ބަވަތިި” ބެލުމަށްފަހު އެންމެންވެސް ދައްކަމުން އަންނަ އެއް ވާހަކައަކީ ފިލްމުން ފެންނަ ފެންވަރު ރަނގަޅު ވީއެފްއެކްސް މަންޒަރުތަކުގެ ވާހަކައެވެ. މީގެ ކުރިން ދިވެހި ފިލްމުތަކުން ފެނިފައިނުވާފަދަ މޮޅު އިފެކްޓްތައް ހުރި ވާހަކައެކެވެ. ފިލްމުބެލި އެންމެން، ފިލްމު މޮޅު ވާހަކައާއި ރީތި ވާހަކަ ދެއްކިކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ފިލްމުގައި ހިމަނާފައިވާ މޮޅު އެފްއެކްސް މަންޒަރުތައް ހަދާފައިވާ ގޮތުގެ ހަޤީޤަތް ދައްކުވައިދޭ ވީޑިއޯ އެއް މިއަދު ‘އައި ފިލްމްސް’ އިން މިއޮތީ ރިލީޒްކޮށްފައެވެ.

މި ވީޑިއޯއިން، ފިލްމުގައި ހިމަނާފައިހުރި އާދަޔާޚިލާފު އިފެކްޓައް ހަދާފައިހުރިގޮތާއި އެކަމަށް މަސައްކަތްކުރި ގޮތްތައް ފެނިގެންދެއެވެ.

ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އިންނެވެ. ކެމެރާކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ.

ސެޕްޓެމްބަރު 2ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ސަސްޕެންސް ސައިކޮލޮޖިކަލް ތުރިއްލާ “ބަވަތި”ގެ ދެން އޮތީ އެންމެ ތިން ޝޯއެވެ. ހަމަގައިމުވެސް އޮލިމްޕަހުން މި ފިލްމު ބަލައިލަން ބޭނުންނަމަ، މިރޭގެ ޝޯއާއި ލައިގެން ދެން އޮތީ ތިން ޝޯ އެވެ.

“ބަވަތި” އަކީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ނުކުތުމަށް މީގެ 20 އަހަރު ކުރިން ފެށިގެން ހުވަފެން ދެކެމުން އައި ޒުވާން ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ހުވަފެނުގައި ކުލަޖެއްސި ފިލްމެވެ. ހަމަ އެހެންމެ އެކްޓިންގައި ކުރިއަށް ދިއުމަށް މީހުން ކައިރީ އާދޭސްކުރަމުން އުޅުނު އަޙްމަދު އިފްނާޒް ފިރާޤްގެ ހުވަފެނުގައިވެސް ކުލަޖެހިގެން ދިޔައީ މި ފިލްމުންނެވެ. ކުރިއަރަމުން އަންނަ، ހުނަރުވެރި ނުޒުހަތު ޝުއައިބު، މީގެ ކުރިން ފިލްމެއްގައި ކުޅެފައި ނުވާފަދަ ބޮޑު، އަދި އެހާމެ ވަރުގަދަ ރޯލެއް ކުޅުމުގެ ފުރުޞަތު ފަހިވީވެސް މި ފިލްމުންނެވެ.

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި) ލިޔެ، ޑައިރެކްޓްކޮށް، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް’ގެ ދަށުން ނެރުނު ފުރަތަމަ ފީޗާ ފިލްމު މިވަނީ ރާއްޖޭގެ ފިލްމީ ހަޔާތަށް އައު އިންގިލާބީ ބަދަލެއް ގެނެސްދީފައެވެ. ”ބަވަތި”ގެ ޕްރޮޑިއުސަރުންނަކީ އިލްޔާސް ވަހީދު، އާސިމް ޢަލީ (ސިމްބެ) އާއި އިލްޔާސްގެ ބޭބެ އަޙްމަދު ވަހީދު އެވެ.

އޮލިމްޕަހުގެ ޝޯތަކަށް އަލްވަދާޢު ކިޔުމަށް ތައްޔާރުވެފައިވާއިރު، އައްޑޫ ސިޓީގައި “ބަވަތި” ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު 26 އަދި 27ގައެވެ. އައްޑޫ ސިޓީއިން ”ބަވަތި“ ފިލްމު ބަލާލުމަށް ބޭނުންވާ ފަރާތްތަކުން ޓިކެޓް ހޯދުމަށް 9403737 ނަމްބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފައެވެ.

މީގެ އިތުރުން ބ. ދަރަވަންދޫގައި މިމަހު 27 އަދި 28 ގައި މި ފިލްމު އަޅުވާނެއެވެ.

”ބަވަތި“ ފިލްމުގެ ވަދާއީ ޝޯވްތައް މިހާރު ކުރިޔަށްދާއިރު، ދާދިފަހުން އައި ފިލްމްސް އިން ވަނީ ބެލުންތެރިންނަށް ފިލްމުގެ ތަފާތު އަސަރުގަދަ ޓްރެއިލާއެއް ދޫކޮށްލާފައެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.