ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ޤައުމީ ޕްރެސް ކުލަބެއް އުފެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެޔޮވެރިކަމުގެ އެއްބައި ކަމުގައި ވިދާޅުވިއެވެ. އަދި ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެކަން ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމަކީ ޑިމޮކްރެސީގެ އެއްތަނބުކަމަށާއި އަދި އެއްބާރުކަންކަމުގައި ފާހަގަކޮށް އެމަނިކުފާނުވިދާޅުވީ އައު ޤާނޫނުއަސާސީން ލިބިދިން އެންމެ މުހިންމު އެއް ޙައްޤަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.ހަމައެއާއިއެކު ޙިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުމުގެ މިނިވަންކަންކަމަށެވެ.އެކަމުގެ ނަތީޖާއެއްގެ ގޮތުން ނޫސްމަޖައްލާ ތަކާއި އޮންލައިން ނޫސްތަކާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތައް އިތުރުވެގެންދިޔަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.އޭގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ ހިންގުމަށް މުހިންމު ހެޔޮބަދަލްތަކެއްއަންނަންފެށިކަން ފަހަގަކުރެއްވިއެވެ.

މިސަރުކާރު ފެށުނު އިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި އޭރު ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަން އޭރު އޮތް ހާލަތުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ނުސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު މިއޮތް ސަރުކާރުން ރައްކަތެރިކޮށްދީފައިވާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް އަދިވެސް އިތުރު ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމަކީ ނޫސްވެރިންގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށާއި މީޑިއާއަކުން ސަރުކާރަށް ފާޑު ކިޔަނީ ސަރުކާރާއި ދެކޮޅުވެރިވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ފާޑުކިޔުންތަކުގެ އަލީގައި ކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުންހުރިގޮތްވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ހަމައެފަދައިން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެކަމަށާއި މިއާއެކު ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.

ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިދިޔަ 2018 ވަނަ އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނުނު އެންމެޝަރަފުވެރި އިނާމުކަމަށްވާ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާޞިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި އެވޯޑް ބާރަ ފަރާތަކަށް ލިބިފައިވާއިރު ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ އެކިދާއިރާތަކުން 2018 ވަނަ އަހަރު ނޫސްވެރިކަމުގެ އިނާމު ހާޞިލުކުރި ފަރާތްތައް އިއުލާނުކޮށް އެފަރާތްތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ