ލޯބިވާ ދަރިފުޅު ގޮވައިގެން ކޮންމެ ދުވަހަކު މަދަރުސާދޮށަށް ދަނީ މަންމައެވެ. ނުވަތަ ބައްޕައެވެ. ދަރިފުޅަކީ ތަޢުލީމީ އަދި އަޚުލާގު ރަނގަޅު މޮޅު ދަރިއަކަށް ހެދުމުގެ ނިޔަތުގައެވެ. އާއިލާއަށާއި ޤައުމަށް ބޭނުންތެރި ދަރިއަކަށް ހެދުމަށެވެ. މަދަރުސާއަށް އަދި އެނޫން ތަނަކަށް ވިޔަސް އެކަނި ނުފޮނުވައެވެ. ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީއެވެ. އަޚުލާގު ގޯސްވެދާނެތީއެވެ. ދަރިފުޅު ގޯސް ބަޔަކާއި އެކުވެދާނެތީއެވެ. މިއީ ހަމަ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް ހާލެވެ.

މައްސަލަ ދިމާވާ ހިސާބަކީ މިއީއެވެ. ދަރިފުޅުގެ އުމުރުން ބާރަ ނުވަތަ ތޭރަ ވަރަކަށް އަހަރުވުމުން ދަރިފުޅާއިމެދު ފަރުވާކުޑަ ކޮށްލެވުމެވެ. ގޮވައިގެން މަދަރުސާދޮށަށް އަދި އެނޫން ތަންތަނަށް ވެސް ނުދެވުމެވެ. އެކުވެ އުޅެނީ ކޮންބަޔަކާއިއެކުތޯ ނުވަތަ އުޅެނީ ކޮންތާކުތޯ ބަލައި ނުހެދުމެވެ. އުމުރާއި ނުގުޅޭ ތަކެތި ލޯބިން ހޯދައިދެވުމެވެ. ގުރޭޑު ދިހައެއް ނިމެންވާއިރު ދަރިފުޅުގެ ކަންތައްތަކަށް އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން ގިނަފަހަރު އަޚުލާގު ނުބައި އެކުވެރިންގެ ޝިކާރައަކަށް ވަނީއެވެ.  އެ ހިސާބުން ދަރިފުޅުގެ ކިޔެވުން ވެސް ހަލާކުވެ އުޅުން ގޯސްވެ މައިންބަފައިންގެ ބަސްނޭހުމާއި ކުރިމަތިވަނީއެވެ. މިއީ މިއަދު ޤައުމުގެ ގިނައަދަދެއްގެ ޅަފުރައިގެ ޒުވާނުންގެ ވާހަކައެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓް މަހު ބާރަވަނަ ދުވަހަކީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ޒުވާނުން ބާރުވެރި ކުރުމާއި ޒުވާނުން މުޖްތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ ނަމުގައެވެ. އެންމެ ބޮޑު ބޭނުމަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމެވެ. ނަމަވެސް ސުވާލަކީ މިއަދު މިދެކޭ ޒުވާންޖީލަށް މި ޤައުމު މުސްތަޤުބަލު އުޖާލާކުރެވިދާނެ ހެއްޔެވެ؟ މި ޤައުމު އައު އުސްމިން ތަކަކަށް ގެންދެވިދާނެ ހެއްޔެވެ؟ މިއަދު މިދެކޭ ޒުވާންޖީލަށް ޤައުމުގެ ހަމަޖެހުން ޤާއިމް ކުރެވިދާނެ ހެއްޔެވެ؟ މިފަދަ އެތަކެއް ސުވާލުތަކެކެވެ.

ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް މާދަމާ ޤައުމުގެ ހުންގާނުގައި ހިފަން ތިބި ޒުވާނުންގެ ހާލަތާއިމެދު ވިސްނާ ފިކުރު ކޮށްލަމާ ހިނގާށެވެ. އޭރުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިދާނެ ކަމުގައި އަޅުގަނޑު ދެކެމެވެ. ރޭގަނޑު އުޅެނީ ނުނިދައެވެ. ދުވާލު ވަގުތުގެ ބޮޑުބައިގައި އޮންނާނީ ނިދާފައެވެ. މުޢާމަލާތް ކުރުމުގައި ހަޑި ހުތުރު ބަހުރުވަ ބޭނުން ކުރުން އޮންނަނީ “ގަޓު” ކަމަކަށް ވެފައެވެ. ވަޒީފާއެއް އަދާނުކުރި ކަމުގައި ވީނަމަވެސް އަބަދުހެން ތިބެނީ ކެފޭތަކުގައި ކޮފީގައެވެ. ކެފޭތަކުގައި އަޑުގަދަކޮށް މަޖާނެގުމަކީ ވެސް މިވެރިންގެ އާދައެކެވެ. ކަންފަތުގައި މުދި ލުމާއި އަތުގެ ކުޑަހުޅުން ފަށައިގެން އުޅަނބޮއްޓާއި ހިސާބަށް ފާޑުފާޑުގެ ޕެކިންތަކާއި އުޅާ އެޅުމާއި ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ބޮލު މެދަށް ހުޅިޖަހާފައި ހުރުމަކީ މިދެކޭ އެކާވީސްވަނަ ޤަރުނުގެ ފެޝަން ކަމުގައި މިފަދަ ޒުވާނުން ދެކެއެވެ. ބާރަށް ސައިކަލު ދުއްވުމަކީ ވެސް މިފަދަ ޒުވާނުންގެ އާދައެކެވެ. އެއީ މޮޅުކަމެއްކަމުގައި އެވެރިން ދެކެއެވެ. 

ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއްވަބާއަކީ ދުންފަތުގެ ވަބާއެވެ. މަސްތުވާތަކެތީގެ ވެސް ފެށުމަކީ ދުންފަތް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޤައުމުގެ ޅަފުރައިގެ ޒުވާން ޖީލު މިއަދު މިފެންނަނީ ދުންފަތުގެ ވަބާގައި ޖެހިފައިވާތަނެވެ. ސިނގިރޭޓު ބުއިމާއި، ވޭޕް ބުއިމާއި، ޝީޝާ ބުއިން މިއަދު މިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެވޭ މިންވަރަށް އާންމުވެގެން ގޮސްފައެވެ. 

ފައިސާ ހޯދުމަށް އެއްވެސް ވަޒީފާއެއް އަދާނުކުރި ނަމަވެސް އެންމެ ފަހުގެ މޯބައިލް ފޯނު ގެންގުޅުމާއި، ބޭނުން ވަރަކަށް، ބޭނުން ކުރަން އިންޓަނެޓު ލިބެން ހުރުމާއި އަބަދު ފޯނުން ގޭމު ކުޅުމާއި އެކިއެކި ކަހަލަ ގޯސް ސައިޓުތަކަށް ވަދެ އުޅުމަކީ މިއަދުގެ ޒުވާނުން ފޫހިފިލުވަން ކުރަމުންދާ ކަންކަމަށް މިވަނީ ވެފައެވެ. ބަދުއަހުލާޤީ ކުށްތަކާއި، ޖިނާއީ ކުށްތަކުގައިވެސް ޚަރަކާތްތެރިވަމުންދަނީ ގިނައިން ޒުވާނުންކަން ފެންނަމުންދާ މަންޒަރުތައް ހެކިދެއެވެ. މިފަދަ އެތަކެއް ކަންތައްތަކާއި މަންޒަރު ތަކެވެ.

ވިސްނާށެވެ. ފާހަގަވާނެ އެއްކަމަކީ، ބަޔާންކުރެވި ދިޔަ ހުރިހާ ކަންތައްތަކަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ބީރައްޓެހި ކަންތައްތައް ކަމެވެ. މި ކަންކަމުން އެންމެ ބޮޑަށް ހެކިދެނީ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ މުހިންމުކެމެވެ. މިކަންކަން މިހާ ހިސާބަށް ގޮސްފައިމިވަނީ މި ސައްތައިންސައްތަ އިސްލާމީ ޤައުމުގައި ދެވޭ ތަޢުލީމުގެ ތެރޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ދެވޭ މިންވަރު ހަނިކޮށްފައިވުމުގެ ސަބަބުންކަން މިއަދު ޤަބޫލުކުރަން ޖެހެއެވެ. މާއްދިއްޔަތުގެ ވިސްނުމުން ހުރިހާކަމެއްގެ ހައްލު ގެނެވޭނެ ކަމުގައި ދެކެވުމުގެ ނަތީޖާއެވެ. މިއަދުގެ ޒުވާނުންގެ ގައިގައި ރިވެތި އަޚުލާޤާއި ރިވެތި އުސޫލުތައް އަށަގެންނެވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ. މި މައްސަލަތައް ހައްލުކުރުމަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް މުހިންމު ކަމެކެވެ. ނޫންނަމަ ކައިރި މުސްތަޤުބަލުގައި މި ޤައުމުން އިސްލާމީ ރިވެތި އުސޫލުތައް މުޅިންހެން ގެއްލިގެން ދިޔުމުގެ އިތުރުން، އަދި ކުށުގެ ވެށީގެ ބާރު އިންތިހާއަށް ގަދަވެ، މި ޤައުމުގައި ދިރިއުޅެން އުނދަގޫވާ ހިސާބަށް ދިއުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.