ދިވެހި ބަހުން ލިޔާ ލިޔުންތަކުގެ ފުރިހަމަކަން އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބުނުންތަކެއް ހުރެއެވެ. އޭގެތެރޭގައި ހަރުބަސް، މުސްކުޅިބަސް، ބޯދާބަސް، މިސާލު، މިސާލުބަސް، މަޖާޒު އަދި މަޖާޒީ މިސާލު ފަދަ ބުނުންތައް ހިމެނެއެވެ. ތަފާތު ނަންނަމުގައި މިބަސްތައް ބޭނުން ކުރެވެމުން އައި ނަމަވެސް މި ހުރިހާ ބަސްތަކަކުން ކޮށްދެނީ އެއްކަމެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ ލިޔުންތައް އިތުރަށް ފުރިހަމަކުރުމެވެ.
ހުރިހައި މިސާލުބަސްތަކަކީ އޭގައި ހަޤީޤަތެއް އެކުލެވިގެންވާ ބުނުމެކެވެ. މިސާލުބަހަކީ ތުންތުން މަތިން ދެކެވެމުން އައިސްފައިވާ ހަޤީޤަތެއް ނެތް ވާހަކަ ތަކެއްނޫނެވެ. ކޮންމެ މިސާލުބަހެއް ވެސް އުފެދިފައިވަނީ ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ހިސާބެއްގައި ހިނގާފައިވާ ހާދިސާއަކާއި ގުޅިގެންނެވެ. ނުވަތަ ކޮންމެވެސް އެއްޗަކުން މިސާލުދައްކައިގެން އެއާއި ގުޅުވައިގެން ބުނެވޭ ބުނުންތަކަކުންނެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން ގެންދާ ހުރިހާ ރަށެއްގައިވެސް ބޭނުންކުރާ މިސާލުބަސް ހުރެއެވެ. މިއިން ކޮންމެ މިސާލުބަހަކީ ފޮތެއްގައި ލިޔެފައި ފެންނަ ގޮތަށް އާންމުކޮށްފައި އޮންނަ ބަސްތަކަކަށް ނުވާތީ، އެ ބަސްބަސް މީހުންނަށް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އަޅުގަނޑަށް ކުރެވުނު މަސައްކަތުން ލިބުނު ބައެއް މިސާލުބަސްތައް ތިރީގައި ހިމަނާލާނަމެވެ.
އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން.
އުތީމު އަދި މުލިދޫއަކީ ހއ. އަތޮޅަށް ނިސްބަތްވާ ދެ ރަށެވެ. ނަމަވެސް މުލިދޫއަކީ މީހުން ދިރިނޫޅޭ ފަޅުރަށެކެވެ. ބުނެވޭ ގޮތުގައި ދިވެހިން ދަރުކޮށާ އުޅުނު ޒަމާނުގައި އުތީމު މީހުން މުލިދޫއަށް ދަރުކޮށަން އަރައިގެން އުޅޭއިރު، އެ މީހުންގެ އަޑު މުލިދޫގެ ވަށައިގެންވާ ރަށްތަކަށް އިވޭކަމުގައި ވެއެވެ.
މި މިސާލުބަސް ބޭނުންކޮށް އުޅޭ ހާލަތަށް ބަލާއިރު ބަޔަކު އެއްވެ ތަނެއްގައި މާބޮޑަށް އަޑުގަދަކޮށް ހަދާނަމަ އެކަމުން އުނދަގޫލިބޭ މީހާ އަޑުގަދަކުރާ މީހުންނާ ދިމާއަށް، އަޑުގަދަކުރުމުގެ ސަބަބުން އުނދަގޫވާކަން ބަޔާންކޮށް ދިނުމުގެ ގޮތުން މިހެން ބުނެއުޅެއެވެ.
އެދުރުބޭގެ ފަލިތަންޑު
ފަލިތަންޑަކީ ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑިއަށް ކިޔާ ނަމެކެވެ. ބޮއްކުރާ ފަހަރުގައި ބޭނުންކުރާ ފަލިތަންޑުގެ އާންމު ދިގުމިނަކީ ހަތަރު ފޫޓު ނުވަތަ ފަސްފޫޓޫގެ މިންވަރެވެ. ފަލިތަންޑު އާންމުކޮށް އޮންނަ ސިފައަށް ބަލާއިރު އޮންނަނީ ވަށްކޮށް އެއްކޮޅަށް ކުޑަކޮށް ހިމަވާގޮތަށް މަށާ ރީތިކޮށްފައެވެ. ބުނެވޭގޮތުގައި އެދުރުބޭ ފަލިތަންޑެއް ހަދަން ގަސްތުކޮށް ދެންނެވުނު ފަދައިން އެއްކޮޅަށް ހިމަވާނޭހެން ތަންޑުމަށާ ހެދުމަށްފަހު ރީތިކޮށް ކޮޅު ބުރިކުރުމުގެ ގަސްތުގައި ކަތިވަޅިން ޖަހައި އެއްފަހަރުން އޭގެ ކޮޅު ބުރިކޮށްލިއިރު ކައްޗަކަށް ބުރިވުމުގެ ސަބަބުން އަނެއްކާވެސް ތެދަށް، ކޮޅު ބުރިކުރުމުގެ ނިޔަތުގައި ކަތިވަޅިން ޖަހައި އެއްފަހަރުން އޭގެ ކޮޅު ބުރިކޮށްލިއެވެ. މިގޮތަށް ތަންޑުގެ ކޮޅު ތެދަށް ބުރި ނުކުރެވިގެން، ބުރިކުރަމުން ގޮސް ފަލިތަންޑަކަށް ބޭނުން ކުރެވޭވަރަށްވުރެ އެ ކުރުވެއްޖެއެވެ. އެންމެ ފަހުން އެ ބޭނުން ކުރެވުނީ ރޮށިދަމާ ދަނޑިގަނޑަކަށް ކަމުގައި ބުނެވެއެވެ.
އަލަށް މަސައްކަތެއް ފަށައިގެން އުޅޭ މީހަކާއި ދިމާއަށް ނުވަތަ އަލަށް މަސައްކަތެއް ކުރުމަށް ރާވާ މީހާއާއި ދިމާއަށް އޭނާއަށް އެ މަސައްކަތް ނޭނގޭނެ ކަމުގައި ބުނެ ދެރަކޮށްލުމުގެ ގޮތުން ތިކަން ދާނީ އެދުރުބޭގެ ފަލިތަންޑަށޭ ބުނެއުޅެއެވެ.
ތީފަރިދޫ ކަށިކޭލަށް ނަރުއަރާހެން
ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާއެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި ހެދޭ ކަށިކޭލަށް ނަރުއަރާ ހަރުވެ ދޮންވުމަށް ނަގާ މުއްދަތުގައި ކުދި ތަފާތުތަކެއް ހުރެއެވެ. ބުނެވޭ ގޮތުގައި ހދ. ތީފަރިދޫގައި ހެދޭ ކަށިކޭލަކީ އެއަށް ނަރުއަރާ ހަރުވެ ދޮންވުމަށް އާންމުކޮށް ކަށިކެޔޮ ދޮންވުމަށް ނަގާ މުއްދަތަށްވުރެ ދިގު މުއްދަތެއްނަގާ ކަށިކޭލެކެވެ.
މި މިސާލުބަސް ބޭނުން ކުރެވެމުންދާ ގޮތަށް ބަލާއިރު މަސައްކަތެއް ކުރަން އޮންނަ އަވަސް ގޮތް ދޫކޮށްލާފައި އެކަމެއް ކުރުމަށް އޮންނަ ލަސް ގޮތް ޚިޔާރުކޮށް މަސައްކަތްކުރާ މީހުންގެ މަސައްކަތުގެ ލަސްކަން ބަޔާން ކޮށްދިނުމުގެ ގޮތުން އެފަދަ މީހުންނާ ދިމާއަށް މިގޮތަށް ބުނެ އުޅެއެވެ.
ބައެއް މިސާލުބަސްތައް ބައެއް ރަށްރަށާއި ގުޅިފައިވާ ފަދައިން ބައެއް މިސާލުބަސްތައް ގުޅިފައިވަނީ ބައެއް މީސްމީހުންގެ ނަންނަމާއެވެ. މިހެން ވުމުގެ ސަބަބުން މިފަދަ ބަސްތައް މިސާލުބަސް ގޮތުގައި ކިޔައި އުޅުމުން އެއީ އެރަށަކަށް ނުވަތަ އެ މީހަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ މަލާމާތަކަށްވުރެ ބޮޑަށް ފަޚުރެކެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދާދިއުމެވެ.
އަޅުގަނޑުގެ މަސައްކަތް މިހިސާބުން އަދި ހުއްޓާލާކަށް ގަސްތެއް ނުކުރަމެވެ. މިލިޔުމުގައި ބަޔާން ކުރެވިފައިވަނީ އެންމެ ތިން މިސާލުބަސް ކަމުގައި ވީނަމަވެސް ކުރިޔަށް އޮތްތަނުގައި މި ފަދަ މިސާލުބަސްތައް ހޯދައި ކިޔުންތެރިންނާ ހިސާބަށް ތިލަ ކުރުމަކީ އަޅުގަނޑުގެ އުންމީދެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި