15 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ލިޔުމާއި ގުޅޭ…..

ތަޢުލީމު ހާސިލުކުރެއްވުމަށް މާލެ ވަޑައިގަތުން

ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސަވީސް އަހަރު ފުރުނު މަޝްހޫރު އަހަރަކީ، ތަޢުލީމު ހާސިލުކުރެއްވުމަށްޓަކައި، ލިލީ ފުރަމާލެއަށް ވަޑައިގެންނެވި އަހަރެވެ. އާދެ! އޮނަވިހި ސަތޭކަ ނަވައި ވަނަ އަހަރެވެ.

ލިލީ މާލެ ގެންނަވާ ކިޔަވައިދިނުމުގެ ކަންތައްތައް ހަމަޖައްސަވައިދެއްވާ، ބެލެނިވެރިއެއްގެ ރޯލު އަދާކުރެއްވީ، ލިލީގެ އެއްބަނޑު ދައްތަ މަރްޔަމް ރަޝީދާއެވެ. ހުންނެވުމުގެ ކަންތައްތައް ހަމަޖެހިފައިވަނީ، މަންމައާއި އެއްބަނޑު ބޮޑުބޭބެގެ އަނބިމީހާގެ ގޭގައެވެ. އާދެ! ގަލޮޅު މުޖުމަރާގޭގެ ބައެއްކަމަށްވާ، ގަލޮޅު ސަންބުރައިޓުގައެވެ.

އަޝްރަފް ޢަލީ (ލިލީ) 1990 ވަނަ އަހަރުގައި – ފޮޓޯ: ލިލީގެ އަލްބަމުން

އެ ދުވަސްވަރަކީ ރާއްޖެތެރޭގެ ކުދިންނަށް، މާލޭގައި ހުންނަ ސަރުކާރު މަދަރުސާތަކުގައި ޖާގައޮންނަ ދުވަސްވަރެއްނޫނެވެ. ވަންނަންޖެހެނީ ކޮންމެވެސް އަމިއްލަ މަދަރުސާއަކަށެވެ. އޭރު “އީ.ޕީ.އެސް” އާއި، “އެމް.އީ.އެސް” އާއި، މަދަރުސަތުލް ޢާލިޔާއަކީ، ވަރަށް މަޝްހޫރު މަދަރުސާތަކެކެވެ. އެންމެ މަޝްހޫރީ އޮނަވިހި ސަތޭކަ ފަންސަހައްޓި ވަނައަހަރު އުފަންވި މަދަރުސަތުލް ޢާލިޔާއެވެ. މި މަދަރުސާއަކީ، އަމިއްލަ މަދަރުސާތަކުގެ ތެރެއިން އެންމެ ދޮށީ މަދަރުސާއެވެ.

ކޮންމެއަކަސް ކަންތައްތައް ހުރިގޮތުން ލިލީއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ މަދަރުސަތުލް ޢާލިޔާއަށެވެ. ހަމައެއާއެކީ މަދަރުސާގެ ފަރާތުން، ލިލީ އިމްތިޙާނު ކުރެއްވެވިއެވެ. މި އިމްތިޙާނުގެ ނަތީޖާއަށް ބައްލަވާފައި، ލިލީ ވަދެވަޑައިގަންނަވަން ޖެހޭނީ، ގުރޭޑު ތިނަކަށް ކަމުގައި، އެ މަދަރުސާއިން ނިންމެވިއެވެ. އޭރު ލިލީއަކީ، ގއ.ނިލަންދޫ މަދަރުސާއިން ގުރޭޑު ހައެއް ނިންމަވާފައިވާ ބޭފުޅެކެވެ. އާދެ! ރަނގަޅު ތަޢުލީމީ ނިޒާމެއްގެ ތެރެއަށް ވަދެވަޑައިގެންނެވުނުއިރު، ޢުމުރުފުޅުން ސޯޅަ އަހަރު ފުރިއްޖެއެވެ.

އެހެންނަމަވެސް މަދަރުސަތުލް ޢާލިޔާގައި، ލިލީ ތަޢުލީމު ހާސިލުކުރައްވަން ފެއްޓެވީ ނުގުޑާފަދަ ޢަޒުމަކާއި އެކީގައެވެ. ހިންމަތާ މިންނަތާއެކީގައެވެ. ކިޔަވައިގެން މޮޅުކުއްޖަކަށްވުމުގެ އުއްމީދުގައެވެ.

މި އުއްމީދާއެކު ލިލީ ކިޔަވައިވިދާޅުވާން ފެއްޓެވީ، އެ މަދަރުސާގައި އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސާއެއް ކަމުގައިވާ މިސް ޏާނަމުއްތުގެ އިރުޝާދާއި ވެސް އެކީގައެވެ. މިސް ޏާނަމުއްތުއަކީ، ލިލީގެ އިނގިރޭސިބަހުގެ ބިންގާ އެންމެ ރަނގަޅަށް އަޅުއްވައިދެއްވި އުސްތާޛާއެވެ. ލިލީދެކެ ލޯބިފުޅުވާ އޯގާވެރި މުދައްރިސާއެކެވެ. ދާންވީ މިސްރާބު ބުނެދެއްވި އާރުކާޓީއެވެ.

މީގެ ނަތިޖާއަކީތޯއެވެ. އާދޭހެވެ. އެ އަހަރު މުޅި މަދަރުސާއިން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެއްވި ދަރިވަރަކަށް ލިލީ ވެވަޑައިގެން ދިއުމެވެ. ހުރިހައި މާއްދާއަކުން ވެސް، އެންމެ ގިނަ މާކުސް ހޯއްދެވި ދަރިވަރަކަށް ވެވަޑައިގަތުމެވެ. ކަންމިހެން ހުރުމާއެކު މަދަރުސާއިން ނިންމެވީ، ލިލީއަށް “ޑަބަލް ޕުރޮމޯޝަން” ދެއްވައި ގުރޭޑު ހަތަރެއް ދޫކޮށް، ގުރޭޑު ފަހެއްގައި ކިޔަވައިވިދާޅުވުމުގެ ފުރުޞަތު ދެއްވުމަށެވެ.

އޮލިމްޕިކު ދުވަހުގެ ދުވުމުގެ ތެރެއިން. (ފުރަތަމަ ސަފުގެ ކަނާތްފަރާތުން ދެ ވަނައަށް އެ ފެންނަނީ ލިލީ) – ފޮޓޯ: ލިލީގެ އަލްބަމުން

އާދެ! މަދަރުސަތުލް ޢާލިޔާގައި ލިލީ މަޝްހޫރުވެފައިވަނީ، ހަމައެކަނި ކިޔެވުމުގެ ރޮނގަކުން ނޫނެވެ. ހަމައެކަނި މޮޅު ނަތީޖާ ހާސިލުކުރައްވަމުން ގެންދަވާތީއެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. މަދަރުސާގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ވެސް ލިލީގެ ހުނަރުވެރިކަން ފެނިގެން ގޮސްފައިވެއެވެ. އަދަބީ ހަރަކާތްތަކުގައި ކުރިއެރުން ހޯއްދަވަމުން ގެންދެވިއެވެ. ގުރޭޑު ފަހަކުން ފެށިގެން، ގުރޭޑު ނުވައަކާއި ހަމައަށް، މަދަރުސަތުލް ޢާލިޔާގެ އަދަބީ ޖަމުޢިއްޔާ (ދަރިވަރުންގެ ރޫޙު)ގެ ސެކްރެޓަރީކަން ކުރެއްވެވީ ވެސް ލިލީއެވެ.

އަދި ހަމަ އެހެންމެ ސުކޫލު ކުދިންގެ ލަވަމުބާރާތްތަކުގައި ވެސް، ލިލީ ބައިވެރިވެވަޑައިގަތެވެ. އަދި ކިއެއްތަ! މަދަރުސަތުލް ޢާލިޔާއިން ލަވަ މުބާރާތްތަކުގައި ބައިވެރިވި ގިނަކުދިންނަށް ލަވަ ހައްދަވައިދެއްވީ ވެސް ލިލީއެވެ.

މީގެ އިތުރުން ލިލީއަކީ، އެންމެ ފުރަތަމަ އުފެއްދި ޤައުމީ ކެޑޭޓު ކޯގެ އެއް މެންބަރެވެ. “އެމް.އެން.ސީ.ސީ”(މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ ) އިން، އެންމެ ފުރަތަމަ ބަޑި ހަވާލުކުރެއްވި ރަސްމިއްޔާތުގައި، ބަޑި ހަވާލުކުރެވުނު އެއް މެންބަރުމެއެވެ.

މިހެންގޮސް އޮނަވިހި ސަތޭކަ ސަޔާނަވައި ވަނަ އަހަރާއި ހަމައަަށްއައިއިރު، ލިލީއަކީ، މަދަރުސާގެ ކުދިންގެ ތެރޭގައި މަޤުބޫލު ކުއްޖަކަށްވެގެން ހިނގައްޖެއެވެ. މަދަރުސާގެ ގިނަކުދިން ލޯބިވާ ކުއްޖަކުކަމުގައި ވެގެން ހިނގައްޖެއެވެ.

ހަމަ އެހެންމެ އޮނަވިހި ސަތޭކަ ސަޔާނަވައި ވަނަ އަހަރަކީ، އަދަބީ ޖަމުޢިއްޔާގެ ސޯޅަ ވަނަ ދައުރު ފެށުނު އަހަރެވެ. އަހަރަކީތޯއެވެ! އާދޭހެވެ. މި އަހަރަކީ، އަޅުގަނޑުމެންގެ ލިލީ، “ދަރިވަރުންގެ ރޫޙު”ގެ ރައީސްކަން ކުރެއްވި އަހަރެވެ. މި ކަން ވެގެންދިޔައީ، ލިލީގެ ވިސްނުން ހަރުދަނާގޮތެއްގައި ބައްޓަންކުރުމަށް އެޅުނު ފިޔަވަޅެއްކަމުގައެވެ. ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ހުނަރުތަކެއް ދަސްވެގެންދިޔަ ސަބަބެއްކަމުގައެވެ. އަދި ހަމަ އެހެންމެ އިސްދާރުކަމުގެ ހުނަރާއި، އަނެކުންގެ މިޒާޖުތައް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދިޔަ ކަމެއް ކަމުގައިވިއެވެ.

ލިލީ ވިދާޅުވިގޮތުގައި، އެ ދުވަސްވަރު މަދަރުސާގައި ބޭއްވޭ ޖަލްސާތައް ޝަރަފުވެރިކޮށްދެއްވަން ގެންނަވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްޕުޅުކުރައްވާ ބޭފުޅުންނެވެ. އާދެ! ބަސްބަހާބެހީގެ ޢާލިމުންނެވެ. އޭގެތެރޭގައި އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނާއި، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރާއި، އަލްފާޟިލް ޢަބްދުﷲ ޞާދިޤް(ސޯދުބެ) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އޮނަވިހި ސަތޭކަ ސަޔާނަވައި ވަނަ އަހަރު، “ދަރިވަރުންގެ ރޫޙު”ގެ ދައުރު ނިންމުމުގެ ޖަލްސާއަށް، މި ދެންނެވިފަދަ ޢިލްމުވެރި ބޭފުޅުން ވަޑައިގަތެވެ. މި ޖަލްސާ ކުރިއަށްދިޔައީ ސޯޝަލް ސެންޓަރުގައެވެ.

ކަންވީގޮތަކީތޯއެވެ. އާދެ! އެ ޖަލްސާގައި މަދަރުސަތުލް ޢާލިޔާގެ ބައެއް ދަރިވަރުން ހަމަނުޖެހުންތަކެއް ހިންގިއެވެ. ތެދެކެވެ. ކަންކަމުގައި ވާދަކުރާއިރު ތަފާތު ޒާތުގެ މީހުން ވެސް ތިބޭނެތާއެވެ! ހިތްހެޔޮ މީހުންނާއި ހިތް ނުރުހޭ މީހުން ވެސް ތިބޭ ފަދައިންނެވެ. އާދޭހެވެ. ތުރާތަކައި ކުރިމަތިލައްވައިގެން މެނުވީ، ފުރާފުރިހަމަ ނުވެވޭނެކަން ލިލީއަށް ވިސްނިވަޑައިގަތެވެ. ދުރާއި ގާތުން އަންނަ ހަމަލާތަކާއި ކުރިމަތިލަައްވައި، ސަރާސަރު މަގުން ދަތުރުކުރައްވާނެގޮތް ލިލީ ދެނެވަޑައިގަތެވެ. އަދިކިއެއްތަ! މުރާދު ހާސިލުވެވޭނީ، މުރާލިކަމާއިއެކު ސާބިތުވެ ހުންނަވައިގެންކަން ލިލީއަށް އެނގިވަޑައިގަތެވެ. ކޮންމެއަކަސް ލިލީ ބެއްލެވީ ކުރިއަށް ވަޑައިގަތުމަށެވެ.

އެ އަހަރު ނިމި، ގުރޭޑު ދިހައަކަށް ބަދަލުވާން ބެއްލެވިއިރު، ގުރޭޑު ދިހައެއް އުފެއްދޭވަރަށް މަދަރުސަތުލް ޢާލިޔާގައި ކުދިންނެއްނެތެވެ. ކޮންމެއަކަސް މަދަރުސަތުލް ޢާލިޔާ ދޫކޮށް، އެހެން މަދަރުސާއަކަށް ވަޑައިގަންނަވާން ޖެހިވަޑައިގަތީއެވެ. މަދަރުސަތުލް ޢާލިޔާދެކެ ކިތަންމެ ލޯބިފުޅުވިކަމުގައިވިޔަސް، އެހެން މަދަރުސާއަކަށް ވަޑައިގަންނަވާން މަޖުބޫރުވެ ވަޑައިގަތީއެވެ.

އާދެ! މަދަރުސަތުލް ޢާލިޔާއާއި އަލްވަދާޢު ކިޔުއްވައި، ވަޑައިގަންނަވަން ޖެހިވަޑައިގަތް ދުވަހަކީތޯއެވެ. އާދޭހެވެ. އެ ދުވަހަކީ ވަރަށް ބޮޑަށް ހިތްޕުޅުގައި ޖެހިވަޑައިގަތް ދުވަހެއްކަމަށާއި، ވަރަށް ދެރަފުޅުވި ދުވަހެއްކަމަށް، އަސަރާއިއެކީގައި ލިލީ ވިދާޅުވިއެވެ. ސަބަބަކީތޯއެވެ. ވަހުމެއްނެތެވެ. ލިލީގެ ދިރުމަކީ، މަރުސަތުލް ޢާލިޔާއެވެ. އަދި ކިއެއްތަ! މަދަރުސަތުލް ޢާލިޔާގެ އެ ދުވަސްވަރުގެ ދިރުމަކީ، ލިލީކަމުގައި ދަންނަވަން ކެރިދާނެއެވެ. ދަރިވަރެއްގެ ހައިސިއްޔަތުން ލިލީ ކުރައްވާފައިވާ ޚިދުމަތްތައް، އިންސާފުގެ ތަރާދުން ކިރައިލައިފިނަމަ، މި ކަމާއި ދެބަސްވާނެ ފަރާތެއް ނުވާނެކަން ކަށަވެތިވެއެވެ.

އާދެ! މަދަރުސަތުލް ޢާލިޔާގައި ލިލީއަށް ދިވެހިބަސް އުނގަންނަވައިދެއްވި އުސްތާޛުންގެ ތެރޭގައި، އަލްފާޟިލް ސަޢުދު ޢަބްދުލްކަރީމާއި، ޅ.ނައިފަރު އަލްފާޟިލް މުޙައްމަދު ނާޞިޙު ޢަބްދުﷲ އާއި، އޭރު މަދަރުސާގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް ޙުސައިން ޢާމިރު ހިމެނިވަޑައިގަަންނަވައެވެ.

ޚާއްސަގޮތެއްގައި ދިވެހިބަސް ޢިބާރާތް ކުރެއްވުމަށާއި، ބަހުގެ ގަވާއިދާއި، ހަމަތަކާއި، އުސޫލުތައް، އޭގެ ފޭރާންތައް ހުންނާނެ ރީތި ގޮތްތައް، ލިލީއަށް އުނގަންނަވައިދެއްވެވި އެއްބޭފުޅަކީ، މާދޫގޭ އަލްމަރުޙޫމު ޢަލީ އަޙްމަދުގެ ދަރިފުޅު ޙުސައިން ޢާމިރުއެވެ.

އަލްފާޞިލް ޙުސައިން ޢާމިރަކީ، ގުރޭޑު އަށަކުން ފެށިގެން ލިލީގެ ދިވެހި މުދައްރިސެވެ. އޭގެތެރޭގައި އަލްފާޟިލް ޙުސައިން ޢާމިރަށް ކިޔަވައިދެއްވަން ވަޑައިނުގެންނެވުނު ދުވަސްކޮޅެއް ދިޔައެވެ. އެ ދުވަސްކޮޅުގައި ދިވެހިބަސް ކިޔަވައިދެއްވުމަށް ވަޑައިގެންނެވީ ކުރީގެ ޑިފެންސު މިނިސްޓަރު އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ.

އޭރު މަދަރުސަތުލް ޢާލިޔާގެ ނާޒިރަކީ، ހެންވޭރު މާދޫގޭ އަލްފާޟިލް ޢަލީ އަޙްމަދެވެ. ޝައްކަކަށް ޖާގައެއްނެތެވެ.
ތިޔައިން ކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަލްފާޟިލް ޢަލީ އަޙްމަދަކީ މާދަރީބަސްދެކެ ނުހަނު ލޯބިފުޅުވި ބޭފުޅެކެވެ. މާދަރީބަސް ދިރުވައި އާލާކުރަން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ކީއްތޯއެވެ. އަލްފާޟިލް ޢަލީ އަޙްމަދަކީ، މަދަރުސަތުލް ޢާލިޔާގެ ދަރިވަރުންގެ ލޯބި ހޯއްދަވައިފައިވާ ބޭފުޅެއްމެއެވެ. ކަންތައްތައް މިހެން ހުރުމާއެކީގައި ޢާލިޔާގެ މި ޖައްވު ދޫކޮށްފައި ވަޑައިގެންނެވުންވީ ލިލީއަށް ވަރަށް ދަތި އުނދަގޫކަމެއް ކަމުގައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.