“އަހަރެން އަދިވެސް އެނބުރި އަންނާނަށް! އަހަރެންގެ ދަރިފުޅު އަނބުރާ ގެންދަން ވެސް ގެންދާނަން، އެ ދުވަހަކުން އެކަކަށް ވެސް އަހަންނެއް ނުހުއްޓުވޭނޭ، އެކަކަށް ވެސް…….” ނަވާޒު އަށް ހޭލެވުނީ އެނދުގައި ނިދާފައި އޮތް ނިޝާ ކުއްލިއަކަށް ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑަށެވެ. “ނޫން.. ނޫން” ނިދީގައި އޮވެގެން ނިޝާގެ ރުއިމުގެ އަޑު ދިޔައީ އިރަކަށް ވުރެ އިރެއް ގަދަވަމުންނެވެ. ހާސްވެފައި ހުރި ނަވާޒު އަވަސް ވެގަތީ ނިޝާ ހޭލެއްވުމަށެވެ. ކޮޅަށް ނެގުމަށްފަހު ދެތިން ފަހަރު ކޮނޑުގައި ހިފައި ތަޅުވައިގަތުމުން ނިޝާއަށް ހަމަހޭވެރިކަން އައެވެ.

“ދެން ތިކަން ހަނދާން ނައްތާލަން ވެއްޖެއެއްނު ނިޝާ! ހުސެންބެ ވެސް ބުންޏެއްނު އެޔަކަށް ނިޝާއަކާއި ގާތެއް ނުވެވޭނެއޭ، އަނެއްކާ ބަލާބަލަ އަލްކާއަށް.. ކާކު ބުނާނީ އެއީ ޖިންނިއެއްގެ ދަރިއެކޭ، އަހަރެން އަދިވެސް މި ބުނަނީ އެއީ އަހަރެންގެ ދަރިއެކޭ. އެއީ ހަމަ އަހަރެންގެ ދަރިއެއް” ނަވާޒު އެއް ނޭވާއިން ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލިއެވެ. ނިޝާ އިނީ އެނދުގެ ފަޑީގައި ލެނގިގެން އިސްޖަހައިގެންނެވެ.

އެ ހާދިސާއަށް މިހާރު 10 އަހަރު ވީއެވެ. ކަމެއް މަތިން ހަނދާން ނައްތާލަން 10 އަހަރަކީ ކުޑަ މުއްދަތެއްވެސް ނޫނެވެ. ނަމަވެސް ނިޝާއަށް އެކަމުން އަދިވެސް އަރައެއްްނުގަނެވެއެވެ. ސަބަބުތައް ބައިވަރެވެ. ނިޝާއާއި ނަވާޒުގެ ހުރި ހަމައެކަނި ދަރިއަކީ އަލްކާ ކަމަށްވާއިރު، ދެން އެދެމީހުންނަށް ކުއްޖަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އަލްކާ އަކީ ނަވާޒުގެ ދަރިއެއް ކަމަށް ކިތަންމެ ވަރަކަށް ދައުވާ ކުރިނަމަވެސް އެ ހަގީގަތް ވަނީ ފޮރުވިފައެވެ. އެއީ ނިޝާގެ ހަޔާތަށް އައި ޖިންނިއެއްގެ ދަރިއެކެވެ. ނިޝާ ދެކެ ޖާނާއި މާލުން ލޯބިވި ޖިންނީގެ ދަރިއެވެ. އެ ދަރިފުޅު ނިޝާގެ އަތުން ބީވެދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. ގައިމުވެސް އަލްކާގެ ބައްޕަ އަލްކާ ބަލާ އަންނާނެއެވެ. އެ ދުވަހަކުން ނިޝާ ޖެހޭނީ ގޮތްދޫކުރާށެވެ. ލައްކަ ހަނގުރާމައަށް ފަހުވެސް ނިޝާމެންނަށް ކާމިޔާބުނުވި ކަމަކީ އެ ޖިންނި މި ދުނިޔެއިން ނައްތާލުމެވެ.

އެ ހަނދާންތަކާއި ދުރަށް ދިއުމަށް ނިޝާއަށް އެތައް ބުރަ މަސައްކަތެއް ކުރެވިއްޖެއެވެ. ރަށްފުށުގެ އުފާވެރި ދިރިއުޅުން ދޫކޮށް ހުޅުމާލެއަށް ބަދަލު ވީވެސް އެ އުއްމީދުގައެވެ. ނަމަވެސް ރޭގަނޑުގެ ނިންޖަކީ ނިޝާއަށް އެ ހަނދާންތައް އަނބުރާ ގެނެސްދޭ އެއް ކަމެވެ.

”ދަރިފުޅާ އަލްކާ! ތެދުވޭ ސްކޫލަށް ދާން” ފިޔާތޮށި ކުލައިން ޒީނަތްތެރި ކުރެވިފައިވާ ކުޑަ ކޮޓަރީގައި ނިދާފައި އަލްކާގެ ގައިގައި ކޮއްޓާލަމުން ނިޝާ ގޮވާލިއެވެ.

”ފައިވް މިނިޓްސް މޯރ މަންމާ” ކުޑަކޮށް އަކުރު ތަކަށް ދަމާލަމުން ނިދިއަޑުން އަލްކާ ބުންޏެވެ.

“އަބަދުވެސް ފައިވް މިނިޓްސް މޯރ، އެހެންވެއޭ މަންމަ ބުނަނީ ފަތިސް ނަމާދުކޮށްގެން އަވަހަށް ނިދަން! މިހާރު ބައްޕަ ވެސް އެ ވަނީ ފާހަނާ އަށް” ނިޝާ ޕިސްތަޅާލަމުން އަނެއްކާވެސް އަލްކާއަށް ގޮވަން ފެށިއެވެ. އެއީ ކޮންމެ ދުވަހަކުވެސް ނިޝާގެ ދިރިއުޅުން ފެށިގެން އަންނަ ގޮތެވެ.

ހެދުނުގެ ނާސްތާ ނިންމާލުމަށްފަހު ނަވާޒު އަލްކާ ގޮވައިގެން ބޭރަށް ނުކުތް މަންޒަރު ބަލަން ބެލްކަނީގައި ނިޝާ ހުރީ ހެވިފައެވެ. ޕްރައިވެޓް ކާރުގައި ނަވާޒު ދަތުރުފެށީ ސިނަ މާލެ ބްރިޖް ހުރަސްކޮށް ވެރިރަށް މާލެއަށް ދިއުމަށެވެ.

ވާރޭގެ ސަބަބުން ބިންގަނޑު ތެމިފައިވާއިރު، ކުދިކުދި ފެންކޮޅުތަކުން ރެކެމުން ނިޝާގެ މިސްރާބް ހުރީ ރެޑްވޭވް ޝޮޕިންގް މޯލް އާއި ދިމާލަށެވެ. ނިޝާ އަކީ އޯޑަރުތަކަށް ކޭކް އަޅައިދޭ މީހެއް ކަމުން ހަފްތާއަކު އެއްފަހަރު މިފަދަ ބޮޑު ވިޔަފާރިއެއް ކޮށްނުލައި ފަރުޖެއްސޭކަށް ނޯވެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޢަދީލާ
މަރިޔަމް ޢަދީލާ އަކީ ލިޔުންތެރިކަމަށް ލޯބިކުރާ، ހުނަރުވެރި ލިޔުންތެރިއެކެވެ.