އައްޑޫ ސިޓީގެ ރަށެއްގައި ބިދޭސީ ޓީޗަރަކާއި ދަރިވަރަކާއެކު ކޮޓަރިއެއްގެ ތެރޭގައި ތިބި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ޓީޗަރާއެކު ކޮޓަރިއެއްގެ ތެރޭގައި އިނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖެކެވެ. އަދި އެދެމީހުން ތިބި ކޮޓަރިއަކީ ޓީޗަރު ދިރިއުޅޭ ކޮޓަރި ކަމަށްވެއެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ބިދޭސީ ޓީޗަރަކާ، އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބިކަމުގެ މައުލޫމާތު ލިބިގެން ބަޔަކު އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެެވެ. ޓީޗަރު އެކުއްޖާ ގޮވައިގެން އެ ކޮޓަރިއަށް ދިޔައީ އޭނާގެ ސައިކަލުގައި ކަމާއި، ކޮޓަރިއަށް ވަންއިރު އެތާ ބޭރުގައި މީހުންވެސް ތިބި ކަމަށްވެއެވެ

އައްޑު އަތޮޅުން މައުލޫމާތު ދިން މީހަކު ބުނީ ބިދޭސީ ޓީޗަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ޔަގީންކޮށެއް ނުދެއެވެ. އަދި ދޮގެއްވެސް ނުކުރެއެވެ. ފުލުހުން އެ ކޮޓަރިއަށް ވަންއިރު ބިދޭސީ ޓީޗަރާ، ދަރިވަރު ތިބި ހާލަތެއް، އަދި އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ