18 ސެޕްޓެމްބަރ 2019 ގެ ލިޔުމާއި ގުޅޭ……

ވަޒީފާގެ މާހައުލުގައި….

ފަޖުރުގެ ތަރި، އުދަރެހަށް މަރުހަބާ ކިޔައިފިއެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވެއްޖެއެވެ. ފަތިހުގެ އަލިކަން، އަނދިރިކަމުގެ މައްޗަށް ފަތަޙަ ހޯދަމުންދަނީއެވެ. ރަމަތަވެފައިވާ ހަސްތީގެ ފަޅުފިލުވައިދެނީ ކޮވެލީގެ އަޑެވެ. ސިކުންތަކަށް ފަހު ސިކުންތެއް، މިނެޓަކަށް ފަހު މިނެޓެއް، ގަޑިއަކަށް ފަހު ގަޑިއެއް، ހިނގަމުންދެއެވެ. ދުވަހުގެ ސޫރުދަ، ކަނޑުގެ ސަޠުޙުން އުދަރެހަށް ކަޝްފުވެއްޖެއެވެ. ރޯޝަނީ ސޫރުދައިގެ ރަން ދޯދިތަކުން، ހަސްތީއަށް އެތައް މެސެޖެއް ދެމުންދެއެވެ.

“އައްޝަފޫ. ހުތޯ ބާ ސައިބޮންނަން. ސައިބޮއިގެން އޮފީހަން އެޔަންނަން ވެންނައު. މި ކަލެއް ހަތެން އެ ޖަހަންނޫ.”
ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން މަރްޔަމް ރަޝީދާ ބުންޏެވެ. މަރްޔަމް ރަޝީދާއަކީ، އަޝްރަފުދެކެ އިންތިހާއަށް ލޯބިވާ އެއްބަނޑު އެއްބަފާ ދައްތައެވެ. މަރްޔަމް ރަޝީދާ އެހެން ބުނުމާއިއެކު، އަޝްރަފް އަވަހަށް ތެދުވެވަޑައިގެން ގަޑިއަށް ބައްލަވާލައްވައިފައި.. “ހޫން.. ދައްތޯ މި އެޔަންނޫ ތައްޔާރޭގެން..” މިހެން ވިދާޅުވެފައި، އެ ވަޑައިގަތީ ފާޚާނާއަށެވެ.

މާގިނައިރެއްނުވެ އަޝްރަފް ނިކުމެވަޑައިގަތެވެ. އާދޭހެވެ. މިއަދު އެ ފެންނަނީ، މުޅިން ތަފާތު އަޝްރަފެކެވެ. އޮފީސް ޔުނިފޯމުގައި ހުންނެވިއިރު، އަޝްރަފްގެ ފުރިހަމަ ޝަޚުޞިއްޔަތު ދައްކައިދެއެވެ. އާދެ! އޮފީހޭތޯއެވެ؟ ޔުނީފޯމޭތޯއެވެ؟

އަޅުގަނޑުމެންގެ “ލިލީ”ގެ އުމުރުން 21 އަހަރުފުޅުގައި އިމިގްރޭޝަން ޔުނިފޯމުގައި – ފޮޓޯ: ލިލީގެ ފޮޓޯ އަލްބަމުން

އާދޭހެވެ. އޮނަވިހި ސަތޭކަ ސަތާނަވައި ވަނަ އަހަރަކީ، އަޝްރަފް ވަޒީފާގެ މާޙައުލަށް ކުރިމަތިލެއްވި އަހަރެވެ. އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ އިމިގުރޭޝަންގައެވެ. އާދެ! އިމިގުރޭޝަން އޮފިސަރުގެކަމުގެ މަޤާމެވެ. މި މަޤާމުގައި ހުންނަވައިގެން އަޝްރަފް އަދާކުރެއްވި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޕާސްޕޯޓު ބަލައިގަތުމުގެ ކަންތައްތަކާއި، ބިދޭސީންގެ ވިސާގެ ކަންތައްތަކާއި، ބޯޓުފަހަރުން ގެންނަ މުދާ ބައްލަވައި ފާސްކުރެއްވުން ހިމެނެއެވެ. އާދޭހެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ ވަރަށް ވެސް ފުރިހަމައަށެވެ. މި ގޮތަށް ދުވަސްތަކެއް ފާއިތުވެގެންދިޔައެވެ. އިމިގުރޭޝަނުން ދެން އަޝްރަފް ބަދަލުކުރެއްވީ ހުޅުލޭ ވައިގެބަނދަރުގެ ފުރާ ގިމަތައަށެވެ.

އާދެ! އަޅުގަނޑުގެ ގަލަން ފިރުކައިލާނީ، އޭރު އަޝްރަފުގެ އިހުސާސްތައް ހުރިގޮތުގެ މައްޗަށް ކަޅިއެއް އެއްލުމަށް ފަހުގައެވެ.

“އެ ތަނުގައި އަބަދުވެސް ކުރަންޖެހޭ ކަމަކީ، ކައުންޓަރުގައި އިނދެގެން ތައްގަނޑު ޖެހުން.. އަޅުގަނޑުގެ ހިތަށް އެރި، ދެން ކުރަންވީ ކަމަކީ މިއީހޭ…؟ އަޅުގަނޑަށް ހުރިގޮތަކީ، ރަށްފުށް ދޫކޮށްފައި މާލެ އައިސް، މި ގޮތަށް، މި ކަން ކުރުންހޭ..؟” އާދެ! މި ފަދަ އެތައް ސުވާލުތަކެއް އަމިއްލަ ނަފުސާއި ކުރައްވަމުން ގެންދެވިކަމުގައި އަޝްރަފް ވިދާޅުވިއެވެ.

އޭރުވެސް ކައުންޓަރުގައި އިންނަވާއިރު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ޅެން ހައްދަވާ އުޅުއްވާކަމުގައި އަޝްރަފް ވިދާޅުވިއެވެ. އެހެން އުޅުއްވުމުގެ ތެރޭގައި، “އަކުރަމް” ކިޔާ ރައްޓެހި ކުއްޖަކާއި ދެމީހުންގެ ދޭތެރޭގައި ދެކެވުނު ވާހަކައެއް އަޝްރަފް ވިދާޅުވެދެއްވިއެވެ. އަކުރަމަކީ އަޝްރަފާއެކު އެ ތަނުގައި ވަޒީފާ އަދާކުރަމުންދިޔަ ކުއްޖެކެވެ.

އަކުރަމް: އަދަބީ ފަންނުތަކުގައި އަޝްރަފް ހާދަ މޮޅޭ.. ދެން ކީއްކުރަންތަ މި ތަނުގައި…. ކޮންމެވެސް އެހެންގޮތެއް ހޯދަންވީއެއްނޫންތަ؟އަޝްރަފް: އަހަރެމެން ކަހަލަ ރާއްޖެތެރޭގެ އާދައިގެ ކުދިންނަކަށް ވަޒީފާތަކުގެ ފުރުޞަތު ވެސް ނޯވެއެއްނުން…

އާދެ! އެ ދުވަސްވަރުގައި، މި ފަދަ އެތައް ވާހަކަތަކެއް ދެކެވެމުން އައިކަމަށް އަޝްރަފް ވިދާޅުވިއެވެ. ފުރުޞަތު ފަހިވެފައި ނެތް ނަމަވެސް، މުސްތަޤުބަލާއިމެދު ކުރައްވާ އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔަނުދެއްވުމަށް ޓަކައި، އިންތިހާއަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. އޭރު ވަރަށް ގިނައިން ނޫސް ކިޔުއްވައި ހައްދަވާކަމުގައި އަޝްރަފް ވިދާޅުވިއެވެ. މި ގޮތަށް ނޫސް ކިޔުއްވައި ހައްދަވައި އުޅުއްވުމުގެ ތެރޭގައި، ސާނަވީ މުދައްރިސްކަމުގެ ކޯހަށް އިޢުލާނުކޮށްފައި އޮއްވައި ފެނިވަޑައިގަތެވެ. މި ކަމަކީ… އާދެ! ޢިލްމު އުނގަންނައިދެއްވުމަކީ، އަޝްރަފް ހިތްޕުޅާވާކަމެއް ކަމުގައިވުމުން ކޯހަށް ކުރިމަތިލެއްވިއެވެ.

ކޯހަށް ކުރިމަތިލެއްވުމުން ބަސްދީގަތުމަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ނަމަވެސް، އޮފީހުގެ ޑިއުޓީ ގަޑިކަމަށްވުމުން ބަސްދީގަތުމަށް ވަޑައިނުގެންނެވުނެވެ. އެހެންނަމަވެސް، އިލެކުޝަން ކޮމިޝަންގެ ކުރީގެ މެންބަރު އަލްފާޟިލް މުޙައްމަދު މަނިކުގެ އެހީތެރިކަމާއިއެކު، ކޯސް ފުރިހަމަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންދިޔައެވެ.

ކޯސް ނިމުމުން ރައްޔިތުން މަޖިލީހުގެ އަމީންއާންމު، ކޯހުގެ ބައިވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ކޯހުގެ ކޮންމެ ބައިވެރިއަކު ވެސް އުނގަންނައިދެއްވުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ތިން މަދަރުސާއެއް އިޚުތިޔާރު ކުރެއްވުމުގެ ފުރުޞަތުއޮތް ވާހަކަ ވިދާޅުވިއެވެ. ތިން މަދަރުސާއެއް އިޚުތިޔާރު ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުއްވަން ވިދާޅުވިއެވެ.

އާދެ! މި ގޮތުން އަޅުގަނޑުމެންގެ އަޝްރަފް އިޚުތިޔާރު ކުރެއްވެވި ތިން މަދަރުސާއަކީ، މަޖީދިއްޔާ ސުކޫލާއި، އަމީނިއްޔާ ސުކޫލާއި، ސީ.އެޗް.އެސް.ސީ އެވެ. މީގެތެރެއިން އަޝްރަފަށް ފުރުޞަތު ލިބިވަޑައިގަތީ، މަޖީދިއްޔާ ސުކޫލުގައި އުނގަންނަވައިދެއްވުމަށެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.