ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް މާދަމާ ފައްޓަވައިދެއްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ހެރިޓޭޖް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ ގޮތުން ފުރަތަމަ ގައު ބަހެއްޓުމަށް މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:30 ގައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ޗާންދަނީމަގު، މެދުޒިޔާރަތްމަގު ކަންމަތީގައި ކުރީގެ ދިރާގު ހެޑްއޮފީސް ހުރި ބިމުގައެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫއުގައި ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައިވަނީ “އަމީން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”އާއެވެ. 2.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދު ހަވާލުކުރާ ތާރީޚުން ފެށިގެން 120 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާފާރު ރޭނުންވެސް ހިމެނެއެވެ

ހެރިޓޭޖް މިނިސްޓްރީންވަނީ މިއަހަރު ފަހުކޮޅަށް މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައެވެ. އަދި މި މިސްކިތް އަލުން ބަހައްޓަނީ ބަންގިގޮވާ އަދި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ނޫން ނަމަވެސް ބޭނުންވާ ފަރާތްތަކަށް މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ކުރީގެ ސަލްޓަން ޕާކުގައިހުރި 200 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަޅުވަކަރު މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016 ވަނަ އަހަރުއެވެ. އަދި މިސްކިތް ފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމައި ފަހުން އަނެއްކާ އެނިންމުން ބަދަލުކޮށް ގދ. ތިނަދޫގައި ބެހެއްޓުމަށްވެސް ސަރުކާރުން ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ ތިން އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކި ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމެއްކަމަށް ވިދާޅުވެފައިވާ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ