ދުނިޔޭގެ އެންމެ ބޮޑު ގިމަތަ އާއެކު ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ހެދި ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު އިއްޔެ (ބުދަ ދުވަހު) ރައީސް ޒީ ޖިންޕިންގ ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. އެއަރޕޯޓް މި ހުޅުވީ ކޮމިޔުނިސްޓް ޕާޓީގެ 70ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ. ބެއިޖިންގ ޑެކްސިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ފަރުމާކޮށްފައިވަނީ އަހަރަކު 72 މިލިޔަން ފަސިންޖަރުންނަށް ޚިދްމަތް ދެވޭގޮތަށެވެ. ވެރިރަށުގެ ދެކުނު ފަރާތުގައި ހެދި މި ވައިގެ ބަނދަރު ހަދަން ހޭދަވީ ފަސް އަހަރަށްވުރެ ކުރު މުއްދަތެކެވެ. ޚަރަދުވީ 17 ބިލިއަން ޑޮލަރެވެ.

ޗައިނާގެ ގައުމީ ޓީވީ ޚަބަރުދޭ ގޮތުގައި މި ވައިގެ ބަނދަރުން އެންމެ ފުރަތަމަ ފުރި ބޯޓަކީ ޗައިނާ ސަދަން އެއަރލައިންސްގެ ބޯޓެކެވެ. އިއްޔެ މެންދުރުފަހު ކުރި މި ދަތުރުގެ މަންޒިލަކީ ދެކުނު ޕްރޮވިންސްގެ ގުއާންގްޑޮންގ އެވެ. އެއަށްފަހު އިތުރު 6 ފްލައިޓް ޝެންގހާއި އަށާއި އެހެން މަންޒިލް ތަކަކަށް ދަތުރު ކުރިއެވެ.

ވައިގެ ބަނދަރުން އެންމެ ފުރަތަމަ ފުރި ބޯޓަކީ ޗައިނާ ސަދަން އެއަރލައިންސްގެ ބޯޓެއް

ބެއިޖިންގގެ އިރު އުތުރުގައިވާ މައި އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއަރޕޯޓް ކަމަށްވާ ހާރޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަރނޭޝަނަލް އެއަރޕޯޓް ނަގާފައި ދެން އެންމެ ކާރޫބާރު ބޮޑު އެއަރޕޯޓެވެ.

އާކިޓެކްޓް ޒަހާ ހަދީދް ފަރުމާކޮށްފައިވާ މި އެއަރޕޯޓްގެ ޓަރމިނަލް އަކީ ދުނިޔޭގެ އެންމެ ބޮޑު ޓަރމިނަލް އެވެ. ބޮޑުމިނަކީ 11 މިލިއަން އަކަފޫޓެވެ. މިކަން މިހެން އޮތަސް އިމާރާތްކުރި ފަރާތުން ބުނަނީ ދަތުރުވެރިން އެއްވެސް ބޯޑިންގ ގޭޓަކާ ހަމައަށްދާން ދެހާސް ފޫޓަށްވުރެ ދުރަށް ހިނގާކަށް ނުޖެހޭނެކަމަށެވެ.

އެއަރޕޯޓްގެ ޓަރމިނަލް އަކީ ދުނިޔޭގެ އެންމެ ބޮޑު ޓަރމިނަލް

ބެއިޖިންގ ޑައުންޓައުންގެ 3 މޭލު ދެކުނުގައި ތަރިއެއްގެ ބައްޓަމަށް ހަދާފައިވާ މިއެއަރޕޯޓުގައި ހަތަރު ރަންވޭ ހިމެނެއެވެ. އަދި އިތުރު ތިން ރަންވޭ ހަދާހާ ޖާގަ މިތަނުގައި އެބައޮތެވެ.

ޗައިނާގެ އެންމެގިނަ ފަސިންޖަރުން އުފުލައިދޭ އެއަރލައިން ޗައިނާ ސަދަން އާއި ބްރިޓިޝް އެއަރވޭޒްގެ ދަތުރުތައް، ބެއިޖިންގެ މައި އެއަރޕޯޓުން މި އައު އެއަރޕޯޓަށް ބަދަލުކުރަން ޕްލޭން ކޮށްފައިވެއެވެ.

އެއާޕޯޓްގެ ބޮޑު ޓާމިނަލާއި ރަންވޭ އަދި އެޕްރޯން ދުރުން ދައްކައިދޭ ފޮޓޯއެއް

ތިންވަނަ އެއަރޕޯޓެއް ވެސް ވެރިރަށް ބެއިޖިންގައި ވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ކޮށްފައިވާ އެއަރޕޯޓެކެވެ. ނަންޔުއާން ކިޔާ މި އެއަރޕޯޓް، ޑެކްސިންގ ގެ އޮޕަރޭޝަންތައް ފެށުމާއެކު ބަންދު ކުރާގޮތަށް ހަމަޖެހިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.