މިހާރު އދ. ފެންފުށީގައި ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާ “ކޮސް ގިނަ މިސްޓޭކް“ގެ ފިލްމު ކްރޫގެ ފަރާތުން ފެންފުށީ ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުން، ފިލްމު “ފޯޓީ ޕްލަސް” އެރަށު އިޖްތިމާޢީ މަރުކަޒުގެ ހޯލުގައި މިރޭ ދެއްކުމަށް ނިންމައިފިއެވެ.

ސްޕަރހިޓް ދިވެހި ކޮމެޑީ ފިލްމު “ފޯޓީ ޕްލަސް”ގެ ޑައިރެކްޓަރ ޔޫއްޕެ ބުނީ އިޖްތިމާޢީ މަރުކަޒު ހޯލުގައި ޖާގަ އޮތްވަރަކުން އެއްވެސް އަގަކާއި ނުލައި މިރޭ ފެންފުށީ ރައްޔިތުންނަށް އެ ފިލްމު ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

“ކޮސް ގިނަ މިސްޓޭކް”ގެ ކްރޫގެ ފަރާތުން ހަދިޔާކުރާ “ފޯޓީ ޕްލަސް” ހިލޭ ޝޯ ފެށޭނީ މިރޭ 08:30 ގައެވެ.

‘ފޯޓީ ޕްލަސް” އަކީ ބޮޑު ކާސްޓަކާއެކު ކާމިޔާބު ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤާއި ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި އެހާމެ ހުނަރުވެރި އެކްޓަރު ޔޫސުފް ޝަފީޢު އުފައްދާފައިވާ ހޮރޯ ކޮމެޑީ އެކެވެ.

މިއަހަރު މާރިޗް 05ގައި ”ފޯޓީ ޕްލަސް“ ރިލީޒްކުރުމަށްފަހު މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފިލްމުގެ ކާމިޔާބު ޝޯތަކެއް ދެއްކިއެވެ. އޮލިމްޕަހުގައި މި ފިލްމުގެ ހައުސްފުލް 13 ޝޯ ދެއްކިއެވެ.

ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސް އެއްކޮށް ހެއްވާލަދިން ފިލްމު ”ނޯޓީ40“ ގެ ސީކުއަލް ”ފޯޓީ ޕްލަސް“ އަކީ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ އަމިއްލަ ސްކްރިޕްޓެކެވެ. ޑައިރެކްޓް ކުރީ ވެސް ޔޫއްޕެ އެވެ. ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ޑައިރެކްޓް ކޮށްފައިވަނީ ފިލްމުގެ މެއިން ކާސްޓްގައިވެސް ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން އެވެ.

މިވަގުތު ފެންފުށީގައި ޝޫޓްކުރަމުންދާ “ކޮސް ގިނަ މިސްޓޭކް” އަކީ “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް”، އަދި “ބައިވެރިޔާ” ފަދަ ވަރުގަދަ ކޮމެޑީ ފިލްމަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ރޮމޭންޓިކް ކޮމެޑީ ފިލްމް އޮފް ދަ ޔަރގެ ޓެގްލައިނާއެކު އިޝްތިހާޜުކުރާ “ކޮސް ގިނަ މިސްޓޭކް” އަކީ ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ ދެވަނަ ފީޗާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރު ނޮވެމްބަރުގައެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އިން ކޮށްފައިވާއިރު، “ކޮސް ގިނަ މިސްޓޭކް”ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.