“ލިލީ އޮފް ދަ ދި ވެލީ އިނީ ފަރިވެފައިހޭ،
ރިވިލް އެޅި ސިވިލްޒޭޝަނުން ދިއްލިފައިހޭ”

އާދޭހެވެ. ދިވެހި އަދަބީ ގުލްޝަނުން ފޮޅުނު ލީލީމަލުގެ އަބީރު މުޅި ޖައްވަށް ފެތުރިފައިވާކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ލިލީމަލޭ ދެންނެވީމާ އެއީ ކޮންބޭފުޅެއްކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާފާނެއެވެ. އެހެނެއްކަަމަކު އަޝްރަފް ޢަލީއޭ ދެންނެވުމުން ތިޔައިން ކޮންމެބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމާމެދު ވަހުމެއްނެތެވެ.

އާދޭހެވެ. އަޅުގަނޑު މިދަންނަވަނީ، ލިޔުންތެރިކަމުގެ ގަލަމީނަމެއްކަމުގައި “އަލިމަސް” ޚިޔާރުކުރައްވާފައިވާ، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީގެ ވާހަކައެވެ.

ތުއްޕުޅު ދުވަސްވަރުގައި “ލިލީ” ގެ ނަމުން މަޝްހޫރުވެފައިވާ އަޝްރަފް ޢަލީ އުފަންވެވަޑައިގެންފައި ވަނީ، 1974 އޯގަސްޓް 30 ވީ ދުވަހު ގއ. ނިލަންދޫގައެވެ. “ލިލީ” ގެ ނަމުން ނަންދެވުނީ، އެބޭފުޅާގެ އެޑުރެހަކީ ލިލީމާގެ ކަމަށްވުމުންނެވެ.

ލިލީގެ މަންމައަކީ ގއ.ވިލިނގިލީ ޒައިނަބުގެ ހުސެންފުތުގެ ފާޠިމަތު (ވިލިގިއްލޭ ފާތުމާ)އެވެ. ބައްޕައަކީ، ގއ.ކޮނޑޭ ކާލާބެއްޔާގެ  ޔޫސުފް (ކޮނޑޭ ޔޫސުބާ)ގެ ޢަލީ ޔޫސުފް (އަލި ތައްކާނު)އެވެ. ލިލީއަކީ އަލި ތައްކާނާއި ވިލިގިއްލޭ ފާތުމާއަށް ލިބިވަޑައިގެންނެވި ބޭފުޅުންގެތެރެއިން އެންމެ ހަގު ބޭފުޅާއެވެ.

ލިލީއަކީ ސާދާމިޒާޖެއްގެވެރި ބޭފުޅެކެވެ. ސާދާ ދިރިއުޅުމަކަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެންމެ ތުއްޕުޅު އިރުއްސުރެ ރިވެތިއަޚްލާޤުގެ ސިފަތަކުން ޒީނަތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މަޑުމައިތިރިކަމުގެ ރިވެތި ނަމޫނާއެކެވެ. ހިތްތިރިކަމުގެ މިސާލެކެވެ. ހިތްހެޔޮކަމުގެ ލިސާނެކެވެ. މީހުންނާއި ގާތް ގުޅުން އުފެއްދުމުގެ ރޫޙު މިޒާޖުގައިހުރި ބޭފުޅެއްމެއެވެ.

ލިލީ އެންމެ ލޯބިފުޅުކުރައްވަނީ އާދައިގެ ފަރިއްކޮޅަށެވެ. އެންމެ މީރީ ގަރުދިޔައާއި ބަތެވެ. އެންމެ ތުއްތުއިރުއްސުރެ، އެންމެ މީރު ބުއިމެއް ކަމުގައި ވެފައިވަނީ ކަޅުސަޔެވެ. ފޮނިއެއްޗެއް ނޫންނަމަ ކޮންމެ އެއްޗެއް ފަރިއްކުޅުއްވިޔަސް ކަޅުސަޔަކީ، އަޝްރަފް ޢަލީއަށް އެހާމެ މީރުބުއިމެކެވެ.

ތުއްޕުޅުދުވަސްވަރުގެ ހަނދާންތަކެއް

ދެން ތިޔަބޭފުޅުންގެ ސަމާލުކަމަށް މިދަންނަވާލަނީ، އަޅުގަނޑުމެންގެ އެކުވެރި ލިލީގެ ތުއްޕުޅުދުވަސްވަރުގެ ވަރަށްއުފާވެރި ހަނދާންތަކެކެވެ. މިހަނދާންތަކަކީ، ލިލީގެ ހަނދާނުގެ މަރުކަޒުގައި، ބިންވަޅުނެގިފައިވާ ހަނދާންތަކެއްމެއެވެ.

އާދޭހެވެ. ގއ.ނިލަންދޫ ހިތްގައިމު އަތިރިމަތީގެ ވެލިރާޅުފަށުގައި ކުޅެން އެއުޅެނީ ތުއްތު ލިލީއާއި، އެފުރައިގެ އެކުވެރި ކުދިންތަކެވެ. ކުދި ދޯނިފަހަރު، ހަދައިގެން މޫދުގައި ދުއްވަމުން، އުފާވެރިކަން ހޯދަމުން ގެންދަނީއެވެ.

ނުވިތާކަށް ލިލީ އެއުޅެނީ ބައްޕަގެ މުންޑު ހިއްކަން އަޅާފައިއޮއްވާ އެވެސް ހިފައިގެން އައިހެވެ. މުންޑު ބޭނުންކޮށްގެން ކުދިކުދި މަސްހިފަމުން އެގެންދަނީ އުފަލައި ހިތްހަމަޖެހުމާއި އެކީގައެވެ.

މިގޮތުގައި އުފާވެރިވަގުތުތައް ހޭދަކުރުމަށްފަހު ހުރިހާކުދިން ދިޔައީ މިސްކިތުވަޅުން ފެންވަރައިލުމަށެވެ. ފެންވަރައި އަވަދިވެގެން ގޭދޮށަށް ގޮސް، ރީތި ހެދުންލައިގެން އަޅުގަނޑުމެންގެ ކުޑަކުޑަ ލިލީ އެދަނީ މިސްކިތަށެވެ. އާދެ! ނަމާދުކުރުމައި ޤުރުއާން ކިޔެވުމަށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.