ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ކުޅަދާނަ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފިލްމު ”ކާކު؟“ މާދަމާރޭ ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހަމަގައިމުވެސް އެއީ “ކާކު؟”ކަން އޮޅުންފިލުވުމަށް ކެތްމަދުވެފައި ތިބި ގިނަ ބަޔަކަށް ވަރަށް ވެސް އުފާވެރި ޚަބަރަކަށް ވެގެން ދާނެއެވެ.

ފިލްމު ”ކާކު؟”ގެ ޓިކެޓް މިހާރު ވިކެމުން ދާއިރު އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ޓިކެޓް ބުކް ކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ. މި ފިލްމު އޮލިމްޕަހުގައި ރިލީސްކުރާ ހިސާބުން ފެށިގެން ރަށްރަށުގައި މި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މިހާރު ވެސް ހިނގަމުންދާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މާއެނބޫ ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްގެން ގެނެސްދޭ މި ފިލްމުން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

ފިލްމު “ކާކު؟” ގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފީޗަރ ފިލްމުތަކަށް އެހާ އާއްމު މޫނު ތަކެއް ނޫން ނަމަވެސް އުއްމީދީ ތަރިން ތަކެކެވެ. ފިރިހެން ލީޑްގައި ފެނިގެންދާނީ ވީޑިއޯ ލަވަތަކުން އާންމުންގެ މަގުބޫލްކަން ހޯދާފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އެވެ. އަންހެން ލީޑުން ފެނިގެންދާނީ ބައިސްކޯފުން ދެއްކި ”ހުވާ“ ސީރީޒްގައި އާދަޔާ ޚިލާފު މޮޅު ހުނަރެއް ފެނިގެންދިޔަ ތަރި އިރުފާނާ އިބްރާހީމް (އިރޫ) އެވެ. އިރޫގެ ފުރަތަމަ ފިލްމަކީ ”ފޯޓީ ޕްލަސް“އެވެ. މީގެ އިތުރުން ބައެއް ޑްރާމާތަކުންވެސް އިރޫގެ ހުނަރު ވަނީ ފެނިފައެވެ. އަދި މީގެއިތުރުން ފިލްމު ”ކާކު؟“ އިން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އައިޝަތު ޔާސިރާ ވެސް ފެނިގެން ދާނެ އެވެ.

ފިލްމުގައި އެންމެ ތަފާތު، އަދި ބެލުންތެރިންނަށް ކަމުދާނެ އެއް ކެރެކްޓަރަކީ އިތުރު ތައާރަފަކަށް ބޭނުންނުވާ ކުޅަދާނަ ޑައިރެކްޓަރ އަދި އެހާމެ ކުޅަދާނަ އެކްޓަރ ހާމިދު ޢަލީއެވެ. އޭނާ މި ފިލްމާ މެދު ބުނެފައި ވަނީ އޭނާ މި ފިލްމު ކުޅުނީވެސް ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހުގައި ކަމަށާއި އަދި ފިލްމުގައި އޭނާގެ ތަފާތު އެކްޓިންގ އެއް ފެނިގެން ދާނެއެވެ.

މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުދުއްފުށީ ބައެއް މީހުން ވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ
ފިލްމުގެ ސްޕެޝަލް އިފެކްޓާއި ޑްރޯން މަންޒަރުތައް ނެގީ ކުޑަ ސޮބާއެވެ. މިއުޒިކް ތައްޔާރުކުރީ ’ސޮލް ސީރީޒް‘ އިންނެވެ.

“ހުންނާނެ ވިޝުއަލް އިފެކްޓްސް ފުދޭވަރަކަށް ބައިވަރު ހަދާފަ. ދެން ބޮޑު ރިޔާގެ ކުޅަދާނަކަން މީގެން ފެނިގެންދާނެ ވިޝުއަލް އެފެކްޓްސް އިން.“ ފިލްމުގެ ވިޝުއަލް އެފެކްޓްސް ހަދާފައިވާ ބޮޑު ރިޔާއަށް ތަޢުރީފުކުރަމުން ސޮބާ ފާހަގަކުރިއެވެ. އަދި މީގެއިތުރުން ފިލްމުގެ ބައެއް ޕްރެކްޓިކަލް އިފެކްޓްސް އާއި ސްޕެޝަލް އިފެކްޓްސްގެ މަސައްކަތް ސޮބާ ވެސް ކޮށްފައިވެއެވެ.

ފިލްމަށް ކޮސްޓިއުމް ފޯރުކޮށް ދީފައިވަނީ ’ޕެންޓަގްރާމް‘، ’ޓޮޕް ލޭޑީ‘ އަދި ’އޮބީ‘ އިންނެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް ‘ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.