނގެ އެވެ. އޭނާ ބިޝާރާ އާއި ދުރުގައި ގިނަވަގުތު ހޭދަކުރަން ބޭނުން ނުވަނީވެސް އެ ސަބަބަށްޓަކަ އެވެ. އެހެންކަމުން އޭނާ ހޯދަން ނުކުތް ބާރަ އިންސާނުން، ވީ އެއްމެ އަވަހަކަށް ހޯދުމަކީ ކޮންމެހެންވެސް އަވަހަށް ނިންމަން ޖެހިފައިވާ ކަމެއްކަން ޔަރަސް އަށް އެނގެއެވެ.

ޖަންގަލި ތެރެއިން ހިނގަމުން ދިޔަ ޔަރަސް ގެ ނޭފަތުގައި އެއްމެ ފުރަތަމަ ޖެހުނު އިންސި ވަހަށް ފާރަލަމުންގޮސް އޭނާއަށް ވަދެވުނީ ފަރުބަދައެއްގެ ހޮހޮޅަ އަކަށެވެ. ހޮހަޅަ އާއި ކައިރިވި ވަރަކަށް އެވަސް ގަދަވަމުން ދިޔަ އެވެ.

ވަރަށް ފަރުވާތެރިކަމާއި އެކު ޔަރަސް އެތަނަށް ވަންނަން ފެށި އެވެ. އެއްވެސް މީހަކަށް އޭނާގެ އަޑު އިއްވާކަށް ބޭނުމެއް ނުވެ އެވެ. ދުވަމުންދިޔަ ވަސް ކިތައްމެ ގަދަޔަސް، އެ ހޮހޮޅައިގައި ތިބީ ކިތައް މީހުންކަން އަންދަޒާ ކުރާކަށް އޭނާއަކަށްވެސް ނޭނގެ އެވެ. ނަމަވެސް އެ ވަހަކީ އެއްމެ މީހެއްގެ ގައިން ދުވާ ވަސް ނޫންކަން އެނގެ އެވެ. ހޮހޮޅައަށް ޔަރަސް ވަންނަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއި އެކުގަ އެވެ. ހޮހޮޅައިގެ އެތެރެއަށް ވަންނަމުން ދިޔަވަރަކަށް އަނދިރި ވަމުން ދިޔަ އެވެ. ނަމަވެސް ޔަރަސް އަށް ލިބިފައިވާ ބާރުގެ އެހީގައި ހުރިހައިތަނެއްވެސް އަލިކޮށް ފެންނަ ގޮތް ހެދިއެވެ. އިންސާނުންގެ ވަސް ދުވަމުން އަންނަ ހިސާބާއި ކައިރިވިވަރަކަށް އެތަނުގައި ތިބި މީހުންގެ ޢަދަދާއި ޖިންސް ކަނޑައަޅަން ޔަރަސް އަށް އެނގެމުން ދިޔަ އެވެ.

ހިލަ ފަރުބަދައިގެ ތެރެއިން ކެނޑިފައިވާ ހިމަހިމަ ހޮހޮޅަ ތެރެއަށް ޔަރަސް ދެމިގަތެވެ. ހޮހޮޅައިގެ ބިންމަތި ވަނީ ތެމިފަ އެވެ. ލޮނދިކަމެއްވެސް ހުއްޓެވެ. ތަންކޮޅަކަށް ދެވުނުތަނުން އޭނާއަށް އިޙްސާސް ކުރެވެން ފަށައިފި އެވެ. އިންސާނުންގެ ގައިން ބޭރުވާ ހޫނުކަމުގެ އިޙްސާސް އެވެ. އިންސާނުންގެ ނޭވާގެ ވަސް ކިތަންމެ ރަނގަޅަށްވެސް ދުވަމުން ދިޔަ އެވެ. އެމީހުން ތިބީ ކޮންމެވެސް ވާހަކައެއް ދެއްކުމުގައި ކަން އެކަމުން އެނގުނެވެ. އެ ވާހަކަ ތަކުގެ އަޑު އެހުމަށްޓަކައި މަޑުކޮށްލިއެވެ. އަޑުއެހުމަށް ލިބިފައިވާ ޚާއްޞަ ބާރުގެ ބޭނުން ކޮށްގެން އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ފެށި އެވެ. ވާހަކަ ދައްކަމުންދާ އަޑު ކިތަންމެ ރަނގަޅަށްވެސް އިވެ އެވެ. ހުނުމުގެ އަޑުވެސް އިވެ އެވެ. ދުމުގެ ވަސްވެސް ދުވަންފެށި އެވެ. އެމީހުން ތިބީ ކުޑަކުޑަ ނަމަވެސް އަލިފާން ގަނޑެއް ޖަހައިގެން އެއިން ހީފިލުވަންކަން ޔަރަސް އަށް އެނގުނެވެ. އެގޮތަށް އަލިފާންގަނޑެއް ރޯކުރުމަށް އެމީހުން ތިބެން ޖެހޭނީ ތަންކޮޅެއް ބޮޑު ހަވާސާ ތަނެއްގައިކަން ޔަރަސް އަށް ވިސްނުނެވެ.

ހޮހޮޅައިގެ ތެރެއިން ދެކަތްޕަށް ހެދިފައި އޮތް ހިމަ ދެ މަގުގެ ތެރެއިން މަގަކުން ޔަރަސް ދެމިގަތެވެ. އެއީ އެމީހުންގެ އަޑު އަންނަ ދިމާއަށް އޮތް މަގުކަން ޔަޤީން ކުރެވޭތީ އެވެ. އެމީހުން އެ ތިބި ހިސާބަށް ވަދެވޭނީ ސައިޒްގެ ގޮތުން ޔަރަސް އާއި އެއްވަރުގެ މީހުންނަށްކަން އޭނާއަށް އެނގެ އެވެ.

ތަންކޮޅަކަށް ދެވުނުތަނުން އެމީހުންގެ އަޑު ވަރަށް ސާފުކޮށް އިވެން ފެށި އެވެ. އެމީހުން ކޮންމެވެސް ކަމަކާ ޖޯކްޖަހައިފައި ހިނިގަނޑު ޖަހަމުން ދަނީކަން އެނގުނެވެ. ކޮންމެވެސް އަންހެނެއްގެ ވިހަ ހިނިގަނޑެއްގެ އަޑު ވަރަށް ރަނގަޅަށް ފާހަގަ ކުރެވެން ފެށިއެވެ. އެކަމާ ޔަރަސް ކައިރިއަށް ވަރަށް ބޮޑަށް ރުޅި އައިސްފި އެވެ. އެއީ ޔަރަސް ނިކަން ފޫހިވާ ޒާތެއްގެ ބައެކެވެ. ބާރުބާރަށް އަނގަތަޅާ ހީނ އުޅޭ އަންހެނުންދެކެ އޭނާ ވަރަށް ނައްޓަ އެވެ. އެމީހުން ތިބި ހިސާބު ފެނޭތޯ ހިލަތަކުގެ ތެރެއިން އުފެދިފައިހުރި ލޯވަޅެއްގައި ލޯ ޖަހައި ބަލައިލިއެވެ. އެވަގުތު އެ އަންހެން މީހާ ފާހަގަ ކުރެވުނެވެ. ހަޑި މުޑުދާރު އަންހެނެކެވެ. އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކުވެސް އެއީ ބަލައިލަންވެސް ކަމުދާ ވަރުގެ ބައެއް ނޫނެވެ. ބިޝާރާ ދެކެ އެމީހުން އެހައި ރުޅި އަންނަނީ ބިޝާރާ މާ ބޮޑަށްވެސް ރީތިވީމައޭ ޔަރަސްގެ ހިތަށް އެރިއެވެ.

އެމީހުންނަށް ނުފެނި ފިލާހުރެގެން ޔަރަސް ވާހަކަދައްކަން ފެށިއެވެ. އެތަނުގައި ތިބި އަޅު އިންސާނުންނަށް އޭނާގެ އަޑު އިވުމާއިއެކު އެއްމެން އެއްކޮށް ހިމޭންވި އެވެ. އެއްކޮށް ގަނޑުވެގެން ދިޔަ ކަހަލަ އެވެ.

“ކަލޭމެންނަށް ކިހިނެތް އެނގުނީ މަށަށް ޖެހިފައިވާ އެސްފީނާގެ ވާހަކަތައް؟” ޔަރަސް ގެ އަޑު ބަރުވެފައި ލަހެވެ. އެމީހުންނަށް އަދިވެސް ޔަރަސް އެއް ނުފެނެ އެވެ. ޔަރަސް ގެ ސުވާލު ތަކުރާރު ކޮށްލި އެވެ. އެވަގުތު އެތަނުން ބައެއް މީހުން ވަށައިގެން ހޯދަން ފެށި އެވެ. އެމީހުން ތިބީ ކަންބޮޑުވެ ބިރުގެންފަ އެވެ. ކުއްލިއަކަށް އެތާނގައި އިން މުޑުދާރު އަންހެން މީހާ ވާހަކަދައްކަން ފެށި އެވެ.

“ކާކުތީ؟ ބޭކާރު ވާހަކަދައްކައިގެން އަހަރުމެން ބިރުގަންނުވަން ނޫޅޭ. ތީކީ މާ މަޖާ ކަމެއް ނޫނޭ.”

“ކާކުތަ ބުނީ މިއީ މާ މަޖާ ކަމެކޭ. އަހަރެން މީކީ ކަލޭމެންނާ މަޖާކުރަން އައިސް ހުރި މީހެއް ނޫން. ކިހިނެތްހޭ އެކަން ކަލޭމެންނަށް އެނގުނީ؟”

އެމީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެއްވެސް އަޑެއް ބަޑެއް ނުއިވެ އެވެ. ހަމައެކަނި އިވޭހާވެސް އަޑަކީ ހޮހޮޅަ ތެރޭގައި ތާށިވެފައިތިބި މީހުންގެ އަވަސް ނޭވާގެ އަޑެވެ. އެމީހުން ތިބިތަނަށް ވަދެވެން ހުރި ހަމައެކަނި ދިމާއަކީ މިހާރު ޔަރަސް ހުއްޓިގެން ހުރި ދިމާކަން ޔަރަސް އަށް އެނގިއްޖެ އެވެ. އެހެންކަމުން އެތާނގައި ތިބި މީހުންގެ ދެބައިކުޅަ އެއްބައިމީހުން މިހާރުން މިހާރަށްވެސް އެއް ފަހަރާ ޝިކާރަކޮށްލެވޭނެކަން ޔަރަސް އަށް ޔަޤީންވި އެވެ.

އެމީހުން ތިބި ތަނަށް ޔަރަސް ވަދެއްޖެއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން މިހާރު އެމީހުންނަށްވެސް ޔަރަސްގެ މޫނު ފާހަގަ ކުރެވޭނެ އެވެ. އެތަނުން ބައެއް މީހުން ހަޅޭއްލަވަން ފެށިއެވެ. ރޯންފެށިއެވެ. ތެޅިފޮޅެން ފެށިއެވެ.

“މިހިރަ ޖަގަން އާއިހެދި ކިހާބޮޑު ބަލާއެއް؟” އެތަނުން ފިރިހެނަކު، އޭނާ ކައިރީ ހުރި އެހެން ފިރިހެނަކާއި ދިމާއަށް ފެލިގަންނަމުން ބުންޏެވެ. މަޅަޔާލަމް ބަހުންނެވެ. “ކަލޭ އަހަރުމެން ގެނެސް ތި ވެއްދީ މިތަނުން ނިކުންނަން އެހެން ދިމާއެއްވެސް ނެތް ތަނަކަށްށޭ!!”

“އެބުނާހެން، ޖަގަން!!” މުޑުދާރު އަނގައެއް އޮންނަ އަންހެން މީހާވެސް ފެލިގަތެވެ. ބްރާ އެއް ނާޅައި ހުރުމުން އެމީހާގެ ޗަސްޗަސް ދެ އުރަމަތި އޭނާ ލައިގެން ހުރި ޓީޝާޓް ތެރެއިން ދެފަރާތަށް ހެލިގަތްތައް ޔަރަސް އަށް ފާހަގަކުރެވުނެވެ. ޗީޑި އެވެ. ހާދަހާ މުޑުދާރު އަންހެނެކެވެ. އެފަދަ އަންހެނެއްގެ ގައިން ލޭ ބޯން ހިތަށް އަރުވާލެވުމުން ޔަރަސް ފަކުރުގަންނަ ގޮތްވި އެވެ. ނޫނެކެވެ. އެމީހާގެ ގައިން ޔަރަސް ލޭ ނުބޮއެ ޖެހިޖެހީނުން މަރާލުމަށް ނިންމިއެވެ.

ހޮހޮޅައިގައި މިވަގުތު ތާށިވެފައި ތިބި ހަ މީހުން އެކަކު އަނެކަކާއި ޒުވާބު ކުރަމުން ދިޔައެވެ. ޔަރަސް ހުރީ ބަލާށެވެ. އެމީހުންގެ އެ ޒުވާބުކުރުމުން އޭނާ އަށް ހިތްހަމަ ޖެހުމެއް ލިއްބައިދެމުން ދިޔައެވެ. އެތަނުން ނިކުމެވެން ހުރި ހަމައެކަނި ދިމާލުގައި ބޮޑު ހިލަގަނޑެެއް ގެންގޮސް ލައްކޮށްލި އެވެ. އެ އަޑު އިވިފައި އިންސާނުންތައް އެދިމާއަށް ބަލައިލި އެވެ. ޔަރަސް ކުރި ކަންތައް ފެނިފައި މޮޔައިން ތަކެއް ފަދައިން ހޮހޮޅަ ތެރޭގައި ކޮޅުކޮޅަށް އެމީހުން ދުވަން ފެށި އެވެ. ހަޅޭއްލަވައި ރޮމުންނެވެ. ނިކުންނާނެ ދިމާއެއް ފެނޭތޯ ބަލަމުން ދިޔަ އެވެ. ކުއްލިއަކަށް އެތަނުން އަންހެނަކު މައްޗަށް ބަލައިލަމުން ބުންޏެވެ. “ބަލާބަލަ މަތީގަ އެހެރީ. އެތަނުން ނިކުމެވޭތޯ ބަލަން ހިނގާ!!”

“އޭތް މިހިރަ ބީތާޔާ. ކިހިނެތްތަ ކަލޭ އެހާ މައްޗަށް އަރާނީ؟

“އަޑުމަޑުކުރޭ!!” ޔަރަސް ގެ ބަރު އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. އެއްމެއް އެއްކޮށް ހުއްޓުނެވެ.

ނުނިމޭ

އެއްހާސް އަހަރު – 31

“އަޑުމަޑުކުރޭ!!” ޔަރަސް ގެ ބަރު އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. އެއްމެން އެއްކޮށް ހުއްޓުނެވެ.

ޔަރަސް އެމީހުންނާއި ކައިރިއަށް ޖެހިލިއެވެ. އެމީހުން އެކި ފަރާތްފަރާތަށް ޖެހިލިއެވެ. ޔަރަސް އާއި ވީހައިވެސް ދުރުގައި ތިބެވޭތޯ ބެލުމަށެވެ. ހޮހޮޅައިގެ ދޮރުމަތީގައި ޖެއްސި ހިލަ ދުރަށްލެވޭތޯ ޖަގަން މަސައްކަތް ކުރިއެވެ.

“އަހަރެންގެ މޮޔަ، ބޯގޯސް އަޅުން….. ކަލޭމެން ހީކުރީމުދޯ އަހަރެންގެ އަތްދަށުން އެއްކޮށް ސަލާމަތްވެގެން ބެޗޭނެ ކަމަށް؟” ލާނެތް ހިނިގަނޑަކާއެކު ޔަރަސް ސުވާލު ކުރިއެވެ.

އެމީހުންގެ ތެރޭގައި ހުރި މުޑުދާރު އަންހެން މީހާ ކައިރިއަށް ގޮސް ޔަރަސް ހުއްޓުނެވެ. ދެއަތުން ހިފުނު ވަރަކަށް އެ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާފައި ދަމައިގަތެވެ. ތަންކޮޅަކަށް ދެމުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި ހިފައިފައި އުފުލާލިއެވެ. މައްޗަށް ނަގަމުންގޮސް ޔަރަސް ގެ މޫނާއި އެ އަންހެން މީހާގެ މޫނާއި އެއް ހަމައަށް އަންނަންދެން އެގޮތަށް ނެގިއެވެ. ވަމުންދިޔަ ތަދުގެ ސަބަބަމުން އަންހެން މީހާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް ގަތްފައި ހުރި ބިރުން އަނގައިން އެއްވެސް އަޑެއް ބޭރުނުވެ އޮވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ދެން ނިކަން ޖަވާބެއް ދީބަލަ! ކިހިނެތްހޭ ކަލޭމެންނަށް އެކަން އެނގުނީ؟” ހަޅޭއްލަވައިގަންނަމުން ޔަރަސް ސުވާލުކުރިއެވެ. އޭރުވެސް އެ އަންހެން މީހާ އޮތީ އޭނާގެ އިސްތަށިގަނޑަށް ވާންވެ އެލިފައެވެ. އެ އަންހެން މީހާ އަކީ އެ ގްރޫޕްގައި ހިމެނޭ އެއްމެ ހިތްވަރުގަދަ އަންހެންމީހާ އެވެ. އެއީ މަޔޫރިކާ އެވެ. ކިތައްމެ ހިތްވަރު ގަދަޔަސް ޔަރަސް ގެ ކައިރީގައި އޭނާ އަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެކަން މަޔޫރިކާ އަށް އެނގެއެވެ.

ޖަވާބުދެއް ދެވޭތޯ މަޔޫރިކާ މަސައްކަތް ކުރިއެވެ. ގަތްފައިހުރި ބިރުންނާއި އޮންނަން ޖެހިފައިވާގޮތުން އެއްޗެއް ބުނެވޭވަރު ވީ ހުއްޓަ ހުއްޓާފައެވެ. އާގަންނަ މީހަކު ވާހަކަ ދައްކަން އުޅޭފަދަ ގޮތަކަށެވެ. މަޔޫރިކާ ބުނަން އުޅުނު އެއްޗެއް ޔަރަސް އަށް ދެނެގަނެވުނެވެ. މަޔޫރިކާ ބުނީ ވޭމްޕަޔަރުންގެ ތެރޭގައި ޔަރަސް ގެ ދުވަސް ދުއްވައިލުމަށް ފެންބޮވާފައި ތިބި ބަޔަކު އުޅެމުން އަންނަ ވާހަކަ އެވެ. އެމީހުން ބޭނުންވަނީ ޔަރަސް ތިރިއަރުވައިލުމަށެވެ. އެއީ ބިޝާރާ މަރާލައިގެން ނުވަތަ ކޮންމެވެސް ގޮތަކުން ބިޝާރާ އާއި ޔަރަސް އާއި ދެމެދު ކުންޏެއް ޖައްސައިގެން އުފެދޭ ކަންތައްގަނޑެއްގެ ތެރެއިން ކަމަށްވެސް މަޔޫރިކާ ބުންޏެވެ.

ޔަރަސް އަށް އެފަދަ ޝައްކެއް ކުރެވޭތާ ދުވަސްކޮޅެއްވެސް ވެއްޖެ އެވެ. މިވަގުތު ބިޝާރާ ބެހެއްޓިފައިވަނީ ރައްކާތެރި ތަނެއްގައި ކަމުން އެކަމުގެ ހިތްހަމަޖެހުން ޔަރަސް އަށް އެބައޮތެވެ. އެތަނަށް އެއްމެ ކުޑަމިނުން ޔަރަސް ގެ މަންމަ ޔާސްމީން އަށްވެސް ނުވަދެވޭނެއެވެ. ޔަރަސް ދިރުއުޅޭ ކުއާޓަރ އަކީ އެހެން އެއްވެސް ވޭމްޕަޔަރަކަށްވެސް ނުވަދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. އާދައިގެ ވޭމްޕަޔަރަކަށް އެތަނުގެ ސެކިއުރިޓީ ފީޗަރ މުގުރައެއް ނުލެވޭނެ އެވެ. ހިތާމައަކީ ދުވަސްކޮޅެއް ފަހުން ޚުދު ޔަރަސް އަށްވެސް އެތަނުގެ ސެކިއުރިޓީ ފީޗާ ތައް މުގުރައި ނުލެވިދާނެ ކަމެވެ. އޭނާ އަށް ލިބިފައިވާ ބާރުވެސް ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަކަން އެއީ ޔަރަސް އަށް ކުރިމަތިވެފައިވާ އެއްމެ ބޮޑު އެއް ކަންބޮޑުވުމެވެ. އާދައިގެ ވޭމްޕަޔަރަކަށް ލިބިފައިވާ ބާރާއި އެއްވަރަށް ޔަރަސް އަށް ލިބިފައިވާ ބާރުވެސް ދުވަސްކޮޅަކުން ކެނޑިގެން ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

“ކާކުކަން އެނގޭތަ ތިބުނާ ވޭޕްޕަޔަރަކީ؟” މަޔޫރިކާ ގެ އިސްތަށިގަނޑަށް ލަތްކެއް ޖަހަމުން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “އެއީ ކާކުކަން ބުނެފިއްޔާ ކަލެއަށް މާބޮޑު އަނިޔާއެއް ނުކޮށް ކަލޭގެ މަރާއި ހަމައަށް ގެންގޮސްދޭނަން. އެހެންވީމަ ހަމަ މިހާރު ބުނޭ އެއީ ކާކުކަން؟”

ޔަރަސް ގެ ބާރުގަދަކަން ހޮހޮޅަ ތެރޭގައި ތާށިވެފައި ތިބި އެއްމެންނަށްވެސް އެނގެއެވެ. ޔަރަސް ބޭނުންނަމަ، އިންސާނެއް މަރައިލުމުގެ ކުރިން ކިތައްމެ ވަރުގަދަ ގިލަންވެރި ކަމެއްގައިވެސް ގެންގުޅެފާނެއެވެ. ޔަރަސް ގެ ހަށިގަނޑުން އުފެދޭ ވިހަ ކެމިކަލް ވެނަމް އަކީ އެހެން ވޭމްޕަޔަރުންގެ ހުންނަ ވެނަމް އާއި ތަފާތު ވެނަމް އެކެވެ. އެ ވެނަމް ގެ ސަބަބުން ޔަރަސް ލޭބޮމުން ގެންދާ އިންސާނަކަށް ކިތައްމެ ވަރުގަދަ ވޭނެއް އެޅިޔަސް، އެ އިންސާނަކު ހެއިވެރިކަން ނުނެތި ބޭއްވޭގޮތް ހެދެއެވެ. އެފަދަ ވަގުތެއްގައި ބުނަންވެސް ނޭނގޭފަދަ ގަދަ ވޭނެއް އިންސާނާއަށް ބަރުދާސްތު ކުރަން ޖެހޭނެއެވެ. ލޯ މަރައިލަން ބޭނުންވިޔަސް، ކިތައްމެ ވަރުބަލިކަމެއް އިހްސާސް ކުރެވުނަސް، ލޯވެސް މަރައި ނުލެވޭނެ އެވެ. ބިޝާރާ ގެ ގައިން ލޭ ބުއިވަގުތު އެ ވިހަގަދަ ވެނަމް ބޭނުންކުރެވުނީ ކިހިނެތްބާއޭ ޔަރަސް ގެ ހިތަށް އެރިއެވެ.

‘ނީ.. ނީ- ނިޖޫ. ސޮ-ސޮ- ސޯމްޔާ …. ސޯމްޔާ …. ދު-ދްރޫވް…. ފަރްޝީން.. އޫމްމްމް…” މަޔޫރިކާ ގެ އިސްތަށިގަނޑުގައި އަނެއްކާވެސް ލަތްކެތް ޖެހިއެވެ. ވީ ތަދުން މަޔޫރިކާ ރޮއެ ހޭރިގަތެވެ. “ރޮހާން! އައްދިއްޔޯތް!! ރަނޭޝް… ޕްލީޒް އަހަންނަށް ހާދަ ތަދެއް އެބަވޭ…ދެނެއް މަށަކަށް ނުވާނެ…”

“ކޮން ކަމެއް ނުވާނީ؟” ޔަރަސް ފެލިގަތެވެ.

“ރީޝަބް އަގަރްވާލް އަދި ސޮމްޔާ ޕަޓޭލް.”

ވާންކޮށް ހިފަހައްޓާފައިވާ މަޔޫރިކާ ގެ އިސްތަށިގަނޑުން ޔަރަސް ދޫކޮށްލި އެވެ. ގުޅައަކަށް ބިންމައްޗަށް މަޔޫރިކާ ވެއްޓިއްޖެ އެވެ. އެތަނުގައި ދެންތިބި ފަސްމީހުން ހަދަނެގޮތް ހުސްވެފައި ބަލަން ތިބީ އެވެ. އިތުރު އެހެން އެއްވެސް ނަމެއް ނުބުނެވި ވޭތޯ ޔަރަސް އަހައިލުމުން މަޔޫރިކާ އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ. ނަމަވެސް މަޔޫރިކާ ބުނަމުންދިޔަ އެއްޗެއް ސާފު ނުވާތީ މަޔޫރިކާ ގެ ކަންފަތުގައި ހިފައިފައް މައްޗަށް ނެގިއެވެ.

“ކީކޭތަ ތި ކިޔަނީ. މާ ބަލައިބޮޑު ނުކޮށް ތި ކިޔާ އެއްޗެއް އަޑުއިވޭވަރަށް ކިޔާބަލަ މިހިރަ މަޔާހޮތްކާ!!” މަޔޫރިކާ ދެކެ އައިސްފައިވާ ރުޅިން އަވަގުރާނަ ގޮވަމުން ޔަރަސް ބުންޏެވެ.

“އެމީހުން ބޭނުންވަނީ ޔަރަސް ގެ މައްޗަށް އަތްގަދަ ކުރަން. އެމީހުންނަށް އެނގޭ ޔަރަސް އަށް ޖެހިފައިވާ އެސްފީނާގެ ކަންތައްތައް.” ވަރަށް ހިތްވަރުކޮށްފައި މަޔޫރިކާ އަށް އެނގިފައިވާ ހުރިހައި ކަމެއް ކިޔައިދޭން ދފެށިއެވެ.

“އެމީހުންނަށް އެކަނިތަ އެކަން އެނގެނީ؟”

“މަށަކަށް ނޭނގޭ!!”

“ކީއްވެ ނޭނގެންވީކީ މިހިރަ ގޮތްކުޑަ އަންހެނާ!!” ކަރުގައި ހިފައި މައްޗަށް ނަގަމުން ޔަރަސް ބުންޏެވެ. “ހޫމް… ކަލޭ ތި ހުރިހައި ވޭމްޕަޔަރެއްގެ ވާހަކަތައް ކިޔަދިނީތީ އަހަރެން ވަޢުދުވަން، ވަރަށް އަވަހަށް ކަލޭ މަރައިލަ ދޭނަން.” ޔަރަސް މިހެން ބުނުމާއެކު މަޔޫރިކާ ގެ ގަޔަށް ހީރޯޅި އަރައިގެން ގޮސް ތެޅިގަނެވުނެވެ.

“އެނގެއެއްނު މަށަކީ ބުނާ ބަހާއި އެއްގޮތަށް ކަންކުރާ މީހެއްކަން ދޯ!” މިހެން ބުނުމާއި އެކު މަޔޫރިކާ ގެ ކަރުގައި ހިފައި ބާރަށް ފިއްތާލަމުން ކަރު އަނބުރާލިއެވެ. އެވަގުތު މަޔޫރިކާ ގެ ކަނދުރާގެ ކަށިތައް މުގުރެމުން ފުނޑެމުންދާ އަޑު އިވެމުން ދިޔައެވެ. ހިތްހަމަ ޖެހޭވަރަށް މަޔޫރިކާ ގެ ކަރު އަނބުރައިލެވުމުން ދޫކޮށްލުމާއި އެކު އެއްވެސް ހަރަކާތެއް ނެތް މަޔޫރިކާ ގެ ހަށިގަނޑު ބިމަށް ވެއްޓުނެވެ.

މަންޒަރު ބަލަންތިބި އަނެއް ފަސް މީހުން ތިބީ ބިރުން ވިރިވިރި އެވެ.

“ހޫމް.. ދެން ކާކު ބޭނުންވަނީ؟” ޔަރަސް އަހާލިއެވެ. އެއްވެސް މީހަކު ޖަވާބެއް ނުދެއެވެ. “ދެންވެސް އެއްމެ ކުރިން މަރުވާ މީހަކަށް ދެންތިބި މީހުންނަށް އަހަރެން އަނިޔާކުރާ މަންޒަރު ބަލަން ތިބެން ނުޖެހޭނެކަން ހަނދާންކޮށްދެން އިނގޭ.” ލާނެތް ޒާތަކަށް ހިނިގަނޑެއް ޖަހަމުން ޔަރަސް ބުންޏެވެ.

އެެއްވެސް މީހަކު ޔަރަސް އަށް އިޖާބައެއް ނުދިނެވެ. ނަމަވެސް އެކަން ބަލާކަށް ޔަރަސް މަޑެއް ނުކުރެއެވެ. ފަހަރަކު މީހަކަށް އަނިޔާކުރަމުން، މަރަމުން ގޮސް އެއްމެ ފަހަށް ހުރި މީހާ ދިރިހުއްޓައި ހޮހޮޅައިގައި ތަންކޮޅެއް ކަމީނާކޮށް ހުރި ހިލަތަކެއްގެ ތެރެއަށް ކޮއްޕާލިއެވެ. އެމީހާގެ ބޯ ހިލަތަކުގެ ތެރެއަށް ގަޅައިލުމުން އިރުކޮޅެއްވާންދެން ތެޅިތެޅިފައި އެއްމެ ފަހު ނޭވަޔާއެކު މި ދުނިޔެ ދޫކޮށްފިއެވެ. އެވަގުތު ޔަރަސް ގެ ދެއަތް ފޮޅާލަމުން ހިނިތުންވި އެވެ.

އެތަނުން އެއްވެސް މީހެއްގެ ގައިން އެއްމެ ލޭފޮދެއްވެސް ޔަރަސް ނުބޮ އެވެ. ވަރުގަދައަށް ޝިކާރަކުރުމަށްޓަކައި ހައިވެފައި ހުރުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ވާތީ އެވެ. އަދިވެސް އޭނާ ކޮންމެހެންވެސް ޝިކާރަކުރަން ޖެހޭ ހަ މީހުން އެބަ ތިއްބެވެ. ކިތައްމެ ވަރަކަށް ބިޝާރާ ކައިރިއަށް ދިއުމަށް ބޭނުންވިޔަސް އެހައި އަވަހަށް އެކަން ކުރެވޭކަށްވެސް ނެތެވެ. ބާކީ ތިބި ހަ އަޅުންނާއި މަޔޫރިކާ ކިޔި ލިސްޓްގައި ހިމެނޭ ހުރިހައި ވޭމްޕަަޔަރުންތައް މަރާފައިފައި ނޫނީ ޔަރަސް އަށް ހަމަ ނޭވައެއް ލެވެން ނެތްކަން އޭނާއަށް އެނގެ އެވެ.

އެއްވެސް ވަގުތެއް ބޭކާރު ނުކޮށް ޝިކާރަ ކުރުމަށް އަވަސްވެގަތެވެ. ފަހަރަކު މީހެއް ހޯދަމުން ގޮސް ބާކީ ތިބި ހަމީހުން ހޯދިއެވެ. އޭގެ ތެރެއިން ދެމީހަކު ފިލަން އަރައި ތިބީ މާސިންގާ ރަބަރު ގަހެއްގެ އެއްމެ ކުރީގައެވެ. އެއީ އެމީހުން ވަރަށް ވިސްނާފައި ކުރިކަމެއްކަން ޔަރަސް އަށް އެނގެއެވެ. އެހައި މަތީގައި ތިބޭ ބައެއްގެ ވަސް، ވޭމްޕަޔަރުން ގެ ނޭފަތުގައި ފަސޭހައިން ނުޖެހޭނެ އެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ ޔަރަސް އަށް ލިބިފައިވާ ބާރުގެ މިންވަރެވެ. އިންސާނެއް ބީހިލާފައިވާ ކޮންމެ ތަނަކުންވެސް އެމީހެއްގެ ވަސް ދެނެގަންނަން ޔަރަސް އަށް އެނގެއެވެ. ގަހުގައި ތިބި މީހުންގެ ވަސް ޔަރަސް އަށް ދެނެގަނެވުނީ ގަހުގެ ތޮށިގަނޑުންނެވެ. އެމީހުން ފެނުމާއިއެކު ޔަރަސް އުދުއްސައި ގަތެވެ. ހީވީ ރޮކެޓް އުދުއްސާލިހެންނެވެ.

ބާކީ ތިބި ހަމީހުން ގެ ދުވަސް ދުއްވައިލެވުމުން ޔަރަސް މިފަހަރު ކުރަން ނިކުތް ހަނގުރާމައިގެ އެއްބައި ކާމިޔާބު ކުރެވުނީ އެވެ. ނަމަވެސް މަރައިލަން ޖެހޭ ވޭމްޕަޔަރުން ތަކެއް ތިބުމުން އެކަމަކުގެ ފިކުރު ބޮޑުވުން ޔަރަސް އަށް އެބައޮތެވެ. އެ އަށް ވޭމްޕަޔަރުން މަރައިލެވޭހައި ހަކަތަ ގައިގައި ހުންނާނެ ބާއޭ ޔަރަސް ގެ ހިތަށް އެރިއެވެ. މިއީކީ އޭނާ އަލަށް ވޭމްޕަޔަރެއް މަރައިލަން ޖެހުނު ފަހަރެއްވެސް ނޫނެވެ. މީގެ ކުރިންވެސް އެތައް ވޭމްޕަޔަރަކާއި އޭނާ ވަނީ ހަނގުރާމަކޮށް ބަލިކޮށްފަ އެވެ. އެކަމަކު އެއީ ފުރިހަމަ ހަކަތައާއި ތާޒާކަން މަތީގައި ހުރެއެވެ. ޔަރަސް އަށް ޖެހިފައިވާ އެސްފީނާ އިން ސަލާމަތް ވެވުމަށްފަހު އެއްވެސް ވޭމްޕަޔަރެއްގެ ފަރާތުން އޭނާއަށް ނުރައްކަލެއް ނޯންނާނެއެވެ. ނަމަވެސް އޭގެ ކުރިން އިންތިހާއަށް ނުރައްކާ އެބައޮތެވެ. އެކަކު މިހާރު ޔަރަސް އަށް ލިބިފައި އެވާ ވަރުބަލިކަމާއި އެކު ވޭމްޕަޔަރުންނާއި ކުރިމަތިލުން އެހައި ބުއްދިވެރި ނޫންކަން ވިސްނުނެވެ. އެވަގުތު ބިޝާރާ މަތިން ހަނދާންވިއެވެ. ޔަރަސް ގެ ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުންވަނީ ބިޝާރާ އެވެ. ބިޝާރާ ގެ ގައިން ލޭ ފޮދެއް ބޮއެލުމެވެ. މި ހަނގުރާމަ ކާމިޔާބު ކުރެވޭނީ ބިޝާރާ ގެ އެހީ ހޯދައިގެންނެވެ.

ނަމަވެސް މިވަގުތު ބިޝާރާ ގެ ގައިން ލޭ ބުއިމަކީވެސް އެހައި ރައްކާތެރި ކަމެއް ނޫންކަން ޔަރަސް އަށް އެނގެއެވެ. އެވަރަށް ހާންތިވެފައި ހުރެ ބިޝާރާ ގެ ގައިން ލޭ ބޯން ފަށާގޮތަށް ހުއްޓާނުލެވިދާނެ ކަމުގެ ބިރުބޮޑެވެ. އެހާ ބައިވަރު ލޭ އެއްފަހަރަ ބޯންޖެހޭ ސަބަބެއް ބިޝާރާ ކައިރީގައި ނުބުނެ ލޭ ބޯކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

ބިޝާރާ ގެ ގައިން މިވަގުތު ލޭ ބޯން ކިތައްމެ ބޭނުން ނުވިޔަސް ޔަރަސް އަށް އިތުރު އެހެން ގޮތެއް ނެތެވެ. ބިޝާރާ ގެ ހަށިގަނޑުގައި ވަރަށް ކުޑަކުޑަ ލޭފޮދެއް ބަހައްޓާފައި ބާކީ ހުރި ހުރިހައި ލެއެއް އެއްފަހަރާ ބޯން އެބަޖެހެއެވެ. އެއީ މަރުގެ ތުންފަތް މައްޗަށް ބިޝާރާ ގެންދިއުން ފަދަ ކަމެއްކަންވެސް ޔަރަސް އަށް އެނގެއެވެ.

ނުނިމޭ

އެއްހާސް އަހަރު – 32

ރޭގަނޑުގެ ވަގުތެވެ. ބިޝާރާ އިނީ ރަންކުލައިގެ ކުޝަންސް ތަކެއް ޖަހައި ނަލަހައްދާފައިވާ އިހުގެ ބޮޑު އުނދޯއްޔެއްގައެވެ. މާލޭ ކާރުމަތީގޭގައި އުޅުއްވާ ހިޔަލަގެ ބައްޕާފުޅު އަލިސީދީ އިންނަވާ އުނދޯލިކޮޅުގެ ނަކަލެކޭ ބުނެވޭހާވެސް އެއްގޮތްކަމެއް ހުރި އުނދޯއްޔެއްގައެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައީ އެކަމަށް ޚާއްޞަކޮށް އުނދޯލިގޭ ބިއްދޮށު ފާރަށް ޖަހާފައިވާ ލޮއެ އިސްކުރެއްގައި އައްސާފައިވާ ވާކޮޅަށް ދަމަމުން ނެވެ. ބިޝާރާ ލައިގެން އިނީ ހުދުކުލައިގެ ނައިޓް ގައުން އެކެވެ. ތުނިތުނި ފަށުވި ފޮތީގެ ދެތިން ހަތަރުބައެއް އެ ހެދުމުގައި ހުއްޓެވެ. އަތާއި ކަރުގައި މުތުގެ ހާރެއް އޮތެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފަ އެވެ.

އުނދޯލިގެއާއި ދިމާއަށް ޔަރަސް އަންނަތަން ފެނުމުން ބިޝާރާ ބަލަން ފެށީ ޔަރަސް ގެ ސްމާޓް ހިނގުމަށެވެ. ހިތްގައިމު ހިނގުމެއްގައި އައިސް އޭނާގެ ކައިރީގައި މަޑުކޮށްލިއިރުވެސް ބަލަން އިނދެވުނީ އެހެންވެގެންނެވެ. ހެއްލަމުންދިޔަ އުނދޯލި ހުއްޓުވައި ބިޝާރާ އާއި ޖެހިގެން އިށީންނިއެވެ. ބިޝާރާ ގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ ޔަރަސް އަށެވެ. ނަމަވެސް މިފަހަރު ބިޝާރާގެ ބެލުމުގައި ކަންބޮޑުވުން ފެންނަން ހުއްޓެވެ. ބިޝާރާ ވާހަކަދައްކަން ފެށިއެވެ. މަޑުމޮޅި ރާގެއްގަ އެވެ.

“ކިހައިވަރެއްގެ ޗާންސެއް މަށަށް އޮތީ؟ މިބުނީ އަހަރެން ދިރިހުންނާނެ ކަމުގެ ޗާންސަސް؟” މިފަހަރުވެސް ބިޝާރާގެ ހިތަށް އެރީ މިއީކީ ‘ވޭމްޕަޔާ ޑައިރީސް’ ކަހަލަ ހޮލީވުޑް ގެ ފިލްމެއް ނޫންކަމެވެ. މިއީ ހަޤީޤަތް ކަމެވެ. ކުރަން އުޅޭ ކަންތައް ރަނގަޅަށް ނިމިގެން ހިނގައިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަން ބިޝާރާ އަށް އެނގެއެވެ.

އަވަސް އަވަހަށް ޔަރަސް އެސްފިޔަ ޖަހާލި އެވެ. ދުރަށް ބަލަން ފެށި އެވެ. އަލުން އަނބުރައި ބިޝާރާ އަށް ބަލައިލިއިރު އެ ލޮލުންވެސް ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. ނަމަވެސް އެ ކަންބޮޑުވުމުގެ އިތުރުން ހިތްވަރާއި ކެރުންތެރިކަން ހުރިކަންވެސް ފެންނަން ހުއްޓެވެ.

“ތިއެއް ބުނާކަށް ނޭނގޭ. މިކަން މި ޑިޕެންޑް ވަނީ އަހަރެން ބިޝާރާ ގެ ގައިން ބޯނެ ލޭގެ މިންވަރަށް.” މިހެން ބުނަމުން ބިޝާރާގެ ހޫނު އަތްތިލަ ނަގައި ޔަރަސް ގެ ފިނި އަތްތިލައިގެ ތެރެއަށްލި އެވެ. އެ މަޑު އަތްތިލައިގައި ވަރަށް ލޯބިން ފިރުމާލި އެވެ.

“ބިޝް އެނގޭ ދޯ މި ވާން އުޅޭ ގޮތެއް؟”

“އާނ. އަހަރެންގެ ގައިން ހަމަ އެއްކޮށްކަހަލަ ގޮތަކަށް ހުރިހައި ލެޔެއް ބޮއެލަން ތި އުޅެނީ. އޭރުން ޔަރަސް އަށް ލިބިގެންދާނީ ‘ދިލަގަދަ ބާރެއް!”

ޔަރަސް އަށް ހެވުނެވެ. އެއްވެސް ޖެހިިލުންވުމެއްނެތި އޭނާގެ ކުރިމަތީގައި ބިޝާރާ ވާހަކަދައްކާއިރު ބޭނުންކޮށްލާ ބައެއް ބަސްބަހަކީ އެހެން މީހެއްގެ އަނގައިން ބޭރުވާ ބަސްތަކެއް ނަމަ އެހެންނެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ޔަރަސް ގެ ގާތަށް ސިނގު ރުޅިއެއް އައީހެވެ.

ޔަރަސް ގެ ދެލޮލަށް ބިޝާރާ ބަލައިލިއެވެ. ބިޝާރާގެ ބެލުމުގައި ވަނީ ފިނިކަމެކެވެ. ނަމަވެސް އެ ދެލޮލުން ހިތާމައިގެ އަސަރު ފެންނަމުންދާކަން ޔަރަސް އަށް ފާހަގަ ކުރެވުނެވެ. އޭގެ އިތުރުން އެ ލޮލުން ބިރުގެންފައި ހުރިކަންވެސް ފާހަގަ ކުރެވުނެވެ. ބިޝާރާ ކިތައްމެ ހަޖަހޭގޮތް ދައްކަމުން ވާހަކަދެއްކިޔަސް އެ ލޮލުން ފެންނަ ބިރުގެ އިޙްސާސް އަކީ ފޮރުވޭނެ އެއްޗެެއް ނޫނެވެ.

“އަހަރެންގެ ދިލަގަދަ ބާރު ދޯ، އާނ ބިޝް. ބިޝް އަށް ހިތަށްވެސް ނުގެނެވޭނެ.”

“އެއީ ވަރަށް ނުރައްކާތެރި ކަމެއްތަ؟” ޔަރަސް އަށް ލިބިގެންދާނެ ބާރާއިމެދު ބިޝާރާ އޮޅުންފިލުވި އެވެ.

“އަނެއްކޮޅުން އެކަމާ ކުރިމަތިލާން ހުންނަ މީހަކަށް އެއީ ނުރައްކާތެރި ކަމެކޭ ބުނީމަ އެއީ ވަރަށް ދަށު ދަރަޖައިގެ ސިފަކުރުމަކަށް އެކަން ވާނީ.”

ބިޝާރާ އެއްކޮށް ހަނުވި އެވެ. ޔަރަސް އަށް އެފަދަ ބާރެއް ލިބުމުން ހުންނާނެ ގޮތެއް ޚިޔާލަށް ގެނައުމަށް އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޔަރަސް އޭނާ އާއި ދިމާއަށް ބަލަމުން އަންނަ ގޮތާއި، ޔަރަސް ގެ އަޅިކުލައިގެ ދެ ލޮލުން ފެންނަމުން ދިޔަ ކަންބޮޑުވުން ބިޝާރާ އަށް ފާހަގަކުރެވުނެވެ. ޔަރަސް ގެ ލޮލުންވެސް ބިރުގެ އިޙްސާސް ފެންނަން ހުއްޓެވެ. އެހެންކަމަށްވާނަމަ މިވަގުތު ޔަރަސް ގެ ހަށިގަނޑުގަނޑުގައި އިންސާނީ ޖަޒުބާތު ހިނގަމުން ދަނީ ނޫންބާއޭ ބިޝާރާގެ ހިތަށް އެރިއެވެ.

ޔާސްމީން އެތަނަށް އައިސް ޔަރަސް ކައިރީގައި މަޑުކޮށްލި އެވެ. ބިޝާރާ ގެ އަތްމަތީގައި އަތް ބާއްވައިލި އެވެ. “މަންމައަށް މިކަމުގެ ތަޖްރިބާ ލިބިފަ އެބަހުރި. އަހަރެން އިންސާނެއްގެ ގޮތުގައި ހުއްޓާ ވޭމްޕަޔަރުންނާއި އިންސާނުންނާ ދެމެދު ހިނގި ބޮޑު ހަނގުރާމައިގަ ވޭމްޕަޔަރުން ހަމަލާދިން އެތައް ބަޔަކަަށް އެހީވެދީ ރަނގަޅުކޮށްދިނިން.”

“އެކަމަކު ކިހާ ބައެއް މަރުވެގެން ދިޔަތޯ؟” އަޑަށް ބާރުލާފައި ނަމަވެސް ބިޝާރާ ވާހަކަ ދެއްކީ އަދަބުވެރިކަމާއި އެކުގައެވެ.

ޔާސްމީން ބަލައިލީ ދުރަށެވެ. ބިޝާރާ ކުރިމަތިކުރުވި ސުވާލާއި ކުރިމަތިލާން އޭނާ ބޭނުން ނުވަނީ އެވެ. އާނއެކެވެ. އެ ހަނގުރާމަައިގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. އެމީހުން ސަލާމަތް ކުރެވޭތޯ ކެނޑިނޭޅި ޔާސްމީން މަސައްކަތް ކޮށްކޮށް ހުއްޓައެވެ.

“ކޮންމެވެސް ވަރަކަށް މީހުން މަރުވެގެންދިޔަ…. އެކަމަކު ހަނދާން ބަހައްޓަންވީ މުހިއްމު ޕޮއިންޓަކީ އެ ވޭމްޕަޔަރުންގެ ނިޔަތަކީ އަހަރެން ނިސްބަތްވާ ޤަބީލާގެ މީހުން އެއްކޮށް ނެތިކޮށްލުން. ޔަރަސް އެ އުޅެނީކީ ބިޝާރާ މަރާލާކަށް ނޫން. ޝިކާރަކޮށް އުޅުމުގައި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން ދަސްކުރުމަށް އޭނާއަށް އެއްހާސް އަހަރުވަނީ ލިބިފަ. އޭނާ ވަނީ އެތައް ބައެއްގެ ގައިން ލޭބޮއެ އެމީހުން މަރުގެ ތުންފަތް މައްޗާއި ހަމައަށް ގެނެސް، މަރައި ނުލައި ދޫކޮށްލާފަ.”

ޔާސްމީން ބުނަން އުޅުނު އެއްޗެއް ބިޝާރާ އަށް ވިސްނުނެވެ. ނަމަވެސް އެކަމާމެދު އިތުރު އެއްވެސް އެއްޗެއް ބިޝާރާ ނުބުނެ އެވެ. ޔަރަސް އަކީ ހަމަ ޙަޤީޤަތުގައިވެސް އިންސާނުންގެ ގައިން ލޭ ބޮއެ، މަރުގެ ތުންފަތް މައްޗާއި ހަމައަށް ގެނެސްފައި މަރައިނުލައި އެމީހުން ދޫކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ޕްރޮފެޝަނަލް ވޭމްޕަޔަރެކެވެ. އެކަން އެގޮތަށް އޭނާ ކުރަނީވެސް މުހިއްމު ބޭނުމެއްގަ އެވެ. އެއީ ދެވަނަ ފަހަރަށްވެސް އެމީހުންނަށް އަނިޔާކޮށް ލޭބުއިމުގެ ބޭނުމުގައިކަން ބިޝާރާ އަށް އެނގެއެވެ.

ބިޝާރާ ގެ މޫނުމަތިން ފެންނަމުންދިޔަ ފަސްޖެހުމުގެ އަސަރު، ޔަރަސް އަށް ފާހަގަ ކުރެވުނެވެ. އެކަމާ ޔަރަސް އަށްވެސް ލިބުނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. އެހެންވެ އޭނާ ދުރަށް ބަލައިލި އެވެ. ޔަރަސް ގެ މަންމަ ޔާސްމީން އެ ދެއްކި ވާހަކައަކީ ކޮބައިކަން ބިޝާރާ އަށް އެނގިއްޖެކަން ޔަރަސް އަށްވެސް އެނގެއެވެ.

“ބިޝާރާ،” ތަންކޮޅެއް މަޑުމައިތިރި ކަމާއިއެކު ޔާސްމީން ގެ ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ. “އަހަރެންގެ ދަރިފުޅަކީ ވޭމްޕަޔަރުންގެ ޚާންދާނުގައި ހުރި އެއްމެ ބާރުގަދަ ވޭމްޕަޔަރު. އެކަން އެގޮތަށް ވަނީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވޭތީ. އަހަންނަށް އެނގޭ މިކަން މިއީ ބިޝާރާވެސް އަދި އަހަރުމެންވެސް އެއްމެ އެދޭ ގޮތް ނޫންކަންވެސް. އަހަރުމެންނަށް ބިޝާރާ އަކީ ވަރަށް އަގުހުރި މީހެއް. އަހަރުމެން ބިޝާރާ ދެކެ ވަރަށް ލޯބިވަން. މި އެސްފީނާގެ ކަންތައްގަނޑު ނެތަސް އަހަރުމެން ބިޝާރާ ދެކެ ލޯބިވަން.”

ބިޝާރާ އާއި ޔާސްމީން މި ހުރިހައި ވާހަކައެއް ދެއްކިއިރު ޔަރަސް އިނީ އިސްޖަހާލައިގެންނެވެ. ފުން ނޭވައެއް ލަމުން ޔަރަސް ބަލައިލީ އޭނާގެ މަންމަ އަށެވެ. ޔަރަސް ހަމަޖެއްސުމުގެ ގޮތުން އޭނާގެ އަތުގައި ޔާސްމީން ފިރުމަން ފެށިއެވެ.

“ވަރަށް ހޫނު ގަދަވާނެ. އެހެންވީމަ ދަރިފުޅު ތިޔަ ޖެކެޓް ބާލަންވީނުދޯ. މިކަން  ކުރާއިރު ސަމާލުކަން ގެއްލޭފަދަ އެއްވެސް ކަމެއް ހުރެގެން ނުވާނެ.”

“މަންމާ، ޕްލީޒް. އަހަރެން މިކަން ކޮށް ނިމޭއިރު އަހަންނަށް އަލިފާނުގެ ބާރު ލިބިގެންދާނެކަން ނޭނގެ. އެ ބާރު ނެތި މިހާރު އެތަކެއް މަސްތަކެއް ވެއްޖެ. އަހަރެންގެ އަމިއްލަ ހަށިގަނޑު ފިއްސައިނުލައި އެ ބާރުގެ ބޭނުންކުރަން އަހަންނަށް ނޭނގުމަކީވެސް އެކަށީގެންވާ ކަމެއް މިހާރު.”

“ޔަރަސް، އަހަރުމެން ދެމައިންނަށްވެސް އެނގެއެއްނު ދަރިފުޅަށް އެ ބާރު ލިބިފައި ހުރިއިރުވެސް އެހާ ގިނަގިނައިން ބޭނުން ނުކުރާކަން. އެހެންވީމަ އޭރުގަހެން މިހާރުވެސް ވިސްނަންވީ އެ ބާރުގެ ބޭނުންކުރާނީ ހަމަ ކޮންމެހެން އޭގެ ބޭނުން ކުރަން ޖެހުނީމަ އިނގޭ ދަރިފުޅާ.”

ޔާސްމީން ދިނީ ރަނގަޅު ނަސޭހަތެއްކަން ޔަރަސް އަށް އެނގެއެވެ. އެކަން ޤަބޫލުވެސް ކުރެއެވެ. ނަމަވެސް އޭނާގެ މަންމައަށް ނޭނގޭ އެއްކަމެއް އެބައޮތެވެ. އެއީ އޭނާގެ އަޅުންނަށް އެ ބާރުގެ ބޭނުންކޮށްގެން ގޯނާކުރި ކަމެވެ. ވޭމްޕަޔަރުންތަކެއް ނައްތައިލި ކަމެވެ. ދިރިތިއްބާ އަނގުރު އަލިފާނުގައި ރެއްސެއް ފިހެލާހެން އެތަކެއް އަޅުންނެއް ވަނީ މަރާފައެވެ. މިކަންކަން ހިތަށް އައުމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. މަންމަ ހިތްހަމަ ޖެއްސުމަށްޓަކައި ލައިގެން ހުރި ޖެކެޓް ބޭލި އެވެ. ޖެކެޓްގެ ދަށުން އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓް ހުރީ ގަޔަށް ފިޓްކޮށެވެ. އަޅި ދޮންކުލައެއް ހުރި އޭނާގެ މުލައްދަނޑީގައި ވަރުހުރިކަން ދައްކައެވެ. އަތުގައި އަޅާފައި އޮތް ލެދަރުން ހަދާފައިވާ އުޅާވެސް ނަގައި ދުރަށް ހޫރާލިއެވެ. އެވަގުތު ޔަރަސް އާއި ދިމާއަށް ބިޝާރާ ބަލަންފެށިއެވެ. ބިޝާރާ އަށް ހުރީ ހަމަ ރަނގަޅަށްވެސް ބިރުގެންފަ އެވެ.

“ބިޝާރާ، ވަގުތު ޖެހިއްޖެ. ބިޝާރާ ތައްޔާރުވީމަ ބުނެލާ އިނގޭ.” ޔަރަސް ވާހަކަދެއްކީ ގޮތްހުސްވެފައިވާ ރާގެއްގައެވެ. އަތުގެ އިޝާރާތަކުން އޭނާގެ މަންމައަށް އެނގީ ‘ސެލައިން ސޮލިއުޝަން’ އެއް އަޅާފައިވާ އައި’ވީ ފުޅި ގެނައުމަށެވެ. “އަހަރެންގެ މަންމަ ވަނީ މި ޒަމާނީ އާލާތްތައް ބޭނުން ނުކޮށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދީފަ. މި ގުޅާލީމަ މިކަން ރަނގަޅަށް ދިޔުމުގެ ފުރުޞަތު ބޮޑުވެގެން ދާނެ.” މިހެން ބުނަމުން އޭނާގެ މަންމައަށް ބަލައިލި އެވެ. “އަހަރެން ނިމުނީމަ ނޫނީ ތީތި އިންޖެކްޓް ނުކުރާތި. ތީތިން ބިޝާރާގެ ލެއަށް އަސަރެއް ކުރާނެކަމެއް ނޫންކަމެއް ބުނަން ނޭނގުނަސް ހަމަގައިމުވެސް އަހަންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ.” މިހެން ބުނަމުން އޭނާގެ މަންމަގެ ކޮނޑުގައި ހިފަހައްޓާލި އެވެ. “އަހަންނަށް އެނގޭ މަންމައަށް ތިކަން ކުރެވޭނެކަން. ކުރިން މިހެން ބުނެވިފަ ނެތަސް އަހަރެން މަންމައަށް ފުރިހަމައަށް އިތުބާރު ކުރަން. އަހަންނަށް އޭރު މަންމައާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުން ވަރަށް ދެރަވޭ. އެކަމަށް މަޢާފަށްވެސް އެދެން.”

ޔަރަސްގެ ވާހަކައަށް އާނއެކޭ ބުނުމުގެ ގޮތުން  ޔާސްމީން ބޯ ޖަހައިލިއެވެ. ދެން ބަލައިލީ ބިޝާރާ އަށެވެ. އޭރު ބިޝާރާ އިނީ އެ ދެމައިންނަށް ވަރަށް ރަނގަޅަށް ބަލާށެވެ. “ބިޝާރާ ތައްޔާރު ވީމަ…..”

ބިޝާރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލި އެވެ. ނުހަނު އޯގާތެރިކަމާއިއެކު ބިޝާރާގެ ބޯދަށަށް ޔަރަސް ގެ އަތްތިލަ ލެއްވިއެވެ. ބިޝާރާ ދެލޯ މަރައިލުމުގެ ކުރިން، ޔަރަސް ވޭމްޕަޔަރަކަށް ބަދަލުވެގެން ދިޔަތަން ފެނުނެވެ. އެއީ ލެއަށް ފެންބޮވައި، ލޭ ބޯން ތައްޔާރުވެފައިވާ ވޭމްޕަޔަރެއްގެ ސިފައަށެވެ. އޭނާގެ ތުންފަތް ކުރުގެޅިގެން ދިޔައެވެ. ދެ ފޭރާދަތް ތޫނު ކަނޑިއެއްގެ މިޔަ ފަދައިން ވިދުވަރު ލާފައި ހުއްޓެވެ. އެއީ ތޫނު އަދި ބިރުވެރި ދެ ދަތެވެ. އޭނާގެ ދެލޯ އެއްކޮށް ކަޅުވެގެން ދިޔައެވެ. މޫނުގެ ހަންގަޑަށް ރޫޖެހި ރުޅިވެރިކަމުގެ އިންތިހާ އަސަރު ފެންނަން ހުއްޓެވެ. އެވަގުތު އޭނާގެ އަނގައާއި ދިމާއަށް ބިޝާރާގެ ބޯ އުފުލައިލި އެވެ. އަވަސް އަވަހަށް ކުރުކުރުކޮށް ބިޝާރާ އަށް މާނޭވާ ލާން ފެށުނެވެ. ޔާސްމީން އަނެއްފަރާތަށް އެނބުރުނެވެ. ޔަރަސް އިންސާނެއްގެ ގައިން ލޭބުއިތަން މީގެ ކުރިން ޔާސްމީން އަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރުވެސް އޭނާ ނިންމީ އެ މަންޒަރު ނުބެލުމަށެވެ. އޭނާގެ ލޯބިވާ ދަރިފުޅު، ވޭމްޕަޔަރެއްގެ ގޮތުގައި، ވޭމްޕަޔަރުންގެ އަސްލު ސިފައިގައި ހުންނަތަން ދުށުމަކީ އޭނާއަށް ބަރުދާސްތުކުރަން ޖެހިފައިވާ މުސީބާތެއްފަދަ ކަމެކެވެ.

“މަންމާ!” ޔަރަސް ގޮވައިލުމުން އެ ފަރާތަށް ޔާސްމީންގެ މޫނު އަނބުރާލިއެވެ. ނަމަވެސް އޭނާގެ ލޮލުގެ ހިމަކޮޅުން ނަމަވެސް ޔަރަސް އާއި ދިމާއަށް ބަލައެއް ނުލައެވެ. “މަންމަ ހަމަޖެހިލައިގެން ތައްޔާރަށް ހުރޭ!” އޭނާގެ ބޯ، ބިޝާރާގެ ކަނދުރާ ދޮށަށް ތިރިކޮށްލައި ތޫނު ފޭރާދަތް ބިޝާރާގެ ކަނދުރާ ދޮށުގައި ޖައްސައި އޮއްބައިލި އެވެ. ބިޝާރާ އަށް ފުން ދިގު ނޭވާއެއް ދޫކޮށްލެވުނެވެ. މުޅި ހަށިގަނޑު އެއްކޮށް ތުރުތުރެއް ލަމުން ދިޔައެވެ. ބިޝާރާ ހަމަޖެއްސުމަށްޓަކައި އެވަގުތު ޔަރަސް މަޑުމަޑުން ވައި އަޑުން ވާހަކަދައްކަން ފެށިއެވެ.

“ހަނދާންކުރޭ، އަހަރެން ކަލާ ދެކެ ލޯބިވޭ….”  ވައި އަޑުން މިހެން ބުނަމުން ފޭރާދަތް ވައްދާލީ ކެރޮޓިޑް ނާރުގެ ތެރެއަށެވެ.

އެއްމެ ފުރަތަމަ ބިޝާރާ ތެޅެން ފެށި ނަމަވެސް އިރުކޮޅަކުން މައިތިރިވާން ފެށިއެވެ. ކަރުދޮށަށް އިޙްސާސް ކުރެވިގެންދިޔަ ތޫނު ތަދުކަން ކެނޑެން ފެށުމުންނެވެ. ބިޝާރާ ލޯމަރައިލި އެވެ. ޔަރަސް ބޯން ފެށި އެވެ. ބިޝާރާ ގެ އަގުހުރި ލެ އެވެ. ވަރަށް ފަރުވާތެރިކަމާއެކު ޔާސްމީން ބަލައިލި އެވެ. އޭނާއަށް ހަމައެކަނި ފެންނަނީ ޔަރަސްގެ ފުށަބޮލެވެ.

ބިޝާރާ ގެ ހަށިގަނޑުން ޖަހަމުންދިޔަ ވިންދުގެ ރާގާއި އެއްވަރަށް އޭނާ ބޮމުން ގެންދިޔަ އެވެ. އޭރުން ވީހައިވެސް ގިނަ ލޭ ޔަރަސް ގެ ނާރުތަކުގައި ދައުރުކުރުން ފަސޭހަވާނެތީ އެވެ. ތަންކޮޅެއް ލަސްލަހުން ބޮމުން ގެންދިއުމަށް ޔާސްމީން ހަނދާން ކޮށްދެމުން ދިޔަނަމަވެސް އެކަމަށް އެެއްވެސް އިޖާބައެއް ޔަރަސް ނުދެއެވެ. އިނލިތަކުން ބިޝާރާގެ އިސްތަށިގަނޑާއި މޫނާއި ކޯތާފަތުގައި ފިރުމަމުންދިޔައިރު ވޭނީ އާހެއް ބިޝާރާ ގެ އަނގައިން ބޭރުވަމުންދިޔަ އެވެ. ކުއްލިއަކަށް އޭނާގެ އަތްތިލަ އާއި އަތުން ވާގިނެތިގެން ދިޔައެވެ. އުނދޯލީގެ ބޭރަށްވާގޮތަށް އޭނާގެ އަތް އެލިފައި އޮތީ އެއްވެސް ދިރުމެއް ނެތް ގޮތަށެވެ.

ޔާސްމީން ފަރުވާތެރިވެ ތައްޔާރަށް ހުރީ ބާޒެއް އޭގެ ޝިކާރައަށް ފާރަވެރިވެ ހުންނަހައިވެސް ހުޝިޔާރުވެގެން ނެވެ. ޔަރަސް ހުއްޓުވުމަށެވެ. ބިޝާރާ ގެ ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވެގެން ދިޔަޔަސް، ޔަރަސް އަށް އެކަން ރޭކައިނުލާނެކަން އެނގޭތީ އެވެ. ނަމަވެސް ބިޝާރާ ގެ ހަށިގަނޑުން ޒާތެއްގެ ތުރުތުރެއް އިޙްސާސްވުމުން ލޭބުއިން ހުއްޓާލައި ޔަރަސް ދުރަށް ޖެހުނެވެ. އޭނާ ބަލައިލީ ޔާސްމީން އަށެވެ. ޔާސްމީން ވެސް ބަލައިލީ ޔަރަސް އަށެވެ. ޔަރަސް ގެ މިޔަކަނުން ލޭ އޮހިފައި ހުރިތަން ފާހަގަ ކުރެވުނެވެ. ދަތްދޮޅިއާއި ވެސް އެކުގަ އެވެ. ބިޝާރާގެ ކަރުދޮށުންވެސް ލޭ އޮހޮރެމުން ދިޔަ އެވެ.

“ހަމަ މިހާރު އައިވީ ގުޅާ!!” ޔާސްމީން ހުރީ ތުރުތުރު އަޅައަޅައި ނަމަވެސް އައިވީގެ ކަށި ބިޝާރާގެ ގަޔަށް ކޮއްޕާލިއެވެ. ވަގުތުން އައިވީގައި ހުރި ސެލައިން ސޮލިއުޝަން އެތެރެވާން ފެށިއެވެ. ބިޝާރާ ގެ ޙާލަތު މުޅިން ހަމަޖެހިގެން ދިއުމަށް ވަގުތުކޮޅެއް ނަގާނެކަން ޔާސްމީން އަށް އެނގެއެވެ. ޔަރަސް ގެ މޫނަށް ބަލައިލެވުމާއި އެކު ޔާސްމީން އަށް ނޭނގޭ ބިރެއް ގަނެވުނެވެ. އޭނާގެ ދަރިފުޅު ފެންނަން ހުރީ ވަރަށް ވަރުގަދަ ކޮށްނެވެ. އޭނާގެ ލޮލުތެރެއިން އަލިފާނުގެ ވިދުވަރެއް ފެންނަން ހުއްޓެވެ. ދެ ފޭރާދަތުން އަލިފާން ރޮއްޖެއް އުފައްދާލައި އޭނާގެ އަތްތިލަ މައްޗަށް ފޮނުވައިލި އެވެ. ލިބިފައިވާ ބާރު ޓެސްޓް ކޮށްލުމަށްޓަކައި އަތްތިލައަށް އެޅެމުންދިޔަ އަލިފާނުން ބޯޅައެއް ހެދިއެވެ. އެ އަލިފާން ބޯޅަ ކޮޓަރިތެރެއަށް ހޫރާލި އެވެ. މުޅި އެތަނަށް ވިދުވަރެއްގެ އަލިފަދައިން އިރުކޮޅެއް ވާންދެން އަލިވެގެން ދިޔައެވެ. ޔާސްމީން އަށް ލިބުނު ސިހުމާއިއެކު ކުރުގެޅިގެން އިށީންދެވުނީ އެ އަލިފާނުން ސަލާމަތް ވުމަށެވެ. ނަމަވެސް ޔަރަސް އެ އަލިފާން ބޯޅަ އެއްލީވެސް ޔާސްމީން ހުރި ފަރާތް ނޫން އަނެއްފަރާތަށެވެ. ބިޝާރާ އަށް އޮވެވުނީއެވެ. އެއްވެސް ހަރަކާތެއް ނެތި އެވެ. އޭނާގެ ފަރާތުން ޔަރަސް އަށް އަގުހުރި ހަދިޔާއެއް ދެވުނުކަން ނުވެސް ދެނެހުރި ހާލުގައެވެ.

‘އޯހް ސަޅި. އަހަރެންގެ ފުލް ޕަވަރ އަލުން އަނބުރާ ލިބުނީމަ ވަރަށް ހަބޭސް.” ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން ޔަރަސް ގެ ބަސްމަގުވެސް މުޅިން ބަދަލުވެއްޖެ އެވެ. ނުވަތަ ޒުވާން ކަމުގެ ޖޯޝް އެ ބަސްމަގުގައި ޖެހިގެން ދިޔައީ އެވެ. ޔަރަސް ގެ އިސްކޮޅުވެސް މިހާރު ހުރީ ކުރިއަށްވުރެން ދިގުކޮށެވެ.

“ހަމަ މިހާރު މި ނައްޓާލަނީ މި ޕަވަރ ބޭނުންކުރަން.” މިހެން ބުނުމާއިއެކު ޖެކެޓް ލަމުން ކުޑަދޮރުން ފުއްމާލި އެވެ. ރޭގަނޑުގެ އަދިކަމުގެ ތެރެއަށް ގެއްލިގެން ދިޔައެވެ.

ނުނިމޭ

އެއްހާސް އަހަރު – 33

ޔަރަސް މިސްރާބު ޖެހީ ތްރިވުނަންދަޕޫރަމް ގެ އަވަށް ގަނޑާއި ދިމާއަށެވެ. ރޭގަނޑު އެއްކޮށް ހޭދަކޮށްލީ އެ ސަރަހައްދުގަ އެވެ. މިހާރު އޭނާގެ ހިއްސުތަކުގެ ބާރު ކުރިއަށްވުރެން ތިން ހަތަރު ގުނައަށް އިތުރެވެ. އެބާރުތައް ލިބުމުން މުޅި ހަށިގަނޑަށް ވަނީ ތާޒާކަން ލިބިފައެވެ. ރަނގަޅު އެނަރޖީ ޑްރިންކެއް ބުއިމުން އިންސާނަކަށް އެކުރެވޭ ފަދަ އިހްސާސެއް ކުރެވެމުން ދިޔަ އެވެ. ޔަރަސް އަށް ލިބިފައިވާ ބާރުގެ އެހީގައި އަލިފާން ފަދަ ބާރުގަދަ އެއްޗެއް ކޮންޓްރޯލް ކޮށްލުމުގެ ޤާބިލުކަން މިހާރުވަނީ ލިބިފައެވެ. އަމިއްލަ ހަށިގަނޑުން އަލިފާން އުފައްދައި ބޭނުން ދިމާއަކަށް ފޮނުވާލުމުގެ ބާރުވެރިކަން ވަނީ ލިބިފަ އެވެ. މީގެ އިތުރުން ބިޝާރާ ގެ ހަށިގަނޑުން ބުއި ލޭގެ އިޙްސާސް ވެސް ކުރެވެމުން ދިޔައެވެ. މީގެ ކުރިން އިންސާނެއްގެ ގައިން ލޭ ބުއިމަށްފަހު އެ ލޭ އޭނާގެ ހަށިގަނޑު ތެރޭގައި ދައުރުވަމުން ދާކަމުގެ އިޙްސާސް ކުރެވުނަސް، މިފަހަރު ކުރެވެމުން ދަނީ މުޅިން ތަފާތު އިޙްސާސެކެވެ. ބިޝާރާ ގެ ލޭގެ ސަބަބުން މުޅި ހަށިގަނޑަށް އިތުރު ޖޯޝަކާއި ބާރުވެރިކަމެއް ވަނީ ލިއްބައިދީފައެވެ. އަބަދުވެސް އޭނާ އާއި އެކުގައި ބިޝާރާ ވާ ކަމުގެ އިޙްސާސް ކުރެވެމުން ދިޔަ އެވެ. ބިޝާރާ ގަދަވެ ހުރިކަން އޭނާއަށް އެނގެއެވެ. އެތަކެއް ހާސް މޭލެއްގެ ދުރުގައި ހުރި ނަމަވެސް އެ އިޙްސާސް ކުރެވެމުން ދަނީ ބިޝާރާ ގެ ލޭގެ ސަބަބުން ނެވެ.

ކުރެވެމުންދާ އެ އާދަޔާ ޚިލާފް އިޙްސާސްގެ ސަބަބުން އޭނާގެ ދުޝްމަނުންނާއި ހަމައަށް ވާޞިލް ވުމަށް އެތަކެއް ފަސޭހަތަކެއް ވަނީ ވެފައެވެ.

ޔަރަސް ދުވަމުން ދިޔައީ ރުޅިވެރިކަމާއި ހަސަދައިގެ ނުބައިވަހުގެ ފަހަތުންނެވެ. އެ ވަހަކީ މުޅަވެފައިވާ މަސްގަނޑެއްގެ ވަހެކޭ އެއްވެސް ތަފާތެއް ނެތް ވަހެކެވެ. އެއަށްވުރެންވެސް އެވަސް ނުބައެވެ. އެއީ ދިރިތިބި އިންސާނުންތަކެއްގެ މުޅަވެފައިވާ މަސްތަކެއްގެ ވަހެވެ. އޭނާއަށް ފަހާ ދުވެވެމުން އެ ދެވެނީ ޚިޔާނާތްތެރިވެފައިވާ އިންސާނުންތަކެއްގެ ފަހަތުން ހެއްޔެވެ؟ އޭނާ ހޯދަން ބޭނުންވާ ފަސް ވޭމްޕަޔަރުން އަދި އެހާ ފަސޭހައިން ނުފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އާދަޔާ ޚިލާފް ގަދަ ބާރުގެ ބޭނުންކޮށް، އެކަމުން ހިތް އުފާކޮށްލުމަށް އޭނާ އާއި ދިމާވާ އިންސާނުންނާއި ކުރިމަތިލުމަކީ މައްސަލައެއް ކަމަކަށް ޔަރަސް އެއް ނުދެކެ އެވެ.

ޖަންގަލި ތެރެއިން ހިނގަމުން ދަނިކޮށް ދުރުދުރުން ޖިފުޓިއެއް ފެނިގެން އެދިމާއަށް ހިނގަން ފެށިއެވެ. އެއީ ހެޔޮވަރުވަރެއްގެ ޖިފުޓި އެކެވެ. ޖަންގަލީގެ މެދުގައި މުޅިން އެކަހެރިކޮށް ހުރި ޖިފުޓި އެކެވެ. ޖިފްޓި އާއި ކައިރިއަށް ދިޔަވަރަކަށް އަޑުތަކެއް އިވެމުން ދިޔައެވެ. އުފަލުން ބަޔަކު މަޖާނަގަމުން ދާ އަޑުތަކެކެވެ. ހުނުމާއި ސަކަރާތްޖެހުމުގެ އަޑެވެ. ރާބޯން ހަދާފައި ހުންނަ ގަހުވަޚާނާ އަކުން އިވޭފަދަ އަޑުތަކެކެވެ. އިތުރަށް ކައިރިއަށް ދެވުމާއިއެކު ނޭފަތުގައި ވަސްވެސް ޖެހިއްޖެ އެވެ. ގަހުވަ ޝަރުބަތު ތަކުގެ ވަހެވެ. އެހެންކަމުން އެ ޖިފްޓީގައި ތިބި ގޮތެއްނެތް އިންސާނުން ތިބީ ބޮއެގެން މަސްތުގެ ހާލަތުގައި ކަން އެނގުނެވެ. ބޮއެގެން ތިބޭ ބައެއް، އޭނާގެ އަތްދަށުން ސަލާމަތްވުމަށް ތެޅޭތަން ދުށުންވާނީ މަޖާ ކަމެއްކަމަށް ޔަރަސް ގެ ހިތަށް އެރި އެވެ. އުޅެވޭ ނޫޅެވޭ ގޮތެއް ނޭނގޭނެއެވެ. އެމީހުން އެކަކުގެ ގައިގައި ލައިގަނެފައި، ބިތެއް ގައި ލައިގަންނާނެ އެވެ.

ޖިފްޓި އާއި ކައިރިއަށް ޔަރަސް ޖެހެމުން ދިޔައީ ފަރުވާތެރިކަމާއި އެކުގައެވެ. ނަމަވެސް އޭނާ ލައިގެންހުރި ކަޅުކުލައިގެ ހެދުން އެމީހުންނަށް ހަމަ ރަނގަޅަށްވެސް ފެންނާނެ ގޮތަށެވެ. ހަށިގަނޑު ތެރޭގައި ދައުރުވަމުންދިޔަ ބިޝާރާ ގެ ލޭގެ ސަބަބުން އޭނާގެ ނަފުސު މައިތިރިވަމުން ދިޔައެވެ. ހަމައިގައި ހުރެވޭގޮތް ވިއެވެ. އޭނާގެ އަމާޒަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭ ހާލުގައި ހުރެވޭގޮތް ވިއެވެ.

ޖިފުޓީގެ ދޮރުގަނޑު ހުޅުވާލައި އެތެރެ ބަލައިލުމާއި އެކު ފެނިގެން ދިޔަ މަންޒަރުން ޔަރަސް އަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިގެން ދިޔައެވެ.  ޖިފްޓި ތެރޭގައި އެތަކެއް އިންސާނުން ތިއްބެވެ. ފިރިހެނުންނާއި އަންހެނުން ނެވެ. ނަމަވެސް އެމީހުން ތިބީ ވޭމްޕަޔަރެއްގެ ޚިދުމަތުގަ އެވެ. ޔަރަސް އަށް އެއީ ކޮން ވޭމްޕަޔަރެއްކަންވެސް އެނގެއެވެ. އެއީ އެއްވެސް ގޮތެއް ފޮތެއް ނެތް އަމިއްލަ އެދުމުން ފޯވެފައިވާ ވޭމްޕަޔަރެކެވެ. އެއީ މަހީޕާލް އެވެ. މަލަޔާލަމް ބަހުންނަމަ މާނައަކީ ދުނިޔޭގެ ރަސްގެފާނެވެ.

މަހީޕާލް އިށީންދެލައިގެން އިނީ ގަހުވަޚާނާގެ އެއްކަނެއްގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައެވެ. އޭނާގެ ދެފަރާތުގައި ނަލަހެދިލައިގެން ތިބި ދެ އަންހެނުން ތިއްބެވެ. ހެދުމެއް ލައިގެން ތިއްބޭ ބުނާވަރުގެ ފޮތިކޮޅެއް ގައިގައި ނެތް ފަދައެވެ. ދޮން، ފަލަ ދެ އަންހެނުންނެވެ. ބަލާބެލުމަށް ވައްތަރީ އިންޑިޔާގެ ކޮންމެވެސް ރެޑްލައިޓް އޭރިއާ އަކުން ގެނެސްފައިވާ ދެ ކަޝްބީ އަންހެނުންނާ އެވެ. އެއީ މޮޔަ ބައެކެވެ. އެމީހުން ހިތުން އެ ތިބެވެނީ ވޭމްޕަޔަރެއްގެ ހިމާޔަތް ލިބިގެންނެވެ. އެމީހުން ހިތުން އެއީ މާ ޚާއްޞަ ބައެކެވެ. އެހެން ވޭމްޕަޔަރުންގެ ކިބައިން ރެކެވިގެން އުޅެވޭނެކަމަށް އެމީހުން ހީކުރަނީ އެވެ. ނަމަވެސް އެމީހުންނަށް މަހީޕާލް އަކީ ކިހާވަރެއްގެ ވޭމްޕަޔަރެއްކަން ނޭނގެނީ އެވެ. އެއީ ވޭމްޕަޔަރުންގެ ދުނިޔޭގައި އެހާ މަޝްހޫރު ވޭމްޕަޔަރެއްވެސް ނޫނެވެ. މަހީޕާލް އަކީ ކައިރީގައި ދެ އަޅުން ލައިގެން، އާދައިގެ ގެއެއްގައި ދިރިއުޅެމުން އަންނަ ހަމަ ވަރަށް އާދައިގެ ވޭމްޕަޔަރެކެވެ. މި އަންހެންވެރިންނަށް ނޭނގޭ ކަމަކީ އެމީހުންނަކީ މަހީޕާލް ވަގުތީ އަރާމު ހޯދުމަށް ގެންގުޅޭ ބައެއް ކަމެވެ. އެއީ އޭނާ ގެންގުޅޭ ސެކްސްޓޯއީސް ތަކެއްފަދަ ބައެކެވެ. އެއްމެ ފުރަތަމަ ސެކްސްޓޯއީސް އަށް ބޭނުންކޮށްފައި ދެން ބޭނުންކުރާނީ މަހީޕާލް ގެ ކޮއްތަށެވެ.

ޖިފުޓި ތެރޭގައި ދެންތިބި މީހުންނަށް ޔަރަސް ގެ ނަޒަރު ހިންގައިލި އެވެ. އެތަނުން ގިނަ މީހުންނަކީ ވޭމްޕަޔަރެއްގެ ކިބައިން ސަލާމަތްވެފައިވާ މީހުންނަށް ވުން ވަރަށް ގާތެވެ. އެފަދަ މީހުން ތިބޭނީ ވޭމްޕަޔަރުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގަ އެވެ. ޚާއްޞަކޮށް ތަންކޮޅެއް ބާރުގަދަ ވޭމްޕަޔަރުންގެ ކިބައިންނެވެ. ހަމަ އެހެއްމެ ވޭމްޕަޔަރުން ވެސް ތިބޭނީ ހަމަ އެފަދަ ހާލަތެއްގައެވެ. އެއް ވޭމްޕަޔަރުގެ މައްޗަށް އަނެއް ވޭމްޕަޔަރު ގަދަވެގަތުމަށް ދަހިވެތި ވެފައެވެ. އެކަމަށް އެމީހުން ބޭނުންކުރާނީވެސް ބަދަލުހިފުމުގެ ރޫހުގައި ތިބޭ އިންސާނުންނެވެ. އެހެންވީމާ ޔަރަސް އަށް ނުރައްކާތެރި ލިސްޓުގައި މަހީޕާލް އެބަ ހިމެނެއެވެ. ބާކީ އަދި ހަތަރެއް ތިބޭނެ އެވެ. އެމީހުން ބޭނުންވަނީ ޔަރަސް އާއި އޭނާގެ ޢާއިލާ ނައްތައިލާށެވެ. ޔަރަސް އަށް ޤަބޫލުކުރަން ދަތިވާ ކަމަކީ އޭނާއަކީ ވޭމްޕަޔަރުންގެ އާބާދީ އަށް ނުލާހިކު އިޚްލާޞްތެރި ވޭމްޕަޔަރަކަށް ވެފައި ގިނަ ވޭމްޕަޔަރުން އޭނާއަށް ޤަދަރާއި އިޙްތިރާމް ކުރާއިރު އެފަދަ ޢަދާވާތްތެރިންތަކެއް ތިބެދާނެ ކަމެވެ. ޔަރަސް އަކީ އިންސާނުންނާއިމެދު ކިހާވަރެއްގެ ހަރުކަށިކަމެއް ގެންގުޅޭ ވޭމްޕަޔަރެއްކަން ހުރިހައި ވޭޕްމަޔަރުންނަށާއި އިންސާނުންނަށްވެސް އެނގޭނެއެވެ. ކަން އެހެން އޮތްއިރު އެކަމާ ވޭމްޕަޔަރުން ހިތްހަމަ ނުޖެހޭންވީ ސަބަބެއްވެސް ނުވިސްނުނެވެ. ޔަރަސް ގެ ޒާތީ ޙަޔާތުގައި އިންސާނަކަށް އޯގާތެރިކަން ބަހައްޓަމުން އަޔަސް، އެކަމުން އެހެން ވޭމްޕަޔަރުންނަށް އެއްވެސް ނުރައްކަލެއް ނޯންނާނެ އެވެ. އެހެންކަމުން އެކަމާވެސް އެހެން ވޭމްޕަޔަރުން ވިސްނާކަށް ނުޖެހޭނެއެވެ.

ހެދިހުރި ހަށިގަނޑެއްގެ ފިރިހެނަކު ރާ ތައްޓެއް ހިފައިގެން ހެމުން ގެންދިޔައީ ކައިރީގައި އިން ސޭކެއް ފަދަ މީހަކު ކިޔައިދެމުން ގެންދިޔަ ކޮންމެވެސް ބޯގޯސް ވާހަކައެއް އަޑުއަހާފައެވެ. މަހީޕާލް ވެސް ބައްތިރީސް ދަތް އެއްކޮށް ދައްކައިގެން އިނެވެ. އެނާގެ ދެފަރާތުގައި ތިބި ދެ އަންހެނުން ތުއިވައްތަރަކަށް ހެމުން ގެންދިޔަ އެވެ. ދެމީހުންގެ އަތުން މަހީޕާލް ގެ އަތާއި ކަނދުރާ ކައިރި މޮޑެމުން ދިޔައެވެ. ޖިފުޓީގެ އަނެއް ފަރާތުގައި ވަށް ބުރަކަށްވާގޮތަށް ބަޔަކު ތިބީ އެއްމެ ގިނައިން ބޮވޭ މީހެއް ބަލާށެވެ.

އެ މަންޒަރުތައް ބަލަން ޔަރަސް ހުރީ ޝައުޤުވެރިކަމާއި އެކުގައެވެ. މިމީހުންތައް ހިތަށް އަރަމުން ދާނީ ކީކޭ ބާއެވެ؟ އެމީހުން އެ ފަސް ވޭމްޕަޔަރުންނަށް އެހީވެދީގެން ޔަރަސް ނައްތައިލުމަށް މަސައްކަތް ކުރުމުން މާމޮޅުތަކެއް ވެދާނެކަމަށް ހީވަނީ ހެއްޔެވެ؟ ޔަރަސް އަށް ޖެހިފައިވާ އެސްފީނާއިން ސަލާމަތް ވުމުގެ ކުރިން ހިފައި ހައްޔަރުކޮށްފިނަމަ އެ އެސްފީނާ އިން މިންޖުވެވޭނެ ގޮތެއް ޔަރަސް އަކަށް ނޯންނާނެ އެވެ. އޭރުން ޔަރަސް ގެ ބާރު ނެތިގެންދާނެ އެވެ. ޔަރަސް އަށްވުރެން ބާރުގަދަ އެހެން ވޭމްޕަޔަރެއް އަތްގަދަ ކުރާނެއެވެ. ފަހަރުގައި އެ ވޭމްޕަޔަރެއް މިތިބަ އިންސާނުންތަކަށް ޚާއްޞަގޮތެއް ބަހައްޓަފާނެއެވެ. ގައިމުވެސް ބިންގަރާސްތަކުގައިވާ ކުޑަގޮޅިތަކަށް އެމީހުން ލާނެއެވެ. ފަހުން އެމީހުން ވެގެންދާނީ ވޭމްޕަޔަރުންގެ އިރުކޮއްތަށެވެ.

ޖިފުޓީގެ ދޮރުގަނޑު ރަނގަޅަށް ހުޅުވާލައި އެތެރެއަށް ވަނެވެ. ޔަރަސް ހުއްޓިލައިގެން ހުރީ ދޮރުމަތީގައެވެ. އެއްމެ ފުރަތަމަ އެއްވެސް މީހަކަށް އޭނާ ފާހަގައެއް ނުކުރެވުނެވެ. އެތަނުން ކުޑަވަރެއްގެ އަންހެން ކުއްޖަކަށް ޔަރަސް ފެނިގެން ބިރުން އަނެއްފަރާތަށް އެނބުރުނެވެ. އެކުއްޖާ ކައިރީ ތިބި މީހުނަށްވެސް ޔަރަސް ފާހަގަ ކުރެވުނެވެ. އެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ބިރުވެރިކަމެކެވެ. އެތަނުން ދެމީހަކު ބިރުން ފިލަންވެސް ދުއްވައިގަތެވެ. އެމީހުން ހަޅޭއްލަވައިގަތް އަޑަށް އެތާ ތެރޭގައި ތިބި އެއްމެންނަށް ޔަރަސް ފެނިއްޖެއެވެ. އެތަނަށް ޔަރަސް ވަދެ ހުރިކަން އެއްމެ ފަހުން ރޭކައިލީ މަހީޕާލް އަށެވެ. މަހީޕާލް ގެ ފެހިކުލައިގެ ލޮލުން، ކަޅި ޖަހައިނުލައި ޔަރަސް އަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

“އައްދެ އައްދޭ!!…. ޔަރަސް ތަ؟ ކޮންފަދަ ބޮޑު ސަޕްރައިޒް ތި ދިނީ!! އާދޭ އާދޭ އަހަރުންނާ ބައިވެރިވެލަން؟ … މީ ހަމަ ކުޑަވަރެއްގެ ޕާޓީއެއް ބާއްވާލައިގެން މި އުޅެނީ.” މަހީޕާލް ގެ ޖުމްލަތަކުގައި ކިތައްމެ އޮފުދާރުވެފައި ބަލާޣާތްތެރިކަން ހުއްޓަސް، އެ ޖުމްލަތަކުން ވިހަ ޒަހަރެއްގެ އާވިކަން ޔަރަސް އަށް ފާހަގަ ކުރެވުނެވެ.

“މަހީޕާލް، ކޮންމެހެން މަތި އޮމާންކޮށްގެން އުޅޭނެ ކަމެއްނެތް!! މަށަށް އެނގޭ މަ ނައްތައިލުމަށް ކަލޭ ރާވަމުން އަންނަކަން!!” ޔަރަސް ވަރަށް ތިލަކޮށް ބުނަން ބޭނުންވި މެސެޖް ދިނެވެ. ކޮންމެހެން ފުން އިބާރާތްތަކެއް ބޭނުންކުރުމަކީ ބޭނުންކަމެއް ކަމަކަށް ޔަރަސް އެއް ނުދެކެއެވެ. ޚާއްޞަކޮށް މަހީޕާލް ފަދަ ނުބައި ޤައްދާރުންގެ ކައިރީގައެވެ.

“އޯހް، ތި ހީކުރެވެނީ ރަނގަޅަކަށް ނޫން. އަނެއްކާ އެއުޅޭ ޢަދީލް އަށް ވަފާތެރި މީހަކު ބުނީތަ މަވެސް އެ ޕްލޭންގަ ބައިވެރި ވެޔޭ؟”

“ޢަދީލް؟” ޔަރަސް ކުރިއަށް ޖެހިލިއެވެ. ކުޑަ ތަންކޮޅަކަށެވެ. މަހީޕާލް އަށް ރަނގަޅަށް ބަލަން ފެށިއެވެ. މަހީޕާލް ގެ ލޮލުން ތޫނު ވިދުވަރެއް ފެންނަން ހުއްޓެވެ. “ހޫމް. ކިހިނެތް ކަލޭ އެކަމުގަ ބައިވެރިނުވާއިރު އެނގެނީ ޢަދީލް މަށާ ދެކޮޅަށް ކަމެއް ރާވަމުން އަންނަކަމެއް؟” ޔަރަސް ގެ ހަރުކަށި އަޑު އިވިފައި މަހީޕާލް ގެ ކައިރީގައި ތިބި ދެމީހުން ބިރުން ތެޅިގަތެވެ.

‘އޯހް، ޔަރަސް، އެއީ ހަމަ އަހަރެންގެ ހިތަށް އައި އެއްޗެއް. ބައެއް ގަޅި އިންސާނުން މަގޭ ބޮލަށް އެރެން ވަރަށް މަސައްކަތްކުރި. އެހަރެން އެކަމަކާ އަޅައެއް ނުލަން. އެހަރެން ދެކެނީ އެއީ ވަރަށް ކަޓް ކަމެއް ކަމަށް. މިބުނީ ހަލާކުނުވެ އޮތް އެއްޗެއް ކޮންމެހެން މަރާމާތު ކުރަން އުޅުމުގެ ބޭނުމެއް ނެތެއްނު ދޯ؟” މަހީޕާލް ހިނިތުންވެލި އެވެ. “ޔަރަސް އަކީ ބަރާބަރު ލީޑަރެއް. އަހަރުމެން އެއްމެނަށްވެސް ނުލާހިކު އޯގާތެރި ވެރިއެއް.” މަހީޕާލް ގެ ހިނިތުންވުމުގައި ޖެހިލުންވުމުގެ އަސަރު ފޮރުވިފައި ހުއްޓެވެ. އެ ޖެހިލުންވުން އޭނާގެ އިނގިލިތަކުގައި ހުރި ތުރުތުރު ލުމުންވެސް ފާހަގަ ކުރެވެއެވެ.

“އިންސާނުންނާ ހާދަ ގާތް ކޮށްލައިގެން ތިޔަ އުޅެނީޔޯ!!” ސުވާލުގެ ނަޒަރަކުން ބަލައިލަމުން ޔަރަސް އެހިއެވެ.

“މިވެސް ވަރަށް މަޖާ ކަމެއް. ޔަރަސް ވެސް މިކަން ޓްރައި ކޮށްލީމަ އެނގޭނީ. މަގޭ ރައްޓެހިން ނަކީ (އެތަނުގައި ތިބި އެއްމެންނަށް އިޝާރާތް ކޮށްލަމުން) ފިސާރި މަޖާ ނަގާ ބައެއް. އިންސާނުންނަކީ ނިކަން މަޖާ ބައެއް.”

“އެއީ އަހަރުމެންގެ ކާނާ! އެއްވެސް ބަޔަކު އެބައެއްގެ ކާނާއަކީ މުނިފޫހިފިލުވާ އެއްޗަކަށް ހަދައިގެން ނޫޅޭނެ!”

“އެހެންވީއިރު ކަލޭ ކީއްކުރަން އިންސާނަކާ ކައިވެނިކުރަން ނިންމައިގެން ތި އުޅެނީކީ؟” މަހީޕާލް ގެ ސަކަ މޫނު ގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ޔަރަސް އާއި ދިމާކޮށްލުމަށް ކުރިއަށް ޖެހިލިއެވެ.

“ފަހަތަށް ޖެހޭ! މަށާ ކައިރި ނުވެ ދުރުގަ ހުރެވޭތޯ ބަލާ! އެހެންނޫނީ ކަލޭ އަނދައި އަޅިއަށް ވެދާނެ!!”

ޔަރަސް ގެ އިންޒާރަށް ބެލުމެއް ނެތެވެ. މަހީޕާލް އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އެޅި އެވެ.

“ޔަރަސް ކޮންމެހެން އޮޅުވާލަން ނޫޅޭ. އަހަރުންނަށް އެނގޭ ކަލެއަށް ޖެހުނު އެސްފީނާއަށް ފަހުން ތިބުނާ އަލިފާނުގެ ބާރެއް ކަލޭ ގައިގަ މާބޮޑަކަށް ނެތްކަން. ކަލޭގެ ގޮތެއްނެތް މަންމަ އަހަރުމެން ހުރިހައި ވޭމްޕަޔަރުންނަށް އެކަން ފޮރުވަން ކިތައްމެ މަސައްކަތެއް ކުރިޔަސް މިހާރު ތީކީ މީހުނަށް ނޭނގި އޮތްކަމެއް ނޫން. ކަލޭގެ ތިބުނާ ބާރެއް މިހާރަކު ނެތް!!” ވަރަށް ޔަޤީން ކަމާއެކު ދިމާކުރާ ރާގުގައި މަހީޕާލް ކިޔަމުން ދިޔައެވެ.

“ކަލޭ ހީކުރީ އެހެން ކަމަށްތަ؟ މަށަށް އެނގޭ މަގޭ މައްޗަށް ގަދަވެގަންނަން ތިއުޅެނީ ކަލެއާއެކު އިތުރު ހަތަރު ވޭމްޕަޔަރުން ތިބެގެންކަން. ދެން މިތިބަ ބޯގަޅި އިންސާނުންތައް ކަލޭގެ މަޅީގަ ޖެހިގެން މިވަގުތު ކަލެއާއެކުގައި ތިބިކަންވެސް މަށަށް އެނގޭ.” މިހެން ބުނަމުން ޔަރަސް ގެ ނަޒަރު އަމާޒުކުރީ އެތާނގައި ތިބި އިންސާނުންނަށެވެ. އެމީހުން ތިބީ ބިރުން ވިރިވިރި އެވެ. “މިތިބަ ގޮތް ހުސްވެފައިވާ ބޯގޯސް އެއްޗެހިތަކަށް އެނގޭތަ ކަލޭމެންގެ ބޭނުން މިހިރަ މީހާ ހިފަމުން އެދަނީ ތީ ކުޅޭކުޅޭ އެއްޗެހިތަކަކަށް ހަދައިގެންކަން. ކަލޭމެންގެ ބޭނުން ނިމުނީމަ ތި އެއްމެން މަރައިލާނެކަން ނޭނގެނީތަ؟؟”

ތަންކޮޅެއް ޒުވާން އަންހެން ކުއްޖެއް ކުރިއަށް ޖެހިލިއެވެ. “އަޅުގަނޑު އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ދެއްވަފާނަންތޯ؟” ތުރުތުރު އަޅާ އަޑަކުން އެ އަންހެންކުއްޖާ އެދުނެވެ.

“ކީކޭ!!” ޔަރަސް ފެލިގަތެވެ. އަންހެންކުއްޖާ ފަހަތަށް ޖެހިލި އެވެ.

“އަޅު- އަޅުގަނޑު މިކަމަށް ނިކުތީ ކޮންމެހެން މިކަން ބޭނުންވެގެނެއް ނޫން. އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް މަޖުބޫރު ކުރީމަ ނިކުތީ. އަހަރެން ނުނިކުމެއްޖެއްޔާ އަހަރެން މަރައިލާނެ ކަމުގެ ބިރު ދެއްކީމަ ނިކުމެ މިހުރީ. އަހަންނަށް އެމީހުންގެ ޕްލޭން އެނގޭ. އަހަރެން ކިޔައިވެސް ދީީފާނަން…..” އަންހެން ކުއްޖާއަށް ބުނެވުނީ އެ ހިސާބަށެވެ. ކުއްލިއަކަށް އެކުއްޖާގެ ފަހަތުގައި ހުރި އެބުނާ ފިރިމީހާ އޭނާގެ ކަރުގައި ހިފާފައި ފަހަތަށް ހޫރާލިއެވެ. ވީ ތަދުން އަންހެންކުއްޖާ އަށް ރޮއެގަނެވުނެވެ. އެމީހާ އެކުއްޖާގެ ގައިގައި ކޮޅުފައިން ޖެހުމަށް ފައި މަޅައިގަތް ވަގުތެވެ. އަޑަށް ލެވުނުހައި ބާރެއް ލާފައި ޔަރަސް ހަޅޭއްލަވައިގަތެވެ. އެމީހާއަށް ހިރިލަންވެސް ނުކެރިފައި ހުރެވުނީއެވެ.

އަންހެންކުއްޖާ ކުރުގެޅިގެން އޮތީއެވެ. ވީ ތަދުން އަޑުން އަޑުނަގައި ރޮމުން ދިޔައެވެ. ޔަރަސް އެކުއްޖާއާއި ކައިރިއަށް ޖެހިލައި އުޑަފައިން އިށީންނީ އެކުއްޖާގެ ކުރިމަތީގައެވެ. “މިކޮޅަށް ބަލާލަބަލަ.” އެކުއްޖާގެ ދަތްދޮޅީގައި ހިފައިފައި ކުޑަކޮށް އުފުލައިލަމުން ޔަރަސް ބުންޏެވެ. އެކުއްޖާ ދެލޯ ބޮޑުކޮށްލަމުން ޔަރަސް އަށް ބަލަން ފެށިއެވެ. އެކުއްޖާގެ ލޮލުގައި އާދަޔާ ޚިލާފު ދަނބު ކުލައެއް ހުރިކަން ޔަރަސް އަށް ފާހަގަކުރެވުނީ އެވަގުތު އެވެ. އެކުއްޖާގެ ތުންފަތުގައި ތުރުތުރެއް ހުއްޓެވެ. ދެ ކޯތާފަތް މައްޗަށް ކަރުނަ އޮހޮރެމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އެކުއްޖާގެ ބޮލުގައި އެއްދުވަސް ވަރު ވެފައިވާ ދުޅަކަމެއް ނުވަތަ ގޮތްބެއް ހުރިކަން ޔަރަސް އަށް ފާހަގަކުރެވުނެވެ.

އެތާ ތިބި އެއްވެސް މީހަކަށް ނުވެސް އިވޭވަރަށް، މަޑުމަޑުން އެ ކުއްޖާގެ ކަންފަތް ދޮށުގައި ޔަރަސް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.

ނުނިމޭ

އެއްހާސް އަހަރު – 34

އެއްވެސް ހަރަކާތެއް ނެތް ހާލުގައި އެތަކެއް ދުވަހެއްވާންދެން ބިޝާރާ އޮތެވެ. ރެއާއި ދުވާލުގެ ހުރިހައި ވަގުތެއް އޭނާ ކައިރީގައި ޔާސްމީން ހޭދަކުރި އެވެ. މީގެ އެތަކެއް ޒަމާނެއް ކުރިން، ޔާސްމީން ގެ ޤަބީލާ މީހުންގެ ތެރެއިން އެތަކެއް މީހުންނެއް، މިއަދު ބިޝާރާ އެ އޮތް ހާލުގައި ވަނިކޮށް ބޭނުންކުރި ‘ޓެކްނިކް’ ބޭނުން ކުރުމަށް ރޭނިދިން މަހުރޫމު ވެގެންވެސް އިނީއެވެ. ބައެއް ފަހަރަށް ބިޝާރާގެ ގައިން އާދަޔާއިޚިލާފަށް ދާހިއްލަމުން ދިޔައެވެ. ހުއްޓުމެއް ނެތި ފިނިފެނުން ބިޝާރާ ގެ ބޮލާއި ހަށިގަނޑު ފޮހުމުގައި އެއްވެސް ވަރުބަލިކަމެއް، ފޫހިމަކެއް ނެތި ޔާސްމީން އިނީ ޔަރަސް ގެ ޙައްޤުގަ އެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ޙައްޤުގަ އެވެ.

ޔާސްމީން، ބިޝާރާ ބޭއްވީ ޔަރަސް ގެ އެނދުގަ އެވެ. ނުހަނު ފަސޭހަކަމާއި އެކު އޭނާ އަށް ބިޝާރާ ނަގައިގަނެގެން ގެންދެވުނެވެ. އެކަން އެހެން ނުވާންވީވެސް ސަބަބެއް ނެތެވެ. ޔާސްމީން އަކީވެސް ވޭމްޕަޔަރެކެވެ. ވޭމްޕަޔަރުންނަށް އިންސާނުންގެ ބަރުދަން ކުކުޅުފަތެއް ހައިވެސް ލުވި އެވެ. ޔަރަސް ގެ އެނދުގައި ބިޝާރާ އޮތްއިރު އެނދުމަތީގައި އަޅާފައިވާ ފަލަނގުފޭލީގެ ގަދަރަތް ކުލައާއި ބިޝާރާ ގެ ދޮންފޫޑު ވެފައިވާ މޫނުގެ ކުލައާއި ހާސްބައި ތަފާތެވެ. ބޮޑު މާސްޓަރ ބެޑުގައި އޮތް  ފަލަނގުފޭލީގެ މަތީގައި އަޅާފައި އޮތީ އޮފުކަމެއް ހުންނަ ސެޓިން ފޮތިގަނޑެކެވެ. ރަތާއި ކަޅުކުލައިގެ ބާލީސްތަކެކެވެ. މުޅި ކޮޓަރިތެރޭގައިވެސް ވަނީ ގަދަ ރަތްކުލަ އެވެ. ތަޅުމުގައި ޖަހާފައިވާ ކަޅުކުލައިގެ ސަންގުމަރުމަރު މުށި ފިޔަވައެވެ. ކޮޓަރީގެ އުސް ފަންގިފިލާގައި އެލުވާފައި އޮތް ބިއްލޫރި ބައްތީގައިވެސް ހުރީ ކަޅު ބިއްލޫރިން ހަދާފައިވާ އަލިމަސް ތަކެކެވެ. ޔާސްމީން އަށް ކަމުދަނީ މަޑުފެހި ކުލައާއި ފިޔާތޮށްޓާއި ނޫކުލައެވެ. އެހެން ނަމަވެސް ޔަރަސް ގެ ކޮޓަރީގައި ހުރި ހޫނުކަން އޭނާއަށް ކަމުދެ އެވެ.

ޖެހިގެން ހުރި ކޮޓަރިއަށް ވަދެގެން ގޮސް ބެލްކަންޏަށް ޔާސްމީން ނިކުމެއްޖެ އެވެ. ފަނޑު އަލިކަމެއް އުދަރެހަށް ވެރިވެފައި އޮތްއިރު ހުޅެވިހަނދު އުދަރެހުން ދައްކާލާފައި ހުއްޓެވެ. ހަނދުގެ ކައިރިއަށް ދެތިން ހަތަރު ރޮނގަކަށް ވިލާރޮދިތައް ދެމިފައި ހުއްޓެވެ. ޔަރަސް ވީ ހިސާބަކާއި މެދު ޔާސްމީން ވިސްނަންފެށިއެވެ. އޭނާ ގަދަވެ ސަލާމަތުން ހުރިބާއޭ ހިތަށް އެރިއެވެ. މިހާރު ޔަރަސް ދިޔަފަހުން އެތައް ދުވަހެއް ވެއްޖެއެވެ. ވިސްނިވިސްނިހެން ޔާސްމީން ގެ ސިކުނޑިއަށް އަންނަމުން ދިޔައީ އިބްލީހުގެ ވަސްވާސްތަކެއް ފަދަ ބޭކާރު ޚިޔާލުތަކެކެވެ. ފަހަރުގައި އެހެން ވޭމްޕަޔަރުން ތަކެއް ޔަރަސް ހިފައި ހައްޔަރުވެސް ކޮށްފާނެ އެވެ. އޭނާ އަށް އެއްވެސް އެހީއެއް ދޭނެ އެއްވެސް ފަރާތެއްވެސް ނެތް ހިސާބެއްގައި މާދުރުގައި ހިލިހިލާ ޖަހާ ޤައިދުކޮށްފައިވެސް ހުރެދާނެއެވެ. އެހެން ވެއްޖެ ނަމަ ބިޝާރާ ވެސް ދުނިޔޭގައި އޮންނާނެ ކަމުގެ އުއްމީދެއް ނެތެވެ. އޭރުން އިތުރަށް ގޯސްވާނެ އެހެން ކަމެއް ނޯންނާނެއެވެ. އެހެން ނަމަވެސް ޔަރަސް އަށް ގެއްލިފައިވާ ބާރުތައް އަލުން އަނބުރާ ލިބިނުތަން ޔާސްމީން އަށް ވަނީ ފެނިފައެވެ. އެކަން ޔާސްމީން އަމިއްލަ ނަފުސަށް ހަނދާން ކޮށްދިނެވެ. އެ ބާރުގެ ގަދަފަދަކަމާއި ނުރައްކާތެރިކަން އޭނާއަށް ވަނީ ފެނިފައެވެ. ޔަޤީނުންވެސް ޔަރަސް ގެ ގައިގައި އިނގިލިކުރިވެސް މިހާރު ޖައްސައިލެވޭނެ އެހެން ވޭމްޕަޔަރެއްވެސް ނުހުންނާނެ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެ ބާރު ކިހައި އިރެއްވާންދެން ޔަރަސް ގެ ގައިގައި ދެމިހުންނާނެ ބާވައެވެ. ބިޝާރާ ގެ ގައިން ބުއި ލެއިން ލިބުނު ބާރަކަށް ވުމުން، ޔަރަސް ގެ ހަށިގަނޑުގައި ދައުރުވާ އެ ލޭގެ ބާރު ކެނޑުމުން އޭގެ ނޭދެވޭ އަސަރު ކުރާނެކަން އެއީ ނޭނގޭ ކަމެއް ނޫނެވެ. އެގޮތުން ޔަރަސް އާއި ފުލްކޮށް ޗާޖްކޮށްފައިވާ ބެޓެރީ އަކާއި އެއްވެސް ތަފާތެއް މިވަގުތަކު ނެތެވެ. ޗާޖް ދިއުމުން ދެން ވާނެގޮތަކާއި މެދު ޔާސްމީން އިންތިހާ އަށް ކަންބޮޑުވި އެވެ.

އެވަގުތު ޔާސްމީން ގެ ކަންފަތުގައި އަޑެއް ޖެހުނެވެ. ކިރިޔަކިރިޔާ ފާހަގަކުރެވޭ ވަރަށް އިވުނު ފަނޑުފަނޑު އަޑެކެވެ. އިވުނުހެން ހީވި އަޑެކޭ ހިތަށް އެރިނަމަވެސް އެ އަޑު އައި ދިމާއަށް ޔާސްމީން ދުއްވައިގަތެވެ. ޔަރަސް ގެ ކޮޓަރިއާއި ދިމާއަށެވެ. ދޮރުހުޅުވާލައި ޔަރަސް ގެ އެނދުކައިރިއަށް ގޮސް އިށީންނި އެވެ.

“ޔަރަސް؟” އެއީ ފަނޑުފަނޑު އަޑެކެވެ. “ޔަރަސް؟ … ޔާސްމީން؟” ބިޝާރާ އަށް ހޭވެރިކަން އަންނަމުން ދިޔައެވެ.

“ދަރިފުޅާ، މަންމަ އެބަ އިނީމޭ މިތާ.” އުފަލުން ފޮޅެމުން ޔާސްމީން އަށް ބުނެލެވުނެވެ. “މިތާ ކައިރީގަ މީނދީނު ދަރިފުޅާ!”

ބިޝާރާ ގެ ނިތްކުރި މަތީގައި ޔާސްމީން ގެ ފިނި އަތް ޖައްސައިލުމާއި އެކު މަރައިލެވިފައިވާ ބިޝާރާ ގެ ލޮލަށް ހަރަކާތެއް އައެވެ. އިރުކޮޅަކުން ލޯ ހުޅުވައިލި އެވެ. އެ ހިކިހިކި މޫނާއި އަޅައި ބަލާއިރު އެއީ ބޮޑު ދެ ލޮލެކެވެ. “ޔަރަސް އަތުވެއްޖެތަ؟”

“ނޫން. އަދި އެއް ނާދޭ.”

“ޔަރަސް ދިޔަފަހުން މިހާރު ކިހާ ދުވަހެއް ވެއްޖެތަ؟”

ޔާސްމީން އިސް ޖަހައިލިއެވެ. އޭނާގެ ދޮންފޫޑު ވެފައިވާ ނިތްކުރިއަށް އަރާފައި ހުރި ރޫތައް ފޮރުވަން އުޅުނު ނަމަވެސް ކިތައްމެހައިވެސް ރީއްޗަކަށް އެ ރޫތަކުން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. އަނެއްކާވެސް ބިޝާރާ ވާހަކަދެއްކި އެވެ. މިފަހަރު ތަންކޮޅެއް ހަރުކަށިކޮށްނެވެ.

“ކިހާ ދުވަހެއް ވެއްޖެހޭ؟” ތެދުވެ އިށީންނަށް ބިޝާރާ މަސައްކަތްކުރިއެވެ. ނަމަވެސް ޔާސްމީން އެކަން ހުއްޓުވިއެވެ.

“ފަނަރަ ދުވަސް. ދިޔަތާ ތިންދުވަސް ތެރޭގަ އެއްފަހަރު އައި. އެރޭ އަޅު އަންހެން ކުއްޖެއް ވެސް ގެނައި. އެކުއްޖާ އެބައިން ބިންގަރާސް ތެރޭގައި މުޅިން އެކަހެރިކޮށް ހުރި ކޮށްޓެއްގައި ބައިންދާފަ. އެހެން ވޭމްޕަޔަރަކަށްވެސް އެކުއްޖާގެ ގައިން ލޭ ނުބޮވޭނެހެން ބައިންދާފަ އިނީ.”

ބިޝާރާ ދެފަރާތަކަށް ބޯ ހުރާލިއެވެ. “އެހެން ވެއްޖެއްޔާ އޭނާއަށް އެނގޭނެ ބައެއް ކަންތައްތައް ހުންނާނެ.”

“އާން. ޔަރަސް ވެސް ތިހެން ބުނި. ޔަރަސް އަށް ދޭން އުޅޭ ގޯނާ އާއި ބެހޭގޮތުން އެކުއްޖާއަށް ލިބިފައިވާ ހުރިހައި މަޢުލޫމާތެއް ދޭން ތައްޔާރަށޯ އިނީވެސް.”

“ދެން ކީއްވެ؟” ބިޝާރާގެ ވަރުބަލިކަން ހުރި ދެލޯ އިހުނަށްވުރެވެސް ބޮޑަށް ހުޅުވައިލި އެވެ. އެ ލޮލުގެ ތިރީ ބޮނޑީގައި ކަޅު ކުރަގަނޑެއް އަދިވެސް ހުއްޓެވެ.  އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. “ދެން ކީއްވެ އެކުއްޖާ އެއްބާރުލުން ދޭން ބުނެފަ ހުއްޓާ އެތަނުގަ ޤައިދުކޮށްފަ ބަހައްޓަންވީކީ؟” ޔާސްމީން އަނެއްކާވެސް އިސްޖަހައިލިއެވެ. ޔަރަސް ކަންތައްތައް ކުރާ ގޮތެއް ބިޝާރާއަށް ވުރެން ވަކިން ބޮޑަކަށް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. “ޔާސްމީން،” ޔަރަސް ގެ މަންމަގެ އަތުގައި ބިޝާރާ މަޑުމަޑުން ހިފެހެއްޓި އެވެ. “އަހަރެން އެ ބިންގަރާހަށް ފައިބަން ބޭނުން. އަހަރެން އެކުއްޖާއާއި ބައްދަލުކުރަން ބޭނުން. އެތަނަށް އެހަރެން ގެންގޮސްދީފާނަންތަ؟”

ޔަރަސް ގެ ނިންމުމާއި ދެކޮޅަށް ކަމެއް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަން ޔާސްމީން އަށް އެނގެ އެވެ. އެހެންކަމުން ބިޝާރާ ގެ އެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތް ކުރި އެވެ. “ދަރިފުޅު ތަންކޮޅެއް ރަނގަޅުވެލީމަދޯ!!”

“އެހެން ވެއްޖެއްޔާ އޭނަ މިތަނަށް ގެނެސްދޭންވީނު؟”

ޔާސްމީން ގެ އަޑުގައި މިފަހަރު ކުޑަކޮށް ހަރުކަށިކަން ހުއްޓެވެ. “ތިކަމެއް ނުވާނެ. އެތަނުގެ ތަޅުދަނޑި އޮތީ ހަމައެކަނި ޔަރަސްގެ އަތުގައި. އެހެން ނޫނަސް އެތަނަށް ބިޝާރާ ދިއުން ރަނގަޅެއްވެސް ނުވާނެ. މަންމަ މިހެން ބުނީތީވެސް ދެން ބަސް ޤަބޫލުކޮށްލައިގެން އަރާމުކޮށްލަން އޮވެބަލަ ނިކަން.”

އަނެއްކާވެސް ބިޝާރާ ތެދުވުމަށް މަސައްކަތް ކުރި އެވެ. އޭނާ ހީކުރިވަރަށް ވުރެވެސް ވަރުދެރަ އެވެ. ބަލިކަށްޓެވެ. ނަމަވެސް ބިޝާރާ ހިތްވަރު ކުރި އެވެ. ބިޝާރާ ހުއްޓުވުމަށް ޔާސްމީން މަސައްކަތް ކޮށްކޮށް އިންދާ ތެދުވެ އިށީންނި އެވެ. ކާލިއަޅާގޮތް ވުމުން ޔާސްމީން ލައިގެން އިން ހެދުމުގެ އަތުގައި ހިފެހެއްޓި އެވެ. އޭނާގެ އަޑުގައި ބަރުކަމެއް ހުއްޓެވެ. “ޔާސްމީން، އަހަރެން ގެންދޭ. އަހަރެން އެ އަންހެން ކުއްޖާ ކައިރިއަށް ގެންދޭ. އަހަރެން އެބަ ބޭނުންވޭ އޭނަޔާ ބައްދަލުކުރަން!!”

“ތިކަން ކޮށެއް ނުދެވޭނެ. ޔަރަސް އަށް އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ. ޕްލީޒް ބިޝާރާ، ތިކަން ކުރަން ނޫޅެބަލަ!”

“އަހަރެން ގެންދޭ!”

 

“ޕްލީޒް ބިޝާރާ. ޔަރަސް އަށް އަލިފާނުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުނުފަހުން ރުޅި އައިސްފައި ހުއްޓައެއް ނުދެކެމެއްނު. އެހެންވީމަ އަހަރެން ބިޝާރާ ގެންގޮހެއް ނުދޭނަން.”

“ޔާސްމީން، ޕްލީޒް. އެ އަންހެން ކުއްޖާ ޔަރަސް އަށް އެހީވެދޭން ހުރިއްޔާ، އެއީ ހަމަ އަހަންނަށްވެސް އަދި މަންމަ އަށްވެސް ލިބޭ އެހީއެއް. އަހަރެން ހަމައެކަނި ބޭނުންވަނީ ޔަރަސް އެކުއްޖާ މަރާލުމުގެ ކުރިން އޭނައާއި ބައްދަލުކޮށް ޝުކުރު އަދާކޮށްލަންށޭ.” ބިޝާރާ ހުރީ ރުންކުރުވެ، ނޭވާވެސް ކުރުވެފައެވެ. ބިޝާރާ އެބުނީ ރަނގަޅު ވާހަކައެކެވެ. ޔަރަސް އަށް އެ އަންހެން ކުއްޖާގެ ކިބައިން ބޭނުންވާ މަޢުލޫމާތު ތައް ލިބުމުން އެކުއްޖާ މަރައިލާނެކަން ޚުދު ޔާސްމީން އަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ ޔަރަސް ގެ ގޮތެވެ. އެކުއްޖާ އެ ވާހަކަތައް ކިޔައިދިނަސް ޔަރަސް ހީކުރާނީ އޭނާ އާއި މެދު ހިންގުމަށް ރާވާ ބަޣާވާތުގައި ޚުދު އެކުއްޖާވެސް ބައިވެރިވާ ކަމަށެވެ.

“ދަރިފުޅު ހަމަޖެހިލެވޭތޯ ބަލާބަލަ.” ބިޝާރާ ނޭވާ ކުރުވެގެން އުޅެން ފެށުމުން ޔާސްމީން ބުންޏެވެ.

ޔާސްމީން ގެ އެހީ އާއި އެކު ބިޝާރާ އެނދުމަތީގައި އޮށޯތެވެ. ޔާސްމީން ގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ގަދަކަމުން ޔާސްމީން ހީނލިޔަސް އެކަން ބިޝާރާ އަށް ފާހަގަ ކުރެވުނެވެ.

މަތިމައްޗަށް ޖަހާފައިވާ ބާލީސްތަކުގައި ލެނގިލަމުން ބިޝާރާ ހަމަޖެހިލިއެވެ.

“ޕްލީޒް ކަމެއް ނުފޮރުވާ ބުނެދީފާނަންތަ؟” ޔާސްމީން އާއި ހަތަރުކަޅި ހަމަކޮށްލަމުން ބިޝާރާ އެދުނެވެ. “ތިވެސް ވޭމްޕަޔަރެއްނު. އެހެންވީމާ ޔަރަސް އޯކޭކަން ނުވަތަ ނޫންކަން މަންމައަށް އިޙްސާސް ކުރެވޭތަ؟ މަންމަ ގެ ދަރިއެއްނު އެއީ. އެހެންވީމަ އެގޮތަށް މެހެސޫސް ކުރެވޭތަ؟”

ޔާސްމީން ޖަވާބެއް ނުދެއެވެ. އެނދުން ތެދުވެގެން ހިނގައިގަތެވެ. އެނބުރި އައީ ‘ސެލައިން ސޮލިއުޝަން’ އެއް އަޅާފައިހުރި އައިވީ ޕެކެޓެއް ހިފައިގެންނެވެ. ބިޝާރާ ގެ ގަޔަށް ގުޅާފައި ހުރި އައިވީ ޕެކެޓް ބަދަކުލޮށްލި އެވެ. އެއަށްފަހު ކައިރީގައި ހުރި ތަބަކެއް މަތީގައި ބާއްވާފައި އޮތް ރަން ސަމުސަލަކަށް ބޭހެއް އަޅައިގެން ބިޝާރާ އާއި ދިމާއަށް ދިއްކޮލި އެވެ.

“އަން، މި ބޮއެލާ. އޭރުން ދަރިފުޅަށް ފަސޭހައިން ނިދިދާނެ.”

“ނޫން. އަހަރެން ކުރި ސުވާލަށް މަންމަ ޖަވާބެއްވެސް ނުދެމެއްނު.”

“ދަރިފުޅު ތިހާ ކަންބޮޑު ނުވެބަލަ. ދަރިފުޅަށް އެބަ އަރާމާއި ނިދި ބޭނުންވޭ. ދަރިފުޅު ރަނގަޅު ނުވެއްޖެއްޔާ ހުރިހައި ކަމެއް ބޭކާރުވެގެން ދާނެ. އަހަރެން ދިރިހުރުމުގެ ހަމައެކަނި އުއްމީދަކީ ޔަރަސް. ބިޝާރާ މަރުވެއްޖެއްޔާ، އަބަދަށް އަހަންނަށް ޔަރަސް ގެއްލޭނެ.”

އެވަގުތު ކުއްލިއަކަށް ބިޝާރާ ގެ ހަނދާނަށް އައީ އޭނާގެ މަންމައެވެ. އެއްމެ ފުރަތަމަ ފަހަރަށް ޔަރަސް އޭނާ މަރައިލާނެ ކަމުގެ އިންޒާރު ދިން ރޭ ކުރި އާދޭހުގެ މަތިން ހަނދާންވި އެވެ. އޭނާ އަކީ ބިޝާރާ ގެ މަންމަ ފަރާތުން ދުނިޔޭގައި ހުރި ހަމައެކަނި މީހާ ކަމަށާއި އޭނާ މަރައިނުލައި ދޫކޮށްލަ ދިނުމަށް ކެނޑި ނޭޅި ކުރި އާދޭހެވެ. އޭނާ ދޫކޮށްލަ ދިނުމަށް އެދި އާދޭސްކުރި އެވެ. މިއަދު ބިޝާރާ ގެ އާއިލާގައި ހުރީ ހަމައެކަނި އޭނާކަމުން އޭނާގެ ދަރިފަސްކޮޅު ދެމެހެއްޓުމަށް ހުރި ހަމައެކަނި މީހަކީ ޚުދު ބިޝާރާ އެވެ. އެކަމު އޭނާގެ މަންމައަށް ލިބޭ މާމަ ދަރިއަކީ ވޭމްޕަޔަރެއްގެ ދަރިއެއްކަން އެނގިއްޖެއްޔާ އޭނާގެ މަންމަ ހިތަށް އަރާނީ ކީކޭ ބާއޭވެސް ބިޝާރާ ގެ ހިތަށް އެރިއެވެ. ޔަރަސް އާއި ކައިވެނިކޮށްގެން ލިބޭ ދަރިފުޅު ވާނީ ވޭމްޕަޔަރަކަށް ނުވަތަ އިންސާނަކަށް ނޫންކަމެއްވެސް އަދި ނޭނގެއެވެ. އެކަމު އެކުއްޖާ ވޭމްޕަޔަރަކަށް ވެއްޖެއްޔާ ވާނީ ކިހިނެތްހެއްޔެ؟ އޭނާގެ މައިފުށަށް ނިސްބަތްވާ މުނިމާމަ ދަރިން ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތެވެ. ނަމަވެސް ވޭމްޕަޔަރުން ހަދާފައިވާ ޤާނޫނުގެ އެ މާއްދާ ޔަރަސް އަށް ކެރިގެން ބަދަލުކޮށްލެވިއްޖެއްޔާ އެކަމަށް ހުރަހެއްވެސް ނެތެވެ. ޔަރަސް އިންސާނަކާއި ކައިވެނި ކުރަން އުޅުނަސް އެއީ ވޭމްޕަޔަރުން ތަބާވާ ޤާނޫނުގައި މުޅިން ޚިލާފު ކަމެކެވެ. އެ މާއްދާ ބުނާގޮތުން ‘އިންސާނުންނާއި ވޭމްޕަޔަރުން ކައިވެނިކޮށްގެން ނުވާނެއެވެ. އަދި ކައިވެނިކޮށްގެން ނުވަތަ ކައިވެނި ނުކޮށް ނަމަވެސް މި ދެ ނަސްލުގެ މެދުގައި އަނބިފިރިކަމުގެ ގުޅުން ހިންގައިގެން ދަރިން ހޯދުމަކީ ޤާނޫނީ ގޮތުން މުޅިން މަނާކަމެކެވެ.’

އާނއެކެވެ. ޔަރަސް އެ ޤާނޫނު މުގުރާލާނެއެވެ. ބިޝާރާ އާއި ކައިވެނިކޮށް ކުދިން ހޯދުމަށެވެ. ނަމަވެސް އެއީ މަޖުބޫރީ ހާލަތެއްގެ ސަބަބުންނެވެ. އިންސާނުންނާއި ވޭމްޕަޔަރުންގެ މަސްހުނި ނަސްލެއް އުފެދެން ފަށައިފިނަމަ ވޭމްޕަޔަރުންގެ ނަސްލު އެއްކޮށް ނެތި ހިނގައިދާނެ ކަމުގެ ބިރަކީ ހުރިހައި ވޭމްޕަޔަރުންނަށް ކުރިމަތިވެފައިވާ ކަމެކެވެ. އެހެން ވެއްޖެނަމަ އިންސާނުންގެ ގައިގައި ހުންނަ ފަދަ ފުރިހަމަ ސާފު ލޭ ހޯދަން ދަތިވެ، ވޭމްޕަޔަރުންގެ ކާނާ މަދުވެ ބަނޑަށް ޖެހިދާނެ އެވެ. އެކަން އެހެން ވިޔަ ދިނުމަކީ އެއްވެސް ވޭމްޕަޔަރެއް އެދޭ ކަމެއް ނޫނެވެ. މާޒީގައި މި ޤާނޫނު މުގުރާލާފައި އޮތްނަމަ މިއަދު އެއްވެސް ރަހުމެއް ކުލުނެއް ނެތި ޔަރަސް ގެންދާނީ އެފަދަ މީހުންނާއި ވޭމްޕަޔަރުން އަންދާ އަޅިއަށް ހަދަމުންނެވެ. ނަސީބު ރަނގަޅުކަމުން، ވޭމްޕަޔަރުންނާއި އިންސާނީ ނަސްލު މަސްހުނިވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ހުރިހައި ވޭމްޕަޔަރުންނަށްވެސް އެނގެއެވެ.

އެއްމެފަހުން ބިޝާރާ ގޮތްދޫކުރި އެވެ. ޔާސްމީން ދިން ބޭސްވެސް ބޮއެފި އެވެ. އިސާހިތަކުން އޭނާ އަށް ނިދިއްޖެ އެވެ. އެތައް އިރެއް ވާންދެން ބަލަހައްޓައިގެން ޔާސްމީން އިނެވެ. ފުން ނޭވާތަކެއް ލަމުން ދިޔައިރު ބިޝާރާގެ މޭ އުފުލިފައި ތިރިވަމުންދިޔަތަނެވެ. އެއީ ރަނގަޅު ނިޝާނެކެވެ. އެއްމެފަހުން ބިޝާރާ ގެ ނޭވާލުންވެސް ހަމައަކަށް އެޅުނީއެވެ. ބިޝާރާ ގެ ސިއްޙަތަށް ލިބުނު ކުރިއެރުން ފެނިފައި ޔާސްމީން ގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ. ދެން އަވަހަށް އޭނާގެ ދަރިފުޅު އެނބުރި އައިސް އުފާވެރި ޚަބަރު ދޭނެ ނަމައޭ ހިތަށް އެރިއެވެ. ޔަރަސް އާއި އިދިކޮޅަށް ނިކުންނަށް އުޅުނު އެއްމެންގެ މައްޗަށް ގަދަވެ ގަނެވުނު ޚަބަރު ދޭނެ ނަމައޭ ހިތަށް އެރިއެވެ.

އެތައް ދުވަހެއް ފަހުން ބިޝާރާ އަމިއްލައަށް ތެދުވެ ކުޑަކޮށް ހިނގައި އުޅެވޭ ވަރު ވެއްޖެއެވެ. އެހެނަސް އަދިވެސް އޭނާ ބަލިކަށްޓެވެ. މީހާ ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެސް ވެފަ އެވެ. ބިޝާރާ ގެ ގައިން ޔަރަސް ލޭބޮއެ ހުސްކޮށްލުމުގެ ކަންތައްގަނޑު ހިނގިފަހުން އެއްމެ ފުރަތަމަ ފަހަރަށް އޭނާ ބެލްކަންޏަށް ނިކުތެވެ. ޖެހެމުން ދިޔައީ ތާޒާ މަޑުމަޑު ރޯޅި ތަކެކެވެ. އެ ރޯޅިތައް ބެލްކަނިން ސިޓިންގ ރޫމް ތެރެއަށްވެސް ވަނުމުން މުޅިތަނަށް ވަނީ އާދަޔާޚިލާފް ތާޒާކަމެއް ގެނެސްދީފައެވެ. މީގެ އިތުރުން ސިޓިންގް ރޫމްގައި ލާފައިވާ މަޑު ފެހި ކުލައާއި ހުދުކުލައިގެ ސަބަބުންވެސް ސިޓިންގ ރޫމަށްވަނީ އިތުރު އާރޯކަމެއް ގެނެސްދީފަ އެވެ. ޔަރަސް ގެ އަނދިރި ކޮޓަރިއަށް މިހާރު ކިތަންމެ ބޮޑު ލޯތްބެއް ޖެހިފައި ހުއްޓަސް އެތަނުން ނިކުމެލެވުމުން އޭނާ ހުރީ ހިތްހަމަ ޖެހިފަ އެވެ.

ބެލްކަނީގައި ޔާސްމީން ވެސް ހުއްޓެވެ. އޭނާ ލައިގެން ހުރީ މަޑު ނޫކުލައަކަށްދާ އިހުގެ ޑިޒައިންއަކަށް ފަހާފައިވާ ހެދުމެކެވެ. ދިގު ތިރިއާއި އަތުގެ ފޮތިގަނޑު ވަޔާއިއެކު ހޫރެމުން ދިޔައެވެ.

އެއީ ދުންފިނީގެ އަސަރު ފުދޭވަރަކަށް ބޮޑަށް ހުރި ދުވަހެކެވެ. އުދަރެހުގެ ތިރިއަށް ދަތުރުކުރަމުން ދިޔަ އިރު ހީވަނީ ބޮޑު އޮރެންޖެއް ހެންނެވެ. މުޅި އުދަރެހުގައި ވަނީ ރަތްވިލާގެ ރަން ރީނދޫ ކުލައިން ޖަރީކޮށްދީފައެވެ. ދުރުން ފެންނަން އޮތީ މާސިންގާ ބިޔަ ޖަންގައްޔެވެ. އެ ޖަންގަލިތެރެއިން ދުުރުދުރުން ފެންނަން އޮތީ ތްރިވުނަންދަޕޫރަމް ތެރޭގައި އެކި ހިސާބުތަކަށް ދުވެފައި އޮންނަ ކޯރުގެ ބައެކެވެ. ބިޝާރާ ގޮސް ހުއްޓުނީ ޔާސްމީން ކައިރީގައެވެ.

“ފިރިމީހާ މަތިން ހަނދާންވޭތަ؟” އެއްމެ ކުރިން ވާހަކަދެއްކީ ބިޝާރާ އެވެ. ވަރަށް ލޯބިން ބިޝާރާ އާއި ދިމާއަށް ޔާސްމީން ބަލައިލިއެވެ. “މިބުނީ އަހަރެން ބަލަހައްޓަން މިހާދުވަސް ވާންދެން ހުންނަން ޖެހުނީމަ އަރުޖުން އާ ދިމާވެސް ނުވާނެތާދޯ.”

“އޯހް، އޭނަ އަށް ވިސްނޭނެ. އޭނަވެސް ޔަރަސް ދެކެ ހަމަ އަހަރެން ލޯބިވާ ވަރަށް ލޯބިވާނެ. އޭނަ ލޯބިވާކަން ނުދެއްކިޔަސް ކަން އޮތީ އެހެން. ދެން ނަސީބެއް ޔަރަސް ދެކެ ލޯބިވާން ބިޝާރާ ހުރިކަން.” އުދަރެހުން އޮއްސެމުންދިޔަ އިރާއި ދިމާއަށް ޔާސްމީން ބަލަންފެށިއެވެ. “ދަރިފުޅު ހެއި ނާރަނީސް އޭނަ ދެތިން ފަހަރަކު އަންނަންވެސް އައޭ މިގެއަށް. އޭނަގެ ވާން އުޅޭ ޅީދަރިފުޅު ދެކޭ ހިތުންނޯ އައީ.”

“ކިހިނެތްތަ ބައްޕަ ހުންނަނީ؟”

ލުއި ގޮތަކަށް ޔާސްމީން ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އެވެ.

“ކިހިނެތްވީ އަނެއްކާ؟؟ އޭނާ އާއި ޔަރަސް އާ ވަރަށް ވައްތަރުވާނެ. އޭނަ ދިގުވާނެ. އަދިވެސް އޮންނާނީ ވަރަށް ކަޅު އިސްތަށިކޮޅެއް. ހުންނާނީ އަޅިކުލައިގެ ކަޅިއެއް. ވަގުތު ޖެހުމުން ދަރިފުޅަށް އޭނަ އާއި ބައްދަލުކުރެވޭނެ.”

ޔާސްމީން އާއި ބިޝާރާ އިރުކޮޅެއް ވާންދެން އެތަނުގައި ތިއްބެވެ. ދެމީހުންވެސް ތިބީ ބެލްކަނީގައި ޖަހާފައިފާ ދަނގަނޑު ކޮށިގަނޑުގެ އެއްމެ މަތީގައި އަޅާފައިވާ ދަގަނޑުގައި ހިފަހައްޓާލައިގެންނެވެ. ޖެހެމުންދިޔަ މަޑު ރޯޅިއާއި އެކު ދެމީހުންގެ އިސްތަށިގަނޑުވެސް ވައިގެ ތެރޭގައި މަޑުމަޑުން ނަށަމުން ދިޔައެވެ. އިރުކޮޅެއް ވާންދެން ހަނުކޮށް ތިބުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ބިޝާރާ އެވެ. “އަހަރެން މިހާރު މިހުރީ ގައިގަ ވަރުޖެހިފައެއްނު، އެހެންވީމަ ޔަރަސް ގެނައި އަޅުކުއްޖާ ކައިރިއަށް އަހަރެން ގެންގޮސްދެވިދާނެތަ؟”

ޔާސްމީން ފުން ނޭވައެއް ދޫކޮށްލިއެވެ. “އެކުއްޖާ ޔަރަސް އަށް ވެދިނީ ކިހައިވަރެއްގެ އެހީތެރިކަމެއް ކަމެއް މަށަކަށްވެސް ނޭނގޭ. މިހެން މިބުނީ މިހާ ދުވަސްވީއިރުވެސް ޔަރަސް ނާންނާތީ.”

“މަންމައަށް ހީވޭތަ އޭނާ އަށް ޔަރަސް އަނިޔާކުރާނެހެން؟” ބިޝާރާ ގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ.

“ޔަރަސް ބުނީ އެކުއްޖާ ހުރީ ހުރިހައި މަޢުލޫމާތެއް ދޭން ތައްޔާރަށޯ. ވެދާނެ ދޯ އެވަރު ބޮޑު ކަމެއްގަ އެކުއްޖާ ބައިވެރިވާން ބޭނުންނުވީ ކަމަށްވެސް. އޭނަގެ ފިރިމީހާގެ ކަންތަކާ ހިތްހަމަ ނުޖެހިގެންނޯ އޭނާ އެގޮތަށް ކޮޅު ބަދަލުކޮށްލީ. އެކުއްޖާގެ ފިރިމީހާ އެކުއްޖާ ގައިގަ ތަޅާ އަނިޔާކޮށް ތަކުރާރުކޮށް ރޭޕްކޮށްވެސް ހަދަޔޯ. އަދި އޭނާގެ ގާތް ރަށްޓެހިންނާއެކު ކަންކުރުމަށް ލޯނެއްގެ ގޮތުގައިވެސް ދީ އުޅެޔޯ. ޔަރަސް ބުނިގޮތުން ވެއްޖެއްޔާ އެކުއްޖާ ވޭމްޕަޔަރުންނަށް އިޙްތިރާމް ކުރޭ. އަދި އެކުއްޖާގެ މަޤާމަކީ ކޮބައިކަންވެސް އެކުއްޖާއަށް އެނގޭ. އެހެންވެގެން ޔަރަސް އަށްވެސް އެކުއްޖާ އަކީ ކުށެއްނެތް ކުއްޖެއް ކަމަށް ޤަބޫލުކުރެވެނީ.”

“ދެން އެހެންވެއްޖެއްޔާ ކީއްވެގެންނޯ އެކުއްޖާ ބިންގަރާހުގަ ބަންދުކޮށްފަ އެ ހުއްނަނީކީ؟ ކީއްވެ މި ގަނޑުވަރުތެރޭ ކޮންމެވެސް ތަނަކަށް ލާފަ ނުބެހެއްޓީ؟ މިސާލަކަށް ބަދިގެއަށް ނަމަވެސް؟؟”

ބިޝާރާ އާއި ދިމާއަށް ޔާސްމީން އެނބުރުނެވެ. “އަދިވެސް އެކުއްޖާއާއި ބައްދަލުކުރަން ބޭނުންވޭދޯ؟”

“އާނ. އެވާހަކަތާ މިދައްކަނީ…”

އަޅު އަންހެން ކުއްޖާ ކައިރިއަށް ދިޔަކަން އެނގިއްޖެއްޔާ ޔަރަސް ރުޅި އަންނާނެކަން ބިޝާރާއަށްވެސް އެނގެއެވެ. އަދި ޔަރަސް އަށް މިހާރު އަލަށް ލިބިފައިވާ ‘އަލިފާނަށް ގަދަވެގަތުމެ ބާރު’ ގެ މަތިންވެސް އޭނާ ހަނދާން އެބަހުއްޓެވެ. ޔަރަސް ރުޅި އަންނަ ހިނދު އެ ބާރު ކޮންޓްރޯލް ކުރަން ދަސްވާނެ ނަމަ ކިހައި ރަނގަޅު ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އެކަން ކޮންޓްރޯލް ކުރަން ދަސްނުވެ މާގިނަދުވަސް ވެއްޖެއްޔާ ވެދާނެ ގޮތަކާއިމެދު އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ހަދާފައިވެސް ބިޝާރާ ބޭނުންވީ ޔަރަސް ގެނައި ޒުވާން އަޅުކުއްޖާ އާއި ބައްދަލުކުރާށެވެ. އެކުއްޖާ ޔަރަސް ގެ ޝިކާރައަކަށް ހެދުމުގެ ކުރިން ބައްދަލު ކުރުމަކީ މުހިއްމި ކަމަކަށް ވާތީ އެވެ.

ބިޝާރާ ގެ އާދޭހާއި އެކު އެއްމެފަހުން ޔާސްމީން ގޮތްދޫކުރިއެވެ. ބިޝާރާ ގޮވައިގެން ބިންގަރާހަށް ފޭބުމަށް އެއްބަސްވިއެވެ.

ނުނިމޭ

އެއްހާސް އަހަރު – 35

އަޅު އަންހެން ކުއްޖާ ކައިރިއަށް ދިޔަކަން އެނގިއްޖެއްޔާ ޔަރަސް ރުޅި އަންނާނެކަން ބިޝާރާއަށްވެސް އެނގެއެވެ. އަދި ޔަރަސް އަށް މިހާރު އަލަށް ލިބިފައިވާ ‘އަލިފާނުގެ މައްޗަށް ގަދަވެގަތުމެ ބާރު’ ގެ މަތިންވެސް އޭނާ ހަނދާން އެބަހުއްޓެވެ. ޔަރަސް ރުޅި އަންނަ ހިނދު އެ ބާރު ކޮންޓްރޯލް ކުރަން ދަސްވާނެ ނަމަ ކިހައި ރަނގަޅު ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އެކަން ކޮންޓްރޯލް ކުރަން ދަސްނުވެ މާގިނަދުވަސް ވެއްޖެއްޔާ ވެދާނެ ގޮތަކާއިމެދު އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ހަދާފައިވެސް ބިޝާރާ ބޭނުންވީ ޔަރަސް ގެނައި ޒުވާން އަޅުކުއްޖާ އާއި ބައްދަލުކުރާށެވެ. އެކުއްޖާ ޔަރަސް ގެ ޝިކާރައަކަށް ހެދުމުގެ ކުރިން ބައްދަލު ކުރުމަކީ މުހިއްމި ކަމަކަށް ވާތީ އެވެ.

ބިޝާރާ ގެ އާދޭހާއި އެކު އެއްމެފަހުން ޔާސްމީން ގޮތްދޫކުރިއެވެ. ބިޝާރާ ގޮވައިގެން ބިންގަރާހަށް ފޭބުމަށް އެއްބަސްވިއެވެ.

“އަން، މީތި ބޭނުންވާނެ.” ބިޝާރާއަށް ސްކާފެއް ދިއްކޮށްލަމުން ޔާސްމީން ބުންޏެވެ. “އެތަނުން ދުވާ ނުބައިވަހުން ސަލާމަތްވާން ނޭފަތްމަތީގަ އެއްޗެއް ނާޅާ ގޮސްގެން ކަމަކުނުދާނެ.” ސްކާފުން ބިޝާރާގެ ބޮލުގެ އިސްތަށިގަނޑުން ބައެއް ފޮރުވޭގޮތަށް ބޮލުގައި އެޅިއެވެ.

ބިޝާރާ ގޮވައިގެން ޔާސްމީން ވަދެގެން ދިޔައީ ޔަރަސް ގެ ރަސްމީ ކޮޓަރި ހުންނަ ކުއާޓަރު ތެރެއިންގޮސް ބޮޑު ލައިބްރަރީ އެއްގެ ތެރެއަށެވެ. އެއީ ޔަރަސް ގެ ލައިބްރަރީ އެކެވެ. އޮރިމަސް ވަކަރުން ހަދާފައިހުރި ފޮތް ހަރުގަނޑު ތަކުގައި ހުރި ބައެއް ފޮތްތަކީ ވަރަށް ދުވަސްވެފައި ހުރި ފޮތްތަކެކެވެ. ކޮންމެވެސް ވަރަކަށް އައު ފޮތްތައްވެސް އެތާނގައި ހުއްޓެވެ. ބިޝާރާ އެތަނުން ތަންކޮޅެއް ބާ ފޮތެއް ނަގައި ހުޅުވާލި އެވެ. ނޭފަތް ކައިރިކޮށްލައި ފޮތުގެ ވަސް ބަލައިލި އެވެ.

ޔާސްމީން ވެސް އެތަނުން ފޮތެއް ނެގުމަށް އެ ފޮތަށް ދަމާލި އެވެ. އެފޮތަށް ދަމާލުމާއި އެކު ފޮތް ހަރުގަނޑުތަކުގެ ތެރެއިން އެއް ހަރުގަނޑު އެއްފަރާތަކަށް ކެހިގެން ދިޔައީ ގަދަ އަޑަކާއި އެކުގައެވެ.  އިވުނު އަޑާއިއެކު އެދިމާއަށް ބިޝާރާ އަށް ބަލައިލެވުނެވެ.

“މިއީ ބިންގަރާހަށް ވަންނަން އޮންނަ މަގަށް ދިއުމަށް ޚާއްޞަކޮށް ހަދަފައިވާ ސިއްރު ދޮރެއް.” ހުޅުވުނު ދޮރަށް އިޝާރާތް ކޮށްލަމުން ޔާސްމީން ބުންޏެވެ. އެ އަޑުގައި ސީރިއަސް ރާގެއް ހުއްޓެވެ. “ހަނދާންކުރާތި. ޔަރަސް މިތަން ދެއްކީމަ ނޫނީ މިއީ ހުންނަ ތަނެއްކަން އެނގޭކަމަށްވެސް ހަދައިގެން ނުވާނެ އިނގޭ؟”

ބިޝާރާ ބޯޖަހައިލި އެވެ. ޔާސްމީން ގެ ފަހަތުން އެ ދޮރުން އެތެރެއަށް ވަންނަން ފެށިއެވެ. ޒާތެއްގެ ކޮށި އަރާ ވަހެއް ބިޝާރާގެ ނޭފަތުގައި ޖެހުނެވެ.

ބިންގަރާހަށް ވަންނަން އޮންނަ މަގަށް ވަނުމާއިއެކު ފާރުގައި ހަރުކޮށްފައި ހުރި ދަންމަރުން، ދަންމަރެއް ޔާސްމީން ނެގި އެވެ. މުޅި ތަނަށް އަލިވާން ފެށުމުން އެތާ އެތެރެ އޮތްގޮތް ސިފަވާން ފެށިއެވެ. އެއީ ހަނިހަނި މަގެކެވެ. ދެފަރާތުގައިވެސް ވަނީ ފަރުބަދައިގެ ހަރު ހިލައިގެ ފާރެވެ. މަކުނުވާ ފުރާފައިވާ އެ ފާރުތައް ފެންނަނީ ބިރުވެރި ވައްތަރަކަށެވެ. ޔާސްމީން ގެ ފަހަތުން ބިޝާރާ ހިނގަމުން ދިޔައީ ކޮންމެވެސް ވަރަކަށް ގުދުވެގެން ނެވެ. ބޯމަތިން، ހޮހޮޅައިގެ ސީލިންގަށް ވާގޮތަށް ހުރި ހަރުހިލަައިގައި އަޅާފައިވާ މަކުނުވާ ތަކުގައި ބޯ ނުޖެހޭނެކަން އެނގުނު ނަމަވެސް މަކުނުވާތަކުގައި ޖެހިދާނެތީ ބިޝާރާ ހުރީ ކަންބޮޑުވެފަ އެވެ.

އެއީ ބިމުގެ އަޑިއަށްވާގޮތަށް އޮތް ރާސްތައެކެވެ. ހިނގާހިނގާ ވަރުބަލިވީއިރުވެސް ބިންގަރާހާއި ހަމައަށް ދެވޭވަރެއް ނުވިއެވެ. ތިރިއަށް ފައިބަމުން ދިޔަވަރަކަށް އެތަނުގެ ފިނިކަން ދިޔައީ އިތުރުވަމުންނެވެ. ހިނގަން އޮތް މަގުގެ ހިލަ ކޮށައިގެން ހަދާފައިވާ އޮތް ސިޑިއަކީ އެހާ އޮމާންކޮށް ހަދާފައިވާ ސިޑިއެއް ނޫންކަން ބިޝާރާ އަށް އިޙްސާސް ކުރެވުނެވެ. ހިނގަމުން ގޮސް ލެވެލްކޮށް އޮތް ހިސާބަކަށް ދެވުނުއިރަށް ކުނި ވަހެއް ދުވަން ފެށިއެވެ. ދެކަމު ގޮސްފައިވާ ނަޖިހާއި ކުނިބުންޏާއި އެކުވެގެން ދުވާކަހަލަ ނުބައިވަހެއް ބިޝާރާ ގެ ހިނދުރިއަށް އުނދަގޫކުރަމުން ދިޔައެވެ. އެ ނުބައި ވަހުގެ ސަބަބުން ބިޝާރާ ގެ ގަޔަށް ހީރޯޅިއަރައިގެން ދިޔަ އެވެ. ބިޝާރާ އަށް އަޑުއިވިފައިވާގޮތުން ބިންގަރާހުގައި ގައިދުކޮށްފައި ތިބޭ އަޅުންގެ ތެރެއިން މީހަކު މަރުވިޔަސް، އެމީހެއްގެ ހަށިގަނޑު މުޅަވެ، ވީރާނާވެ ދާންދެން އެތަނުގައި ބޭއްވުމަކީ ޔަރަސް ކޮށް އުޅޭ ކަމެކެވެ. އެކަން އެގޮތަށް ކުރަނީ ދެން ތިބޭ އަޅުންނަށް އިތުރަށް އަހުވަ ދެއްކުމަށެވެ. ބިޝާރާ ގެ ބޮލުގައި އަޅާފައި އޮތް ސްކާފުން ނޭފަތާއި އަނގަ ފޮރުވާލި އެވެ.

ކުރިމަތިން ފެންނަން އޮތް އަނދިރިގަނޑުގެ ތެރެއިން ފީ އަޑަކުން މީހެއްގެ ކުކުރުމުގެ އަޑު އިވެމުން ދިޔައެވެ. އެމީހާ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. ނަމަވެސް އެ ކިޔާ އެއްޗެއް ސާފުކޮށް އެނގޭވަރެއް ނުވެއެވެ. ނަމަވެސް އެތަނުން ގޮޅިއެއްގެ ދޮރަށް ޔާސްމީން ގެ އަތުގައި އޮތް ދަންމަރުގެ އަލިކަން އެޅުމުން އެތަނުން ފިރިހެނެއްގެ މޫނު ފެންނަވަރު ވި އެވެ. ހިކި ކަށިކޮޅެއްހެން ހީވާ އެ މީހާ ހުރީ ދޮރުގެ ތޭރިތަކުގެ ތެރެއިން ދެލޯ ބޮޑުކޮށްގެން ބަލާށެވެ. އެމީހާއަށް ޔާސްމީން އާއި ބިޝާރާ ފެނުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއީ ޔަރަސް ނުވަތަ އެހެން ވޭމްޕަޔަރެއް ނޫންކަން އެމީހާ އަށް އެނގުނެވެ. އަދި ޔަރަސް ގެ މަންމަ އަކީ އިންސާނުންގެ ގައިން ލޭ ބުއިޔަސް އެމީހުންނަށް އޯގާތެރި ވޭމްޕަޔަރެއްކަން އެމީހާއަށް އޮތީ ކުރިންވެސް އެނގިފައެވެ.

“ތިޔަ އައީ އަހަރެންގެ ގައިން ލޭ ބޯން ދޯ؟” އެމީހާގެ އަޑުމަޑެވެ. އެހެނަސް ހަރުކަށިގޮތެއްވެސް އެ އަޑުގައި ހުއްޓެވެ. ޔާސްމީން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

އެމީހާ ބުނި އެއްޗަކާއިމެދު ބިޝާރާ ވިސްނަން ފެށިއެވެ. އެހެން ވޭމްޕަޔަރުން ބޭރުތެރެއަށް ނިކުމެ ޝިކާރަކޮށްގެން މީހުންގެ ގައިން ލޭ ބުއިމަށް ފުރުޞަތު ދީފައިވާއިރު، ޔަރަސް ގެ މަންމަ މި މުޑުދާރު ތަނަށް ލޭ ބޯން އަންނަން ޖެހެނީ ކީއްވެގެންކަމެއް ނޭނގުނެވެ. ބިޝާރާ ވޭމްޕަޔާ އަކަށް ބަދަލުވުމަށްފަހު ޚުދު އޭނާ އެތަނަށް އައުމަށް ޔަރަސް މަޖުބޫރު ނުކުރާނެބާއޭ އޭނާގެ ހިތަށް އެރި އެވެ. އެއީ އެއްވެސް ހަމަޖެހޭ ގޮތެއް ނޫނޭ ބިޝާރާ ގެ ހިތަށް އެރިއެވެ. ޔަރަސް އޭނާގެ ކުއާޓަރު ގެ އަރާމާއި ލައްޒަތުގައި އިނދެ ލޭ ބޯއިރު، އެހެން ވޭމްޕަޔަރުންނަށް ޖެހެނީ މި އަނދިރި ބިންގަރާހުގެ ތެރެއަށް އައިސް ލޭ ބޯށެވެ. ނަމަވެސް ޔަރަސް އެގޮތަށް ކަންތައް ކުރާ ސަބަބު ބިޝާރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ ހަމަ ޔަރަސް ގެ ރައްކާތެރިކަމަށްޓަކައި ހަމަޖެހިފައިވާ އުސޫލެކެވެ. ބަންދުކޮށްފައި ތިބޭ އަޅެއްގެ ގަޔަށް ވިހައެއް ލާފައި ހުއްޓާ ޔަރަސް އަށް އެ ލޭ ބޮވިގެން ލިބިދާނެ ގެއްލުމަކުން ރައްކާތެރި ވުމަށްޓަކައެވެ.

ބިންގަރާހުގެ ކުދުކުދި ގޮޅިތައް ފަސްދެމުން ޔާސްމީން އާއި ބިޝާރާ ހިނގަމުން ދިޔައެވެ. އެތަކެއް ގޮޅިއެއް ފަހަނައަޅައި ދިޔައެވެ. ބައެއް ގޮޅިތަކުގައި އެކެއް ނުވަތަ ދެ އަޅުން ޤައިދުކޮށްފައި ތިއްބެވެ. އަނެއްބައި ގޮޅިތަކުގައި އެއަށްވުރެން ގިނަ މީހުންވެސް ތިބިއެވެ. ގޮޅިތަކުގެ ފަންގިފިލާ ތިރިކަމުން އެ ގޮޅިތަކުގައި އިސްކޮޅު ހަމައަށް ކޮޅަށް ތިބުމަށްވެސް ދަތިވާހާ ވަރު ވެއެވެ. އޭގެ ތެރެއިން ބައެއް ގޮޅިތައް ހުރީ ހުސްކޮށެވެ. ވިހަ ގަދަ ހަރުފައެއް އޭގެ ބޮޑު އަނގަ ހުޅުވައިގެން ޝިކާރައެއްގެ އިންތިޒާރުގައި އޮންނަހެން އެ ގޮޅިތަކުގެ ދޮރުތައް ވަނީ ޤައިދީންނަށް ހުޅުވާލެވިފަ އެވެ. ބައެއް ގޮޅިތައް ވަރަށް ހަންޏެވެ. ހަނިކަމުންގޮސް ގޮޅީގައި ހަމަޖެހިލައިގެން އިށީންދެ އިންނަން ނުކުޅެދޭހާވެސް ހަންޏެވެ.

ބިންގަރާހުން ތިރިއަށް ފައިބަމުންގޮސް އެ ދެމީހުން ބިންގަރާހުގެ އެހެން ލެވެލް އަކަށް ފޭބިއެވެ. އެ ހިސާބުގައި ވަރަށް ގިނަ މަގުތަކެއް ހުއްޓެވެ. ފާރުތަކުގައި ނިޝާންތަކެއް ޖަހާފައި ހުއްޓެވެ. ރާސްތާ ވަކިކޮށްދިނުމަށެވެ. އެތަނުން އިވެމުން ދިޔައީ މީހުންގެ ގިސްލުމުގެ އަޑެވެ. ކުކުރުމާއި ރުއިމުގެ އަޑެވެ.

ހިނގަމުން ގޮސް އަނެއްކާވެސް ތަންކޮޅެއް ތިރިއަށް ފޭބިއެވެ.

“ބިޝާރާ،” އެއީ އެމީހުން ބިންގަރާހުގެ އެ އަޑިބިމަށް ފޭބިފަހުން ޔާސްމީން އަނގައިން ބުނި ފުރަތަމަ ފަހަރެވެ.

“ބޭނުންތަ ޢަދީލް ދެކިލަން؟ މިހެން މިބުނީ ޢަދީލް ގެ ސަބަބުން ބިޝާރާ އަށް ހުރިހައި އަހުވައެއް ލިބިފަވާތީ.” ބިޝާރާ ނޫނެކޭ ބުނުމަށް ބޯ ހޫރާލި އެވެ. އެހެންނަމަވެސް ޔަރަސް މިފަހަރު ކުރަން ނުކުތް ހަނގުރާމައަށް ނުކުންނަން ޖެހުނު އަސްލު ސަބަބަކީ ޢަދީލް ކަން ބިޝާރާ އަށް ޔާސްމީން ވިސްނައިދިނުމުން ބިޝާރާ ގެ ޚިޔާލު ބަދަލުވި އެވެ. ޢަދީލް އާއި ހަމައަށް ދިއުމަށް ނިންމި އެވެ. ދިގު ކޯރިޑޯއަކުން ބިޝާރާ ދިއުމަށް ޔާސްމީން މަގު ދެއްކިއެވެ. އެ ކޯރިޑޯ ނިމުނު ހިސާބުގައި ހުރީ އެއްމެ ގޮޅި އެކެވެ. ގޮޅީގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ފެންނަ ހިސާބަށް ދެވުނުއިރު، ފަނޑުފަނޑު ސޫރައެއް އެ އަނދިރިކަމުގެ ތެރެއިން ފެންނަން ފެށިއެވެ. އެއީ ޢަދީލް ކަން ބިޝާރާއަށް ފާހަގަކުރަން ދަތިވެސް ވިއެވެ.

“ޢަދީލް، ކަލެއާ ބައްދަލުކޮށްލަން އަހަރެން މި އައީ މީހަކު ގޮވައިގެން.” ގޮޅި އާއި ދިމާއަށް މަޑުމަޑުން ބިޝާރާ ކޮއްޕާލަމުން ޔާސްމީން ބުންޏެވެ.

ނުނިމޭ

އެއްހާސް އަހަރު – 36

“ޢަދީލް، ކަލެއާ ބައްދަލުކޮށްލަން އަހަރެން މި އައީ މީހަކު ގޮވައިގެން.” ގޮޅި އާއި ދިމާއަށް މަޑުމަޑުން ބިޝާރާ ކޮއްޕާލަމުން ޔާސްމީން ބުންޏެވެ. އެވަގުތު ޔާސްމީން ގެ އަތުގައި އޮތް ދަންމަރުގެ އަލިކަން ބިޝާރާ ގެ މޫނަށް އެޅުނެވެ. ޢަދީލް އަށް ބިޝާރާ ފެނުމުން އޭނާ ގައިދުކޮށްފައިހުރި ކުޑަކުޑަ ގޮޅީގެ ފަހަތަށް ޖެހިލެވުނެވެ. ޢަދީލް ލައިގެންހުރި ޓީޝާޓާއި ޖީންސް ވަނީ ވީދިފަ އެވެ. ދިގުވެފައިވައި ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ވަނީ ހަރުއަރާފަ އެވެ. ބިޝާރާ އަށް އެ ފަރިތަ މޫނުގެ ހަންގަނޑުގައި ކުރިން ހުންނަ އުޖާލާކަން ވަނީ ނެތި ގޮސްފައެވެ. އެ މޫނު މިހާރު ބަދަލުވެފައިވަނީ އެއްވެސް އުއްމީދެއް ނެތް މޫނަކަށެވެ. ބިރާއި ހާސްކަމުން ފުރިފައިވާ މޫނަކަށެވެ.

“ބިޝާރާ ކައިރީގަ އެއްވެސް އެއްޗެކޭ ބުނަން ބޭނުންތަ؟” ޔާސްމީން ސުވާލުކުރީ ހަރުކަށި ރާގެއްގަ އެވެ.

ޢަދީލް އަވަސް އަވަހަށް ބޯ ޖަހައިލި އެވެ. ހަމަ އެއާއިއެކު ރަނގަޅަށް އަނގަ ނުހުޅުވާ ހުރެ ‘އަހަންނަށް މަޢާފްކޮށްދޭށޭ’ ބުންޏެވެ. ޢަދީލްގެ އެ އާދޭހުގެ ޖުމްލައަށް ޖަވާބުދިނުމަށް ބިޝާރާ އަނގަހުޅުވާލި އެވެ. ނަމަވެސް ޔާސްމީން އެކަން ހުއްޓުވި އެވެ.

“މިހާރު ވަގުތު ފާއިތުވެއްޖެ. ކޮންމެގޮތެއްވިޔަސް ޢަދީލް ހުންނާނީ މަރުވަންދެންވެސް މިތަނުގަ. ކޮންމެހެން އޭނާ ހިތްހަމަޖައްސައިދޭން އެއްވެސް އެއްޗެކޭ ބުނުމުގެ ބޭނުމެއްނެތް!” ބިޝާރާގެ ކޮނޑުގައި އަތް އަޅާލަމުން ޔާސްމީން ބުންޏެވެ.

“މަށަށް އެނގޭ ތީ އެހެން މީހުނަށް މަޢާފު ދިނުމުގެ ރީތި އާދަ ގެންގުޅޭ ކުއްޖެއްކަން. އެކަމަކު ބިޝާރާ ބުނާ އެއްޗަކުން އޭނާ އަށް އިތުރު ހިތްދަތިކަމެއް ލިބުންވެސް އެކަށީގެންވޭ.” މިހެން ބުނަމުން ބިޝާރާގެ އަތުގައި ހިފަމުން ޔާސްމީން ހިނގައިގަތެވެ.

އެމީހުން ހިނގަމުންގޮސް މަޑުކޮށްލީ ވަރަށް ކުޑަކުޑަ ގޮޅިއެއް ކައިރީގައެވެ. އެ ގޮޅީގެ މެދުގައި ހިލައިން ހަދާފައިވާ ތަނބެއް ހުއްޓެވެ. އެ ތަނބުގައި ހިލިހިލާ ޖަހައި ބަނދެފައިވަނީ ކުޑަކުޑަ އަންހެން ކުއްޖެކެވެ. ގާތްގަނޑަކަށް އުމުރުން 15 ވަރަކަށް އަހަރަށް ދާވަރުގެ ކުއްޖެކެވެ. ތަނބުގައި ލެނގިގެން ހުރި އެކުއްޖާ އަށް އޭރުވަނީ ނިދިފައެވެ. ޔާސްމީންގެ އަތުގައި އޮތް ދަންމަރުން އެކުއްޖާގެ މޫނަށް އަލިކޮށްލުމާއިއެކު އެ ކުއްޖާއަށް ހޭލެވިއްޖެ އެވެ. އެ މޫނުގައިވެސް ހިތާމައާއި ހިތްދަތިކަން އިންތިހާއަށް ފެންނަން ހުއްޓެވެ.

“މަޔޫރިކާ.” ޔާސްމީން އެ އަންހެންކުއްޖާއަށް ގޮވާލި އެވެ. މަޔޫރިކާ ދެލޯ ފޮހެލަމުން ރަނގަޅަށް ބަލައިލި އެވެ.

“މަޔޫރިކާ އަށް މަށަކީ ކާކުކަމެއް ނޭނގޭނެ. އެކަމަކުވެސް އަހަރުމެންގެ ފަރާތުން ކަލެއަށް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމުގެ ޔަޤީންކަން ދެން. އަހަރެން މިތަނަށް މި އައީ މަޔޫރިކާ އާއި ވާހަކަދައްކާލަން ބޭނުންވާ ކުއްޖެއް ގޮވައިގެން.”

ބަލިބަލި އަޑަކުން މަޔޫރިކާ ކުކުރާލި އެވެ. ހަމައެއާއެކު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ބިޝާރާ ކުރިއަށް ޖެހިލިއެވެ. އަތުގައި އޮތް ދަންމަރުން އަލިކޮށްގެން ޔާސްމީން ހުއްޓެވެ. ދަންމަރުގެ އަލިން ބިޝާރާއާއި މަޔޫރިކާ ގެ މޫނަށް އަލިކަން އެޅުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކު ރީތިކޮށް ފެންނަވަރުވި އެވެ. މަޔުރިކާ ގެ މޫނުގައި ވަނީ ކިލަޔާއި ލޭ އުނގުޅިގެން މުޑުދާރު ވެފައެވެ. މަޔޫރިކާ އަށް ޔަރަސް ހަމަލާދީފައި ވާކަން އެމޫނު ފެނުމުން ބިޝާރާ އަށް އެނގުނެވެ.

“މަޔޫރިކާ.” ބިޝާރާ ގެ އަޑު ޖެހުމުން މަޔޫރިކާ ކުރިއަށް ޖެހިލިއެވެ. އޭނާ ލާފައި ހުރި ކޮށީގައި ޖަހާފައިވާ ދަގަނޑު ތޭރިތަކާއި ކައިރިއަށެވެ.

“އަހަންނަކީ ބިޝާރާ.” ބިޝާރާ އަމިއްލަ ތަޢާރަފެއް ދިނެވެ.

“ބިޝާ….” ހައިރާންވެފައި ހުރެ ވަރަށް އުނދަގުލުން މަޔޫރިކާ އަށް ބުނެވުނީ މިވަރަށެވެ.

“އަހަންނަށް އެނގިފައޮތީ ޔަރަސް އަށްޓަކައި މަޔޫރިކާ ކޮށްދިން ކަންތައް. އަހަރެން މިތަނަށް މިއައީ އެކަމަށްޓަކައި މަޔޫރިކާ އަށް ޝުކުރު އަދާކުރަން.”

“އަޅުގަނޑަށް ޝުކުރުއަދާކުރައްވަންޏާ އަޅުގަނޑު މިތަނުން ސަލާމަތްކޮށްދެއްވަންވީ ނޫންތޯ؟ ޕްލީޒް…. އަހަރެން މިތަނުން ނެރެދީފާނަންތަ؟” ވަރަށް ހިތްވަރުކޮށްފައި، ވަރަށް އުނދަގުލުން މަޔޫރިކާ ބުންޏެވެ. އޭރުވެސް މަޔޫރިކާ ހުރީ ތުރުތުރު އަޅައަޅަ އެވެ. “ޔަރަސް އަހަރެންދެކެ ރުޅިއަޔަސް އަހަރެން އޭނާއަށް އެހީވާން މަސައްކަތް ކުރިން. އޭނަ އަހަރެންދެކެ ރުޅިއަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް މަށަށް ކުރެވުނުކަމެއްވެސް މަށަކަށް ނޭނގޭ. ޕްލީޒް…. އަހަރެން މަރުވާކަށް ބޭނުމެއްނޫން. އޭނާ އަހަރެން މަރާލިޔަ ނުދޭތި! އޭނާ އެނބުރި އަންނާނަމޭ ބުނެފަ ދިޔައީ….. އަޅެ އަހަރެން ހާދަ ބިރެއްއެބަ ގަނޭ. މި ކުޑަކުޑަ ގޮޅީގަ ހުންނަންވެސް އެހާ ބިރުގަނޭ. މިތާނގަ މީދަލާ ކުރަފިވެސް އުޅެނީ މީހަކު ބިރުންގޮސް ހަލާކުވާވަރަށް!”

“މަޔޫރިކާ ގެ ތި އެދުންތައް އަހަންނަށް ފުއްދައިދެވޭނެ ނަމަ އަހަންނަށްވެސް ކިތަންމެހާވެސް ރަނގަޅު. އަހަރެން އަތުގަ މިތާނގެ ތަޅުދަނޑިއެއް އޮތްނަމަވެސް ތިކަން ކޮށްދޭނަން. އެކަމަކު ކީއްކުރާނީ! …. މިތަނުގެ ތަޅުދަނޑި އޮންނަނީވެސް ހަމައެކަނި ޔަރަސް އަތުގަ.”

އަނެއްކާވެސް މަޔޫރިކާ އާދޭސްކުރަން ފެށިއެވެ. މިފަހަރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައްވެސް ފައިބަމުން ދިޔައެވެ. ” އަހަރެން…. އަހަރެން ޔަރަސް އަށް ހުރިހައި އެއްޗެއް ކިޔައިދިނިން. މަށަށް އެނގިފަހުރި ހުރިހާ މަޢުލޫމާތެއް ދިނިން. އޭނަ އަހަރެންގެ ޒާތީ ދިރިއުޅުން ހުރިގޮސްވެސް އޮޅުންފިލުވަން ބޭނުންވި. އަހަރެންގެ ބައްޕައަކީ ކާކުތޯއާ ފިރިމީހާ އަކީ ކޮންތަނެއްގެ ކާކުގެ ދަރިއެއްތޯވެސް އަހާ އޮޅުންފިލުވި. ޔަރަސް އަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންގެ އިތުރު ބަޔަކު ނެތްކަންވެސް. އެކަމަކުވެސް އޭނަ އަހަރެންދެކެ އެހާ ރުޅިއަންނަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނު. އޭނަ އަހަރެން ނައްތާލަން ބޭނުންވަނީ ކީއްވެގެން ކަމެއްވެސް ނުވިސްނުނު. ޕްލީޒް، އަހަރެން ސަލާންޖަހާ އާދޭސްކޮށްފަ މި ބުނަނީ، އޭނަ އާއި ވާހަކަދައްކައިގެން އަހަރެން މިތަނުން ސަލާމަށް ކޮށްދެވޭތޯ ބަލައިދީފާނަންތަ؟ އަހަރެން ހާދަ ބިރެއް އެބަގަނެޔޭ!!”

“މަށަށް ވެވުނުވަރަކުން ތިކަމާ އުޅޭނަން. ޔަރަސް އަކީ ތަންކޮޅެއް ބޯ ހަރު މީހެއް. ވިސްނައިދޭން އުނދަގޫވިޔަސް އަހަރެން ތިކަމާ އުޅޭނަން.” ކުޑަކަކޫ މައްޗަށް އިށީންނަމުން ކޮށީގެ ދަގަނޑު ތޭރީގައި ދެއަތުން ހިފާލި އެވެ. މަޔޫރިކާ ވެސް އެގޮތަށް އިށީންދެ، ބިޝާރާ ގެ އަތުގައި ހިފައިލި އެވެ. “އަހަރެން މިތަނަށް މި އައީ މަޔޫރިކާ އަށް ދަރަނިވެރިވެފަ ވާތީ. ހަމަ އެކަނި ޝުކުރިއްޔާ އޭ ބުނެ ފުއްދާލެވޭ ވަރަށްވުރެން ބޮޑުކަމެއް މަޔޫރިކާ، ޔަރަސް އަށްޓަކައި ތި ކޮށްދިނީ. އެހެންވީމަވެސް މަޔޫރިކާ މިތަނުން ސަލާމަތް ކޮށްދެވޭތޯ އަހަންނަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރާނަން.”

“ބިޝާރާ ގެ ބަސް ޔަރަސް ޤަބޫލުކުރާނެ ދޯ؟” މަޔޫރިކާ ބޭނުންވީ އިތުރަށް ޔަޤީންކަން ހޯދާށެވެ.

“ތިޔެއް ބުނާކަށް ނޭނގޭ.” ބިޝާރާ މިހެން ބުނުމާއެކު މަޔޫރިކާ ގިސްލާ ރޯން ފެށި އެވެ. މަޔޫރިކާ ހިތްހަމަ ޖައްސައިދިނުމުގެ ބޭނުމުގައި ކޮންމެހެން ދޮގެއް ހަދަން ބިޝާރާ ބޭނުމެއް ނުވިއެވެ. ބޭކާރު އުއްމީދެއް ކުރުވާކަށް ބޭނުމެއް ނުވިއެވެ. ބިޝާރާ ގުދުވެލި އެވެ. ކިލާވެ ތަތްތެޅިފައިވާ މަޔޫރިކާ ގެ އަތުގައި ބިޝާރާ ބޮސްދިނެވެ.

“މީދާތައް، ތަނެއް ދޮރެއް ނުބަލައި އަބަދު އަހަރެންގެ ގައިގަ ހަފަހަފާ ތިބެނީ. އަހަރެން ނިދަންވެސް ބިރުގަނޭ. މަގޭ ކަންފަތް ނުވަތަ ނޭފަތްވެސް ހީވަނީ ކާލަފާނެހެން…..” މަޔޫރިކާގެ ހިތްދަތި ހާލަތު އޮޅުންފިލުވައިދޭން ފެށުމުން ބިޝާރާ އަށް ރޮވިއްޖެ އެވެ.

ޔަރަސް އަށް އެހީވެދިން މި މައުސޫމު ކުއްޖާއަށް މިފަދަ ޙާލެއް ޖައްސާފައިހުރުމުން ބިޝާރާ ބޭނުންވަނީ ޔަރަސް އާއި ކުރިމަތި ލާށެވެ. ޒުވާބު ކުރާށެވެ. އާދޭސް ކުރާށެވެ. އެކަމަކު އޭގެއިން ކަމަކުން ޔަރަސް އަށް އަސަރެއް ކުރާނެހެއްޔެވެ؟ ބިޝާރާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ރަނގަޅު ގޮތެއް ވިސްނިގެންނެވެ. ކޮންމެވެސް ދުވަހަކުން ބިޝާރާ އަށްވެސް އަޅެއް ބޭނުން ވާނެކަން ހަނދާންވި އެވެ. އެހެންކަމުން އޭނާ ޔަރަސް ގެ ކިބައިން އެދޭނީ މަޔޫރިކާ އަކީ އޭނާގެ އަޅަކަށް ހަދައިދިނުމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ ބިންގަރާހަށް އައިސް މަޔޫރިކާ އާއި ބައްދަލުވެވުނު ކަން ޔަރަސް ކައިރީގައި ބުނެގެންނެވެ. އެކަން އެގޮތަށް ކޮށްފިނަމަ ކަންތައް ވަރަށް ގޯސްވާނެ އެވެ. ބިޝާރާ އަށް ކުރެވުނު ކުށެއްގެ އަދަބު މަޔޫރިކާ އަށް ދިނުމަށްވެސް ޔަރަސް ފަސްނުޖެހޭނެކަން އޭނާއަށް އެނގެއެވެ.

“ދެން ދާން އުޅެމާ؟ މިތަނުގަ އެހާ ގިނައިރު ތިބުން ރަނގަޅެއް ނުވާނެ!” ބިޝާރާގެ އަތުގައި ހިފަމުން ޔާސްމީން އެދުނެވެ. ބިޝާރާ ވެސް އެއްވެސް ދެކޮޅުވެރިވުމެއް ނެތި ހިނގައިގަތެވެ. ބިންގަރާހުން މައްޗަށް އެރުމަށެވެ.

ޔަރަސް ގެ ކޮޓަރިއާއި އިންވެގެން ހުންނަ ލައިބްރަރީ އަށް ވާގޮތަށް ހުރި ދޮރާއި ހަމައަށް އާދެވުނުއިރު ބިޝާރާ ހުރީ މާނޭވާ އަރާފަ އެވެ. ލައިބްރަރީއަށް ވަދެވުމާއެކު ޔާސްމީން ދޮރުލައްޕާލި އެވެ. ކުރިއަށް ފިޔަވަޅެއް އެޅުމާއިއެކު ކުއްލިއަކަށް ޔާސްމީން ހުއްޓިއްޖެ އެވެ. ލިބުނު ކުއްލި ސިހުމާއިއެކު ބިޝާރާ ގޮސްވަނީ ޔާސްމީންގެ ފުރަގަހަށެވެ. ޔާސްމީން ގެ ކޮނޑުމަތިން، ކުރިމައްޗަށް ބަލައިލުމުން ވެގެން އުޅޭގޮތް އެނގިއްޖެ އެވެ. އެހާ ކުއްލި ސިހުމަކާއެކު ޔަރަސް ގެ މަންމަ ހުއްޓުނީ ކީއްވެގެންކަން އެނގުނެވެ.

ލައިބްރަރީގެ ފޮތްހަރުގަނޑުތަކުގެ ތެރޭގައި އެއްކަނެއްގައި ހުއްޓިލައިގެން ހުރީ ޔަރަސް އެވެ.

ޔަރަސް ގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމެވެ.

ނުނިމޭ

އެއްހާސް އަހަރު – 37

ލައިބްރަރީގެ ފޮތްހަރުގަނޑުތަކުގެ ތެރޭގައި އެއްކަނެއްގައި ހުއްޓިލައިގެން ހުރީ ޔަރަސް އެވެ.

ޔަރަސް ގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމެވެ.

“ޔަރަސް!”

އުފަލުން ފޮޅިފައިހުރެ ޔަރަސް އާއި ދިމާއަށް ދަމުން ބިޝާރާ ވާހަކަދެއްކި އެވެ. “ކޮން އިރަކު އައީ!!؟ އޯހް. އަހަރެން ހާދަ އުފާވެއްޖޭ!” ފޫޓެއްހައި ކައިރިއަށް ގޮސްފައި ބިޝާރާ ހުއްޓުނެވެ. ޔަރަސް އެއްވެސް އެއްޗެކޭ ނުބުނެ ހުރީމައެވެ. އޭނާގެ މޫނުމަތިން އެއްވެސްކަހަލަ ޝުޢޫރެއް ފެންނަން ނެތީމައެވެ.

“ކީކޭ ހިތަށް އަރައިގެން ކަލޭމެން ދެމައިން ތިއުޅެނީ؟” އެއްމެފަހުން ޔަރަސް ވާހަކަދެއްކި އެވެ. ޔަރަސް ގެ އަޑުގައި ހުރީ ހަރުކަށި ކަމާއި ބިރުވެރިކަމެވެ.

އުފަލުން ފޮޅިފައި ހުރި  ބިޝާރާ ކުއްލިއަކަށް ބިރުން ފުކަކަށް ވާން މަޖޫބުރު ވެއްޖެއެވެ. ޔަރަސް ގެ ލޮލުގެ ކަޅި ވަނީ ގަދަ ކަޅުކުލައަށް ބަދަލުވެފަ އެވެ. ލޮލުން ދަޅައެއް އަޅަމުން ދިޔައެވެ. ލޮލުގެ ކަޅީގެ ވަށައިގެން ހުރީ ރަތް އަނގުރު ކުލައިގެ ބޮޅެކެވެ. ހީވަނީ ކަޅީގެ ވަށައިގެން ބުރަކަށް ވާގޮތަށް އަލިފާން އަނދަމުންދާހެންނެވެ. ބިރުންގޮސް ބިޝާރާ އަށް ފަހަތަށް ޖެހިލެވުނެވެ. ޔާސްމީންގެ ކައިރިއަށެވެ. ޔާސްމީން ވެސް ބިޝާރާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ގަޔާއި ކައިރިކޮށްލި އެވެ. ބިޝާރާ ގެ ހަށިގަނޑުގައި ހުރި ތުރުތުރު ގެ އަސަރު ޔާސްމީން އަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދިޔައެވެ.

ބިޝާރާ އަށް އައި ބަދަލު ފެނިފައި ކޮންމެވެސް ވަރަކަށް ޔަރަސް މައިތިރިވެލި އެވެ. ހަރުކަށި ގޮތަކަށް އޭނާގެ މަންމަ އަށް ލޯ އަޅައިލި އެވެ. އެކަމަކީ އޭނާގެ މަންމަ ކުރިކަމެއްކަން އެނގޭތީ އެވެ. ޔަރަސް ގެ އެ ސިއްރު ބިންގަރާސް ކޮޓަރިއަށް ދާކަށް ބިޝާރާ އަކަށް ނޭނގޭނެ އެވެ. އަދި އެ ބިންގަރާހަށް އޮޅުމަކުން ދެވުނު ނަމަވެސް އެނބުރި އަންނަން ނޭނގޭނެކަން ޔަރަސް އަށް ކަށަވަރުކޮށް ޔަޤީން ކުރެވެއެވެ.

“މަންމާ، ކީއްވެތަ ބިޝާރާ އެތަނަށް ގެންދިޔައީ؟” ކަޅިއަޅައިގެން ހުރެ ޔަރަސް ބުންޏެވެ. ޔާސްމީން ވެސް ހަރުކަށި ގޮތަކަށް ޔަރަސް އަށް ބަލަންފެށި އެވެ.

“ޔަރަސް،” ޔާސްމީން ގެ އަޑު ކޮންޓްރޯލް ކުރަމުން ވާހަކަދައްކަން ފެށިއެވެ. އޭނާގެ ދަރިފުޅާއި ދިމާއަށް ހަޅޭއްލެވުމަކީ އެއްވެސް މާނައެއް ނެތް ކަމެއްކަން މީގެ އެތައް ޤަރުނެއްކުރިން ޔާސްމީން އަށް ވަނީ ދަސްވެފަ އެވެ. “….. އެތަނަށް ދިޔައީ …….. މަޔޫރިކާ ދެކިލަން.” ޔަރަސް ދެކެ އެއްވެސް ވަރަކަށް ބިރުގަތުމެއް ނެތި ޔާސްމީން ބުންޏެވެ. އެހެނަސް ބިޝާރާ އަށް ވެދާނެ ގޮތަކާއި މެދު އޭނާ ބިރުގަނެ އެވެ. ޔަރަސް އަކީ ހީވެސް ނުކުރާފަދަ ކަމެއް ކޮށްފާނެ ވޭމްޕަޔަރެކެވެ. އެހެން ހުރެލާފާ އޭނާ ކޮށްފައި ނުކުރާނީ ކޮންކަމެއް ކަމެއް ހިތަށްވެސް ގެންނަން ނޭނގެއެވެ. އިސާހިތަކުން ސިނގު ރުޅިއައިސް ރަތްވެދާނެ އެވެ. ބިޝާރާ އާއި ޔާސްމީން ގެ ދެމައިންނަށް މާބޮޑުކަމެއް ނުކުރިނަމަވެސް، ބިޝާރާ އަށް ބާލާނެ ވަރު ހިތަށް އަރާފައި ޔާސްމީން ވެސް ހުރީ ޖެހިލުންވެފަ އެވެ.

“މަޔޫރިކާ. މަޔޫރިކާ؟ ކީއްވެ؟ މި ސުވާލަށް ހަމަޖެހޭ ޖަވާބެއް އަހަރެން ބޭނުންވޭ!”

ޔާސްމީންގެ ފުރަގަހަށް ބިޝާރާ ވަނެވެ. އެއަށްފަހު ޔަރަސް އާއި ދިމާއަށް ދެތިން ފިޔަވަޅެއް އެޅުމަށްފަހު ހުއްޓުނެވެ. “އަހަރެން – – – އަހަރެން ބޭނުންވީ – – – އޭނާއަށް ޝުކުރު އަދާކޮށްލަން. ޕްލީޒް މަންމަ ދެކެ ރުޅި ނާންނާތި. އެއީ އަހަރެން އާދޭސްކުރިވަރުން މަންމަ….”

މިހާރު އޮންނާނީ މަޔޫރިކާ އަށް އަނިޔާކުރިކަން ބިޝާރާއަށް އެނގިފައި ކަން ޔަރަސް އަށް އެނގުނެވެ. އަދިވެސް ޔަރަސް ގެ ސިކުނޑި ޤަބޫލުކުރަނީ މަޔޫރިކާ އަކީ ދުޝްމަނެއް ކަމުގައެވެ. އެހެންނަމަވެސް ޔަރަސް އާއި ދެކޮޅަށް ރޭވި ކަންތައްގަނޑާއި މަޔޫރިކާ އާއި އެއްވެސް ގުޅުމެއް ނެތްކަންވެސް ވަނީ އޮޅުންފިލާފައެވެ. ކޮންމެ ގޮތަކަށް ކަން އޮތްކަމަށް ވިޔަސް، ޔަރަސް ގެ ދެން އޮތް ޝިކާރައަކީ މަޔޫރިކާ އެވެ. ބިންގަރާހާއި ދިމާއަށް ދިއުމަށް ލައިބްރަރީ އަށް އޭނާ ވަނީވެސް އެ ބޭނުމުގަ އެވެ. ޔަރަސް ނެތިކޮށްލުމަށް ރޭވި މީހުންގެ ދުވަސް ދުއްވައިލެވުމުން ދެން ހުރީ އެމީހުންނަށް ނިސްބަތްވާ މީހަކަށް ހަމައެކަނި މަޔޫރިކާ އެވެ.

“ޔަރަސް އެ ފަކީރުގެ ކިބައިން ހުރިހައި މަޢުލޫމާތެއް ހޯދާފަ މިހާރު ތި ދަނީ އޭނަ މަރާލަން ދޯ؟” ބިޝާރާ ގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އެހެނަސް ޔަރަސް ގެ ރުޅިގަނޑު ގަދަވާން ފެށުމުން ބިޝާރާ މައިތިރިވި އެވެ.

“އެއީކީ ކަލެޔާ ބެހޭކަމެއް ނޫން!”

ދުވެފައި ކަހަލަ ގޮތަކަށް ބިޝާރާ ގޮސް ވެއްޓިގަތީ ޔަރަސް ގެ ފައިބުޑަށެވެ. ބިޝާރާ އަށް ޔަރަސް ބަލައިލި އެވެ. ބިޝާރާ ކުރަން އުޅޭކަމެއް ޔަޤީން ނުވެފައި ހުރެވުނީ އެވެ. މަޔޫރިކާ ގެ ހާލައި މެދު ހިތަށް ވެރިވި އެއްޗެހިތައް ގިނަކަމުން ބިޝާރާ އަށް ރޮވެން ފެށުނެވެ. އެ ފަކީރުގެ ގައިން ލޭފޮދު ދަމާލައި ހުސްކޮށްލާނެ ގޮތް ހިތަށް އަރުވާލަންވެސް އޭނާ އަށް އުނދަގުލެވެ. އެއީ އެއްމެ 19 އަހަރުގެ ހިކި އަނަރޫފަ ކުއްޖެކެވެ. ޔަރަސް ސަލާމަތް ކޮށްދިނީވެސް އޭނާ އެވެ. އެކުއްޖާ މިއަދާއި ހަމައަށްވެސް ދިރިއުޅުން ވޭތިކުރަމުން އައިސްފައިވަނީ ކެހިވެރި ކަމާއި އަނިޔާ އިން ފުރިފައިވާ ޝިކާރަވެރިން ތަކެއްގެ ވަކި ދަށުގަ އެވެ. އެފަދަ ކުއްޖަކު، ޔަރަސް ގެ އަނިޔާވެރި ދަތްތަކުގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްދިއުމަކީ އޭނާ އަށް ޙައްޤު ގޮތެއް ނޫނެވެ. އެހާ ޅައުމުރުގައި އޭނާ މިދުނިޔެއިން އެއްވެސް އުފަލެއް ނުލިބި ވަކިވެދިއުންވެސް ޙައްޤެއް ނޫނެވެ.

“އަޅެ ޔަރަސް، އާދޭސް ކޮށްފަ މި ބުނަނީ…..!” ޔަރަސް ގެ ބޫޓު މަތީގައި ބާއްވާލާފައިވަ އަތްތިލަ މަތީގައި ބިޝާރާ ގެ ބޯ ޖައްސައިލަމުން އާދޭސްކުރަން ފެށިއެވެ. އިރުކޮޅަކުން ޔަރަސް އާއި ދިމާއަށް ބަލަން ފެށިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އެވެ. ބިރުން އިން އިރު ފަނޑުފަނޑު ގިސްލުމެއް ހުއްޓެވެ. ބިޝާރާ ގެ ދެލޮލުން ފެންނަމުންދަނީ އާދޭހުގެ އަސަރެވެ.

“ޕްލީޒް، އޭނަ މަރައިނުލާ ދޫކޮށްލަދީ!” ބިޝާރާ ގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. “ސަލާންޖަހާ އާދޭސް ކޮށްފަ މި ބުނަނީ…. އަޅެ ޕްލީޒް!”

ބިޝާރާ ގެ ލޮލުން ފައިބަން ފެށި ކަރުނަތައް ފެނިފައި މިފަހަރު ޔަރަސް ގެ ހިތް ކޮންމެވެސް ވަރަކަށް މަޑުވެއްޖެ އެވެ.

“ކީއްވެގެން ބިޝާރާ ތިހެން ތި ބުނަނީ؟ ބިޝާރާ ބޭނުންވަނީތަ އެކުއްޖާގެ އުމުރުގެ ބާކީ އޮތްބައި އެއްކޮށް އެ ބިންގަރާހުގަ ހޭދަކޮށްލަން؟” ބިޝާރާ ގެ ކޮންޑުގައި ހިފައި ނެގިއެވެ. ގަޔާއި ކައިރިކޮށްލި އެވެ. “އަހަރެން އޭނަ މަރާލަން މި އުޅެނީ ހަމަ އޭނައަށް ރަނގަޅަކަށް.”

ބިޝާރާ ގެ ގިސްލެވުން ގަދަވާން ފެށި އެވެ. އަނެއްކާވެސް ޔަރަސް ގެ ދެފައިގައި ހިފައި އާދޭސް ކުރުމަށް ކަކޫމައްޗަށް އިށީންނި އެވެ. އެއަށްފަހު ޔަރަސް ގެ ބޫޓްގައި ބޮސްދޭން ފެށި އެވެ. ޔަރަސް އަށް ތެޅިގަނެވުނެވެ.

“ތިކަން ހަމަ މިހާރު ހުއްޓާލާ ބިޝާރާ. ތީކީ އަހަރެންގެ އަޅެއް ނޫނެއްނު. ތީ އަހަރެންގެ ވާން އުޅޭ އަލަތު އަނބިމީހާއެއްނު. ހަމަ މިހާރުން މިހާރަށް ތެދުވޭ. އޭރުން އަހަރެން ތިކަމާ ގޮތެއް ވިސްނާނަން.” މިހެން ބުނަމުން އޭނާގެ މަންމައާއި ދިމާއަށް އެނބުރުނެވެ. “މަންމަ މިތަނުން މިވަގުތު އިހަށް ދޭ!” ޔާސްމީން ވަގުތުން އެތަނުން ނިކުންނަން ހިނގައިގަތެވެ. އެތަނުން ނިކުތުމުގެ ކުރިން ޔަރަސް އަށް ބަލައިލިއެވެ. އެ މަންމަގެ މޫނުންވެސް ފެންނަނީ އާދޭހުގެ އަސަރެވެ. މިއޮތް ހުރިހައި ދުވަހު، ގާތްގަނޑަކަށް ސާސްކަފެއް ވާންދެން ޔަރަސް އަށް ދަސްކޮށްދޭން އެ މަންމަ މަސައްކަތް ކުރަމުން އެ އަންނަނީ ހަމަ އެއްމެ ކަމެކެވެ. އިންސާނުން ދެކެ އެހާވަރަށް ރުޅިއައުން ހުއްޓާލުމަށެވެ. އިންސާނުންނަށް އެހާވަރަށް އަނިޔާވެރި ނުވުމަށެވެ. އެހެނަސް މިއަދުވެސް މި ފެންނަނީ މުޅި އިންސާނީ ދަރިފަސްކޮޅު ދެކެ އޭނާ ރުޅިއައިސްގެން އުޅޭތަނެވެ.

މަންމަ ނިކުމެގެން ދިއުމުން ޔަރަސް ގެ ސަމާލުކަން ބިޝާރާ އަށް ދިނެވެ. “ޕްލީޒް ތެދުވެފާނަންތަ؟” ޔަރަސް އަށް ބުނެވޭ އެއްމެ ލޯބިން ބުންޏެވެ. އާދޭހާއި އެކުގައެވެ. ބިޝާރާ ތެދުވި އެވެ. ވާން އުޅޭ ފިރިމީހާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. ބިޝާރާ ގެ އަތުގައި ހިފައިގެން ޔަރަސް ހިނގައިގަތެވެ. ލައިބްރަރީ އިން ނިކުމެގެން ގޮސް ވަނީ ސިޓިންގރޫމަށެވެ. ސޯފާ ގައި އިށީންނަމުން ކުރިމަތީގައި ހުރި ސޯފާގައި ބިޝާރާ އިށީންނުމަށް ބުންޏެވެ.

“އާނ. ދެން ބުނެބަލަ ބިޝާ ބޭނުންވެގެން ތިއުޅޭ ކަމެއް؟”

ޔަރަސް ގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ އަސަރެވެ. ބިޝާރާ ދެކެ އިންތިހާއަށް ރުޅިއައިސް ކޮންޓްރޯލުން ނައްޓައިގެން ހަމަ ދެންމެ ދެންމެ ހިނގައިދާނެ ގޮތަކަށް ކުރިން އުޅެވުމުން އެކަމާ ޔަރަސް އިނީ ދެރަވެފަ އެވެ.

އެއްޗެކޭ ބުނަން ބިޝާރާ އަނގަ ހުޅުވިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެވުނެވެ. އިރުކޮޅެއް ވާންދެން ޔަރަސް އަށް ބަލަން އިނުމަށްފަހު ވަރަށް އުދަގުލުން ވާހަކަ ދެއްކިއެވެ. “ކީއްވެ – ކީއްވެ އޭނައަށް – އަނިޔާ ކުރީ؟”

“ޕްލީޒް، ތި ވާހަކަ ފަހުން ދައްކަން މަޑުކޮށްލަފާނަންތަ؟”

“ކީއްވެގެން ހޭ!؟” ބިޝާރާ ގާތަށް ހަމަ ރަނގަޅަށްވެސް ރުޅި އާދެވިއްޖެ އެވެ. ބިޝާރާ ގެ ދެލޯ ބޮޑުކޮށްލި އެވެ.

“ތި ވައްތަރަށް މަށާ ވާހަކަ ދައްކަން ނޫޅޭތި ބިޝާރާ. ތީކީ އަހަރެން އެދޭ ގޮތެއް ނޫން.” އިރުކޮޅެއް ވާންދެން ބިޝާރާ އަށް ކަޅި އަޅާލި އެވެ. ބިރުންގޮސް ބިޝާރާ އަށް ހިންދިރުވައި ލެވުނެވެ. ޔަރަސް ހަމަޖެހިލި އެވެ.

“ހީނުކުރާތި މަގޭ އަތްބަކަށް ވާތީ މަށަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމު ނަގައިލެވޭނެ ކަމަށް. ސާފުވެއްޖެތަ؟ ސާހިބަކު ނޯކަރަކާއި ވާހަކަދައްކާ ގޮތަށް މަށާ މަގޭ އަނބިމީހާ ވާހަކަދެއްކުމަކަށް މަށެއް ނޭދެން. އަހަރެން ގެންގުޅޭ އަޅުންނާއި މެދު ކަލޭ ބުނަން ބޭނުންވާ އެއްޗެއް އޮތިއްޔާ އަވަހަށް އެ ވާހަކައެއް ބުނޭ! ކަލޭ އެދޭ ކަމަކަށް އަހަރެން އެއްބަސް ނުވިޔަސް، އެކަން ޤަބޫލުކުރަން ދަސްކުރޭ! އަހަރުމެންގެ ކައިވެންޏަށް ފަހު، އަހަރެން ކުރާ ކަންތައްތަކުން ބިޝާރާ އަށް ބާރު ނުފޯރުވޭނެ ހަމަ އެކަނި ކަމަކީ އެއީ. އެމީހުންނާ ބެހޭގޮތުން ސުވާލުކުރުމުގެ އެއްވެސް ޙައްޤެއް ކަލެއަކަށް ނޯންނާނެ. ސާފުވެއްޖެތަ؟”

ބިޝާރާ ގެ ޖަވާބެއް ނުލިބި އެތަކެއް ސިކުންތު ތަކެއް ފާއިތުވެ ދިޔައެވެ. އެނާ އިސްދަށަށް ޖަހާލައިގެން އެ އިންގޮތަށް އިނީ އެވެ. އެއްމެ ފަހުން އިސްއުފުލައި ބަލައިލި އެވެ. ޔަރަސް ގެ ލޮލަށެވެ. އޭރުވެސް ޔަރަސް އިނީ ކަޅިޖަހައިނުލާ ބިޝާރާ އަށް ބަލަހައްޓައިގެންނެވެ.

“ޔަރަސް، އައިއޭމް ސޮރީ. އަހަރެން ހަމައެކަނި-“

“ނޫން ބިޝާރާ. އަހަރެންގެ އަޅުންގެ ކަންތަކާ ބެހެން ނޫޅޭ!”

“އެކަމަކު މަޔޫރިކާ ގެ އޮތީ ކޮން ކުށެއް؟…. ޔަރަސް ބޭނުންވާ ހުރިހައި މަޢުލޫމާތެއް އޭނަ ދިނެއްނު! ޔަރަސް ނައްތައިލުމަށް އުޅުނު އެއްމެންގެ ދުވަސް ދުއްވައިލެވުނީވެސް ހަމަ އެ މަޔޫރިކާ ދިން މަޢުލޫމާތުގެ ސަބަބުންނެއްނު! މަޔޫރިކާ އެހީ ނުވިނަމަ މިއަދު ޔަރަސް އިންނާނީ އެމީހުންގެ އަތްދަށުވެފައެއްނު. އޭރުން އަހަރުމެން ދެމީހުންވެސް ތިބޭނީ އުމުރަށް ދުރުގައެއްނު! ޔަރަސް، އެ އަންހެން ކުއްޖާ އެހީވީކީ ހަމަ އެކަނި ޔަރަސް އަށް އެކަންޏެއް ނޫނެއްނު. އެކުއްޖާ އަހަންނަށްވެސް އެ ވީ ކިހާބޮޑު އެހީތެރިކަމެއް!!!؟

ޔަރަސް ފުންނޭވާ އެއް ދޫކޮށްލި އެވެ. ބިޝާރާ ދެއްކި ވާހަކަތަކަށް ވިސްނާލި އެވެ. ބިޝާރާ އެބުނީ ވަރަށްބޮޑު ތެދެކެވެ. މަޔޫރިކާ އެ ސަލާމަތްކޮށްދިނީ އެ ދެމީހުންނެވެ. އެމީހުންގެ ލޯތްބެވެ. އެމީހުންގެ ވާން އުޅޭ ކައިވެންޏެވެ. ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާ އިން ސަލާމަތް ވުމަށް މަގުފަހިކޮށްދިނީ މަޔޫރިކާ އެވެ.

“އާން، ބިޝާރާ ތިބުނީ ތެދެއް. އެކުއްޖާ އެ ސަލާމަތްކޮށްދިނީ އަހަރެމެން ދެމީހުން.” އެއްމެފަހުން ޔަރަސް އެއްބަސްވި އެވެ.

“އެހެންވީމަ އެކުއްޖާ މަރައެއް ނުލާނަން ދޯ؟” އުއްމީދާއި އެކު ބިޝާރާ ސުވާލުކުރި އެވެ.

“ބިޝާރާ ތިގޮތަށް އެދެންޏާ އޭނަ މަރައެއް ނުލާނަން.” ސޯފާއިން ތެދުވެގެން ގޮސް ބިޝާރާ އާއި ނުހަނު ގާތުގައި އިށީންނަމުން ބުންޏެވެ. ބިޝާރާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. “އެކަމަކު ބުނެބަލަ، ކީއްވެގެންތަ އެކުއްޖާ އެ ތަނުގަ ދިރިއުޅެން ދޫކޮށްލަން ތި ބުނަނީ؟ އެތަން އޮތްގޮތް ބިޝާރާ އަށްވެސް ފެނިއްޖެއެއްނު؟”

“އަހަރެން ޔަރަސް ގެ ކިބައިން ކަމަކަށް އެދެން ބޭނުން. އެއްމެ ރަނގަޅުތަ؟” ބިޝާރާ އެދެން ބޭނުންވާ އެދުން ހާމަކުރުމަށް ފަސްޖެހެމުން ބުންޏެވެ.

“އާން. ކީއްވެ ނޭދެވެންވީކީ.” ކަޅިޖަހައި ނުލާ ބިޝާރާ އަށް ބަލަމުން ޔަރަސް ބުންޏެވެ. އެއީ މަޑު އަޅިކުލައިގެ ލޮލެކެވެ. އެ ލޮލުގައި ހުންނަ އޮފުކަން ވަނީ ފަނޑުވެފަ އެވެ. ވީ އެއްމެ އަވަހަކަށް ކޮންމެވެސް މީހެއްގެ ގައިން ލޭ ބޯން ޖެހިފައިވާކަން އެ ދެލޮލުން ބުނެދެއެވެ.

ބީޝާރާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ވައި އަޑުން ޔަރަސް އާއި ވާހަކަދައްކަން ފެށި އެވެ. “އަހަރެން – މީ …. ބޭނުންވޭ ނޯކަރެއް – މި ބުނީ މަގޭ ޕްރައިވެޓް ސަރވަންޓެއް.”

“ސާރވަންޓެއް؟ …. އަހަރެން މިހުރީނު!” ސަމާސާ ރާގަކަށް ޔަރަސް ބުންޏެވެ.

“ދެން ސީރިއަސްވެބަލަ. ސަރަވަންޓެއް އަހަރެން ބޭނުމީ. މަގޭ ސަރވަންޓަކަށް އަހަރެން ބޭނުމީ މަޔޫރިކާ.” ނުބުނެވިގެން އުޅުނު ވާހަކަ އެއްމެފަހުން ބިޝާރާ ބުންޏެވެ. ޔަރަސް ރުޅި އަންނާނެ ކަމަށް ބިޝާރާ އަށް ހީކުރެވުނެވެ. ނަމަވެސް ޔަރަސް ރުޅިއެއް ނާދެ އެވެ. “އޭނައަށް ފެނުނެއްނު ޔަރަސް އަށް ލިބިފަވާ ބާރު. މަށަށް ހަމަ ޔަޤީން އޭނަ ޔަރަސް އަށް ޤައްދާރު ނުވާނެކަން. އެއީ އެއަށްވުރެން މާ މައުސޫމް ކުއްޖެއް. މަށަށް ހަމަ ޔަޤީން އޭނަ އަހަރުމެންނަށް ވަރަށް ވަފާތެރިވާނެކަން.”

ނުނިމޭ

އެއްހާސް އަހަރު – 38

“ދެން ސީރިއަސްވެބަލަ. އަހަރެން ބޭނުމީ ސަރވަންޓެކޭ . މަގޭ ސަރވަންޓަކަށް އަހަރެން ބޭނުމީ މަޔޫރިކާ.” ނުބުނެވިގެން އުޅުނު ވާހަކަ އެއްމެފަހުން ބިޝާރާ ބުންޏެވެ. ޔަރަސް ރުޅި އަންނާނެ ކަމަށް ބިޝާރާ އަށް ހީކުރެވުނެވެ. ނަމަވެސް ޔަރަސް ރުޅިއެއް ނައެވެ. “އޭނައަށް ފެނުނެއްނު ޔަރަސް އަށް ލިބިފަވާ ބާރު. މަށަށް ހަމަ ޔަޤީން އޭނަ ޔަރަސް އަށް ޤައްދާރު ނުވާނެކަން. އެއީ އެއަށްވުރެން މާ މައުސޫމް ކުއްޖެއް. މަށަށް ހަމަ ޔަޤީން އޭނަ އަހަރުމެންނަށް ވަރަށް ވަފާތެރިވާނެކަން.”

“ހޫމް…. ތިކަމާ އަހަރެން ޖެހޭނީ ވިސްނާލަން.”

“މިކަން ކޮށްދީފިއްޔާ އަހަރެން ވަރަށް އުފާވާނެ!” ޔަރަސް ދެކޮޅު ނުހަދައި އެކަމާ ވިސްނާނެ ކަމަށް ބުނުމުން ބިޝާރާ އުފަލުން ފޮޅުނެވެ.

ބިޝާރާ އުފާކޮށްދިނުމަކީ އެހެން ހުރިހައި ކަމަކަށްވުރެވެސް ބޮޑަށް ޔަރަސް ބޭނުން ކަމެކެވެ. ޔަރަސް ތެދުވި އެވެ. ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އައުމަށް ބިޝާރާ އަށްވެސް އަތުން އިޝާރާތް ކޮށްލި އެވެ. ބިޝާރާ ގޮވައިގެން ދިޔައީ ބެލްކަންޏަށެވެ. ޔަރަސް ގެ ދެ އަތުން ބިޝާރާ ގެ ކޮނޑުގައި ވަރަށް ލޯބިން ހިފާލި އެވެ. ޔަރަސް އާއި ހަތަރުކަޅި ހަމަވާނޭހެން ކުރިމަތީގައި ބެހެއްޓި އެވެ. ޔަރަސް ގެ ނަޒަރު ހުއްޓާލީ ބިޝާރާ ގެ ލޮލަށެވެ.

“އަދިވެސް އަހަރެން ދެކެ ބިރު ގަނޭތަ؟” ޔަރަސް ގެ އަޑު އޮމާން ވެފައި މައިތިރި އެވެ. ބިޝާރާ ޖަވާބެއް ނުދީ މަޑުކޮށްލި އެވެ. ޔަރަސް ކުރި ސުވާލުގެ ގޮތުންނެވެ. ނަމަވެސް ބިޝާރާ ޖަވާބު ދިނީ ސާދާސީދާ ކޮށެވެ.

“ބިރުގަތުމަކީ އިޙްތިރާމު ކުރުންކަމަށް ވާނަ ތި ސުވާލުގެ ޖަވާބަކީ އާނއެކޭ.” އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލުމަށްފަހު އަނެއްކާވެސް ފެށިއެވެ. “އެކަމަކުވެސް ޔަރަސް ދެކެ އަހަރެން ބިރުގަންނަން ޖެހޭ ބައިވަރު ކަންތައްތައްވެސް އެބަހުރި. އެހެން އެވަނީ ތީ ވޭމްޕަޔަރަކަށް ވެފައި އަހަންނަކީ އިންސާނަކަށް ވާތީ. ޔަރަސް ބޭނުންނަމަ މިހާރުވެސް ވަރަށް ފަސޭހައިން އަހަރެން މަރައިލެވިދާނެ.”

“ބިޝާރާ އަށް އަދި އެނގިފައި ނުވާ ކަމެއް ކިޔައިދެންތަ!؟ އަހަރެން ލޯބިވާ އެއްވެސް މީހަކު ނުމަރާނަން. އަދި މީގެ ކުރިން މާރަފައެއްވެސް ނޯންނާނެ. މިއީ ތެދެއްކަން ޔަޤީންކުރަން އޯކޭ މަންމަ ކައިރީގަ އެހިޔަސް. މީގެ ކުރިންވެސް އެތައް ފަހަރަކު އަހަރެން މަންމަ ދެކެ އެތައް ފަހަރަކު ވަރަށް ބޮޑަށް ރުޅި އާދެވިފަވަނީ. އެކަމަކުވެސް މަންމަ އަށް އެނގޭނެ އަހަރެން މަންމައަށް އެއްވެސް ގޯނާ އެއް ނުކުރާނެކަން. އެހެންވީމަ ހަމަ އެގޮތް އޮންނާނީ ބިޝާރާ އަށްވެސް. އެހެންވީމަ އަހަރެންދެކެ ބިޝާރާ ބިރުގަންނާކަށް އަހަރެން ނޭދެން. އަހަރެންގެ އަނބިމީހާ އަކީ އަހަރެންދެކެ ބިރުގަންނަ މީހަކަށް ވާކަށް އަހަރެން ނޭދެން.” ބީޝާރާ ގެ ކަނދުރާ ދޮށުން، އިސްތަށިގަނޑާއި ކުޅެން ފެށިއެވެ. ގަޔާއި ކައިރިކޮށްލި އެވެ. “އެހެންވީމަ މަޔޫރިކާ އާއި ބެހޭގޮތުން ތި ދެއްކި ވާހަކަތަކާއިމެދު އަހަރެން ވިސްނާނަން. އެކަމަކުވެސް ތިކަން ހަމަޖެހޭނެ ކަމަށް މިވަގުތު ވަޢުދެއް ނުވެވޭނެ.”

“އޭނަ ދެކެ އަދިވެސް ޔަރަސް ބިރުގަނޭ ދޯ!” ޙަޤީޤަތެއް އެނގުމުން މޫނަށް އަންނަ ޒާތުގެ އުޖާލާ ކަމެއް ބިޝާރާ ގެ މޫނަށް އައެވެ.

ޔަރަސް ވަރަށް ބާރަށް ހީގަތެވެ. “ކީކޭ؟ އޭނަ ދެކެ ބިރުގަނެޔޭ؟ ކީއްވެ އަހަރެން އެ މަޔޫރިކާ ދެކެ ބިރުގަންނަން ވީކީ؟ އެއީ އެއްމެ ދަށު ދަރަޖައިގެ އަޅު އިންސާނެއްނު. އަހަރެން ބޭނުންނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އޭނަ ނައްތާލަފާނަން.”

“ޔަރަސް ބިރުގަންނަނީ އޭނަ ޔަރަސް އާއިމެދު ނުބައި ރޭވުމެއް ރާވަފާނެތީ. އަޅެ ނޫންތަ؟”

ބިޝާރާ އެ ބުނި ހެއްވާ އެއްޗަކުން ޔަރަސް އަނެއްކާވެސް ހޭންފެށި އެވެ. “ތިޔެއް އެންމެ ބޮޑަށް އެނގޭނީ ހަމަ އޭނައަށްދޯ. އެހެން ނޫނަސް އޭނަގެ ފިރިމީހާގެ އަނިޔާވެރި ވަކިތަކުން އޭނަ ސަލާމަތް ކޮށްދިނީ މަށެއްނު. އެހެންވީމަ މަށަށް ހީވަނީ އޭނަހެން ޖެހޭނީ މަށަށް ޝުކުރު އަދާކުރަން.”

“ޔަރަސް އޭނަ ސަލާމަތް ކޮށްދިނީމަ ދޯ އެ ބިންގަރާހަށް ލައިގެން ތި އުޅެނީ. ވާއޯހ. ހާދަ ރަނގަޅޭ ދޯ މަގޭ ޔަރަސް!!” ޖެއްސުމުގެ ގޮތުން ބިޝާރާ ބުންޏެވެ.

“އެއްމެ ރަނގަޅޭ ޖެއްސުން ނުކުރިޔަސް.” ބިޝާރާ ގެ ދަތްދޮޅި ދަށަށް އަތް ލައްވާލަމުން ބިޝާރާ ގެ މޫނު، އޭނާ ގެ މޫނާއި ކައިރި ކޮށްލި އެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ހުސް ތަންކޮޅެއް ނުވާހާ ކައިރިއަށެވެ.

“މަގޭ ބިޝާ….. އުހުނ، މަގޭ ބިޝް އެދުނުގޮތަށް އޭނަ ބަހައްޓާނީ ބިޝް ގެ ޚިދުމަތުގަ. އެކަމަކުވެސް އޭނަ ހުންނާނީ މަގޭ އަމުރު މަޢުރޫފް ހިނގާ ގޮތަށް. އަދިވެސް އެއްފަހަރު ހަނދާންކޮށްލަދޭނަން…. އަހަރެމެންގެ ކައިވެންޏަށް ފަހު، މަގޭ ކޮންމެ އެއްޗަކީވެސް ހަމަ ބިޝް ގެ އެއްޗެއް. އެކަމަކު މަގޭ ނޯކަރުން ފިޔަވައި އިނގޭ. މިގޮތް އޯކޭތަ؟” ޔަރަސް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

ބިޝާރާ އެއްޗެއް ނުބުނެއެވެ. ޔަރަސް އެ ބުނި އެއްޗެއްގެ މާނައާއި މަޤުޞަދު ރަނގަޅަށް އެނގޭތީ އެވެ. އެއީ އޭނާގެ އަޅުންނަށް ބޭނުން އިރަކު، ބޭނުން ކަމެއް ކޮށްލުމުގެ ބާރު ޔަރަސް ގެ އަތުގައި ބާއްވަން ބޭނުންވާކަމެވެ. އެ ގޮތަކީ އަޅުންގެ ގޮތުގައި ތިބި މީހުން އެދޭނެ ގޮތެއް ނޫނެވެ. އެހެން ނަމަވެސް ބިޝާރާ އެދުނުގޮތަށް، އޭނާގެ ޚާދިމާއަކަށް މަޔޫރިކާ ހަމަޖައްސައިދޭނެ ކަމަށް ޔަރަސް އެވަނީ ބުނެފަ އެވެ. އެކަމާ އޭނާ އުފާ ކުރެއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ. އާނ ތިއެއްނޫނޭ، ޔަރަސް އައިމަ އަހަރެން މިހުރީ ވަރަށް އުފަލުން. މަށަށް ހީވަނީ ކުރިން މަ މިހެންބުނި އަޑު ޔަރަސް އަށް ނުވެސް އިވޭހެން. ދެން ކޮން ބިޝް އެކޭ ކިޔާކަށް!!” ތުއި ވެލަމުން ބިޝާރާ ބުންޏެވެ.

“ނޫނޭ، އެފަހަރުވެސް އަހަންނަށް އިވުނު. ދެން ބިޝް އަށް އެ ކުއްޖާގަނޑު ގެނެސްދޭން އަހަރެން ދިޔަ ދީބަލަ! އޭނަ ގެންނަން ޖެހޭނީ ކޮންމެވެސް ބާންދީ އެއް ލައްވައި އޭނަ ފެންވަރުވާ ސާފުވެސް ކޮށްގެންނު. ކިހާ ބޮޑުކަމެއް ބިޝް. ބިޝް ގެ ޖާދޫގަ އަހަރެން ހަމަ ރަނގަޅަށްވެސް ޖެހިއްޖެ އިނގޭ.” ހިނިގަނޑަކާއެކު މިހެން ބުނަމުން ޔަރަސް ހިނގައްޖެ އެވެ.

އަތުގެ ބަނޑުފުށްހައި ފަރިތަކޮށް ޔަރަސް ދަންނަ ބިންގަރާހަށް ފޭބި އެވެ. މާގިނައިރު ތަކެއް ނުވެ މަޔޫރިކާ ހުރި ހިސާބަށް އޭނާއަށް ދެވިއްޖެ އެވެ. އަތުގައި އޮތް ދަންމަރުން މަޔޫރިކާ އޮތް ގޮޅީގެ ތެރެއަށް އަލިކޮށްލި އެވެ. މަޔޫރިކާ ލައިގެން ހުރި ހެދުން އޮތީ ދާވެ ތަތްތެޅިފަ އެވެ. އެއީ މަޔޫރިކާ އަތުލައިގަނެވުނު އިރުވެސް ލައިގެން ހުރި ހެދުމެވެ. ބޮލުގެ އިސްތަށިގަނޑުވެސް އޮތީ މުޅިން ދާވެ، ގޮށްޖެހިފަ އެވެ. މޫނާއި އަތާއި މުޅި ގައިގައި ކިލަޔާއި ހިކިފައިހުރި ލޭ ހުއްޓެވެ. މަޔޫރިކާ ގެ ހަށިގަނޑު ވަނީ މިލާ މޯލިވެފައެވެ. އޭނާގެ ނޭވާ ހިނގުން އަވަސްވެފައި ކުރެވެ. އޭނާ ބަލިވެ އުޅެނީ ނޫންބާއޭ ޔަރަސް ގެ ހިތަށް އެރިއެވެ. ނޫނީ ކަރުހިކިގެން ވާގޮތެއް ނޫންބާއޭ ވެސް ހިތަށް އެރިއެވެ. ކުރުގެޅިގެން ނިދާފައި އޮތް މަޔޫރިކާ ގެ ހާލު ފެނިފައި ޔަރަސް ގެ ހިތުގައި ފުރަތަމަ ފަހަރަށް ހަމްދަރުދީގެ ޝުޢޫރެއް ހިނގައިލި އެވެ. އެ ކުޑަކުޑަ އިންސާނާ އަކީ ޔަރަސް ސަލާމަތް ކޮށްދިން މީހާ އެވެ. އެކަމަކު މިއަދު އޭނާ އެއޮތީ ކޮންފަދަ ހާލެއްގައި ހެއްޔެވެ!

‘މިގޮތަށް އަހަރެން ބަންދުކޮށްފައި އޮވެއްޖެއްޔާ އަހަރެންގެ މަންމަ އާއި ބިޝާރާ ހިތަށް އަރާނީ ކީކޭބާ!؟؟ އޭރުން އެމީހުންނަށް ވާނީ ކިހިނެތްބާ!!؟؟ އޭރުން ބިޝާރާ ގެ ހިތް ފަޅައިގެންގޮސް މަރުވާނެ! މައި ލަނގޮޑިއަށް ކެތްނުކުރެވޭ ހާލުގަ މަންމަ މުޅި އުމުރު ހޭދަކޮށްލަން ޖެހޭނެ!’ ޔަރަސް އަށް އިންސާނީ ވިސްނުމުން ވިސްނޭން ފެށި އެވެ.

“މަޔޫރިކާ؟” ނިދާފައި އޮތް މަޔޫރިކާ ފުރޮޅިލި ވަގުތު ޔަރަސް ގޮވައިލި އެވެ. “މަޔޫރިކާ؟ ތެދުވެބަލަ.”

މަޑުމަޑުން މަޔޫރިކާ އަށް ހޭލެވިއްޖެ އެވެ. އިވެމުންދާ އަޑު އަންނަ ދިމާއެއް ހޯދުމަށް ވަށައިގެން ބަލަން ފެށި އެވެ. ކައިރީގައި ޔަރަސް ހުރިތަން ފެނިފައި މަޔޫރިކާ އަށް ތެޅިގަނެވުނެވެ. ގޮޅީގެ އެއްމެ ފަހަތަށް ޖެހިލެވުނެވެ. މާނޭވާ ލަމުން ކުކުރަން ފެށި އެވެ.

“އަހަރެން މިތަނަށް މިއައީކީ ކަލެޔަށް އަނިޔާކުރާކަށް ނޫން. ކުރިން އަހަންނަށް ކަންތައް ކުރެވުނު ގޮތާއިމެދު އަހަރެން މަޢާފަށް އެދެން. އަހަރެން މިއަދު މިއައީ މަޔޫރިކާ ކޮށްދިން ހެޔޮކަމަށްޓަކައި ހަދިޔާއެއް ދޭން.”

މަޔޫރިކާ ގެ އަޑު ވަނީ ކުރަކިވެފަ އެވެ. ކަރުތެރެ ހިކިގެން ގޮސް އަޑު ބެދިފަ އެވެ. “އަހަރެން މަރާލަން ދޯ؟” ވަޅުވަދެފައިވާ މަޔޫރިކާ ގެ ދެލޯ ހުރީ ބޮޑުވެފައެވެ. “ވަރަށް ތަދުވާނެތަ؟ ވަރަށް އަނިޔާވެރިކޮށްތަ އަހަރެންވެސް މަރާލާނީ؟”

“ނޫން. އެއްވެސް ތަދެއް ނުވާނެ. މިބުނީނު އަހަރެން މިއައީކީ މަޔޫރިކާ މަރާލާކަށް ނޫނޭ. އަހަރެން މިއައީ އަހަރެންގެ ވާން އުޅޭ އަނބިމީހާ ގެ ބާންދީ އަކަށް މަޔޫރިކާ ހަމަޖައްސަން.”

މަޔޫރިކާ ގެ މޫނު އުފަލުން ފޮޅުނެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޔަރަސް ހިތްހަމަ ނުޖެހޭ ޒާތުގެ އެއްޗެއް ބުނެވިދާނެތީ އެވެ. އޭނާ ރުޅިއައިސްގެން ޚިޔާލު ބަދަލުކޮށްލަފާނެ ކަމުގެ ބިރު ހީވާތީ އެވެ. އެހެންކަމުން މަޔޫރިކާ ހިނިތުންވެލައިގެން އިނީ އެވެ.

މަޔޫރިކާ އޮތް ގޮޅީގެ ތަޅުހުޅުވައި ގޮޅިތެރެއަށް ޔަރަސް ވަނެވެ. “ދެންވެސް އަވަހާ މިތަނުން ނިކުންނަން ހިނގާ. ކަލޭ ފެންވަރާ ސާފުތާހިރުވެ، ރަނގަޅަށް ކާންވެސް އެބަޖެހޭ. ބިޝާރާ ކައިރިއަށް ގެންދިޔައިމަ އޭނަ ބުނެދޭނެ މަޔޫރިކާ ކުރަން ޖެހޭ ކަންތައްތައް. އެއަށްފަހު، އަހަރެން ބުނަން ބޭނުންވާ ވާހަކަތައް ބުނެދޭނަން.” މަޔޫރިކާ ގެ ކުރަކިވެ ހިކިފައިވާ އަތުގައި ހިފަމުން ގޮޅިން ބޭރަށް ހިނގައިގަތެވެ. “މަޔޫރިކާ އަށް ހަވާލުކުރަން މިއުޅެނީ ދާއިމީ އެހެނަސް ވަގުތީ ވަޒީފާ އެއް. ކަލޭ ގޯސްވެއްޖެއްޔާ …… ނޫނީ ބިޝާރާ ނުވަތަ އަހަރެން ރުޅިއަރުވާލައިފިއްޔާ ކަލޭގެ ދުވަސް ދިޔައީ. އޭރުން އަނެއްކާވެސް ކަލޭ އައިސް އިންނަން ޖެހޭނީ ހަމަ މި ގޮޅީގަ.” ފަސް އެނބުރެމުން މަޔޫރިކާ ގެ މޫނަށް ބަލައިލި އެވެ. “ބިޝާރާ އަށް އެހީތެރިވާން ހަމަޖެއްސިޔަސް ކަލޭ ހުންނާނީ އަހަރެންގެ އަޅެއްގެ ގޮތުގަ. އަހަންނަށް ޖަވާބުދާރީވާން ޖެހޭނެ. ސާފުވެއްޖެތަ؟”

މަޔޫރިކާ ބޯ ޖަހައިލަމުން އާނއެކޭ ބުންޏެވެ. ޔަރަސް އެ ދިނީ ވަރުގަދަ އިންޒާރެއްކަން އޭނާއަށް ފަހުމްވި އެވެ.

ގަޑިއެއްހައި އިރު ފަހެވެ. ޔަރަސް ގެ ކުއާޓަރ އަށް މަޔޫރިކާ ގޮވައިގެން ގޮސް ވަދެއްޖެ އެވެ. އޭރު މަޔޫރިކާ ހުރީ ފެންވަރާ ސާފުތާހިރުވެގެން ނެވެ. ތެމިފައިއޮތް އިސްތަށިގަނޑުގައި ހުރީ ފުނާވެސް އަޅާފަ އެވެ. އެ އިސްތަށިގަނޑުން އޭރުވެސް ޝޭމްޕޫ ގެ ވަސް ދުވަމުން ދިޔައެވެ. އޭނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ހެދުމެކެވެ. އެއީ އެގޭގައި ގެންގުޅޭ ހުރިހައި ނޯކަރުންނާއި ބާންދީންގެ ރަސްމީ ޔުނިފޯމު ހެދުމެވެ. ޔަރަސް ހުރީ މަޔޫރިކާ ގެ ކޮނޑުގައި އަތް ބާއްވާލައިގެންނެވެ. އެމީހުން ހިނގަމުން ދިޔައީ ސިޓިންގރޫމާއި ދިމާއަށެވެ. އޭރު ސިޓިންގރޫމް ގައި ބިޝާރާ އިނެވެ. މަޑުމަޑު ކުލައެއް ލާފައިވާ އެ ސިޓިންގރޫމް ގެ ކުލައާއި ޔަރަސް ގެ ހަންގަނޑުގައި ހުރި ކުލަ އާއި ދާދި އެއްގޮތެވެ. މިއަދުވެސް ޔަރަސް ލައިގެން ހުރީ ކަޅުކުލައިގެ ޖެކެޓެކެވެ.

“މަޔޫރިކާ،” ބިޝާރާ އަށް އަޑު ނީވޭހައި މަޑުމަޑުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. “ނަމަނަމަ ބިޝާރާ އަށް ބޯނުލަނބައި ނޫޅޭތި. ބިޝާރާ ދެރަވެ ހިތުޖެހޭ ފަދަ އެއްވެސް ކަމެއް ނުކުރާތި. ހަމަ އެގޮތަށް މަށާދޭތެރޭވެސް ޢަމަލުތައް ބަހައްޓާތި. މި ހުރިހައި ކަމަކަށްވުރެންވެސް ބޮޑަށް ހަނދާނުގަ ބަހައްޓާތި ކަލެޔަށް ބާރުހިންގޭނެ ހަމައެކަނި މީހަކީ އަހަރެންކަން. ކަލޭ އޮޅިގެންވެސް މިބުނި ކަންތައްތަކާ ޚިލާފު ވެއްޖެއްޔާ އަހަރެން ކުޑަކޮށްވެސް ފަސްނުޖެހޭނަން، ކަލޭގެ ހަށިގަނޑުގަ ދައުރުވަމުންދާ މަދުމަދު ލޭފޮދު އެއްކޮށް ބޮއެ ހުސްކޮށްލާކަށްވެސް. ސާފުވެއްޖެތަ މަޔޫރިކާ؟”

ފުރާއުމުރު އެ އަންހެންކުއްޖާ އަނެއްކާވެސް ބޯ ޖަހައިލި އެވެ. އެހެން ހުރިހައި ކަމަކަށްވުރެންވެސް އޭނާ ބިރުގަންނަނީ ޔަރަސް އެބުނިގޮތަށް ލޭބޮއެ މަރާލަފަނެތީ އެވެ. ބިންގަރާހުގައި ހޭދަކުރި މުއްދަތުގައި އޭނާ އަށް ވަނީ ލައްކަ ގިނަ އަޑުތައް އިވިފަ އެވެ. ބިންގަރާހުގައި ތިބޭ ގައިދީންގެ ގައިން ލޭ ބޯއިރު، އެ އިވޭ ވޭނީ ރުއިމުގެ އަޑުތަކެވެ. ސަލާމަތަށް އެދި ކުރާ އާދޭހުގެ އަޑެވެ.

މަޔޫރިކާ ގެ ބުރަކަށީގައި އަތް ޖައްސާލައި ބިޝާރާ އާއި ދިމާއަށް މަޑުމަޑުން ކޮށްޕާލިއެވެ. “މިހިރީ ބިޝް ގެ ޕަރސަނަލް ސްލޭވް. އުއްމީދުކުރަން ބިޝް އަށް ރަނގަޅަށް ޚިދުމަތް ކުރުމުގަ މީނަ ދެމިހުންނާނެ ކަމަށް. އެހެން ނުވެއްޖެއްޔާ – “

“ޔަރަސް، މަށަށް އެނގެޔޭ ޔަރަސް ބުނަން ތިއުޅެނީ ކީކޭކަން.” ބިޝާރާ ތެދުވެގެން ގޮސް މަޔޫރިކާ ގެ އަތުގައި ހިފިއެވެ. “ޔަރަސް ގެ ތި އޯގާތެރިކަމަށްޓަކައި ވަރަށް އުފަލާއެކު ޝުކުރުއަދާކުރަން.”

“އަހަރެން އެބަޖެހޭ ބުރެއް ޖަހައިލަން ދާން.” ބިޝާރާ ގެ ތުންފަތުގައި ޔަރަސް ގެ ތުންފަތް ޖައްސައިލަމުން ބުންޏެވެ. މަޔޫރިކާ އާއި ދިމާއަށް ބަލައިލަމުން އެތަނުން ނިކުމެގެން ހިނގައްޖެ އެވެ.

ޔަރަސް ދިއުމުން، ބިޝާރާ އާއި ދިމާއަށް މަޔޫރިކާ ރަނގަޅަށް ބަލައިލި އެވެ. “ކީއްވެތަ އޭނަ އަހަރެންދެކެ އެހާބޮޑަށް ރުޅި އަންނަނީ؟” ފީ އަޑަކުން މަޔޫރިކާ ސުވާލުކުރި އެވެ. “ބިޝާރާ ވެސް ވޭމްޕަޔަރަކަށް ވުމުން އަހަރެންދެކެ ހަމަ އެވަރަށް ރުޅިއަންނާނަންތަ؟”

“ނޫން. ރުޅިއެއް ނާންނާނަން.” އޯގާތެރި ހިނިތުންވުމަކާއި އެކު ބިޝާރާ ޖަވާބުދިނެވެ. “ހުރިހައި ވޭމްޕަޔަރުންނަކީ ގޯސް ބައެއް ނޫން. ޔަރަސް އަކީވެސް ގޯސް މީހެއް ނޫން. އޭނާގެ ގައިގަ ރަނގަޅު، މާތް އެތައް ސިފަތަކެއް އެބަހުރި. ޤަބޫލުކުރަންވެސް ދަތިދޯ!”

އެތަނަށް ވަދެގެން އައީ ޔާސްމީން އެވެ.

“އަހަރެން މިއައީ މަޔޫރިކާ ގެ މަސްއޫލިއްޔަތުތައް އޮޅުންފިލުވައިދޭން.” ހިކި ކަށަކޮޅެއްހެން ހުރި މަޔޫރިކާ ގެ ކުރިމައްޗަށް އައިސް ހުއްޓެމުން ޔާސްމީން އައި ބޭނުން ބުންޏެވެ. “ނިކަން ބަލާބަލަ އެ ހުރިހައި ކިލާތަކެއް ދިއުމުން މިހާރު ލޯބިކަން! …….. މަޔޫރިކާ އަށް ކުރަން އެނގެނީ ކޮން މަސައްކަތްތަކެއްތަ؟”

“ކައްކަން އެނގޭ…. ސާފުކުރަންވެސް އެނގޭނެ، ދެން ފަހަންވެސް އެނގޭ އަޅުގަނޑަށް.” ޔާސްމީން އާއި ދިމާއަށް ބަލައިވެސް ނުލާހުރެ މަޔޫރިކާ ޖަވަބު ދިނެވެ. ޔަރަސް ގެ މަންމަ އަށް ބޭއަދަބީ ވެވިދާނެކަމުގެ ބިރު ހީވާތީ އެވެ.

‘އެހެންވެއްޖެއްޔާ ބިޝާރާ އާއި ޔަރަސް އަށް ލުއިކާނާއާއި ލުއި ބުއިންތައް ގަޑިންގަޑިޔަށް ތައްޔާރުކުރުމުގެ ޒިންމާ އޮތީ ކޮއެފުޅަށް. ބޭނުންވާ ހުރިހައި އެއްޗެއް ހަމަތޯ ބިޝާރާ ބަލަމުންދާނެ. ބޭނުންކުރާނީ މި ކުއަރޓަރުގެ ބަދިގެ. އެ ދެމީހުންގެ އަންނައުނު ދޮވެ އިސްތިރިކުރުމާއި އެނދު ތަންމަތިއެޅުންވެސް ބަލަހައްޓަންވާނެ. ބަދިގޭގެ ވަލުދޮރާއި ކައިރީގަ ހުންނާނެ ލޯންޑްރީ. އަދި ބުނަން، މި މުޅި ކުއާޓަރުވެސް ފޮޅައި ސާފުކޮށް ބަލަހައްޓަންވާނެ. ބިޝާރާ އައު ހެދުމެއް ފަހަން ބޭނުންވިޔަސް ހެދުންވެސް ފަހާލެވޭނެދޯ؟”

“އާދެ.”

“ތިވަރަށް އާދެ ލައްބަ ނުކިޔަބަލަ. … ހޫމް ދެން ކޮންކަމެއްތަ؟ ….. އާނ … މީ …. ތުއްތުކުދިން ގެންގުޅެން އެނގޭނެތަ؟”

“ތިކަންވެސް ވަރަށް ރަނގަޅަށް ކުރަން އެނގޭނެ. ތުއްތުކުދިންދެކެ އަޅުގަނޑު ވަރަށް ލޯބިވޭ. މިގޭގަ ކުދިން އެބައުޅޭތޯ؟

“އާނ.”

އެމީހުންކައިރިއަށް އައިސް ހުއްޓެމުން ޔަރަސް ބުންޏެވެ. ބިޝާރާ އިނީ ވާނުވާ ނޭނގިފައެވެ. އެހެނަސް ޔަރަސް ގެ އަތްބަކަށް ވުމަށްފަހު ދަރިން ލިބުމުން އާޔާ އެއް ބޭނުންވާނެކަން އޭނާއަށްވެސް އެނގެއެވެ.

“މިބުނީ އަހަރުމެންނަށް ދަރިން ލިބުމުން ތުއްތުކުދިން ތިބޭނެވާހަކަ!” ހައިރާންވެފައި އިން ބިޝާރާ އަށް ލޯ އަޅައިލަމުން ޔަރަސް ބުންޏެވެ.

“އަހަންނާއެކު ބަގީޗާ ތެރޭގަ ހިނގާލަން ދިއުމާ، ބެލަކްނީގަ ތިބެ ސައިބުއިމާ، ޖޮގިންގ އަށްވެސް މަށާއެކީ ދާންވާނެ!” ބިޝާރާ ބޭނުންވާ ކަންތައްތައްވެސް މަޔޫރިކާ އަށް ބުނެދިނެވެ.

މަޔޫރިކާ އުފަލުން ފޮޅުނެވެ. އެއްމެފަހުން އޭނާ އެއްމެ ކުޑައިރުންސުރެން އުއްމީދުކުރަމުން އައިފަދަ އުފާވެރި ދިރިއުޅުމެއްގެ އުއްމީދީ ދޯދިތަކުގެ އަލިކަން ފެންނަން ފެށިއެވެ. ދެން އިތުރަކަށް ގަނަތެޅޭކަށް ނުޖެހޭނެއެވެ. ނުކައި ބަނޑަށް ހުންނާކަށްވެސް ނުޖެހޭނެއެވެ. އޭނާގެ ނުބައިނުލަފާ ފިރިމީހާގެ ރައްޓެހިންގެ ޖިންސީ ޣިޒާ ފުއްދަން ގެންގުޅޭ ކަޝްބީ އަންހެންކުއްޖެއްގެ ގޮތުގައި އުޅޭކަށް ނުޖެހޭނެ އެވެ.

ބިޝާރާ ބުނި އެއްޗަކުން ޔަރަސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ބިޝާރާ އާއި ކައިރިއަށް ޖެހިލަމުން ވައި އަޑުން ވާހަކަދައްކަން ފެށިއެވެ. “އެއީ ނޯކަރެކޭ، އެއީކީ ރައްޓެއްސެއް ނޫނޭ..” ޔަރަސް މިހެން ބުނިއަޑު މަޔޫރިކާ އަށް އިވުނުކަން ބިޝާރާ އަށް އެނގުނެވެ.

” ޔަރަސް އެހެން ބުންޏަސް އަހަރުން ވާނެ ވަރަށް މަޖާކޮށްލަން؟” އެތަނުން ޔަރަސް ނިކުމެގެން ދިއުމުން މަޔޫރިކާ ގެ ކަންފަތް ދޮށުގައި ވައިއަޑުން ބިޝާރާ ބުންޏެވެ. ބިޝާރާ ބޭނުންވަނީ އެ މައުސޫމު އަންހެންކުއްޖާގެ ހިތްހަމަ ޖައްސައިދޭށެވެ. ޔަރަސް ގެ ފުރާނަ ސަލާމަތްކޮށްދިނީތީ އެކަމަކުގެ އަގު އަދާ ނުކުރެވުނަސް، ގައިމުވެސް އެކަން ކުރެވޭނެކަން ބިޝާރާ އަށް އެނގެއެވެ.

*****************************

އެއްމެ ފަހުން އެދުވަސް އައިސް ޖެހިއްޖެ އެވެ. ހާހެއްހައި އަހަރުވާންދެން ކުރެވުނު ދިގު އިންތިޒާރުގެ ނިމުމެވެ. ޔަރަސް ގެ މަންމަ ގެ އަތުގައި ހިފައިގެން ހުރީ ޔަރަސް ގެ ބައްޕަ އަރުޖުން ސިންގް އެވެ. ޔާސްމީން ގެ ލޮލުން ފައިބަމުންދިޔަ ފޮނި ކަރުނަތައް ފޮހެދެމުން އަރުޖުން ސިންގް ގެ ކޮނޑުގައި ޔާސްމީން ގެ ބޯ ޖައްސައިލިއެވެ.

“އުފަލުންވެސް ތިވަރަށް ރޯކަށް ނުވާނެ ޔާސްމީން.” އުފަލުން ފޮޅިފައި ހުރި އަރުޖުން ސިންގް ބުންޏެވެ. “ބައިގަޑި އެއްހައި އިރުތެރޭގަ ކައިވެނިކޮށް ނިމޭނެޔޭ!”

ނުނިމޭ

އެއްހާސް އަހަރު – 39

ކައިވެނި

އެއްމެ ފަހުން އެދުވަސް އައިސް ޖެހިއްޖެ އެވެ. ހާހެއްހައި އަހަރުވާންދެން ކުރެވުނު ދިގު އިންތިޒާރުގެ ނިމުމެވެ. ޔަރަސް ގެ މަންމަ ގެ އަތުގައި ހިފައިގެން ހުރީ ޔަރަސް ގެ ބައްޕަ އަރުޖުން ސިންގް އެވެ. ޔާސްމީން ގެ ލޮލުން ފައިބަމުންދިޔަ ފޮނި ކަރުނަތައް ފޮހެދެމުން އަރުޖުން ސިންގް ގެ ކޮނޑުގައި ޔާސްމީން ގެ ބޯ ޖައްސައިލިއެވެ.

“އުފަލުންވެސް ތިވަރަށް ރޯކަށް ނުވާނެ ޔާސްމީން.” އުފަލުން ފޮޅިފައި ހުރި އަރުޖުން ސިންގް ބުންޏެވެ. “ބައިގަޑި އެއްހައި އިރުތެރޭގަ ކައިވެނިކޮށް ނިމޭނެޔޭ!” ވަރަށް ލޯބިން އަރުޖުން ގެ އަތުގެ ތެރެއަށް ޔާސްމީން ގެނެސް ބޮނޑިކޮށްލި އެވެ. ހަމަ އެހާމެ ލޯބިން ބަލައިލި އެވެ. އެއީ އެއްހާސް އަހަރު ވާންދެން އޭނާ ލޯބިވަމުން، ލޯބި ދެމުން އަންނަ ލޯބިވާ އަނބިމީހާ އެވެ. އަރުޖުން ގެ ހަމައެކަނި ހުރި ދަރިފުޅު، ޔަރަސް ގެ މަންމަ އެވެ.

އަރުޖުން ސިންގް ގެ މޫނުމަތިން މިހާރު ފެންނަނީ ދުވަސްވެފައި ހުރިކަމެވެ. ހަރުކަށި ޝާހީ ގޮތެއްވެސް ފެންނަމުން ދެއެވެ. އޭނާ ލައިގެން ހުރީ އިންޑިއާ ގެ އިހުގެ ރަސްރަސްކަލުން ލައި އުޅޭކަހަލަ ހެދުމެކެވެ. ކަރުގައި އަޅާފައިވާ ރަނުގެ ފައްޓަރުބައި ކަރުން، ކޮނޑުމައްޗާއި އެކު އެޅިފައި އޮތެވެ. އޭނާގެ ދިގު، އޮމާން ކަޅު އިސްތަށިގަނޑު ކޮނޑާއި ހަމައަށް އޮތެވެ. އޭނާގެ ސިފައަށް ބަލައިލާއިރު ވަރަށް ހުޝިޔާރު ގޮތެއް ހުރިކަން ފާހަގަ ކުރެވެއެވެ. ލޮލުގެ ކަޅި ހުރީ އަޅިކުލައަކަށެވެ. ހީވަނީ ދިރޭރަހަ ކޮޅެއް ލޮލުތެރޭގައި އޮތްހެންނެވެ. ދިރޭރަހައިން އަޅާކަހަލަ އޮފުކަމެއް އަޅަމުން ދިޔައެވެ. ޔާސްމީންގެ ވަށް މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. ޔާސްމީން ގެ ލޮލުން ފޫދިފައިވާ ކަރުނަފޮދު އަރުޖުންގެ އަތުން އަނެއްކާވެސް ފޮހެލި އެވެ. ޔާސްމީން ލައިގެން ހުރި ހެދުމުގެ ފުޅާ ސްކަރޓް، ސަންގުމަރުމަރު ހިލައިގެ މުށިގަނޑުމަތީގައި ދެމެމުން ދިޔައެވެ. އެމީހުން ހިނގަމުން ދިޔައީ ކައިވެނީގެ ހޯލަށް ވަންނަން ހުރި މައި ދޮރާއި ދިމާއަށެވެ.

ބޮޑު ހޯލަށް ވަންނަން ހުރި މައި ދޮރުން އެތެރޭގައި ޔަރަސް ހުއްޓެވެ. މަދުވެގެން އައްސަތޭކަ ވަރަކަށް ވޭމްޕަޔަރުން ހޯލު ތެރޭގައި ޖަހާފައިވާ ގޮނޑިތަކުގައި އިށީންދެގެން ތިބޭނެ އެވެ. ހުރިހައި ވޭމްޕަޔަރުންވެސް ތިބީ އެފަދަ ބޮޑު ޕާޓީއަކާއި އެއްމެ މުނާސަބު ހެދުމުގައެވެ. ހޯލުގައި އެލުވާފައިވާ ބޮޑެތި ޗާންދަލިޔާތައް ޖަރީކޮށްފައިވާ ޖަވާހިރާއި ވަރަށް މަދުން ނޫނީ ނުލިބޭފަދަ އަޝްރަފީތަކުން މުޅި ހޯލު ބަބުޅަމުން ދެއެވެ. އެހާ ގިނަދުވަސް ވާންދެން އިންތިޒާރުކުރަމުން އައި މި ޚާއްޞަ ދުވަހުގެ ތައްޔާރީތައް ކުރުމުގައި އިސްތަށްޓެއް ހައި ތަންވެސް ދޫކޮށްލާފައި ނުވާކަހަލަ އެވެ.

މަންމަ އާއި ދެބަސްވުމަކަށްފަހު، ޔަރަސް މިރޭވެސް ލައިގެން ހުރީ އޭނާ އާއްމުކޮށްލައި އުޅޭކަހަލަ ޒަމާނީ ހެދުމެކެވެ. ލައިގެން ހުރި ޖެކެޓްގައި ބޮޑެތި ސްޓީލް ގޮށްތަކެއް ހުއްޓެވެ. އަޅައިގެން ހުރި ބެލްޓުގައި ކުދިކުދި ޗޭނުކޮޅުތަކެއް އެލިފައި ހުއްޓެވެ. ލައިގެން ހުރީ ސްކިނީ ޖީންސެކެވެ. އެވެސް ކަޅުކުލަ އެވެ. އަރައިގެން ހުރީ ކޮޅަށް ފޭއްސާފައިހުރި ކަޅު ލެދަރު ބޫޓެކެވެ. އެއް އަތުގައި ލެދަރުން ހަދާފައިވާ އުޅައެއް އަޅާފައި އޮތެވެ. ޖެކެޓްގެ ދަށުން ލާފައިހުރި ގަމީހުގައި، ގޮށުގެ ބަދަލުގައި ލާފައިވާ ޒިބު ހުރީ ދަތްދޮޅިއާއި ހަމައަށް އަޅުވާފަ އެވެ. އެހެންނަމަވެސް މިރޭ ޔަރަސް ވެސް ފެންނަމުން ދަނީ ވަރަށް އުޖާލާ ކޮށެވެ. އެއްވެސް ކެތްތެރިކަމެއް ނެތި އޭނާ އިންތިޒާރު ކުރަމުން ގެންދިޔައީ މިއުޒިކު ފެށޭނެ ވަގުތަކަށެވެ. އެ މިއުޒިކާއި އެކު ޔަރަސް ގެ އަރޫޝާ އެ ބޮޑު ހޯލުތެރެއަށް ވަދެގެން އައިސް ޔަރަސް ކައިރީގައި ހުއްޓޭނެ އެވެ. މި ކައިވެނި ކުރެވިގެންދާނީ ވޭމްޕަޔަރުން ކައިވެނިކޮށް އުޅޭ އެއްމެ ޝާހީ ގޮތުގެ މަތިންނެވެ.

މާސިންގާ ދުންމާރިތަކުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. ފުރަތަމަ އިވިގެންދިޔައީ ވަކިވަކިން އިވުނު ކުރުކުރު ދެ ރާގުކޮޅެކެވެ. ބިރުވެރި ގޮތެއް ހުރި ރާގުކޮޅެކެވެ. ދެން އިވިގެންދިޔައީ ވަރަށް ބާރަށް، ދިގުކޮށް ކުޅެންފެށި ރާގެކެވެ. އެ ރާގުގެ އަޑު ޖެހުމާއި އެކު ހަމަ ކޮންމެ ވޭމްޕަޔަރެއްގެ ލޮލުންވެސް ކަރުނަ ހިލިގެން ދިޔައެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ވޭމްޕަޔަރުން ކުޅޭ ރާގުތަކަކީ ވަރަށް ތަފާތު، އެހާމެ ޝާހީ ގޮތެއްވެސް ހުންނަ ރާގުތަކެކެވެ.

ހޯލުގެ ޝާހީ ދޮރުކޮޅުން އެތެރެއަށް ބިޝާރާ ނިކުމެއްޖެ އެވެ. ހުރިހައި ވޭމްޕަޔަރުންގެ މޫނުތައް ހުއްޓުނީ ބިޝާރާ އަށެވެ. ބިޝާރާ އަށް ހުއްޓެވުނެވެ. ލަދުރަކި ހިނިތުންވުމަކާއިއެކު މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ތަންކޮޅެއް ދުރުން ނަމަވެސް ޔަރަސް ފެންނަން ހުރުމުން މިފަހަރު ބިޝާރާ ހުރީ ލަދުން ވިރިވިރި އެވެ.

ޔަރަސް އަށް ބިޝާރާ ފެނުމުން އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. މީގެ ކުރިން ޔަރަސް އަށް ހީވެސް ވެފައި ނެތްވަރަށް ބިޝާރާ ޗާލެވެ. ބިޝާރާ ލައިގެން ހުރީ މަޑުމަޑު ޝިފޯން ފޮތިން ފަހާފައިވާ ކްރީމް ކުލައިގެ ވެޑިންގ ޑްރެސް އެކެވެ. ހެދުމުގެ ފަސްބައި މުށިގަނޑު މަތީގައި ހޭކެމުން ދެއެވެ. ބިޝާރާ ގެ ރާޅުބާނި ދިގު އިސްތަށިގަނޑު ޒީނަތްތެރިކޮށްފައިވަނީ ފިނިފެން މަލުންނެވެ. އެއް ކޮނޑުމަތިން ކުރިމައްޗަށް އިސްތަށިގަނޑުން ބައެއް ވައްޓާލާފައި އޮތެވެ. ބިޝާރާ ގެ މޫނު ހީވަނީ ދޮންވެ ފައްކާވެފައިވާ ޖަންބެއްހެންނެވެ. ޔަރަސް އާއި ކައިރިވަމުން އައިވަރަކަށް ބިޝާރާ ގެ ހަށިގަނޑު ތެރޭގައި ދައުރުވަމުން ދިޔަ ލޭގެ މީރުވަސް ޔަރަސް އަށް ދުވަމުން ދިޔައެވެ. މިއަދު އެ ލެއިން ދުވަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުދުވާހާ ހިތްގައިމު ވަހެކެވެ.

ބިޝާރާ އައިސް ޔަރަސް ކައިރީގައި މަޑުކޮށްލުމުން ބިޝާރާ ގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ކައިވެނި ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ މިންބަރާއި ދިމާއަށެވެ. ދެމީހުން ގޮސް މިންބަރަށް އަރައި ހަމަޖެހިލި އެވެ. އެހިސާބުން ދެމީހުންގެ ކައިވެނީގެ ހުރިހައި ކަމެއް ފުރިހަމަވެގެން ދިޔައެވެ.

“މިކަން މި ނިމުނީ!” އުފަލުން ފޮޅިފައި ހުރެ ޔަރަސް ބުންޏެވެ. ބިޝާރާ އަށް ލިބުނީ ހައިރާން ކަމެކެވެ. މިހާ ފަސޭހައިން ކައިވެނި ކުރެވޭ ކަމެއް ބިޝާރާ އަށް ނޭނގޭތީ އެވެ. ބިޝާރާ އަށް އެނގިފައިވަނީ މުސްލިމުން ކައިވެނިކުރާ ގޮތާއި ކިރިސްތިއަނުންނާއި ހިންދީން ކައިވެނިކޮށް އުޅޭ ގޮތެވެ. ވޭމްޕަޔަރުން ކައިވެނިކުރާގޮތް މިހާ ފަސޭހަވާނެ ކަމަށް ބިޝާރާގެ ހިތަށްވެސް ނާރަ އެވެ.

ބިޝާރާ ގެ ތުންފަތުގައި ޔަރަސް ގެ ތުންފަތް ޖައްސައިލާ ކައިވެނީގެ އެއްމެ ފަހު ފިޔަވަޅު އަދާކުރުމުގެ ކުރިން ބިޝާރާ ގެ ދެ އަތުގައި ހިފަމުން ގަޔާއި ކައިރިކޮށްލި އެވެ. ބިޝާރާ ގެ ދެލޮލަށް ވަރަށް ފުންކޮށް ބަލަން ފެށިއެވެ. ޔަރަސް ގެ ލޮލުގެ ކުލަ ހުރީ މަޑު ރިހިކުލައެއްގަ އެވެ. އެ ދެލޯ އެގޮތަށް ހުއްޓާ މީގެ ކުރިން ބިޝާރާ އަށް ފެނިފައެއް ނުވެއެވެ. ބިޝާރާ ވެސް ފަރުވާތެރިކަމާއިއެކު ޔަރަސް ގެ ދެލޮލަށް ބަލަން ފެށި އެވެ. މިއަދު ބިޝާރާ އަކީ ވޭމްޕަޔާ ޔަރަސް ގެ ލޮބުވެތި އަނބިމީހާ އެވެ. ބިޝާރާ ގެ ރީތި އިސްތަށިގަނޑުން ކޮނޑުމައްޗަށް ވެއްޓިފައި އޮތްބައި ޔަރަސް ގެ ދޮންފުޑޫ އަތުން އެއްފަރާތް ކޮށްލި އެވެ. އެވަގުތު ބިޝާރާ ގެ ކަނދުރާ އެއްކޮށް ހާމަވެގެން ދިޔައެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ދުރުކަމެއް ނެތް މިންވަރަށް ޔަރަސް ކައިރިވި އެވެ. ޔަރަސް ގެ ނޭފަތު ކުރި، ބިޝާރާ ގެ ނޭފަތުގައި ޖެހުނެވެ. ބިޝާރާ ގެ ތުންފަތާއި ކައިރިއަށް ޔަރަސް ގެ ތުންފަތް ކައިރިކޮށްލި ވަގުތު ބިޝާރާ އަށް ތެޅިގަނެވުނެވެ. ޔަރަސް ގެ ތުންފަތް ހަރަކާތްތެރިވަމުން ދިޔައީ ބިޝާރާ ގެ ތުންފަތުން ފެށިގެން ކަނދުރާ އާއި ހަމައަށެވެ. އެވަގުތު ހޯލަށް އެއްވެފައި ތިބި ހުރިހައި ވޭމްޕަޔަރުން ކެތްމަދުވެ، ބަލަމުން ދިޔައީ ދެންވާނެ ގޮތަކާއި މެދުގައެވެ. ބިޝާރާ ގެ ކަނދުރާ ދޮށުގައި ޔަރަސް ދަތްއަޅާނެ ކަމަށް ވޭމްޕަޔަރުން ހީކޮށް ތިބިޔަސް އެކަމެއް ނުވި އެވެ. ބިޝާރާ ގެ ކަންފަތްދޮށުގައި ޔަރަސް ކޮންމެވެސް އެއްޗެކޭ ވަރަށް ސިއްރުސިއްރުން ބުނެލިއެވެ. ޔަރަސް ގެ ފިނިފިނި ނޭވާ ޖެހުމުން ބިޝާރާ ގެ ގަޔަށް ހީރޯޅި އަރައިގެން ދިޔައެވެ. އަމިއްލަ ނަފުސަށް ބަލިކަށިކަމެއް ލިބިގެން ދިޔައެވެ.

ޔަރަސް އާއި ބިޝާރާ ހިގަމުން ދިޔައީ ހޯލުން ނިކުންނަން ހުރި ދޮރާއި ދިމާއަށެވެ. އެވަގުތު މުޅި ހޯލު ގުގުމަމުން ދިޔައީ އުފަލާއިއެކު ވޭމްޕަޔަރުން ތައް ކިޔަމުން ދިޔަ ހޫނު މަރުޙަބާ ގެ ބަސްތަކުންނެވެ. ތުބުން ފުމުމާއި އަތްތިލަބަޑީގެ އަޑުތަކުން ނެވެ. ޔަރަސް ގެ މަންމަ އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އަރުޖުންގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ މަޑުމަޑުން ގިސްލަމުން ދިޔައެވެ. އަރުޖުން ގެ ދެއަތުން ޔާސްމީން ގެ ގައިގައި ބާރަށް ބައްދާލައިގެން އިނެވެ. އަރުޖުން ގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ.

ކައިވެނީގެ ހަފުލާއަށް ތައްޔާރުކޮށްފައިވަނީ ވަރަށް ވަރުގަދަ ޖާފަތެކެވެ. ތައްޔާރުކޮށްފައި ހުރި ޒާތްޒާތުގެ ކާނާތަކުގެ ގިނަކަން ފެނިފައި ބިޝާރާ ގެ ބޮލަލަށް އެނބުރުން އެރިކަހަލަ އެވެ. ކައި ނިމިގެން ދެމީހުން ގޮސްވަނީ ބޮޑު ހޯލަކަށެވެ. އެއީ ޖޯޑުޖޯޑު އެކުގައި، އެކަކު އަނެކަކުގެ އަތާއި އަތްގުޅާލައި، ކޮނޑާއި ކޮނޑު ޖައްސާލައިގެން ތިބެ ނެށުމަށް ޚާއްޞަކޮށްފައިވާ ހޯލެކެވެ. ހޯލުގައި ކުޅެމުން ދިޔައީ ލޯބީގެ މޫޝީޤީ ރާގުތަކެކެވެ. އެ ހޯލުގެ ފާރުތަކާއި ފަންގިފިލާ ޒީނަތްތެރިކޮށްފައިވަނީ ރަނުންނެވެ. ފާރުތަކުގައި ރަނުގެ ފުރޭމުތަކެއްގައި ހުރި ލޯގަނޑުތަކެއްވެސް ހަރުކޮށްފައި ހުއްޓެވެ. ދޮރުފޮތިތައްވެސް އެހާމެ ޝާހީ އެވެ. މި އާދަޔާޚިލާފު މުއްސަނދިކަން ފެނިފައި ބިޝާރާ އަށް ހުރެވުނީ ބަސްހުއްޓިފަ އެވެ. ބިޝާރާ ގެ ކަންފަތްދޮށުގައި ޔަރަސް މަޑުމަޑުން ހިނިގަނޑެއް ޖަހައިލިއެވެ.

“މި ހުރިހައި މުއްސަނދިކަމެއް ހޯދަން ސާސްކަފެއް ހައި ދުވަސް ނެގި. އަދި މަގޭ ލޯބި ދޫންޏަށް އެނގޭތަ؟ މިހާރު މިހުރިހައި އެއްޗެއްސަކީ ހަމަ ތި ދޫނިގެ އެއްޗެހި!!” ބިޝާރާ ގެ ހިތުތެރޭގައި ހިނގަމުންދިޔަ ޝުޢޫރުތައް އެނގޭތީ ޔަރަސް ބުންޏެވެ.

އެތައް އިރެއްވާންދެން ޔަރަސް އާއި ބިޝާރާ ނެށިއެވެ. މުޅި ހޯލު ފުރިފައިވަނީ ޖޯޑުޖޯޑަށް އަތުގުޅާލައިގެން ނަށަމުން ދިޔަ ވޭމްޕަޔާ ތަކެވެ. ނަށަމުން، ޔަރަސް މިސްރާބު ޖެހީ އޭނާ ދާން ބޭނުންވާ ދިމާއަށެވެ. ބިޝާރާ ލައިގެން ހުރި ޝިފޮން ފޮތީގެ ހެދުމުގައި ޔަރަސް ގެ އެއްއަތް އޮތްއިރު، އަނެއް އަތުން ހުރީ ބިޝާރާ ގެ ވާތުގައި ހިފަހައްޓާލައިގެންނެވެ. ޔަރަސް ބޭނުންވަނީ ވޭމްޕަޔާތަކުން ތޮއްޖެހިފައިވާ އެ މާހައުލާއި ދުރަށް ބިޝާރާ ގޮވައިގެން ދާށެވެ. ޔަރަސް އާއި ދިމާއަށް ބިޝާރާ ބަލަމުން ދިޔައީ ވަރަށް ލޯބިންނެވެ. ނަމަވެސް ޔަރަސް ގެ މޫނުމަތިން އޭރުވެސް ހަރުކަށި ގޮތެއް ފެންނަން ހުއްޓެވެ. ބިޝާރާ އަށް އެކަން މާބޮޑުކަމަކަށް ނުވެއެވެ. އެއީ ޔަރަސް ގެ މިޒާޖުގައި އަބަދުވެސް ހުންނަ ސިފައެއްކަން އެނގޭތީ އެވެ.

ހުރިހައި މެހެމާނުން ދިއުމުން ބިޝާރާ ގެ އަތުގައި ހިފައިގެން ޔަރަސް ނިކުތީ ބޭރަށެވެ. ޔަރަސް ގެ އެ ބިޔަ ގޯތި ތެރޭގައި ބޯކޮށް ހެދިފައި އޮތް ގަސްތަކުގެ ތެރެއަށެވެ. ގަސްތައް ތެރެއިންގޮސް ފަރުބަދައެއްގެ ހޮހޮޅައަކަށް ވަންނަން ފެށި އެވެ. “ކޮންތާކަށްތަ އަހަރެން ތި ގެންދަނީ؟” ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމަކާއި އެކު ބިޝާރާ ސުވާލުކުރި އެވެ.

ބިޝާރާ ގެ ކޮނޑުގައި ޔަރަސް ގެ އަތް އަޅުވައިލި އެވެ. “ހާސްނުވެބަލަ، މި ހޮހޮޅައިން ދެވޭނީ އަހަރެންގެ ޚާއްޞަ ރިޒޯޓަށް.” އެ ރިޒޯޓްގައި ޔަރަސް ލޭ ބުއިމަށް ތައްޔާރުކޮށްފައިވާ އިންސާނުން ބައިތިއްބާފައި ތިބޭ ވާހަކަ ބިޝާރާ ކައިރީގައި ނުބުނެއެވެ. “ރިޒޯޓަށް ދިއުމަށް އޮންނަ ބިންގަރާސް މަގު ފުދޭވަރަކަށް ދިގުވާނެ. ބިޝާ ވަރުބަލިވަންޏާ އުރާލައިގެންވެސް ގެންގޮސްދީފާނަން.”

ބިންގަރާހުގެ ހަމަ ބިމަށް ފައިބަން އޮންނަ ސިޑީގެ އެއްމެ ތިރީ ހަރުފަތާއި ހަމައަށް ފޭބުނީވެސް އިރުކޮޅެއް ފަހުންނެވެ. އެ މަގުގެ ހުރިހައި ފަރާތަކަށް ބިޝާރާ ބަލަންފެށި އެވެ. އެއީ ދިގު ބިންގަރާސް މަގެކެވެ. ބިޝާރާ ގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ނުތަނަވަސް ކަމެވެ. “އަހަރެން ބިޝާ ކައިރީގަ ހުއްޓާ ބިޝާ އަކަށް އެއްވެސް ގެއްލުމެއް ނުވާނޭ… ނިކަން ހާސްކަނޑާލަބަލަ. މި ހޮހޮޅަ ތެރޭގަ ދިރުންހުރި ހިންޏެއްވެސް ނޫޅޭނެ. މިއީ ދިރުންހުރި އެއްވެސް އެއްޗެއް ވަނުން މަނާތަނެއް. އޮޅުމަކުންވެސް މިތަނަށް މީހަކު ވަދެފިއްޔާ – .”

“- މަރާލާނީ ދޯ!.” ޔަރަސް ބުނަންފެށި ޖުމްލަ ފުރިހަމަކުރީ ބިޝާރާ އެވެ. އެވަގުތު ބިޝާރާ ގެ މޫނު މިލާމޯޅިވި އެވެ. ޔަރަސް އަށް އެކަން ފާހަގަ ކުރެވުނެވެ.

“އޯހް ބިޝާ، އަހަރެން ބިޝާ ގެ ފިރިއަކަށް ވުމުން ކޮންމެހެން އޭގެ މާނައަކީ އަހަރެން މީ ވޭމްޕަޔަރެއް ނޫންކަމަށް ވުމެއް ނޫނެއްނު. ތީ މަގޭ ވައިފަށް ވިޔަސް އެކަމަކީ އެހާ ފަސޭހައިން ބަދަލުކުރެވޭނެ ކަމެއް ނޫނޭ. ބިޝާ ނޫން އެހެން އިންސާނުންނާއި މެދު އަހަރެން ދެކޭގޮތް ކުޑަކޮށްވެސް ބިޝާ އަކަށް ނޭނގޭނޭ.” ބިޝާރާ ގެ މޫނު ޔަރަސް އާއި ދިމާއަށް އަނބުރާލި އެވެ. ސީދާ ބިޝާރާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ.

“އަހަރެން ލޭ ބޮއެ އުޅެނީ ހަމަ ތިފަދަ އިންސާނުންގެ ގައިން. އަހަންނަށް ދިރިހުރެވޭ ގޮތަކީ އެއީ. އަހަރެންގެ އަޅުންނާއި މެދު ކަންތައްތައް ކުރާގޮތަކީ ބިޝާ ކަންބޮޑުވާންވި ކަމެއް ނޫން. ކުރިންވެސް އަހަރެން ބުނިހެން، އަހަރެންގެ އަޅުން ފިޔަވައި އަހަރެންގެ މިލްސިއްޔާތުގަވާ ހުރިހައި އެއްޗަކާއި ތަންތަނަކީ ހަމަ ބިޝާރާ ގެ ވެސް ތަކެއްޗާއި ތަންތަން. އަހަރެން ގެންގުޅޭ އަޅުންނަކީ އަހަރުމެން ގެ އެދުންތައް ފުއްދުމަށް ގެންގުޅޭ ބައެއް. އެހެންވީމަ އެކަމާ ދެން ނުވިސްނަފާނަންތަ!!؟؟”

ޔަރަސް ގެ އަޑު ހުރިގޮތުން ހިތްހަމަނުޖެހިފައި ހުރިކަން ބިޝާރާ އަށް ފާހަގަ ކުރެވުނެވެ. “އައި އޭމް ސޮރީ ޔަރަސް.”

ޔަރަސް ގެ ގަޔާއި ބިޝާރާ ކައިރިކޮށްލި އެވެ. “ހޫމް ތިއެއް ނޫނޭ. ބޮލުގަ ފޮތިކޮޅު އެޅުމުގެ ބަދަލުގަ ބިޝް ގެ ބޮލުގަ ފިނިފެންމާ ޖަހައިގެން ޒީނަތްތެރިކޮށްލާފަ ހުރީމަ ވަރަށް ސަޅި. މަށަށް ހަމަ ޔަޤީން ތި މާތަކުގެ ރަހަވެސް ހަމަ އެހާމެ ސަޅި ވާނެކަން. އަހަރެން ފިނިފެންމާ ކެއުމަށް ވަރުހުންނަކަން ބިޝް ހަނދާން ނުނެތޭނެކަމަށް އުއްމީދު ކުރަން.”

“ކިހިނެތްތަ އެކަން އެހާ ފަސޭހައިން ހަނދާން ނެތެންވީކީ؟” މީގެ އެތައް، އެތައް ރެއެއް ކުރިން ލ. ގަމު ކަސްޓަމާއި ދިމާ އަތިރިމަތީ ރުއްގަނޑުތެރޭގައި ހިނގި ހުރިހައި ކަމެއް އަދިވެސް ބިޝާރާ ގެ ހަނދާނުގައިވެސް އެބަހުއްޓެވެ. އެރެޔާއި، އެ ރީނދޫ ފިނިފެންމަލުގެ ހަނދާންތަކެވެ. ބިޝާރާ ގެ ބޮލުގައި ޖަހާފައިހުރި ރީނދޫ ފިނިފެންމަލުގެ ފިޔަތައް ޔަރަސް ކައިލި ގޮތެވެ. ދެން އެއަށްފަހުން ހިނގި ހުރިހައި ކަމެކެވެ.

“ކަމޯން، ދެން މިތަނުގަ ބޭކާރު ވަގުތުތަކެއް ހޭދަ ނުކޮށް ހިނގާބަލަ އަވަހަށް ދާން. މަށަށް ޖެހިފަވާ ސުންޕާ އެސްފީނާ އިން ސަލާމަތްވުމަށް ކުރަންޖެހޭ އެއްމެ މުހިއްމު ކަންތައް އަދި ނުކުރެވި އޮތީއެއްނު!!”

ޔަރަސް އެ ބުނި އެއްޗެއް ބިޝާރާ އަށް ހަމަ ރަނގަޅަށްވެސް އެނގެ އެވެ. އެކަމާއިމެދު ވިސްނައިލުމުން ބިރުގަތެވެ. އުފާވެސް ވި އެވެ. ވަހުޝީކަމެއް މުޅި ޖިސްމަށް ލިބިގެން ދިޔައެވެ. މި ރެއަކީ އެމީހުން ދަރިއެއް ހޯދުމަށް މަސައްކަތް ފަށާނެ ރެއެވެ. ދަރިއަކު ލިބުމުން ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާ އިން މިންޖުވެވޭނެ އެވެ. މުޅި އުމުރަށެވެ.

ނުނިމޭ

އެއްހާސް އަހަރު – 40

“ކަމޯން، ދެން މިތަނުގަ ބޭކާރު ވަގުތުތަކެއް ހޭދަ ނުކޮށް ހިނގާބަލަ އަވަހަށް ދާން. މަށަށް ޖެހިފަވާ ސުންޕާ އެސްފީނާ އިން ސަލާމަތްވުމަށް ކުރަންޖެހޭ އެއްމެ މުހިއްމު ކަންތައް އަދި ނުކުރެވި އޮތީއެއްނު!!”

ޔަރަސް އެ ބުނި އެއްޗެއް ބިޝާރާ އަށް ހަމަ ރަނގަޅަށްވެސް އެނގެ އެވެ. އެކަމާއިމެދު ވިސްނައިލުމުން ބިރުގަތެވެ. އުފާވެސް ވި އެވެ. ވަހުޝީކަމެއް މުޅި ޖިސްމަށް ލިބިގެން ދިޔައެވެ. މި ރެއަކީ އެމީހުން ދަރިއެއް ހޯދުމަށް މަސައްކަތް ފަށާނެ ރެއެވެ. ދަރިއަކު ލިބުމުން ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާ އިން މިންޖުވެވޭނެ އެވެ. މުޅި އުމުރަށެވެ.

ބިންގަރާސް މަގުން ހިނގަން އޮތް ރާސްތާ ކިތައްމެހައިވެސް ދިގެވެ. މަގުގެ ކޮޅު ފެނޭތޯ ބިޝާރާ ބަލައިލި އެވެ. ފެންނާކަށް ނެތެވެ. ބިންގަރާސް މަގުގެ ދެ ފަރާތުގައި ދިއްލާފައިވާ ވޮށްތަކުގެ އަލިކަމުން ދާން އޮތް ރާސްތާ ފަސޭހައިން ފާހަގަ ކުރެވެން އޮތެވެ. ބިޝާރާ އާއި އާއި ޔަރަސް ހިނގަމުން ދިޔައީ އެކަކު އަނެކަކާއި ސަމާސާ ކުރަމުންނެވެ.

“ކީއްވެ އެހާ ދުރަށް މިހެން އާދައިގެ ގޮތެއްގަ ހިނގާފަ މިދަނީ؟” ބިޝާރާ އެ ސުވާލު ކުރާނެކަން ޔަރަސް އަށް އެނގެއެވެ. އެހެންވެ ޔަރަސް ހުރީ ޖަވާބުދޭންވެސް ތައްޔާރަށެވެ.

“މަށަށް އެނގޭ ބިޝް ތި ސުވާލު ކުރާނެކަން. އަސްލު ހިތަށް އަރާ ދޯ ބިޝް މެން އިންސާނުން ތި ބަލާ ވޭމްޕަޔާ ޑައިރީސް ގަ ވާހެން އަހަރުމެންނަށްވެސް އަލިރޮއްޖެއް ދާހައި ބާރަށް ދުވެވޭނެކަމަށް؟” ޖަވާބު ދިނުމުގެ ކުރިން ޔަރަސް ކޮށްލީ ސުވާލެކެވެ.

“އާނ. އެހެންވެ މި ސުވާލުކުރީވެސް. އަނެއްކާ އެހެން ނުދެވޭތަ؟ އެކަމަކު ގަމުން ފެށިގެން އިންޑިޔާގެ މި ޝަހަރާއި ހަމައަށް ވެސް ޔަރަސް އަހަރެން ގެނައިމެއްނު!!؟ ބިޝާރާ އަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

“އާނ. އެރޭ ގަމުން ފެށިގެން މިތަނަށް ބިޝް ގެނައީ އަހަންނަށް ލިބިފަވާ ޚާއްޞަ ބާރުން އުދުހިފަ. އެހެންވީމަ ވޭމްޕަޔާ ޑައިރީސް ގަ އެ ދައްކާ ގޮތަށްވުރެންވެސް ޑަބަލް ސްޕީޑްގަ އަހަރެމެން ވޭމްޕަޔަރުންނަށް ދުވެވޭނެ.”

“ދެން ކީއްވެ މިހާރު-؟” އަނެއްކާވެސް ބިޝާރާ ކުރިން ކޮށްލި ސުވާލު ތަކުރާރު ކުރިއެވެ.

“އެއީ ވަރަށް ހަކަތަ ބޭނުންވާ ކަމެއް. އެގޮތަށް ދަތުރުކޮށްލީމަ އަހަރުމެންގެ ގައިގަ ހުންނަ އެނަރޖީގެ ނައިންޓީ ފައިވް ޕަސެންޓް ލޮސް ވާނެ. ދެޓް މީންސް ވީ ހޭވް ޓު ކޮންސިއުމް ބްލަޑް ފުރޮމް އަ ހިއުމަން. އެހެން ނޫނަސް އަހަރުމެންގެ މިރޭގެ މިޝަން އަށްވެސް ވަރަށް އެނަރޖީ ބޭނުންވާނެ އެއްނު.” ބިޝާރާ ގެ ކޮލުގައި ވަރަށް ލޯބިން ހިފައިލަމުން ޔަރަސް ބުންޏެވެ.

ބިޝާރާ ގެ އަތުގައި ހިފައިގެން ޔަރަސް ހިނގަމުން ދިޔައެވެ. އިރުއިރުކޮޅުން ބިޝާރާ ގެ ލޯބި މޫނަށް ބަލަމުން ނެވެ. ޔަރަސް ގެ މޫނުން ފެންނަ ކުލަވަރުން އޭނާ ހިތްހަމަޖެހިފައި ހުރި މިންވަރު ވަރަށް ރަނގަޅަށްވެސް ހާމަވަމުން ދިޔައެވެ. ހިތްހަމަ ޖެހިފައި ހުރީ ބިންގަރާސް މަގުގެ އެ ރާސްތާއިން އެ ދެމީހުންނަށް އެކުގައި ދެވޭތީ އެވެ. ބިޝާރާ ހުރީ ބިރުގަނެފައިތޯ ޔަޤީން ކޮށްލުމަށް ބިޝާރާ ގެ ލޮލަށްވެސް އިރުއިރުކޮޅުން ބަލަމުން ދިޔައެވެ.

“މިހާރު އަހަރުމެންނަށް މި ތިބެވުނީ ހަމަ ބިމަށްވުރެން ވަރަށް ވަރަށް ބޮޑަށް އަޑީގަކަން އެނގޭތަ؟!؟!” އެތަކެއް ހިސާބަށް ހިނގުމަށްފަހު ޔަރަސް އެހިއެވެ. ވަރަށް ލޯބިންނެވެ. “އިރުކޮޅަކުން ވަރަށް ފިނިވާން ފަށާނެ. ހޫނުކޮށްލަން ބޭނުމިއްޔާ ބުނާތި. އޭރުން އަހަރެން އެކަން ކޮށްދޭނަން.”

ޔަރަސް އެ ބުނި އެއްޗެއްގެ ޙަޤީީޤީ މާނަ ބިޝާރާ އަކަށް ނުވިސްނުނެވެ. އެހެނަސް ޔަރަސް އެ ބުނި ގޮތަށް އިސާހިތަކުން ފިނިވާން ފަށައިފި އެވެ. ބިޝާރާ ގެ ގައިގައި ބީހެމުން ދިޔަ ފިނި ވައިރޯޅިތައް ހަންގަނޑު ތޮރުފަމުން ދިޔަހެން ހީވާން ފެށި އެވެ. ބިޝާރާ ގެ ދެއަތްތިލަ ޖައްސައި އުނގުޅަން ފެށިކަން ޔަރަސް އަށް ފާހަގަ ކުރެވުނެވެ. އަދި ކޮންމެވެސް ވަރަކަށް ތުރުތުރު ލުމެއް ހުރިކަންވެސް ފާހަގަ ކުރެވުނެވެ. ޔަރަސް ހުއްޓުނެވެ. ބިޝާރާ އަށް ރަނގަޅަށް ބަލައިލި އެވެ. ހިނިތުންވެލި އެވެ.

“ވަރަށް ފިނިވެއްޖެ.” ޔަރަސް އަށް އުނދަގުލެއް ޖައްސަން އޭނާ ބޭނުން ނުވާތީ ފިނިވާ ވާހަކަ ނުބުނަން ހުރެފައި އެއްމެ ފަހުން ބިޝާރާއަށް ބުނެވުނެވެ. “އަދިވެސް ހިނގަން ވަރަށް ބޮޑުތަން އެބައޮތްތަ؟”

“ހިނގަން އޮތް ރާސްތާގެ ތިންބައިކުޅަ އެއްބަޔަށް އަދި މި ހިނގުނީ.” ބިޝާރާ ގެ ދަތްދޮޅި ދަށަށް އިނގިލިތައް ލަމުން ފިރުމާލި އެވެ. ވަރަށް ލޯބިންނެވެ. މަޑުމަޑުން ނެވެ. “ހާސްނުވޭ. ސިކުންތެއްގެ ތެރޭގައި ބިޝާރާ އަށް ހޫނުކޮށްލަ ދިނުމަކީ މަށަށް އެއްވެސް ކަމެއް ނޫން.” މިހެން ބުނުމާއިއެކު ބިންގަރާސް މަގުގެ ފަރުބަދަ ބިތުގައި ބިޝާރާ ލައްކޮށްލި އެވެ. ޔަރަސް ކުރަން އުޅޭ ކަމެއް ނޭނގުނަސް މަޑުމަޑުން ބިޝާރާ ހުއްޓެވެ. ޔަރަސް ހުއްޓުނީ ބިޝާރާ ގެ ކުރިމަތީގަ އެވެ. ބިޝާރާ އަށް ފުރަގަސް ޖަހައިގެންނެވެ. ވައިގެ ތެރޭގައި ޔަރަސް ގެ އަތް ބުރަކަށް ވާގޮތަށް ތަކުރާރުކޮށް ހަރަކާތްކުރަން ފެށި އެވެ. އިރުކޮޅަކުން ޔަރަސް ގެ އަތްތިލައިގެ ވަށައިގެން ބޮޅަކަށް ވާގޮތަށް ހުޅު އަލިފާން އަނދަން ފެށި އެވެ. އިރުކޮޅެއްގެ ތެރޭގައި އަލިފާނުގެ ހޫނުކަން ބިޝާރާ ލައިގެން ހުރި ޝިފޯން ފޮތީގެ ހެދުން މަތިން ހަށައިގަނޑަށް ކުރެވެން ފެށި އެވެ. ޔަރަސް ގެ އަތްތިލައިގެ ވަށައިގެން އަނދަމުންދިޔަ އަލިފާނުގެ ހުޅުގަނޑުން ބިންގަރާސް މަގުގެ ބޮޑު ބަޔަކަށް އަލިކަން ފޯރުކޮށްދެމުން ދިޔައެވެ. ހީވަނީ ޔަރަސް ގެ އަތްތިލައިގެ ވަށައިގެން ދަރު އަޅައި ރޯކޮށްފައިވާ އަލިފާން ގަނޑެއް އަނދަމުން ދާހެންނެވެ.

ބިޝާރާ އާއި ކުރިމަތިވާގޮތަށް ޔަރަސް އެނބުރުނެވެ. ހައިރާންވެފައި ބިޝާރާ ބަލަމުން ދިޔައީ އަލިފާން ހުޅުގަނޑަށެވެ. ބިޝާރާ ހުރީ ބިރުންކަން ޔަރަސް އަށް ފާހަގަ ކުރެވުނެވެ. ޔަރަސް އަށް ބޭއިޚްތިޔާރުގައި ހީނގަނެވެ. “ބިޝް އަށް އެބަ ހީފިލާތަ؟”

ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ޔަރަސް އަށް ބަލަހައްޓައިގެން ބިޝާރާ އަށް ހުރެވުނީ އެވެ. “އާން،” މާނޭވައެއް ލަމުން ބިޝާރާ އަށް ބުނެވުނެވެ. ވައި އަޑުންނެވެ. “އާން. އާން.”

“އޯހް ނޯ! އަހަރެން ހަނދާން ނެތުނީއޭ. މަށަށް މި ބާރު ލިބިފަވާކަން އަދި ބިޝް އަކަށް ނޭނގޭނޭ ދޯ. ވަރަށް ބޮޑަށް ސޮރީ އިނގޭ ބިޝް ބިރުގަނެއްޖެ ދޯ!” ޔަރަސް ގެ އަތްތިލައިގެ ވަށައިގެން އަނދަމުންދިޔަ އަލިފާން ބޮޅު، ބިންމަތީގައި ބޭއްވި އެވެ. ޔަރަސް ގެ އަތުގެ އިޝާރާތުން އަލިފާން ބޮޅުގެ ވަށަމިން ބޮޑުކޮށްލި އެވެ. ބިޝާރާ ގެ އަތުގައި ހިފަމުން ބޮޅުގެ މެދަށް އެރި ހުއްޓުނެވެ.

“ނޫން. ނޫން. އިޓްސް އޯކޭ.” ލިބުނު ޝޮކުގައި ހުރެގެން ބިޝާރާ ޖަވާބު ދިނެވެ. އަލިފާން ކޮންޓްރޯލް ކުރުމުގެ ބާރު ޔަރަސް އަށް ލިބިފައިވާކަން ބިޝާރާއަށް ވަނީ އެނގިފައެވެ. އެކަމު އެ ބާރު ލިބިފައިވަނީ ކިހާ މިންވަރަކަށް ކަމެއް ދެންމެ ފެނުނު އަޖައިބު ކަންތައް ފެނުމުގެ ކުރިން އޭނާއަށް އެނގިފައެއް ނުވެއެވެ.

އެތަކެއް މިނެޓްތަކެއް ވާންދެން ޔަރަސް އާއި ބިޝާރާ އަލިފާން ބުރުގެ މެދުގައި އިށީންދެގެން ތިއްބެވެ. ބިޝާރާ އިނީ ޔަރަސް ގެ އުނގުތެރޭގަ އެވެ. ބިޝާރާ ގެ ބޮލަށް ލުއިކަމެއް އިޙްސާސް ކުރެވި ނިދިއަންނަން ފެށި އެވެ. އިރުކޮޅެއްގެ ތެރޭގައި ޔަރަސް ގެ އުނގުތެރޭގައި އޮއްވާ ބިޝާރާ އަށް ނިދިއްޖެ އެވެ. ބިޝާރާ އަށް ރަނގަޅަށް ނިދިއްޖެކަން އެނގުމުން ޔަރަސް ގެ މެދު އިނގިއްޔާއި ބޮޑުވައި އިނގި ބާރަށް ޖައްސާލައި ފުއްޓަތްކެއް ޖަހަމުން އަނދަމުން ދިޔަ އަލިފާން ބޮޅު ނިއްވައިލި އެވެ. ހަމަ އެއާއިއެކު ބިޝާރާ އުފުލާލަމުން ޔަރަސް ތެދުވިއެވެ. ބިޝާރާ ގެ ބޯ ޔަރަސް ގެ މޭމަތީގައި ޖެހިފައި އޮތް އިރު އޭނާގެ ކަނދުރާ އެއްކޮށް ހާމަޔަށް ފެންނަން އޮތެވެ. ޔަރަސް އަށް އެތަން ފެނިފައި ބިޝާރާ ގެ ކަނދުރާގައި އަނގަޖަހައި ލޭ ބޮއެލުމަށް ހިތަށް އެރިއެވެ. މާ ގިނައިން ނޫނަސް ކުޑައެތިފޮދެއް ނަމަވެސް ބޮއެލުމަށެވެ. އެވަރުން ބިޝާރާ އަށް ރޭކާ ނުލާނެކަން އެނގޭތީ އެވެ. ފުރަތަމަ ދަތްވަޅުން ކުރެވޭ ތަދުގެ އިހުސާސާއި އެކު ބިޝާރާ އަށް ހޭލެވޭނެކަން އެނގޭތީ ލޭ ނުބުއިމަށް ނިންމި އެވެ. ބިޝާރާ ގޮވައިގެން ގޮސް ބިންގަރާސް މަގުގެ ނިމޭ ހިސާބުގައި މަޑުކޮށްލި އެވެ.

ބިންގަރާސް މަގު ނިމޭ ހިސާބުން އަނެއްކާވެސް ހުރީ ސިޑިބަރިއެކެވެ. އެއީ ހަމަ ބިމަށް އެރުމަށް ހުންނަ ސިޑިއެކެވެ. ވަރަށް ފަސޭހަކަމާއެކު ސިޑިން މައްޗަށް ޔަރަސް އެރީ ދެއަތުން ބިޝާރާ އުރާލައިގެންނެވެ. އެއީވެސް ބިޔަ ބޮޑެތި ގަސްތައް ހެދިފައި އޮތް ސަރަޙައްދެކެވެ. ފަތިސްހަނދުވަރުގެ އަލިކަން އޮތްނަމަވެސް ބޯ ގަސްތަކުގެ ތެރެއަށް ހަނދުވަރުގެ އަލިކަން އެޅިފައިއޮތް ގޮތުން އެ މާހައުލު ފެންނަނީ ނާމާން ގޮތަކަށެވެ. އުޑުމަތީގައިވަނީ ގަދަ ނޫކުލައެކެވެ. އައު ދުވަހަކަށް އަރަމުންދިޔަ އިރުގެ ފުރަތަމަ ދޯދިތައް މާހައުލަށް ވެރިވެފައިވާ ދުންފުނީގައި ޖެހުމުން އެތަނަށް ވެރިވެފައިވާ ނާމާން ކަމުގެ ތެރެއިންވެސް ހިތްގައިމު ގޮތެއް ފެންނަމުން ދެއެވެ. ބޯ ގަސްތައް ތެރެއިން ގަޑިއެއްހައި އިރުވާންދެން ބިޝާރާ އުރާލައިގެން ޔަރަސް އަށް ހިނގަން ޖެހުނެވެ. އިރުގެ ގަދަފަދަ ދޯދިތައް ވެރިވުމުގެ ކުރިން ގަލުން ހަދާފައިވާ ބޮޑު ދޮރާށްޓާއި ހަމައަށް ޔަރަސް އަށް ދެވިއްޖެ އެވެ. އެ ގޭޓް ވަނީ ބޯކޮށް ހައްދާފައިވާ އައިވީ އާއި މޭބިސްކަދުރު ވެލަކުން ފޮރުވާފަ އެވެ.

ޔަރަސް ގެ ޖީބުން ތަޅުދަނޑިއެއް ނަގައި ގޭޓް ހުޅުވައިލި އެވެ. ގޭޓުން އެތެރޭގައި ވަނީ ބޮޑު ބަގީޗާ އެކެވެ. ބަގީޗާ ފުރެންދެން ވަނީ އެކި ވައްތަރުތަކުގެ މާމެލާމެލި ފަރިވެ ފޮޅިފައިވާ ގަސްތަކެވެ. ކާޕެޓް ގްރާސް އިންދައި ކުޑަކުޑަ ފަރުބަދައެއް ގޮތަށް ޖަހާފައި ހުރި ފަސްފުންޏެއް މައްޗަށް ގޮސް ޔަރަސް ހުއްޓުނެވެ. ފަސްފުނި މަތީގައި ހުއްޓިފައި ދެކުނު ފަރާތުގައިވާ ފެންގަނޑަށް ބަލަން އިރުކޮޅެއްވާންދެން ހުއްޓެވެ. އޭރުވެސް ޔަރަސް ގެ އަތުތެރޭގައި ވަރަށް ލޯބިކޮށް ނިދާލާފައި ބިޝާރާ އޮތެވެ. ޔަރަސް ގެ މިލްކިއްޔާތުގައިވާ އެއްމެ ހިތްގައިމު އެއް މަންޒިލަށް ހިތްފުރެންދެން ބަލަން ހުރުމަށްފަހު، ބިޝާރާ އަށް ބަލައިލި އެވެ. އެއަށްފަހު ކުރިއަށް ހިނގައިގަތެވެ. އަނެއްކާވެސް ހިރިގަލުން ހަދާފައި ހުރި ބޮޑު ފާރެއް ކައިރިއަށްގޮސް މަޑުކޮށްލި އެވެ. އެއީ ޔަރަސް ގެ ހިތްގައިމު ބަގީޗާ އާއި ހިލަގަލުން ހަދާފައި ހުރި މާސިންގާ ގޭގެ ގޯތި ތެރެއާއި ވަކިކުރަން ރާނާފައިވާ ފާރެކެވެ. ފާރުގެ މެދެއްހައި ހިސާބުގައި ދަގަނޑުން ހަދާފައިވާ ބޮޑު ގޭޓެއް ހުއްޓެވެ.

“ބިޝް.” އަތުތެރޭގައި އޮތް ބިޝާރާ އާއި ދިމާއަށް ގުދުވެލަމުން ކަންފަތް ދޮށުގައި ސިއްރުސިއްރުން ގޮވައިލި އެވެ. “ބިޝް، އަހަރުމެންނަށް މިތަނަށް މި އާދެވުނީއޭ. ދެން ހޭލަ ބަލަ!” ބިޝާރާ ކުޑަކޮށް ގުޑިލި އެވެ. ދެން މަޑުމަޑުން ލޯ ހުޅުވައިލި އެވެ.

“އޯހް ނޯ! މޯނިންގ ވީތަ؟ ޔަރަސް އަހަރެން އުރައިގެން ހުންނަތާ ކިހާ އިރެއްވެއްޖެތަ؟”

“ތިއެއް ބުނާކަން ނޭނގެ. ބިންގަރާސް މަގުން ފެށިގެން އެތަކެއް މޭލެއް ކަޑައްތުކޮށްފަ، ޖަންގަލި ތެރެއިން އެތައް މޭލެއް ކަޑައްތުކޮށްފަ، މިހާރު މި ތިބީ އަހަރެންގެ ޕްރައިވެޓް ބަގީޗާގަ.” ހެމުން ހެމުން ޔަރަސް ބުންޏެވެ.

“ބަގީޗާ އޭ؟ ޔަރަސް ގެ އޮވޭތަ އަމިއްލަ ބަގީޗާ އެއްވެސް؟”

“ލައްބަ ސާހިބު ކަމަނާ. އެއީ މާމެލާމެލީގެ ނަން ހުސްކޮށް ފަރިވެ ފޮޅިފަ އޮންނަ ބަގީޗާ އެއް. އެ ބަގީޗާގެ ބިޔަކަމާއި ބޮޑުކަމުން އެތަނުގެ ތެރޭގަ މީހަކު ވާވެސް ވަދެދާނެ!”

“އަސްލުވެސް ހަމަ އެހާ ބޮޑުތަ؟” ގަބޫލުކުރަން ދަތިވެގެން ބިޝާރާ ސުވާލުކޮށްލި އެވެ.

“އާނއެކޭ ކަމަނާ. އެކަމަކު ބިޝް އެތަނުގެ ތެރެއަށް ވާވަދެއްޖެއްޔާ އަހަންނަށް ވަރަށް މަޖާ ވާނެ، ހަނދާން އެބަހުރިތަ؟”

“ހޫމް ދެން އުޅޭ ގޮތެއް! ވަރަށް ފޫހިވޭ!” ޔަރަސް އެ ބުނި އެއްޗެއް އެނގޭތީ ބިޝާރާ ތުއިވެލި އެވެ.

ވަރަށް މަޖާވެފައި ޔަރަސް ހޭން ފެށި އެވެ. އެ ދެކެވެނީ ކޮން ވާހަކައެއްކަން އެ ދެމީހުންނަށްވެސް އެނގެ އެވެ. އެއީ ބިޝާރާ ޔަރަސް ގެ ޝިކާރައަކަށް ހެދުމަށްޓަކައި ގަމުގެ މާސިންގާ ވާވަލުގައި ދުވުނު ރޭގެ ވާހަކަ އެވެ. ޔަރަސް ގެ ޝިކާރަ އަކަށް ބިޝާރާ ވެގެން ދިޔަ ރޭގެ ވާހަކަ އެވެ. އެ ރެއަކީ ބިޝާރާ އަށް ބިރުވެރި ރެއެއް ނަމަވެސް ޔަރަސް ވަރަށް މަޖާވި ރެއެކެވެ.

ޔަރަސް ވިސްނަން ފެށި އެވެ. ބިޝާރާ ޝިކާރަކޮށް، ލޭ ބޯން އުޅުނު ރޭގެ މަތިންނެވެ. ފުރަތަމަ ފަހަރަށް ގަމު ކަސްޓަމް ސަރަޙައްދު ރުއްގަނޑު ތެރޭން އެ ދެމީހުންނަށް ބައްދަލުވެވުނު ގޮތެވެ. އެރޭ ބިޝާރާ ލައިގެން ހުރި ހެދުމެވެ. ބިޝާރާ ރުއި، ރުއިމެވެ. ފުރަތަމަ ރެއަކީ ޔަރަސް ހައިވެފައި ހުރި ރެއެއް ނޫނެވެ. އެއާއި ޖެހިގެން އައި ދެރޭ އޭނާ ބަނޑަށް ހުރީ ބިޝާރާ ގެ ގައިން ލޭ ބުއިމުގެ ނިޔަތާއި އެކުގައެވެ. ޔަރަސް ނިންމައިގެން ހުރީ އެ ދެރެއިންކުރެން ކޮންމެވެސް އެއް ރެއަކު ބިޝާރާ ގެ ގައިން އެއްކޮށް ލޭ ބޮއެ ހުސްކޮށްލުމަށެވެ.

ނަމަވެސް މިއަދު ބިޝާރާ އަކީ ޔަރަސް ގެ ލޯބިލޯބި އަނބިމީހާ އެވެ. ބިޝާރާ އަށް ޔަރަސް ގެ ފަރާތުން ކުރެވު ހުރިހައި ގޯނާ އަކަށް މަޢާފުދިންކަމާއި މެދު ޝުކުރުވެރިވާނެ ގޮތެއްވެސް ޔަރަސް އަށް މިއަދު ނޭނގެ އެވެ. ބިޝާރާ މަރައިލުމަށް އޭރު އުޅެވުނަސް، އެކަން ނުކުރެވުނީތީ މިއަދު އޭނާ އިންތިހާއަށް އުފާކުރެ އެވެ. ބިޝާރާ ފަދަ ހިތްގައިމު ކުއްޖެއް ނައްތައިލުމަށް އޭނާގެ ހިތަށް އޭރު އެރީތީވެސް މިއަދު ދެރަވެ ލަދުގަނެ އެވެ.

“ޔަރަސް؟” ކަންބޮޑުވެފައި ބިޝާރާ ގޮވައިލި އެވެ. “ކޮންކަމަކާ ތަ ތިވަރަށް ތި ވިސްނަނީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟”

ޚިޔާލީ ދުނިޔެއިން ޔަރަސް އަށް ނިކުމެވުނީ ބިޝާރާ ގެ ލޯބިލޯބި އަޑު ޖެހުމުންނެވެ. “ނޫން… ނޫނޭ.. ވަކި ކަމަކާ ނޫން. ބިޝް ކަންބޮޑުވާން ޖެހޭފަދަ އެއްވެސް ކަމެއް ނުވެޔޭ.”

“ދެން އެހެއްވެއްޖެއްޔާ ކޮން އިރަކުންތަ އަހަރެން ހަމަ ބިމުގަ ބަހައްޓާނީ؟”

“އަހަރެން ބޭނުންވީމަ ބަހައްޓާނަމޭ! އޯކޭތަ އެގޮތް؟” ވަރަށް ލޯބިން ޔަރަސް ޖަވާބު ދިނެވެ.

ހިލައިން ހަދާފައިވާ ބޮޑު ގެއަށް ވަންނަން ހުރި ހައިވަކަރު ދޮރުފަތް ހުޅުވައިލަމުން ބިޝާރާ ގޮވައިގެން ޔަރަސް ވަނެވެ. ބިޝާރާ ގޮވައިގެން ގޮސްވަނީ ވަށައިގެން ކަޅުކުލައިގެ ފަރުދާ ދަމާފައި ހުރި ކޮޓަރިއަކަށެވެ. ކޮޓަރީގެ މެދުގައި ހުރި ކިންގްސައިޒް އެނދުގައި ބިޝާރާ ބޭއްވި އެވެ. ޔަރަސް ގެ އިނގިލިން އިޝާރާތެއް ކޮށްލަމުން އަލިފާން ކަނޑައިލި އެވެ. ހީވީ ގޭސް ލައިޓަރަކުން އަލިފާން އެޅިހެންނެވެ. ކޮޓަރީގައި ހުރި އުއްބައްތިތައް ދިއްލަމުން ދިޔައިރު ޔަރަސް ގެ ކޮންމެ ހަރަކާތަކަށް ބިޝާރާ ބަލަމުން ދިޔައެވެ.

އުއްބައްތިތައް ދިއްލައި ނިމިގެން ޔަރަސް ގެ އިނގިލި ކޮޅުގައި ހުރި ހުޅުކޮޅު ނިވައިލި އެވެ. މަޑުމަޑުން އެނދަށް އަރައި ބިޝާރާ އާއި ކައިރިއަށް ޖެހެން ފެށިއެވެ. އިސާހިތަކުން ދެ ޖިސްމު އެއް ޖިސްމަކަށްވެ، މީގެ ކުޑައިރުކޮޅެއް ކުރިން އަނދަމުން ދިޔަ އަލިފާނުގެ ހުޅުކޮޅަށްވުރެން މާ ހިތްގައިމު ހުޅުކޮޅެއް އެ ދެމީހުންގެ ދެމެދުގައި އުފެދެމުން ދާންފެށިއެވެ.

މާނޭވާލަމުން ދިޔަ ބިޝާރާ އެނދުމައްޗަށް ދެމިއްޖެ އެވެ. ޔަރަސް އަށް އެއްވެސް ވަރުބަލިކަމެއް އިހުސާސް ނުކުރޭވޭ ފަދަ އެވެ. އަނެއްކާވެސް މަޑުމަޑުން ބިޝާރާ ގެ ކަނދުރާ ދޮށުގައި އަނގަ ޖެހިއެވެ. އަނގައިގެ ތެރެއިން ނިކުމެފައި ހުރި ތޫނު ދެ ފޭރާދަތުން ބިޝާރާ ގެ ކަނދުރާ ނާރު ތޮރުފާލި އެވެ. ޔަރަސް ގެ އަނގައިގައި ހުންނަ ޚާއްޞަ ދިޔަ ފޮދުވަރުން އެތިފޮދެއް ބިޝާރާ ގެ ހަށިގަނޑަށް ފޮނުވައިލި އެވެ. އެވަގުތު ބިޝާރާ އަށް ހީވީ އެހެން އާލަމަކަށް ދެވުނުހެންނެވެ. އެވަރުގެ ހިތްގައިމު އަރާމުކަމެއް މީގެ ކުރިން އޭނާ އަށް އިހްސާސް ކުރެވިފައެއް ނެތެވެ.

ނުނިމޭ

އެއްހާސް އަހަރު – 41

މާނޭވާލަމުން ދިޔަ ބިޝާރާ އެނދުމައްޗަށް ދެމިއްޖެ އެވެ. ޔަރަސް އަށް އެއްވެސް ވަރުބަލިކަމެއް އިހުސާސް ނުކުރޭވޭ ފަދަ އެވެ. އަނެއްކާވެސް މަޑުމަޑުން ބިޝާރާ ގެ ކަނދުރާ ދޮށުގައި އަނގަ ޖެހިއެވެ. އަނގައިގެ ތެރެއިން ނިކުމެފައި ހުރި ތޫނު ދެ ފޭރާދަތުން ބިޝާރާ ގެ ކަނދުރާ ނާރު ތޮރުފާލި އެވެ. ޔަރަސް ގެ އަނގައިގައި ހުންނަ ޚާއްޞަ ދިޔަ ފޮދުވަރުން އެތިފޮދެއް ބިޝާރާ ގެ ހަށިގަނޑަށް ފޮނުވައިލި އެވެ. އެވަގުތު ބިޝާރާ އަށް ހީވީ އެހެން އާލަމަކަށް ދެވުނުހެންނެވެ. އެވަރުގެ ހިތްގައިމު އަރާމުކަމެއް މީގެ ކުރިން އޭނާ އަށް އިހްސާސް ކުރެވިފައެއް ނެތެވެ.

ޖެހިގެން އައިދުވަހު ހެނދުނު ބިޝާރާ އަށް ހޭލެވުނީ އޭނާގެ މޫނަށް އެޅެމުންދިޔަ އިރުގެ އަލި ދޯދިތަކުން ލިބެމުންދިޔަ ހޫނުކަމުގެ ސަބަބުންނެވެ. އޭރު އޭނާއަށް އޮވެވުނީ އެހެން ކޮޓަރިއެއްގަ އެވެ. އެއީ ރޭގައި އޭނާ އޮތް ކޮޓަރި ނޫންކަން އެނގުނީ ޖެހެމުންދިޔަ ފިނި ވައިރޯޅިއާއިއެކު ކޮޓަރި ތެރެއަށް ވިހުރެމުން ދިޔަ ކްރީމް ކުލައިގެ ތުނިތުނި ދޮރުފޮތިގަނޑު ފެނުމުންނެވެ. އޭރު ކުޑަދޮރުގެ ދޮރުފަތްތައްވެސް ހުރީ ހުޅުވާލާފަ އެވެ. ރޭގައި އޭނާ އޮތް ކޮޓަރި އަކީ އަނދިރި ކޮޓަރިއެއްކަން ހަނދާން ހުއްޓެވެ. ކޮޓަރީގައި ހުރީ ކަޅު ކުލައިގެ ދޮރުފޮތިކަންވެސް ހަމަ ރަނގަޅަށް ހަނދާން ހުއްޓެވެ. އެހެނަސް މިއީ މާ ބޮޑަށްވެސް އަލި ކޮޓަރި އެކެވެ. ކޮޓަރީގެ ފާރުތަކުގައިވެސް ހުރީ މަޑު ނޫ ކުލައެއް ލާފަ އެވެ. އެނދުމަތީގައި އަޅާފައި އޮތީ ހުދުކުލައިގެ ފަލަނގުފޭއްޔެކެވެ. އެނދުގައި ހުރި މަޑުމަޑު ބާލީސްތަކުގައިވެސް ހުރީ ހަމަ އެކުލައިގެ އުރަ ލައްވާފަ އެވެ. ހުވަފެނެއްގައި އޮވެވުނީ ނޫންބާއޭ ބިޝާރާގެ ހިތަށްއެރި އެވެ. ނަމަވެސް އެ ކޮޓަރިއަށް ޔަރަސް އައިސް ވަންނަތަން ފެނުމުން އެއީ ހުވަފެނެއް ނޫންކަން ޔަޤީން ކުރެވުނެވެ.

“ޔަރަސް؟” ނިދިން ފުރިފައިވާ ދެލޯ ހުޅުވައިލަމުން ބިޝާރާ ގޮވައިލި އެވެ. ނިދީގެ އަސަރު ހުރިނަމަވެސް ހިތްގައިމު މަޑުމަޑު އަޑަކުންނެވެ.

“ޔޭސް ބިޝް!” ބިޝާރާ އާއި ނުހަނު ގާތުގައި ޔަރަސް އިށީންނި އެވެ. އޮށޯއްވެގެން އޮތް ބިޝާރާ ގެ ދެފަރާތުގައި އެނދުމަތީގައި އަތް ވިދެލަމުން ބިޝާރާ އާއި ދިމާއަށް ޔަރަސް ގުދުވެލި އެވެ. އެވަގުތު ބިޝާރާ ގެ ހިތަށް ބުނަންވެސް ނޭނގޭފަދަ އިހުސާސެއް ވެރިވެގެން ދިޔައެވެ. ރެއަށްވުރެންވެސް ޔަރަސް ފެންނަ ލެތް ހިތްގައިމެވެ. ރީތިވެފައި ސަމައްތަރު ހެވެވެ. މޫނުންވެސް ފެންނަން ހުރީ އުޖާލާ ކަމެކެވެ. އޭރު ޔަރަސް އިނީ އެއްޗެހިވެސް ބަދަލުކޮށްގެންނެވެ. އާއްމުކޮށް ލައި އުޅޭ ހެދުމުގައެވެ. ނަމަވެސް އާއްމުކޮށް ލައި އުޅޭ ލެދަރު ޖެކެޓްގެ ބަދަލުގައި ލައިގެންހުރީ ކޮޓަން ފޮތީގެ ކަޅުކުލައިގެ އަތްދިގު ގަމީހެކެވެ.

“ކޮންތާކު އަހަރެން މިއޮތީ؟” ދެތުވެ އިށީންނަމުން ބިޝާރާ ސުވާލުކުރި އެވެ. ގައިމަތީގައި އަޅާފައި އޮތް ހުދުކުލައިގެ ބެޑްޝީޓުން ހަށިގަނޑު ފޮރުވާލަމުންނެވެ. އޭނާ ނިދާފައި އޮއްވާ އެއްޗެހި ބަދަލުކުރުވިކަމެއް އޭރަކު އަދި ނޭނގެ އެވެ.

“އަހަރެންގެ ރިޒޯޓްގަ، އަހަރެންގެ ޕްރައިވެޓް ކޮޓޭޖް ގަ.”

ބިޝާރާ އާފުރިލި އެވެ. “އެކަމަކު މި ކޮޓަރި ހާދަ ތަފާތޭ.” ގައިމަތީގައި އޮތް ބެޑްޝީޓުގެ ދަށުން، އޭނާގެ ހަށިގަނޑުގައިވާ ލޭސް ފޮތީގެ މަޑު ފިޔާތޮށިކުލައިގެ ހެދުމަށް ބަލައިލެވުނީ އެވަގުތު އެވެ. “ކޮން އިރަކު އަހަރެން ނިދާހެދުން ލެއްވީ؟”

“ބިޝް ނިދާފަ އޮއްވައެއްނު، އަހަރެން ބިޝް ގެ ގައިން ކުޑަ ލޭފޮދެއް ބުއިމަށްފަހުގަ. އަހަރެން ހިތަށް އެރީ ބިޝް އަށް ހޭލެވޭއިރު ކޮންމެވެސް ކޮންފޮޓެބަލް ހެދުމެއް ލައްވާފަ ބޭއްވީމައޭ ސަޅި ވާނީ.” މިހެން ބުނަމުން ޔަރަސް ތެދުވިއެވެ. އެނދު ކައިރީގައި ހުރި ކަބަޑުމަތީގައި ބަހައްޓާފައިހުރި ސްޓީލް ތަބަކެއް ހިފައިގެން އައިސް ހުއްޓުނެވެ. އެ ތަބަކުގައި ހުރި ތަށިތަކުގައި ވަރަށް ރީތިކޮށް ހަދާފައިވާ ފަރަންސޭސި ޕާނަކާއި ޖޭމު ފުޅިއެއް ހުއްޓެވެ. އޮރެންޖު ޖޫސް ތަށްޓަކާއި ކޮފީ މަގަކާއި ހަކުރާއި ކިރުވެސް ހުއްޓެވެ. ބިޝާރާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ބިޝާރާ ހައިރާންވެފައި އިންތަން ފެނިފައި ވަރަށް ފޮނިވެލަމުން ޔަރަސް ވާހަކަދައްކަން ފެށި އެވެ.

“މަށަށް ކައްކަން އެނގޭކަމެއް ނޭނގޭތަ؟ އިންސާނުންގެ ގައިން ލޭ ބޮއެގެން ދިރިއުޅެން އެއްހާސް އަހަރު ލިބިފައޮތްއިރު، ކެއްކުން ފަދަ އާދައިގެ ކަމެއް ކުރަން ދަސްނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެއްނު. އެހެން ނޫނަސް ފޫހި ފިލުވަންވެސް އެހައި ދިގު ލައިފެއްގަ އުޅޭއިރު ލައްކަ ގިނަ ކަންކަންވެސް ކުރެވޭނެތާދޯ!”

“އަހަރެން ހީކުރީ އެފަދަ ކަންކަން ކޮށްދޭނީ ޔަރަސް ގެންގުޅޭ އަޅުންނާއި ބާންދީންތައް ކަމަށް.”

“އެމީހުން އާއްމުކޮށް ކައްކާނީ ޕާޓީތަކަށާއި މެހެމާނުންނަށް. އެހެންނޫނަސް މާގިނަބަޔަކަށް ކައްކާކަށް ނުވެސް ޖެހޭނެދޯ. މަށާ މަގޭ މަންމަ އާއި ދެން ބައެއް ފަހަރަށް ބައްޕައަށް ކައްކަން ޖެހޭނީ. އެކަމަކުވެސް އަބަދުވެސް އަހަރެންގެ ގޭގަ އުޅޭނެ މެހެމާނުންވެސް. ފަހަރެއްގަ ބިޝް އަށްވެސް ފެނިފަކަން ނޭނގޭދޯ އޮންނާނީ އެހެން އައިސް އުޅޭ ބައެއް މެހެމާނުން!؟”

“އާނ ފެނޭ ބައެއް ފަހަރަށް.” ދުރަށް ބަލައިލަމުން ބިޝާރާ އެއްބަސްވި އެވެ. “ބައެއް ފަހަރަށް އެމީހުން ފެނުމުން އަހަރެން ވަރަށް ބިރުވެސް ގަނޭ، އެކަމަކު ގިނަ ވޭމްޕަޔަރުން އަހަރެން ފެނުނަސް ފެންނަކަމަށްވެސް ނުހަދާ ދަނީ.”

“އާނ، ތީކީ އަހަރެންގެ އަޅެއް ނޫނެއްނު. އެހެންވީމަ އެމީހުންނަށް އެނގޭނެ ތީ ޚާއްޞަ މެހެމާނެއްކަން. އެހެންވެ ނުކެރޭނެ އެއްވެސް ޖެއްސުމެއް، ގޯނާއެއް ކޮށްލާކަށް. އަހަރެންގެ ބައްޕަ އަރުޖުން އަށް ފެނިއްޖެއްޔާ ފަހަރެއްގައި ޖެއްސުމެއްވެސް ކޮށްލަފާނެ. އަހަރެން ގެންގުޅޭ އަޅުންނަށް އޭނަ ދޭތެރެއަކުން ޖެއްސުންކޮށް ގޯނާ ކޮށްލާނެ. މިސާލަކަށް އެމީހުން މޮޕުލައި ނިއްމާލާތަނުން ކިލާތަކާއިއެކު ގޮސް ހިނގާފާނެ ހަމަ ގަސްދުގަ މުށިތައް ހަޑިކޮށްލަން. އިންސާނުން އޭނަދެކެ ބިރުގަންނަވަރަށް އަހަންނަށް ހީވަނީ އަހަރެންވެސް އޭނަދެކެ ބިރުގަނޭހެން. އެކަމަކު އެއީ ތަފާތު އެހެން ސަބަބުތަކަކާއި ހެދި އިނގޭ.”

“ޔަރަސް….” ވަރަށް ޖެހިލުންވެހުރެ އިސްޖަހައިލަމުން ބިޝާރާ ކޮންމެވެސް ބޮޑު ވާހަކައެއް ދެއްކޭތޯ މަސައްކަތް ފެށިއެވެ. އެއީ ޔަރަސް އެވާހަކައެއް ދެއްކުމަށް އެއްވެސް ވަރަކަށް ނޭދޭ ވާހަކައެއްކަން އޭނާއަށް އެނގެ އެވެ. އެކަމަކު މިފަހަރު އަޅުންގެ ވާހަކަ ތިލަކުރީ ޔަރަސް އެވެ. އެހެންވެ، ލިބުނު ދަނޑިވަޅުގައި ބިޝާރާ ބޭނުންވީ ވާހަކަ ދައްކާށެވެ.

“އަހަރެން މިވެސް އެމީހުން ކަހަލަ މީހެއްނު. މިބުނީ އަޅުންކަހަލަ…. އޭގެ ތެރޭގަ ތިބޭނެ މަގޭ ބައެއް ރައްޓެހިންވެސް….” ބިޝާރާ ފުންނޭވައެއް ލިއެވެ. “ކީއްވެގެންތަ ޔަރަސް އެމީހުންދެކެ އެހާބޮޑަށް ރުޅި އަންނަނީކީ؟ ކީއްވެތަ އެމީހުންނަށް އެހާ އަނިޔާވެރިވާންވީކީ؟”

“އެއީ އަހަރެންގެ ޠަބީޢަތުގަ ހުންނަ ކަމެކޭ!” ޔަރަސް ވަރަށް ބާރަށް ހަޅޭއްލަވައިގަންނަމުން ބުންޏެވެ. އޭނާ ރަނގަޅަށް ރުޅިއަތުވެއްޖެ އެވެ. “އަހަރެން މިގޮތުގަ އުޅޭތާ މިވަނީ ދިހަ ޤަރުނެއްނު. ބިޝާރާ ކައިވެނި ތިކުރީ ވަރަށް ބާރުގަދަ އަނިޔާވެރި ވޭމްޕަޔަރަކާ ކަން ކައިވެނީގެ ކުރިންވެސް އެނގެއެއްނު. ބުނެފީމެއްނު އަހަރެންގެ މި ޠަބީޢަތް ބަދަލެއް ނުކުރެވޭނޭ. ކަލޭ އެކަން ބަދަލުކުރަން މަސައްކަތްކުރާ ހަމަ ކޮންމެފަހަރަކު އަހަންނަށް ކަލޭދެކެ އާދެވޭނީ ރުޅި. އެހެންވީމަ އާދޭސްކޮށްފަ މިބުނަނީ ތި ވާހަކަ ދެއްކުން ހުއްޓާލަބަލަ ޕްލީޒް. އަހަރެން ރުޅިއަރުވަން ނޫޅެބަލަ!”

ނުނިމޭ

އެއްހާސް އަހަރު – 42

“އައިއޭމް ސޮރީ!” ޔަރަސް ގެ މޫޑު ސަކަރާތްކޮށްލެވުމުން ހަމަ ޙަޤީޤަތުގައިވެސް ބިޝާރާ ދެރަވެއްޖެ އެވެ. ޔަރަސް ދެކެ ބިޝާރާ އިންތިހާއަށް ލޯބިވެ އެވެ. އިންސާނުންނާއިމެދު ޔަރަސް ގެ ހިތުގައި އުފެދިފައިވާ ނަފުރަތާއި ރުޅިވެރިކަން ނެތިގެން ދިއުމަށް އޭނާ ބޭނުންވަނީވެސް އެހެންވެގެން ނެވެ.

“ނޫނޭ.. އައިއޭމް ސޮރީ. އެގޮތަށް އަހަރެން ބިޝާރާ އަށް އަޑުއުފުލުން އެއީ މަށަށް ކުރެވުނު ގޯސްކަމެއް.” ބިޝާރާ އާއި ކައިރިއަށް ޖެހިލި އެވެ. ބޮލުގައި ފިރުމާލަމުން މަޢާފަށް އެދުނެވެ. “އަސްލު ވާގޮތަކީ ބިޝާރާ އެގޮތަށް ވާހަކަދެއްކުމުން އަހަރެންގެ މަންމަ އެކޭ އެއްވެސް ތަފާތެއް ނެތް. މަގޭ ބޮލަށް ފިސާރި އުނދަގޫވާކަމެއް އެއީ. އިންސާނުންނާއި މެދު އަހަރެން ދެކެމުން އަންނަ ގޮތް ބަދަލުކޮށްލެވޭތޯ މަންމަ މަސައްކަތް ކުރަމުން އަންނަތާ މިހާރު އެއްހާސް އަހަރު މިވަނީ. އެކަމަކުވެސް އަހަރެން ބަދަލެއް ނުވެއެއްނު. އެހެންވީމަ މަދު ދުވަސްކޮޅެއްގެ ތެރޭގަ ބިޝް އަށް އެކަން ކުރެވިދާނެ ހެނެއް އަހަންނަކަށް ހިއެއްނުވޭ.”

ބިޝާރާ އިސްޖަހައިލި އެވެ. ބިޝާރާ ދެރަވެފައި ހުންނަތަން ދުށުމަކީ ޔަރަސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ބިޝާރާ އަށް ވެގެން އެ އުޅޭގޮތަކީ އިންސާނުންނާއި ދުރުގައި އެހާ ގިނަދުވަހު އުޅެން ޖެހުމުން އޭނާ ގެ އިންސާނީ ރަޙްމަތްތެރިންމަތިން މާބޮޑަށް ހަނދާންވަތީކަން ޔަރަސް އަށް އެނގެއެވެ. އެކަމަކުވެސް މިހާރު ބިޝާރާ އަކީ ޔަރަސް ގެ އަނބިމީހާ އެވެ. ބާރުގަދަ ވޭމްޕަޔާ ޔަރަސް ގެ އަނބިމީހާ އެވެ. އެހެންކަމުން ވާންޖެހޭ ޤުރުބާނީ ތަކެއްވެސް ހުންނާނެކަން ބިޝާރާ ދަންނަން ޖެހޭނެއެވެ.

“މަށަށް އެނގޭ ބިޝް ބޭނުންވާކަން އިންސާނުންނާއި އެކު މަސްހުނިވެ އުޅުމަށް. އެކަމަކުވެސް ބިޝް އަށް ޤަބޫލުކުރަން ކިތައްމެ ދަތިވިޔަސް ދެން އިންސާނުންނާއި އެކުގައި ބިޝް އަކަށް ނޫޅެވޭނެ. މިހާރު އެމީހުން ބިޝް އާއި މެދު ދެކޭނީ ތީވެސް ޚާއިނެއް ކަމަށް. އެމީހުން ބިޝް އަށް އަނިޔާކުރަންވެސް މަސައްކަތް ކޮށްފާނެ.”

ބިޝާރާ ގެ ލޮލުން ކަރުނަތިއްކެއް ކޯތާފަތް މައްޗަށް ވެއްޓުނެވެ. ވަރަށް ލޯބިން ޔަރަސް އެ ކަރުނަތިކި ފޮހެލައިދިނެވެ. ޔަރަސް ގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެއީ ބިޝާރާ އާއި މެދު އޭނާގެ ހިތުގައިވާ ލޯތްބާއި ހަމްދަރުދީގެ އިތުރުން އިންސާނީ މުޖުތަމަޢާއި ދުރުގައި ބިޝާރާ އުޅެން ޖެހުމުން އެކަމާއިމެދު ޔަރަސް ކުރަމުންދާ ހިތާމައިގެ ކަންބޮޑުވުމެކެވެ.

“އަޅެ ޔަރަސް، ޕްލީޒް…….” ބިޝާރާ އާދޭސް ކުރަން ފެށިއެވެ.

“ބިޝް އަށް އެއްވެސް ބަޔަކު އަނިޔާކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ މަންމަ އަށް ވީގޮތް ވާކަށް ބޭނުމެއް ނޫން. ބިޝް ވޭމްޕަޔާ އަކަށް ބަދަލުވަންދެން އަހަރެން އެބެޖެހޭ ބިޝް ރައްކާތެރިކޮށްގެން ގެންގުޅެން.”

ބިޝާރާ ގެ އުނގުގައި ޔަރަސް ބޯއަޅައިލިއެވެ. ބިޝާރާ ގެ މޫނަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ. “ދެން އަހަރެންގެ އަޅުންގެ ވާހަކަ ނުދައްކާ ތިބެން ހިނގާބަލަ. އަހަރެން އަބަދުވެސް މަސައްކަތް ކުރާނީ ބިޝް ގެ ސަލާމަތާއި ރައްކާތެރިކަމަށް. އަހަރެންގެ ހުރިހައި ބައިތުލްމާލަކީ ހަމަ ބިޝް ގެ ތަކެތި.  އަހަރެންގެ މިލްކިއްޔާތުގަ ވާ ހަމައެކަނި ފަރާތަކީ ތީ، އެކަމަކު މަގޭ އަޅުން ފިޔަވައި. އެހެންވީމަ އެވަރުން ދެން އޯކޭވެބަލަ.”

‘އެކަމަކު.”

“އޯހް ބިޝް. އަޅެ އަހަރެން ނައްޓުވަންތަ ތި އުޅެނީ. ދެން ތި ޝަކުވާ ނުކޮށްބަލަ އޯކޭ؟”

“އޯކޭ.” ޔަރަސް ގެ މޫނަށް ބަލައިލަމުން ބިޝާރާ ބުންޏެވެ.

“މަށަށް އިތުބާރު ކުރަމެއްނު ދޯ.” ބިޝާރާ ގެ ބޮލުން އިސްތަށިކޮޅެއް އޭނާގެ އިނގިލީގައި ލައި އޮޅާލަމުން ބުންޏެވެ.

“ބިޝް ގެ އިންސާނީ ރަޙުމަތްތެރިންނަކީ ތިޔަ ހީކުރާކަހަލަ ރަނގަޅު ބައެއް ނޫންކަން އެނގިއްޖެއްޔާ ހަމަ ބިޝް އެއްނު ދެރަވާނީ.”

ޔަރަސް މިހެން ބުނުމުން ބިޝާރާ ވިސްނައިލިއެވެ. ޔަރަސް އެހެން އެބުނީ އެއީ އޭނާގެ ހިތުގައި އިންސާނީ ދަރިފަސްކޮޅާއިމެދު އުފެދިފައިވާ ގަދަފަދަ ހަސަދަވެރިކަމުގެ ސަބަބުން ކަމަށް ނިންމިއެވެ. އަދި ކޮންމެވެސް ދުވަހަކުން ބިޝާރާ ގެ އިންސާނީ ރަހުމަތެރިންނާއި ބައްދަލުކުރަން ދާނެ ކަމަށް ހިތުގައި ނޯޓްކޮށްލި އެވެ.

މަޢުޟޫ ބަދަލުކޮށްލީ ޔަރަސް އެވެ. އަޑުގައި ތަންކޮޅެއް ސީރިއަސް ގޮތެއް ހުއްޓެވެ. “ބިޝް، ބިޝް އަށް އެނގެންޖެހޭ ވަރަށް މުހިއްމު ކަމެއް އަދި އެބައޮތޭ. ތަންކޮޅެއް ކުރިން މިވާހަކަ ނުބުނެވުނީތީ ސޮރީ.”

“އެހެންތަ! ތީ އަނެއްކާ ކޮންކަމެއްބާ؟”

“އެއީ މިތާނގަ ވަރަށް ހިތްގައިމު ބަގީޗާއެއް އޮންނަ ވާހަކަ. ހިނގާ އެ ބަގީޗާ ތެރެއަށް ހިނގާލަން ދަމާ. އެތަން ބިޝް އަށް ވަރަށް ކަމުދާނެ.” ވަޙުޝީ ގޮތަކަށް ޔަރަސް ހީނލިއެވެ.

“އެއްވެސް މީހަކަށް ނޭނގޭނެ އުފާވެރިކަމާ އުޖާލާ މާހައުލު ތަކަކީ އަހަންނަށް ކިހައި ވަރަކަށް ކަމުދާ ތަންތަން ކަމެއް. އަހަންނަކީ ވޭމްޕަޔަރެއް ވީމަ އެއްމެންވެސް ހީކުރާ އަހަރެން އަބަދު އުޅެން ބޭނުންވާނީ ނުވަތަ އަބަދު އުޅެވޭނީ އަނދިރީގަ ކަމަށް. މި ބުނިހެން އަލިކަމާއި ރޯޝަން ކަމުން ފުރިގެންވާ ތަންތަން އަހަންނަށް ކަމުދާކަން އެނގޭނީ ހަމައެކަނި އަހަރެންގެ މައިންބަފައިންނަށް. ދެން އެކަން މިހާރު މި އެންގީ ބިޝް އަށް.”

ޔަރަސް ގެ އެވާހަކަތައް ކަނުލައި އަހަން އޮވެފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން އެނދާއި ދިމާއިން މުށިގަނޑުމައްޗަށް ބިޝާރާ ބަލައިލިއެވެ. ވެޑިންގ ޑްރެސް ފެނޭތޯ އެވެ. އެކަމު އެއްވެސް ދިމާއަކުން ނުފެނުނެވެ. “ކޮބާ މަގޭ ހެދުން؟”

“އޭތް ވަރަށް ބޮޑަށް ސޮރީ.” ކުއްލިއަކަށް ސިހިފައި ޔަރަސް ބުންޏެވެ. “އަހަރެންގެ އަތުން އެ ހެދުން ފާޑަކަށް ހަލާކުވެއްޖެ. އެހެން ނޫނަސް،” ކައިރީގައި ހުރި އަލަމާރިއަށް އިޝާރާތް ކޮށްލަމުން މަޑުކޮށްލި އެވެ. “ބިޝް ބޭނުންވަރަކަށް އެއްމެ ޒަމާނީ މޮޅު ހެދުންތައް ހުންނާނެ އަލަމާރިގަ. ދެން ކީއްކުރަން ހޯދާ ހެދުމެއް!” މިހެން ބުނަމުން ޔަރަސް ތެދުވިއެވެ. އެކޮޓަރިން ނިކުމެއްޖެ އެވެ.

ނުނިމޭ

އެއްހާސް އަހަރު – 43

“އޭތް ވަރަށް ބޮޑަށް ސޮރީ.” ކުއްލިއަކަށް ސިހިފައި ޔަރަސް ބުންޏެވެ. “އަހަރެންގެ އަތުން އެ ހެދުން ފާޑަކަށް ހަލާކުވެއްޖެ. އެހެން ނޫނަސް،” ކައިރީގައި ހުރި އަލަމާރިއަށް އިޝާރާތް ކޮށްލަމުން މަޑުކޮށްލި އެވެ. “ބިޝް ބޭނުންވަރަކަށް އެއްމެ ޒަމާނީ މޮޅު ހެދުންތައް ހުންނާނެ އަލަމާރިގަ. ދެން ކީއްކުރަން ހޯދާ ހެދުމެއް!” މިހެން ބުނަމުން ޔަރަސް ތެދުވިއެވެ. އެކޮޓަރިން ނިކުމެއްޖެ އެވެ.

އަލަމާރި ތެރެއިން ބިޝާރާ ނެގީ ރަތް ކުލައިގެ ފަށުވި ފޮތީގެ ހެދުމެކެވެ. ޝިފޯން ފޮތީގެ ލޭޔަރު ތަކެއް ފަށުވި ފޮތީގެ މަތީބައިގައި އަޅާފައި ވެއވެެ.

ސަރާސަރު ބިޔަ ބަގީޗާ ތެރޭގައި ފަރިވެ ފޮޅިފައިވާ މާމެލާމެލީގެ މީރުވަހުން އުފާލިބިގަންނަމުން ޔަރަސް އާއި ބިޝާރާ ހިނގަމުން ދިޔައެވެ. މީގެ އިރުކޮޅެއް ކުރިން ޚަރާބުވެފައިވާ ދެމީހުންގެ މޫޑުވެސް ތާޒާވެއްޖެ އެވެ. ޔަރަސް ގެ އަތުން ބިޝާރާ ގެ އަތުގައި ހިފަހައްޓާލާފައި ވާއިރު ބިޝާރާ ވެސް ހީވަނީ ފަރިވެ ފޮޅިފައިވާ މަލެއް ހެންނެވެ. ބިޝާރާ ގެ އިސްތަށިގަނޑުގައި ވަނީ ހުޅިއެއް ޖަހަައިލާފަ އެވެ. ދެތިން އިސްތަށިކޮޅު މޫނުގެ ދެފަރާތަށް ވާގޮތަށް ވައްޓާލާފައި އޮތެވެ. އެކި ވައްތަރުގެ ހައެއްކަވަރަކަށް މާ ބިނދެލައިގެން ބިޝާރާ ގެ ބޮލުގައި ޖަހައިދިނެވެ. ބިޝާރާ ހުރީ އުފަލުން ފޮޅިފަ އެވެ.

“އެނގޭތަ؟ ތީ މަލެއް ނަމަ މީރު މޭވާއެއް ކާލާހެން ތީނަވެސް އަހަރެން ކާލާނަން.” ވަހުޝީ ގޮތަކަށް ބަލައިލަމުން ޔަރަސް ބުންޏެވެ.

“އެހެން ނޫނަސް ޔަރަސް އަހަރެން ކާލަފާނެ އެއްނު ހަމަ. ތީ ވޭމްޕަޔަރެއްނު، ހަނދާން ނެތުނީތަ؟ އަދި އަހަންނަށް ރަނގަޅަށް…. ނޫން.” ހެވިފައި ހުރެ ބިޝާރާ ބުނި ޖުމްލައިގެ އެއްބައި ވައްޓާލަމުން ބުންޏެވެ. “ހޫމް، ތިއެއް ނޫނޭ. އެހާ މުހިއްމު ކޮން ވާހަކައެއް ބުނަންތަ އޭރު އުޅުނީ؟”

ޔަރަސް މާނޭވައެއް ދޫކޮށްލި އެވެ. ސީދާ ބިޝާރާ ގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލި އެވެ. “މަށަށް ޖެހިފަވާ އެސްފީނާ އިން ސަލާމަތްވުމަށް އަހަރަމެން ހޯދަން ޖެހެނީ ފުރިހަމަ ޙަޤީޤީ ވޭމްޕަޔަރެއް.”

“ފުރިހަމަ ޙަޤީޤީ؟” ކުއްލިއަކަށް ބިޝާރާ ހުއްޓުނެވެ. އޭނާ ހުރީ ބިރުގެންފަ އެވެ. “އެކަމަކު ކިހިނެތް އެގޮތަށް ދަރިއަކު ހޯދާނީ؟ މަށަކީ އިންސާނެއްނު. ޔަރަސް މަންމައަކީވެސް ކުރިން އިންސާނަކަށް ވީތީއެއް ނޫންތަ ޔަރަސް ވެސް ބައިކުޅަބައި އިންސާނެއް، ބައިކުޅަބައި ވޭމްޕަޔަރެއްގެ ގޮތުގަ ތިހުރީ. އެހެނެއް ނޫންތަ؟”

“އެހެން.”

“ދެން ކީއްވެ ޔަރަސް ގެ ކިބައިގަ ތިހާ ބޮޑަށް ވޭމްޕަޔަރުންގެ ސިފަތައް-؟”

“އެ ވާގޮތަކީ އިންސާނުންގެ ޖީންސް ނުވަތަ ބިޝާރާ މެންގެ ދިވެހި ބަހުން އެ ކިޔާ ‘ބަހާ’ ތަކުގެ މައްޗަށް ވޭމްޕަޔަރުންގެ ބަހާ ތައް ގަދަވެގަންނަނީ. އޭގެ ސަބަބުން ވޭމްޕަޔަރުންނަށް ލިބިދޭ ހުރިހައި ބާރެއް މަގޭ ގައިގަ އެބަހުރި، ހަމަ އެހެއްމެ މަގޭ ގައިގަ ބައެއް ކަހަލަ އިންސާނީ ސިފަތައް އެބަހުރި. މިސާލަކަށް މަށަށްވެސް ކަރުނަ ބާލާފަ ރޮވޭ. ހަމަ އެގޮތަށް ޖިންސީ ކަންކަމުގަވެސް ހަމަ އިންސާނީ ގޮތްތައް އޮވެއެއްނު. މަށަށް ޖެހިފަ މިވާ އެސްފީނާގެ މައިގަނޑު އަސާސަކީ ނުވަތަ ފައުންޑޭޝަން އަކީވެސް އެއީ.” ބިޝާރާ ގެ އަތްތިލައިގައި ފިރުމަމުން، އޮޅުންފިލުވައިދޭން ފެއްޓިއެވެ. ބިޝާރާ ގެ މޫނުމަތިން ފެންނަމުންދިޔައީ އޮޅުން އަރާފައި ވާކަމުގެ ނިޝާނެވެ. ޝައުޤުވެރިކަމެވެ. ކޮންމެވެސް ވަރަކަށް ބިރުގެންފައި ވާކަމުގެ ނިޝާންތަކެވެ. ޔަރަސް އަނެއްކާވެސް ކުރިއަށް ގެންދިޔަ އެވެ.

“އޭގަ އެ ވާގޮތަކީ ޚާލިޞް މަޚްލޫޤަކާއި ޚާލިޞް ނޫން މަޚްލޫޤެއް ގެ ހުންނަ ތަފާތު މި ހުންނަނީ. އިނގިރޭސި ބަހުން ބުނާނަމަ މި ބުނީ ޕިޔޯ ބްރެޑް އަކާއި ހައިބްރިޑް އެއްގެ ހުންނަ ޑިފަރެންސަސް އުޅޭނޭ. އަސްލު އެ ވާގޮތަކީ ތަފާތު ދެ ޖީން ނުވަތަ ބަހާ އެކުވުމުން މި އުފެދެނީ ވަރަށް ބާރުގަދަ މޭވާއެއް. އޭގެ ދިފާޢީ ނިޒާމު މާބޮޑަށްވެސް ވަރުގަދަ ވާނެ. ދެން މިހެން ގޮސް އެތައް ކަމެއް. އެހެންވީމަ، އެއީ މަގޭ އަސްލަކީވެސް. އެހެންވެ މަށަށް މަގޭ އިނގިލިކުރިން ބޭނުން ވަގުތެއްގަ އަލިފާން ކަނޑާލައި އެ ކޮންޓްރޯލް މިކޮށްލެވެނީ.”

“އިތުރަށް ކޮންކަންތައް ތަކެއް؟” ބިޝާރާ އަށް އަދިވެސް ހުރެވުނީ ވާނުވާގަ އެވެ. ބިރުވެސް ގެންފައެވެ. އެހެނަސް އޭނާ އިތުރަށް އޮޅުންފިލުވަން ބޭނުންވި އެވެ. “މަށަށް އެނގިފަ ނުވާ އިތުރު ކޮން ކަންތައް ތަކެއް ހުރީ؟”

” ކިޔައިދެވެން ހުރި ހުރިހައި ކަމެއް މި ކިޔައިދެވުނީ. ދެން އެހެން ނޫނަސް މަށަކީވެސް ހަމަ އާދައިގެ ވޭމްޕަޔަރެއް.”

“އެހެންތަ؟” ކުއްލިއަކަށް ބިޝާރާ ގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވިއެވެ. “އެހެންވީމަ ތި އެސްފީނާ އިން ސަލާމަތެއް ނުވެވޭނެ ދޯ. އަހަރެން އިންސާނެއްގެ ގޮތުގައި ހުރެ ކިހިނެތް ފުރިހަމަ ވޭމްޕަޔާ ދަރިއެއް  ހޯދާނީ. އަދި އަންހެން ވޭމްޕަޔަރުންނަކީ ޤަރުބަ ނުގަނެވޭ މަޚްލޫޤުން ކަމަށްވީހިނދު، އަހަރުމެންނަކަށް ނެތެއްނު ސަލާމަތެއް. ތި އެސްފީނާ އިން ސަލާމަތެއް ނުވެވޭނެ އެއްނު!!” ޔަރަސް ގެ މޭމަތީގައި ބިޝާރާ ގެ މޫނު ފޮރުވައިލި އެވެ. “އަޅެ ދެން އަހަރުން ކިހިނެތް ހަދާނީވެސް…..” ބިޝާރާ ގިސްލަމުން ދިޔައެވެ. “ކީއްވެތަ އަހަރުމެންްގެ ލައިފް މިހާ ކޮމްޕްލިކޭޓެޑް ވާންވީކީ؟”

ބިޝާރާ ގެ ދެ އަތުގެ މުލައްދަނޑީގައި ހިފަމުން ޔަރަސް އާއި ދުރަށް ޖައްސައިލި އެވެ. ސީދާ ބިޝާރާ ގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ ވާހަކަދެއްކުމަށެވެ. “ބިޝް ޕްލީޒް ނުރޮއެބަލަ. އެކަން ނުވިޔަސް އަހަރުމެން މިވާ ލޯބި ދެމިއޮތްހައި ދުވަހަކު ކޮންކަމަކާ ހާސްވާންވީކީ.” ޔަރަސް ގެ ހިތުގައި އަޅަމުންދާ ވޭން ފޮރުވަމުން ބުންޏެވެ.

“އެކަމަކުވެސް ޔަރަސް ގެ ނިމުން އަންނަތަން ބަލާކަށެއް މަށަށް ކެތެއް ނުވާނެ.”

“ތިކަން އެނގެޔޭ ލޯބީ. ހަދާނެގޮތް އަދި ހުހެއް ނުވެޔޭ” ވަރަށް ލޯބިން ޔަރަސް ބުންޏެވެ.

“ކޮން ގޮތެއްތަ ދެން އޮތީ؟” ބިޝާރާ ގެ ލޮލުން ހޯސްލާފައި ކަރުނަ އޮޮހޮރެން ފަށައިފި އެވެ. ޔަރަސް އާއި ކައިރިކޮށްލި އެވެ. ހަމަޖައްސައިދެވޭތޯ މަސައްކަތްކޮށްލުމަށްފަހު ބިޝާރާ ގެ ފުރިހަމަ ސަމާލުކަން ހޯދި އެވެ.

“ބިޝް، ނިކަން ހަމަޖެހިބަލަ. އެބައޮތޭ ބުނެފީމެއްނު ގޮތެއް. އަހަރެން އެގޮތް ކިޔައިދޭން މިއުޅެނީ. އެކަމަކު ބިޝް ކިތައްމެ ބޭނުން ނުވިޔަސް މި ބުނާ ގޮތް ހަދަން ޖެހޭނެ.” އިސްއުފުލައި ބިޝާރާ ބަލައިލިއެވެ. ޔަރަސް ގެ ދެލޮލަށެވެ. ކަރުނައިން ފުރިފައިވާ ދެލޮން ނެވެ. ވަރަށް ބާރަށް ބިޝާރާ ގެ ގައިގައި ޔަރަސް ބައްދައިލި އެވެ. ބުރަކަށީގައި ފިރުމައިދޭން ފެށިއެވެ. ބިޝާރާ ގެ ބޯ ކިރިޔަކިރިޔާ އަރަނީ ޔަރަސް ގެ ނޭފަތާއި ހަމައަށެވެ.

ބިޝާރާ ގެ ރުއިން މަޑުވި އެވެ. ގިސްލުމަކަށް ބަދަލުވެ މަޑުމަޑުން ނޯށްދަމަމުން ދިޔައެވެ. ބިޝާރާ ގެ ދެ ކޮނޑުގައި ހިފައިފައި ޔަރަސް އާއި ދުރަށް ޖައްސައިލި އެވެ. ވަރަށް ފުންކޮށް ބިޝާރާ ގެ ދެލޮލަށް ބަލަމުން ކިޔައިދޭން ފެށިއެވެ. “ވޭމްޕަޔާ ނަސްލަށް ނިސްބަތްވާ ފުރިހަމަ ދަރިއެއް އަހަރުމެންނަށް ލިބޭނެ. އެކަމަށް އޮތް ތަޅުދަނޑިއަކީ މިއީ….. އެއީ ލޭ. ވޭމްޕަޔަރުންނަށް ލިބިފައިވާ ހުރިހައި ބާރެއްވެސް ދައުރުކުރަނީ ލޭ ތެރޭގަ. އިންސާނުންގެ ގައިން އަހަރުމެން ލޭ ބުޔަސް އަހަރުމެންގެ ހަށިގަނޑުގައިވެސް ލޭ ދައުރުކުރާ ނާރުތައް ހުރޭ، ލޭ ވެސް ހުރޭ. އެކަމަކު އެ ލެޔަކީ އިންސާނުންގެ ލެޔާއި މުޅިން ތަފާތު ލެޔެއް. އަހަރުމެންގެ ލޭގައި އިންސާނީ ލޭގައި ނިއުޓްރިއެންޓްސް ދައުރު ކުރާ ގޮތަށް ދައުރުވެސް ކުރާނެ. އެ ނިއުޓްރިއެންޓްސް ނުވަތަ ކާނާގެ ބައިތަކަކީ އިންސާނީ ލެއިން އަހަރެމެންނަށް ލިބޭ ކާނާގެ މާއްދާތައް. އެ މާއްދާ ތަކަކީ އަހަރެމެންގެ ހަށިގަނޑުގައި އަމިއްލައަށް އުފެދޭ އެއްޗެއް ނޫން. އިންސާނުންގެ ގައިން އަހަރެމެން ބޯ ލޭގެ ތެރޭގައި ހިމެނޭ ކާނާގެ މާއްދާތައް އަހަރެމެންގެ ލެޔަށް ދަމައިގަންނާނެ.”

“ދެން ތިކަމާ އަހަރުމެން ދަރިއެއް ހޯދުމާ އޮތީ ކޮން ގުޅުމެއް؟” އަދިވެސް އެއްކޮށް ރުއިން ހުއްޓާނުލެވި ހުރެ ބިޝާރާ ސުވާލު ކުރިއެވެ.

“މަށަށް ދަރިއެއް ލިބެން އޮތް ‘ބިސް’ އޮތީ ބިޝާރާ ގެ ހަށިގަނޑުގަ. އެ ބިސް ފައްކާ ކުރުމަށްޓަކައި ބިޝާރާ ޖެހޭނީ މަގޭ ގައިން ދެދުވަހު ލޭ ބޯން. އޭރުން ލިބޭ ދަރިފުޅު….. ވާނެ އަސްލު ވޭމްޕަޔަރަކަށް. އޭރުން އެއީ މަގޭ އެއްބަޔާއި ބިޝާރާ ގެ އެއްބައިން އުފެދޭ ވޭމްޕަޔަރެއް.” ބިޝާރާ އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލި އެވެ. ލޯ މަރައިގެން ހުރެއެވެ. ކުރިން ފަހަރަށް ވުރެން ބާރަށެވެ. ޔަރަސް އަނެއްކާވެސް އިތުރު ތަފްޞީލަށް ދިޔައެވެ. “މަށަށް އެނގޭ މި ކިޔާ އެއްޗެއް އޮޅުން އަރާނެކަންވެސް.”

ޔަރަސް ގެ ވާހަކަތައް ބިޝާރާ މެދުކަނޑައިލި އެވެ. “އޭރުން އަހަރެންވެސް ވާނީ ވޭމްޕަޔަރަކަށް ތަ؟” ވަރަށް ކަންބޮޑުވެފައި ހުރެ އަވަސް އަވަހަށް އެހިއެވެ. “ދެން ނޭނގެ މަށަކަށް. އަހަރެން ޔަރަސް ގެ ގައިން ތިޔަ ބުނާ ކަމެއް ކުރުމަށްފަހު….. އަހަރެން ވޭމްޕަޔަރަކަށް ވާނަމަ ކިހިނެތް ދަރިއެއް ލިބޭނީ. އަންހެން ވޭމްޕަޔަރުންނަކީ ދަރިމައިވާ ބައެއް ނޫނެއްނު؟”

“އާނ، ތި ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ބިޝާރާ ވޭމްޕަޔަރަކަށް ބަދަލުވަމުން ދާ މަރުހަލާ ކުޑަކޮށް ތަފާތު ވާނެ، އަހަރެންގެ ގައިން ކުޑަކުޑަ ލޭފޮދެއް ހަމަ ބޮއެލާ އިރަށް ބިޝާރާ ވޭމްޕަޔަރަކަށް ބަދަލެއް ނުވަނެ.” ކުރިއަށް ހިނގައިގަތުމަށް އިޝާރާތް ކުރަމުން ޔަރަސް ހިނގައިގަތެވެ. ބިޝާރާ ވެސް ހިނގައިގަތެވެ. “އަހަރެމެންގެ ދުނިޔޭގަ އަހަރެމެންނަކީ އާއްމު ގޮތެއްގައިންސާނުން ވޭމްޕަޔަރުންނަށް ބަދަލުކޮށް އުޅޭ ބައެއްނޫން. އެމީހުން ތިބޭނީ އަހަރެމެންގެ އަޅުންގެ ގޮތުގަ. ވަރަށް މަދު ހާލަތެއްގަ، މަދު ފަހަރަކު މެނުވީ އަހަރެމެން އެ އަޅުން ވޭމްޕަޔަރުންނަކަށް ބަދަލެއް ނުކުރަން. އަނެއްކާ ހަމަ ކޮންމެ ކޮންމެ ވޭމްޕަޔަރަކަށް އެކަމެއް ނުވެސް ކުރެވޭނެ. ނުވަދިހަނުވަ އިންސައްތަ ފަހަރަކީ އެމީހުން މަރުވާ ނިސްބަތް. މާނައަކީ ވޭމްޕަޔަކަށް ބަދަލުކޮށްލުމުގެ އެއްމެ ޕަސެންޓެއް މި އޮންނަނީ.”

ބިޝާރާ ލޯ ބޮޑުކޮށްލި އެވެ. “ދެން އަޅެ ނޫން. އަނެއްކާވެސް ތި އުޅެނީ އަހަރެންގެ މަރާއި އެހާ ގާތް ކުރުވަން ދޯ؟”

“ބިޝާރާ ބޭނުން ނޫނިއްޔަކާ ނުވާނެ. ވޭމްޕަޔަރަކަށް ވުން އެއީވެސް އޮތް ގޮތެއް. އޭރުންވެސް އަހަރެން މިހާރުވެސް ބިޝާރާ ދެކެ މިވާ ލޯބި ވާނަމޭ. އެކަމަކު އޭރުން އަހަރެންގެ އިންސާނީ އަނބިމިހާ އާއި އަބަދަށް ޖެހޭނީ އަލްވަދާޢު ކިޔަން.” ޔަރަސް ކުރިއަށް ބަލައިލި އެވެ. އެއީ ތެތްފިނި ދުވަހެކެވެ. އިރުގެ ދޯދިތައްވެސް އެހެން ދުވަސްތަކާއި ޚިލާފަށް ފަނޑުވެފައި ރީނދޫކަން ގަދައެވެ.

“އަހަރެން އިންސާނުންގެ ގައިން ލޭ ބޯއިރު ކޮންޓްރޯލް ކޮށްގެން ލޭ ބޯން އެނގޭ. މިބުނީ މަށަށް އެނގެޔޭ ބޯންވީ ކިހާ ލެޔެއްކަން. ހުއްޓާލަން ޖެހެނީ ކިހާވަރަކުންކަން. އަސްލު މަށަށް އެހެން އެވަނީ ބައިކުޅަބައި ވޭމްޕަޔަރެެއް، ބައިކުޅަބައި އިންސާނެއްގެ ގޮތުގަ ހުންނާތީ. އިންސާނެއްގެ މަރު ކައިރިވާން ފެށީމަ އަހަންނަށް އެކަން އިހްސާސް ކުރެވޭ. އެކަމަކު މިކަމަކީ މުޅިން ތަފާތު ކަމެއް، އަދި މީކީ އެހާވަރަށް ބިޝް ވިސްނަންޖެހޭ ކަމެއްވެސް ނޫން އިނގޭ!”

އިރުކޮޅެއް ވާންދެން އެ ދެމީހުން ބަގީޗާ ތެރޭގައި ހިނގިއެވެ. އަތާއި އަތްގުޅާލައިގެންނެވެ. ފަރިވެ ފޮޅިފައިވާ މާމެލާމެލީގެ ސަރާސަރު ދާންތަކަށް ބިޝާރާ ބަލަމުންދިޔައީ މާމަލުގެ މީރުވަހުން ހިތް ފުރަމުންނެވެ. އެތާނގައި ނަން ހުސްކޮށް މާމެލާމެލި އޮތެވެ. “ކިހިނެތް އަހަރުމެން ގެއަށް ދާނީ؟ މިހާރު މި ތިބެވުނު ހިސާބެއްވެސް ނޭނގެއެއްނު.”

ޔަރަސް ހީނގަތެވެ. “ކީކޭ، ބިޝް ތި ހީކުރަނީ މިތަނުން ނިކުންނަން މަށަށް ނޭނގޭނެކަމަށްތަ؟”

“އާނ، އެކަމަކު ވޭމްޕަޔަރެއް ކައިރީގަ ކުރަން ހެއްވާ ސުވާލެއްދޯ މި ކުރެވުނީ.” ކުޑަކޮށް ހީނލަމުން ބިޝާރާ އިސްޖަހައިލި އެވެ. ޔަރަސް ގެ އިނގިލިތަކުން ބިޝާރާ ގެ ދަތްދޮޅީގައި މަޑުމަޑުން ހިފައި ބިޝާރާ ގެ މޫނު ޔަރަސް ގެ މޫނާއި ދިމާއަށް އުފުލައިލި އެވެ.

“އައްދެ، ބިޝް ހިނިތުންވެލީދޯ. ބިޝް ހީކުރީ މަށަށް ނުފެންނަކަމަށް ދޯ؟” ހިނގުން މަޑުޖައްސައިލަމުން ޔަރަސް ބުންޏެވެ. ބިޝާރާ ގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން ޔަރަސް ހުރީ އުފާވެފަ އެވެ. “އެނގޭތަ؟ އަސްލު އަހަރެމެންނަށް މި ހިނގުނީ ހަމަ އެއްތަންކޮޅެއްގަ ސަރކަލް އަކަށް ވާގޮތަށް. މިހާރު މި ތިބެވުނީ ގެއާއި ވަރަށް ކައިރީގަ.”

ކުއްލިއަކަށް ބިޝާރާ ގެ ހަނދާނަށް އައީ ޔަރަސް ގެ ޝިކާރައަކަށް އޭނާ ވެގެންދިޔަ ރޭގެ މަތިންނެވެ. އެއީ ބިރުވެރި ރެއެކެވެ. އޭނާގެ އަޖަލު ޖެހުނު ރޭކަމަށް ހީކުރެވުނު ރެއެކެވެ. ގަމުގެ ސިނާއީ ސަރަޙައްދުގެ ވަލުތެރޭގައި އެރޭ ބިޝާރާ އަށް ދުވެވުނީ ބުރަކަށް ވާގޮތަށް ކުޑަތަންކޮޅެއްގެ ތެރޭގައެވެ. އެތައް އިރެންވާންދެން ދުވެދުވެފައި މަޑުކޮށްލެވުނީ ކުރިންވެސް ފެއްޓި ހިސާބުގައެވެ. އެރޭ ޔަރަސް ގެ އަނިޔާވެރިކަން ހުރި މިންވަރު އަދިވެސް ބިޝާރާ ހަނދާން އެބަހުއްޓެވެ. އެ މޫނުން ފެންނަން ހުރި ބިރުވެރިކަން ހަނދާން އެބަހުއްޓެވެ. ބިޝާރާ ގެ ގައިން ލޭ ބުއިމަށް އޭނާ ތައްޔާރުވިގޮތްވެސް ހަނދާން އެބަހުއްޓެވެ. ޔަރަސް ގެ ހަށިގަނޑުގެ ފިނިކަމެވެ. ޔަރަސް ގެ އެއްވެސް ރަހުމެއް ނެތްކަމެވެ. ނުލަފާ ކަމެވެ. އޭނާ ބިރުގެންނެވުމަށް ޔަރަސް ދެއްކިހައި ވާހަކަތެކެވެ. ބިރުން ހުންނަ މީހެއްގެ ލެޔަކީ ވޭމްޕަޔަރުންނަށް މާ މީރުލެއެކެވެ. އެކަންވެސް އޭނާ އަށް އެނގުނީ އެރޭގައެވެ.

“ބިޝް؟”

“އާނ، އޭނ…. ކީ..ކީކޭ؟” ޔަރަސް ގެ އަޑު ޖެހުމުން މާޒީގެ ހަނދާންތަކުން ނިކުމެވިއްޖެ އެވެ.

“މިހާރު ކޮންކަމަކާ ތި ވިސްނަނީ؟”

ނުނިމޭ

އެއްހާސް އަހަރު – 44

“ބިޝް؟”

“އާނ، އޭނ…. ކީ..ކީކޭ؟” ޔަރަސް ގެ އަޑު ޖެހުމުން މާޒީގެ ހަނދާންތަކުން ނިކުމެވިއްޖެ އެވެ.

“މިހާރު ކޮންކަމަކާ ތި ވިސްނަނީ؟”

ޔަރަސް އާއި ދިމާއަށް ބިޝާރާ ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަހިމޭންކަމެވެ. އެއްވެސް ވަރަކަށް ހަރުކަށިކަމެއް، ބިރުވެރިކަމެއް ނުވެއެވެ. ކައިރީގައި ހުރި ޔަރަސް އަަކީ މީގެ ދުވަސްތަކެއް ކުރިން އޭނާ އާއި ދިމާވި ޔަރަސް ކަމާއިމެދު މިހާރު ޔަޤީންކުރަންވެސް ދައްޗެވެ. “ބުރަކަށްވާ ގޮތަށް ހިނގުނު ވާހަކަ ބުނީމަ….” ދޮގުހަދާކަށް ބިޝާރާ ބޭނުމެއް ނޫނެވެ.

“އެރޭގެ މަތިން ދެން ހަނދާން ނުކޮށްބަލަ ޕްލީޒް.” ޔަރަސް ގެ މޫނުން ފެންނަނީ ތެދުވެރިކަމެވެ. ލޯތްބާއި ކުލުނުވެރިކަމެވެ. “އަދިވެސް އަހަރެން ދެރަވޭ އެރޭ ބިޝާރާ އަށް ޖެއްސުނު ހާލު ހިތަށް އަރާފަ. ކޮންމެވެސް ދުވަހަކުން ބިޝާރާ ގެ ހަނދާނުން އެކަންތައް ފޮހެލެވޭނެ ކަމަށް އަހަރެން އުއްމީދުކުރަން. އަހަރުމެންނަށް ދަރިއެއް ލިބުނީމަ މި ބަގީޗާ ތެރޭގައި ފީކޯތް ކުޅެން މަޖާވާނެ ދޯ!”

ބިޝާރާ ގެ ލޮލުގެ ކަޅި ވަށައިގެން އަނބުރާލިއެވެ. “ތިކަން ވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެއްނު؟” ބިޝާރާ ގެ އަޑުގައި ވަނީ ނާއުއްމީދުގެ އަސަރެވެ.

ޔަރަސް ކުޑަކޮށް ހީނލަމުން ކަރުތެރެ ސާފުކޮށްލުމަށް ކަރުކެހިލި އެވެ.

ބަގީޗާ ތެރެއިން ނިކުމެގެންގޮސް އެމީހުން ވަނީ ގެއާއި ދިމާއަށް ދިއުމަށް ގާ އަތުރައިގެން ހަދާފައިއޮތް މަގަށެވެ. ދެމީހުން ގޮސް ގާތައް މަތީގައި ހުއްޓުނުއިރުވެސް ތިބީ ހަނުކޮށެވެ. ނަމަވެސް އިރުކޮޅެއް ފަހުން ބިޝާރާ ވާހަކަދައްކަން ފެއްޓި އެވެ. އޭނާގެ އަޑުގައި ވަނީ ލަދުވެތިކަމެވެ.

“ޔަރަސް؟”

“އާނ ކީކޭ؟”

“ޔަރަސް ގެ ގައިން ގާތްގަނޑަކަށް ކިހާ ލެޔެއް އަހަރެން ބޯންޖެހޭޭނެތަ؟” އިންސާނެއްގެ ގޮތުގައި ހުރެ ވޭމްޕަޔަރެއްގެ ގައިން ލޭ ބޯން ޖެހޭތީ އޭނާއަށް ކުރެވެމުން ދިޔައީ ވަރަށް އާދަޔާޚިލާފު އިޙްސާސް ތަކެކެވެ.

“މާ ބައިވަރެއް ނޫން.”

 “އެހެންވެއްޖެއްޔާ ތިކަމަކީ ކުރަން އެހާ ބޮޑުކަމެއްހެނެއް ހިއެއް ނުވޭ. އޭރު ޔަރަސް ބުނިގޮތުން ހީވީ އެއީ ވަރަށް ބޮޑު ކަމެކޭ. ވަރަށް މުޑުދާރުވެސް ކަމެކޭ.”

“އެއީ ބޮޑުކަމެކޭ.” ބިޝާރާ އަށް ބަލައިލަމުން ޔަރަސް ބުންޏެވެ. “ވޭމްޕަޔަރުންގެ ލެޔަކީ އިންސާނުންނަށް މާކަ މީރު ރަހައެއްލާ އެއްޗެއް ނޫން. ބިޝް އަށް ބޮވޭ އެއްމެ ނުބައި އެއްޗަށް ވުމަކީވެސް އެކަށީގެންވާ ކަމެއް.” ޔަރަސް ގެ ވާހަކަތައް ކަނުލައި އަޑުއަހަން ބިޝާރާ ހުރީ ޔަރަސް ގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ. “މިހާރު އަހަރެން މިހިރީވެސް ލޭ ބޯން ވަރަށް ބޮޑަށް ބޭނުންވެފަ. އެހެންވީމަ މަގޭ ލޭގެ ތެރޭގައި ހިމެނޭ ވޭމްޕަޔަރު ލޭގެ ނިސްބަތް ވަރަށް މަތިވާނެ. ލޭގައި ހުންނަ ވިހަގަދަ ވެނަމް ގެ ރަހަ ވަރަށް ވަރަށް ހިތިވާނެ. އެކަމަކުވެސް ހަމަ އެއްމެ ފަހަރަކުން ބިޝް އަށް ޖެހޭނެ އެވެސް ބޯން. ޖުމްލަ ތިން ކޯވަރު ބޯންޖެހޭނީ އެއް ކޯވަރަށްފަހު އަނެއްކޯވަރު. އޭރުން ބިޝް ގެ ބަނޑުތެރޭގައި ހުންނަ އެސިޑަކަށް އެ ވެނަމް އާއި އެކެއް ނުވެވޭނެ. ހަމަ އެވަގުތުކޮޅުގައި ބިޝް ގެ ލޭނާރުތަކުގެ ތެރެއަށް އެ ލޭ ދައުރުކޮށް ރަހިމާއި ހަމައަށްވެސް ދާނީ.”

ބީޝާރާގެ ގަޔަށް ހީރޯޅި އަރައިގެން ދިޔައެވެ. އިންސާނެއްގަ ގައިން ލޭ ބުއިމާއި މެދު މާބޮޑު އެއްޗެއް ހިތަށް ނޭރިޔަސް ވޭމްޕަޔަރެއްގެ ގައިން ލޭ ބުއިމަކީ؟

އެމީހުންނަށް ގޭޭތެރެއަށް ވަދެވުމާއި އެކު ބިޝާރާ ގެ އަތުގައި ޔަރަސް ހިފިއެވެ. ގޮވައިގެެން ގޮސްވަނީ ސިޓިންގ ރޫމަށެވެ. އެއީ ލަކުޑިއާއި ގަލުވަޑާން ބޭނުންކޮށްގެން ހަދާފައިވާ ސިޓިންގ ރޫމެކެވެ. ސޯފާ ގައި ބިޝާރާ ބޭންދިއެވެ. އެވަގުތު ސޯފާގެ ބާލީސްތައް މަޑުކަމުން ހީވީ ސޯފާ ތެރެއަށް ބިޝާރާ ގެނބިގެން ދިޔަހެންނެވެ. “އޯހް!” ސޯފާގައި ހަމަޖެހިލަމުން ބިޝާރާއަށް ބުނެވުނެވެ.

ދެފަރާތަށް ޔަރަސް ގެ ބޯ ހޫރާލަމުން ހީގަތެވެ. “އަހަރެން ހިތަށް އެރީ މިކަން ކުރަން ބިޝް އަށް ރަނގަޅުވާނީ މިކަހަލަ ފަސޭހަ ތަނެއްގައޭ. ކުރިންވެސް ބުނިހެން މަގޭ ގައިން ލޭ ބުއިން ވެގެންދާނީ ބިޝް އަށް ކުރެވޭ އެއްމެ ހިތި އެއް ތަޖްރިބާއަށް.”

“ކިހިނެތް ޔަރަސް އަށް މި ހުރިހައި ކަމެއް އެނގެނީ؟ މިބުނީ ޔަރަސް އަށް އެ ތަޖްރިބާ ކުރިން ކުރެވިފަ ނެތިއްޔާ ކިހިނެތް އެކަން އެނގެނީ؟”

“މި ހުރިހައި ކަމަކީވެސް އެ ސުންޕާ އެސްފީނާ އާއި ގުޅިފަވާ ކަންކަން. އެސްފީނާ ޖެއްސި މީހުން ބެލީ ވީހައިވެސް އުނދަގޫ ގޮތަކަށް މި އެސްފީނާއިން ސަލާމަތް ވެވޭ ގޮތް ވުމަށް. އެކަމަކު މިކަމުން ސަލާމަތް ވެއްޖެއްޔާ ވަރަށް ސަޅި ވާނެ. އެމީހުން ހިއެއް ނުކުރޭ މި އެސްފީނާއިން އަވަހަށް ސަލާމަތްވާނެ ގޮތެއް އޮންނާނެ ކަމަކަށް. ބިޝާރާ އައި ފަހުން އެ އިންސާނުންގެ ތެރެއިން އެތައް ބަޔަކު ވަނީ ގަބުރުސްތާނުން އެމީހުންނަށް ޚާއްޞަވާ ގޮޅިއަށް ދާން ޖެހިފަ. އެމީހުންގެ ލެއި ހިކި ކުނިވެފައިވާ ޤަބުރުތައް.” ބިޝާރާ ނޯށް ދަމައިލި އެވެ. “އަހަރެންގެ މީހުން އެމީހުން މަރާލީ ވަރަށް އަނިޔާވެރިކޮށް.”

“ޔަރަސް ގެ މަންމަ ގެ ޤަބީލާ މީހުންވެސްތަ؟ ޔަރަސް ގެ ޢާއިލާ މީހުންވެސްތަ؟ އެކަމަކު އެއީ ޔަރަސް ގެ ކާބަފައިންނެއްނު. ދެން ކީއްވެ؟” ބިޝާރާ އަށް އިނދެވުނީ ވާނުވާ ނޭނގި އޮޅުން އަރާފަ އެވެ.

“އާނ، މަގޭ ސޯ ކޯލްޑް ފެމެލީ އަކީ އެހާ ފައްކާ ފެމެލީ އެއްވިއްޔަ؟ އެމީހުން އަހަންނަށް ޖައްސާފަ މިވާ އެސްފީނާ އަކީ ވަކިން އިންސާނިއްޔަތުކަން ކުޑަ ކަމެއްތަ؟ މަޢުސޫމް ކުޑަކުއްޖަކަށް މި ހާލު އެމީހުން ޖެއްސީ އެކުއްޖާގެ މަންމަ ވޭމްޕަޔަރަކާ ލޯބީގެ ގޮތުން ގުޅުނުކަމަށްޓަކައި.” ޔަރަސް ގެ އަނގައިން ބޭރުވަމުން ދިޔައީ ވިހަގަދަ ޒަހަރުން ފުރިފައިވާ ބަސްތަކެކެވެ.

ސިޓިންގ ރޫމްގެ ޗިމްނީގައި އަނދަމުންދާ އަލިފާންގަނޑަށް ޔަރަސް ބަލަން ފެށިއެވެ. ޔަރަސް ހިތްހަމަ ނުޖެހޭ ޒާތުގެ އެއްޗެއް ބުނެވުމުން ބިޝާރާ އިނީ ދެރަވެފައެވެ. ޔަރަސް އާއި އެކުގައި އުފާވެރި ޙަޔާތެއް ވޭތިކުރެވޭނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ކިތައްމެ ބިރު ނުގަންނަކަމަށް ހީވިޔަސް އަދިވެސް އޭނާ ޔަރަސް ދެކެ ބިރުގަނެ އެވެ. ބިޝާރާ މަތިން ޔަރަސް ފޫހިވެއްޖެއްޔާ ދެންވާނީ ކހިނެތް ހެއްޔެވެ؟ އޭރުން އޭނާގެ ލޭފޮދު ބޮއެ މަރާލާނެ ބާއެވެ؟ ނޫނީ އަނިޔާކޮށް އަންދާލައި މަރާލާނީ ނޫންބާވައެވެ؟

“މަށަށް އެނގޭ ބިޝް ތި ވިސްނަނީ ކޮންކަމަކާކަން.” ޔަރަސް ގެ އަޑުގައި ހުރީ މައިތިރި ކަމެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ބިޝާރާ ޔަރަސް އަށް ބަލައިލި އެވެ. ޔަރަސް ގެ ކަޅުކުލަގަދަ ދެ ލޮލުގައި ތޫނު ވިދުވަރެއް ހުއްޓެވެ. އެ ލޮލުގައި ބިރުވެރިކަމެއް ހުއްޓެވެ.”ބިޝް އަހަރެން ދެކެ ޙަޤީޤީ ލޯބި ނުވަންޏާ މި އެސްފީނާއިން އަހަންނަކަށް މިންޖެއް ނުވެވޭނެ.” ޔަރަސް ގެ ލޮލުން ފެންނަން ހުރި ރުޅިވެރިކަން ގަދަވެގެން ދިޔައެވެ.”އެހެންވީމަ އަހަރެންދެކެ ބިރުގަތުން އެބަޖެހޭ ހުއްޓާލަން. ތީ އަހަރެންގެ އަނބި މީހާ. ތީ އަހަރެންގެ ދަރިފުޅުގެ މަންމަ އަކަށް ވާން ހުރި މީހާ. އަހަންނަށް ލޯބިވުމަކީ ކޮންއެއްޗެއްކަން ނުވެސް އެނގި ހުއްޓާ ބިޝް އަހަރެންދެކެ ލޯބިވީ. އެހެންވީމަ ބިޝް ތި ކޮށްދިން ކަންތަކަށް އަހަރެން ކިހިނެތް، ކޮން ގޮތަކުން ޝުކުރުވެރިވާނީ؟”

“އައިއޭމް ސޮރީ.” ބިޝާރާ ގެ ދެ އަތްތިލައަށް ބަލައިލަމުން މަޢާފަށް އެދުނުނެވެ. “އަހަރެން ބިރުގަންނަނީ ގޯސްކޮށް ކަމެއް ކުރެވިދާނެތީ.”

“ތީ އަހަރެން ގެ އަޅެއް ނޫނެއްނު. ޕްލީޒް އެގޮތަށް ހީކުރާ ހީކުރުން ދޫކޮށްލަބަލަ.” ރުޅި އިސްކޮށްގެން ފައިދާއެއް ނުވާނެކަން ޔަރަސް އަށް ވިސްނުނެވެ. ހަމަޖެހިލަމުން ހިނިތުންވެލި އެވެ. ލޮލުން ފެންނަމުންދިޔަ ރުޅިވެރިކަން އޮއްބަައިލި އެވެ. “ޕްލީޒް؟”

ޖެހިލުންވެ ހުރެ ބިޝާރާ ޔަރަސް އަށް ބަލައިލި އެވެ. “އޯކޭ. އަހަރެން ބޭނުމެއްނޫން ޔަރަސް ހިތްހަމަ ނުޖެހޭކަމެއް އަހަރެންގެ ފަރާތުން ވާކަށް.”

“އަހަރެން ރުޅިނާރުވަން ތި ކުރާ ކޮންމެ ކަމަކުން އަހަރެން މި ޖެހެނީ ރުޅި އަންނަންށެއްނު. ޕްލީޒް އަހަރެން ދެކެ ބިރު ނުގަނެބަލަ. މަށަށް އެނގޭ ކުރިން ބިޝާރާ އާއި މެދު މަށަށް ކަންތައްތައް ކުރެވުނީ ވަރަށް ގޯސްކޮށްކަން. އަހަންނަށް އެނގޭ އަދިވެސް ތީ ހަމަ އިންސާނެއްކަން …. އަދިވެސް ތީ އަހަރެންގެ ކާނާ އަކަށް ބޭނުން ކުރެވިދާނެ މަޚްލޫޤެއްކަން. ޕްލީޒް ޤަބުލުކޮށްބަލަ. އަހަރެން ބިޝާރާ އާއި މެދު އެފަދަ ގޮތަކަށް ނުދެކެން.”

އިރުކޮޅެއްވާންދެން އެމީހުން ސޯފާގައި ތިއްބެވެ. ޔަރަސް ގެ އަތުން ބިޝާރާ ގެ އަތުގައި ހިފަހައްޓާލާފައި އޮތް އިރު، ބިޝާރާ ގެ އަނެއް އަތުން ޔަރަސް ގެ އަތުގައި ވަރަށް ލޯބިން ފިރުމަ ފިރުމާ އިނެވެ. އެކަމަކު އެމީހުން އެ ވަގުތަކަށް އިންތިޒާރު ކުރަން ބޭނުން ނުވިޔަސް، އިންތިޒާރު ކުރަމުން އައި ވަގުތު ޖެހިއްޖެ އެވެ.

ޔަރަސް ގެ މޫނަށް ވައްތަރެއް ޖައްސައިލުމާއިއެކު އަނގައިތެރެއިން ތެ ފޭރާާދަތް ދިގުވަމުންގޮސް ނިކުމެއްޖެ އެވެ. ޔަރަސް ގެ އަތުގެ ކުޑަހުޅުގައި ދަތް އެޅިއެވެ. ކަޅުރަތް ކުލައަކަށް ހުރި އޮލަ ލޭ ދުނިޖަަހާފައި ނިކުންނަން ފެށުމުން ބިޝާރާ ގެ އަނގައިގައި ޖެއްސި އެވެ. ހޮޑަށް އޮބެމުން ބިޝާރާ ލޭބޯން ފެށި އެވެ.

“ތިން ކޯވަރު. އަވަސްކުރޭ!” ޔަރަސް މަޑުމަޑުން ބުންޏެވެ.

ބިޝާރާ އަށް ރޮވެން ފެށުނެވެ. ކުކުރަމުން ލޭޭ ބޮމުން ލޯ މަރައިލި އެވެ. ރަނގަޅަށް ޔަރަސް ގެ ކުޑަހުޅުގައި އަނގަޖަހައި ދަމަން ފެށިއެވެ. ހަމަ އެވަގުތު ކުއްލިއަކަށް އަނގަ ނައްޓައިލާ ކާސް ކިޔާފައި ކުޅުޖަހަން ފެށި އެވެ.

“އައްޗީޑި. ހާދަ ނުބައި ރަހައެކޭ!” ކޮށި އަރަމުން ހޮޑަށް އެޮބެމުން ބިޝާރާ ހަޅޭއްލަވައިގަތެވެ. ކަޅުރަތް ލެޔާއި ދަވަޔާއި އެކު އަނގައިގެ ދެ މިޔަކަނުން އޮހެމުން ދިޔައެވެ. “މިހާ އޮލަ ލެޔެއް ކިހިނެތްތަ ހަށިގަނޑުތެރޭގަ ދައުރުކުރަނީ؟”

“ދައުރު ކުރާގޮތަކަށް ކުރާނެ.” ވަރަށް އަވަހަށް ޔަރަސް ޖަވާބު ދިނެވެ. “މި ލެއިން އެއްމެ ފުރަތަމަ އިންސާނުންގެ ލޭ އެބްސޯބް ކޮށްލާނެ. ސްޕޮންޖް ގަނޑަކަށް ފެން ދަމައިގަންނަ ގޮތަށް ދަމައިގަންނާނެ. ދެން އެ ލޭ އަހަރުމެންގެ ލެއާއި ރަނގަޅަށް އެކުވުމަށްފަހު ދައުރުކުރަން ފަށާނީ. އަހަރުމެން ބަނޑުފައިވީމަ، އަހަރުމެންގެ ލޭ އެއްގޮތްވާނެ ބިޝާރާ މެން ރާއްޖޭގަ ތައްޔާރުކޮށްގެން ގެންގުޅޭ ރިހާކުރެކޭ. އެހެންވެގެން ވޭމްޕަޔަރުންނަށް އިންސާނުންގެ ލޭ ހުސްވަންދެން ބޮއެލެވެނީ.”

ޔަރަސް ގެ އެތް އަތުގައި ބިޝާރާ ހިފިއެވެ. އަނެއް ފަރާތަށް އަނބުރާލައި މާކަޅުވާ މަސްގަނޑަށް ރަނގަޅަށް ބަލައިލި އެވެ. ލޭ ނާރު ތަކަށެވެ. މީގެ ކުރިން ޔަރަސް ގެ ލޭ ނާރުތައް އަތުގެ މުލައްދަނޑިން ފެންނަން ހުރޭތޯ ބިޝާރާ ބަލާފައެއް ނުވެއެވެ. އެކަމަކު މިހާރު އޭނާ ބަލަން ބޭނުމެވެ. ޔަރަސް ގެ އަތުގައި ހުރި ނާރުތަކުގެ ނިޝާން ފެންނަން ހުރީ އިންސާނުންގެ އަތުގައި ހުންނަ ވަރަށް ވުރެން ބޮޑަށް ނޭކުލަ އަށެވެ.

“ބިޝް.”

“ހޫމް..ހޫމްހޫމް؟” ތުންފަތުގައި ހޭކިފައިހުރި ލޭތަކުގައި ދޫ ހާކައިގެން ރަހަބަލަމުން ބިޝާރާ ޖަވާބު ދިނެވެ. ރަހަ ބަލައިލުމާއިއެކު އޯކަށް ދެމެން ފަށައެވެ.

“އަދިވެސް ޓްރައިކުރޭ. ހިތަށް އަރުވާލާ ކުއްޖަކު ވިހަނީ އޭ. ކުއްޖަ ވިހާއިރު އެ ކުރެވޭ ތަޖުރިބާ ތަޞައްވަރު ކޮށްގެން ބަލިވެ އިނދެވޭނީ.”

އަނެއްކާވެސް ބިޝާރާ މަސައްކަތް ކުރިއެވެ. އޯކަށް ނުދެމި ރަހަ ބެލޭތޯ އެވެ. ޔަރަސް ބުނިގޮތަށް އަމަލުކުރެވޭތޯ އެވެ. އެއްމެ ފަހުން ޔަރަސް ގެ އަތުގައި އަނގަ ޖަހާފައި ޖެހިޖެހިގެން ތިން ކޯވަރުގެ ލޭ ބޮއެލައިފި އެވެ. މަސްތުވާއެއްޗެއް ބޭނުންކޮށްގެން އަމަލުވެފައިވާ މީހެއް ފަދައިން ކުކުރަން ފެށިއެވެ. “އަދިވެސް ޖެހޭތަ ބޯން؟” މަސްތުން ފުރިގެންވާ ގޮތަކަށް ހިނިތުންވަމުން ބިޝާރާ ވާހަކަދައްކަމުން ދިޔައެވެ. “ޔަރަސް އަށްޓަކައި ކިތަންމެ ލެޔެއްވެސް ބޮއެފާނަން. ޔަރަސް ބުނި ކޮންމެ ކަމެއް ކޮށްފާނަން.” ޔަރަސް ގެ ގައިން ބުއި ލޭ ބިޝާރާ ގެ ހަށިގަނޑުގެ ނިޒާމުގެ ތެރެއަށް ނީރެމުން ދިޔަވަރަކަށް ބިޝާރާ ގެ ވާހަކަދެއްކުން މަސްތީވަމުން ދިޔައެވެ. ދުލުގައި އެއްވެސް ވަރެއް ނެތްގޮތަށް އަނގަތަޅަމުން ދަނިކޮށް އޭނާގެ ދެލޯ މެރިއްޖެ އެވެ.

“އަދި އެއްކަމެއްގެ ވާހަކަ ބުނަން އަހަރެން ހަނދާން ނެތުނީއޭ. ވަރަށް ގަދަޔަށް ބިޝް އަށް ނިދޭނެ. ހޭލެވޭއިރު ހުންނާނެ ބޮއެގެން ހުންނަ މީހެއްގެ ބޮލުގައި ރިއްސާވަރަށް ބޮލުގަ ރިހުމެއް.” ބިޝާރާ ގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ޔަރަސް ބުންޏެވެ.

“ކީކޭ!؟” ދުލުގައި އެއްވެސް ވަރެއް ނެތި ބިޝާރާ އަށް އަހައިލެވުނެވެ.

“ދެން ނިދާލާ. ބިޝް ހޭލާއިރު އަހަރެން ހުންނާނަން ކައިރީގަ.”

ބިޝާރާ އަށް ރަނގަޅަށް ނިދެންދެން ޔަރަސް ގެ ގައިގައި ލައްކޮށްލައިގެން އިނެވެ. އެހެން އިންއިރު ތަފާތު އެއްޗެހިތައް ޔަރަސް ގެ ހިތަށް އަރަމުން ދިޔައެވެ. ބިޝާރާ ބަލިވެ އިނުމުން ވާނީ ކިހިނެތްބާވައެވެ؟ ބިޝާރާ އަކީ ނުލާހިކު ކުޑަކޮށް، ހިކިކޮށް ހުންނަ ކުއްޖެކެވެ. މީގެ އިތުރުން ބިޝާރާ އަށް އަދިވެސް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ޔަރަސް އާއި އޭނާގެ ޢާއިލާއަށް ގެއްލުމެއް ދިނުމަށް ބޭނުންވާ މީހަކު ބިޝާރާ އަށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ފަސްނުޖެހޭނެކަން ޔަރަސް އަށް އެނގެއެވެ. އެކަމަކު މިހާ ކައިރިއަށް…. އޭނާއަށް ޖެހިފައިވާ ސާސްކަފެއްގެ ދިގު މުއްދަތުގެ އެސްފީނާއިން ސަލާމަތްވުމަށް މިހާ ކައިރިއަށް އާދެވުމަށްފަހު….

ކުއްލިއަކަށް ޔަރަސް ކަންބޮޑުވެ ހާސްވާން ފެށި އެވެ.

ނުނިމޭ

އެއްހާސް އަހަރު – 45

ބިޝާރާ އަށް ރަނގަޅަށް ނިދެންދެން ޔަރަސް ގެ ގައިގައި ލައްކޮށްލައިގެން އިނެވެ. އެހެން އިންއިރު ތަފާތު އެއްޗެހިތައް ޔަރަސް ގެ ހިތަށް އަރަމުން ދިޔައެވެ. ބިޝާރާ ބަލިވެ އިނުމުން ވާނީ ކިހިނެތްބާވައެވެ؟ ބިޝާރާ އަކީ ނުލާހިކު ކުޑަކޮށް، ހިކިކޮށް ހުންނަ ކުއްޖެކެވެ. މީގެ އިތުރުން ބިޝާރާ އަށް އަދިވެސް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ޔަރަސް އާއި އޭނާގެ ޢާއިލާއަށް ގެއްލުމެއް ދިނުމަށް ބޭނުންވާ މީހަކު ބިޝާރާ އަށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ފަސްނުޖެހޭނެކަން ޔަރަސް އަށް އެނގެއެވެ. އެކަމަކު މިހާ ކައިރިއަށް…. އޭނާއަށް ޖެހިފައިވާ ސާސްކަފެއްގެ ދިގު މުއްދަތުގެ އެސްފީނާއިން ސަލާމަތްވުމަށް މިހާ ކައިރިއަށް އާދެވުމަށްފަހު….

ކުއްލިއަކަށް ޔަރަސް ކަންބޮޑުވެ ހާސްވާން ފެށި އެވެ.

“ޔަރަސް؟”

ލޯ ހުޅުވައިލެވުނުއިރު ބޮލަށް ބަރުވެ، ވަރަށް ބޮޑަށް ތަދުވަމުންދާކަން ބިޝާރާ އަށް އިހްސާސް ކުރެވުނެވެ. ފުރޮޅިލި އިރަށް ހޮޑުލަވަން ފެށިއެވެ. ގައިމަތީގައި އަޅާފައި އޮތް ކަޅުކުލައިގެ ބެޑްޝީޓް ގުޅަކޮށްލައި ބަނޑުގައި ޖައްސާލައި ގުޅަވެށިލިއެވެ. “ޔަރަސްސްސް؟”

“އަހަރެން މިހުރީ އޭ.” ޔަރަސް ގެ އަޑުއައިސް ކަންފަތުގައި ޖެހުނެވެ. ހީވީ ހުވަފެނެއްގެ ތެރެއިން އެ އަޑު އިވުނުހެން ނެވެ. މައިތިރި، އޯގާތެރި، ހިތަށް ހިތްގައިމު އިޙްސާސެއް ގެނުވި އަޑެކެވެ. ޔަރަސް ގެ ފިނި އަތްތިލަ އޭނާގެ ނިތްކުރިއާއި ދަތްދޮޅީގައި ޖައްސާލިކަން އިޙްސާސް ކުރެވުނެވެ. އިތުރަށް އެ އަތުގެ ތެރެއަށް އޭނާގެ މޫނު ޖައްސައިލި އެވެ. އަނެއްކާވެސް ފުރޮޅިލާން މަސައްކަތްކުރި އެވެ. މިފަހަރުވެސް ހޮޑުލަވާގޮތްވާން ފެށި އެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުން ހީވީ މުޅި ހަށިގަނޑުވެސް ރޮއެގަތްހެންނެވެ.

“ކީއްވެ އަހަރެން މިހާ ބަލިވީ؟ ހާދަ އުނދަގުލެއް އެބަވޭ، ހާދަ ވަރުބައްޔޭ….”

“ބިޝް ތިއޮތީ ވޭމްޕަޔާ ދަރިއަކަށް ބަލިވެއިނދެ، ހަނދާން ނެތުނީތަ؟ ތިކަން އެހާ ފަސޭހަ ކަމަކަށް ނުވާނެ.”

“ކިހާ ދުވަހެއް ވާނެ؟” އިށީންދެވޭތޯ ބިޝާރާ މަސައްކަތް ކުރަމުން އަހާލި އެވެ. އިށީންދެވޭވަރެއް ނުވިއެވެ. ގައިގައި ވަރެއް ނެތުމުން އެނދުމައްޗަށް ވެއްޓިއްޖެ އެވެ. އަޅަމުންދިޔަ ވޭން ގަދަކަމުން ބިޝާރާ އަށް ކުކުރާލެވުނެވެ. ހީވަނީ އެނބުރޭ އުނދޯއްޔެއް އެތައް އިރެއްވާންދެން ދުއްވާފައި އައުމުން ބޮލަށް އެނބުރުން އަރައި ހޮޑުލަވާފައި ހުންނަހެންނެވެ. “ކިހާ ދުވަހެއް މި ވޭނުގަ އުޅެން ޖެހޭނެ؟”

” ބަލިވެ އިނދެގެން މޯރނިންގ ސިކްނަސް ދެމިގެންދާހާ ދުވަހު ތި އުނދަގޫތައް ވާނެ. ސީދާ ދުވަހެއް ބުނާކަށް ނޭނގޭ.”

ބިޝާރާ ފުރޮޅިލަމުން އެނދުމަތީގައި ގުޅަކޮށްފައި އޮތް ބެޑްޝީޓްގައި ބޯ އަޅައިލިއެވެ. “ޔަރަސް ގެ މަންމައަށް ވެސް ނޭނގޭނެތަ؟”

ޔަރަސް އެނދަށް އެރި އެވެ. ބިޝާރާ ކައިރީގައި އޮށޯތެވެ. އޭނާ ލައިގެންހުރީ ނިދަންލާ ހަރުވާޅެކެވެ. ޔަރަސް ގެ ތަނަވަސް މޭމަތި އެއްކޮށް ހާމައަށް އޮތްތަން ފެނިފައި އެ ތަނަވަސް މޭމަތީގެ ސަމައްތަރުހެޔޮކަމާއިމެދު ބިޝާރާ ވިސްނާލި އެވެ. ޔަރަސް ފިރިހެންވަންތަކަމަށްޓަކައި ބިޝާރާ އަށް ފަޚްރުވެރި ވެވުނެވެ.

“މަށަކީ ބައިކުޅަބައި އިންސާނެއް. ބިޝް ގެ ހަށިގަނޑުގައި ތި ވަނީ ފުރިހަމަ ވޭމްޕަޔަރެއް. އެހެންވީމާ އޭގެ އަސަރު ބިޝް އަށް ކުރާނީ ވަރަށް ތަފާތުކޮށް. އެހެންވީމަ ތިކަމަށް ވާނެ ދުވަހެއް ބުނާކަށް ނޭނގޭ ބިޝް. އައިއޭމް ސޮރީ.”

“އަހަރެން މަރުވެއްޖެއްޔާ ޔޯ؟”

“ބިޝް މަރެއް ނުވާނެ. އެސްފީނާ، އެސްފީނާ އަކަށް ނުވާނެ އެކަމުން ސަލާމަތްވާނެ މަގެއް ނެތިއްޔަކާ. ބަނޑުގަ ތިއޮތް ދަރިފުޅުގެ ފަރާތުން ވަރަށް ދުއްޕާންތައް ކުރިމަތިވާނެ. އެހެންވީމާ އެ ދަރިފުޅު އުފެދެމުން އަންނަ ވަރަކަށް ބިޝް އަށް ޖެހޭނެ ލޭ ބޮމުން ގެންދަން.” ޔަރަސް އެއްމެ ފަހުން ބުނި އިބާރާތްކޮޅާއެކު ބިޝާރާ އަށް ފާޑަކަށް ކުކުރައި ގަނެވުނެވެ.

ޔަރަސް ގެ ގަޔާއިލައި ބިޝާރާ ބޮނޑިކޮށްލި އެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އެހެން އިނީ އެވެ. ބިޝާރާ ގެ ކުޑަކުޑަ ހަށިގަނޑު އޭނާގެ ތަނަވަސް މެޔާއިލައި ފިއްތާލައިގެން އިނުމަކީ ޔަރަސް އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. ބިޝާރާ އެހެން އޮންނަ އިރު ޔަރަސް ގެ ފަރާތުން ބިޝާރާ އަށް ދެވިފައިވާ ރައްކާތެރިކަމާއި ހިމާޔަތާއި މެދު އޭނާ ހިތްހަމަ ޖެހެއެވެ. ޔަރަސް ގެ ލޮލަށް ނުފެންނަ ހިސާބަށް ހިނދުކޮޅަކަށްވެސް ބިޝާރާ އެކަނި ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން މީހެއްގެ ފަރާތުން ބިޝާރާ އަށް ގޯނާއެއް ވެދާނެތީ އޭނާ ބިރުގަނެއެވެ. އެހެން އިންސާނެއްގެ ފަރާތުން ބިޝާރާއަށް ގެއްލުމެއް ވެދާނެކަމަށް ވިސްނުމަކީ ހެއްވާ ކަމެއްކަން ޚުދު ޔަރަސް އަށްވެސް އެނގެއެވެ. ވޭމްޕަޔާ ޔަރަސް އިންސާނުން ދެކެ ބިރުގަތުން އެއީ ހެއްވާ ކަމެއްކަން އެނގެއެވެ. ޔަރަސް ކިތައްމެ ބާރުގަދަ ނަމަވެސް މިއަދު ހަމަ ޙަޤީޤަތުގައިވެސް އިންސާނުން ދެކެ ބިރުގަންނަން ފަށައިފި އެވެ. ބިޝާރާއަށްޓަކައެވެ. ބިޝާރާ ގެ ބަނޑުގައިވާ ޔަރަސް ގެ ދަރިފުޅުގެ ޙައްޤު ގައެވެ.

އެކަމުންވެސް އިތުރުވެގެން ދިޔައީ ޔަރަސް ގެ ހިތުގައި އިންސާނުންނާއިމެދު އުފެދިފައިވާ ރުޅިވެރިކަމާއި ހަސަދަ އެވެ.

ޔަރަސް އާއި ބިޝާރާ އަށް ލިބޭ ދަރިފުޅު އެމީހުން ބަލައިބޮޑުކުރާނީ ކިހިނެތްހެއްޔެވެ؟ އިންސާނުންދެކެ އިންތިހާއަށް ޔަރަސް ނަފުރަތުކުރެ އެވެ. ނަމަވެސް ބިޝާރާ އަކީ އަދިވެސް އިންސާނެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ޔަރަސް ގެ ޝިކާރައަކަށް ހަދަން ގެންގުޅު އަޅެކެވެ. ޔަރަސް އަށް އެނގިފައިވާގޮތުން ބިޝާރާ އާއިމެދު އިންސާނުން ކަންތައްތައް ކޮށްފައިވަނީ އެއްމެ ރަނގަޅަކަށް ނޫނެވެ. އެއީވެސް މިއަދު ޔަރަސް އިންސާނުންދެކެ އަންނަ ރުޅި އިތުރުވެފައިވާ ސަބަބެކެވެ.

“ބިޝް. އަހަރުމެން ފުރަތަމަ ދިމާވިރޭ ބިޝް އަށް ހުރީ ކިހިނެތްވެފަ؟

“ކީކޭ ތިބުނީ؟”

“އެރޭ ވަރަށް ދަންވިފަހުންނެއްނު އެ ރުއްގަނޑަށް ބިޝް ދިޔައީ. ބިޝް ލައިގެންހުރީ ހުދުކުލައިގެ ޕާޓީ ހެދުމެއްނު. އެރޭ ބިޝް އެތަނަށް ދިޔައިރު ހުރީ ރޮއެރޮއެ އެއްނު.”

ޔަރަސް އެބުނާ ރޭ ކަންތައްތައް ހިނގައިދިޔަގޮތް ބިޝާރާ ގެ ހަނދާނަށް އައެވެ. އެރޭ އިޙްސާސް ކުރެވުނު ލަދުވެތި ކަމެވެ. އެމީހުންގެ ގޮތެއްފޮތެއް ނެތްކަމެވެ.

“އައި އޭމް ސޮރީ.” ޔަރަސް ގެ ޝަހާދަތްއިނގިލިން ބިޝާރާ ގެ ނޭފަތުގައި ކޮއްޓާލަމުން ބުންޏެވެ. “ބިޝް ބޭނުން ނޫނިއްޔާ ކޮންމެހެން އެ ވާހަކަ ދައްކާނެކަމެއްނެތް.”

“ނޫން. އެރޭ ކަންތައް ވީގޮތް ކިޔައިދީފާނަމޭ. އެކަމަކު މާޒީ އަށް މިއަދު އަނބުރާ ބެލުމަކީ ބޭކާރުވެސް ކަމެއް. ނަމަވެސް އެރޭގެ އެ ހިތްދަތި އިޙްސާސްތައް ޔަރަސް އާއި ހިއްސާކޮށްލަން އަހަރެންވެސް ބޭނުން.”

ލާމު އިންޓަނޭޝަނަލް ހައިސްކޫލްގެ ސީނިއަރ ދަރިވަރުން ގަމު ތުނޑީއަވަށު ތުނޑިމަތީގައި ބޭއްވި ބުފޭ ނައިޓް ޕާޓީގައި ކަންތައްތައް ހިނގައިދިޔަގޮތް އަލިފުން ޔާއަށް ކިޔައިދިނެވެ. އެ ސްކޫލް ގެ އެއްމެ މަޤުބޫލު ދަރިވަރު ބިލާލް އާއި އެކުގައި ނަށާލަން ލިބުނު ހިތްގައިމު ފުރުޞަތުގެ ވާހަކަ އެވެ. ބިލާލް އާއި އެކުގައި ނަށާލުމުގެ ކުރިން ބިޝާރާ އަކީ އެ ސްކޫލްގައި މީހުން ދަންނަވެސް ދަރިވަރެއް ނޫނެވެ. ނަމަވެސް ބިލާލް އާއި އެކުގައި ނަށާލެވުމުން އެކަން މުޅީން ބަދަލުވެގެން ދިޔައެވެ. އޭނާ އަށް ބިލާލް ކަމުގޮސްގެން އުޅޭތާ ދުވަސްކޮޅެއްވެފައި ވަނިކޮށް އެރޭ ބިލާލް އަމިއްލައަށް ބިޝާރާ އާއިއެކުގައި ނަށާލަން އެދުމުން ބިޝާރާއަށް ހުރެވުނީ ބަޔާންކުރަން ނުވެސް އެނގޭހާ ބޮޑަށް އުފާވެފަ އެވެ. ޙަޤީޤަތަކީ އެރޭ ދިމާވި ހުރިހައި ކަމަކީވެސް އެމީހުން އެއްމެން ރާވައިގެން ބިޝާރާ ލަދުގަންނަވާލުމަށް ޖެއްސި ގޭމެކެވެ.

އެރޭ ބިޝާރާގެ ފޮނި އިޙްސާސްތައް ވެއްޔާއި މޮޑެވިގެން ދިޔައީ ބިލާލް ކުރިން ރައްޓެހިވެގެން އުޅުނު މިޝްޔާ ގޮސް އެ ދެމީހުންގެ ދެމެދަށް ވަދެ ނަށަން ފެށުމުންނެވެ. ބިޝާރާ އަށް ޖެހުނީ ނެށުން ހުއްޓާލާށެވެ. މިޝްޔާ އާއިހެދި އުނދަގޫވެގެން އެކަން އެނގުމަށްޓަކައި ބިޝާރާ މަސައްކަތްކުރިއެވެ. ބިޝާރާ އުއްމީދުކުރީ މިޝްޔާގެ ކިބައިން އޭނާ ސަލާމަތް ކޮށްދޭނެ ކަމަށެވެ. އެވަގުތު ބިލާލް އޭނާގެ އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމަށް ބިޝާރާ އަތްދިއްކޮލި ވަގުތު މިޝްޔާގެ އަތުން ބިލާލްގެ އަތުގައި ހިފިއެވެ. ބިލާލްވެސް މިޝްޔާގެ އަތުގައި ބާރަށް ހިފާލުމާއެކު ފާޑަކަށް ހީނލަމުން ދުރަށް ހިނގައިގަތެވެ. ތުނޑިމަތީގައި ތިބި އެންމެންގެ ތެރޭގައި ހުރި ބިޝާރާއަށް ހީވީ ބެހިގެން އޮޔާދާން ފެށިހެންނެވެ. ގަތް ލަދާއި ވީ ދެރައިން ބިޝާރާއަށް ޖެހުނީ މަންޒަރުބަލަން ވަށްބުރަކަށް އެތުރިގެންތިބި ޒުވާނުންގެ ތެރެއިން ނުކުމެގެން ދާށެވެ. ހުރިހައި އެންމެންގެ ލޯތައް ހުއްޓިފައިހުރީ ބިޝާރާ އަށެވެ. ގިނަ ޒުވާނުން ބިޝާރާއަށް މަލާމާތް ކޮށްފައި ހެމުން ދިޔައެވެ. ތުނޑިއަށް ފައިބަން އޮންނަ މަގުން އެއްގަމަށް ބިޝާރާ މިސްރާބު ޖެހީ އެހެންވެގެންނެވެ.

އެރޭގެ ވާހަކަތައް ބިޝާރާ ކިޔައިދީ ނިމުނުއިރު ޔަރަސް އަށް އިނދެވުނީ ރުޅިއައިސް ރަތްވެފަ އެވެ. “ހާދަ ގޮތްކުޑަ މީހެކޭ ދޯ. އަހަންނަށް ރާއްޖެ ދެވޭ ފަހަރަކުން ތިބުނާ ބިލާލް އަކަށް ހޭ އަރުވާލާނަން. އަދި ތިބުނާ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާގަނޑަށްވެސް.”

“ނޫން. އެކަމާ އަޅާނުލާބަލަ.” ބިލާލް ގެ ކިބައިން ބަދަލު ހިފާކަށް ބިޝާރާ ބޭނުމެއްނޫނެވެ. ބިލާލް އާއި މެދު ވިސްނާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ސިކުނޑީގެ ތެރޭގައިވާ މާޒީ ގެ އެ ޗެޕްޓަރު އޭނާ ލައްޕައިލި އެވެ. އޭރު ބިޝާރާ ގެ ގައިން އޮށްދާ ހިއްލަން ފަށައިފިއެވެ. އަނެއްކާވެސް ހޮޑުލަވާގޮތްވެ މޭނުބައިކުރަނީ އެވެ. ބަނޑުގައި އަޅަމުންދިޔަ ވޭންވަރު ގަދަކަމުން ކުރުގެޅުނެވެ. ހަމައަކަށް އެޅުމުން އަނެއްކާވެސް ބިޝާރާ ވާހަކަދައްކަން ފެށިއެވެ. “އަހަރެން މިތަނަށް ގެނައިފަހުން ރާއްޖެއަށް ޔަރަސް ދިޔައިންތަ؟”

“އެއްފަހަރު ދިޔައިން. އުމުރުފުރާގެ ފިރިހެން ކުއްޖެއް އަހަރެންގެ އަޅެއްގެ ގޮތުގަ ގެންގުޅެންވެސް ގެނައިން. އެކަމަކު އެ ކުއްޖާގެ ބޯ ވަރަށް ހަރު. މާ މުއްސަނދި އާއިލާއެއްގެ ކުއްޖެއް ކަމަށް ވަނީ. އަހަރެން އޭނާ އަތުލައިގަތީ ގަމު ބޭވޮޗް ބީޗް ސަރަހައްދުން. އޭނަ ގަދަކަމުން އަންހެން ކުއްޖަކާ ބެހެން އުޅެނިކޮށް އަތުލައިގަތީ.”

ބިޝާރާ ގެ މޫނުމައްޗަށް އުޖާލާކަން ވެރިވި އެވެ. “އޯހް ޔަރަސް. މައުސޫމު އަންހެން ކުއްޖެއް ރޭޕް ކޮށްލަން އުޅެނިކޮށް ސަލާމަތް ކޮށްދިނުމަކީ ހާދަ ރަނގަޅު ކަމެކޭ. އެހެންވީމައޭ އަހަރެން މި ބުނަނީ ޔަރަސް އަށް ރަނގަޅު ވެވޭނޭ!”

“ނޫން. ތިކަމެއް ނުވާނެ. އަހަންނަކީ އެއްވެސް އިރެއްގަ އިންސާނުންނަށް ހެޔޮއެދޭ މީހެއް ނޫން.” ހަރުކަށި ގޮތަކަށް ބިޝާރާ އަށް ބަލައިލަމުން ޔަރަސް ބުންޏެވެ. “އަހަރެން އެ ފިރިހެން ކުއްޖާ ހޫރުވާ ގުޅައަކަށް ޖަހާފަ، އެ އަންހެން ކުއްޖާގެ ލޭފޮދު އެއްކޮށް ބޮއެލީ.” މާޔޫސް ވެފައި އިނދެ ޔަރަސް ބިޝާރާ އަށް ބަލައިލިއެވެ. އެރޭގެ ހާދިސާ ޔަރަސް އިތުރަށް ކިޔައިދޭން ފެށިއެވެ. “އަހަރެން އެކުއްޖާގެ ހުރިހައި ލޭފޮދެއް ބޮއެލިން. އެކުއްޖާ ސަލާމަތްކޮށްފަ ދޫކޮށްލެވުނު ނަމަ މާ ރަނގަޅުވީސްކަންވެސް އެނގޭ.” އެރޭ އެ އަންހެންކުއްޖާ ޔަރަސް ކައިރީގައި އާދޭސް ކުރިގޮތް ޔަރަސް ގެ ހަނދާނަށް އައެވެ.

“ކޮބާ އެ ފިރިހެން ކުއްޖާ؟”

“އޭނަ ހުންނާނެ ބިންގަރާހުގަ ބަހައްޓާފަ. މިކޮޅަށް ގެނައިދުވަހުން ފެށިގެންވެސް އޭނާ މަގޭ އެއްވެސް އަމުރަކަށް ތަބާވަނީކީ ނޫން. އެހެންވެ އެތާނގަ ބަންދުކޮށްފަ ހުންނާނެ.”

“އެހެން-” ބިޝާރާ ބުނަން ފެށި ޖުމްލަ ނުބުނެ ހުއްޓާލި އެވެ. ޔަރަސް އުފަންވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކިތައް މީހުން މަރާލާފަ ވާނެބާއޭ ފުރަތަމަ ފަހަރަށް ބިޝާރާ ގެ ހިތަށް އެރިއެވެ. ހިތުތެރޭގައި ހިސާބު ހަދަން ފެށުނެވެ. ސަތޭކަ އެތަކެއް ހާހެއްހާ މީހުން މަރާފާނެ ކަމަށް ހިތުގައި ހިސާބު ހަދައިލެވުނެވެ. މިއަދު ބިޝާރާ ގެ ހަށިގަނޑު ތެރޭގައި ކުއްޖަކު އުފެދެމުން އަންނައިރު، އެކުއްޖާގެ ބައްޕަ އަކީ އެތަކެއް ސަތޭކަ ހާސް އިންސާނުންގެ ލޭ ބޮއެ އެމީހުން މަރާފައިވާ މީހެކޭ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާގެ ގަޔަށް އެރި ހީރޯޅީގެ ސަބަބުން ތުރުތުރު އަޅައިގެން ދިޔައެވެ. ބިޝާރާ ވިސްނަމުން ދަނީ ކޮން ކަމަކާކަން ޔަރަސް އަށް އޮޅިފައެއް ނެތެވެ. އެހެންވެ އަވަސް އަވަހަށް ޔަރަސް އެނދުން ފައިބައިގެން ކޮޓަރިން ނިކުތެވެ. ބިޝާރާ ދެކެ ރުޅިއަންނަން އޭނާ ބޭނުން ނުވާތީ އެވެ. ބައެއް ފަހަރަށް ޙަޤީޤަތަށް ހުރިހައި ވާހަކަތަކެއް ބިޝާރާ އާއި ހިއްސާކުރެވުމަކީ ކުރުން ރަނގަޅު ނޫންކަމެއްކަންވެސް އޭނާއަށް އެނގެއެވެ. އެކަމަކު މިއަދު ބިޝާރާ ކައިރީގައި ދޮގުހަދައި އޮޅުވައިލުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކުވެސް ބިޝާރާ މާގިނަ ސުވާލުތައް ކުރަނީއޭ ޔަރަސް ގެ ހިތަށް އަރައެވެ.

ޔަރަސް ގެ ޚާއްޞަ ރިޒޯޓްގައި ބިޝާރާ އާއި ދެމީހުން އެތަކެއް ހަފުތާތަކެއް ވޭތިކުރިއެވެ. ގިނަ ވަގުތު ހޭދަކުރީ އަރާމު ކުރުމުގައެވެ. ލޯބިކުރުމާއި ހީނ މަޖާކުރުމުގައެވެ. ބިޝާރާ ގެ ގައިން އޭނާ ލޭބުއިންވެސް ހުއްޓާލައިފި އެވެ. މިހާރު ބިޝާރާ ގެ ހަށިގަނޑުން، އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ރަނގަޅު ކާނާ ބޭނުންވާނެތީ އެވެ. ޔަރަސް ގެ ހައިހޫނުކަން ފިލުވުމަށްޓަކައި ދަންވަރު ގަޑީގައި ލޭ ބުއިމަށް އޭނާ ގެ ބޮޑު ކިއްލާއަށް ކޮންމެ ރެއަކު ދަނީ ބިޝާރާ ނިދުމުންނެވެ. ބިޝާރާ އަށް ނޭނގި ސިއްރުންނެވެ. އެގޮތަށް ކިއްލާ އަށް ދިޔަ އެއް ރެއެއްގައި އޭނާ ލޭބޯން ގެންގުޅޭ އަޅުން ބައިތިއްބާފައިތިބޭ ތަނަށް ގޮސް އުޅެނިކޮށް ވަރަށް އެހެން ކަހަލަ ކަމަކާވެސް ދިމާވި އެވެ. އަންހެންކުއްޖަކު ސަލާމަތަށް އެދި ރޮއެ ހޭރޭ އަޑެއް އިވުނެވެ. އޭރު އޭނާ ހުރީ ކިއްލާ ތެރޭގައި ދަނގަޑު ތޭރި ޖަހައިގެން ހަދާފައިހުރި ސަރަހައްދުގައެވެ. އަންހެން ކުއްޖާގެ އަޑު އިވުމުން ތޭރިތަކުގެ ތެރެއިން ބޭރަށް ބަލައިލިނަމަވެސް އެއްވެސް އާދަޔާޚިލާފް ކަމެއް ފާހަގައެއް ނުކުރެވުނެވެ. ޖަލު ގޮޅިތަކެއްހެން ހަދާފައިވާ ހުރިހައި ކޮޓަރިތަކެއްގައިވެސް ރަސްކަން ކުރަމުންދަނީ އަނދިރި ކަމެވެ. އެކަމަކު އަނެއްކާވެސް ހަމަ އެ އަޑު އިވުނެވެ. އެއީ ކުރުކުރު ރުއިމެއްގެ އަޑެކެވެ. ދެން އިވުނީ ފުހިފުހިފައި ރޯ އަޑުކަހަލަ އަޑެކެވެ. އަޑު އަންނަ ދިމާއަށް ވަރަށް ފަރުވަތެރިކަމާއެކު ޔަރަސް ހިނގަމުންދިޔަ އެވެ. އަޑު އިވެމުންދިޔައީ ބޯކޮށް ހެދިފައިވާ ގަސްތައް ތެރެއިންނެވެ.

“ކަލޭ އަމާ ހަނދާންކޮށްބަލަ! މަގޭ އެދުމަށްށޭ ކަލޭ ދި ފުރަގަސްދެނީ.” އެއީ ފިރިހެން އަޑެކެވެ. ބަރު އަޑެކެވެ. ގަދަފަދަ އަޑެކެވެ. ކަންފަތުގައި އެ އަޑު ޖެހުމާއިއެކު ޔަރަސް އެއްކޮށް ހިމޭންވި އެވެ. އެވަގުތު ޔަރަސް އަށް އެ އިންސާނާ ފެނުނެވެ. އެއީ ބިޔަކޮށް ހުރި ފިރިހެނެކެވެ. އޭނާ ހުރީ ޅަވަރުގެ އަންހެންކުއްޖެއްގެ އުނަގަނޑުގައި ގަދަކަމުން އެއް އަތުން ހިފަހައްޓައިގެންނެވެ. އަނެއް އަތްއަޅާފައިވަނީ އެކުއްޖާގެ އަނގަމަތީގައެވެ. އެ ކުއްޖާ ހުރީ ބިރުންގޮސް ހަދާނެގޮތެއް ނޭނގިފައެވެ. އެމީހާގެ ކިބައިން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުންދިޔައީ މާބޮޑު ބާރެއް ނެތްކަންވެސް އެނގިހުރެ ކަހަލައެވެ. އިރުކޮޅަކުން އެކުއްޖާގެ ކަރުދޮށަށް އެމީހާގެ މުލައްދަނޑު ލައްވައިލައި އެކުއްޖާ ބިމުން މައްޗަށް އުފުއްލާލި އެވެ. އެކުއްޖާ ދެފައި ހޫރަމުން އެމީހާ ގައިގައި ތަޅަން ފެށިއެވެ. “އޭތް ބުނަން. މަގޭގައިގަ ތި ފައިން ނުތަޅާ ހުރޭ! މާ ކަންތައް ބޮޑުކުރަންޏާ ކަލެއަށް ހޭއަރުވާލަފާނަން!”

އެމީހާ ގެ ސިފައާއި ވައްތަރަށް ރަނގަޅަށް ބަލައިލުމުން އެއީ ޔަރަސް ގެ ކިއްލާގައި މަސައްކަތް ކުރުމަށް ގެންގުޅޭ ނޯކަރެއްކަން ޔަރަސް އަށް ޔަޤީން ކުރެވިއްޖެ އެވެ.

“މަގޭ އެދުމަށް އެކަކަށްވެސް ދެކޮޅެއް ނުހެދޭނެ. އެކަކަށްވެސް. އެނގިއްޖެތަ ޗޯލޭ!” އެމީހާގެ އަތުތެރޭގައި އޮތް އަންހެން ކުއްޖާ ބިންމައްޗަށް ގުޅައަކަށް ޖަހަމުން އެކުއްޖާގެ ގައިމަތީގައި އޭނާ އިށީންދެއްޖެ އެވެ. އެމީހާ އިށީންނިގޮތުންނާ ދައްކަމުންދިޔަ ވާހަކަތަކުން އެކުއްޖާ ރޭޕްކޮށްލަން އުޅެނީކަން ޔަރަސް އަށް ޔަޤީން ކުރެވުނެވެ. އެމީހާ އިށީންނި ވަގުތު ދަނޑިވަޅަކަށް ބަލަމުންދިޔަ ޗޯލޭއަށް ލިބުނު ފުރުސަތުގައި އެމީހާގެ އަތުގައި ބާރަށް ދަތްއެޅިއެވެ. ދަތްއެޅިއެޅީނުން އެމީހާގެ އަތުން މަސްގަނޑާއި އެއްކޮށް ތަންގަނޑެއް ނައްޓައިލި އެވެ. އެމީހާ ގެ އަނެތް އަތުން ޗޯލޭ ގެ މޫނުގައި ވަރަށް ބާރަށް އެތިފަހަރެއް އެޅިއެވެ. އެޅި އެތިފަހަރުގެ ބާރުކަމުން ޗޯލޭ ގެ އަނގައިން ޗޮސް ލާފައި ލޭގެ ކޯވަރެއް ބޭރުވިއެވެ.

އެރެއަކީވެސް ޔަރަސް ލޭ ބުއިމަށް ނިކުތް ރެއެކެވެ. ލޭ ނުބޯތާ ހަފުތާއެއް ފާއިތުކޮށްފައި ޝިކާރައަށް ނިކުތް ރެއެކެވެ. އެހެންކަމުން އޭނާ ހުރީ އިންތިހާއަށް ބަނޑުހައިވެސް ވެފައެވެ. ކުރިމަތީގައި ތިބި ދެ އިންސާނުންގެ ހަށިގަނޑުން ބޭރުވި ލޭގެ ވަސް ދުވާން ފެށުމުން ޔަރަސް ގެ ހާންތިކަން އިތުރުވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ މަޑުކޮށްލި އެވެ.

ނިކަމެތި އަނަރޫފަ ގޮތަކަށް ހުންނަ ޗޯލޭ ގެ ނިދާހެދުން އެމީހާގެ އަތުން ހިފައި ދަމައިގަނެ ވީދާލި އެވެ. ހެދުމުގެ ކަރާއި ހަމައިން ދެފަރާތަށް އިރާލާފައިއޮތް ހެދުން އޮތީ އެކުއްޖާގެ ދެކޮނޑަށްވުރެން ތިރިވެފައެވެ. އެހެންކަމުން އެވަގުތު އެކުއްޖާގެ މޭމަތީގެ ހިނދިވަޅު އެއްކޮށް ހާމައަށް ފެންނާން އޮތެވެ. އެއީ އޮމާން ހަށިގަނޑެކެވެ. މަޑުފިޔާތޮށި ކުލައިގެ ދޮން ހަންގަނޑެކެވެ. ގަސްތަކުގެ ހިޔަނީގައި ފިލާ ހުރެފައި ޔަރަސް ވާހަކަދައްކަން ފެށިއެވެ. “ހަމަ މިހާރުން މިހާރަށް ކަލޭ ތިކުރާ ކަމެއް ހުއްޓާލާ!”

އިވުނު އަޑަށް އެމީހާ ކޮޅަށް ތެދުވެ ވަށައިގެން ހޯދާ ބަލަންފެށިއެވެ. ޗޯލޭ އަށް ލިބުނު ފުރުސަތުގައި އެމީހާއާއި ދުރަށް ޖެހެވޭތޯ މަސައްކަތްކުރަން ފެށި އެވެ. އޭރުވެސް އޭނާ ހުރީ އެކުއްޖާގެ ކަނދުރާދޮށަށް އަތް ލައްވާލައިގެން ބާރަށް ހިފަހައްޓައިގެންނެވެ. ޗޯލޭ އަށް ނޭވާލާން ދަތިވެގެން ކޮށިއަރަމުންދިޔައެވެ. “މަށަށް އަމުރުކުރަން ކަލޭތީ ކާކު؟ ކަލެއަކަށް ނޭނގޭތަ ބަޔަކު ލޯބިކުރަން އުޅޭއިރު އެމީހުންނަށް ހުރަސް އެޅުމަކީ ހަޑިހުތުރު ކަމެއްކަމެއް؟”

“ލޯބިކުރާށޭ؟” ގަސްތަކުގެ ހިޔަނިން އަލިކަމަށް ނިކުންނަމުން ޔަރަސް ސުވާލުކުރި އެވެ. އެމީހާއަށް ޔަރަސް ފެނުމާއިއެކު ގަނޑުވެވުނު ކަހަލައެވެ. ބިރުން ތުރުތުރުލާން ފެށި އެވެ. ރުޅިއައިސް ރަތްވެފައިހުރި އެމީހާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވި އެވެ. ކުށެއް ކުރެވިއްޖެ ކަމުގެ އިޙްސާސްތައް އޭނާގެ މޫނުން ކިތައްމެ ރަނގަޅަކަށްވެސް ފެންނަން ފެށިއެވެ.

“ސާހިބާ؟ އަ- – އަޅު- – އަޅުގަނޑު – – – ސާހިބާއަށް ތިޔަ ހީވެލެއްވި ކަހަލަ ކަމެއްނޫން – – – – މިއީ އަހަރުމެން ކުޅޭ ކުޅިވަ-.”

“ހުއްޓާލާ! ހަމަ މިހާރު ތި ކުއްޖާ ދޫކޮށްލާފަ މަށާ ހަވާލުކުރޭ.” އެމީހާއަށް ހުރެވުނީ އެވެ. ހަރަކާތެއް ކުރަންވެސް ނޭނގިފައެވެ. “ހަމަ މިހާރު ހަވާލު ކުރޭ!” ޔަރަސް ގެ ގަދަފަދަ އަޑުން ހަޅޭއްލަވައިގަތެވެ. ހީވީ ސިންގާއެއްގެ ބާރު އަޑު ޖަންގަލިތެރޭގައި ގުގުމައިގަތްހެންނެވެ.

ނުނިމޭ

އެއްހާސް އަހަރު – 46

“ހުއްޓާލާ! ހަމަ މިހާރު ތި ކުއްޖާ ދޫކޮށްލާފަ މަށާ ހަވާލުކުރޭ.” އެމީހާއަށް ހުރެވުނީ އެވެ. ހަރަކާތެއް ކުރަންވެސް ނޭނގިފައެވެ. “ހަމަ މިހާރު ހަވާލު ކުރޭ!” ޔަރަސް ގެ ގަދަފަދަ އަޑުން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. ހީވީ ސިންގާއެއްގެ ބާރު އަޑު ޖަންގަލިތެރޭގައި ގުގުމައިގަތްހެންނެވެ.

ކުއްލިއަކަށް އެމީހާ ތެދުވެއްޖެ އެވެ. އަންހެން ކުއްޖާވެސް ތެދުވި އެވެ. އެކުއްޖާ ހުރީ އިސްޖަހައިގެންނެވެ. ބިރުން ތުރުތުރު އަޅައަޅަ އެވެ. އެކުއްޖާ ހުރީ ކިލައިން ތަތްތެޅިފަ އެވެ. ޔަރަސް ގެ ބާރު އަޑަށް ބިރުން ވިރިވިރި ހުރި މީހާގެ މޫނުން ބިރުގަތުގެ އަސަރު ފެންނަން ހުުއްޓަސް ރުޅިވެރިކަމެއްވެސް ފެންނަން ހުއްޓެވެ. ކައިރީގައި ހުރި އަންހެން ކުއްޖާގެ ކޮނޑުގައި ހިފައި އޭނާ ކޮއްޕާލި އެވެ. ޔަރަސް އާއި ދިމާއަށެވެ. ކޮއްޕާލިލެއް ބާރުކަމުން އެކުއްޖާ ގޮސް ޖެހުނީ ޔަރަސް ގެ ފައިބުޑަށެވެ. ރުޅިއައިސް ރަތްވެފައި ހުރި ޔަރަސް އެ ކުއްޖާއަށް ބަލައިލި އެވެ. ހަމަ އެއާއިއެކު ކުރިމަތީގައި ހުރި މީހާއާއި ދިމާއަށް ބަލަންފެށި އެވެ. ޔަރަސް ގެ އަޅެއް، ޔަރަސް އަށް އެއްވެސް އިޙްތިރާމް ކުރުމެއް ނެތި އެ ހިންގި އަމަލު ފެނިފައި ޔަރަސް އަށް ހުރެވުނީ އެކަން ޤަބޫލުކުރަން ދަތިވެފަ އެވެ. ޔަރަސް ގެންގުޅޭ އަޅުންނާއި މެދު ޚުދު ޔަރަސް ކިތައްމެ ހަރުކަށިކޮށް ކަންތައްތައް ކުރިޔަސް އެގޮތަށް އެހެން އަޅެއް އަމަލުކުރުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެމީހާގެ އެ ނޭއްގާނީ އަމަލުން ޔަރަސް ގެ ރުޅިވެރިކަން އިންތިހާއަށް ހިނގައްްޖެ އެވެ. ސިންގާއެއް ފަދައިން ބިރުވެރި އަޑެއް ޔަރަސް ގެ އަނގައިން ބޭރުކޮށްލި އެވެ. އެވަގުތު ޔަރަސް ގެ ފައިބުޑުގައި ބިރުން ވިރިވިރި އޮތް އަންހެންކުއްޖާ ގުޅަވެށިލި އެވެ. ޔަރަސް އުޑަފައިން އިށީންނި އެވެ. އެވަގުތު ކުރިމަތީގައި ހުރި މީހާ ފިލާ ރައްކާވުމަށް ދުއްވައިގަތެވެ. ވަރަށް ހުޝިޔާރު ކަމާއެކު އެމީހާގެ ފަހަތުން ޔަރަސް ދުއްވައިގަތެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހާ އަތުލައިގަނެ ބިންމައްޗަށް ވައްޓާލައިފި އެވެ.

“ތި ކުރީ ވަރަށް ބޮޑު ކުށެއް…..” އެމީހާގެ ކަންފަތް ދޮށުގައި ވައި އަޑުން ޔަރަސް ބުންޏެވެ.  ޔަރަސް ގެ ދެއަތުން އެމީހާގެ ދެފައިގައި ހިފާ ދަމަންފެށި އެވެ. އެމީހާ ހަޅޭއްލަވަމުން ރޮމުން ދިޔައިރު ޔަރަސް އަޑުއިވޭކަމަށްވެސް ނުހަދައެވެ. ދަމަމުން ގެންގޮސް ގަހެއްގައި އެމީހާ ލައްކޮށްލި އެވެ. ޔަރަސް އަޅައިގެން ހުރި ބެލްޓް ނަގައި ބެލްޓުން އެމީހާ އެ ގަހާއި ލައި ބަނދެލި އެވެ. ޔަރަސް ލައިގެން ހުރި ޓީޝާޓުން ބައެއް ވީދާލައި އެއިން އެމީހާގެ އަނގަ ބަނދެލި އެވެ. އެމީހާ އިތުރަށް ހަޅޭއްލެވިޔަ ނުދިނުމަށެވެ.

“ކަލޭ ގޮސް އެކޮޅުގަ މަޑުކޮށްލާ. ނަމަނަމަ ފިލާ ރައްކާނުވާތި!” ޔަރަސް ގެ އަތުން ކިއްލާ ގެ ފާރަށް އިޝާރާތް ކޮށްލަމުން ތަންކޮޅެއް ދުރުގައި ހުރި އަންހެން ކުއްޖާ އަށް އަމުރުކުރި އެވެ. ޔަރަސް އެންގި ގޮތަށް އެކުއްޖާ ގޮސް އެ އުސްކިއްލާގެ ފާރުބުޑުގައި މަޑުކޮށްލި އެވެ.

“އަހަރެން ކުޑައިރުކޮޅަކަށް މިދަނީ. އަހަރެން އަންނަ އިރު ކަލޭ ތިތާނގަ ހުންނަން ޖެހޭނެ. އެހެން ނޫނީ މަގޭ އަތުން ދެން އަނިޔާ ލިބިގެންދަނީ ކަލެޔަށް. ސާފުވެއްޖެ ތަ؟” ބިރުން ތުރުތުރު އަޅައަޅައި ހުރި އަންހެން ކުއްޖާ އާނއެކޭ ބުނުމަށް ބޯޖަހައިލަމުން އިސްޖަހައިލި އެވެ.

ގަހުގައި އައްސާފައި އިން މީހާ ގަހުން މޮހާލި އެވެ. ކިއްލާގެ ފާރުކައިރީގައި ހައްދާފައިވާ ދުނގެތި ގަސްތަކުގެ ތެރެއިން އެމީހާ ގޮވައިގެން ޔަރަސް ހިނގައިގަތެވެ. ގަސްތައް އެއްމެ ބޯކޮށް އޮތް ހިސާބުން ބިންގަރާސް ހޮހޮޅައަށް ވަންނަން ހުންނަ ދޮރާއި އަރާ ހަމަވުމުން މަޑުކޮށްލި އެވެ. އެއީ ޔަރަސް ގެ ގައިދުޚާނާ އަށް ވަނުމަށް ހުންނަ ސިއްރު ދޮރެކެވެ. އެއީ ހަނިހަނި ދޮރެއްކަމުން އެމީހާ ގޮވައިގެން ދޮރުން އެތެރެއަށް ވަނުމަށް އުނދަގޫވެސް ވިއެވެ. އަނގައިގައި އައްސާފައިވާ ފޮތިގަނޑު އޮތަސް އެމީހާ ހަޅޭއްލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެމީހާއަށް ޔަރަސް ދައްކާލާނެ އަހުވަ އޭނާއަށް ފިސާރި ރަނގަޅަށް އެނގޭ ކަހަލައެވެ.

އެމީހާ ގޮވައިގެން ޔަރަަސް ގޮސް މަޑުކޮށްލީ ބިންގަރާހުގައި ވާ ގައިދުޚާނާގެ އެއްމެ އެތެރޭގައި ދަނގަޑުން ހަދާފައިހުރި ކޮށިތައް ކައިރީގައެވެ. ކޮންމެ ދަގަނޑު ކޮށްޓެއް ހުރީ ހިލަ ފާރު ބިތެއް ގައި ޖައްސާފައެވެ. އެ ކޮށިތަކުގެ ތެރޭގައި ތިބި އިންސާނުންތައް ތިބީ ފާރާއި އެކުގައި ހިލިހިލާ ޖަހާފަ އެވެ. ޔަރަސް ގެ އަތުގައި އޮތް ދަންމަރުން އަލި ވާން ފެށުމުން އެ ކޮށިތަކުގައި ތިބި މީހުންތައް ހަޅޭއްލަވަން ފެށިއެވެ. ދެފަރާތަށް ހުރި ކޮށިތަކުގެ މެދުން ހިނގަން އޮތް މަގުގެ ތަޅުންމައްޗަށް ޔަރަސް ގެންދިޔަ މީހާ ވައްޓާލި އެވެ. އެމީހާ އާއި ދާދި ގާތުގައި ތަޅުންމައްޗަށް އެއްލާލާފައި އޮތް ޗާބޫކެއް ނަގައިގެން އެމީހާގެ ގައިގައި ޔަރަސް ތަޅަން ފެށިއެވެ. މުޅި މޫނާއި އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޭ އޮހެރެމުންދިޔައިރުވެސް ޔަރަސް ހުއްޓައެއް ނުލައެވެ. އެމީހާގެ ހަޅޭކުގެ އަޑު އެއްކޮށް ކެނޑެންދެން ތަޅާ އަނިޔާކުރިއެވެ. ކުއްލިއަކަށް އެމީހާގެ ލަފުގައި ހިފައި ޔަރަސް ގެ އަތުގެ ކޮޅަށް ދަމާލަމުން ކޮށިތަކުގައި ތިބި ގައިދީންނާއި ވާހަކަދައްކަން ފެށިއެވެ.

“މިމީހާ މިރޭ މަސައްކަތްކުރީ އަހަރެން ގެންގުޅޭ އަންހެން އަޅުކުއްޖެއް ރޭޕް ކޮށްލަން. އަހަރެން މި ނުލަފާ މީހާއާއިމެދު ކަންތައް ކުރަންވީ ކިހިނެތް؟”

އެވަގުތު ކޮށިތަކުގައި ތިބި އަޅުންތައް ހަޅޭއްފަޅޭއް ލަވަން ފެށިއެވެ. އެމީހުންތެރެއިން އެކަކު ވަރަށް އަޑު ހަރުކޮށް ވާހަކަދައްކަން ފެށުމުން އެމީހާއަށް ޔަރަސް ބަލައިލި އެވެ. އެއީ ގައިދުކޮށްފައި ހުންނަތާ ގިނަދުވަސް ވެގެން ގޮސް އެމީހާގެ ތުނބުޅިއާއި މަތިމަސް އިންތިހާއަށް ދިގުވެފައިހުރި މީހެކެވެ. “އޭނާ މަރާލާ!”

“ހޫމް…..” އެމީހާ ދިން ޖަވާބާއިމެދު ޔަރަސް ހިތްހަމަޖެހުނެވެ. ކޮށިތަކުގައި ތިބި އަންހެނުންނާއި ފިރިހެނުންނަށް ވަކިވަކިން ޔަރަސް ބަލަން ފެށިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ދާދިފަހުން އެ ގައިދުޚާނާ ގައި ބަންދުކުރެވުނު މީހުންނެވެ. އަނެއްބައި މީހުންނަކީ އެތަކެެއް އަހަރުތަކެއް ވާންދެން ބަންދުގައި ތިބި ބައެކެވެ. އެމީހުންގެ މޫނުން ފެންނަނީ ބިރުގެންފައިތިބި ކަމެވެ. ވަރުބަލި ކަމެވެ. ބައެއް މީހުން ތިބިގޮތުން އެމީހުން ތިބީ ދުނިޔެއިން މޮޔަވެފައިކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެތަނުގައި ގާތްގަނޑަކަށް ފަނަރަ މީހުން ގައިދުކޮށްފައި ތިއްބެވެ. އެތަނުން ދުވަމުންދަނީ ކުނިވަހެވެ. އެމީހުން ލާ ފަހަރުވާގެ ވަހެވެ.

“ކިހިނެއް ވާނެ އަލިފާން؟ ރޭޕިސްޓަކަށް އެކަށީގެންވާ އަދަބަކަށްވާނެތަ އަހަރެން މި މީހާ އަލިފާނުން ރޯސްކޮށްލައިފިއްޔާ؟”

އަލިފާނުގެ ވާހަކަ ބުނުމުން ހުރިހައި ގައިދީންތައް އެއްފަހަރާ ހިމޭންވެއްޖެ އެވެ. އެއީ ޔަރަސް އަށް ދާދިފަހުން ލިބިފައިވާ އެއްމެ ވަރުގަދަ ބާރުކަން އެމީހުންނަށް ވަނީ ކޮންމެވެސް ގޮތަކުން އެނގިފައެވެ. ޔަރަސް ގެ އެއްއަތު ކޮޅަށް ނަގާފައިވާ މީހާ ތެޅެން ފެށިއެވެ. އެވަގުތު ޔަރަސް ގެ އަތަށް ގެނައި ކުއްލި ހަރަކާތަކާއި އެކު ޔަރަސް ގެ އަތުގައި އަލިފާން ރޯވެ އަނދަން ފެށިއެވެ. އިސާހިތަކުން އެމީހާގެ ގައިގައި އަލިފާން ހިފައި އަނދަން ފަށައިފި އެވެ. އެމީހާގެ ހޭވެރިކަން ކެނޑެންދެން ހަޅޭއްލަވާ ތެޅިފޮޅުނެވެ. މުޅި ތަނުން މިނިވަސް ދުވަންފެށުމުން ކޮށިތަކުގައި ތިބި މީހުން ކޮށިއަރައި ކެއްސަން ފަށައިފިއެވެ. ގަތްފައިވާ ބިރުގެ ސަބަބުން އެމީހުން ކެއްސަމުން ދިޔައީވެސް އަނގައިން އެއްވެސް އަޑެއް ބޭރުވިޔަ ނުދީވޭތޯ ބަލަމުންނެވެ.

“މިއަދު މިއީ ކަލޭމެންގެ ނަސީބުގެ ދުވަހެއްކަމަށްވެސް ވެދާނެ. އެކަމަކު މިއީ ފެށުމެއް. މި ކޮށިތައް ހުސްކުރަން އަހަރެން އެބަ ބޭނުންވޭ. ކަލޭމެން އެއްމެން ނައްތާލަން އަހަރެން ނިންމައިފިން.” ޔަރަސް ގެ މި އިންޒާރުގެ ބަސްތައް އަޑުއިވުމުން ގައިދީންތައް ތެޅިފޮޅެން ފެށިއެވެ. ރޯމީހުން ރޮމުން ދިޔައިރު އާދޭސްކުރާ މީހުން އާދޭސް ކުރަމުން ދިޔައެވެ. އެމީހުންގެ އާދޭހުގެ އަޑުތައް އިވުނު ކަމަށްވެސް ނުހަދައި އެތަނުން ނިކުންނަން އޮންނަ ހަނި ގޯޅިން ޔަރަސް ހިނގައިގަތެވެ.

ބިންގަރާސް ކޮޓަރިން ނިކުތްއިރު ޔަރަސް އަށް ހުރެވުނީ ހިތްހަމަޖެހިފައެވެ. ކުޑަކުޑަ އަޅު އަންހެން ކުއްޖާ ބެހެއްޓިތަނަށް ގޮސް މަޑުކޮށްލި އެވެ. އޭރު އެ ކުޑަކުޑަ އަންހެން ކުއްޖާ ކުޑަކަކޫ މައްޗަށް އިށީންދެގެން އިނެވެ. ޔަރަސް ގޮސް އެކުއްޖާގެ ކުރިމަތީގައި އިށީންދެ ހަމަޖެހިލި އެވެ. އެކުއްޖާގެ ބޮޑު ދެލޮލުން ފެންނަނީ ބިރުގެންފައިވާ ކަމެވެ. އެކުއްޖާ އިސްޖަހައިލިއެވެ. ޔަރަސް އާއި ހަތަރުކަޅި ހަމަކުރުން އެއީ ހެދޭ ބޮޑު ގޯހެއްކަން އޭނާއަށް އެނގެއެވެ. ވޭމްޕަޔަރެއް ގެ އަމުރަށް ފިޔަވައި ވޭމްޕަޔަރަކާއި ހަތަރުކަޅި ހަމަކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން އެކުއްޖާ ކިތައްމެ ކުޑަޔަސް އެނގެއެވެ.

“ޗޯލޭ ދޯ ތީ؟” ވަރަށް މަޑުމައިތިރިކަމާއެކު ޔަރަސް ވާހަކަދެއްކި އެވެ.

“އާދެ ސާހިބާ.” އެކުއްޖާ ވާހަކަދެއްކީ ވަރަށް މަޑުމަޑުން ނެވެ. ކިރިޔަކިރިޔާ ކިޔާނުކިޔާ އެއްޗެއް އިވޭވަރަށެވެ.

“އަހަރެން އެބަ ބޭނުންވޭ ލޭ ބޯން!!”

ޗޯލޭ ގެ އަތް ޔަރަސް އާއި ދިމާއަށް އެއްވެސް ފަސްޖެހުމެއް ނެތި ދިއްކޮށްލި އެވެ. އެއްފަރާތަކަށް ބޯ އަރިކޮށްލައި އޭނާގެ ކަނދުރާދޮށް ޔަރަސް އަށް ހާމަކުރި އެވެ. އެއީ ކިހާ ބަސްއަހާ އަޅު ކުއްޖެއް ހެއްޔެވެ؟ ޔަރަސް ގެ އަތުން އެކުއްޖާ ގެ އަތުގެ ކުޑަހުޅުގައި ހިފިއެވެ. ބިރުންގޮސް އެކުއްޖާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެކަމަކުވެސް އެކުއްޖާ އެއްވެސް ފަސްޖެހުމެއް ނެތި ގުޑިވެސް ނުލައި އިނީއެވެ.

“ޗޯލޭ ގެ ގައިން ލޭ ބޮއެ އެއްކޮށް ހުސްކޮށްލާކަށް އަހަރެން ނޫޅެން. އަހަރެން ޗޯލޭ އަށް އަނިޔާއެއްވެސް ނުކުރާނަން. އެކަމަކު ދެން ޗޯލޭ އަށް އެނބުރި ނޯކަރުން އުޅޭ ތަނަކަށް ނުދެވޭނެ. ޗޯލޭ ގެ ރައްޓެހިންނަކާވެސް ބައްދަލެއް ނުކުރެވޭނެ. މިބުނިގޮތާ ޚިލާފަށް ޗޯލޭ އަމަލުކޮށްފި ނަމަ ޗޯލޭ ދޫކޮށްލަން އަހަރެން މި ނިންމި ނިންމުން ބަދަލުކޮށް ޗޯލޭ ގެ ލޭފޮދު އެއްކޮށް ބޮއެލާނަން.”

ވަރަށް ސިއްރުސިއްރުން ޔަރަސް އާއި ދިމާއަށް ޗޯލޭ ބަލާލި އެވެ. މަޑުމަޑުން ބޯޖަހައިލާ ޔަރަސް ދެއްކި ވާހަކަތަކަށް އެއްބަސްވި އެވެ. ޗޯލޭ ގެ އެއްވެސް ރަހުމަތްތެރިއެއް އަޅުންގެ ތެރޭގައި ނޫޅޭކަން ޔަރަސް އަށް ހަމަ ރަނގަޅަށް އެނގެއެވެ. ޗޯލޭ އާއި އަނގައިންބުނެ ވާހަކަދައްކާ މީހަކު ނޫޅޭކަންވެސް އެނގެއެވެ. އޭނާ ގެ ފަހަތުން އަޅުވާލައިގެން މިހާތަނަށް އުޅުނީ އެ ފަލަފަލަ މީހާ އެކަނިކަންވެސް ޔަރަސް އަށް އެނގެއެވެ.

ޔަރަސް ގެ އަތުން ހިފަހައްޓާލާފައިވާ ޗޯލޭ ގެ އަތުގެ ކުޑަހުޅުގައި ޔަރަސް ގެ އަނގަ ޖެހިއެވެ. ޔަރަސް ގެ ފޭރާދަތް ކޮށްޕާލައި ކުޑަކުޑަ ލޭފޮދެއް ބޮއެލި އެވެ. އެވަގުތަށް ހާންތިކަން ކިރިޔަކިރިޔާ ފިލާ ވަރުގެ ކުޑަ އެތިފޮދެކެވެ.

“ޗޯލޭ.”

“އާދެ، ސާހިބާ؟” ތުރުތުރު އަޅާ އަޑަކުން ޗޯލޭ ޖަވާބު ދިނެވެ.

“އެނގޭތަ އެ ނުލަފާ މީހާ ގެ މަންމަ އަތުޖެހޭނެ ދިމާއެއް؟”

“ސާހިބާ، އެއީ ބަދިގެ ބައިގަ މަސައްކަތު އުޅޭ އަޅެއް. އެމީހާގެ ކޮޓަރި ނަންބަރަކީ ތިނެއް-ބާރަ ހެން އަޅުގަނޑަށް ހީވަނީ. އޭނަގެ ނަމަކީ އާޝާ.”

“ވަރަށް ރަނގަޅު، ޗޮލޭ. އަހަރެން އެނބުރި އަންނަން ދެން އަނެއްކާވެސް ހަމަ މިތަނުގަ ޗޯލޭ މަޑުކޮށްލާތި!”

ނޯކަރުން އުޅޭ ބަޔަށް ގޮސް އެތަނުގެ އިންޗާޖަކަށް ހުންނަ މީހާއަށް އަންގައިގެން ޗޯލޭ ރޭޕްކޮށްލަން މަސައްކަތްކުރި މީހާގެ މަންމަ ގެނައުމަށް އަމުރު ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހާ އެތަނަށް އައިސް ހުއްޓުނުވެ.

“ކިހިނެެއްތަވީ؟” ވެގެން އުޅޭގޮތެއް ރޭކާވެސް ނުލާހުރެ އާޝާ ރުޅިގަނޑު ބާލަންފެށީ އޭނާގެ ސަރުދާރަށެވެ. ނަމަވެސް އެވަގުތު ޔަރަސް ފެނުމުން އެމީހާ ސިއްސައިގެން ގޮސް އެއްފަރާތަށް ޖެހިލިއެވެ.

“ސާހިބާ އަޅުގަނޑަށް މާފް ކުރައްވާ. އަޅުގަނޑު ހިއެއް ނުކުރަން ސާހިބާ ކަމަކަށް. އަޅުގަނޑުގެ ސާހިބާއަށް ކޮންކަމެއްތޯ އަޅުގަނޑު ކޮށްދޭންވީ؟” ބިރުން ތުރުތުރު އަޅައަޅާހުރެ އެމީހާ ބުންޏެވެ. ޔަރަސް އެތަނަށް އައީ ދަންވަރު ދަޅައިގައި ބައެއް އެހެން ވޭމްޕަޔަރުން އެތަނަށް ގޮސް އަޅު އަންހެނުން ރޭޕްކުރާ ބީދައިން އެފަދަ ކަމެއް ކުރަން ނޫންކަން އޭނާއަށް އެނގެއެވެ. އެނގިފައިވާގޮތުން ޔަރަސް އަކީ ކިތައްމެ ބާރުގަދަ ނުލަފާ ވޭމްޕަޔަރަކަސް އެފަދަ ކަމެއް ކޮށްއުޅޭ ވޭމްޕަޔަރެއް ނޫނެވެ.

“ދާދި ދެންމެއަކު އަހަރެން ކަލޭގެ ފިރިހެން ދަރިފުޅުގެ ގައިގަ އަލިފާން ޖައްސާ ރޯކޮށް އަންދާލައިފިން.” އެސްވެސް ފަސްޖެހުމެއް ނެތި ޔަރަސް ގެ އަނގައިން ބޭރުވި ބަސްތައް އަޑުއިވުމުން އެމީހާ ހަޅޭއްލަވައިގަތެވެ.

“ނޫން، ސާހިބާ! އެކަމަކު ކީއްވެތޯ…………….!” އެމީހާ ގޮސް ޔަރަސް ގެ ފައިބުޑަށް ވެއްޓިގަނެ އަޑުން އަޑުނަގާފައި ރޯންފެށިއެވެ. އެވަގުތު އެމީހާ ގެ އިސްތަށިގަނޑުގައި ހިފައި ނެގިއެވެ. އެމީހާގެ ކަންފަތާއި ޔަރަސް ގެ ތުންފަތް ކައިރިކޮށްލަމުން ވައި އަޑުން ވާހަކަދައްކަން ފެށިއެވެ.

“އޭނަ އުޅުނީ އެއްވެސް ކުށެއް ނެތް މައުސޫމު އަންހެން ކުއްޖެއް ރޭޕްކޮށްލަން.” ޔަރަސް މިހެން ބުނިއިރުވެސް އެ އަންހެން މީހާ އަޑުން އަޑުނަގައިފައި ރޮއެ ހަޅޭއްލަވަމުން ދިޔައެވެ. “ކަލޭގެ ބަނޑުން ކޮންކަހަލަ ގޮތެއްފޮތެއް ނެތް މުޅަ މަސްގަނޑެއް ބޭރުކޮށްގެން ތި އުޅެނީ މިހިރަ އަންހެނާ؟ ކަލޭ އޭނަ އަށް ދިނީ ކޮންކަހަލަ ތަރުބިއްޔަތެއް؟” އެ އަންހެން މީހާ އަނގައިން ބުނާނެ އެއްވެސް ދަނޑިވަޅެއް ނުދީ ޔަރަސް ހަޅޭއްލަވަމުން ދިޔައެވެ. އެމީހާގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ސްޓާފް ކުއަރޓަރުގެ ބޮޑު ހޯލްވޭ ތެރޭގައި ޔަރަސް އަޑުގަދަކުރަމުން ދިޔައެވެ. އެވަގުތު އެތަނަށް އެހެން އަޅުންތައް ޖަމާވެ، ހައިރާން ކަމާއެކު މަޑުމަޑުން ހޯބޯލަވަމުން ދިޔައެވެ. “ކަލޭމެން ކޮން އަޑުގަދައެއް ކުރާކަށް. މިތިބިބަ ގޮތެއް ފޮތެއް ނެތް ލުއްޗާ ތައް ހަމަ މިހާރުން މިހާރަށް އެނދަން އަރާ ނިދަން އުޅޭ!” އެތަނަށް އެއްވި އެއްމެންނަށް ޔަރަސް ގެ ރުޅިގަނޑު ބާލައިލި އެވެ. އެވަގުތު އެކި ކޮޓަރިތަކުން ނިކުމެ ތިބި އަޅު ޚާދިމުންތައް އެމީހެއްގެ ކޮޓަރިއަށް އަވަހަށް ވަދެއްޖެ އެވެ. ހީވީ އެތަނަށް އަސޭމިރުސް ދުން ޖެހިހެންނެވެ.

ގައިބާރު ދެރަވެފައިވާ މުސްކުޅި އާޝާ ގޮވައިގެން ޔަރަސް މިސްރާބު ޖެހީ ބިންގަރާހުގައިވާ ގައިދުޚާނާ އާއި ދިމާއަށެވެ. ޔަރަސް ގެ އަތުން އެ އަންހެން މީހާގެ ދަރީގެ ގައިގައި އަލިފާން ޖައްސާ އަންދާލި ތަނަށް ގޮސް މަޑުކޮށްލި އެވެ. އެވަގުތު އެތަނުގައި ތިބި ގައިދީންތައް ބިރުންގޮސް ޗުކުޗުކު ލައްވަން ފަށައިފި އެވެ.

“ކަލޭމެން ކޮންހާ ޗުކުޗުކެއް ލައްވާކަށް؟ އަހަރެން އެމީހާއަށް ހަދާލިގޮތް ކަލޭމެން ހަނދާން ނެތުނީތަ؟ ކަލޭމެން ވެސް ނައްތާލާނެކަމަށް އަހަރެން ބުނި ހަނދާން ނެތުނީތަ؟”

ޔަރަސް ގެ ރުޅިވެރި އަޑުން މުޅި އެތަން ގުގުމައިގަތެވެ. އެވަގުތު ހުރިހައި ގައިދީން އެއްކޮށް ހަނުވެއްޖެ އެވެ. ނަމަވެސް ސިންގާއެެއް ފަދައިން ރުޅި އައިސް ރަތްވެފައި ހުރި ޔަރަސް އަށް ކުޑަނަމަވެސް މައިތިރިކަމެއް ނާދެއެވެ. ޔަރަސް ގެ އަތަށް އެ ހަދާލާ ގޮތެއް ހަދާލުމާއިއެކު އޭނާގެ އަތުގެ އިނގިލިތަކުން އަލިފާން ނިކުންނަން ފަށައިފިއެވެ. ބަލާކަށް ނުހުރެ ފަހަރަކު ކޮށްޓަކާއި ދިމާއަށް އަތް ފޮޅަން ފެށިއެވެ. އަތް ފޮޅާލާ ކޮންމެ ފަހަރަކު ޝެލްޓޮކްސް ފުޅިއަކާއި ދިމާއަށް ގޭސް ލައިޓަރެއް ރޯކޮށް ބަހައްޓާ ޝެލްޓޮކްސް ޖަހާލުމުން އަލިފާންގަނޑެއް ނިކުމެގެން ދާ ފަދައިން ކޮށިތަކަށް އަލިފާންގަނޑުގަނޑު ގޮސް ޖެހެމުން ދެއެވެ. ހަމަ އެއާއިއެކު ކޮށިތަކުގައި ތިބި އަޅު އިންސާނުންގެ ގައިގާ އަލިފާން ހިފުމުން އެމީހުން ހަޅޭއްލަވާ ރޮއެ ހޭރޭ އަޑުން މުޅިތަން ގުގުމަމުން ދެއެވެ. އެ މަންޒަރު ބަލަން އާޝާ އަށް ކެތް ނުވެގެން މޫނުމަތީގައި އަތްއަޅައިގެން ރޮމުން ގެންދިޔައެވެ.

“މުޑުދާރު ދަރިއެއް ދުނިޔެމައްޗަށް ދޫކޮށްލާފަ ކަލޭ ކޮންމެހެން ރޮއެ ހޭރޭނެ ކަމެއްނެތް!” ހުރިހާ ކޮށްޓެއްގައި ތިބި މީހުންގެ ގައިގައި އަލިފާން ޖެހުމަށްފަހު އާޝާ އާއި ދިމާއަށް އެނބުރެމުން ޔަރަސް ހަޅޭއްލަވައިގަތެވެ. ހަމަ އެވަގުތު އެތަނުން ޗޭނުގަނޑެއް ނަގައިގެން ގޮސް އާޝާ ގެ އަތުގައި ހިފާ ދަމާ ކޫއްތަމުންގެންގޮސް ގޮޅިއެއްގެ ދަނގަޑު ތޭރިއާއި ލައި ބަނދެލިއެވެ. އެއަށްފަހު އާޝާ ގެ ހޭވެރިކަން ފިލާ ދާންދެން އޭނާގެ ގައިން ލޭ ބުއިމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ.

ކުޑަކުޑަ އަޅު އަންހެންކުއްޖާ ޗޯލޭ ރޭޕްކޮށްލަން އެމީހާ އުޅުމުން ޔަރަސް ގެ ރުޅިގަނޑު އިންތިހާއަށް ދިޔައީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ފަހަރެއްގައި އަކަމުގެ އަސްލަކީ ބިޝާރާ ކަމަށްވެސް ވެދާނެއެވެ. އަންހެން ކުއްޖެއް ރޭޕްކުރަން އުޅުނު ފިރިހެން ކުއްޖެއް ޔަރަސް ގެ ޝިކާރައަކަށް ހަދާލިވާހަކަ ކިޔައިދިނުމުން ބިޝާރާ އެކަމަށް އިޖާބަދިން ގޮތުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ.

‘އަހަރެން ގެ ހިތުގައި އިންސާނިއްޔަތުކަން އުފަންވަނީ ނޫންބާ؟ ނޫން، އެހެންނެއް ނުވާނެ. ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަން. މިއީ އެ ކުޑަކުޑަ ޗޯލޭ އަށް އެކަން ދިމާވުމުން ވީ ގޮތެއް.’ ޔަރަސް ގެ ހިތަށް ތަފާތު ވަހުމް ތައް ވަންނަން ފެށުމުން އަމިއްލަ ހިތްހަމަ ޖެއްސުމަށް މަސައްކަތް ކުރި އެވެ.

އަނެއްކާވެސް ޔަރަސް އެނބުރި ގޮސް މަޑުކޮށްލީ ޗޯލޭ ކައިރީ މަޑުކުރުމަށް ބުނި ތަނަށެވެ. އޭރުވެސް އެ އަންހެން ކުއްޖާ ހަމަ އެތަނުގައި އެ ހުރިގޮތަށް ހުއްޓެވެ. އެއްމެ އިންޗިއެއްހައި ތަންވެސް ގުޑިލާފައެއްވެސް ނުވެއެވެ. އޭނާ ބޭނުންވަނީ ޗޯލޭ ގޮވައިގެން ގޮސް ބިޝާރާ އާއި ހަވާލު ކުރާށެވެ. ޔަރަސް އަށް ޗޯލޭ އާއި ދިމާވިގޮތް ކިޔައިދޭށެވެ. ބިޝާރާ ގެ ޚިދުމަތުގައި ޗޯލޭ ބަހައްޓާށެވެ. ޗޯލޭ ގެ އެހީގައި ބިޝާރާ ގެ އެކަނިވެރިކަން ކުޑަކޮށްދޭށެވެ. މި ވާހަކަތައް ޗޯލޭ އަށް ޔަރަސް ކިޔައިދިނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އެ އަންހެންކުއްޖާ ވަގުތުން އެއްބަސްވިއެވެ.

“ސާހިބާ ގެ ލޯބިވާ އަނބިމީހާއަށް ދަރިއަކު ލިބެން އެބައުޅޭ ދޮގެއްތޯ؟” ހިމަހިމަ، ހިތްގައިމު އަޑަކުން ވަރަށް މަޑުމަޑުން އެކުއްޖާ ސުވާލުކުރިއެވެ.

“އާނ.”

“ސާހިބާގެ އަނބިމީހާ އަކީ އިންސާނެއް ނޫންނަމަ ކިހިނެތްތޯ އަޅުގަނޑާމެދު ކަންތައް ކުރައްވާނީ؟ އޭރުން އަޅުގަނޑުގެ ގައިން އެއްކޮށް ލޭ ބޮއެ މަރާލާނަންތޯ؟”

“ތިޔަކަށް ބުނާނެ އެއްޗެއް ނެތް. ކަނބުލޮގެ ރައްޓެހިންނެއް ނޫޅޭ ދޯ މިތަނުގައެއް؟” ޗޯލޭ އަހަމުން ދިޔަ ސުވާލުތަކަށް ޔަރަސް ޖަވާބު ދެމުން ގެންދިޔައީ އާދައިގެ އިންސާނަކު ފަދައިންނެވެ.

“އާދެ، ނުތިބޭނެ.”

“ކަންތައްތައް ރަނގަޅަށް ގޮސް، ކަނބުލޮ އާ ބިޝާރާ ރަނގަޅަށް ގުޅިއްޖެއްޔާ އަހަރެން ބިޝާރާ ވޭމްޕަޔަރަކަށް ބަދަލުކޮށްލާއިރު ކަނބުލޮވެސް ބަދަލުކޮށްލާނަން. އޭރުން ތި ދެމީހުން ތިބޭނީ އަބަދަށްވެސް އެކަކު އަނެކެއްގެ އެކުވެރިއެއްގެ ގޮތުގަ.”

ޗޯލޭ އަށް އިވެމުންދިޔަ ޖުމުލަތައް ގަބޫލުކުރަން ދަތިވެފައި ހުރެވުނު ކަހަލަ އެވެ. އޭނާ އަށް އެނގިފައިވާގޮތުން ޔަރަސް އަކީ އިންސާނުން ވޭމްޕަޔަރުންނަށް ބަދަލުކޮށް އުޅޭ މަޚްލޫޤެއް ނޫނެވެ. ވީއިރު ޔަރަސް ގެ އަތްދަށުވެ މަރުވުމުގެ ބަދަލުގައި އެފަދަ ފުރުޞަތެއް އޭނާއަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ ވަރަށް ނިކަމެތި، އާދައިގެ އަންހެން ކުއްޖެކެވެ. އެއްވެސް އަގެއް ނެތް އަޅެކެވެ. އަޅުންގެ ތެރެއިންވެސް އޭނާ އާއި ގަޔާވާ ހަމަ އެކަކުވެސް ނޫޅެއެވެ. އެއްމެންވެސް އަބަދު ތިބެނީ އޭނާއާއި ގަނާކޮށްކޮށެވެ. އެމީހުން އޭނާ ދެކެ ރުޅި އަންނަނީ އޭނާއަށް ލިބިފައިވާ ރީތި ދޮންކަމާއި ލިބިފައިވާ ޚާއްޞަ ހުނަރުގެ ސަބަބުން ނެވެ. އޭނާ އަކީ ރީތި ކުއްޖެއް ނޫނަސް، ހަޑިވެސް ކުއްޖެއް ނޫނެވެ. އޭނާގެ ޖާދޫއެއްފަދަ އަޑުން އެހާމެ ފުރިހަމަކޮށް ލަވަ ކިޔާލާއިރު އެ އަޑު އިވުނު ހަމަ ކޮންމެ މީހަކު ހަސަދަވެރިވާނެއެވެ.

“ތީ މާ ރީތިކޮށް ލަވަކިޔާ ކަމަށް މީހުން ބުނެއުޅޭ ކުޑަކުޑަ އަޅު ކުއްޖާދޯ؟” އަޅުންނާއި ބާންދީންގެ ތުންތުން މަތިން ޔަރަސް އަށް އިވިފައިވާ ވާހަކަ ޔަޤީން ކޮށްލުމަށް ސުވާލު ކުރި އެވެ.

“އާދެ، ސާހިބާ.” ޔަރަސް އަށް އެކަން އެނގުނީ ކިހިނެއްބާ އޭ ޗޯލޭ ގެ ހިތަށް އެރިއެވެ. އޭނާ ލަވަ ކިޔައި އުޅުނީ މުޅިންވެސް ރޭގަނޑު ގަޑީގައެވެ. އޭނާ އެކަނިވެރިވާ ފަހަރުއެވެ.

“ހޫމް…. ތިވީ މާ ރަނގަޅަކަށްނު. އެހެންވީމަ އަވަހަށް ދަމާ ހިނގާ. އިރުކޮޅަކުން އިރުވެސް އަރާފާނެ. މަގޭ ބިޝް ހޭލަންވާއިރަށް އެތަނަށް ދާންވާނެ. މީގެ ފަހުން ތީ މަގޭ ބިޝް ގެ ޚާއްޞަ ބައިވެރިއެއް. އެކަމަކުވެސް ކަލޭ ޖަވާބުދާރީ ވާންޖެހޭނީ ހަމައެކަނި މަށަށް. ކަލޭގެ ފަރާތުން ބިޝް އަށް ހިތްހަމަ ނުޖެހުމެއް ލިބިއްޖެ ނަމަ ކަލޭގެ ނިމުން އަންނާނެ.”

ވަރަށް ރަހުމަތްތެރިކޮށް ވާހަކަ ދައްކަމުންދިޔަ ޔަރަސް ގެ ވާހަކައިގެ ބަސްތަކާއި ރާގު ހަރުކަށިވުމުން ޗޯލޭ އަނެއްކާވެސް ބިރުގެންފި އެވެ. ވަރަށް އަދަބުވެރިކަމާއި އެކު ޔަރަސް ގެ އެ ވާހަކަތަކަށް އާނ ބަސް ބުނުމަށް ބޯ ޖަހައިލި އެވެ. އެކަމަކު ޔަރަސް އެބުނިގޮތަށް ކަންތައް ނުވެއްޖެނަމަ ދެން ވާނީ ކިހިނެތްހެއްޔެވެ؟ އޭނާ އަކީ އެއްވެސް އިރެއްގައި އެހާ އަނގަގަދަ ކުއްޖެއް ނޫނެވެ. އުފަންވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މައިންބަފައިން ވަނީ ނިޔާވެފަ އެވެ. އެމީހުން ނިޔާވީ ކޮން އިރަކު، ކާކުގެ ސަބަބުން، ކިހިނެތްކަންވެސް އޭނާއަށް އެނގެއެވެ. އޭނާގެ މައިންބަފައިން ޔަރަސް ގެ އަތްދަށުވި އެވެ. އެމީހުން މަރާލީ ޔަރަސް ނޫނަސް، އެމީހުން މަރާލި ނުލަފާ ވޭމްޕަޔަރަށް އެމީހުން ހަދިޔާ ކުރީ ޔަރަސް އެވެ. ޗޯލޭ އަކީ ޔަރަސް ގެ ސަބަބުން މިސްކީނުވެފައި ކުއްޖެއްކަން ޔަރަސް އަށް ހަމަ ގައިމުވެސް ނޭނގޭނެއެވެ.

ޗޯލޭ ގޮވައިގެން ޔަރަސް ގެ ޚާއްޞަ ރިޒޯޓަށް ދިޔައީ ބިޝާރާ ގޮވައިގެން ރާއްޖެއިން ޓްރިވެންޑްރަމް އަށް ގެންދިޔަ ގޮތަށެވެ. ޔަރަސް ގެ އަތްދަނޑިމަތީގައި ބާއްވާ ނިންދައިގެންނެވެ.

ޗޯލޭ އަށް ޚާއްޞަކޮށްފައިވާ ކޮޓަރިއަށް ވަދެވުމާއިއެކު ޗޯލޭ ހޭލައްވާލި އެވެ. ވަރަށް ޒީނަތްތެރި ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި އެނދުމަތީގައި ޗޯލޭ ބޭންދި އެވެ.

“މިއީ ކަނބުލޮގެ ކޮޓަރި. ބިޝް ގެ ކޮޓަރީގަ ހުންނާނެ ހެދުން. އެތަނުން ހެޔޮވަރުގެ ހެދުން ބިޝް ކައިރީ ބުނެގެން ހޯދާތި. އެކަމަކު މިހާރަކު ނޫން. ކަނބުލޮ ބޭނުމިއްޔާ އިހަށް ނިދާލާ.” ވަރަށް އޯގާތެރިކަމާއެކު ޔަރަސް ވާހަކަ ދެއްކުމުން ޗޯލޭ އިނީ ވަރަށް އުފާވެފަ އެވެ. ޔަރަސް ގެ ވާހަކަތަކަށް އާނބަސް ބުނުމަށް ބޯޖަހަމުން، ކޮޓަރިތެރެއަށް ބަލަމުން ގެންދިޔަ އެވެ. އޭނާ އާއި ނުހަނު ގާތުގައި ހުރި ޔަރަސް ގެ މޫނަށް ބަލައިލި އެވެ.

“ސާ – ސާހިބާ؟”

“ކީކޭ؟”

ނުނިމޭ

އެއްހާސް އަހަރު – 47

“ސާ – ސާހިބާ؟”

“ކީކޭ؟”

“އަޅުގަނޑު ސަލާމަތްކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.”

ލުއި ގޮތަކަށް ޔަރަސް ހީނލަމުން ޗޯލޭ ގެ ދެކޮލުގައި ހިފަހައްޓާލި އެވެ. ބިރުންގޮސް ޗޯލޭ އަށް ތެޅިގަނެވުނެވެ. ޗޯލޭ އަށް ޔަރަސް އަނިޔާއެއް ކުރަން އުޅެނީކަމަށް ހީކޮށެވެ. ނަމަވެސް ޔަރަސް ގެ ދެއަތުން މަޑުމަޑުން ޗޮލޭ ގެ ކޮލުގައި ވަރަށް ލޯބިން ޖަހާލަމުން ހީނލި އެވެ.

 

ނުވަމަސް ފަސް…..

 

ބިޝާރާ ހީވަނީ ރަނގަޅަށް ފުފިފައިވާ ބަނަހެއް ހެންނެވެ. ހީވަނީ ބިޝާރާ ގެ ސައިޒު އެތައް ތަނެއް ބޮޑުވެއްޖެ ހެންނެވެ. ބިޝާރާ އިށީންދެ އިން ގޮނޑިން ތެދުވެވުނީ ގޮނޑީގެ އަތްގަނޑުގައި ދެއަތުން އަޅައި އޮއްބާލަމުންނެވެ. ކޮޅަށް ތެދުވެ ހަށިގަނޑު މިންހެޔޮ ކޮށްލެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ. ހިނގާފައި ދިޔައީވެސް ދެފަރާތަށް ގެށެމުން ނެވެ. ބަނޑު ބޮޑުކަމުން އެ ބަނޑާއި ހެދި އުޅެން ކިތައްމެހައިވެސް ދަތިކަން އޭނާގެ ހިނގުމުންވެސް އެނގެއެވެ. ފަލަވެގެންގޮސް މޫނުވެސް ވަނީ އެއްކޮށް ފުފިފައެވެ. ހަށިގަނޑުވެސް ވަނީ އެއްކޮށް ފޮއްސިވެފަ އެވެ. އެކަމަކުވެސް ވަރިހަމަތާއެވެ. މިއަދުވެސް ޔަރަސް އަށް ބިޝާރާ އަކީ މި ދުނިޔޭގައިވެސް ހުރި އެއްމެ ރީތި ކުއްޖާ އެވެ. ކިތައްމެ ފަލަޔަސް ހަމަ ހަޤީޤަތުގައިވެސް ބިޝާރާ ގެ މޫނުން މިއަދު ފެންނަމުންދަނީ އާދަޔާޚިލާފު ރީތިކަމެކެވެ. އެއީ ބިޝާރާ ގެ ބަނޑުތެރޭގައި އުފެދެމުން އަންނަ ފުރިހަމަ ވޭމްޕަޔާ ދަރީގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

ބިޝާރާ ގެ ހަށިގަނޑުގައި ކުރިއަށްވުރެން އިތުރަށް މިހާރު ލޭ އުފެދެމުން އަންނަކަމީ ގައިމު ކަމެކެވެ. ބަނޑުގައިވާ ވޭމްޕަޔާ ދަރިފުޅަށް ބޭނުންވާ ވަރަށް އޭނާގެ ހަށިގަނޑުން ލޭ އުފައްދަމުން ގެންދާނެކަން މާކުރިންވެސް ޔަރަސް އަށް އެނގެއެވެ. ބިޝާރާ ކަންބޮޑުވަނީ އެއްމެ ކަމަކާ އެވެ. ދަރިފުޅު އުފަންވުމަށްފަހު އެ ދަރިފުޅަށް ކާންދޭނެ ގޮތާއި މެދުގައެވެ. ނަމަވެސް ޔަރަސް ބިޝާރާ އަށް ވިސްނައިދިނުމަށް ދައްކަމުންގެންދާ ވާހަކަތައް ޤަބޫލުކޮށްލައިގެން ހިތްހަމަ ޖައްސާލުން ނޫން އެހެން ގޮތެއް މިއަދު އޭނާއަކަށް ނެތެވެ. ޔަރަސް ބުނާގޮތުން ބިޝާރާ ގެ ބަނޑުގައި ދަރިފުޅު އޮންނައިރު ބިޝާރާ ގެ ހަށިގަނޑުގައި ދައުރުވަމުންދާ ލެއިން އެ ކުޑަ ދަރިފުޅަށް ލޭ ލިއްބައިދޭ ގޮތަށް، އެ ދަރިފުޅު އުފަންވުމަށްފަހުގައި ވެސް ކޮންމެވެސް ގޮތެއް އޮންނާނެ އެވެ. އެއީ އިންސާނުންނަށް ބަލައިލި ނަމަވެސް ރަނގަޅު ވާހަކައެއްކަން ޚުދު ބިޝާރާއަށް ވެސް ޤަބޫލު ކުރެވެއެވެ. މައިން އެމީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރު ދިނުމުގެ އިންތިޒާމު ލައްވަވާފައިވާ ފަދައިންނެވެ. ކުއްޖާ އަށް ބޭނުންވާވަރަށް މައިންގެ ހަށިގަނޑުން ކިރު އުފައްދައެވެ. ގިނައިން ބޯ ކުއްޖެއް ނަމަ އެކުއްޖާގެ މައިމީހާގެ ހަށިގަނޑުން ގިނައިން ކިރު އުފައްދަ އެވެ.

“އެހާ ބޮޑަށް ހާސްނުވެބަލަ. ހުރިހައި ކަމެއްވެސް އޯކޭ ވާނޭ.” ޔަރަސް އަބަދުވެސް ބުނަމުންދަނީ މިހެންނެވެ. “އަހަރުމެންގެ ދަރިފުޅު އެހާ ގިނައިން ގާތުން ނުބޮންޏާ ބިޝް އަށް ލުއިކޮށްދިނުމަށް އަހަރެންވެސް މިހުރީ އެއްނު.”

“ހޫމް، ދައްކާ ވާހަކަ ދޯ. ޔަރަސް ވަރަށް ބޭނުންގޮތެއް ދޯ އެއީ.” ލުއި ހިނިތުންވުމަކާއި އެކު ތުއި ވެލަމުން ބިޝާރާ ބުންޏެވެ. މިހާރު އެމީހުން ދިރިއުޅެމުން ގެންދަނީ ޔަރަސް ގެ ބޮޑު ކިއްލާގަ އެވެ. ޔަރަސް ގެ މަންމަ ޔާސްމީން ގެ އެހީ އަބަދުވެސް ބިޝާރާ އަށް ލިބެމުން ދެއެވެ. ބިޝާރާ މެން ޔަރަސް ގެ ރިޒޯޓުން އެނބުރި އައިފަހުން ޔާސްމީން ވެސް ދިރިއުޅެމުން ގެންދަނީ އެ ކިއްލާގައެވެ. ބިޝާރާ ގެ ޚިދުމަތުގައި މަޔޫރިކާ އާއި ޗޯލޭ އަބަދުވެސް ތިބެނީ ކައިރީގައެވެ.

ހިތްގައިމު ފިނި ދުވަހަކެވެ. ބިޝާރާ އާއި ޗޯލޭ ރާވަމުން ދިޔައީ ކިއްލާގެ ގޯތިތެރޭގައި އޮންނަ ބޮޑު ބަގީޗާ ތެރެއަށް ހިނގާލަން ދިއުމަށެވެ. ބަގީޗާ ތެރޭގައި ހިއްކަން އަޅާފައިހުރި އަންނައުނުތައް ބަލައި އެވަގުތު މަޔޫރިކާ ނިކުތެވެ. ބިޝާރާ ގެ ކޮޓަރީ ކުޑަދޮރު ތެރެއިން ބިޝާރާ ފެނުމުން މަޔޫރިކާ ބިޝާރާ އަށް ވަރަށް އަދަބުވެރިކަމާއެކު ކުރުނީސްކޮށްލި އެވެ. އިރުކޮޅެއްފަހުން އަންނައުނުތައް ހިފައިގެން ގޮސް މަޔޫރިކާވެސް އެކޮޓަރިއަށް ވަދެއްޖެ އެވެ.

“އަހަނ… މަޔޫރިކާ ވެސް އެބައުޅެންދޯ؟” އަންނައުނުތައް ބަހައްޓާފައި ނިކުމެނިކުމެ ހުރި މަޔޫރިކާ އަށް ބިޝާރާ ބުންޏެވެ. މަޔޫރިކާ ބޯ ޖަހައިލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ބިޝާރާ ގެ އަތުގެ އިޝާރާތުން މަޔޫރިކާ މަޑުކޮށްލުމަށް އެދުނެވެ. މަޔޫރިކާ މަޑުކޮށްލުމުން ބިޝާރާ ގެ އިޒުނައާއި އެކު އެތަނުން ޗޯލޭ ނިކުމެއްޖެ އެވެ.

“މަޔޫރިކާ.”

“އާދެ ސާހިބު ކަމަނާ؟”

މަޔޫރިކާ މިނިވަން ކުރިފަހުން އަބަދުވެސް ބިޝާރާ އާއި މުޚާޠަބުކޮށް މަޔޫރިކާ ކިޔަނީ ސާހިބު ކަމަނާ އެވެ. ޔަރަސް އަށް ކިޔަނީ ސާހިބާ އެވެ. މަޔޫރިކާ އެހެން ގޮވާތީ ބިޝާރާ އަށް އުނދަގޫވެސް ވެއެވެ. މަޔޫރިކާ އެހާ ޅައުމުރުގައި ނުލަފާ ފިރިހެނަކާ ކައިވެނިކުރުމަށްފަހު އުޅެން ޖެހިފައިވާ ހާލާއިމެދު ބިޝާރާ ދެރަވެއެވެ. އަދި އަމުދުން މަޔޫރިކާ ގެ ފިރިމީހާ އަކީ މަޔޫރިކާއަށް އަނިޔާވެރިވުމުގެ އިތުރުން ޔަރަސް ގެ ދުވަސް ދުއްވާލުމަށް ބޮޑު ކަންތައްގަނޑެއް ރާވައި ޔަރަސް ކިޑްނެޕްކުރި މީހާ ކަމަށްވުމާއި ޔަރަސް ސަލާމަތްވީ މަޔޫރިކާ ގެ ސަބަބުން ކަމަށް ވުމުން އަބަދުވެސް މަޔޫރިކާ އާއި މެދު ހަމްދަރުދީ ވެވެއެވެ.

“މަޔޫރިކާ ނިކަން ތަންކޮޅެއް މިކޮޅަށް މަގޭ ކައިރިއަށް އައިސްބަލަ. މިތަނަށް އައިސް މަގޭ ކައިރީ މި އެނދުގަ އިށީންދެފާނަންތަ؟” ބިޝާރާ އިށީންދެގެން އިންތަނާއި ނުހަނު ކައިރިން ތަން ދައްކަމުން ވަރަށް އޯގާތެރިކަމާއެކު ބިޝާރާ އެދުނެވެ.

“އެކަމަކު…. އެކަމަކު ސާހިބު ކަމަނާ، އޭރުން ސާހިބު މީހާ ހިތްހަމަޖެހިއެއް ނުލައްވާނެ.”

“އޯކޭ ވާނޭ. ޔަރަސް އެއް މިވަގުތު ނުވެސް ނެތެއްނު، ތީ އަހަރެން ގެ ބާންދީއެއް ނަމަވެސް މިތަނަށް އައިސް އިށީންދެބަލަ.”

“އެއްމެ ރަނގަޅު.” ބިޝާރަ އަށްވުރެން މަޔޫރިކާ ދޮށީ އެއްމެ އަހަރެކެވެ. ނަމަވެސް މަޔޫރިކާ ގެ ހުންނަ މަޑުމައިތިރި ކަމާއި ނެގިމަޑުވުމުގެ ސަބަބުން އޭނާގެ އުޅުން ހުންނަނީ ވަރަށް ޅަކޮށެވެ. ބިޝާރާ ބޭނުންވަނީ އެގޮތްގަނޑު މަޔޫރިކާ ގެ ކިބައިން ކަނޑުވާލާށެވެ. ބިޝާރާ އެދުނުގޮތަށް މަޔޫރިކާ އިށީންނީ ބިޝާރާ އާއި ޖެހިގެންނެވެ. މަޑުމަޑުން މަޔޫރިކާ ގެ ފިނިވެފައިވާ އަތްތިލައިގައި ބިޝާރާ ހިފި އެވެ.

“ކޮންހާ ތުރުތުރެއްތަ ތި ލަނީ!!” ހައިރާން ކަމާއެކު ބިޝާރާ އަށް އަހައިލެވުނެވެ.

“އަޅުގަނޑަށް މަޢާފް ކުރައްވާ.”

“ކޮން ކަމަކާ؟ މަށަށް އެނގޭ މަޔޫރިކާ އަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިފަ ވާކަން. އެހެންވީމަ މަޔޫރިކާ އެ ވާހަކަތައް ކިޔައިދޭން ބޭނުންވެއްޖެނަމަ، އަހަރެން އަބަދުވެސް ހުންނާނީ އެ ވާހަކަތައް އަޑުއަހަން ތައްޔާރަށް.”

“ސާހިބު ކަމަނާ، ސާހިބު ކަމަނާ ވަރަށް އޯގާތެރި، އެކަމަކު… އެކަމަކު ސާހިބާ އަށް އެނގިއްޖެ ނަމަ….”

“ކީއްވާނީ؟ އެއްވެސް ކަމެއް ކަމެއް ނުވާނޭ. ތިއީ ޔަރަސް މަޢާފް ދީފަ ހުރި ކުއްޖެއްނޫންތަ؟” ތުރުތުރު އަޅައަޅާ އޮތް މަޔޫރިކާ ގެ އަތްތިލައިގައި ބިޝާރާ ގެ އަތުން ފިރުމާލި އެވެ. މަޔޫރިކާ ބޯ ޖަހައިލި އެވެ. އިސްޖަހައިލަމުން މަޔޫރިކާ ގެ ފަޔަށް ބަލަން ފެށި އެވެ.

“އޭގެ މާނަ އަކީ ކޮބައިކަން ބުނަންތަ؟ އޭގެ މާނައަކީ ޔަރަސް އަށް އެމީހުން އަނިޔާކުރަން އުޅުނަސް، އެމީހުން ޔަރަސް މަރައިލަން އުޅުނަސް، މަޔޫރިކާ ދިރިއުޅުމަށް ތިހުރީ ދޫކޮށްލާފައޭ. އެކަމަކު ދިރިއުޅުން ދިރިއުޅުމަކަށް ނުވާނެ ދޯ އަބަދު މާޒީއާއިމެދު ވިސްނާ އަބަދު މޮޅިސާލު ލައިގެން ހުރެގެންނެެއް. އަހަރެން ބުނެލަން ބޭނުމީ މަޔޫރިކާ އަހަންނަށް ފުރިހަމައަށް އިތުބާރު ކުރާށޭ.”

އިނގިލިތައް އޮޅައޮޅައި އޮތް އަމިއްލަ އަތްތިލައަށް މަޔޫރިކާ ބަލައިލި އެވެ.”އެކަމަކު ސާހިބާ އަހަރެން ދެކެ ރުޅިދުރުވެއެއްނޫންތޯ؟ ޔަރަސް ގެ މުޅި އާއިލާ އެއްކޮށް ނައްތައިލުމަށް ބޮޑު ބަޣާވާތެއް ރޭވި މީހުންތެރޭގަ އެކަކު ނޫންތޯ އަޅުގަނޑުގެ ފިރިމީހާ އަކީ. އަޅުގަނޑުގެ ފިރިމީހާ މަހީޕާލް އަކީ އެކަން ރޭވުމުގައި އެއްމެ އިސްކޮށް އުޅުނު އެކަކު.”

‘އެނގެޔޭ ތިކަން. އެކަމަކު މަޔޫރިކާ ގެ ތިބުނާ ފިރިމީހާ މަހީޕާލް އަކީ މަޔޫރިކާ އަށްވެސް އިންތިހާއަށް އަނިޔާކުރި ނުލަފާ މީހާއެއްނު.” މަޔޫރިކާ ގެ އަތުގައި ފިރުމަމުން ބިޝާރާ މަސައްކަތްކުރީ މަޔޫރިކާ ހިތްހަމަޖެއްސުމަށެވެ.

“އާދެ. އެހެންވެ އަޅުގަނޑުވެސް ހިތުގެ އަޑިން އެދެމުން ދިޔައީ ޔަރަސް ގެ އަތްދަށުގައ މަހީޕާލް ވުމަށް. އެހަރެން އެދެމުންދިޔަގޮތަށް ކަންތައް ވީ. އަހަރެން ބޭނުންވީ މަހީޕާލް އާއި އޭނާގެ އެ ނުލަފާ ރައްޓެހިންނަށް ޙައްޤު އަދަބު ލިބުމަށް.” މަހީޕާލް ގެ ރައްޓެހިންގެ މަތިން ހިތަށް އެރުމާއިއެކު މަޔޫރިކާ ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެމީހުންނަކީ މަޔޫރިކާ ރޭޕްކޮށް އަނިޔާކުރި މީހުންނެވެ. އެއްމެ ފަހަރަކު ދެފަހަރަކު ނޫނެވެ. މަޔޫރިކާ ގެ ފިރިމީހާ މަހީޕާލް ގެ އެދުމަށެވެ. މަހީޕާލް ގެ ކުރިމަތީގަ އެވެ.

މަޔޫރިކާ ޚިޔާލެއްގެ ތެރެއަށް ގެއްލި އިނދެ ދުރަށް ބަލަމުން ދިޔައެވެ. އޭނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނިފައި މަޔޫރިކާ އަށް ކުރަމުން ދިޔަ ފުން އަސަރުތައް ބިޝާރާ އަށް ކިތަންމެހައިވެސް ސާފެވެ. މަޔޫރިކާ ގެ މުޅި ހަށިގަނޑު އެއްކޮށް ތުރުތުރުލާން ފަށައިފިއެވެ.

“އަޅުގަނޑަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ. ސާހިބާ ވެސް އެއްމެ ފަހުން އަޅުގަނޑު ދެކެ ފޫހިވާނެ. އެއްމެފަހުން ސާހިބާ އަހަރެން އަންދާލާނެ.” ބިޝާރާ ގެ ބާންދީ އަކަށް މަޔޫރިކާ ހަމަޖެއްސުމަށްފަހު ޔަރަސް ދެއްކި ވާހަކަތައް އިއްޔެ އިވުނު އަޑުތަކެއް ފަދައިން މަޔޫރިކާ ގެ ކަންފަތުގައި ހަރުލާ ހުރިކަން މަޔޫރިކާ މިހެން ބުނުމުން ބިޝާރާ އަށް އެނގުނެވެ.

ބިރުން ތެޅިތެޅި އިން މަޔޫރިކާ ގެ ގައިގައި ބިޝާރާ ބައްދާލި އެވެ. އެވަގުތު ކުއްލިއަކަށް ބިޝާރާ ގެ ބަނޑުގައި އޮތް ދަރިފުޅު ތޮޅިލައިފިއެވެ. އެ ތޮޅިލުން މަޔޫރިކާ އަށް އިހްސާސް ކުރެވިގެން ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ.

“އަޅުގަނޑަށްވެސް ބޭބީ ގެ ތޮޅިލުން އިހްސާސް ވެއްޖެ!” ވީ އުފަލުން މަޔޫރިކާގެ މޫނު މަލެއްހެން ފޮޅުނެވެ. އެތަން ފެނިފައި ބިޝާރާ އަށް ހީނލެވުނެވެ. ބަނޑުގައި އަތް އުނގުޅާލަމުން ވާހަކަދައްކަން ފެށިއެވެ.

“އާނ. މަށަށް ހީވަނީ ބޭބީ އެ އުޅެނީ ނިކުންނަ ހިތުން ކެތްމަދުވެގެންހެން. މިއީ ނިކަން ވަރުގަދަ ވާނެ ކުއްޖެކޭ ދޯ ބޭބީ. ބައެއް ފަހަރު އަހަރެންގެ ހިތަށް އަރާ މަގޭ މި ބޭބީގެ ދެ ފޭރާ ދަތް ތޫނުކުރަނީ ނޫންބާއޭ.”

“ފޭރާ ދަތް ތޫނު….!!” ފުއްމައިގެން ގޮސް މަޔޫރިކާ ދުރަށް ޖެހިލި އެވެ. “ތީ ވޭމްޕަޔާ ބޭބީއެއްތޯ؟” މަޔޫރިކާ އަށް ރޮއެގަނެވުނެވެ. “އަޅުގަނޑަކަށް ނޭނގޭނެ ވޭމްޕަޔާ ބޭބީއެއް ބަލަކަށް. އަޅުގަނޑު ހީކުރީ އަޅުގަނޑު ހަމަޖެއްސީ އަސްލު އިންސާނީ ކުއްޖެއް ބަލާ އާޔާ އަކަށް ކަމަށް.” ބިރުންގޮސް މަޔޫރިކާ އަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ކަހަލަ އެވެ.  ބިރުން ހުރި މަޔޫރިކާ ގެ އަތުގައި ބިޝާރާ ހިފިއެވެ. ގެނެސް އެނދުގައި ބައިންދަމުން މަޔޫރިކާ ގެ އަތް ބިޝާރާ ގެ ބަނޑުގައި ޖައްސާލި އެވެ. އެވަގުތު އަނެއްކާވެސް ބިޝާރާ ގެ ބަނޑުގައިވާ ދަރިފުޅު ތޮޅިލިއެވެ. މަޔޫރިކާ އަށް ތެޅިގަނެވުނެވެ. އަތް ދަމައިގަނެވުނެވެ. ނަމަވެސް އަނެއްކާވެސް ބިޝާރާ ގެ ބަނޑުގައި މަޔޫރިކާ ގެ އަތް ޖެއްސުވިއެވެ.

“އެނގޭތަ މަޔޫރިކާ އަށް. މި ދަރިފުޅު ބަލާނީ އަހަރުމެން ދެމީހުންވެގެން. އަހަންނަކީވެސް ހަމަ އާދައިގެ އިންސާނެއްނު ދޯ. ޔަރަސް އަހަރެން މިތަނަށް ގެނައުމުގެ ކުރިން އަހަންނަކީވެސް އިންސާނީ ދުނިޔޭގަ އުޅުނު ވަރަށް އާދައިގެ އިންސާނެއް. ފަޤީރު ނިކަމެއްޗެއް. މަންމަ ނިޔާވީ ލޭގެ ކެންސަރު ޖެހިގެން. ބައްޕަ އަކީ ކާކުކަން އަހަންނަށް ނުވެސް އެނގޭ. އަހަރެން ދިރިއުޅޭނެ ތަނެއް، އަތުގައި ފައިސާއެއް އޭރަކު ނެތް. ޔަރަސް އާއި އަހަންނަ ފުރަތަމަ ދިމާވި ރެއަކީ އަހަރެންގެ ސްކޫލް ކުދިން އަހަރެން ލަދުގަންނަވާލާ ވަރަށް ބޮޑަށް ހިތުގައި ޖެއްސި ރެއެއް.” ބިޝާރާ ދައްކަމުން ގެންދިޔަ ވާހަކަތައް އަޑުއަހަން މަޔޫރިކާ އިނީ ވަރަށް ޝައުގުވެރިކަމާ އެކުގައެވެ. “އެރޭ ޔަރަސް ނިންމައިގެން ހުރީ އަހަރެންގެ ލޭފޮދު ބޮއެ މަރާލުމަށް. ކުރިން އޭނަ އަހަރެންދެކެވެސް ވަރަށް ރުޅި އާދޭ.”

“އަސްލުވެސްތޯ؟” ދެލޯ ބޮޑުކޮށްލަމުން މަޔޫރިކާ އަށް އަހައިލެވުނެވެ.

“އާނ. އޭރު އަހަރެން އުޅުނު ރަށުގެ ރުއްގަނޑަށް އޭނަ ގޮސް އިންދާ އަހަންނަށް އޭނައަށް އުނދަގޫ ކުރެވުނީ. އެނގޭތަ އޭނަ ކަންތައް ކުރިގޮތް؟” މަޔޫރިކާ ޖަވާބެއް ނުދެއެވެ. ބިޝާރާ ގެ ޖަވާބަށް އިންތިޒާރުގައި އިނދެވުނީ އެވެ. “އެއް ރެއަކު މުޅި ވަލުތެރޭގަ އޭނަ އަހަރެން ފަހާ ދުވީ. ތިންގަޑިއިރު މަށަށް ދިނީ އެ ވާ ބޯ ޖަންގަލިން ނިކުންނަން. އެ ތިންގަޑިއިރުތެރޭ ނުނިކުމެވިއްޖެއްޔާ އޭނާ އަހަރެން ޝިކާރަ ކުރާނެކަމަށް ބުނެ ދޫކޮށްލީ.”

“އެއްމެ ފަހުން އަތުލެވުނީ ތޯ؟” ކުރެވުނު ސުވާލުގެ ހެއްވާކަން ހިތަށް އަރާފައި މަޔޫރިކާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

ބިޝާރާ ހީނގަތެވެ. “އާނ. އެހެންތާ އެކަން ވާނީވެސް. އޭނާ އަހަރެންގެ ކަރުދޮށް ތޮރުފާލާ ލޭ ބުއި. ވަރަށް އަނިޔާވާގޮތަށް އެކަން ކުރީވެސް.”

“އަސްލުވެސްތޯ؟ އެކަމަކު ސާހިބާ ކައިވެނި ވެސް ކުރެއްވީ ހަމަ ސާހިބު ކަމަނާ އާ، ސާހިބުކަމަނާ ދެކެ ސާހިބާ މިހާރު ލޯބިވޭތޯ؟ މިހާރު އެއްވެސް ވަރަކަށް އަނިޔާއެއް ނުކުރޭތޯ؟”

“އެއްގޮތަކަށްވެސް ނުކުރޭ. ހުރިހައި ފިރިހެނުންނަކީ މަޔޫރިކާ ގެ ފިރިމީހާ ފަދަ ނުލަފާ ފިރިހެނުންނެއް ނޫން.” ބިޝާރާ އަށް މިހެން ބުނެވުމުން ދެރަވެސް ވިއެވެ.

“ދެން އެއްވެސް ފިރިހެނެއް އަހަރެންގެ ބޭނުމެއް ނުކުރާނެ!” މިހެން ބުނުމާއެކު މަޔޫރިކާ އަށް ރޮއެގަނެވުނެވެ.

“ކީއްވެ ތިހެން ތިބުނަނީ؟” މަޔޫރިކާ ގެ މޫނުގައި ހިފައި ބިޝާރާ އާއި ދިމާއަށް އަނބުރާލަމުން ބުންޏެވެ. “ނިކަން އަހަރެންގެ ލޮލަށް ބަލާލަބަ. އަހަރެން މި ބުނާ އެއްޗެއް އަޑު އަހާފަ ގަބޫލުކޮށްބަލަ. ތިއީ އަދިވެސް ނުލާހިކު ރީތި ކުއްޖެއް. ތިފަދަ އަންހެނަކަށް ރަނގަޅުގޮތް ލިބެން ޖެހޭނެ. ޔަރަސް ގެ ފުރާނަ ސަލާމަތްކުރުމުގަ މެދުވެރިއަކަށް މަޔޫރިކާ ވީތީ އަހަރެން ނިހާޔަތަށް މަޔޫރިކާ އަށް ޝުކުރުވެރިވަން.”

“އެކަމަކު އަޅުގަނޑަކީ މިހާރު އަޅުގަނޑުގެ ދާވަނި މުޅިން މުޑުދާރުވެފައިވާ އަންހެނެއް. އަހަންނަކީ އެތައް ބަޔަކު ބޭނުންކޮށް އެއްލާލާފަ އޮތް ކުޑަރުމާލެއްފަދަ އެއްޗެއް.” ގިސްލަގިސްލާފައި މަޔޫރިކާ ރޯން ފެށިއެވެ. އެވަގުތު މަޔޫރިކާ ގެނެސް ބިޝާރާ ގެ ގަޔާ ކައިރިކޮށްލާ ބުރަކަށީގައި ފިރުމަންފެށިއެވެ.

“ތިހެން ހިތަށް ނާރުވަބަލަ. ކަލޭ ގެ މުޑުދާރު ފިރިމީހާ ކުރިކަމެއް ކުރިޔަސް، ތީކީ މުޑުދާރު އަންހެނެއް ނޫން. އަމިއްލައަށް އެފަދަ ގޮތަކަށް އުޅުނީމަ މީހާ މުޑުދާރު މީހަކަށް ވަނީ. އެއްްފަހަރުވެސް އެގޮތަށް ހިތަށް އަރުވާފަ އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލަބަލަ!” ދަރިއަކަށް ނަސޭހަތް ދޭ ފަދައިން މަޔޫރިކާ އަށް ބިޝާރާ ނަސޭހަތްދިނެވެ.

“ސާހިބު ކަމަނާ ގެ ދަރިފުޅު ބަލަން ގެންގުޅޭވަރަށް ވުރެން މުޑުދާރު މީހެއް ކަމަށް ސާހިބާ ނިންމަވައިފިއްޔާޔޯ؟”

“އޭރުން އަހަރެން ޔަރަސް ގައިގައި ދަނޑިބުރިއަކުން ތަޅާ އަދަބު ދޭނަން!” މަޔޫރިކާ ހެއްވާލުމަށް މަޖާވެލަމުން ބިޝާރާ ބުންޏެވެ. އެވަގުތު މަޔޫރިކާ އަށް ބާރަށް ހީނގަނެވިއްޖެ އެވެ. “އާނ، މިހާރު ރަނގަޅު. ތިހެން އަބަދު ހެވިފަ އިންނައިރު ކިހާ ލޯބި. ދެން ހިނގާބަލަ ބަގީޗާ ތެރެއަށް ހިނގާލަން ނިކުންނަން.”

“ޗޯލޭ އާއި އެކީގަ ނޫންތޯ ހިނގާލަން ދާން އުޅުއްވީ؟

“ދެން ފަހަރަކުން އޭނަ ގެންގޮސްފާނަމޭ. މިއަދު ހިނގާލަން ދާނީ އަހަރުމެން ދެމީހުން.”

“ސާހިބާ އަތުވެއްޖެއްޔާ ކިހިނެތްތޯ ހަދާނީ؟ އަޅުގަނޑަށް އެނގޭ ސާހިބާ ވީ ބައެއް ރައްޓެހިންނާ ބައްދަލުކޮށްލައްވަން ދުރުވެކަންވެސް. އެކަމަކު ވެސް ހަމަ ކުއްލިއަކަށް ދުރުވާތަނުން އަޅުގަނޑު ފެނިއްޖެއްޔާ ޔޯ؟”

“ޔޯ..ޔޯ…ޔޯ.. ހާދަ ޔޯ ތައް ގިނައޭ ދޯ. އަހަރެން މިހުރީނު. ހުރިހައި ކަމެއް އަހަރެން ހަމަޖައްސާނަމޭ.”

މަޔޫރިކާ ގޮވައިގެން ކިއްލާ ގެ ފުރަގަހުގައި އޮންނަ ބަގީޗާ ތެރެއަށް ބިޝާރާ ނިކުމެއްޖެ އެވެ. އެއީ ސަރާސަރު ބިޔަ ބަގީޗާ އެކެވެ. ވަރަށް ދުރުދުރުން ފަރުބަދަ ތަކެއްގެ މޭގަ ވާތަން ފެންނަން އޮތެވެ.

“ސާހިބާ؟”

“ހޫމް، ކީކޭ މަޔޫރިކާ؟ ޕްލީޒް އަހަންނަށް ތިގޮތަށް ސާހިބާ ނުކިޔާ ބިޝާރާ ކިޔާފާނަންތަ؟” މަޔޫރިކާ ގެ ދެއަތުގައި ހިފަމުން ބިޝާރާ އެދުނެވެ. ބިޝާރާ ގެ ދެލޮލަށް މަޔޫރިކާ ބަލައިލި އެވެ. ބިޝާރާ ގެ ލޮލުން ފެންނަމުންދިޔަ އޯގާތެރިކަން ފެނިފައި މަޔޫރިކާ ބިރުގަތެވެ. އޭނާގެ ކަޅު މާޒީގެ ހަނދާންތައް ފޮޓިގިރާ އަކުން ރޯލުވަމުންދާ ޑިސްކަކުން ފެންނަހެން ފެންނަން ފަށައިފިއެވެ.

ނުނިމޭ

އެއްހާސް އަހަރު – 48

މަޔޫރިކާ ގޮވައިގެން ކިއްލާ ގެ ފުރަގަހުގައި އޮންނަ ބަގީޗާ ތެރެއަށް ބިޝާރާ ނިކުމެއްޖެ އެވެ. އެއީ ސަރާސަރު ބިޔަ ބަގީޗާ އެކެވެ. ވަރަށް ދުރުދުރުން ފަރުބަދަ ތަކެއްގެ މޭގަ ވާތަން ފެންނަން އޮތެވެ.

“ސާހިބާ؟”

“ހޫމް، ކީކޭ މަޔޫރިކާ؟ ޕްލީޒް އަހަންނަށް ތިގޮތަށް ސާހިބާ ނުކިޔާ ބިޝާރާ ކިޔާފާނަންތަ؟” މަޔޫރިކާ ގެ ދެއަތުގައި ހިފަމުން ބިޝާރާ އެދުނެވެ. ބިޝާރާ ގެ ދެލޮލަށް މަޔޫރިކާ ބަލައިލި އެވެ. ބިޝާރާ ގެ ލޮލުން ފެންނަމުންދިޔަ އޯގާތެރިކަން ފެނިފައި މަޔޫރިކާ ބިރުގަތެވެ. އޭނާގެ ކަޅު މާޒީގެ ހަނދާންތައް ފޮޓިގިރާ އަކުން ރޯލުވަމުންދާ ޑިސްކަކުން ފެންނަހެން ފެންނަން ފަށައިފިއެވެ.

އޭރު މަޔޫރިކާ އަކީ ހެދިބޮޑުވަމުން އަންނަ އުމުރުން އެއްމެ ބާރަ އަހަރުގެ ކުއްޖެކެވެ. މަޔޫރިކާ ދިރިއުޅެމުން ގެންދިޔައީ މެދުފަންތީގެ އާއިލާ އެއް ކައިރީގައެވެ. އެމީހުންނަށް ގުލާނުކޮށްދިނުމަށެވެ. މަޔޫރިކާ ދިރިއުޅެމުން ދިޔަ ގެއަކީ ފުދޭވަރަކަށް ގިނައިން މީހުން އައިސްގޮސް ވާ ގެއެކެވެ. އެއްދުވަހަކު ނުއެގުމެއްގެ ތެރޭގައި މަޔޫރިކާ އަށް ވޭމްޕަޔަރެއްގެ ކުރި ކަނޑާ ހުރަސްކުރެވުނީ އެވެ. ވޭމްޕަޔަރެއްގެ ކުރިކަނޑާ ހުރަސް ކުރެވުމަކީ ހެދޭ ކިހާވަރެއްގެ ބޮޑު ގޯހެއްކަން އޭރުވެސް މަޔޫރިކާ އަށް އެނގެއެވެ. ނަމަވެސް އޭނާއަށް ކުރި ކެނޑުނީ ވޭމްޕަޔަރެއްގެ ކަން ނުއެނގުނު ކަމީ އޭނާއަށް ހެދުނު އެއްމެ ބޮޑު ގޯހެވެ. އެ ވޭމްޕަޔަރަކީވެސް މަޔޫރިކާ އުޅުނު ގެއަށް ޒިޔާރަތްކުރި މެހެމާނެކެވެ. އެ ވެމްޕަޔަރު ނިކުތީ އެގޭ ބަގީޗާ ތެރެއަށެވެ. އެހެން ވޭމްޕަޔަރަކާއި ބައްދަލުކުރުމަށެވެ. އެ ވެމްޕަޔަރާއި މަޔޫރިކާ އާއި ދިމާވީ ހިނގަން އޮންނަ ހަނިހަނި ކޮރިޑޯ ތެރެއިންނެވެ. އޭރު މަޔޫރިކާ ގެ އަތުގައި ދޮވެފައި ހުރި އަންނައުނު ތަކެއް އަޅާ ފުރާފައިވވަށިގަނޑެއް އޮތެވެ. މަޔޫރިކާ އެ ވަށިގަނޑު ހިފައިގެން ގޮސްގޮސް ހުރީ އެގޭގައި މެހެމާނުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކާއި ދިމާއަށެވެ. ކޮޓަރިތައް ހުންނަ ދިމާއަށް ދިއުމަށް ލަނބާލިވަގުތު މަޔުރިކާ އަށް އެ ވޭމްޕަޔަރުގެ ކުރިމައްޗަށް އެރުނެވެ. ރުޅިއައިސް ރަތްވެގެން އެ ވޭމްޕަޔަރު މަޔޫރިކާއަށް ވަރަކަށް ދިނެވެ. އެވަގުތު ބިރުންގޮސް މަޔޫރިކާއަށް ފަހަތަށް ޖެހިލެވުނެވެ. ވީ ކިހިނެތްކަމެއް ނޭނގޭ ހާލުގައި އޭނާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. އެ ވޭމްޕަޔަރުގެ މޫނަށް މަޔޫރިކާ ބަލައިލި އެވެ. އެއީ ފަން އިންތަށިކޮޅެއް އޮތް ރީތި ޒުވާން މޫނެކެވެ. އެއްމެ ފުރަތަމަ ބަލައިލުމުން އެއީ ވޭމްޕަޔަރެއް ކަން އޭނާއަށް ނުވެސް އެނގުނެވެ. އެހެންކަމުން އޭނާ މީގެ ކުރިން އެފަދަ ގޮތަކަށް ދިމާވުމުން ކަން ކޮށްފައިނުވާ ގޮތަކަށް ކަން ކުރެވުނެވެ. އެ ވޭމްޕަޔަރު އޭނާއަށް ބަވައިލުމުން ރައްދުގައި ކިޔުނު އެއްޗެއް މަޔޫރިކާވެސް ކިޔަންފެށި އެވެ. އެވަގުތު ޒާތެއްގެ ބިރުވެރި އަޑުފަށްގަނޑެއް ލައްވާލާފައި އޭނާގެ ތޫނު ފޭރާ ދަތްނެރެ ދައްކާލިއެވެ.

 

“އަޅުގަނޑަށް މަޢާފް ކުރައްވާ! އަޅުގަނޑަށް ތިޔައީ ކޮން ބޭފުޅެއްކަން ނޭނގުނީ، އާދޭސްކޮށްފަ މި ބުނަނީ އަޅުގަނޑަށް މަޢާފް ކުރައްވާ….” މަޔޫރިކާ ރޮމުން އާދޭސްކުރި އެވެ. ނަމަވެސް މަޔޫރިކާ އަށް މަޢާފް ދޭކަށް އެ ވެމްޕަޔަރު ހިތަށްވެސް ނާރުވައެވެ.

“ކޮންއިރަކުތަ ކަލޭ ފަދަ އެއްވެސް އަގެއް ނެތް ނޯކަރުން ވޭމްޕަޔަރުންނަށް ރައްދު ދޭން ފެއްޓީ؟ ކަލެއަށް ނޭނގެނީތަ އެއީ ވަރަށް ބޮޑު ގޯހެއްކަން އިންސާނަކަށް ހެދޭ؟”

“އާދޭސްކޮށްފަ ބުނަން، އަޅުގަނޑަށް ނޭގުނީ ތީ އޭގެ މީހެއްކަން؟” އޮޅުމަކުން ނަމަވެސް އަނެއްކާވެސް މަޔޫރިކާ އަށް އެ ބުނެވުނީ އެއްގޮތަކަށްވެސް ބުނެގެން ނުވާނެ އެއްޗެކެވެ.

“އޭގެ މީހެއް ކަމޭ؟” ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އެ ވޭމްޕަޔާ އަޑުލައްވާލި އެވެ. “އޭގެ މީހެކޭ ތިބުނި ބަހުގެ މާނައަކީ ކޮބައޭ؟ ކަލޭ ވާހަކަދައްކާ ގޮތުން ހީވަނީ އަހަރުމެންނަކީ އެއްވެސް އަގެއް ނެތް މާ ދަށްފެންވަރުގެ ބައެއް ކަމަށް. ކަލެއަށް އެނގޭތަ ވޭމްޕަޔަރަކާއިމެދު އިހްތިރާމު ކުޑަކުރުމުން ލިބޭ އަދަބަކީ ކޮބައިކަން؟”

މަޔުރިކާ އަށް ހަމަ ރަނގަޅަށްވެސް ރޮވެން ފަށައިފި އެވެ. “ނޫން. އާދޭސްކޮށްފަ ބުނަން. އަޅުގަނޑަށް މަޢާފް ކުރައްވާ.”

“މަޢާފޭ؟ ކަލެޔަށް؟” ވޭމްޕަޔަރު ގާތަށް ރުޅިއަންނަމުން ދިޔައެވެ. މަޔޫރިކާ އަށް ފަހަތަށް ޖެހެން ފެށުނެވެ. އެވަގުތު މަޔޫރިކާ ފަހަތަށް ޖެހިލާ ކޮންމެ ތަންކޮޅަކަށް، ވޭމްޕަޔަރު ކުރިއަށް ޖެހެމުންދެއެވެ.

“ކަލެއަށް މަޢާފް ކުރާށޭ؟ ކީއްވެޔޯ އަހަރެން ކަލެއަށް މަޢާފް ކުރަންވީ؟” އެމީހުން ތިބި ހޯލު ނިމޭ ހިސާބުގެ އެއްމެ ފަހަތާއި ހަމައަށް ދެވެންދެން މަޔޫރިކާ ފަހަތަށް ޖެހެމުން ދިޔައެވެ.

“އަޅުގަނޑަށް ނޭނގުނީ.” ދެކޯތާފަތް މައްޗަށް ކަރުނަ ބާލަމުން މަޔޫރިކާ އާދޭސް ކުރަމުންދިޔައެވެ. ވޭމްޕަޔަރު ގެ ބިރުވެރި ލޮލުން މަޔޫރިކާ އަށް ކަޅިއަޅަން ފެށުމުން އިސްދަށަށް ޖަހައިލެވުނެވެ.

“އަޅުގަނޑު އޭރު ބުނިބަސް އަނބުރާ ގެނެސްފިން. އަޅުގަނޑަށް ހީވީ ތިޔައީ…..” މަޔޫރިކާ އަށް ބުނެވުނީ މިހިސާބަށެވެ. އޭނާގެ މޫނުމަތީގައި ވޭމްޕަޔަރުގެ އަތުން ބާރު ބޮނޑިއެއް ވިހެލިއެވެ. މަޔޫރިކާ ވިއްސައިގެންގޮސް ފާރު ބުޑަށް ގުޅައަކަށް ޖެހިއްޖެ އެވެ. ޖެހުނުލެއް ބާރުކަމުން މަޔޫރިކާ ގެ ހެއަށްވެސް ކޮންމެވެސް ވަރަކަށް ގޮތް ވިއެވެ.

ރުޅިން ކަނިބުރަބުރާ ހުރި ވޭމްޕަޔަރު ގޮސް މަޔޫރިކާ ގެ އިސްތަށިގަނޑުގައި ހިފާފައި މައްޗަށް ނެގިއެވެ. މަޔޫރިކާ ގެ މޫނު ވޭމްޕަޔަރުގެ މޫނާއި ކައިރިކޮށްލި އެވެ. އޭރުވެސް ވޭމްޕަޔަރު ގެ ދިގުވެފައިވާ ދެ ފޭރާ ދަތް ހާމައަށް ދައްކައިގެން ހުއްޓެވެ. ދެބަދޭތެރޭގައި އޮތް މަޔޫރިކާ އަށް އެ ދެދަތް ފެނުމުން މަޑުމަޑުން ކުކުރާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. މަޔޫރިކާ ގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. ނޭވާ ވަނީ ލަގޮނޑިވަޅާއި ހަމައިގައި ތާށިވެފައެވެ. ވޭމްޕަޔަރު ގެ އެ ދެދަތް ވަރަށް ތޫނުކަން އެވަރުންވެސް މަޔޫރިކާ އަށް އެނގެއެވެ. ރޭޒަރު ތިލައެއްހައި ތޫނެވެ. މިޔަރެއްގެ ތޫނު ދަތްތައް ފަދަ ބިރުވެރި އެވެ.

“އާދޭސް ކޮށްފަ ބުނަން. އަޅުގަނޑު ގައިގަ ހުރި ހުރިހައި ލެއެއް ބޮއެ ނުލައްވާތި.” ފުހިފުހިފައި ރޮމުން މަޔޫރިކާ ގެ އާދޭސް ކުރުން އިތުރުކޮށްލި އެވެ.

“ކަލޭ ތި އެދޭ އެދުންތައް ހުއްޓާލިއްޔާ ކީއްތަ؟ މިއީކީ ކަލޭ އުޅެން ޖެހޭ ހިސާބެއްވެސް ނޫނެއްނު!” މަޔޫރިކާ ގެ ބޮލުގެ އިސްތަށިގަނޑުން ދޫކޮށްލައި ބިމަށް ވައްޓާލި އެވެ. ގުޅަޔަކަށް ބިންމައްޗަށް ވެއްޓުމާއެކު މަޔޫރިކާ އިސްޖަހައިލި އެވެ. “ހޫމް،…. މިކަންތައް ކަލޭ އަންގަން ޖެހޭނީ ކާކަށް؟” މަޔޫރިކާ ގެންގުޅުނު އަންނައުނު ވަށިގަނޑަށް ބަލައިލަމުން ވޭމްޕަޔަރު އެހިއެވެ. “އެ އަންނައުނުތައް ވަކި ގަޑިއަކަށް ވަކި ތަނަކަށް ގެންދާކަށް ނުޖެހޭތަ؟”

“ސާހިބާ… އެ… އެއީ… އެއީ މެހެމާނުން ނަށް..” މަޔޫރިކާ ގެ އަޑު މަޑުވެފައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވުނީ އާގަންނަމުން ނެވެ. “ލައްބަ..އެ…އެ އެއްޗެހި މިއަދު ހެނދުނު ގެންދަން އެބަޖެހޭ. އެމީހުން ގަޑިއެއްހާ އިރު ތެރޭގައި އެމީހުންގެ އަވަށަށް ދާން ދަތުރު ފަށާނެ.”

މާޔޫރިކާގެ އަތުގައި ހުރި އަންނައުނު ވަށިގަނޑު  ވޭމްޕަޔަރު ޖިއްސައިގަތެވެ. ހަމައެއާއިއެކު މުޅި އެ ހިސާބަށް އަންނައުނުތައް އުކައިލި އެވެ. ތަޅުންގަނޑުގެ އެކިހިސާބަށް އުކާލާފައިވާ ހެދުންތަކުގެ މަތިން ހިނގަމުން، އޭނާ އަރައިގެން ހުރި ބޫޓު ހާކަމުން އަންނައުނުތައް ހަޑިކުރަން ފެށި އެވެ. ހިތްހަމަޖެހޭވަރަށް އަންނައުނުތައް ހަޑިކުރެވުމުން މަޔޫރިކާ އާއި ދިމާއަށް އެއްޗެހިތައް އުކައިގަތެވެ. މަޔޫރިކާއަށް ހުރެވުނީ އެވެ. ދެލޯބޮޑުކޮށްގެން ވޭމްޕަޔަރުގެ އަމަލުތަކަށް ބަލާށެވެ.

“މަށެއް ނޫޅެމޭ ކަލޭގެ ގައިން ލޭބޮއެ ހުސްކޮށްލާކަށް.” އެތަނުން ރީތި ހެދުމެއް ނަގަމުން ވޭމްޕަޔަރު ބުންޏެވެ. އޭނާ ނެގި ހެދުމުގެ ކަރުވަޅުގައި ހިފާފައި ހެދުން އިރާލިއެވެ. “އެކަމަކު މަށަށް ހަމަ ޔަޤީން މި ހެދުމުގެ ވެރިމީހާ އެކަން ކުރާނެކަން.” މިހެން ބުނުމާއިއެކު ބާރަށް ހޭންފެށި އެވެ. މަޔޫރިކާ ދުއްވައިގަތެވެ. އެވަގުތު ބާރު ވައިރޯޅިއެއް ފަދައިން ވޭމްޕަޔަރު ގޮސް މަޔޫރިކާ ހިފެހެއްޓި އެވެ.

“އާހާހާ… ތިހެން ނުދެވޭނެ. އަހަރެން މިހުރީ ކުޑަކޮށް ހައިވެފަ. އެހެންވީމަ އޯކޭތަ ކަލޭގެ ގައިން އެތިފޮދެއް ބުޔަސް؟” މަޔޫރިކާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ އަށް ދެވޭނީ ވެސް ފަހެ ކޮން ޖަވާބެއް ހެއްޔެވެ؟ މަޔޫރިކާ އަށް އަނގަ ހުޅުވައިވެސް ނުލެވި އުޅެނިކޮށް ވޭމްޕަޔަރުގެ ތޫނު ދަތްތައް މަޔޫރިކާގެ ކަރުދޮށަށް ކޮށްޕާލި އެވެ. ލޭގެ ކޮންމެ ކޯވަރެއް ދިރުވައިލަމުން މަޔޫރިކާގެ ގައިގައި ވޭމްޕަޔަރު އޮޅުލަމުން ހަޅޭއްލަވަމުން ދިޔައެވެ. މަޔުރިކާ އަށް އަޅަމުންދިޔަ ވޭނުގައި އަނގައިން އަޑެއް ބޭރުކޮށްލެވޭ ކޮންމެ ފަހަރަކު މަޔޫރިކާ ގެ ހަށިގަނޑަށް ބާރަށް ފިއްތަމުންދިޔައިރު އޭނާއަށް ހީވަމުން ދިޔައީ ހަށިގަނޑުގެ ކަށިތައްވެސް މުގުރެމުން ދިޔަހެންނެވެ. މަޔޫރިކާ ގެ އަނގައިން މިފަހަރު ބޭރުވެގެންދިޔަ ގަދަ އާހް ގެ އަޑާއި އެކު ވޭމްޕަޔަރުގެ ދަތްތައް މަޔޫރިކާގެ ކަނދުރާއިން އުފުރާލިއެވެ. މަޔުރިކާގެ ކަރުދޮށުގައި ހުރި ޒަޚަމް އަށް އިތުރު ވޭނެއް ދިނުމުގެ ނިޔަތުގައި އެތަނުން ހެދުމެއް ނަގައި އެ ޒަޚަމް މަތީގައި ބާރަށް ހާކަން ފެށިއެވެ. އަޑުން އަޑު ނަގައި މަޔޫރިކާ ރޮމުން ހަޅޭއްލަވަމުން ދިޔަ އަޑު އެ ވޭމްޕަޔަރަށް ނުވެސް އިވޭކަހަލަ އެވެ.

މަޔޫރިކާ އަށް ފަހުން ލިބުނު އަދަބުވެސް ވަކިން ކުޑައެއް ނޫނެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުގެ އަދަބުވެސް ލިބިގެން ދިޔައީ އޭނާއަށެވެ. ހެދުންތަކުގެ ވެރި ވޭމްޕަޔަރު ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް، ހަޑިކޮށް މުޑުދާރުކޮށްފައިހުރި ހެދުންތައް ގެންގޮސްދިނުމުން އެ އަންހެން ވޭމްޕަޔަރު ގެ ރުޅިގަނޑު ކުޑަކޮށް މައިތިރިވި އެވެ.

“މަށަށް އެނގޭ ކަލޭ މިފަދަ ކަމެއް ނުކުރާނެކަން،” އެ ވޭމްޕަޔަރު ބުންޏެވެ. “އެކަމަކުވެސް މިކަމާއި ގުޅިގެން ދެން ކަންތައްތައް ވާންޖެހޭނެ ގޮތްވެސް ކަލެއަށް އެނގޭނެކަމަށް ހީކުރަން. އެހެންވީމަ މިކަން ކުރީ ކާކުކަން ބުނޭ؟”

“އަޅުގަނޑަކަށް ނޭނގޭ. އެކަމަކު އޭނާގެ އިސްތަށިގަނޑު ކޮނޑާއި ހަމައަށް އޮތް. ލޯވެސް ހުރީ ގަދަ ނޫކުލައިގަ…. އެއީވެސް ވޭމްޕަޔަރެއް…”

“އޯހް، ތީ އެއުޅޭ ދާރީ. ވަރަށް ދުއްޕާން ބޮޑު ގޮލަޔެއް ތީ. އެއްމެ ރަނގަޅު. އެކަމަކު ބުނަން، މިކަން އަހަރެން ޖެހޭނެ މިގޭ ވެރިންނަށް އަންގަން. އަހަރެން ގެ އަތުގައި ލާނެ އެހެން ހެދުމެއްވެސް ނެތް.” ވޭމްޕަޔަރު އެހެން ބުނުމުން މަޔޫރިކާ އާދޭސްކުރަން ފެށި އެވެ. ގިސްލާ ރޮމުން، ކަރުނަ އޮހޮރަމުން އާދޭސްކުރިއެވެ. ނަމަވެސް އޭނާގެ އާދޭހުގެ އަޑެއް ވޭމްޕަޔަރު ނޭހިއެވެ. މަޔޫރިކާ ގެންގުޅޭ ވޭމްޕަޔަރުން މަޔޫރިކާ ގެ ގައިގައި ހަންމުށްޓަކުން ތަޅައި އަދަބުދިނެވެ. ލިބުނު އަނިޔާގެ ސަބަބުން އެނދުން ނުތެދުވެވި އެތަކެއް ހަފުތާއެއް ވާންދެން އޮންނަން ޖެހުނެވެ.

“ހޫމް – ބިޝާރާ، އެހެން ވޭމްޕަޔަރުންވެސް މި ހިސާބުގައި އުޅޭނެތަ؟ މިބުނީ ބައެއްފަހަރު އުޅެފާނެއެއްނު؟” ޚިޔާލީ ދުނިޔެއިން ހޭވެރިކަން ވުމާއިއެކު މަޔޫރިކާ ބިޝާރާ ކުރެން އަހައިލި އެވެ. މަޔޫރިކާ ހުރީ ހަމަ ހަގީގަތުގައިވެސް ބޭރަށް ނިކުންނަން ބިރުންނެވެ. އަނެއްކާވެސް މަޔޫރިކާ ގެ މާޒީއަށް ފީނައިގަނެވުނެވެ. ނަމަވެސް ބިޝާރާ މަޔޫރިކާގެ ކޮނޑުގައި ފިރުމާލުމުން ހޭވެރިކަން ވިއެވެ.

“ފަހަރެއްގަަ.” މަޔޫރިކާ އަށް ފުން ނަޒަރަކުން ބަލަމުން ބިޝާރާ ޖަވާބުދިނެވެ.

“މީ އަނެއް –  މީ އެއްމެ ތިން ވޭމްޕަޔަރުން އުޅެން ހާދަ ބޮޑު ގެއެކޭ ދޯ.” ވަރަށް މަޑުމަޑުން މަޔުރިކާ އަށް ބުނެވުނެވެ. “މާފުކުރޭ. އަހަރެން މީ މޮޔައެއްދޯ ބިޝާރާ އެކަނި މިހާ ބޮޑުތަނެއްގައި އުޅޭނޭ ހިތަށް އަރާކަށް.”

މަޔޫރިކާ އާއި ވާހަކަ ދައްކަމުން އަނެއްކާވެސް ބިޝާރާ ހިނގައިގަތެވެ. ބިޝާރާ އާއި އެއްވަރަށް މަޔޫރިކާ ވެސް ހިނގަމުންދިޔަ އެވެ. “މަށަށް އެނގިފަވާގޮތުން މި ބޮޑު ކިއްލާ އިމާރާތްކޮށް ނިންމައިލުމަށް އެތަކެއް ސަތޭކަ އަހަރެއް ހޭދަވި. ދުވަސްތައް ހޭދަވާ ވަރަކަށް ވޭމްޕަޔަރުންގެ މުއްސަނދިކަންވެސް ދިޔައީ އިތުރުވަމުން. ޔަރަސް ގެ އާއިލާ އަކީ އެތަކެއް ހާސް އަހަރެއް ވެފައިވާ އާއިލާއެއް.”

ބިޔަ ދޮރަކާއި ހަމައަށް އެމީހުންނަށް ގޮސް މަޑުކޮށްލެވުނެވެ.

“މަށަށް މި ދޮރު ހުޅުވާލަދޭން ހެލްޕް ވެދީފާނަންތަ؟” ބަނޑުގަ މި ދަރިފުޅު އޮތީމަ އަހަރެން ވަރަށް ކަންނެތްވެފަ ހުންނަނީ.” ބިޝާރާ ގެ ބަނޑުތެރޭގައި އުފެދެމުންދާ ދަރިފުޅު ބިޝާރާ ގެ ހަށިގަނޑުން އުފައްދާ މިންވަރަށްވުރެން ބޮޑަށް ކާނާގެ ބާވަތްތައް ނަގަމުންދަނީ ނޫންބާއޭ ބިޝާރާ ގެ ހިތަށް އެރިއެވެ. ނޫނީ ވިހަން ކައިރިވާ ދުވަސް ޖެހޭތީ ވަރުބަލިކަން އިތުރުވަނީ ނޫންބާއޭ ހިތަށް އެރިއެވެ.

ބޯ ލަކުޑީގެ ފިލާ ފައްތަރުކޮށްގެން ހަދާފައިވާ ބިޔަ އަދި ބަރު ދޮރުފަތް ހުޅުވާލުމަށް މަޔޫރިކާ ކޮށްޕާލިއެވެ. ދޮރު ހުޅުވައިލުމާއިއެކު ފެނިގެން ދިޔައީ މަޔޫރިކާ ގެ ދެލޯ ތަރަތަ ޖަހައިގެންދާފަދަ ރީތި، ހިތްގައިމު މާބަގީޗާ އެކެވެ. މަޔޫރިކާ ގެ ދެލޯ ބޮޑުވެގެން ދިޔަތަން ފެނިފައި ބިޝާރާ އަށް ހީނގަނެވުނެވެ.

“މިކަހަލަ ބޮޑު ބަގީޗާއެއް ބަލަހައްޓާނެ ވަރުގަދަ އަޅު ނޯކަރުން ޔަރަސް ގެންގުޅޭ. ކޮންމެވެސް ގޮތަކުން އެމީހުންނަށް އިނާމެއް ދިނުމަށް އަހަރެން އަބަދުވެސް ވިސްނަން.”

“ކިހިނެތްވާނެ އެމީހުންނަށް ޑިނަރ ކަހަލަ ކަމެއް ބޭއްވުން؟” ބިޝާރާ އަށް މޮޅު ޚިޔާލެއް ދިނުމުގެ ގޮތުން މަޔޫރިކާ އަށް އެ ބުނެވުނީ ކީކޭކަން އޭނާއަށް އެނގިފައި ނެތްކަހަލަ އެވެ. އެ ބޮޑު ކިއްލާގެ ބަދިގޭގައި ކައްކާ އެއްވެސް ކާއެއްޗެއް ބިޝާރާ ފިޔަވައި އެހެން އިންސާނަކަށް، ހަމަ އެއްވެސް އިންސާނަކު ކެއުމަށް ނުވަތަ ރަހަބަލައިލުމަށްވެސް ހުއްދަ ނޯންނަކަން ބިޝާރާ އަށް ނޭނގެނީ އެވެ. ޔަރަސް ގެ ޚާއްޞާ ޝެފާއި ބަދިގޭގައި އަތްގާތްކޮށްދޭން ގެންގުޅޭ ޓީމަކީ މުޅި ތްރިވުނަންދަޕޫރަމް ގައިވެސް ތިބި އެއްމެ ފައްކާ މީހުންނެވެ. އެމީހުން މަޝްހޫރު ވެފައިވަނީ އެމީހުން ތައްޔާރުކޮށްލާ ޚާއްޞަ ޕޭސްޓްރީސް އާއި ހެދިކާ އާއި ވަރަށް ޢާއްމު ނޫން ރެސިޕީ ތަކާއި ފައްކާ ޑެސަރޓްސް ތަކުގެ ސަބަބުންނެވެ. އެ އެއްޗެހި ތައްޔާރުކުރަނީ އެއްމެ މޮޅެތި ކައްކާއިންގެ އަމިއްލަ އަތުންނެވެ.

ބިޝާރާ އިތުރަށް ވިސްނަން ފެށިއެވެ. އެ އަޅުންގެ ބުރަ މަސައްކަތަށް އެކަށީގެންވާ ހަދިޔާއެއް ދޭނެ ގޮތަކާއި މެދުގައެވެ. އެމީހުންނަކީ ޔަރަސް ގެ އަޅުންނެވެ. ޔަރަސް ގެ ބާރު ނޫން އެހެން އެއްވެސް ބާރެއް ނުފޯރާ ބައެކެވެ. ބިޝާރާ އަށް އެކަމުގެ އެއްވެސް ހައްގެއް، ބާރެއް ނޯވެއެވެ. އެމީހުންނަށް ބާރެއް ފޯރުވައިފިކަން އެނގިއްޖެއްޔާ ޔަރަސް އިންތިހާއަށް ރުޅިގަދަ ވާނެ އެވެ. އަންނަ ގަދަ ރުޅީގައި އެމީހުން މަރައިލުން ނުވަތަ ބިންގަރާހުގެ ދަގަނޑު ކޮށިތަކުގައި ބަންދުކުރުން ފަދަ ކަމެއް ކޮށްލަންވެސް ޔަރަސް ފަސް ނުޖެހޭނެކަން ބިޝާރާއަށް އެނގެއެވެ. އޭރުން އެމީހުންނަށް އެ ލިބޭ ހުރިހައި ވޭނެއްގެ ޒިންމާ އުފުލަން ޖެހޭނީ ޚުދު ބިޝާރާ އެވެ. ބަދިގެ ތެރޭގައި އުޅޭ ބިޝާރާ ދަންނަ މީހުންނާވެސް ބައްދަލުކޮށްލައި އެމީހުންދެކެ އަދިވެސް ބިޝާރާ ލޯބިވާކަން ބުނެލަން ބަދިގެއަށް ވަދެލުމަށްވެސް ބިޝާރާގެ ހިތަށް އެވަގުތު އެރިއެވެ.

ބަގީޗާ ތެރޭގައި ބިޝާރާ އާއި މަޔޫރިކާ ހިނގަމުންދިޔައީ އެކަކު އަނެކަކުގެ ދިރިއުޅުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. ކުޑައިރުގެ ވާހަކަތަކާއި ޒުވާން ދުވަސްވަރުގެ ވާހަކަތަކެެވެ. އެހާއިރު ވާންދެން ބަގީޗާ ތެރޭގައި ހިނގިއިރު އެހެން އެއްވެސް ވޭމްޕަޔަރަކާއި ދިމާނުވުމުން މަޔޫރިކާ ހުރީ ވަރަށް އުފަލުންނެވެ. އެހެންކަމުން މިހާރު މަޔޫރިކާ އަށް ހުރެވުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ވާހަކަ ދައްކަމުން ހިނގަމުން ހިނގަމުންގޮސް ކިއްލާ އާއި ދިމާއަށް ދިއުމަށް އޮންނަ ހަނިމަގަށް އެމީހުން އެޅިއެވެ. ކުއްލިއަކަށް އެވަގުތު މަޔޫރިކާ އަށް ހަޅޭއްލަވައިގަނެވުނެވެ. ބިޝާރާ ގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ. ބިޝާރާގެ ގައިގައި ހިފަހައްޓާލެވުނު ލެތް ބާރުކަމުން އަތުގެ ނިޔަފަތިތައް ބިޝާރާ ގެ އަތުގެ ހަންހަނޑު ތެރެއަށް ވަދެގެން ދިޔައެވެ. އޮޅުލައިގަތުމާއިއެކު އޭނާގެ މޫނު ބިޝާރާ ގެ ކޮނޑުގައި ފޮރުވާލި އެވެ.

ލިބުނު ސިހުމާއިއެކު ބިޝާރާއަށް ބަލައިލެވުނު ގޮތަކުން މަޔޫރިކާއަށް ކުއްލިއަކަށް ލިބުނު ބިރުވެރިކަން އައި ސަބަބު އެނގިއްޖެ އެވެ. އެމީހުންގެ ކުރިމަތީގައި ވިއްސަކަށް ފޫޓް ދުރުގައި އޭނާ ހުއްޓިލައިގެން ހުރިތަން ފެނުމުން ބިރުންގޮސް ބިޝާރާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

އެމީހުންގެ ކުރިމަތީގައި ހުރީ ޔަރަސް އެވެ. މަޔޫރިކާ އާއި އެކުގައި ބިޝާރާ ހުރިތަން ފެނުމުން ޔަރަސް ރުޅިއައިސްގެން ފުފެން ފެށިއެވެ.

“ތީ ކޮން ކަންތައްގަނޑެއް؟!!” ޔަރަސް ހަޅޭއްލަވައިގަތް ލެތް ބާރުކަމުން ބިޝާރާ ގެ ބަނޑުގައި އޮތް ދަރިފުޅުވެސް ފުންމައިގެން ދިޔަކަން ބިޝާރާ އަށް އިހްސާސް ކުރެވުނެވެ. “ކަލޭ ތި ކުރާ ކަމެއް ހަމަ މީހާރުން މިހާރަށް މަށަށް ކިޔައިދީ!” އަމުރުވެރި ރާގަކަށް އަނެއްކާވެސް ޔަރަސް ހަޅޭއްލަވައިގަތެވެ.

“ޔަރަސް، ޕްލީޒް.” ބިރުގެންފައިވާ މަޔުރިކާގެ ގައިގައި ރަނގަޅަށް ބައްދާލަމުން ޔަރަސް އާއި ބިޝާރާ ވާހަކަދައްކަން ފެށިއެވެ. “މަޔޫރިކާ މަށާއެކު އެއައީ އަހަރެން އާދޭސް ކުރުމުން. ޕްލީޒް އޭނަ ދެކެ ރުޅި ނާންނާތި!”

ޔަރަސް އައިސްފައިވާ ސިނގުރުޅި ގަނޑަށް ކުޑަނަމަވެސް ފިނިކަމެއް ނާދެއެވެ. މަޔޫރިކާ އާއި ދިމާއަށް އޭނާގެ އިނގިލިއްކޮށްގެން ހުރީ ރުޅިވެރިކަމާއި އެކުގައެވެ. މަޔޫރިކާ ގެ މޫނުގައި ބިޝާރާ ހިފަހައްޓާލި އެވެ. ޔަރަސް ގެ ގަދަފަދަ އަޑު ޖެހުމުން އެފަކީރު ހުރީ ބިރުން ވިރިވިރި އެވެ.

“އަހަރެން ރުޅިއައިސްފަ މިހުރީ އޭނަ ދެކެއެއް ނޫން، ބިޝާ. އަހަރެން މިހުރީ ކަލޭ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފަ!”

ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ޔަރަސް ގެ އެ ބަސްތަކުން އޭނާގެ ހިތުގައި ޖެހުނެވެ. “ޔަރަސް، މަޔޫރިކާ އަކީ ރަނގަޅު – “

“އަނގަ މަޑުންލައިގެން ހުރޭ!” ބިޝާރާ ގެ ވާހަކަ މެދުކަނޑައިލަމުން ޔަރަސް ހަޅޭއްލަވައިގަތެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފަ އެވެ. ބިޝާރާ އާއި ދިމާއަށް ދިއްކޮށްފައިވާ ޔަރަސް ގެ އިނގިލިތަކުގެ ކުރިން އަލިފާން ނިކުންނަން ފެށިއެވެ. ހީވަނީ އިނގިލިތަކުގެ ކޮޅުގައި ގޭސްލައިޓަރުތަކެއް ހަރުކޮށްފައި ހުރިހެންނެވެ.

“ހަމަ މިހާރުން މިހާރަށް ތިހިރަ އަޅު ކުއްޖާ މިތަނުން ފޮނުވާލާ! އަހަރެން ބޭނުންވަނީ ކަލެޔާ އެކަނި ވާހަކަ ދައްކަން.” މަޔޫރިކާ ބާރަށް ދުއްވައިގަތެވެ. ފަސް އެނބުރި އެއްފަހަރު ނަމަވެސް ބަލައިވެސް ނުލައެވެ. ތަންކޮޅަކަށް ގޮސްފައި އޭނާ ހުއްޓުނުނެވެ. ބިޝާރާ މެން ތިބި ތިމާއަށް އެނބުރުނެވެ.

“ސާހިބާ-” އޭނާގެ އަޑުގައި ވަނީ އާދޭހުގެ އިލްތިޖާ އެވެ. ކިރިޔަކިރިޔާ އަޑުއިވޭހާ މަޑުމަޑުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“ކަލޭ މިތަނުން ރައްކާވެގެން ދޭ. މަގޭ އަނބިމީހާ އާއި ވައިވެސް ނޭޅޭ ހިސާބު ދުރަށް ދޭ!” ޔަރަސް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މަޔޫރިކާ އަނެއްކާވެސް ދުއްވައިގަތެވެ. އެވަގުތު ޔަރަސް ގެ އަތަށް ގެނައި ކުއްލި ހަރަކާތަކާއި އެކު މަޔޫރިކާ އާއި ދިމާއަށް އޭނާގެ އަތުން އަލިފާން ފޮނުވަން ފެށިއެވެ. މަޔޫރިކާ ގެ ނަސީބު ރަނގަޅުކަމުން އަލިފާންގަނޑު އޭނާގެ ގަޔަކާއި ލައްވައެއް ނުލިއެވެ. އޭނާގެ ބޯމަތިން އަލިފާންގަނޑު ދިއުމުން ކުރިއަށްވުރެވެސް ބާރަށް ހަޅޭއްލަވައިގަންނަމުން ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ކިއްލާ އާއި ދިމާއަށް ދުވަން ފެށިއެވެ.

“ކަލެއަށް ފިލެންޏާ ފިލާ.” މަޔުރިކާ އާއި ދިމާއަށް ޔަރަސް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “އެކަމަކު އަހަރެން ކަލޭ އޮތްތަނަކުން ހޯދައިގެން ކަލެއަށް ހައްގުވާ އަދަބު ދޭނަން!”

“ނޫން!” ޔަރަސް އާއި ދިމާއަށް ބިޝާރާ ދުއްވައިގަތެވެ. ގަބޫލުކުރަން ކިތައްމެ ދައްޗަސް މިފަހަރު ޔަރަސް ގެ އަލިފާނުގެ ހަމަލާ ދޫކޮށްލީ ބިޝާރާ އާއި ދިމާއަށެވެ. ގަދަފަދަ އަލިފާންގަނޑު އޭނާއާއި ނުހަނުކައިރިން އަޑުކިޔާލާފައި ދިޔައެވެ. އެވަގުތު އަލިފާނާއި އެކު އައި ހޫނު ވަޔާއިއެކު ބިޝާރާ ގެ އިސްތަށިގަނޑު އެކި ފަރާތްފަރާތަށް ވިހުރުވިގެން ދިޔައެވެ. މޫނުމައްޗަށް އިސްތަށިތައް އެޅުމާއިއެކު ކުޑަހިނދުކޮޅަކަށް ނަމަވެސް އެއްވެސް ތަނެއް ނުފެނިދިޔަ ވަގުތު އޭނާ ބިންމައްޗަށް ވެއްޓިގަތެވެ. ޔަރަސް އަށް ކެނޑިނޭޅި އާދޭސްކޮށް ރޮމުން ގެންދިޔައެވެ.

ބިޝާރާ ގެ ކައިރިއަށް ޔަރަސް ގޮސް ހުއްޓުމާއި އެކު ބިޝާރާ ތެދުވެ އިށީންދެއްޖެ އެވެ. އޭރުވެސް އޭނާ ގެންދިޔައީ އަޑުން އަޑުނަގައި ރޮމުންނެވެ. ޔަރަސް އާއި ދިމާއަށް ބަލައިލަން ނުކެރި އިސްދަށަށް ޖަހައިގެން އިނދެއެވެ. “ޕްލީޒް ޔަރަސް، އަހަންނަސް މާފް ކުރޭ!”

ޔަރަސް ކަކޫމައްޗަށް އިށީންދެ ބިޝާރާ އާއި ދިމާއަށް ގުދުވެލި އެވެ. އޭރު އޭނާގެ އަޑު ތަންކޮޅެއް މަޑު ނަމަވެސް އެ އަޑުގައި ހުރި ރުޅިވެރިކަން އެއްމެ ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ.

“ކަލޭ ކީއްވެތަ އަހަރެންގެ ނޯކަރުންނާ ޖެހުނީމަ އަހަރެންގެ އަމުރަށް ނުކިޔަމަންތެރިވަނީ؟”

“އަހަރެން – އެކަމަކު – އަހަންނަށް މާފްކުރޭ ޔަރަސް، ޕްލީޒް އަންޑަސްޓޭންޓް ވެބަލަ.” މިހެން ބުނުމާއިއެކު ބިޝާރާ ކުރުގެޅިލިއެވެ. ބާރަށް ދެއަތުން އޭނާގެ ބަނޑުގައި ހިފަހައްޓަމުން ފުންކޮށް ނޭވާލާން ފެށި އެވެ.

“ކިހިނެތްވީ؟” ޔަރަސް ގެ ރުޅިގަނޑު ހަމްދަރުދީ އަށް ބަދަލުވެއްޖެ އެވެ.

“ދަރިފުޅު…. މަށަށް ހީވަނީ ވަގުތު ޖެހުނީހެން.”

“އޯހް، ޝިޓް، އައިއޭމް ސޮރީ.”

“ބިޝް. އޯހް ގޯޑް، އަހަންނަށް މިވަނީ ކިހިނެތްތަ؟ އަހަރެންގެ މަންމަ ކައިރިއަށް އަވަހަށް ދެވޭތޯ ބަލަން ހިނގާ!” މާބުރަކަމެއް ނެތި ވަރަށް ފަސޭހަކަމާއެކު ބިޝާރާ އުފުލާލަމުން ބާރު ވައިރޯޅިއެއް ފަދައިން ކިއްލާ އާއި ދިމާއަށް ޔަރަސް ދުއްވައިގަތެވެ.”

ނުނިމޭ

އެއްހާސް އަހަރު – 49

“އަހަރެން – އެކަމަކު – އަހަންނަށް މާފްކުރޭ ޔަރަސް، ޕްލީޒް އަންޑަސްޓޭންޓް ވެބަލަ.” މިހެން ބުނުމާއިއެކު ބިޝާރާ ކުރުގެޅިލިއެވެ. ބާރަށް ދެއަތުން އޭނާގެ ބަނޑުގައި ހިފަހައްޓަމުން ފުންކޮށް ނޭވާލާން ފެށި އެވެ.

“ކިހިނެތްވީ؟” ޔަރަސް ގެ ރުޅިގަނޑު ހަމްދަރުދީ އަށް ބަދަލުވެއްޖެ އެވެ.

“ދަރިފުޅު…. މަށަށް ހީވަނީ ވަގުތު ޖެހުނީހެން.”

“އޯހް، ޝިޓް، އައިއޭމް ސޮރީ.”

“ބިޝް. އޯހް ގޯޑް، އަހަންނަށް މިވަނީ ކިހިނެތްތަ؟ އަހަރެންގެ މަންމަ ކައިރިއަށް އަވަހަށް ދެވޭތޯ ބަލަން ހިނގާ!” މާބުރަކަމެއް ނެތި ވަރަށް ފަސޭހަކަމާއެކު ބިޝާރާ އުފުލާލަމުން ބާރު ވައިރޯޅިއެއް ފަދައިން ކިއްލާ އާއި ދިމާއަށް ޔަރަސް ދުއްވައިގަތެވެ.”

ބިޝާރާ ހަޅޭއްލަވަމުން ރޮނީ އެވެ. ބިޝާރާ ގެ ކައިރީގައި ހުރި ޑޮކްޓަރަކީ ވިއްސުމަށް ތަޖުރިބާކާރު ޑޮކްޓެކެވެ. ނަމަވެސް އެއީ އިންސާނުން ވިއްސުމަށެވެ. ބިޝާރާ ގެ ރަހިމުން ނިކުންނަން މަސައްކަތް ކުރަމުން ދަނީ ވޭމްޕަޔަރެކެވެ. ޑޮކްޓަރެއް ނަމަވެސް މިފަދަ ކަމެއް ވެދާނެކަން މީގެ ކުރިން ޚުދު އޭނާއަށްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ޔަރަސް އާއި ބިޝާރާ ކައިވެނި ކުރިފަހުން އެތަކެއް އާދަޔާޚިލާފް ކަންތައް ތަކެއް ހިނގަމުން އަންނަކަން ޑޮކްޓަރަށް ވެސް ވަނީ އެނގިފައެވެ.

ޔަރަސް ހުރީ ބިޝާރާ ގެ އަތުގައި ހިފަހައްޓައިގެންވެ. ބިޝާރާގެ އިނގިިލިތަކުން ޔަރަސް ގެ އަތުގައި ވަނީ ބާރަށް ހިފަހައްޓާލާފައެވެ. ބިޝާރާ ބާއްވާފައިވާ އޮތް އެނދުގެ އަނެއްފަރާތުގައި ޔަރަސް ގެ މަންމަ ޔާސްމީން ހުއްޓެވެ. ބިޝާރާ ފުންކޮށް ނޭވާލުމަށް ތަކުރާރުކޮށް ހަނދާންކޮށްދެމުން އޭނާ ގެންދިޔައެވެ. މާނޭވާ ލަމުން ބިޝާރާ ހަޅޭއްލަވަމުންދިޔައިރު އޭނާގެ އަނގައިން ކުޅުވެސް ބުރަމުން ދިޔައެވެ. ކިތަންމެ މަޑުމައިތިރި މިޒާޖެއްގެ މީހެއް ނަމަވެސް މިއަދު ބިޝާރާ ގެ އަނގައިން އަވަގުރާނަ ގޮވަމުން ހަޅޭއްލަވަމުން ދާތަން ޔަރަސް ބަލަން ހުރީ ހާސްކަމެއްެ ތެރޭގައެވެ. އިރުއިރުކޮޅުން ބިޝާރާ އަށް ހޮޑުވެސް ލެވެއެވެ. ބިޝާރާ އަށް ހޮޑުލެވޭ ކޮންމެ ފަހަރަކު މަޔޫރިކާ އާއި ދިމާއަށް ޔަރަސް ހަޅޭއްލަވައިގަނެ އެވެ. މަޔޫރިކާ އަށް ބިރުދައްކައިގެން ހޮޑުތައް ސާފުކުރުވުމަށެވެ. ބަގީޗާ ތެރެއިން މަޔޫރިކާ އަށް ޔަރަސް އިންޒާރުދިން ނަމަވެސް ބިޝާރާ ވިހެއުމަށް ތައްޔާރުވީ ވަގުތުން ފެށިގެން މަޔޫރިކާ އެ ހުންނަނީ ބިޝާރާ ގެ ކައިރީގައެވެ. ބިޝާރާ އަށް ޚިދުމަތް ކޮށްދިނުމަށެވެ. މަޔޫރިކާ އުއްމީދު ކުރަމުން ދަނީ ޔަރަސް އަށް ދަރިއަކު ލިބުމުން އެކަމުގެ އުފަލުގައި ނަމަވެސް މަޔޫރިކާ އަށް ޔަރަސް މާފްކުރާނެ ކަމަށެވެ.

ބިޝާރާ ގެ ބަނޑަށް އަރަމުންދާ ކޮންމެ ވޭންވަރަކާއި އެކުގައި އޭނާގެ ހަޅޭކުގެ އަޑު ގަދަވެގެން ދެއެވެ. ހީވާކަހަލަ އެވެ. ބިޝާރާ ގެ ރަހިމު ތެރޭގައި ވަކިއަޅުވާލައިގެން ނުނިކުތުމަށް ކޮންމެވެސް މަޚްލޫގެއް އޮތީ އެވެ. ބިޝާރާ ގެ ހަށިގަނޑުގައި ވޭން ނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ. ގައިގެ ކަށިތައްވެސް ހީވަނީ މުގުރެމުން އަންނަހެންނެވެ. މަސްތައް އިރެމުން، ވީދެމުން ދާހެންނެވެ.

“ކިހާބޮޑު ބަލާޔެއް! ތި އެއްޗެއް އަދިވެސް މަގޭ ހަށިގަނޑުން ނިކުންނާކަށް ނޫޅެންތަ!؟؟” އެއްވެސް އިޚްތިޔާރަކާއި ނުލައި މިފަހަރު ބިޝާރާ ގެ އަނގައިން ބޭރުވީ ޚުދު އޭނާ ގެ ހިތަށްވެސް ނާރާ ބަސްތަކެކެވެ. ބިޝާރާ ގެ އެ ބަސްތައް އަޑުއިވިފައި ޔަރަސް ގެ ލޭ ކެކިގެން ދިޔައެވެ. އެހެންނަމަވެސް އަމިއްލަ ނަފުސު ހަމަޖެއްސުން ނޫންގޮތެއް ޔަރަސް އަށް ނެތްކަން އެނގޭތީ ހަމަޖެހިލި އެވެ.

“ތި އެއްޗެއް ދަމާ ނެރެބަ! ހާދަ ތަދެކޭ މިވަނީ!!” އަނެއްކާވެސް ބިޝާރާ އަށް ހަޅޭއްލަވައިގަނެވުނެވެ.

ބިޝާރާގެ ނިތްކުރިމަތީގައި ހުރި ދާތިކިތައް ޔަރަސް ގެ އަތުން ފޮހެލި އެވެ.

“ވަރަށް އަވަހަށް ނިމިދާނޭ ބިޝް. ޑޮކްޓަރު ބުނާގޮތް ހަދައިގެން ކެތްކޮށްލާ. ޑޮކްޓަރު ބުނާނެ ޕުޝް ކޮށްލަން ވީމަ އޯކޭ.” ޔަރަސް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

“ކަލެއަށްތަ އެނގެނީ! މީ ކަލޭގެ ކަންތަކޭ!! އަހަރެން ހަމަ މިހާރު މިވަގުތުވެސް ބޭނުންވަނީ އެއެއްޗެއް ބޭރުކޮށްލަން!!” އެއްވެސް ޖެހިލުންވުމެއް ނެތި ޔަރަސް އާއި ދިމާއަށް ބިޝާރާ ހިތުހުރި އެއްޗެއް ގޮވައިގަތެވެ.

“ބޭނުންވިޔަސް ވަގުތު ނުޖެހެން ދެން ނުވާނެ!” މިފަހަރު ވާހަކަދެއްކީ ޑޮކްޓަރެވެ. ޑޮކްޓަރު މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހޭގޮތް ދެއްކުމަށެވެ. ނަމަވެސް އޭނާ ހުރީ ހާސްވެ، ބިރުގެންފަ އެވެ. އިންސާނެއްގެ ބަނޑުން ވޭމްޕަޔަރެއް ވިއްސުމަކީ އެ ޑޮކްޓަރު މީގެ ކުރިން ކުރިކަމެއް ނޫނެވެ. ވޭމްޕަޔަރުންނަކީ ބާރުގަދަ މަޚްލޫޤަކަށް ވާއިރު، ބިޝާރާ އެއްކޮށް ނޮޅައިލާފާނެ ކަމުގެ ބިރު ޑޮކްޓަރުގެ ހިތުތެރޭގައި ހިނގަމުން ދެއެވެ. މިހާރުވެސް ބިޝާރާ އަށް ވާވަރު ފެނިފައި ބިރުނުގަންނާނެ މީހަކު ނުހުންނާނެ އެވެ.

“ކޮންމެވެސް ކަމެއް ކޮށްބަލަ!!” ޑޮކްޓަރާއި ދިމާއަށް ޔަރަސް ފިލިގަތެވެ. “ކަލޭތީ ކަމެއް ނުކޮށް މިތާ ހުންނަ ގެނައި މީހެއްތަ؟ މަގޭ ބިޝް އެއުޅެނީ މަރުވެޔޭ!

“އަޅު…އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް. ބޭނުންވާ ވަރަށް މެޑަމް އަށް ޑައިލޭޓް ނުވެވެނީ. ޕްލީޒް ކެތްތެރިވެލައްވާ.” ބިރުން ހުރެ ނަމަވެސް ޑޮކްޓަރު ހާމަކުރީ ޙަޤީގަތެވެ.

“ތިހެން ކަލޭ ބުންޏަސް އަހަރެން ކިހިނެތްތަ މަޑުން ހުންނާނީ! މަގޭ ވައިފް ކިހާ ހާލެއްގަ ތެޅިފޮޅެމުން އެދަނީ؟!!”

“ޔަރަސް، ޕްލީޒް ހަމަޖެހިބަލަ.” ޔަރަސް ރުޅިގަދަވާން ފެށުމުން މިފަހަރު ވާހަކަދެއްކީ ބިޝާރާ އެވެ.”ކުދިން ވިހެއުމަކީ ޕާކެއްގަ ހިނގާލުންހާ ފަސޭހަ ކަމެއް ނޫނޭ.” ވަރަށް މަސައްކަތުން މިހެން ބުނުމާއި އެކު ބިޝާރާ ހެއިނެތިއްޖެ އެވެ. މޫނު އެއްކޮށް ދުޅަވެ، ނޭވާ ހިނގުން އަވަސް ވެއްޖެ އެވެ. ޔަރަސް ގެ ކަންބޮޑުވުން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. އެއްފަހަރު އޭނާގެ މަންމަ އަށް، އަނެއްފަހަރު ބިޝާރާ އަށް ބަލަބަލައި ހުރެވުނީ ހަދާނެ އެހެން ގޮތެއް ނެތީމަ އެވެ. އެ ކޮޓަރިން ބޭރުގައި ޔަރަސް ގެ ބައްޕަވެސް ކޮޅުކޮޅަށް ހިނގަހިނގައި ހުއްޓެވެ. ބިޝާރާ އެންމެ ފަހުން ލީ ހޮޑުތައް ސާފުކުރުމަށްފަހު ކޮޓަރީގެ ބިތެއްގައި ލެނގިލައިގެން ހުރީ އޭނާގެ ބޭނުން ހަމަ ކޮންމެ ވަގުތެއްގައިވެސް ޖެހިދާނެކަމަށް ތައްޔާރުވެގެން ނެވެ.

ހޭއެރިފަހުން ބިޝާރާ ގެ ބަނޑަށް އަރަމުންދިޔަ ގަދަފަދަ ވޭންވަރު އެތައް އިރަކަށް ދެމިގެން ހިނގައްޖެ އެވެ. އެތައް ގަޑިއިރެއް ފަހެވެ. އެންމެ ފަހުން  ވަގުތު އައިސް ޖެހިއްޖެ އެވެ. ފުން ނޭވާއެއް އެތެރެއަށް ލުމަށްފަހު ބޭރަށް ފިލިގަންނަން ޖެހޭ ވަގުތެވެ.

“އެތެރެއަށް ނޭވައެއް ލަމުން މަޑުމަޑުން ޕުޝް ކޮށްލާ. މަޑުމަޑުން ޕުޝް، ޕުސް އިނގޭ.” ވިހެއުމަށް ފިލެން ޖެހޭގޮތް ޑޮކްޓަރު ބުނެދެމުންދިޔައިރު ޑޮކްޓަރު އެ ބުނާގޮތް ހެދޭތޯ ބިޝާރާ މަސައްކަތް ކުރަމުންދިޔައެވެ. އެކަމަކު އިރުކޮޅެއް ފަހުން ބިޝާރާ ބާރަށް ހަޅޭއްލަވައިގަތެވެ.

“ތިބުނާ ކޮންޓްރެކްޝަން އަކާއި އެކީގަ މަށަކަށް ޕުޝް އެއް ނުކުރެވޭ!! ހާދަ ތަދެކޭ މިވަނީ! ހީވަނީ މަގޭ ކަށިތައް ކުދިކުދިވަމުންދާހެންނޭ ޑޮކްޓަރ.”

“ޑޮކްޓަރު ބުނާގޮތް ހަދަން ޖެހޭނޭ ބިޝް.” ބިޝާރާ އާއި ދިމާއަށް ގުދުވަމުން، ދަލުން ތެމިފައިވަ ބިޝާރާގެ ނިތްކުރީގައި ޔަރަސް ގެ ތުންފަތް ޖައްސައިލި އެވެ. އެވަގުތު ޔަރަސް ވަރަށް ދެރަވިއެވެ. އޭނާގެ ސަބަބުން ބިޝާރާ އަށް ލިބެމުންދާ ވޭން އިހްސާސް ކުރެވުނީމައެވެ. ކުއްލިއަކަށް ރުޅިއައިސް ރަތްވެފައިހުރެ ޔަރަސް އެނބުރުނީ ޑޮކްޓަރާއި ދިމާއަށެވެ.

“ކީއްވެތަ އޭތި އެތާ ތެރޭގައި މާބޮޑަށް ގަދަކޮށްލައިގެން އެ އުޅެނީ؟ އެވަރަށް ގަދަ ދައްކާއިރު ކިހިނެތް އޭތި ނެރޭނީ؟” މިފަހަރު ޔަރަސް ގެ ބަސްމަގު ހުރީ އިންސާނެއްގެ ބަސްމަގުވެސް ހުންނާނެ ގޮތަށެވެ. ބިޝާރާގެ ބަނޑުތެރޭގައި އޮތް ޔަރަސް ގެ ދަރިފުޅަށް ނިސްބަތް އެކުރީވެސް ‘އޭތި’ ގެ ނަމުންނެވެ.

ލިބުނު ހައިރާން ކަމާއެކު ޑޮކްޓަރު ޖަވާބު ދިނީ ކުރުކޮށެވެ. “އަޅުގަނޑަކަށް ނޭނގޭ.”

“ކީކޭ؟ ކަލެޔަކަށް ނޭނގޭ!!؟؟”

ޔަރަސް ގެ ރުޅި އިންތިހާއަށް ދިޔައީ ޑޮކްޓަރުގެ ކުރު ޖަވާބު އަޑުއިވުމުންނެވެ. ޔަރަސް ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފައިވާކަން އެނގުމުން ޑޮކްޓަރު ހުރީ ބިރުން ވިރިވިރި އެވެ. ކިރިޔާވެސް ކަމެއް ގޯސް ވެއްޖެއްޔާ އޭނާގެ ދުވަސް ދާނެކަން އެނގޭތީ އެވެ.

“އަޅު- އަޅުގަނޑު – އަޅުގަނޑު ނުވިއްސަން – ވޭމްޕަޔަރެއް – މީގެކުރިއަކުން. މިފެންނަ ކަންތައްތަކަކީ އާއްމުކޮށް ހިނގާ ކަމެއް ނޫން. ވޭމްޕަޔަރުންނަކީ އުފައްދަން ޖެހޭ އެއްޗެއް، އުފަންވާ އެއްޗެއް ނޫން.”

“ކަލޭ މޮޔަވީތަ؟ ބަލަ ކަލެޔަށް ނުފެންނަނީތަ އިންސާނެއްގެ ބަނޑުން ވޭމްޕަޔަރެއް އުފަންވާން އުޅޭތަން. ޚަބަރުދާރު! ނަމަނަމަ މަގޭ އަންހެނުންނާ ދަރިފުޅަށް ކަމެއްވިޔަ ނުދޭތި!!:

ބިރުން ފުކަކަށް ވެފައިހުރެ ޑޮކްޓަރު އެނބުރުނީ ބިޝާރާ އާއި ދިމާއަށެވެ.

“ކޮންޓްރެކްޝަން އާ އެކު ޕުޝް ކޮށްލާ. މަސައްކަތް ކުރޭ. އޭރުން މިކަން އަވަހަށް ނިމޭނީ.” އަނެއްކާވެސް ބިޝާރާ ކަންކުރަންވީގޮތް ޑޮކްޓަރު ކިޔައިދޭންފެށި އެވެ.

އިރުކޮޅެއް ފަހުން ބިޝާރާ ގެ ބަނޑަށް އައި ގަދަ ވޭންވަރުގައި ޑޮކްޓަރު ބުނިގޮތަށް ބިޝާރާ ފިލެން ފެށިއެވެ. ކިތަންމެ ތަދުވިޔަސް ފަރުވާލެއް ނުބެހެއްޓުމަށް ނިންމަމުންނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ބިޝާރާ އަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ޔަރަސް މަސައްކަތް ކުރަމުން ގެންދިޔައީ ބިޝާރާ ހަމަޖެއްސުމަށެވެ. ބިޝާރާގެ ކަންފަތްދޮށުގައި މަޑުމަޑުން ވާހަކަ ދައްކަމުން ހިތްވަރުގެ ބަސްތައް ބުނަމުންނެވެ. އިސްއުފުލައިލަމުން ޔަރަސް ގެ މޫނަށް ބިޝާރާ ބަލައިލި އެވެ. އެވަގުތު އައި ތޫނު ތަދާއިއެކުވެސް ގަދަކަމުން ހިނިތުންވަމުންނެވެ.

“ޔަރަސް؟” ޔަރަސް ގެ ކަންބޮޑުވުން ފެނިފައި ބިޝާރާ ވެސް އިތުރަށް ކަންބޮޑުވި އެވެ. “ޔަރަސް، ކިހިނެތްވީ؟”

“ކަމެއް ނުވޭ.” އޯގާތެރިކަމާއިއެކު ބިޝާރަ ގެ މޫނަށް ބަލައިލަމުން ޔަރަސް ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފޮރުވަމުންނެވެ.

އޭރުވެސް ފަހަރެއް ފަހަރަކަށް ވުރެން ގަދަ ވޭންވަރެއް އަޅަމުންދިޔައެވެ. ކޮންމެ ވޭންވަރަކާއި އެކު ޑޮކްޓަރު ބުނިގޮތަށް ފިލެމުން، ބާރުލަމުން ދިޔައެވެ. ކުއްލިއަކަށް ބިޝާރާ ގެ ރަހިމުގެ ދޮރަށް މާގަދަފަދަ ޕްރެޝަރެއް އިހްސާސް ކުރެވިއްޖެ އެވެ. ހަމަ އެވަގުތު ކުޑަކުޑަ ބޮލެއް ބޭރުވާން ފަށައިފި އެވެ. ހިތްވަރުކޮށްފައި ކުރިއަށްވުރެން ބާރަށް ފިލެން ފެށިއެވެ. އެވަގުތު ތުއްތު ކުއްޖާގެ ހަށިގަނޑުވެސް ބޭރަށް ނިކުމެއްޖެ އެވެ. އެކުއްޖާ ވެއްޓުނީ ހުޝިޔާރުވެ ހުރި ޑޮކްޓަރުގެ ދެއަތްތިލަ ތެރެއަށެވެ.

“އަސްތާ، މިއީ…..” ލެއިން ކަޅިވެފައި އޮތް އެ ތުއްތު ކުއްޖާ އަށް ބަލައިލަމުން ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ.

ނުނިމޭ

އެއްހާސް އަހަރު – 50

“އަސްތާ، މިއީ…..”

ލެއިން ކަޅިވެފައި އޮތް އެ ތުއްތު ކުއްޖާ އަށް ބަލައިލަމުން ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ކުއްޖާ ގެ ބޯ ވަރަށް ކުއްލި ހަރަކާތަކާއިއެކު ޑޮކްޓަރާއި ދިމާއަށް އަނބުރާލިއެވެ. އަނގައިން ވައި އަޑެއް ލައްވައިލަމުން، އަނގައިގައި ފަޅާފައިހުރި ތޫނު ފޭރާދަތް ދައްކައިލި އެވެ.

“ޔާރައްބީ!” ތެޅިގަންނަމުން ޑޮކްޓަރަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި އޮތް ތުއްތު ކުއްޖާ ޔަރަސް ގެ އަތަށް އެއްލުނީވެސް ބޭއިޚްތިޔާރުގަ އެވެ.

ޔަރަސް ގެ އަތުގައި ދަރިފުޅު ޖެހުމާއިއެކު ދަރިފުޅުގެ ގައިގައި ދޫލަމުން، ހޭކިފައިވަ ލޭތައް ސާފުކުރަން ފެށިއެވެ.

“ތިހެންތަ ސާފުކުރަނީ؟” ބިރުން ވިރިވިރި ހުރި ޑޮކްޓަރަށް އަހައިލެވުނެވެ. ނަމަވެސް ޔަރަސް އަށް އަޑު ނުވެސް އިވޭކަހަލަ އެވެ. ޔަރަސް އަށް ހަމައެކަނި އިވެމުންދިޔައީ ތުއްތު ކުއްޖާގެ އަނގައިން ނިކުންނަމުންދިޔަ ވައި އަޑެވެ. ހަރުފައެއްގެ އަނގައިން ނުކުންނަފަދަ އަޑެކެވެ. ޔަރަސް އުއްމީދުކުރިގޮތަށް ދަރިފުޅުވީ ވޭމްޕަޔަރަކަށެވެ. އަސްލު ހަޤީޤީ ވޭމްޕަޔަރަކަށެވެ. އިންސާނުން އުފަންވާ ވަގުތު ރުޔަސް، ވޭމްޕަޔަރުން އުފަންވާ ވަގުތު ނުރޯނެއެވެ. ހަމައެކަނި އަނގައިން ލައްވާނީ އެފަދަ ވައިއަޑެކެވެ.

“ބިޝް، ނިކަން ބަލާބަލަ ލޯބިކަން. މިއޮތީ އަހަރުމެންގެ ފުށްގަނޑޭ!” ޔަރަސް މިހެން ބުނީ ޅަވެލަމުން ނެވެ. ހީވާކަހަލަ އެވެ. ޔަރަސް ވެސް ބޭބީ އަކަށް ބަދަލުވީ އެވެ. ނަމަވެސް ޔަރަސް ގެ ދެމިޔަކުން ވިހަ އަދި ފަޚުރުވެރިކަމުގެ ހިނިތުންވުމެއްވެސް ފެންނަމުން ދިޔައެވެ. އުފަލާއި ފަޚްރުވެރިކަމާއި އެކުގައި ޔަރަސް ގެ ޖަޒުބާތުތައް ކެކި އަރަނީ އެވެ. އެހެން އެކަން ނުވާންވީ ވެސް ވަކިން ކީއްވެގެން ހެއްޔެވެ؟ ޔަރަސް އަށް ޖެހިފައިފާ ދިގު އެއްހާސް އަހަރުގެ ސުންޕާ އެސްފީނާގެ ބަލާވެރިކަމުން މިންޖުވުމުގެ ތަޅުދަނޑިއަކީ ޔަރަސް އަށް ލިބުނު ބޭބީ އެވެ.

ވަރަށް ލޯބިން، މަޑުމަޑުން ބިޝާރާ ގެ އުނގުގައި ބޭބީ ބޭއްވި އެވެ. ހަމަ އެވަގުތު ބޭބީ ވޭމްޕަޔާ ގެ އަނގައިން ލައްވަމުންދިޔަ ވައި އަޑު މެދުކެނޑިއްޖެއެވެ. ކުޑަކުޑަ ބޭބީ އެއްކޮށް މައިތިރި ވެއްޖެ އެވެ. މައިވަންތަކަމުން ފުރިފައިވާ މޫނަށް ބޭބީ ބަލައިލީ މަންމަކަން އެނގޭތީ އެވެ. ބޭބީ ގެ ލޮލުން ތޫނު ވިދުވަރެއް ފެންނަން ހުއްޓެވެ. ބިޝާރާ ގެ އުރުގައި އޮވެގެން ބޭބީ މަޑުމަޑުން ކުކުރަންފެށި އެވެ. ވަރަށް ލޯބިން ދަރިފުޅާއި ދިމާއަށް ބިޝާރާ ގުދުވެލަމުން ބަލަންފެށި އެވެ.

“ޔަރަސް، ބޭބީގެ ލޮލަކީ ހަމަ ސީދާ ޔަރަސް ގެ ލޯ. އަޅެ ހާދަ ވައްތަރޭ ދޯ!” އެވަގުތު ބޭބީ އަމިއްލައަށް ބޭބީގެ ގައިގައި ހޭކިފައިވާ ލޭތަކުގައި ދޫ ހާކައި ސާފުކުރަން ފެށިއެވެ.

“ބަލާބަލަ! އަމިއްލައަށް އެ ފެއްޓީ ސާފުކުރަން!” ބިޝާރާ އަށް ހައިރާންކަން ލިބުނަސް ޔަރަސް އަށް އެކަން އެހާ ބޮޑުކަމަކަށް ނުވިއެވެ. ހެވިފައި ތުއްތު ދަރިފުޅަށް ބަލަން ޔަރަސް ހުރީ އެވެ.

ކޮޓަރިތެރޭގައި ތިބި އެންމެން ތިބީ ތަންމިނަށް އަނގަ ހުޅުވިފައެވެ. އެހާ ތުއްތު ކުއްޖެއް އަމިއްލައަށް ކަންތައްތަކެއް ކުރަންފެށުމުންނެވެ. އެވަރުގެ ތުއްތު ކުއްޖެއް ކަނދުރާ ހަރުލައްވާލައިގެން އަމިއްލަ ގައިގައި ހޭކިފައިވާ ލޭތައް އެ ސޮރުގެ ދުލުން ސާފުކުރުން އެއީ އާދައިގެ ކަމެއް ނޫނެވެ.

“ބޭބީ ރަނގަޅަށް ދޮއްވާލަން ޖެހޭނެ.” ކުއްޖާ ނެގުމަށް ޑޮކްޓަރު ކުރިއަށް ޖެހިލި އެވެ. ކުއްޖާ އާއި ކައިރިއަށް ޖެހިލި ވަގުތު އަނގައިން ވައިއަޑު ލައްވައިލި އެވެ. އެވަގުތު ދަތް ނުފަޅާހުރި ހިރުގަނޑު ތެރެއިން ދެ ފޭރާ ދަތް ކުއްލިއަކަށް ނިކުމެއްޖެ އެވެ. ގަތް ބިރާއިއެކު ޑޮކްޓަރަށް ފަހަތަށް ޖެހިލެވުނެވެ.

“މިއީ ހަމަ ޔަރަސް،” ލޮލުން ކަރުނަތިއްކެއް ވައްޓާލަމުން މަޑުމަޑުން ބިޝާރާ އަށް ބުނެލެވުނެވެ.

“އެހެންތަ؟ ތިބުނީ ކިހިނެތް؟” ބިޝާރާ އަށް ބަލައިލަމުން ޔަރަސް އެހިއެވެ. ބިޝާރާ ދަރިފުޅަށް ބަލައިލަމުން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ޔަރަސް ގޮތަށް ބޭބީ ވެސް އިންސާނުންދެކެ ރުޅިއަންނަހެން ހީވާތީ-“

“ބިޝް ފިޔަވައި'” ބިޝާރާ ބުނަންފެށި ޖުމްލަ މެދުކަނޑާލަމުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. “މިސޮރު ބިޝް ދެކެ ރުޅިއެއް ނާންނާނޭ ދޯ ބައްޕި ދޫނީ.”

ކޮޓަރީގެ އެއްކަނެއްގައި ބިޝާރާ ގެ ޚިދުމަތުގައި ހުރި މަޔޫރިކާ ގެ ގަޔަށް ހީރޯޅި އަރައިގެން ދިޔައެވެ. ބިޝާރާ ގެ ބޭބީ އަކީ އިންސާނުންދެކެ ރުޅިއަންނަ ކުއްޖަކަށްވާއިރު، އެކުއްޖާއަށް ރަނގަޅު އާޔާ (ނޭނީ) އަކަށް އޭނާ އަށް ވެވޭނީ ކިހިނެތްހެއްޔެވެ؟ އެ ބޭބީ ގެ ޚިދުމަތުގައި އުޅެނިކޮށް މަޔޫރިކާއަށް ހަމަލާއެއް ނުދޭނެހެއްޔެވެ؟ އެފަދަ ދަނޑިވަޅެއްގައި މަޔޫރިކާގެ އަމިއްލަ ސަލާމަތަށްޓަކައި ކޮށްލެވޭ ކަމަކުން ބިޝާރާ ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ. ޔަރަސް އަންނާނީ ސިނގު ރުޅި އެވެ. އަންނަ ރުޅީގައި މަޔޫރިކާ އަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ.

ފުން ވިސްނުމެއްގައި ހުރި މަޔޫރިކާ އާއި ދިމާއަށް ޔަރަސް އެނބުރުނެވެ. ހީވާކަހަލަ އެވެ. މަޔޫރިކާގެ ސިކުނޑިތެރޭގައި ފުނިޖެހިފައިވާ ވާހަކަތައް ޔަރަސް އަށް އެނގުނީއެވެ.

“ހޫމް… ތިހެން ދުރުގަ ނުހުރެ މިކޮޅަށް އާދެބަލަ!” ޔަރަސް ގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. މަޑުމަޑުން މަޔޫރިކާ ކުރިއަށް ޖެހިލި އެވެ. ޔަރަސް ގެ އުނގުގައި އޮތް ބޭބީ އަށް ބަލައިލި އެވެ. އެ ތުއްތު ކުއްޖާގެ ކުޑަކުޑަ ދެލޮލަށް މަޔޫރިކާ ގެ ސިފަ ވަރަށް ފަސޭހައިން ފޯކަސްވި ކަހަލަ އެވެ. ކަޅި ޖަހައިނުލާ މަޔޫރިކާ އަށް ބަލަން ފެށި އެވެ.

ބިޝާރާ ކަރުކެހިލައި ކަރުތެރެ ސާފުކޮށްލަމުން ޔަރަސް ގެ މޫނަށް ބަލައިލި އެވެ. “ޔަރަސް ކީއްވެތަ އެހާ ހަރުކަށިކޮށް ތިއުޅެނީ؟”

ބިޝާރާ ގެ ސުވާލަށް ޔަރަސް ޖަވާބެއް ނުދެއެވެ. އިރުކޮޅެއް ވާންދެން ބިޝާރާ ގެ މޫނަށް ބަލަން ހުރުމަށްފަހު  ކަރު އެލުވައިލި އެވެ. ބިޝާރާ ގެ އެ ހިތްގައިމު ރީތި ސިފަ، އޭނާގެ ދަރިފުޅުގެ ލޯބިލޯބި މަންމަގެ ނިޔަނެތިކަން ފެނިފައި ޔަރަސް ގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ބޭއިޚްތިޔާރުގައި ބިޝާރާ ގެ މޫނާއި ކައިރިއަށް އޭނާގެ މޫނު ގެންދިޔައީ އެތަނުގައި މަޔޫރިކާ ހުރި ހަނދާންވެސް ނެތުމުންނެވެ. އެވަގުތު ޔަރަސް ގެ މަންމަ ޔާސްމީން ކުރިއަށް ޖެހިލައި ޔަރަސް ގެ އުނގުގައި އޮތް ދަރިފުޅު ނެގިއެވެ.

“މާމަގެ ފުށްގަނޑު ސާފުކޮށްލަން މިއުޅެނީ.” މާމަ ދަރިފުޅުގެ ކުޑަކުޑަ ވަށްވަށް މޫނުގައި ޔާސްމީންގެ ނޭފަތް ޖައްސާލަމުން ބުންޏެވެ.

ޔަރަސް ފިޔަވައި ކޮޓަރި ތެރެއިން އެންމެން ދިއުމުން އެނދުގެ ކޮޅުގައި ލެނގިލަމުން ބިޝާރާ އިށީންނި އެވެ. ބިޝާރާ ނުއިށިންނުމަށް ޔަރަސް ބުނެބުނެ ހުއްޓައެވެ.

“އަހަރެން އެބަޖެހޭދޯ ވަރުގަދަ ވާން. އަހަރެން މަސަލަސްކުރަން ޖެހޭ ކުޑަކުޑަ ވޭމްޕަޔާ ބޭބީއެއް އެބައޮތެއްނު މިހާރު.”

“ބިޝް ރެސްޓް ކޮށްލަންދެން ބޭބީ އޮންނާނޭ އަހަރެންގެ މަންމަ ކައިރީގަ.”

“ކިހިނެތް އަހަރުމެން އެސޮރަށް ކާންދޭނީ؟ މިބުނީ، މިކަހަލަ ބޭބީއެއް އަދި މިވީތަނަށް އުފަންވެފައެއް ނެތެއްނު.”

“ބިޝް ގެ އަގުހުރި ލޭ ބޯންދޭން ޖެހޭނީ.” ވަރަށް އާދައިގެ ގޮތަކަށް ޔަރަސް ބުންޏެވެ. ބިޝާރާ ވެސް އެކަމާ ހައިރާނެއް ނުވެއެވެ.

 “ގާތުން ދޭ ގޮތަށް ބޭބީ އަހަރެންގެ ގައިގަ ދަތް އަޅައިގެން ލޭބޯއިރު ތަދުނުވާނެނަމަ އޭ ހިތަށް މިއަރަނީ. ބޭބީގެ ނުހުންނާނެތަ ވިހަ ވެނަމް އެއް؟”

“ބިޝް.” ބިޝާރާ އާއި ދިމާއަށް ގުދުވެލަމުން ނިތްކުރިއަށް ދޮނެއް ދިނެވެ. “ހުރިހައި ބޭބީންގެ ވެސް ހުންނާނެ އިންސްޓިންކްޓްސް. އެސޮރަށް ވެސް އެސޮރުގެ މަންމަ ވަކިކުރަން އެނގޭނެޔޭ. އެސޮރުގެ ފަރާތުން ބިޝް އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. މީގަ މުހިންމު ކަމަކީ ރަނގަޅުހާ ކާނާއެއް އަހަރެން ބިޝް އަށް ހޯދައިދީގެން ރަނގަޅަށް ކާންދީފަ ބެހެއްޓުން. އޭރުން ބިޝް ގެ ލެޔަކީ އަހަރުމެންގެ ދަރިފުޅަށް އެންމެ އެކަށީގެންވާ ކާނާ ކަމަށް ވާނެ. އަދި ބިޝް އަށްވެސް އެއީ މުހިންމު ކަމެއް. އޭރުންދޯ ބިޝް ގެ ގައިގަ ވަރުޖެހި އަވަހަށް ރަނގަޅު ވާނީވެސް.”

“ކޮން ނަމެއް އަހަރުމެން ބޭބީ އަށް ކިޔާނީ؟” އަނެއްކާވެސް އެނދުން ތެދުވަން މަސައްކަތް ކުރަމުން ބިޝާރާ އެހިއެވެ. ނަމަވެސް ބިޝާރާގެ ކޮނޑުގައި ވަރަށް ލޯބިން ޔަރަސް ހިފަހައްޓާލަމުން އެނދުމަތީގައި ބިޝާރާ ބޭއްވި އެވެ. ބިޝާރާ އާއި ޖެހި ފިތިގެން ޔަރަސް ވެސް އޮށޯތެވެ.

“ޕްލީޒް ޔަރަސް، އަހަރެން ތެދުވިޔަކަސް މަރެއް ނުވާނޭ.”

“އެންމެ ރަނގަޅު. ތެދުވެ އިށީންދެބަލަ.” ޔަރަސް ގެ ހުއްދައާއިއެކު ވަރަށް މަސައްކަތުން ބިޝާރާ ތެދުވެ އިށީންދެއްޖެ އެވެ.

“ކިހިނެތްވާނެ ޖައީޝް؟”

“ޖައީޝް….” މަޑުމަޑުން ބިޝާރާގެ ދުލުގެ ކުރިން އެ ނަން ކިޔައިލި އެވެ. “ސަޅި ނަމެއް.”

ކުއްލިއަކަށް އެމީހުންތިބި ކޮޓަރީގެ ބޭރުން، ހޯލުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވެން ފެށިއެވެ. ތެޅިގެންފައި ބިޝާރާ އެނދުން ފޭބި އެވެ. ޔަރަސް ވެސް އަވަސް އަވަހަށް ތެދުވެއްޖެ އެވެ.

ނުނިމޭ

 

އެއްހާސް އަހަރު – 51

ކުއްލިއަކަށް އެމީހުންތިބި ކޮޓަރީގެ ބޭރުން، ހޯލުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވެން ފެށިއެވެ. ތެޅިގެންފައި ބިޝާރާ އެނދުން ފޭބި އެވެ. ޔަރަސް ވެސް އަވަސް އަވަހަށް ތެދުވެއްޖެ އެވެ. ކޮޓަރީ ދޮރުން ބޭރަސް ނިކުތް އިރު ހޯލްވޭ ތެރެއިން ޑޮކްޓަރު އަންނަތަން ޔަރަސް އަށް ފެނުނެވެ.

“މަގޭ އަތުން މިކުއްޖޭ ނައްޓަދީބަލަ! އަތުގަ ދަތްއެޅިގޮަތަށް ނައްޓައިވެސް ނުލިއޭ!” މާނޭވާލަމުން ޑޮކްޓަރު ހަޅޭއްލަވަނީ އެވެ.

ކުއްލިއަކަށް ޔަރަސް ފެއްޓީ ހޭށެވެ.

“އަހަންނަށް ހީވަނީ ޑޮކްޓަރުގެ ޑިއުޓީ މިހާހިސާބުން ނިމުނީހެން. ދެން އެންމެ ރަނގަޅު ދިޔަޔަސް.” ޑޮކްޓަރުގެ އަތުން ދަރިފުޅު އަތުލަމުން ޔަރަސް ބުންޏެވެ.

* * * * * * *

 

16 އަހަރު ފަސް (14 މާރިޗް 2041)

މިއަދަކީ ދިގު އެއްހާސް އަހަރު ވާންދެން ޔަރަސް ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން އަންނާނެ ދުވަހެވެ. ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާއިން ސަލާމަތްވާނެ ދުވަހެވެ. މީގެ ސޯޅަ އަހަރު ކުރިން ޔަރަސް އާއި ބިޝާރާ އަށް ލިބުނު ވޭމްޕަޔާ ދަރިފުޅު ޖައީޝް ގެ އެހީތެރިކަމާއިއެކުގަ އެވެ. ޖައީޝް ހުރީ އޭނާގެ ބައްޕަ އަށްޓަކައި އެ ބޮޑު ޤުރުބާނީ ވުމަށް ތައްޔާރަށެވެ.

ޑޮކްޓަރުންގެ ޓީމު އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިއްޖެ އެވެ. ޔަރަސް ގެ ބޮޑު ކިއްލާގައި ހުންނަ ބިންގަރާސް ތެރޭގައި އެންމެ ޒަމާނީ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރެއްގައި ހުންނާނެ ހުރިހައި ސާމާނެއް ހުއްޓެވެ. ވޭމްޕަޔަރުންގެ އެންމެ ކުރިއަރާފައިވާ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ބޮޑު ޓީމުން ވޭތިވެދިޔަ ފަސްއަހަރު ވަނީ އެތަކެއް ދިރާސާތަކެއް ކޮށްފަ އެވެ. އެތަކެއް އެކްސްޕެރިމެންޓްތަކެއް ހަދާފައެވެ. ވޭމްޕަޔާ ވާ ބޭނުންކޮށްގެން ހެދި ހުރިހައި ޓެސްޓެއް ވަނީ ކާމިޔާބު ވެފައެވެ. ދެން އޮތީ ހުރިހައި ވޭމްޕަޔަރުންގެ ސާހިބާ، ޔަރަސް ރަނގަޅުކުރުމަށް ކުރަންޖެހޭ ބޮޑު ސަރޖަރީ ކާމިޔާބު ކުރުމެވެ.

“އަހަރެން ހަމަ ނަރވަސް ވަނީ. އޮޕަރޭޝަން ކާމިޔާބު ނުވެ، އަހަންނަަށް ނޫނީ ޖައީޝް އަށް ކަމެއް ވެއްޖެއްޔާ ބިޝް ކިހާ އެކަނިވެރިވާނެ.” ސަރޖަރީއަށް ވަނުމަށް ތައްޔާރުވަމުން ޔަރަސް ބުންޏެވެ.

“ތިހާވަރަށް ނުވިސްނަބަލަ! ހުރިހާކަމެއް އޯކޭ ވާނޭ. އަހަރުންގެ ޖައީޝް ގޮތަށް ހިތްވަރުކޮށްބަލަ!” ޚުދު ބިޝާރާ ވެފައިވާ ދެރައާއި ގަތްފައިވާ ބިރާއި ޖެހިލުންވުން ފޮރުވަމުން ޔަރަސް އަށް ހިތްވަރުދޭން ފެށިއެވެ.

“އާނ… ޖައީސް އެވަނީ ވަރަށް ބޮޑު ޤުރުބަނީއެއް. ބައްޕައަކަށްޓަކައި ދަރިއަކަށް ވެވޭނީ އެފަދަ ބޮޑު ޤުރުބާނީ އެއް. ޑޮކްޓަރުންގެ ޓީމުން ބުނިހެން ފެއިލް ވުމުގެ އެންމެ ޕަސެންޓެއް އޮތް މި ސާރޖަރީ ފެއިލް ވެއްޖެއްޔާ ޖައީޝް ވެސް އަދި އަހަރެންވެސް-“

ޔަރަސް ގެ އަނގަމަތީގައި ބިޝާރާ އަތްއެޅިއެވެ. ޔަރަސް ބުނަންފެށި ޖުމްލަ ފުރިހަމަކުރާ އަޑު އަހަންވެސް އޭނާއަށް ކެތް ނުވާނެތީ އެވެ.

ދިހަގަޑިއިރުގެ ސާރޖަރީ އަކަށްފަހު، ޑޮކްޓަރުންގެ ޓީމުން އިސްކޮށް ހުރި ޑޮކްޓަރެއް ނިކުމެ ބިޝާރާ އާއި ބައްދަލުކޮށްފި އެވެ. ލޭ ބަދަލުކޮށްލުމުގެ އެ ޚައްޞާސް އޮޕަރޭޝަން ކާމިޔާބު ކުރެވުނު ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދިނެވެ. ބިޝާރާ އަށް ލިބުނު އުފަލުގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ކައިރީގައި ހުރި ޔާސްމީން އަށް ބަލައިލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. ޔާސްމީންގެ ލޮލުންވެސް ކަރުނަ ހިލި، އަރުތެރެ ބެދި އަނގައިން ބަސްހުސްވިކަހަލައެވެ.

އެއްހާސް އަހަރު ވާންދެން ޔަރަސް އަށް ތަހައްމަލުކުރަން ޖެހިފައިވާ މުސީބާތުން ސަލާމަތްވެވިއްޖެ އެވެ. އާދައިގެ ވޭމްޕަޔަރެއްގެ ހުރިހައި ސިފަތަކެއް ޔަރަސް އަށް ލިބުން އެއީ ނިއުމަތެކެވެ. ވޭމްޕަޔަރުންގެ ނިމުން އަންނަން އޮންނަ ކޮންމެ ހާލަތެއްގައި މިހާރު ޔަރަސް އަށްވެސް ނިމުން އަންނާނެކަން ޔަޤީންކުރެވެ އެވެ. އެއީ ޚުދު ޔަރަސް އާއި އޭނާގެ މަންމަވެސް ބޭނުންވާ ގޮތެވެ.

ނިމުނީ

އެއްހާސް އަހަރު: ސީޒަން- 3  – ގެނެސްދިނުމުގެ އުއްމީދުގައި …….

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.