ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުސްވެފައިވާ މަޤާމަށް ތިން މީހުން ކުރިމަތިލާފައިވާއިރު އެކަކަށް ވަޒީފާ ދިނީ އިންޓަރވިއުއަކާ ނުލައެވެ. މިއަށް ކިޔަނީ ކޮންނަމެއް ތޯއެވެ؟. ކަންމަތީ ފިހާރައިގައި އޮތް ދަރަނި ދައްކައިދިން ކެނޑިޑޭޓަށް ވޯޓުލައިފިއެވެ. މިއަށް ކިޔަނީ ކޮންނަމެއް ތޯއެވެ؟. ކަށީގެ ޙާއްސަ ޑޮކްޓަރަށް ދެއްކުމަށްޓަކައި ކިއުގައި ނުޖެހި ނަންބަރު ހޯދީ ރިސެޕްޝަންގައި އިން ކުއްޖާއަށް ކެއުމެއް ދީގެންނެވެ. މިއަށް ކިޔަނީ ކޮންނަމެއްތޯއެވެ؟. މިކަހަލަ ކިތަންމެ ސުވާލެއް ކުރެވިދާނެއެވެ. ނަމަވެސް ޖަވާބަކީ އެއްޖަވާބެކެވެ. މިއަށް ކިޔަނީ ރިޝްވަތެވެ.

އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމަޢުގައި ރިޝްވަތު އާއްމުވެފައި މިވަނީ އިންތިހާ ދަރަޖައަށެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއްކަން ހަދާން ނެތް ކަހަލައެވެ.  

ރިޝްވަތުގެ އަޅަކަށްވެފައިވަނީ ހަމައެކަނި މުއްސަނދިންނެއް ނޫނެވެ. ނިކަމެތި ފަޤީރުންނާއި ކޯޓް ތަކުގައި ތިއްބަވާ ގާޒީީންނާއި މިސްކިތްތަކުގެ މުދިމުންނާއި ހަމައަށް މި ނުބައި ވަބާގެ އަސަރުވަނީ ކޮށްފައެވެ.

ސިޔާސީވެރިން މުދަލާއި ފައިސާ ދީގެން ނިކަމެތި ރައްޔިތުންގެ އަތުން ވޯޓް ގަންނަމުންދެއެވެ. އޮފީސްތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުނުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ނާޖާއިޒު ފައިދާ ހޯދައި ދެމުންދެއެވެ. މިފަދަ ޢަމަލު ތަކެއް ކުރަމުންދަނީ އެއްމެން ދަންނަ “ބޮޑު ސިއްރު” ގެ ގޮތުގައެވެ. އެއްބަޔަކަށް މިކަމުގެ ސަބަބުން ވަގުތީ ފައިދާ ތަކެއް ލިބެމުންދާއިރު އެތައްބައެއްގެ ހައްޤުތައް ނިގުޅައިގަނެވެނީ ކަމެއް އެމީހުންނަށް ނުވިސްނެއެވެ.

މިފަދަ ޢަމަލުތައް ހުއްޓުވޭނީ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސް އިސްލާޙުކޮށްގެންނެވެ. ތިމާއާއި ހަވާލުކުރެވިފައިވާ ޒިންމާ އިޚްލާސްތެރިކަމާއި، ތެދުވެރިކަމާއި އެކު އަދާ ކޮށްގެންނެވެ. ކޮންމެ ކަމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރާ ކުރުން ދޫކޮށްލައި އަމިއްލަ  ޒިންމާ ނަގައިގެންނެވެ. ސަރުކާރުން ރައްޔިތުން ހޭލުންތެރި ކުރުވައިގެންނެވެ. ޚާއްސަކޮށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ދޭންޖެހޭ އަދަބު ދީގެންނެވެ.

އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމަޢަކީ އިންސާފުވެރި ރައްކާތެރި މާހައުލަކަށް ހަދަންބޭނުންވާނަމަ ރިޝްވަތު ނުދޭށެވެ. ރިޝްވަތުގައި ނުހިފާށެވެ. ފުރަތަމަ ނަޒާޙާތްތެރިވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.