މިއަހަރު ދެން އެންމެ އިންތިޒާރުކުރެވޭނެ ފިލްމަކަށް ކުރިއަށް އޮތީ ހަމަ ގައިމުވެސް ވީމީޑިއާގެ ލޯބީގެ ހެއްވާމަޖާ ފިލްމު “ކޮސް ގިނަ މިސްޓޭކްް” ކަމާމެދު ދެބަސްވެވޭކަށް ނެތެވެ.

ވީމީޑިއާ އޮރިޖިނަލްސްގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިން އދ. ފެންފުށީގައި ކުރިއަށްދަނީ ރާވާލެވިފައިވާ ޝެޑިއުލްއެއްގެ ދަށުން ހަލުވި ސްޕީޑްގައެވެ. ފިލްމުގައި ހަރަކާތްތެރިވާ ބޮޑު ކާސްޓުގައި ހިމެނޭ ގިނަ ތަރިންތަކެއް މިވަގުތުވެސް ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރޮމޭންޓިކް ކޮމެޑީ އޮފް ދަ ޔަރ ގެ ހޭޝްޓޭގް ބޭނުންކޮށް އިޝްތިހާރުކުރަން ފަށާފައިވާ “ކޮސް ގިނަ މިސްޓޭކްް”ގައި މައިގަނޑު 13 ތަރިން ހަރަކާތްތެރިވާނެއެވެ. އެގޮތުން ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު (ގުލިސްތާނު)ގެ އިތުރުން މުޙައްމަދު ނަވާލް (ނަވާލް)، ހިމެނެއެވެ. މީގެ އިތުރުން އަލަށް ފެނިގެންދާ މޫނެއް ކަމަށްވާ އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ވެސް ހިމެނެއެވެ.

މިއަދު މި ހިއްސާކޮށްލާ “ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިން ވީޑިއޯއިން ތަފާތުތަކެއް ފެނިގެންދާނެއެވެ. ހަމަގައިމުވެސް ދޮން އައްޔަ ފުލުހެއްގެ ކެރެކްޓަރގައި ހުއްޓާ ފެނުން މިއީ ތަފާތު ތަކެކެވެ. ޔޫއްޕެ، ސީޒަން އަދި ނިމާލް ހަރު ހިނގުމެއްގައި ގޮސް ފުލުހުންގެ ޔުނިފޯމުގައި ތިބޭ އާނަންދު އާއި ދޮން އައްޔައާ އަރާ ހަމަވެފައިވާ ކޮންމެވެސް ވާހަކަތަކެއް ދައްކާތީ ފެނެއެވެ. މީގެ އިތުރުން ފުބޫ އާއި ނަވާލް ކޮންމެވެސް ކަމަކާ ބެޓްކުރަމުން “ކެރޭނެ.. ނުކެރޭނެ” ކިޔަމުން މަގުމަތިން ހިނގާފައިދަމުން ގޮސް ލައިގަންނަނީ ފޯނުކޮށްލެއްގައި ހުންނަ ގުލިސްތާނުގެ ގައިގައެވެ. އަނެއްކޮޅުން އެހެން މަންޒަރަކުން ފެންނަނީ ފުބޫ އާއި ނަވާލަށް ހާމިދު ބަވާލާ މަންޒަރެކެވެ.

ކެމެރާމަން ދަބާގެ ކެމެރާ ކުރުމާއި ޔޫއްޕެ ކުޅޭ މަންޒަރުތަކުގައި އިސްމާޢީލް ޝަފީޤް އެކްޝަންއަށް ގޮވާލާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ.

މިއަހަރު ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތާވަލްކޮށްފައިވާ ފިލްމާމެދު ފިލްމު ލިޔެ ޑައިރެކްޓްކޮށް މުހިންމު ރޯލެއްވެސް ކުޅޭ ޔޫއްޕެ ބުނީ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނަކީ މި ވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ތިބި އެންމެ ފުންނާބު އުސް ތަރިން ކަމަށެވެ.

ކަނޑައެޅިފައިވާ ތާރީޚްގައި “ކޮސް ގިނަ މިސްޓޭކްް” މިއަހަރު ރިލީޒްވެއްޖެނަމަ، މި ފިލްމު ވެގެންދާނީ މިއަހަރު ޔޫއްޕެ އުފައްދާ ގެނެސްދޭ ހަތަރުވަނަ ފިލްމަށެވެ. ވީމީޑިއާ އޮރިޖިނަލްސްގެ ފުރަތަމަ ފިލްމު “ދައުވަތު” ގެ އިތުރުން މި އަހަރު އޭނާ ވަނީ “ފޯޓީ ޕްލަސް” އާއި “ނަފުރަތުވުމުން” ވެސް ގެނެސްދީފަ އެވެ. މީގެ އިިތުރުން ޓީވީ ސީރީޒެއްވެސް މިދިޔަ ރަމަޟާންމަހު ޔޫއްޕެ ގެނެސްދީފައިވެއެވެ.

ކޮސް ގިނަ މިސްޓޭކްް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.