އަރާމު ނިންޖަކަށްފަހު އެންމެންވެސް އިންތިޒާރު ކުރަނީ އުފާވެރި ހެނދުނަކަށެވެ. ނަމަވެސް އަހަރެން ރޭގަނޑު ނިދަނީ ބަރުވެފައި އޮންނަ ބޮލަކައިގެންނެވެ. އިރުގެ އަލި ދެން ދުވަހަކުވެސް ނުފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ހެނދުނު ނުވައެއް ނުޖަހާނެއެވެ. އަހަރެންގެ ބޮލާއި ހިތަށް ގައު އުކަން ފަށާނެއެވެ. އަހަރެންގެ ހިތުގައި އެއަޅާ ވޭނަށް ކެތްކުރެވޭވަރެއް ނޫނެވެ. ހަށިގަނޑުގައި ނުރިއްސާ ހަމަ އެންމެ އިސްތައްޓެއްވެސް ނުހުރެއެވެ. އަހަންނަށް އެހާ އަނިޔާ އެކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ފަހެ ކޮބާ ހެއްޔެވެ؟
“ކަލެއަށް ހީވަނީތަ ކަލޭ ތިކުރާ ކަންތައް މަށަށް ނޭގެނީ ކަމަށް؟ ހީވަނީ ފޯނު ނިއްވާލައިގެން އޮތީމަ ތިކުޅޭ ކުޅިވަރު މަށަށް ފޮރުވޭނެ ކަމަށްތަ؟ ބަލަ މަ ހުރިހާ ކަމެއްވެސް ބަލަމޭ.”
“ހެވޭ ބެލިޔަސް. މައުޅޭނީ މަ އުޅޭނެ ގޮތަކަށް. ކަލޭ މިހެން އުޅެން ބޭނުން ނެތިއްޔާ އެހެރީ ވަން ދޮރު. ނިކުމެގެން ދާން ހަދާ.”
“ތިހެން ހަމަ ބުނެލާ އިރަށް މަ ދާނެ ކަމަށްތަ ހީކުރަނީ. ދާނެ ގޮތް ހަދައިދީ އަވަހަށް. އޭރަށް މަށެއްވެސް ނުހުންނާނަމޭ ތިކަހަލަ ނާޗަރަންގީ ކުޅޭ އެއްޗަކާ އެކީގައެއް.”
“ނިކަން އަވަހަށް ތިކަންވެސް ވެދާނެ. ކެތް ކޮށްލާ.”
“ކީއްވެ މިހާރު ކުރަން ނުކެރިގެން ތިޔަ އުޅެނީ. އަދިވެސް މަށާ އެކުވެސް ކޮށްލާ ހިތްވަނީ ދޯ؟”
“އާނ”
ދޮރުފަތް ބާރަށް ލެއްޕި އަޑު އިވިގެން ދިޔައެވެ. އެއީ ބައްޕަ ނިކުމެގެން ދިޔަ އަޑެވެ. އަހަރެންގެ ދުވަސް ފެށުނީއެވެ. ކޮންމެ ދުވަހަކުވެސް އެއް ޒުވާބެކެވެ. އެކަކު އަނެކަކަށް ގަދަރެއް އިޙުތިރާމެއް ކުރުމެއް ނޯވެއެވެ. ލޯބި އެއީ އޮންނަ އެއްޗެއް ކަމެއްވެސް ނޭގެއެވެ. ގޭތެރެއިން ފެންނަނީ ހަޑިވެގެންވާ ފާހިޝް އަމަލުތަކެވެ. ހިތުން އެކަކު އަނެކަކަށް ވަގަށެވެ. އެކަކު ނޫޅޭ ގަޑީ އަނެކަކެވެ. އެކިއެކި މީސްމީހުން ގޮވައިގެން އައިހެވެ. ހުރިހާ ކަމެއް އަހަރެންގެ ލޯމަތީގައެވެ. އަހަންނަށްޓަކައި ކުޑަވެސް ރަހުމެއް އެ ހިތްތަކުގައި ނޯންނަ ކަހަލައެވެ. އަހަރެންގެ ކުށަކީ ކޮބައިބާވައެވެ؟
ތަނެއް ދޮރެއް އަހަންނަކަށް ނޭގެއެވެ. ރަނގަޅާއި ގޯސް، ހެވާއި ނުބައި ވަކިކުރާކަށް އަހަންނަކަށް ނޭގެއެވެ. އަހަރެން ހަދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މިއަށް ބޮޑު ދުނިޔޭގައި އަހަރެން އެހީތެރިކަމަށްއެދި ސަލާން ޖަހަން ދާނީވެސް ފަހެ ކާކު ކައިރިއަށް ބާވައެވެ؟
ދުވަހެއް ދުވަހަކަށް ވުރެ ޒުވާބާއި ކުރާ ޖެއްސުންތައް ދިޔައީ އިންތިހާއަށް އިތުރު ވަމުންނެވެ. އެހުރިހާ ޑުރާމާތަކަކުން ރެކެގެންވެސް ކިޔެވޭތޯ އަހަރެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ނަމަވެސް އެކަން ކުރަންވެސް މަސައްކަތް ކުރެވޭނީ ވަކިވަރަކަށް ނޫން ހެއްޔެވެ؟ ވަކި ހިސާބަކުން ބޮލަށް ހަމަ އެއްގޮތަކަށްވެސް ކިޔަވާ އެއްޗެހި ވަންނަގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ފެއިލްވާން ފެށިއެވެ. ކުލާހުގެ އެއްވެސް މީހަކަށް އަހަރެން ނުވެ ދިޔައެވެ. މިހުރިހާ ކަމެއްގެ ސަބަބުން އަހަރެން ސުކޫލަށް ދާން ފޫހިވާން ފެށިއެވެ.
ގޭތެރެއިން ފެންނަމުން ދިޔަ މަންޒަރުތައް އަހަންނަށް ވެސް އެހިސާބުން ކަމުދާން ފެށިއެވެ. އެކަންކަމަށް ހިތް ކިޔަންފެށިއެވެ. ވަގުވަގަށް އެމީހުން އެކުރާ ކަންކަން އަހަރެން ބަލަންފެށީމެވެ. އޭރުގައި އެކަންކަން ދެކެ ކިތަންމެ ފޫހިވިޔަސް މިހާރު އެއީ ނެނގޭ އާ ފިލާވަޅުތަކަކަށް ވާންފެށިއެވެ. މަދީ ހަމަ އެކަނި އޭގެ އަމަލީ މަސައްކަތު ތަޖުރިބާ ކުރުމެވެ. އެކަންކަމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއްކަން އެނގި ހުރެވެސްމެއެވެ.
ހަޔާތުގައި ފާހަގަ ކޮއްލެވުނު ދުވަހެކެވެ. ދުނިޔެ މައްޗަށް ނަމެއްގައި ކޮށްގެން ތިބި ކައިވެނި މަންމަމެން ނިންމާލީ ކުލަގަދަ ހަފްލާއަކުންނެވެ. ކުރިމަތި ވެގެންމިދިޔައީ ހަޔާތުގެ އިމްތިހާންކަމެއް ނޫނީ ދެން އަދި ކުރިއަށް ފެށެން އޮތީ އިމްތިހާން ކަމެއް އަހަންނަކަށް ނޭގެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ ކުރިއަށް އޮތް އެއްވެސް ކަމަކަށް ތައްޔާރުވެގެން ނެތްކަމެެވެ.
އަހަރެން އިނީ ހަަމަޖެހިގެން ފިލުމެއް ބަލާށެވެ. ކޮންކަހަލަ ފިލުމެއްތޯ ނޭހުން ރަނގަޅުވާނެއެވެ. ހުރިހާ އިހުސާސްތަކެއް ފިލުމަށް ހުސްކޮށްގެން އިން އިރު އަހަރެންގެ އިހުސާސްތަކުގައި ހުޅު ރޯވަމުން، އެކުޅިގަނޑުތެރެއަށް ވަދެވުނު އިރުވެސް އަހަންނަށް ނޭގެއެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށްވަނީ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެކެވެ. އަހަރެންގެ ކުލާސް ކުއްޖެއްވެސް މެއެވެ. އަހަރެންގެ އެގޮތް ކުޑަ ގޮތްފެނި އާނިސް ހަޅޭއްލަވައިގަތެވެ.
” އާނިޔާ………!!!”
އަހަރެން ދިޔައީ ސިއްސައިގެނެވެ. ކުއްލިއަކަށް ތެދުވެ ކާކުތޯވެސް ބަލައިނުލާ ގައިގައި އަވަހަށް ބުލޭންކެޓް އޮޅާލީމެވެ. އާނިސް ފެނުމާއެކު އަހަރެންވެސް ލަދުގަތެވެ. ނަމަވެސް ދިފާއުގައި ވާހަކަ ދައްކަން އަހަރެން މަސައްކަތް ކުރީމެވެ.
“އާ… އާނި… އާނިސް…”
“ސޮރީ ވަރަށް ބޮޑަށް… މީ..މީ އެހެން ވީ ކަމެއްނޫނޭ”
“މަށަށް ހެޔޮ ތީ ކޮންމެހެނެއް ވި ކަމަކަށްވިޔަސް. މަށަށް އެނގެނީ ތީ ބޮޑުވެގެންވާ ފާފައެއްކަން. މަހީކުރީ އާނިޔާގެ މަންމަމެން ކޮންމެ ގޮތަކަށް އުޅުނަސް އާނިޔާ ރަނގަޅު ވާނެކަމަށް. އެކަމަކު އާނިޔާ ވެސް…. ޗީ!”
އަހަންނަށް ގޮސް އާނިސްގެ ގިރުވާނުގައި ހިފައިލެވުނެވެ.
“އާނިސް، އަހަރެން ބުނެފީމެއްނު މީ އެހެންވީ ކަމެއްނޫނޭ. ސައުވީސް ގަޑިއިރު ލޯ ކުރިމަތީ އެއްކަމެއް ފެންނަންޏާ އަހަރެން ކިހިނެއްތަ….”
އަހަންނަށް ރޮވެން ފެށުނެވެ. މީ އަހަރެން އުންމީދު ކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ. އާނިސް އަކީ މިއަށް ހުރިހާދުވަހު މަންމަމެންގެ އެކުޅި ގަނޑު އެނގިހުރެމެ އަހަންނަށް އިއްޒަތާއެކު ވާހަކަ ދައްކާ ހަމައެކަނި މީހާއެވެ.
އޭނާގެ އިތުބާރު އަހަންނަށް ވަރަށް މުހިއްމެވެ.
“އާނިޔާ…. ތިހުރިހާ އެއްޗެއްވެސް އެނގެޔޭ. އެކަމަކު އަމިއްލަ މީހާ ތެދުމަގުން ހިނގުމަކީ އެމީހެއްގެ ޒިންމާއެކޭ.” އާނިސްގެ އަޑުގައިވަނީ އޯގާތެރިކަމެވެ.
“ސޮރީ.. ސޮރީ… ދެންދުވަހަކުވެސް ނުކުރާނަން. ދުވަހަކުވެސް”
އަހަންނަށް ހަމަ ރަނގަޅަށް ރޮވެންފެށުނެވެ. ގިސްލެވެން ފެށުނެވެ.
“އާނިޔާ… އަހަރެން އަސްލު މިއައީވެސް އާނިޔާ ކުރެން ބޮޑުކަމަކު.”
“ކޮންކަމެއް؟”
“ތިދޭބަލަ އިހަށް ފާހާނައަށް ވަދެފަ އެއްޗެހި ލައިގެން އަންނަން.”
އަހަރެން އަވަސް އަވަހަށް ފާހާނައަށް ވަދެ ފެންވަރާލައިގެން އެއްޗެހިލައިގެން ނިކުތްއިރު އާނިސް އަހަރެންގެ އިންތިޒާރުގައި އެނދުމަތީގައި އިނެވެ. ފަހަތުން ގޮސް އަހަރެން އާނިސްއަށް ގޮވާލީމެވެ.
“މިތާ އިށީންދެބަަލަ. އަހަންނަށް އެނގޭ އާނިޔާ ތީ ގޯސް ކުއްޖެއް ނޫންކަން. އެހެންވެ… އެހެންވެ އާނިޔާ ކުރެން ރައްޓެހިވާން އަހަންއައީ…. އެކަމަކު..”
“އެކަމަކު ކިހިނެއްވީ؟ އާނިސް… ސޮޮރީއޭ ވަރަށް ބޮޑަށް. ދުވަހަކު ދެން އެހެން ނުފެންނާނެ… ޕުލީޒް މާފުކޮށްބަލަ…
އާނިސްގެ އިތުބާރާއި އޯގާތެރިކަން އަހަރެން ވަރަށް ބޭނުން.” އާދޭސް ކުރާ ރާގެއްގައި އަހަރެން ބުނެލީމެވެ.
“ހަމައެކަނި އެއީތަ ބޭނުންވާ ކަމަކީ؟” އާނިސް ލާނެއް ފާޑަކަށް ބުނެލިއެވެ.
“ނުވިސްނުނު….” އާނިސްއާ ހަތަރުކަޅި ހަމަކޮއްލަމުން ބުނެލީމެވެ.
“އަހަންނާ ރައްޓެއްސެއް ނުވާނަންތަ؟” އާނިސްގެ އަތުތެރެ އަހަންނަށްޓަކައި ހުޅުވާލަމުން ބުނެލިއެވެ.
އަހަރެންގެ އިހުސާސްތައް ކަރުނައިގެ ސިފައިގާ ކޯތާފަތް މައްޗަށް ފައިބަންފެށިއެވެ. އަވަހަށް އާނިސްގެ ބައިމަތި ފުޅާ މޭމަތީގަ ބޯއަޅައިލާ އަތުތެރޭގެ ހިމާޔަތް ހޯދީމެވެ. އުފާވެރި ވަގުތު ކޮޅަކަށްފަހު ދެމީހުން ވަކިވީ ދުވަހަކުވެސް ވަކިނުވާނެކަމަށް އެކަކު އަނެކަކާ ވަޢުދުވަމުންނެވެ.
އެތައް އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އަރާމު ނިންޖަކުން އަހަންނަށް ނިދުނެވެ. މީހެއްގެ ފަރާތުން އެހާ ލޯބިލޯބި ބަސްތަކެއް އަޑުނީވޭތާ މިހާރު ކޮންދުވަހެއް ހެއްޔެވެ. ކޮންމެ އަންހެން ކުއްޖެއްގެވެސް ހުވަފެނުގައި އަންނަ ކަހަލަ “ޕުރިންސް” އެއް އަހަރެންގެ ހަޔާތަށް އައިސްފާނެކަމަކަށް އަހަރެން އުންމީދުވެސް ނުކުރަމެވެ.
ގަދަ ނިދީގައި އޮއްވާ ކުއްލިއަކަށް އަހަންނަށް ހޭލެވުނީ އަނެއްކާވެސް ގޭތެރޭގައި އަޑުގަަދަވެގެންނެވެ. ބޭރުން ކިޔާ އެއްޗެއް ސާފުނުވިއަަސް ކުރަމުންދަނީ ވަރުގަދަ ޒުވާބެއްކަން އެނގެއެވެ. އިރުކޮޅެއްވީތަނާ އަހަރެންގެ ކޮޓަރީގެ ދޮރުހުޅުވާލާފައި މަންމަ ވަނެވެ. މަންމަގެ ލޮލުން ކަނިބުރާކަހަލައެވެ. ހުރީ އެހާވެސް ރުޅިގަދަވެފައެވެ.
“އާނިޔާ!… އަދިވެސް ނިދަންތަ އޮތީ؟ ތެދުވޭ… ތެދުވޭ ހަމަމިހާރު. ތެދުވެ އެއްޗެހިތައް ފޮށްޓަށްއަޅާ ތައްޔާރުވޭ…”
“ކޮންތާކަށް ދާން.” އަހަރެެން ސުވާލުކުރީ ވާނުވާ ނޭގިހުރެ ހާސްކަމާއެކުގައެވެ.
“ކަލޭ ބަފަޔާ ދުރަށް… އަޑު އިވިއްޖެތަ؟ ތިއަވަސް ކޮށްގެން ނިކުންނަން އުޅޭ.” މަންމަގެ އަޑުގައި ހުރީ އަމުރުވެރިކަމެވެ.
އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނުކަހަލައެވެ. ދެވަނަ އެހެން ކަމެއްވެގެން ނޫނެވެ. އާނިސްއާ ދުރަށްދާން ޖެހޭތީއެވެ. އަހަރެންގެ ލޯބީގެ ހަޔާތް ކުރިލާން ފެށިއިރަށް އަހަރެން އެއަށް ފެންނުދީ ދާންވީ ހެއްޔެވެ. ނޫނެކެވެ. އެލޯބީގެ ގަހުގެ ފެހިކަން ގަދަކޮށް އޭގައި މޭވާއަޅާތަން އަހަރެން ދެކެން ބޭނުމެވެ. އަވަހަށް ތެދުވެ މަންމަ ކުރެން ފޯނުލިބިދާނެތޯ ސުވާލު ކޮށްލީމެވެ. ނަމަވެސް މަންމަ އެވަގުތުހުރީ އަހަރެންގެ ވާހަކަ އަޑުއަހާކަހަލަ ގޮތަކަށް ނޫނެވެ. އަހަރެން ތެޅިތެޅި ހުއްޓާ އާނިސްއަށް އަހަރެން ދާ ވާހަކަ އަންގާލަންވެސް ފުރުސަތެއްނުދީ ފުރައިގެން ދިޔައީ އަހަންނާ އާނިސްއާއި ދެމީހުންގެ ފެށުނު ލޯބީގެ ދަތުރަށް ހުރަސްއަޅާފައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަންނަށް އާނިސްގެ އެއްވެސް ޚަބަރެއް ނުވެއެވެ. އާނިސްގެ ހަނދާން ތަކުގައި އަހަންނަށް ރެއާއިދުވާލު ކަޑައްތު ކުރުން ވޭނަކަށް ވެއްޖެއެވެ. ވަރަށް ހާލުން މަންމައަށް ވަގަށް ފޯނުނަގާ އާނިސްގެ މަންމަ ފޯނަށް ގުޅާލީމެވެ. ނަމަވެސް އެތައްފަހަރަކު ގުޅިއިރުވެސް އެެފޯނަށް ގުޅޭގޮތެއް ނުވިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. އަހަރެންގެ ހުރިހާ އުންމީދުތައް ފެނަށްވެގެން ދިޔައީ އަހަރެންގެ ލޯކުރިމަތީގައެވެ. އެހެންނަމަވެސް އާނިސްގެ ފަހު ބަސްކޮޅު އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވިއެވެ. އެބަހުގައި ހިފައި އާނިސްއަށް އިންތިޒާރު ކުރުން އެއީ އަހަރެންގެ ދިރިއުޅުމުގެ މަގުސަދުކަމުގައި ނިންމީމެވެ.
ދިރިއުޅުމުގެ ކުލަވަރު ބަދަލުވާކަށް ގިނަވަގުތެއް ނުނަގާނެއެވެ. އަހަރެންގެ ހަޔާތުގެވެސް ކުލަވަރު ބަދަލުވާން ފެށީ އަދިކިރިޔާއެވެ. އުންމީދުނުކުރާ ކިތަންމެ ކަމެއް ހިނގާނެކަން އަހަންނަށް ނުވިސްނުނީއެވެ. އެހެންކަމުން އަހަންނަށް އެކަމަށް ތައްޔާރުނުވެ ހުރެވުނީއެވެ.
އެންމެ ފުރަތަމަ އެކަމެއް ހިނގީ މަންމަގެ ޕާޓީއެއް އޮތް ރެއެއްގައެވެ. މަންމަގެ ޕާޓީތައް ގޭގައި އޮތަސް އަހަންނެއް އެތަންތަނަށް ނިކުމެ ނަހަދަމެވެ. އަހަރެންގެ އެކަނިވެރިކަމުގެ ކޮޓަރި އެ ފާހިޝް ކުޅިގަނޑު ކުޅޭތަންތަނަށް ވުރެ މާ ހިތްގައިމުވެފައި އަރާމެވެ. އާދައިގެ މަތިން އެރޭވެސް އަހަރެން އޮތީ އެނދުމަތީ އާނިސްގެ ޚިޔާލުތަކަށް ސިނކުޑި ދޫކޮށްލައިގެނެވެ. އަހަރެންގެ ތުންފަތްމައްޗަށް އާނިސްގެ ކޮންމެ ޚިޔާލެއް ހިނިތުންވުން ގެނުވަމުންދިޔައެވެ.
ކުއްލިއަކަށް އަހަރެންގެ މޫނުކައިރިން މީހެއްގެ ނޭވާ އިހުސާސް ވާންފެށިއެވެ. ނޯށްދަމައިލަން ނުކެރޭ ވަރަށް ރާ ވަސް ދުވަމުންދިއެވެ. ކުއްލިއަކަށް އަހަރެން ލޯ ހުޅުވާލީ ހާސްވިލެއްް ބޮޑުކަމުންނެވެ.
“ޗީ…… މުޑުދާރު… ނިކުމޭ ހަމަ މިހާރު މިތަނުން…!” އެނދު މައްޗަށް ކޮޅަށް ތެދުވަމުން އަޑުގެ ނެތްތަނުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އެކަމަކު އެ ހަޅޭކުގެ އަޑު އަހާނެ މީހަކު ނުހުންނާނެކަން އަހަންނަށް އެނގެއެވެ. އެއީ ކާކުކަންވެސް ނެގޭ ހާލު މަސްތުން ފުރިގެންވި މީހާގެ އަތްދަށުން ސަލާމަތްވެ އަވަހަށް ފާހާނައަށް ވަދެ ތަޅުލީމެވެ. އަހަރެންގެ މިހަށިގަނޑަކީ ހަމައެކަނި އާނިސްގެ ހައްގެކެވެ. އެހެންމީހަކަށް އަހަރެންގެ ހަމަހޭގައި މިހަށިގަނޑަށް ބަލާލުމަކީވެސް ވާނެ ކަމެއްނޫނެވެ.
ފާހާނައިގައި ބަންދުވެ ކިހާ އިރަކު ހުރެވުނު ކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ފާހާނަ ތެރެއިން އަހަރެން ނިކުތްއިރު ހަމަގައިމުވެސް ހެނދުނު އިރު އަރައިފިކަން ގައިމެވެ. ހާސްވެފައި ހުރިލެއް ބޮޑުކަމުންނާއި ވެފައި ހުރި ވަރުބަލިކަމުން ކޮޓާރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓި ގަތީމެވެ. އެރޭ ހިނގައި ދިޔަ އެކަމުން އަހަރެންގެ ހަޔާތަށް ބަނަ ދުވަސްތަކެއް އަންނަން އުޅޭކަމުގެ ފެހި ސިގުނަލް އަހަންނަށް ލިބިގެންދިޔައެވެ. ނަމަވެސް އަހަރެން ކުރާނީ ފަހެ ކީއްހެއްޔެވެ. ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެހީއަކަށް އެދި އަތް ދިއްކުރާނީ ވެސް ވަކި ކާކަށް ހެއްޔެވެ؟
އާދައިގެ މަތިން މަންމަގެ ޕާޓީ ފެށުނު އަޑު އިވުނެވެ. އަވަހަށް ތެދުވެ ދޮރު ތަޅުލީ އެފަދަ ކަމެއް އައިސްފާނެތީ އެކަމުން ސަލާމަތް ވުމުގެ ނިޔަތުގައެވެ. ނަމަވެސް…. ނަމަވެސް އަހަރެން ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ މިހަށިގަނޑާ ދިރިއުޅުމުގެ ތަޅުދަނޑިވީ އެހެން މީހެއްގެ އަތުގައެވެ. އާނއެކެވެ. އަހަރެންގެ މަންމަގެ އަތުގައެވެ.
އިރުކޮޅެއްވީތަނުން ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން އަހަރެން ސިހިގެންދިޔަ ހާލު ދޮރާ ދިމާއަށް ބަލާލީ ބޭއިޚްތިޔާރުގައެވެ. ދޮރުމަތީ ހެވިލާފައި މަންމަ ފިރިހެނެއް ގޮވައިގެން ހުރިތަން ފެނުމުން އިޙުސާސްވީ ގަޔަށް ހޫނު ފެން އެއްޗެއް އަޅާލި ހެނެވެ. މަންމަ ހެވިލާފައި، އެމީހާ ކޮޓަރިއަށް ކޮއްޕާލަމުން ކޮޓަރި ދޮރު ލައްޕާލިއެވެ. އަހަރެންގެ ނުރުހުމުގައި އެތައް އާދޭސްތަކެއް ކުރަމުން ދަނިކޮށް އަހަރެންގެ ހަށިގަނޑު ނޮޅައި އެ ނުލަފާ މީހާ ކާލީ އަހަންނަށް ރަހުމުގެ ކަންފުޅެއް ވެސް ނެތިއެވެ. އަހަރެން އާނިސްއަށްޓަކައި ރައްކާކޮށްގެން އުޅުނު އެއަށް އަގުބޮޑު މުދާ، ދަމާ ފޭރިގަނެގެން އެދިޔައީ ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތިއެވެ.
މަންމަ ބުނާ ގޮތުން އެހާ ވޭނުގައި އުޅެމުން ވިހާ ބަލައި ބޮޑު ކުރީ އަހަރެންގެ ފަރާތުން ވެސް ފައިދާ ހޯދުމުގެ ނިޔަތުގައެވެ. އެކަމަކު މައިންބަފައިން ދަރިން ކުރެން ފައިދާ ހޯދާ ގޮތަކީ މީ ހެއްޔެވެ؟ ދަރިންގެ ރައްކާތެރިކަމަށް އެތައް ގޮތަކުން ވަސިއްޔަތް ކުރެވި ތިބެ މިދުނިޔެއަށް ދަރިން އުފަންކުރުވުމަށްފަހު ކަންކުރަންވި ގޮތަކީ މީބާވައެވެ. ދަރިންނަކީ މާތްﷲ މައިންބަފައިންނަށް ދެއްވާ އަމާނާތަކަށް ވާއިރު މި އަމާނާތަށް ޚިޔާނާތް ވަނީ ކީއްވެ ހެއްޔެވެ؟
ކޮންމެ ދުވަހަކު އެކަމަށް ދެކޮޅު ހަދަހަދާ އަހަރެންގެ ހަށިގަނޑު ވަރުބަލި ވެއްޖެއެވެ. އަހަރެންގެ ގައިގައި ރިހޭ ރިހުން ކަނޑައިގެން ނުގޮސް އެކުވެރިއަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކު އެކީގައިވާ ބައިވެރިއަކަށް ވެއްޖެއެވެ. ތެދެކެވެ. ބައެއް މީހުން ބުނާ ގޮތަށް ދިރިއުޅުމަކީ ވޭނެކެވެ. އެވޭން އަހަންނަށް އޭގެ އެންމެ ފުން މިނުގައި ލިބެމުން އެބަދެއެވެ.
ލިބެމުން ދިޔަ ވޭނާ އަނިޔާތަކަށް އަހަރެން ކެތްކުރަމުން ދިޔައީ ހަމަ އެކަނި އެންމެ ބޭނުމެއްގައެވެ. އާނިސްއަށް އަހަރެން ވަފާތެެރިވާން ކުރި ބުރަ މަސައްކަތާއި އޭނާގެ ލޯތްބަށް އަހަރެން ކުރި ވޭނުން ފުރިގެންވީ ދިގު އިންތިޒާރު ކިޔައިދިނުމުގެ ބޭނުމުގައެވެ. ކޮންމެ ހާލެއްގައި އުޅެންޖެހުނު ކަމަށްވިޔަސް އަހަރެންގެ ކުށެއް ނެތްކަން އާނިސްއަށް ސާބިތު ކޮށްދިނުމަށްޓަކައެވެ.
އަހަރެންގެ ކުށަކީ ފަހެ ކޮބާ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ބަޔަކު ބޭނުން ނުވާ ހާލު އެމީހުންގެ ދިރިއުޅުމަށް އައުން ހެއްޔެވެ؟ ބައެއްގެ މިނިވަންކަމުގައި ކަށްޓަކަށް ވެވުން ހެއްޔެވެ؟ ހިތާއި ޖާނުން އެމީހަކަށް ވަފާތެރިވުމަށް ކުރަމުން ދިޔަ ބުރަ ހަނގުރާމައިގައި ކުރި ނުލިބުނީވެސް ހަމަ އަހަރެންގެ ކުށުން ހެއްޔެވެ؟ ނޫނެކެވެ؟ އަހަރެން ކުށެއް ނުކުރަމެވެ. ކުށްވެރިޔަކީ އަހަންނެއް ނޫނެވެ. ކުށްވެރިންނަކީ އިންސާނިއްޔަތު ކަމެއްނެތި ދުނިޔޭގެ އުފާތަކަށް ޣަރަގުވެގެން ދާ، އަދި އެހެންމީހުންގެ ޙައްޤުތަކަށް އަރަމުން އެދާ ނުބައި ނުލަފާ މުޑުދާރު މީހުނެވެ. އެމީހުނަށް މާފު ނެތްކަން ކަށަވަރެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި
Varah furihama.. faahaga kohleyvey liyun therieh..100