މާލޭގެ ހެންވޭރުކޮޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައެވެ.

އިތުރު އިމާރާތްތަކަށް އަސަރުކޮށް ބައެއް ތަންތަނުގައި ދަނީ ރޯވަމުންނެވެ. މިއީ މާލޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހ.ފެހިއާބާދުގޭގައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެ ގޭގައި ރޯވެ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާއިރު ފުލުހުންނާއި ސިފައިން މިހާރު އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އާއްމުން ވެސް އަންނަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދުމުގެ އަސަރުކޮށްގެން ބައެއް މީހުން މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އޭގެެތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާން ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިކަން އަދި މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު އެއްޗެހިތަކެއް ވަރަށް ބާރަށް ގޮވި އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި ފަރާތްތަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ

ދުމުން ރައްކާތެރިވުމުގެ ގޮތުން އަލިފާންގަނޑު ހިފާފައިވާ ހިސާބުގަނޑަށް އާންމު ރައްޔިތުން ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށފައެވެ

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ