ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން “ނޮވެމްބަރ“ގެ ޝޫޓިން ފަށައިފިއެވެ.

ނޮވެމްބަރ“ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، އިތުރު އާ ތަރިންތަކެއް ފެނިގެންދާނެ ކަމަށް ޑާކްރެއިން އިން މަޢުލޫމާތުދެއެވެ.

މާލެ އަދި އަތޮޅުތެރޭގައާއި ސިންގަޕޫރުގައި ޝޫޓްކުރަން ނިންމާފައިވާ މި ފިލްމަކީ ލޯބީގެ ފިލްމެއް ކަމަށް ޑާކްރެއިން އިން ބުނެއެވެ.

“ނޮވެމްބަރު”ގެ ޝޫޓިން ތެރެއިން ޗިއްޕެ އާއި ޝިނާން – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

މި ފިލްމުގެ ޝޫޓިން ނަގަން ފަށާފައިވަނީ މާލޭގައެވެ. އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ “ނޮވެމްބަރު” ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. “ނޮވެމްބަރު“ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

“ނޮވެމްބަރު” ސެޓްގައި ޖުމަލް، ޔާދާ އާއި އެހެން ފަންނާނެއް – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

2020 ގައި ސްކްރީންކުރުމަށް ހަމަޖެހިފައިވާ “ނޮވެމްބަރު” ނިންމުމުމަށް ގިނަދުވަސް ނަގާނެ ކަމަށާއި މިއީވެސް ބޮޑު ޕްރޮޖެކްޓެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މޮގާ ބުނެއެވެ.

ނޮވެމްބަރު“ގެ ޕްރީޕްރޮޑަކްޝަނަށް ޑާކްރެއިންގެ ޓީމެއް މިއަހަރު ޖޫން މަހު ސިންގަޕޫރަށް ގޮސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ޑާކް ރެއިންގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓް ކުރާ ފުރަތަމަ ފަހަރެވެ.

“ނޮވެމްބަރު”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.