މަސްވެރިކަމާއިބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި، މި ބިލަކީ 5 ސެޕްޓެމްބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެ ބިލުގައިވާ ގޮތުން، އެ ބިލު ޤާނޫނަކަށްވެ ޢަމަލު ކުރަން ފަށާތާ ސަތޭކަ ދުވަހުގެ ތެރޭގައި މަސްވެރިންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް އެކުލަވައި، އެ ދަފްތަރު ލިޔެ ބަލަހައްޓަން ޖެހެއެވެ. ހަމަ އެހެންމެ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް، ޕެންޝަން ސުކީމަކާއި، ޑިސްއެބިލިޓީ އިންޝުއަރެންސް ސުކީމެއް ލިބެންޖެހޭނެ ކަމަށް ބިލުގައިވެއެވެ.

އޭގެ އިތުރުން މަސްވެރިކަމާއި ގުޅޭ ތަޢުލީމާއި ތަމްރީން ހޯދައިދިނުމައި، މަސްދޯނިފަހަރާއި، ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަށް ބިލުގައިވެއެވެ. އަދި އައިންމަތީ ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި، ފިނޮޅުފަދަ ތަންތަން ހިމާޔަތްކުރުމާއި، އެކުޝަން ޕުލޭންތައް، ތައްޔާރުކުރުންފަދަ ކަންކަން މި ބިލުގައިވެއެވެ.

މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކައި، އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމައިބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި، ދިވެހިން ކުރާ މަސްވެރިކަން ކޮންޓުރޯލުކުރުމައި، ދިވެހި މަސްވެރިކަމައި އެކުއަކަލްޗަރގެ ސިނާޢަތް ކުރިއަރުވައި، ތަރައްޤީކޮށް، އެ ސިނާޢަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކައި، ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމައި، މަސްވެރިކަމުގެ މެނޭޖުމަންޓު ޕުލޭންތައް އެކުލަވައިލުމައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރުންމަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމައި، މަސް ޕުރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކުޓަރީތަކައި، އައިސްޕުލާންޓުތައް ގާއިމުކުރުންފަދަ އައު ކަންތައްތައް މި ބިލުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްޤީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއިއެކު ކުރިން ޢަމަލުކުރަމުންއައި މަސްވެރިކަމުގެ ގާނޫނު، ގާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އުވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން، މި ގާނޫނުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ